(ނުވަވަނަ ބައި)

ހަލީމާއަށް އެގޮތަށް ހީވި ނަމަވެސް ނަޖުދާއާއި ބެހޭގޮތުން މުފީދު އޮޅުން ފިލުވަން ބޭނުން އެތައް ކަމެއް އެބަހުއްޓެވެ. ނަޖުދާއާއި ބެހޭ ގޮތުން އޭނާއަށް ނޭގޭ އެތައް ކަމެއް އެބަހުއްޓެވެ. މުފީދަކީ ވަރަށް ދުރު ވިސްނޭ އަދި ކަންކަމާއި މެދު ޚިޔާލާއި ތަނަވަސް ފިކުރު ހިންގޭ މީހަކަށް ވާތީ އޭނާގެ ހިތުގައި އެކަމާއިމެދު އުފެދޭ ސުވާލުތައް ވަރަށްގިނައެވެ. އަދި އެސުވާލުތައް އޭނާގެ ހިތުތެރޭގައި އުފެދެން ފަށާފައިވަނީ އަކީ އިއްޔެއަކު މިއަދަކުވެސް ނޫނެވެ.

ނަޖުދާއާއި ބެހޭ ގޮތުން މުފީދަށް ވެސް ހަމަ އެގޭ އެއްޗެއް އެގެނީ މިރަށުގެ އެހެން މީހުންނަށްވެސް އެގޭ މިންވަރަށެވެ. ވަކިއެގެއާއި ގާތް މީހެކޭ ކިޔާފައި އޭނާއަކަށް މާގިނަ އިތުރު އެއްޗެހި ތަކެއް ނޭގެއެވެ. ހަގީގަތުގައި މުފީދަކީކީ އެރަށު

ރަށްވެއްސެއް ނޫނެވެ. މުރީދަކީ ދަތުރުވެރިއެއް ގައި އެރަށަށް އައި މީހެކެވެ. އޭނާ އެރަށަށް ހިޖުރަކުރީ ވަދީފާ އެރަށުން ފެނިގެން އޭނާއާއި އިނދެވުނީމައެވެ. އޭނާ ވަދީފާއާއި އިންއިރުވެސް ނަޖުދާ އޭނާގެ މާމަ ކައިރީގައި އުޅެއެވެ. އެކަމަކު އޭރު އޭނާ ވަރަށްކުޑައެވެ.

ނަޖުދާއާއި ބެހޭގޮތުން އެނގޭހާވެސް އެއްޗަކީ އެއީ އެރަށު މީހެއްގެ ދަރިއެއް ނޫންކަމެވެ. ހަލީމާމެން ކުރިން ދިރިއުޅެމުން ގެންދިޔަ، އޭނާގެ ފިރި މީހާގެ ރަށު މީހެއްގެ ޔަތީމުކުއްޖެއް ކަމެވެ. އެކުއްޖާގެ ވާލެއް ޔާރެއް އަޅާލާނެ މީހަކު ނެތުމުން ހަލީމާ އެކުއްޖާ ކުޑައިރުއްސުރެ ބަލާ ބޮޑުކުރަނީއެވެ. ހަލީމާގެ ފިރިމީހާ ނިޔާ ވުމުން އަނެއްކާވެސް އޭނާގެ އަމިއްލަ ވަޒަނަށް ހިޖުރަ ކުރިއިރު އެކުއްޖާވެސް ގޮވައިގެން އައީއެވެ.

މިއީ މިވާހަކަ އެރަށު އެންމެންނަށް އެގޭ ގޮތެވެ. މުފީދަށްވެސް އެގެނީ އެވަރަށެވެ.

"އެކުއްޖާގެ އެއްވެސް މީހަކު މިދުނިޔޭގައި ނެތީތަ؟... މަންމައަށް ނުބެލެންޏާ ދެން އެކުއްޖާގެ މީހުންނާ ހަވާލުކުރި ނަމަ މާ ރަގަޅުވީސް ކަންނޭނގެ..."

ނަޖުދާއާއި ބެހޭ ގޮތުން އިތުރަށް މަޢުލޫމާތު ހޯދުމުގެ ގޮތުން މުފީދު ސުވާލު ކުރިއެވެ.

މުފީދު މިފަހަރު ހެދުނީ ނަޖުދާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭގޭ މީހަކަށެވެ. މިއީ އޭނާ ހަމަ ގަސްތުގައި އެކަންއިތުރަށް އޮޅުންފިލުވަންވެގެން ކުރި ކަމެކެވެ.

"އޭނާގެ މީހުން އޭނާ މިބަލަނީ... އާނ!.. ދެން ޔަތީމު ކުދިން ބަލާ މީހުން ވާނީ އެކުދިންގެ މީހުންނަކަށް ނޫންތަ؟..."

ހަލީމާ އެވާހަކަ ބުނި ގޮތުންނާއި ރާގުން ހަލީމާ ކަމެއް ފޮރުވަން މަސައްކަތް ކުރާކަން މުފީދަށް ވިސްނުނެވެ. ހަލީމާ މިފަހަރު ބުނި އެއްޗަކާ އެއްބަސް ވުމުގެ ގޮތުން މުފީދު ބޯޖަހާލިއެވެ.

"ދެން ކޮންމެ ގޮތެއްވިޔަސް މިހާރު އަހަރެން ގަޔަކު އެކުއްޖާ ބަލާނެހާ ހިތްވަރެއް ނެތް... ﷲ ގެ ވަޖުހަފުޅަށް ޓަކާވެސް އެފަގީރު، ނިކަމެތި ކުއްޖާއަށް ހެއުކޮށް ހިތި ބަޔަކަށް ހެވެއްނޫނިއްޔާ ނުލިބޭނެ.. އަހަރެންނަށް އެކަން ވާޖިބުވިހެން ވަދީފާއަށްވެސް އެކަން އެއީ ހަމަ ވާޖިބެއް... "

ވަކިހިސާބަކަށް ވާހަކަ ދިއުމުން ހަލީމާގެ އަޑު ބެދި، ގިސްލާ ރޮވެން ފެށިއެވެ. އޭނާ ދަރިއެއްފަދައިން ބަލާބޮޑުކުރި ކުއްޖާގެ ނިކަމެތި ހާލު ހިތައް އަރާފައެވެ. އެކުއްޖާއަށް މިއަދު ޖެހިފައިވާ ހިތްދަތި ހާލަތު ހިތައް ވަނުމުންނެވެ. މިހާރު ހަލީމާގެ މުސްކުޅި ބައްޔަށް ވުރެ އެބަލި މާބޮޑެވެ. އެންމެ ހިދުކޮޅަކަށްވެސް ނަޖުދާގެ އެ ނިމަމެތި ހާލަތާއި މެދު ވިސްނޭ ވިސްނުމާއި ފިކުރުތައް އޭނާގެ ހިތަކުން ނުފިލައެވެ.

"ދެން އެކަމާ އެހާ ބޮޑަށް ފިކުރު ނުކުރޭ!... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަގަޅަށް.... ވަދީފާއަށް ވިސްނައި ދެވޭތޯ އަހަރެން މަސައްކަތް ކުރާނަން... އިރާދަކުރެއްވިއްޔާ އޭނާއަށް އަދި ވިސްނޭނެ.."

މުފީދު މިފަހަރު މަސައްކަތް ކުރީ ހަލީމާގެ ހިތްހަމަ ޖައްސައި ދެވޭތޯއެވެ. ހަލީމާއަށް ނަޖުދާއާއި ބެހޭ ގޮތުން ހުރިހާ ކަމެއް އެނގޭކަމާއި އެކަމާއި މެދު ވިސްނޭނެކަން މުފީދަށް ޔަގީންވެގެންނެވެ. މަންމަގެ މިހާރުގެ އަސްލު ބައްޔަކީ އެއީ ކަން

އޭނާއަށް ވިސްނިގެންނެވެ.

"މަންމާ!.... ދެން ދަނީ.... އެހެން ދުވަހަކުން ކުދިވެރިން ގޮވައިގެން އާދެވޭތޯ ބަލާނަން؟... "

މިހެން ބުނެފައި މުފީދު ނިކުންނަން ހިގައިގަތެވެ. ބޭރު ދޮރުން ނިކުމެގެން ގޮސް މަގުކޮޅުން އޮބާލަންދެން މުފީދާއި ދިމާއަށް ބަލަހައްޓައިގެން ހަލީމާ އިނެވެ.

މުފީދު ނިކުމެގެން އެދިޔައީ އޭނާގެ ހިތުގައި ނަޖުދާއާއި މެދު އުފެދިފައިވާ ސުވާލު ތަކަށް ޖަވާބު ލިބުނު ކަމުގެ ހިތްހަމަޖެހުން ލިބިގެންނެއްނޫނެވެ. އަދިއެކަމާއި މެދު އިތުރަށް އޮޅުން ފިލުވަން ބޭނުން ކަމެއް ނެތިގެނެއްވެސް ނޫނެވެ. އެކަމަށް އޮތް މަގު ބަންދުވެ ގޮތް ހުސްވެގެންނެވެ. ހަލީމާގެގާތުން ކުރިނުލިބިގެންނެވެ. ދެން އިތުރަށް ކުރިއަށް ނުދެވޭނެކަން މުފީދަށް އެނގުނީއެވެ.

"މިރޭ ނިދި ނާންނަނީތަ؟. ހާދަބޮޑު ފިކުރެއް ކުރާހެން ހީވެޔޭ... މާއަވަހަށް ފުރަށް ޖެހޭތީ ފިކުރު ބޮޑުވަނީތަ؟..."

ނިދަން އޮށޯތްގޮތަށް އުގައިންވެސް ނުބުނެ ނިއްކުރި މަތީގައި އަތް ބާއްވައިލައިގެން މުފީދު އޮންނަތާ ގިނައިރުތަކެއް ވުމުން ވަދީފާ ސުވާލުކުރަން ފެށިއެވެ.

"އާނ!... ވަރަށް ބޮޑު ފިކުރެއް އެބަކުރަން.. އެކަމަކު އެއީ ފުރަން ޖެހޭތީއަކީ ނޫން..."

މުފީދުގެ ޖަވާބު ވަރަށްކުރެވެ. އެހެނަސް އެޖަވާބުގައި ވަނީ އެތަކެއް ސުވާލު ތަކެއް އުފެދޭ ފަދަ އިބާރާތް ކޮޅެކެވެ.

"އެވަރުގެ ބޮޑު ފިކުރެއް އެއީ ކޮންފިކުރެއް.. އެހާބޮޑު ފިކުރެއް ކުރަން ޖެހޭކަމެއް ވެއްޖެތަ؟... ތިހާ ބޮޑުކަމެއް ހިނގަންޏާ މަށަށްވެސް އެނެގެން ޖެހޭނެއެއްނު..."

މުފީދު އެބުނި އެއްޗަކާއި މެދު މާބޮޑު ޚިޔާލެއް ވިސްނުމެއް ނެތް ކަހަލަ ގޮތަކަށް ސަމާސާ ރާގެއްގައި ވަދީފާ ސުވާލުކޮށްލިއެވެ.

"އެއީ ވަދީފާއާއި މެދު..... ވަދީފާގެ ކިބައިން މިހާރު އަހަރެންނަށް ސުވާލު އުފެދޭ ފަދަ ކަންތައް ތަކެއް ފެންނާތީ..."

މުފީދު ވާހަކަ ދެއްކީ ވަރަށް ހަރުކަށި ކޮށެވެ. އަދި ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއްގެ ތެރޭގައި އުޅޭކަން މުފީދުގެ އަޑުން އިހުސާސު ކުރެވުނެވެ. ވަދީފާގެ އެސަމާސާ ރާގު މުފީދަކަށް ކަމަކު ނުދިޔައެވެ. އެއީ އޭނާ އެހާ ހައްސާސް ކަމަކާއި ގުޅުވައިގެން ދެއްކި ވާހަކައެއް ވަދީފާ މާ ސަމާސާކޮށް ނެގީމާ ކަމަށް ވެސް ވެދާނެއެވެ.

"ތިޔަ ސުވާލެއް ތިޔައުފެދުނީ އިނދެގެން އުޅޭތާ އެތައް ދުވަހެއްވެ މުސްކުޅިވީމަތަ؟... މިހާ ދުވަސްވާއިރު ވެސް ދެމީހުންގެ ދެމެދުގައި ސުވާލު އުފެދޭ ވަރުގެ ކަންތައްތައް ހުރޭތަ؟..."

ވަދީފާވެސް މިފަހަރު ވާހަކަދެއްކީ ވަރަށް ހިތްހަމަ ނުޖެހިފައިވާ ކަހަލަ ރާގެއްގައެވެ. ތަންކޮޅެއް އަޑު ހަރުކޮށެވެ. އޭނާގެ އެހުންނަ ނޭއްގާނީ ގޮތްގަނޑު އިހުސާސް ކުރެވޭ ފަދަ ރާގެއްގައެވެ.

"އާނ.. ބައެއް ފަހަރު ހާލަތު ނިޔާކުރާ ގޮތުންނާއި ކަންތައްތައް ދިމާވަމުން ދާގޮތުން ދެމީހަކު އިނދެގެން އުޅޭތާ ކިތަންމެ ދުވަހެއް ވިޔަސް ސުވާލު އުފެދިދާނެ ކަންކަން ހުރެދާނެ... ބައެއް ފަހަރު ދެމީހުންގެ މާޒީގައި ހިގާ ގޮސްފައިވާ ކަމެއް އިޢާދަވާހެން ހީވާން ފެށުމުން ވެސް އެފަދަ ސުވާލެއް އުފެދޭ ގޮތް ވެދާނެ.. މިއިން އެއްވެސް ކަމެއް ނުވިޔަސް ވަދީފާއާއި ބެހޭގޮތުން އަހަރެންގެ ހިތުގައި އުފެދޭ ކިތަންމެ ސުވާލެއް މިހާރު އެބަހުރި.."

ނިއްކުރިމަތީގައި އަތް ބާއްވައިލައިގެން އޮވެ ވަރަށް ވިސްނުންތެރި ކަމާއިއެކު މުފީދު ވަދީފާއާއި ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އިނުމުގެ ކުރިން ވެސް އަހަރެން ބުނީމެއްނު، އަހަރެންގެ މާޒީގެ ވާހަކަ ދައްކަން ނުހަދާށޭ. އަދި މާޒީއާއި ބެހޭ ގޮތުން ސުވާލު ނުކުރާށޭ ބުނީމެއްނު، އަހަރެންނާއި ބެހޭ ގޮތުން މުފީދު އޮޅުން ފިލުވަން ބޭނުން އެއްޗެއް އިނުމުގެ ކުރިން މިރަށު މީހުންގެ ކައިރިން އަހާ އޮޅުން ފިލުވީމެއްނު.. އަހަރެންވެސް މުފީދުގެ މާޒީގެ ވާހަކައެއް ނާހަމެއްނު... ތިޔަކަހަލަ ކޫސަނި ސުވާލު އުފެދޭ ކަހަލަ މާޒީއެއް އަހަރެންގެ ނެތް... "

ވަދީފާގެ ޖަވާބު ވަރަށް ހަރުކަށްޓެވެ. އޭނާ ވާހަކަދެއްކީ ވަރަށް ރުޅިވެރި ރާގެއްގައެވެ. ނުރުހުމާއި ހިތްހަމަ ނުޖެހުމާއި އެކުގައެވެ.

"ސުވާލު ނުއުފެދޭ ވަރެއް ނޫނެއްނު؟... ވަދީފާ އެހެރަ ނަޖުދާ ދެކެ ރުޅިއަރާ ވަރުން އެފަދަ ސުވާލެއް ނުއުފެދިއެއް ނުހުންނާނެ... އެއީ އަދި ކުޑަކުޑަ ކުއްޖެއް... ހަމަ ބުއްދި ނުޖެހޭ ޔަތީމު ކުއްޖެއް... މީހުންނަށް އިހާނެތިކޮށް ހަދާ މީހުންގެ ވާހަކަ އަހަރެން ވެސް އަޑުއަހަން... އެކަމަކު މިވަރު ކަމެއްގެ އަޑެއް ނާހަން... އަދި ނުވެސް ދެކެން..."

މުފީދުގެ އަޑުގައި މިފަހަރު ހުރީ ހިތާމައާއި އަސަރެވެ. ހީވަނީ އޭނާގެ މައިދައިތަގެ ހިތުގައި ނަޖުދާ އާއިމެދު އުފެދިފައިވާ ލޯބީގެ ޝުޢޫރު ތަކުގެ ބައެއް ހިއްސާކުރަނީ ހެންނެވެ.

"ތިޔައުޅެނީ މިރޭވެސް އަނެއްކާ އެވާހަކަ ފަށަން ދޯ... ބުނެފީމެއްނު މުފީދަށް އެގޮތް ކަމުނުދަންޏާ އޭނާ ގެނަސް މުފީދުގެ ބިއްދޮށުގައި ބާއްވާނޭ... އޭނާއަށް ބޮޑު ކޮޓަރިއާއި ބޮޑުއެނދު ދީފައި އޭނާގެ ހިތް ސިދުރަތުލް މުންތަހާއަށް އަރުވާކަށް އަހަރެން ނޫޅެން.... އެތާގަ އެކުނާ މަތީގައި އޭނާ ނިދިއްޔާ ވާނީ ކީއްތަ؟... އެއީ ދެން މުފީދާ ބެހޭ ކަމެއްތަ؟..."

ވަދީފާ ވާހަކަ ދައްކަމުން ދިޔައީ ޖަދަލު ކުރުމުގެ ބަހުރުވައަކުން ނެވެ. ހަރުކަށި ކަމާއި ރުޅިވެރިކަމާއި އެކުގައެވެ. އެވަގުރު ވަދީފާ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރާއި އޭނާގެ އަނގަޔަށާއި މޫނު މައްޗަށް އެޖެއްސި ހުތުރު ވައްތަރު މުފީދަށް ފެނުނު ނަމަ އޭނާ ދުވަހަކުވެސް ދެން އެވާހަކަ އިތުރަށް ވަދީފާއާއި ނުދައްކާނެ އެވެ. ވަދީފާ ޖެއްސީ އެހާވެސް ހުތުރު ވައްތަރުތަކެވެ.

މިގޮތަށް އެކަހެރިވެ ވަދީފާއާއި ޚިޔާލު ބަދަލުކޮށްލަން ލިބޭ ކޮންމެ ވަގުތެއްގައިހެން މުފީދު މިހާރަކަށްއައިސް ނަޖުދާގެ ވާހަކަދައްކާތީ ވަދީފާ ހުންނަނީ ހިތްހަމަ ނުޖެހިފައެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން