ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްލައިފާ ވަނިކޮށް ގަޟާ ނުކުރެވި ދުނިޔެ ދޫކޮށްފައިވާ މީހާގެ މަތިން ރޯދަ ހިފުން

ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްލާފައި، އެރޯދަ ގަޟާ ނުކުރެވެނީސް އެމީހާ މަރުވެއްޖެނަމަ ކަންކުރާނީ ކޮންގޮތަކަށްތޯ؟ މީހަކު މަރުވާ އިރު އެމީހަކު ހިފަން ޖެހޭ ރޯދަ އެއް އޮތްނަމަ ގާތްތިމާގެ މީހުން އެރޯދަ އެއް ހިފާށޭ އޮންނަ ޙަދީޘެއް އަޑު އަހަން، މިޙަދީޘްގެ މުރާދަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ފަސޭހަވާނެ ކަމުގެ އުއްމީދެއް ނެތް ބަލީގައިވާ މީހާ ގެ މައްޗަށް ރޯދަ ހިފުމެއް ނެތެވެ. އަދި ގެއްލުނު ރޯދަ ގަޟާ ކުރުމެއްވެސް ނެތެވެ. އޭގެ ބަދަލުގައި ގެއްލޭ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. އޭނާ ދުނިޔޭގައި ހުރެއްޖެނަމަ އެކަން އަމިއްލަ އަށް ކުރާނީއެވެ. ނިޔާވެފައިވާނަމަ ވާރުތަވެރިން އެކަން ކުރާނީއެވެ.

އެހެންނަމަވެސް، އެމީހެއްގެ ބައްޔަކީ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔަކަށް ވަނީނަމަ، ބަލީގެ ސަބަބުން އެމީހެއްގެ މައްޗަށް ރަމަޟާން މަހު ރޯދަ ހިފުން ވާޖިބު ވެގެންނެއް ނުވެއެވެ. އޭގެ ބަދަލުގައި ބަލި ފަސޭހަ ވުމުން އެހެން ދުވަސްތަކެއްގައި އެރޯދަ ގަޟާ ކުރާނީއެވެ. ބަލި ފަސޭހަ ނުވުމުގެ ސަބަބުން ރޯދަ ގަޟާ ނުކުރެވި ވާނަމަ، އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. ރޯދަ ހިފުމެއްވެސް އަދި މިސްކީނަކަށް ކާންދިނުމެއްވެސް ނެތެވެ. އަދި އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދޭކަށްވެސް އަދި މިސްކީނުންނަށް ކާންދޭކަށްވެސް ނުޖެހޭނެއެވެ.

އެހެންނަމަވެސް، ރޯދަ ގަޟާ ކުރުމުގެ ފުރުޞަތުލިބި، އެކަން ނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދިނުމަކީ އެދެވިގެންވާ ކަމެކެވެ. ވާރުތަ ވެރިންނަށް އެރޯދަތައް ހިފައިދިނުން އުނދަގޫ ކަމަކަށް ވެއްޖެނަމަ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ ) މާނައަކީ: "މީހަކު މަރުވާ އިރު އެމީހަކު ހިފަން ޖެހޭ ރޯދައެއް ވާނަމަ އޭނަގެ ވަލީވެރިޔާ އެރޯދަ އެއް ހިފާ ހުށިކަމެވެ." މިޙަދީޘްގެ މުރާދަކީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެ ފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިން ރޯދަ ހިފައިދިނުމެވެ. والله أعلم

ރޯދަ އަށް ހުރުމަށް ދުލުން ނިޔަތް ކިޔުމަކީ ބިދްޢަ އެކެވެ.

ބައެއް މީހުން ރޯދަ އަށް ހުރުމަށް ދުލުން ނިޔަތެއް ކިޔާ އުޅެއެވެ. މިއީ ރަގަޅު ކަމެއްތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ހުރިހާ ޢަމަލުތަކެއްވެސް ގަބޫލު ކުރެއްވުން ބިނާވެގެންވަނީ ނިޔަތަށެވެ. ނިޔަތަކާއި ނުލާ ކުރާ އެއްވެސް ޢަމަލަކީ ﷲ ގަބޫލު ކުރައްވާނެ ޢަމަލެއް ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (إِنَّمَا الأَعْمَالُ بِالنِّيَّاتِ ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى) މާނައަކީ: "ހަމަކަށަވަރުން ޢަމަލުތައް ގަބޫލު ކުރެއްވުން ބިނާވެގެން ވަނީ ނިޔަތަށެވެ. ކޮންމެ ނަފްސަކަށްވެސް އޮތީ އެމީހަކު ނިޔަތް ގަން ކަމެކެވެ."

ރޯދަ އަށް ހުރުމަށް ނިޔަތް ގަންނަން ޖެހޭނީ ރޭގަނޑުއެވެ. ފަތިސް ވުމުގެ ކުރިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ لَمْ يُجْمِعْ الصِّيَامَ قَبْلَ الْفَجْرِ فَلا صِيَامَ لَهُ ) މާނައަކީ: "ފަތިސް ވުމުގެ ކުރިން ރޯދަ އަށް ހުރުމަށް ނިޔަތް ނުގަންފި މީހަކަށް ރޯދަ އެއް ނުވެއެވެ". އެހެން ޙަދީޘެއްގައިވެއެވެ. (مَنْ لَمْ يُبَيِّتْ الصِّيَامَ مِنْ اللَّيْلِ فَلا صِيَامَ لَهُ ) މާނައަކީ: "ރޯދަ އަށް ހުރުމަށް ރޭގަނޑު ނިޔަތް ނުގަންފިނަމަ އެމީހަކަށް ރޯދަ އެއް ނުވެއެވެ". ޔަޢްނީ: ރޯދަ އަށް ހުރުމަށް ނިޔަތްގަނެ، އެކަމަށް ރޭގަނޑު ޢަޒުމް ނުކޮށްފި މީހާ އަށް ރޯދަ އެއް ނުވުމެވެ.

ނިޔަތުގެ މަޙައްލަކީ ހިތެވެ. ނުވަތަ ނިޔަތް ގަންނަން ޖެހެނީ ހިތުންނެވެ. މާދަމާ ރޯދަ އަށް ހުރުމަށް ހިތުން ނިޔަތް ގަންނާނީ އެވެ. ދުލުން ނިޔަތް ކިޔާކަށް ނުޖެހޭނެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ- އެކަލޭގެފާނުގެ އަލްއިޚްތިޔާރާތު އޭ ކިޔުނު ފޮތުގެ 191 ވަނަ ޞަފްޙާ ގައި ވިދާޅުވެފައިވެއެވެ. "މާދަމާ ރޯދަ އަށް ހުރުމަށް ހިތަށް އަރުވައިފިނަމަ ރޯދަ އަށް ނިޔަތް ގަނެވުނީއެވެ."

ރޯދަ އަށް ހުރުމަށް ނިޔަތް ގަންނާނީ ކޮންގޮތަކަށްތޯ ސަޢޫދީގެ ފަތްވާ ކޮމެޓީ އާއި ސުވާލު ކުރެވުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ.

"ރޯދަ ހުރުމަށް ޢަޒުމް ކަނޑައެޅުމުން ނިޔަތް ގަނެވުނީއެވެ. ކޮންމެ ރެއަކުވެސް އަނެއް ދުވަހު ރޯދަ ހިފުމަށް ނިޔަތް ގަންނަން ވާނެއެވެ."

ބައްލަވާ: ފަތާވާ އައްލަޖްނަތުއްދާއިމާ ( 10-246). والله أعلم


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން