(10 ވަނަ ބައި)

މިގޮތަށް އެކަހެރިވެ ވަދީފާއާއި ޚިޔާލު ބަދަލުކޮށްލަން ލިބޭ ކޮންމެ ވަގުތެއްގައިހެން މުފީދު މިހާރަކަށްއައިސް ނަޖުދާގެ ވާހަކަދައްކާތީ ވަދީފާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ނަޖުދާއާއި ދޭތެރޭ ވަދީފާ ކަންތައްތައް ކުރާގޮތުންނާއި ހަދާލާ އިހާނެތި ގޮތްތަކާއި އެފަކީރަށް ޖައްސާ ހާލު މުފީދަށް އިހުސާސް ކުރެވޭތީއެވެ. އެއިން ކޮންމެ ވަގުތަކު ނުފެނުނު ނަމަވެސް މުފީދަށް އެހުރިހާކަމެއް ތަސައްވަރު ކުރެވެއެވެ.

އެކުއްޖާއަށް ހަދާލާނޭ ގޮތް އޭނާއަށް ސިފަކުރެވެއެވެ. މުފީދުގެ ލޮލަށް މިހާރު ކޮންމެ ރެއަކު ފެންނަމުންދާ މަންޒަރު ތަކުގެތެރެއިން މައިގެ ތެރޭގައި ބާވެ ހަލާކުވެފައި އޮންނަ ކުނާ ގަނޑެއްގެ މަތީގައި ނަޖުދާ ނިދާފައި އޮންނަ މަންޒަރަކީ އެމަންޒަރެއް ފެނުމުން އޭނާގެ ހިތަށް ވަރަށް

އަސަރު ކުރާ މަންޒަރެކެވެ. އެއީއޭނާއެއްގޮތަކަށް ވެސް ވާން އެދޭ ގޮތެއް ނޫނެވެ. އަދި ދެކެން އެދޭ މަންޒަރެއް ވެސް ނޫނެވެ. ކޮންމެ ރެއަކު ނިދަން އޮށޯވެ ވަދީފާއާއި އެވާހަކަ ދެކެވެނީ އެހެންވެގެން ނެވެ. އެކަމާއި މެދު ވަދީފާގެ ހިތަށް އެއްވެސް ކަހަލަ ރަހުމެއް ވަދެ އިސްލާހެއް އާދޭތޯއެވެ.

"މިގޭގައި އެނދު ނެތީއަކީ ނޫން.. އަދި އެނޫން ތަނެއް ނެތީއަކީ އެއްވެސްނޫން، އަހަންނަށް ހީވަނީ އެއީ ކިތަންމެ ދެރަ، ނިކަމެއްޗަކަށް ވިޔަސް ވަދީފާ ގެންގުޅޭ ކުއްޖަކަށް ވީމާ އޭނާގެ ވެސް ހައްގު ތަކެއް އޮންނާނެ ހެން......

އަދި އޮންނަން ވެސް ވާނެ... އެއީ ޖަނަވާރެއް ނޫން....

އިންސާނަކު ޖަނަވާރަކާއި މެދުގައިވެސް އެފަދަ ގޮތަކަށް ކަންތަކެއް ނުކުރާނެ... އަހަރެންގެ ހިތުގައި މިއުފެދޭ ސުވާލަކީ ވަދީފާ އެކުއްޖާއާއިދޭތެރޭ އެހާ ނަފުރަތެއް ތިޔަކުރަނީ ކީއްވެ ބާވައޭ؟.... ވަދީފާގެ ހިތުގައި އޭނާއާއި މެދު ނަފުރަތު ކަމެއް ނޯންނަ ނަމަ ތިޔައީ ކިތަންމެ ނުބައި މީހަކަށްވިޔަސް އެފަދަ ގޮތަކަށް ކަންތައް ކުރާކަށް ނުކެރޭނެކަން ކަށަވަރު..."

މުފީދު އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް މިފަހަރު ނެރެ ހާމަކޮށްލި އެވެ. މިކަމާއިމެދު ވަދީފާ ރުޅިއަންނާނެ ކަންވެސް އޭނާއަށް ވިސްނެއެވެ. އަދި މިކަމާއިމެދު އޭނާގެ ޚިޔާލު ވަރަށްބޮޑަށް ތަފާތު ވާނެ ކަންވެސް އެގެއެވެ. މުފީދު މިފަހަރު ދެއްކި އެއްވެސް ވާހަކައެއްގެ އަޑު ވަދީފާއަށް ނީވޭ ކަހަލައެވެ.

މުފީދު ދެއްކި އެ ވާހަކަތަކަށް މިފަހަރު ވަދީފާ އެއްވެސް ޖަވާބެއް ނުދެއެވެ. އެވާހަކަ އިތުރަށް ކުރިއަށް ގެންދަން ވަދީފާ ބޭނުންވެސް ނުވަނީއެވެ. އެއީ ވަދީފާ އިސްލާހު ކުރަން ބޭނުން ކަމަކަށް ނުވާތީ ކަންނޭގެއެވެ. ނަޖުދާގެ މައްސަލައިގާ މުފީދަށް ކުރި ލިބެން އޭނާ ބޭނުން ނުވާކަން

ޚުދު މުފީދަށް ވެސް މިހާރު ވިސްނެ އެވެ. އޭނާއަށް ނުވިސްނެނީ ވަދީފާގެ މަގުސަދާއި ނިޔަތެވެ. އެކަމުން ވަދީފާ އެހާސިލުކުރަން އުޅޭ ކަމެކެ.

ނަޖުދާއަށް ހޭލެވުނީ މީހަކު އޭނާގެފައިގާ ކޮއްޓާލިހެން ހީވެގެން ނެވެ. ލޯހުޅުވާލިއިރު މީހަކު ފެންނަން ނެތުމުން ފައި ތަޅުވާލާފައި އަނެއްކާވެސް އެއަށްވުރެ ބާރަށް ލޯމަރައިގެން އޮވެ ނިދީއެވެ. އަނެއްކާވެސް ހޭލެވުނީ ފަޔަށް ވަރަށް ބޮޑަށް ތަދުވާހެން ހީވެގެންނެވެ. ކުއްލިއަކަށް

ދެލޯ ހުޅުވައި ލެވިއްޖެއެވެ. ކުއްލިއަކަށް ތެދުވެ

ދެފައި ތަޅުވައިގަނެފައި ބާރުބާރަށް ހަޅޭއްލަވައި

ގަތެވެ.

އެއީ މީހެއް ނޫނެވެ. ބޮޑު މީދަލެކެވެ. އޭތި އެކުއްޖާގެ ފައިގެ ބޮޑުވާ އިގިލީގެ އެތައް މިތާގައި ދަތްއަޅައި ކައި ނަގަނީއެވެ. އޭރުވެސް ބޮޑު މީދަލެއް އޭނާ އޮތް ކުނާމަތިން ދުވެއެވެ. ފައިގާ ދަތް އެޅި މީދާ އޭރު ގޮސް ފާރަށް އަރަނީއެވެ.

ނަޖުދާގެ ހަޅޭކުގެ އަޑަށް މުފީދަށް ހޭލެވިގެން ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ނަޖުދާ ބިރުން ގޮސް ރޯމަހެއް ތެޅޭހެން ތެޅެނީއެވެ. ބިރުން ގޮސް ކިޔޭ ނުކިޔޭ ވެސް އެފަކީރަށް ނޭގެއެވެ. ނަޖުދާގެ އަޑަށް

ވަދީފާވެސް ހޭއެރިއެވެ. އަދި ކުޑަދެކުދިންވެސް ރޮއިގަތެވެ.

މަންޒަރު ބަލަން ހުރި މުފީދުގެ ހިތައް މިފަހަރު އަދި މާއަސަރު ކުރިއެވެ. ބޮޑުއެދުގައި މޮޅު ގޮދަޑި މަތީގައި އޭނާ އަރާމުގައި އޮތް އިރު ޔަތީމު ކުޑަ ކުއްޖަކު ބިންމަތީގައި ނިދާފައި އޮވެ އެކުއްޖާ އެ އުފުލަމުންދާ ވޭނާއި ކެކުޅުން ހިތައް އަރާފައެވެ.

އޭނާގެ ހިތައް އެރިއެވެ. އެއީވެސް ހަމަ އޭނާފަދަ ބަފައެއްގެ ދަރިއެކެވެ. އޭނާގެ އަންހެނުން ފަދަ އަންހެނެއްގެ ދަރިއެކެވެ.

އެއީވެސް އޭނާގެދަރިންފަދަ ނިޔަނެތި އެއްވެސް ކުށެއްނެތް އިންސާނެކެވެ. އެކުއްޖާފުޅުގެ ކުށަކީ މިދުނިޔެއަށް އައުން ކަމަށްވަނީ ނަމަ އެކުށް އޭނާއަށް ކިތަންމެ ރަގަޅަކަށް ވެސް އެއޮތީ އެކަން ކުރެވިފައެވެ.

މުފީދަށް މިފަހަރު ހަމަރަގަޅަށް ރޮވުނެވެ. އޭނާގެ ލޮލުން އޮހޮރެމުން އެދަނީ މާތް އިންސާނިއްޔަތު ކަމުގެ ކަރުނަނޫން އެހެން އެއްވެސް އެއްޗެއް ނޫނެވެ.

އެކުއްޖާ މިދުނިޔެއަށް ފޮނުއްވި މާތް ﷲގެ ވަޖިހުފުޅަށްޓަކާ ވެސް އެނިޔަނެތި ކުށެއްނެތް އިންސާނާއަށް އެހީތެރި ވާން އޭނާ މިއަދު ކިތަންމެހާ ވެސް ބޭނުމެވެ. އެކުއްޖާ އަށް އަޅައިލާ ހެއުކޮށް ހިތާން ބޭނުމެވެ. ނަމަވެސް މިއަދު އޭނާއަށް މާބޮޑު ކަމެއް ކުރެވޭ ކަށް ނެތެވެ. އޭނާއަށް ކުރެވެން އޮތްހާވެސްކަމަކީ ވަދީފާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރުމެވެ. ވަދީފާގެ ހިތުގައި އެކުއްޖާގެ މައްޗަށް ރަހުމުގެ ކުޑަ މިންވަރެއް ނަމަވެސް އުފެއްދޭތޯ މަސައްކަތް ކުރުމެވެ.

އެހެނީ އޭނާއަކީ ރަށަށް އަރާހުރި ބީރައްޓެއްސެކެވެ. ނިކަމެއްޗެކެވެ. މައެއްބަފައެއް އަދި އަމިއްލަ ގެދޮރެއްވެސް ހުރިމީހެއް ނޫނެވެ.

މަންޒަރު ބަލަން ހުރެފައި މުފީދަށް ބޭއިހުތިޔާރުގައި ނަޖުދާއާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އަދި މަގޭ ދަރިޔާއޭ ގޮވަމުން ގޮސް ނަޖުދާގެ ގައިގާ އޮޅުލައިގަނެވުނެވެ.

ނަޖުދާވެސް މުފީދު ގައިގާ ބާރަށް ބައްދާލިއެވެ. އެވަގުތު

ނަޖުދާއަށްވެސް މުފީދަށް ގޮވާލެވުނީ ބައްޕާއޭ ކިޔާފައެވެ. އޭނާ ގޮވާލީވެސް ވަރަށް ބާރަށެވެ.

އެވަގުތު ނަޖުދާ ގަނެފައި ހުރި ބިރުގެ މަތިން ވެސް މުޅިންހަދާންނެތުނު ކަހަލައެވެ. އުމުރުން މިވީހާ ތަނުގައި އޭނާއަށް ދުވަހަކުވެސް ބައްޕާއޭ ކިޔާފައި މީހަކަށް ގޮވާލާނޭ ފުރުސަތެއް އަދި ލިބިފައެއް ނެތެވެ. އަދި އޭނާއާއި ދިމާއަށް އޭނާ ބަލާބޮޑުކުރި މާމަ ފިޔަވައި އެހެންމީހަކު ދަރިފުޅާ އޭ ކިޔާފައި ގޮވާލި އަޑެއްވެސް ނާހައެވެ.

ނަޖުދާއަށް ހަގީގަތުގައި ވެސް ހީވީ އޭނާއަށް ހުރެވުނީ އޭނާގެ ބައްޕަގެ ކައިރީގާ ކަމަށެވެ. އެވަގުތު ނަޖުދާގެ ހިތްއުފަލުން ފުރިގެން ގޮސް ބަންޑުންވި ކަހަލައެވެ. އެތައް އިރެއް ވީއިރު ވެސް އޭނާ މުފީދުގެ ގައިން ދޫކޮށެއް ނުލައެވެ. މުފީދުވެސް އޭނާގެ އަމިއްލަ ދަރިއެއް ފަދައިން

ބޮލުގައި ފިރުމަމުން ބޮސްދެމުން ގެންދިޔައެވެ.

"މިހިރަ ހަޔާތް ކުޑަ ގޮތްކުޑަ ކުއްޖާ.. ތިޔައީ ކާކުކަމަށް ހީކޮށް ތިޔަ އޮޅުލަނީ... ތީ ކަލޭ ކޮންތާކުން ވައްޓާލި މީހެއް.. ނޫނޭ މިހާރު އުޅޭ އެއްޗެހިންގެ ލަދު ހަޔާތްވެސް ކުޑައީ ވަކި ވަރަކަށް ނޫން.."

މަންޒަރު ބަލަން ހުރެފައި ވަދީފާ ރުޅިއައިސްގެން އައިސް ނަޖުދާގެ އަތުގައި ހިފާ ދަމައިގަނެ މުފީދު ގައިން ފޭކުރަމުން އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ގެންދިޔައެވެ.

ވަދީފާގެ ހަރަކާތްތައް ހުރި ގޮތުން މުފީދަށް ހުރެވުނީ ގަބުވެފައެވެ. ހީވަނީ ކުށެއް ކުރެވިގެން އެކަމާއި ބިރުން ހުރިހެންނެވެ. ވަދީފާ އެއްވެސް ރަހުމެއް ނެތި ނަޖުދާގެ އަތުގައި ހިފާ ދަމައި ގަނެފައި މޭގައި އަޅާ ފާރާއި ދިމާއަށް ކޮއްޕާލިއެވެ. އޭރުވަދީފާގެ ހަމަ ހޭވެރިކަންވެސް ނެތިގެން ގޮސް ފައިވާ ކަހަލައެވެ. އޭނާ ހީވަނީ ކާން ނުލިބިގެން ރުޅި ގަދަވެފައި އޮތް ސިންގާ ރަސްގެފާނު ހެންނެވެ.

ވަދީފާ ކޮއްޕާލިލެއް ބާރު ކަމުން ނަޖުދާގެ ދެފައި ދިޔައީ ބިންމަތިން ކެޓިގެންނެވެ. ކޮއްޕާލި ބާރު މިނުގައި އޭނާގޮސް ޖެހުނީ ފާރުބުޑަށެވެ. ނަޖުދާގޮސް ފާރުގައިޖެހުނު އަޑުފަށްގަނޑު އެތައް ހިސާބަކަށް އިވޭނެކަން ކަށަވަރެވެ.

"ހޫނ!.. ދެންދޭ އުރާ ނަގައި

ކޮނޑުމައްޗަށް ލައިގެން ދެފުށުން ފިރުމަން،..."

ވަދީފާ ރީތި ބަހުން މުފީދާއި ދިމާއަށް މަލާމާތް ކޮށްލިއެވެ. ހީވަނީ މުފީދު ނަޖުދާއަށް ހެއުއެދޭތީ އެކަމާ މުފީދާ މެދުވެސް އޭނާ މިހާރު ނަފުރަތު ކުރަން ފެށިހެންނެވެ. އޭނާގެ ވާހަކައިގެ ރާގުގަނޑު ހުރީ އެފަދަ ގޮތަކަށެވެ.

ވަދީފާގެ ހިތައް އެވަގުތު އައިހާ އެއްޗެއް ކިޔާފައި ގޮސް އެބުރި ކޮޓަރިއަށް ވަދެ ބާރަށް ދޮރުލެއްޕިއެވެ. އޭނާ ރުޅިއައިސްގެން ދޮރުގަނޑު ޖެހިލެއް ބާރު ކަމުން މުޅިގެއަށްވެސް ދިޔައި ލޮޅުން އަރައިގެންނެވެ.

ނަޖުދާގެ އެއްވެސް ކުށަކާއި ނުލައި ވީނުވީއެއް ވެސް ބަލައި ލުމެއް ނެތި، ވަދީފާ ނަޖުދާއަށް ދެންމެ ހަދައިލި ރަހުމު ކުޑަގޮތްތަށް ފެނިފައި މުފީދު ވަރަށް ދެރަވިއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ހިތުގައި ނަޖުދާގެ މައްޗަށް އޮތް ކުލުނާއި ހަމްދަރުދީ އެތައް ގުނައަކަށް އިތުރުވެގެން ދިޔަ ކަހަލައެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން