(ހަތަރުވަނަ ބައި)

ނަޖުދާ އެގޮތަށް ޖޯލީގައި އެކަނި އިނދެ ރޮއިރޮއި ވަރުބަލި ވެގެން އެންމެ ފަހުން ހުއްޓާލީއެވެ. ކުޑަކުޑަ ނަޖުދާ މިހާރު އިނީ ފެންބޮވައިގަނެގެން ކުޑަ ދޫ ނިކުންނަ ހިސާބަށް ގޮސްފައެވެ.

ވަދީފާ ދެކުދިން ގޮވައިގެން އެތެރެއަށް ވަތް ގޮތަށް އަދިވެސް ނުނިކުމެއެވެ. މިހާރު މެންދުރުން އަނބުރައި ދިޔައީއެވެ. ގަޑިން ވާވަރު ތަސައްވަރު ނުކުރެވުނު ނަމަވެސް މިހާރު ނަޖުދާއަށް ވަރަށް ބޮޑަށް ބަނޑުހައިކަން އިހުސާސް ކުރެވެން ފަށައިފިއެވެ. އެންމެފަހުން އެހެން އިނދެ ފޫހިވެގެން ނަޖުދާ ގޭތެރޭގެ އެކި ދިމަދިމާއަށް ކަޅިހިންގާން ފެށިއެވެ.

ވަށައިގެން ރަގަޅަށް ހޯދާ ބަލައިލުމަށްފަހު މަޑުމަޑުން ޖޯލިން ތެދުވެއްޖެއެވެ. އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޖޯލީގެ ފުރަގަހުގައި ހުރި ފެންނަގާ ޕަންޕުގައެވެ. ނަޖުދާގެ މާމަމެންގެ ގޭގައިވެސް އެކަހަލަ ފެންވަޅެއް ހުރުމާއެކު އެއީ ކޮންބޭނުމެއްކުރާ ކޮންއެއްޗެއްކަން ވިސްނައިގަނެވުނެވެ.

އެފެންވަޅު ފެނުމުން އޭނާ ވަރަށްއުފާވިއެވެ. އޭނާ އޭރު ހުރީ ވަރަށް ބޮޑަށް ފެންފޮދަކަށް ބޭނުން ވެފައެވެ. ފެންބޮވައި ގަނެގެން ދެކަޅި އަރައިފައެވެ.

ނަޖުދާއަށް ބޭއިހުތިޔާރުގައި އެވަޅާއިދިމާއަށް ދުއްވައި ގަނެވުނެވެ. އަވަސް އަވަހަށް ގޮސް ޕަންޕު ދަށުގައި ހުރި ތެލީގެ ތެރެއަށް ބަލައިލިއެވެ. އޭގައި ފެންހުންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ކައިރިއަށް ހުއްޓި ތެލީގެ އެތެރެއަށް ބަލައިލުމަށް ފަހު އޭނާގެ ކަރުއެލުނެވެ. އުއްމީދުތައް ވިއްސި ވިހާލިވެގެން ދިޔަ ކަހަލައެވެ. އެތެއްޔަކު މީހަކު ބޯނެވަރަކަށް ފެނެއް ނެތެވެ. ކިލަނބު ވެފައި ހުރި ފެންފޮދެއް ތެލީގެ ފުލުގައި ހުއްޓެވެ.

ވަރަށް މާޔޫސް ކަމާއެކު ނަޖުދާ ޕަންޕައް ބަލާލިއެވެ. އެއީ ދޯނި ފަހަރުގައި ދިޔަ ހިއްކަން ހަދާފައި ހުންނަ ކަހަލަ އަތު ޕަންޕަކެވެ. ޕަންޕު ހަލުވައިލެވޭތޯ އޭނާ ޕަންޕުގައި ހިފައި ތަޅުވަން ފެށިއެވެ. ނަމަވެސް އެއިން ފެންފޮދެއް ނެގޭ ވަރަށް ހަލުވައި ލެވޭވަރެއް ނުވިއެވެ. އެންމެ ފަހުން ވަރުބަލި ވެގެން އެކަން ހުއްޓާލާފައި ތެލީގެ ކައިރީގައި އިށީނދެ އޭގެ ފުލުގައިހުރި ފެންފޮދު ނެގޭނެ ގޮތަކާއި މެދު ވިސްނާލިއެވެ.

އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ ވަދީފާގެ ދެކުދިން ކުޅެން ގެންގުޅެފައި އެއްލާލާފައި އޮތް ނާށި ގަނޑެކެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެ ނާށިގަނޑު ނަގައިގެން އައިސް ތެލި އަރިކޮށްލައިގެން އޭގައި ހުރި ކުޑަ ފެންފޮދު ނަގާ ނާށީގައި އަނގަޖެހިއެވެ.

"އޭތް... މިހިރަ ގޮތްކުޑަ ކުއްޖާ... ކީއް ތިޔަ ކުރަނީ؟..."

ވަދީފާގެ އަޑަށް ކުޑަކުޑަ ނަޖުދާ ދިޔައީ ސިއްސައިގެންނެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ނާށިގަނޑު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ނަޖުދާއަށް ބިރުންގޮސް ހުރިތަނަށް ދެކަމު ހާޖަތަށް ނުދެވުނީވެސް ހަމަ ކިރިޔާއެވެ. ވަދީފާގެ އަޑުފަށްގަނޑު އެހާވެސް ބާރެވެ.

ވަދީފާގެ ހަޅޭކުގެ އަޑަށް ނަޖުދާ ހުރީ ހުއްޓުން އަރާފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ.

"ތުއްތު ބަބައަކަށް ހެދިގެން ވެއްޔާ ކުޅެނީދޯ؟... ތިޔަފާޑަށް އުޅޭނީ ކަލޭގެ މާމަ ކައިރީގަ... މަގޭ ގާތުގަ ޅަވާން އުޅޭނެ ކަމެއްނެތް... ބަދިގެއަށް ގޮސް އެތާހުރި ގަރުދިޔަ ކެއްކި ތެއްޔާއި މަސްތެލުލާ ތާސް ނެރެގެން އައިސް ތިޔަތާ އިނދެ ރީތިކޮށް ދޮވޭ..."

ނަޖުދާއާއި އެތައް ހިސާބެއް ދުރުގައިހުރެ ވަދީފާ ބާރުބާރަށް، އަމުރުވެރި ރާގެއްގައި ވަރަށް ހަރުކަށިކޮށް ވާހަކަ ދައްކަމުން ގެންދިޔައެވެ. އޭރު ވަދީފާގެ ފަހަތުން ކަހަލަ ގޮތަކަށް އޭނާގެ ދެކުދިން ގޭތެރެއިން ނިކުމެއެވެ.

"ދަރިފުޅުމެން ދެކުދިން ރީތިކޮށްގޮސް ޖޯލީގައި އިށީދޭ... މަންމަ މިއަންނަނީ ބަތް މޮޑެގެން..."

ދެކުދިންގެ ގާތުގައި ޖޯލީގައި އިށީންނަން ބުނެފައި ވަދީފާ ވަނީ ކާގެތެރެއަށެވެ. ޖޯލީގައި އިށީންނަން ދިޔަ ދެކުދިން ނަޖުދާ ފެނިފައި ޖޯލިފަތި ކައިރީ ހުއްޓި ތިބީއެވެ.

އޭރު ނަޖުދާ ހަދާނެ ގޮތް ހުސްވެ ކަންބޮޑުވެފައި ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ވަދީފާ ބަދިގެއަށް ދާށޭ ބުންޏަސް ބަދިގެއަކީ ކޮބައިކަމެއް އަދި ކާގެއަކީ ކޮބައިކަމެއްވެސް އޭނާއަކަށް ނޭގެއެވެ. ނަޖުދާއަކީ އެގޭގެ މާހައުލަށް އަދި ވަރަށް ބީރައްޓެހި ކުއްޖެއްކަން ޚުދުވަދީފާއަށްވެސް އެގޭނެއެވެ.

"މަންމަ ބުނީމެއްނު ބަސްއަހައިގެން ޖޯލީގަ އިށީނދެ ތިބޭށޭ... ކީއްވެ ކޮޅަށް ތިޔަ ތިބީ..."

ބަތްތަށި ހިފައިގެން ކާގެއިން ނުކުމެ ވަދީފާ ދެކުދިންނާ މުހާތަބުކޮށް ބުންޏެވެ. އޭނާގެ އަޑު އިވުމާއެކު ދެބެން ބިރުން އަވަސް އަވަހަށް ޖޯލީގައި އިށީނެވެ.

"ބަލަ... އަދިވެސް ހަމަ ހުރިތާ.... ކަލޭ ތިހިރީ ގަބުއަރާފަތަ؟.. ނޫނީ އުޑި އަރާފަތަ؟.. ބަލަ މިހިރަ ގަމާރާ... މަބުނި އެއްޗެއްގެ އަޑު ނީވެނީތަ؟... މަބުނީ ތިޔަތާ ޖެހި ބުދެއްހެން ހުންނާށޭތަ؟... ދޭ!.. ހަމަ މިހާރުދޭ!... ތިހިރަ ތިންދޮރުން ވަދެ އަމިއްލައަށް ބަދިގެ ހޯދާބަލާފަ ތެލިތައްވެސް ހޯދާ!.. "

ވަދީފާ ބަތްތަށި ހިފައިގެން އައިސް ޖޯލި ކައިރިއަށް ހުއްޓުނު އިރު ނަޖުދާ ހުރި ގޮތް ފެނިފައި އަނެއްކާވެސް ހަމަލާއެއް ފޮނުވާލިއެވެ.

"މަންމާ!... ޒަހާއްކޮ ދަންތަ އެ ދައްތަޔަށް ބަދިގެދައްކަން... އެދައްތަޔަކަށް ނޭގޭނެއެއްނު... ބަދިގެކަމަށް އަނެއްކާ ދައްތަޔަށް ގިފިއްޔަށްވެސް ވަދެވިދާނެ ދޯ ކޮއްކޯ.."

ވަދީފާގެ ދޮށީދަރިފުޅަށް މަޑުންނީދެވިގެން އެދޭތެރެއަށް އަގަކޮށްޕާލިއެވެ.

"ޒަހާ ގާތުގަ މިހާރު އެތައް ފަހަރަކު ބުނެފިން، ބޮޑެތި މީހުން ދައްކާ ވާހަކައަށް އަނގަ ނުބާނާށޭ.. އޭނަގެ ވާހަކަ ދައްކާނެ ކަމެއް ނެތް... އެއީ ބަސްނާހާ ގޯސް ކުއްޖެއް... މަންމަ ބުނަމެއްނު... ބަސްނާހާ ގޯސް ކުދިންނާ ވާހަކަ ނުދައްކާށޭ..."

ވަދީފާ ކުޑަކުޑަ ޒަހާއަށް ވިސްނުނު ރަނގަޅު ގޮތް ބަދަލުކޮށްލުމަށް މަސައްކަތް ކުރުމުގެ ގޮތުން ބުނެލިއެވެ. ހަގީގަތުގައި ވަދީފާ ބޭނުން ވަނީ އެކުދިންނާ ނަޖުދާއާއި ދެމެދުގައި އެއްވެސް ގުޅުމެއް ބޭއްވިޔަ ނުދޭށެވެ.

ކުޑަކުޑަ ނަޖުދާގެ ކުރިމަތީގައިވާ މަޖުބޫރީ ހާލަތު އޭނާއަށް ނުވިސްނުނު ނަމަވެސް ވަދީފާދެކެ ބިރުން ހުރެ ވަދީފާ އެބުނި ތިންދޮރާއި ދިމާއަށް އޭނާ ހިގައިގަތެވެ. ވަދީފާ އެބުނި ތިން ދޮރުގެ ތެރެއިން އެއްދޮރަކީ މާމަ ނަޖުދާގެ ހެދުން ކޮތަޅު ބަހައްޓަން ވަތްދޮރެވެ. ދެންމެ ވަދީފާ ކުދިންނަށް ބަތް މޮޑެގެން އެނުކުތީ އެއާއި ޖެހިގެން ހުރި ދޮރުންނެވެ. އެހެންވެ ދެން ހުރި ދޮރުވާނީ ބަދިގެއަށްކަން ނަޖުދާއަށް ވިސްނައިގަނެވުނެވެ.

އުމުރުން އަދި އެންމެ ހަތް އަހަރު ވީނަމަވެސް ނަޖުދާއަކީ ވަރަށް ވިސްނުން ތޫނު ޚިޔާލު ތަނަވަސް ކުއްޖެކެވެ. އޭނާ ހަލީމާއާއި ކުރާ ދުނިޔަވީ ސުވާލު ތަކުން ބައެއް ފަހަރު ޖަވާބުދޭން ވެސް އުނދަގޫވެއެވެ. އެސުވާލު ތަކަށް ޖަވާބުދޭން ގިނަ ފަހަރަށް ހަލީމާއަށް އޮންނަނީ ނުކުޅެދިފައެވެ.

"ދައްތާ!... ތިއެއްނޫން، އެންމެ އެކޮޅަށް... ދެންހުރިދޮރު..."

މަންޒަރު ބަލާން އިން ކުޑަކުޑަ ޒަހާއަށް ނުއިދެވިގެން އަތް ދިއްކޮށްކޮށްފައި ނަޖުދާ ވަންނަންވީ ދޮރު ދައްކަން ފެށިއެވެ. ނަޖުދާއާއި އެއްކޮޅަށް ބަހެއް ބުނެގެން ވަދީފާ އެކުއްޖާއަށް އެތިވަރު ގޮވީ އަދިދެންމެއެވެ. ނަމަވެސް ނަޖުދާ ލޮލަށް ފެނުނު އެންމެ ފުރަތަމަ ވަގުތުން ފެށިގެން އޭނާއަށް، ހިތުން ޚާއްޞަ ކަނެއް ދީފައިވާ ޒަހާ އެވަގުތު އެކަމެއް ހަދާނެއްނެތެވެ.

ވަދީފާގެ ހަޅޭކުގެ އަޑުން މުޅިތަން ދިޔައީ ގުގުމައިގެން ނެވެ. އޭނާގެ ގަދަ އަޑުފަށްގަނޑު އެހިސާބު ގަނޑުގެ އެތައް ގެއެއް ފަހަނައަޅާ ދާނެކަން ކަށަވަރެވެ. ވަދީފާ ހަޅޭއްލަވައި ގަތުމުން ޒަހާ ވަގުތުން ފެންކަޅިވިއެވެ. ޒަހާކައިރީގައި އިން ހަތަރު އަހަރަށްދާ ކުޑަކުޑަ ނިހާން ދިޔައީ ސިއްސައިގެން ނެވެ. އެވަގުތު ބަދިގޭ އޮޅިގަނޑު މަތިން ގިރާ ކޮށްކޮށް ހުރި ނަޖުދާ ބިރުން ގޮސް ދެފައި އޮޅި އޮޅިގަނޑުގައި އަޅައިގަނެފައި ބަނޑުވަތައް ބަދިގެ ތެރެއަށް ވެއްޓުނީއެވެ.

"އަސްތާ ހާދަ އަޑުގަދަ ކޮށްލައިގެން ތިޔަ އުޅެނިއްޔޯ؟..."

މުފީދުގެ އަޑު ޖެހުމުން ވަދީފާގެ ތިންމައިން ދިޔައީ ސިއްސައިގެންނެވެ. ބައްޕަ ފެނުމާއެކު ޒަހާއާއި ނިހާން ވަގުތުން ޖޯލިން ފުންމާލައިގެން ގޮސް ބައްޕަ ގައިގާ އޮޅުލައިގަތެވެ.

"އަންގާވެސް ނުލާ!... ކިހިނެއް ތިޔަހެދީ؟.. ކޮން އިރަކު އައީ؟.."

ކުއްލިއަކަށް މުފީދު ފެނުމުން ވަދީފާ ޚައިރާން ކަމާއެކު ސުވާލުކުރަން ފެށިއެވެ.

"ހަމަ ގަސްތުގަ އަންނަކަން އަންގައި ނުލީ... ދެންމެ އަކު ލެފީ... ރިޒޯޓު މަރާމާތު ކުރާތީ ޗުއްޓީއެއްލިބުނީ.. އަތޮޅު ދޯންޏަކުން މިއައީ... އެމީހުން ރަށަށް ޖައްސައިދޭނަމޭ ބުނީމަ އެދޯނިން މިއައީ..."

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން