(ހަތްވަނަ ބައި)

މިފަހަރު ނަޖުދާއަކަށް ދެކޮޅު ހެދޭކަށް ނެތެވެ. މުފީދުގެ ބަސް އަހަން އޭނާއަށް މިފަހަރު މަޖުބޫރެވެ. އެގޮތަށް ކޮންމެ ފަހަރަކު ކާންގޮވަން މުފީދު ހުންނާނެ ހެއްޔެވެ؟ މުފީދުގެ ބަހަށް ނަޖުދާ ގޮސް އޭނާއާއި އެކީގައި ކެއުމަށް ފަހު ދެން ވާނެގޮތް މުފީދަށް ވިސްނޭނެ ނަމަ ހަމަ ޔަގީނުންވެސް އޭނާ އެކުއްޖާއާއިމެދު އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ.

އޭނާއާއި އެކީ ކެއުމަށްފަހު ދެން ވާނެގޮތް މުފީދަށް ވިސްނޭނެ ނަމަ ހަމަ ޔަގީނުންވެސް އޭނާ އެކުއްޖާއާއި މެދު އެގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. މުފީދު އެތަނުންދުރަށް ދިއުމުން ކެއި އެތިކޮޅުވެސް ނަޖުދާގެ ގޮހޮރުގައި ހުރިޔަކަ ނުދޭނެއެވެ. ވަދީފާ އެކުއްޖާއަށް އެވަރުކޮށްލާނެއެވެ.

ނަމަވެސް މުފީދުގެ އޯގާތެރިކަމާއި ހަމްދަރުދީ، ނޭގި ނަމަވެސް ނަޖުދާ މިފަހަރު ބަލައިގަތެވެ. މުފީދު ކަންތައް ކުރިލެއް ރަގަޅު ކަމުން ނަޖުދާގެ ހިތް ކުޑަ ހިނދު ކޮޅަކަށް ނަމަވެސް އުފަލުން ފުރުނު ކަހަލައެވެ. އުމުރުން މިވީ ހަތް އަހަރުގެ ތެރޭގައި ދުވަހަކުވެސް ނަޖުދާއަށް ލިބިފައިނުވާ ބައްޕަގެ ލޯބި މުޅި އުމުރަށް ލިބިފައިވާ ކަމުގައި އެފަކީރަށް އެވަގުތު އިހުސާސް ކުރެވުނެވެ. ދުވަހަކުވެސް އޭނާގެ ދުލުން ކިޔާލުމުގެ ފުރުސަތު ލިބިފައި ނުވާ ބައްޕަގެ ނަމުން ގޮވާލުމަށްވެސް ނަޖުދާގެ ހިތައް އެވަގުތު އެރިއެވެ. އެއަޑު އޭނާގެ އަގައިން ނުނިކުތް ނަމަވެސް އެބަސް ކިޔޭގޮތަށް ނަޖުދާގެ ދެތުންފަތް އެވަގުތު ހަރަކާތް ކުރިކަން ޔަގީނެވެ.

ކުޑަކުޑަ ނަޖުދާގެ އަތުގައި ހިފައިގެން މުފީދު ކާގެއާއި ދިމާއަށް ހިގައިގަތެވެ. އޭރު ޒަހާވެސް މުފީދު ކައިރީގާ ހުއްޓެވެ. މުފީދު ކަންތައް ކުރި ގޮތުން ކުޑަކުޑަ ޒަހާވެސް ހުރީ ވަރަށް އުފަލުންނެވެ. ހީވަނީ އެތައް ކަންތައްތަކެއް އެކުއްޖާއަށް އެނގޭ ހެންނެވެ.

މުފީދުގޮސް ނަޖުދާގެ އަތުގައި ހިފައިގެން ކާގެއަށް ވަތް އިރު ވަދީފާ އަޑުގަދަކޮށްލާފައި މޭޒު މަތީގައި ތަށިތައް ތަރުތީބު ކުރަނީ އެވެ. ނަޖުދާގެ އަތުގައި ހިފައިގެން މުފީދު ކާގެއަށް ވަތްތަން ފެނިފައި ވަދީފާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭރު އަތުގައި ހުރި ރިހަބޯތަށިވެސް އަތުން ދޫވެގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

"ކޮއްކޮ އިށީދެ މިގޮނޑީގަ... ޒަހާއްކޮ އާދެ މިފަރާތައް... ދެކުދިން ބައްޕަގެ ދެފަރާތުގަ ތިބޭނީދޯ؟.. މީ ބައްޕަގެ ގޮނޑި.."

ކާގެތެރެއަށް ވަދެ ދެކުދިން ދެގޮނޑީގައި ބައިންދަމުން މުފީދު ވާހަކަދެއްކިއެވެ.

ޒަހާއާއި ނަޖުދާ މޭޒުގެ ދެފަރާތުގައި ބޭތިއްބުމަށް ފަހު މުފީދު އިށީނީ މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައެވެ. އެމަންޒަރު ބަލަން ވަދީފާ ފާޑަކަށް މޫނު ހަދައިގެން ގަނޑުވެފައި ކަހަލަ ގޮތަކަށް ހުއްޓެވެ.

ހުއްޓެވެ. އެންމެ ފަހުން އެމަންޒަރު ބަލަން ވަދީފާގެ ހިތައްކުޅަދާނަ ނުވެގެން ދެބުމަ ގޮއްޖަހައިގެން ހުރެ ކާގެއިން ނިކުތީއެވެ.

"ބައްޕަޔާ ދައްތަ ކާންދެން ޒަހާއްކޮ އިންނާނީ ދޯ؟.."

ނަޖުދާގެ ތަށްޓައް ބަތް އަޅައިދެމުން މުފީދު ވާހަކަ ދެއްކިއެވެ. ނަޖުދާ އިނީ މުފީދުގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ބަލާށެވެ.

"ޒަހާއްކޮ ކައިފިން ދޯ ދައްތާ..."

ވަރަށް ތުއްތު ގޮތަކަށް ޒަހާ ވާހަކަދެއްކިއެވެ. ޒަހާގެ ބަހަށް ނަޖުދާ ޖަވާބުދިނީ އުފާވެރި ހިނިތުން ވުމަކުންނެވެ.

"ނަޖުދާ މާމަ ނާދޭތަ...؟ މާމަ ބަލިދީ ދޯ...؟ ރަށުގައި ހުއްޓަސް ބޭބެއަށްއަށް ވެސް މާމަ ގާތަށް ވަރަށް ނުދެވޭ.. ރަށުގައި ނެތް ހައެއްކަ މަސްދުވަހުގެ ތެރޭގައި ނަޖުދާ ތިހިރީ މާ ވަރަކަށް ބޮޑުވެފައި ވިއްޔާ ދޯ....؟ " ކޮށްކޮއަށް އެނގޭތަ... މިދައްތަ ކުރިން ހުންނާނީ ވަރަށް ކުޑަކުޑަ ކޮށް... ހަމަ ޒަހާއްކޮވަރު ވާނީ..."

ބަތްކަމުން ދޭތެރެ ދޭތެރެއިން މުފީދު ނަޖުދާއާއި ސުވާލުކޮށް ހަދަމުން ގެންދިޔައެވެ.

"އާނ!... މާމަ އަދި ނާދޭ.... ދައްތަ މިގެއަށް ލާފަ ދިޔައީދޯ؟.. ބައްޕާ ދެންމިދައްތަ ހުންނާނީ މިގޭގަތަ...؟

މުފީދުގެ ސުވާލައް ނަޖުދާ ޖަވާބު ނުދިނުމުން ކުޑަކުޑަ ޒަހާ ވާހަކަ ދައްކަން ފެށިއެވެ.

ކައިނިމިގެން މުފީދު ޒަހާގޮވައިގެން ވަނީ ގޭތެރެއަށެވެ. ނަޖުދާ ހިގައިގަތީ އޭނާ ކުރަމުން ގެންދިޔަ މަސައްކަތް ނިންމުމަށެވެ.

"މުފީދު މިއަދު ތިޔަ ކަންތައް ކުރިގޮތެއް އެއްގޮތަކަށްވެސް ރަގަޅެއް ނޫން... ތިޔަ ގޮތަށް ކަންތައް ކުރީމަ ވާނެ ގޮތަކީ އޭނާއަށް ސާހިބު މީހާ އޮޅޭނީ... ދުވަސް ކޮޅެއް ފަހުން ދެން ވާނީ މަކުނަށް ވީގޮތް..."

މުފީދު އައިސް ގޭތެރެއަށް ވަނުމުން ވަދީފާ އަނގަތަޅަން ފެށިއެވެ. ހަގީގަތުގައި މުފީދު އެކަންތައް ކުރި ގޮތުން ވަދީފާ ހުރީ ވަރަށް ނުރުހިފައެވެ. ނަޖުދާއަށް އެފަދަ ހެވެއް އެދުނީމަ އެވެ. އެހެން އެއްވެސް ކަމެއް ވެގެންނެއް ނޫނެވެ.

"ވަދީފާ... ރަނގަޅު ވާހަކައެއް ބުނަންތަ...؟ މިއީ އަޅުން ގެންގުޅޭ ޒަމާނެއް ނޫން... މިހާރު ސާހިބުމީހާ ސާހިބަކަށް ވާނީ އޭނާވެސް އެއީ ސާހިބުކަން ދަނެގެން،.. ވަދީފާ ތިޔަ ކަންތައް ކުރާ ގޮތަށް ކަންތައް ކުރުމުން ވަދީފާ ވާނީ ސާހިބަކަށްނޫން..... ހަރުކަށި ޖާހިލަކަށް..."

ވަދީފާއަށް މުފީދު މިފަހަރު ޖަވާބު ދިނީ ވަރަށް ހަރުކަށި އިބާރާތުންނެވެ. ހިތްހަމަ ނުޖެހި ހުރެއެވެ.

ނަޖުދާ ތެލިތައް ދޮވެ ނިންމާ ލުމަށްފަހު ތެލިތައް ބަދިގެއަށް ލާފައިއައިސް އަނެއްކާވެސް ޖޯލީގައި އިށީދެލައިގެން އެކަނިވެފައި އިނެވެ. ކުޑަކުޑަ ނަޖުދާގެ މޫނުމަތިން ފެންނަމުން ދަނީ ފޫހި ކަމާއި މާޔޫސް ކަމެވެ. އެކަނިވެރި ކަމެވެ.

ހަވީރުގެ ފިނިޖެހިލުމުން މުފީދު ދެކުދިން ގޮވައިގެން ރަށުތެރޭގައި ހިގާލަން ނިކުތީއެވެ. ވަދީފާ އޭރު އުޅެނީ އެއްޗެހި ދޮވުމުގެ މަސައްކަތުގައެވެ. ނަޖުދާގެ ކަންތަކުގައި މިފަހަރު އޭނާއަށް ކުރި ނުލިބުމުގެ ސަބަބުން ހިތްހަމަ ނުޖެހި ހުރެއެވެ.

"ދަރިފުޅާ ނަޖުދާ..."

މާމަގެ އަޑު އިވުމުން ނަޖުދާ ދިޔައީ ސިއްސައިގެންނެވެ. މާމައައި އިރެއް ވެސް އައި ކަމެއްވެސް ނަޖުދާ ނުދެނެހުއްޓެވެ. ކުއްލިއަކަށް މާމައައިސް ކުރިމަތީގައި ހުއްޓުނުތަން ފެނުމުން ނަޖުދާއަށް ލިބުނީ ކުއްލި ޚައިރާން ކަމެކެވެ.

ހަލީމާ ފެނުމުން ނަޖުދާ ވީ އުފަލުން ރޮވުނެވެ. ހަލީމާވެސް ހަމަ އެހާ އުފާވިއެވެ. ހީވަނީ އެތަކެއް އަހަރު ތަކެއް ވަންދެން ނުފެނި ތިބެފައި ފެނުނު ބައެއް ހެންނެވެ.

"މާމާ!... އަހަރެން ގެންދޭ.... އަހަރެން މިގެއަކު ނޫޅޭނަން... އެދައްތަ ވަރަށް ގޯސް... އަބަދު ކޮއްކޮއާއި ދިމާއަށް ހަޅޭލަވަނީ..."

ނަޖުދާ މާމަ ގައިގާ އޮޅުލަ އޮޅުލާފައި ރޮމުން ވާހަކަ ދައްކަމުން ގެންދިޔައެވެ. ނަޖުދާގެ ވާހަކަތައް އަޑުއަހާފައި ހަލީމާވެސް ދެރަވެގެން ރޯން ފެށީއެވެ. ނަޖުދާ ދެއްކި ވާހަކަތަކުގެ އެއްވެސް އެއްޗެކޭ ބުނުމުގެ ބާރެއް ހަލީމާގެ ދުލުގައި ނެތް ކަހަލައެވެ.

"މާމާ!.. މާމަ ނުގެންގުޅެންޏާ... ދެން އަހަރެން މަންމަ ކައިރިއަށް ގެންދަން ވީނު.. އެހެންމީހަކު ނުބެލިޔަސް މަންމަ އަހަރެން ބަލާނެއެއްނު... މަންމަ ވަރަށް ލޯބިވެސް ވާނެއެއްނު...؟ މަންމަ ރުޅިއެއްވެސް ނާންނާނެއެއްނު...؟"

ނަޖުދާ ދެއްކި ވާހަކައަށް ހަލީމާ އެއްޗެކޭ ނުބުނުމުން ނަޖުދާ އިތުރަށް ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އަވަހަށް ހިގާ ދާން، މާމަ މިއައީ ދަރިފުޅު ބަލައި... ދަރިފުޅު މަންމަ ކައިރިއަށް ގެންދަންވެގެން ބަލައި މިއައީ."

ހަލީމާ ނަޖުދާއާއި ވާހަކަދައްކަންފެށިއެވެ. ހަލީމާގެ މިވާހަކަތައް އަޑު އިވުމާއިއެކު ނަޖުދާ އުފަލުން ފޮޅުނެވެ. ވީއުފަލުން މާމަގެ އަތުގައި ހިފައިގެން ހިފައިގެން އަވަސް އަވަހަށް ހިގައި ގަތެވެ. ނަޖުދާ ބޭނުންވީ ވަދީފާއަށް އެކަން އެގުމުގެ ކުރިން އަވަހަށް އެގެއިން ނިކުމެގެން ދާށެވެ.

މާމަ ނަޖުދާގެ އަތުގައި ހިފައިގެން ހިގާލެއް ބާރު ކަމުން ނަޖުދާ ހުރީ ޚައިރާންވެ ސުވާލު އުފެދިފައެވެ. އެހެނީ މާމަގެ ބަލިކަމާއި މާމައަށް ހިނގާބިގާވެ އުޅެވޭ ވަރު ނަޖުދާއަށް ރަގަޅަށް އެގެއެވެ.

ހަލީމާ ނަޖުދާގެ އަތުގައި ހިފައިގެން ގޮސް ހުއްޓުނީ ވަރަށް ރީތިކޮށް ހަދާފައި ހުރި ގެއެއްގެ ކައިރިއަށެވެ. ހަލީމާ އެގޭގެ ދޮރާށްޓާއި ދިމާއަށް ދާން ފެށުމުން ނަޖުދާ ވަރަށް ޚައިރާންވިއެވެ.

މާމާ... މިއީ ކޮން ގެއެއް...؟ މިއީ ހާދަ ރީތި ގެއެކޭ ދޯ...؟"

,

ނަޖުދާއަށް އަނގަ މަޑުންލައިގެން ނުހުރެވިގެން މާމައާއި ސުވާލު ކޮށްލިއެވެ.

ނަޖުދާގެ ސުވާލައް އެއްވެސް ޖަވާބެއް ނުދީ ހަލީމާ ނަޖުދާގެ އަތުގައި ހިފައިގެން އެގޭ ދޮރޯށިން އެތެރެއަށް ވަނެވެ.

"މިއީ ދަރިފުޅުގެ ގެ... މިއީ ދަރިފުޅުގެ މަންމައާއި ބައްޕަގެ ގެ... އިރުކޮޅަކުން ދަރިފުޅުގެ މަންމަ އަންނާނެ.. ދަރިފުޅުގެ ބައްޕަ މިހާރުވީތަނެއް މާމައަކަށް ނޭގޭ... ދެން މާމަ ދަނީ..."

މިހެން ބުނެފައި ހަލީމާ ހިގައިގަތީ ދޮރޯށްޓާއި ދިމާއަށެވެ. ހަލީމާ ދޮރާށިން ނިކުމެގެން ދިޔައިރު އެދިމާއަށް ބަލަހައްޓައިގެން ނަޖުދާ ހުއްޓެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން