އަޅުގަޑަކީ 29 އަހަރުގެ ޒުވާނެކެވެ. ކޮންމެ ހޯމަ ބުރާސްފައްޗެއްގައި އަޅުގަޑު ރޯދަ ހިފަމެވެ. އަޅުގަޑުގެ ބައްޕަ އެދިލައްވަނީ ކޮންމެވެސް އެއްދުވަހަކު ރޯދަ ހިފުމަށެވެ. އަޅުގަޑަކަށް ދެދުވަހު ރޯދަ ހިފުން ދައްޗެއް ނޫނެވެ. ވީމާ، ބައްޕަގެ އަމުރާ ދެކޮޅަށް ހަފްތާ އަކު ދެދުވަހު ރޯދަ ހިފުމަކީ ބައްޕަ އަށް ނުކިޔަމަންތެރިވުން ކަމުގައި ވާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ސުވާލުގައި ބަޔާންވެގެންވާ ފަދައިން ތިބާ އަށް ހަފްތާ އަކު ދެދުވަހު ރޯދަ ހިފުމަކީ އުނދަގޫ ކަމަކަށް ނުވަނީނަމަ، ބައްޕަގެ އަމުރަށް ކިޔަމަންވާކަށް ނުޖެހޭނެއެވެ. ސަބަބަކީ ރޯދަ އަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ އަޅުކަމެކެވެ. ﷲ އަށް ކުއްތަންވުމުގެ ގޮތުން ކުރެވޭ ކަންތަކުގައި އަޅުތަކުންގެ މަނާ ކުރުންތަކަށް ބޯލަނބާކަށް ނުޖެހޭނެއެވެ. ބައްޕަގެ ބޭނުމަކީ ތިބާ އަށް ލުއިކޮށްދިނުން ކަމަށް ވަނީނަމަ ބައްޕަގެ އަމުރަށް ކިޔަމަންތެރި ވުމަކީ މައްސަލަ އެއް ނޫނެވެ. والله أعلم

ރޯދަ އަށް ހުރެ އަނގައިގާ މީރުވަސް ދުއްވާ ފަދަ އެއްޗެއް ބޭނުން ކުރުން

އަނގައިދުވާ ނުބައިވަސް ފިލުވާލުމުގެ ގޮތުން ދުލުގަޔާއި ދަތްތަކުގައި ހާކާލަން ބޭނުން ކުރާ އެއްޗެއްގެ ސަބަބުން ރޯދަ ގެއްލޭނެތޯ؟ މިއެއްޗެއް ތައްޔާރު ކުރެވިފައި ހުންނަނި އަނގައިތެރޭ ގައި އުފެދޭ ޖަރާޘީމާއި ނުބައިވަސް ފިލުވާލުމަށެވެ. އަދި މިތަކެތި އުފައްދާފައި ހުންނަނީ ކުދީނާ ފަތް ފަދަ ތަކެތި ބޭނުން ކޮށްގެންނެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އަނގައިން ވަސް ފިލުވުމަށް ބޭނުން ކުރާތަކެތި ކަރުތެރެއަށް ނުދާނަމަ މައްސަލަ އެއް ނެތެވެ.

ފަޟީލަތުއްޝައިޚް ޞާލިޙުލް ފައުޒާން- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. އަނގައިގެ ވަސްފިލުވުމަށް ޚާއްޞަ ޢަޠަރެއް ފާމަސީ ތަކުގައި ހުރެއެވެ. އެއީ ފާޑެއްގެ ދުމެއް ކަހަލަ އެއްޗެކެވެ. މިތަކެތި ރަމަޟާން މަހު ރޯދަ އަށް ހުންނަ ވަގުތުގައި ބޭނުން ކުރެވިދާނެތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. އަނގައިގާ މީރުވަސް ދުއްވަން ބޭނުން ކުރާ އެއްޗެއް ކަރުތެރެއަށް ނުދަނީނަމަ ރޯދަ އަކަށް އަޘަރެއް ނުކުރާނެއެވެ. ރޯދަ އަށް ހުރުމުގެ ސަބަބުން އަނގައިން ދުވާ ނުބައިވަހަކީ ގޯސްވަހެއް ނޫނެވެ. އެއީ ﷲ އަށް ކުއްތަންވުމުގެ ސަބަބުން ދުވާ ވަހެކެވެ. އަދި އެއީ ﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑު ވަހެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (خلوف فم الصائم أطيب عند الله من ريح المسك) މާނައަކީ: "ރޯދަވެރިޔާގެ އަނގައިން ދުވާ ވަހަކީ ﷲ ގެ ޙަޟްރަތުގައި ބޮމަކަސްތޫރީގެ ވަހަށްވުރެ ހެޔޮކަން ބޮޑު އެއްޗެކެވެ." (އަލްމުންތަގާ މިން ފަތާވާ އައްޝައިޚް ޞާލިޙުލް ފައުޒާން 3/121). والله أعلم

ރޯދަ އަށް ހުރެ ހުމާ ދެކޮޅަށް ޖަހާ ވެކްސިން ޖެހުން

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ރޯދަ އަށް ހުރެ ހުމާއި ދެކޮޅަށް ޖަހާ ވެކްސިން ޖެހުމަކުން ރޯދަ އެއް ނުގެއްލޭނެއެވެ. އެހެންނަމަވެސް އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީ ރޭގަނޑުގެ ވަގުތުގައި ވެކްސިން ޖެހުމެވެ. والله أعلم

ހާރު ކެއުމަކީ ރޯދަ ޞައްޙަ ވުމުގެ ޝަރްޠެއް ނޫނެވެ.

ހާރު ނުކައި ރޯދަ ހިފުމަކީ ހުއްދަ ކަމެއްތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ރޯދަ އަށް ހުރުމަށް ހާރު ކެއުމަކީ ޝަރްޠެއް ނޫނެވެ. އެހެންނަމަވެސް ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (تسحروا فإن في السحور بركة) މާނައަކީ: "ތިޔަބައިމީހުން ހާރު ކާހުށި ކަމެވެ. ހަމަކަށަވަރުން ހާރު ކެއުމަކީ ބަރަކާތްތެރި ކަމެކެވެ." والله أعلم

ރޯދަ އަށް ހުރެ ގަބުރުސްތާނަށް ޒިޔާރަތް ކުރުން

ރޯދަ އަށް ހުރެ ގަބުރުސްތާނަށް ޒިޔާރަތް ކުރުމަކީ ހުއްދަ ކަމެއްތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ރޯދަ އަށް ހުރެ ގަބުރުސްތާނަށް ޒިޔާރަތް ކުރުން މަނާ ކުރާނެ ދަލީލެއް ނެތެވެ. ގަބުރުސްތާނަށް ޒިޔާރަތް ކުރުމަށް އަމުރު ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (ألا فزوروها، فإنها تذكر الموت) މާނައަކީ: "ދަންނާށެވެ. ތިޔަބައިމީހުން ގަބުރުސްތާނަށް ޒިޔާރަތް ކުރާހުށި ކަމެވެ. ހަމަކަށަވަރުން އެއީ މަރު ހަނދާން ކޮށްދޭ ކަމެކެވެ." މިއިން ދޭހަކޮށްދެނީ ހުރިހާ ވަގުތެއްގައިވެސް ގަބުރުސްތާނަށް ޒިޔާރަތް ކުރެވޭނެ ކަމެވެ. ވަކި ވަގުތެއް ޚާއްޞަ ކުރެވިފައި ނުވާ ކަމެވެ.

عن أبي هريرة قال : قال رسول الله صلى الله عليه وسلم لأصحابه : " مَن أصبح منكم اليوم صائما فقال أبو بكر : أنا ، قال : فمن تبع منكم اليوم جنازة ؟ فقال أبو بكر: أنا ، قال: هل فيكم من عاد مريضاً ؟ قال أبو بكر : أنا ، قال : هل فيكم من تصدق بصدقة ؟ فقال أبو بكر : أنا ، قال : ما اجتمعن في امرئ إلا دخل الجنة " رواه مسلم މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މިއަދު ރޯދަވެރިއެއްގެ ގޮތުގައި ހެނދުނު ކުރީ ކާކުތޯއެވެ؟" އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މިއަދު ޖަނާޒާ އެއްގައި ބައިވެރިވީ ކާކުތޯއެވެ؟" އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މިއަދު ބަލިމީހަކަށް ޒިޔާރަތް ކުރީ ކާކުތޯއެވެ؟ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މިއަދު ޞަދަގާތެއް ކުރީ ކާކުތޯއެވެ؟" އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ތިމަންނާއެވެ." ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ކުރެ މީހަކު މިދެންނެވި ކަންތައް އެއްދުވަހާ ކޮށްފިނަމަ ސުވަރުގެ ވަންނަ ހުއްޓެވެ."

މިއިން ދޭހަކޮށްދެނީ ރޯދަ އަށް ހުރެގެން ގަބުރުސްތާނަށް ޒިޔާރަތް ކުރެވިދާނެ ކަމެވެ. والله أعلم

ހާރު ކާންވެސް އަދި ފަތިސް ނަމާދަށް ވެސް ހޭ ނުލެވިއްޖެނަމަ ރޯދަ ކަމުދާނެބާ؟

ހާރު ކާންވެސް އަދި ފަތިސް ނަމާދަށްވެސް ހޭނުލެވިއްޖެނަމަ އެދުވަހެއްގައި ރޯދަ ދޫކޮށްލާނީތޯ؟ ނުވަތަ ރޯދަ ކުރިޔަށް ގެންދަންވީތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ހާރު ނުކެވުމާއި ފަތިސް ނަމާދަށް ނުހޭލެވުމަކީ ރޯދަ ދޫކޮށްލަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިފަދަ ގޮތަކަށް ކަންތައް ދިމާވި ނަމަވެސް ރޯދަ ފުރިހަމަ ކުރަން ޖެހޭނެއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން