(ފުރަތަމަ ބައި)

ހަލީމާ ކުޑަކުޑަ ނަޖުދާގެ އަތުގައިހިފައިގެން މަގުގެ އެއްކައިރިން ހިގަމުންދެއެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވުމުގެ ސަބަބުން ކުރިއަށް ދެވެނީ ވަރަށް މަޑުންނެވެ. ކުޑަ ތަންކޮޅަކަށް ހިނގާ ލުމަށްފަހު ގިނަ އިރު ހުންނަންޖެހެނީ ހުއްޓިއެވެ. އުމުރުން ދުވަސްވެ މުސްކުޅިބަލީގެ ސަބަބުން ފައިކޮޅުގެ ބާރު ދެރައީއެވެ. ހިގާބިގާވެ އުޅުމަށް ދަތީއެވެ.

"މާމާ ތިޔަށްވުރެ ތަންކޮޅެއް ބާރަކަށްނުހިގޭނެތަ؟.. "

ހަމަބުއްދި ނުޖެހޭ ކުޑަކުޑަ ނަޖުދާ މާމަގެމޫނަށް ބަލަން ހުރެފައި ސުވާލުކޮށްލިއެވެ.

ނަޖުދާގެ ސުވާލުގެ ޖަވާބުގައި މާމަހިނިތުން ވެލިއެވެ.

"މާމައަށް ނުހިގެނީ ދޯ؟ މާމަ އަބަދުތިޔަ ހުންނަނީ ތަންތާ ހިފާއްޓައިގެން ހުއްޓިއެއްނު،.. ތިޔަ ކޮތަޅު ބަރީދޯ... އެހެންނޫންވާނީ،.. މާމަ މަގޭހުރިހާ ހެދުމެއް އެޅީވިއްޔަ..."

ހަލީމާގެ އިގިލި ކުރީގައި ހިފަހައްޓައިގެން ނަޖުދާ ހުއްޓުމެއް ނެތި އަނގަތަޅަމުން ދިޔައެވެ.

ހަލީމާގެ މޫނުމަތީގައިވާ މާޔޫސްކަމާއި ނުތަނަވަސް ކަމުގެ އެއްވެސް އަސަރެއް އެކުޑަކުޑަ ނަޖުދާއަކަށް ނުކުރެއެވެ. ވާނީވެސް އެހެންނެވެ. އެކުއްޖާފުޅަކީ އަދި އެފަދަ ކަމެއްގެ

އިހުސާސްކުރެވޭ ވަރަށް ވުރެ މާހަގު ކުއްޖެކެވެ.

ހަލީމާގެ ލޮލުންހިލެމުންދާ ކަރުނަތައް ނަޖުދާއަށް ނުދެއްކުމަށް އޭނާވަރަށް މަސައްކަތްކުރެއެވެ. ކިތަންމެ ކުޑަޔަސް އޭނާއަށް އެކަމުން ކޮންމެވެސް އެއްޗެއް ވިސްނިދާނެތީ އެވެ. އެކަމާއިމެދު ސުވާލު ކުރާނެތީއެވެ.

ނަޖުދާއަކީ ހަލީމާގެ މާމަ ދަރިއެއް ކަމަކު އޭނާ އެކުއްޖާބަލާ ބޮޑުކޮށްފައިވަނީ އަމިއްލަ އުފަން ދަރިއަކު ފަދައިންނެވެ. މަންމައާއި ބައްޕަގެ ލޯބި އޭނާއަށް ދެވުނު އެންމެރަގަޅަކަށް އެކުއްޖާއަށް ވަނީ ދީފައެވެ.

މިހާރު އުމުރުން ހަތް އަހަރު ފުރިހަމަ ވެފައިވާ ނަޖުދާ އުފަންވި ވަގުތުން ފެށިގެން މިއަދާއި ޖެހެންދެންވެސް އޭނާބަލާ ބޮޑުކުރުމުގެ ޒިންމާ އުފުލަމުން ގެންދަނީ ހަލީމާ އެވެ. މިހާތަނަށް އެއީ ހަލީމާގެ ބަނޑުން ނުއުފަންނަ ހަލީމާގެ ދަރިއެކެވެ.

ނަމަވެސް މިއަދު ހަލީމާ ވަނީ މުސްކުޅިވެ އެފަދަ ޒިންމާއެއް އުފުލޭ ވަރަށްވުރެ ގައިބާރު ދެރަވެ ލޯބޯ ކޮށިވެފައެވެ. އޭނާއަކީ މިއަދު އޭނާގެ އަމިއްލަ ހާލާއިގެން ވެސް އުޅެވޭ ވަރުގެ މީހެއް ނޫނެވެ. ނަޖުދާ ދޫކޮށްލަން ކިތަންމެ ބޭނުން ނުވި ނަމަވެސް މިއަދު އެނޫންގޮތެއް އޭނާއަކަށް ނެތެވެ،

ވަދީފާގެ ގެއާއި ހަމައަށް ދެވުނުއިރު ހަލީމާ ހުރީ ދެވަރުން އެއްވަރު ވެފައެވެ. އަނބުރައިގަންނަ ގޮތްވެފައެވެ. މޫނު މައްޗަށް ކުދި ކޮކާ ބުރާލާފައެވެ.

ހަލީމާ މަޑުމަޑުން ގޭގެދޮރާށި ހުޅުވާލާފައި ގޭތެރެއަށް ވަނެވެ. ގޭގެ މެދު ފެންޑާއާއި ހިސާބަށް ދެވުނު އިރުވެސް އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތެވެ. ހަލީމާގެ ތުރުތުރުއަޅާ އަޑުން ދެތިން ހަތަރު ފަހަރަކު އޭނާގެ ދަރިފުޅު ވަދީފާގެ ނަމުން ގޮވައިލިއެވެ.

ގޭތެރެއަށް ވަންނަމުން ގޮސް ގޯތީގެ ވަލުފަރާތަށް ނިކުތްއިރު ވަދީފާ އުދޯލީގައި އޮށޯވެލައިގެން އޮތެވެ. ފެންނަފެނުމަށް ހީވަނީ ނިދިފައި އޮތްހެނެވެ. އޭނާގެ ހަތަރު އަހަރަށްދާ ދަރިފުޅު ނިހާންއާއި އޭނާއަށްވުރެ އެއްއަހަރު ދޮށި ޒަހާ

އުދޯލިގޭގެ އެއްފަރާތެއްގައި ވެއްޔާ ކުޅެންތިއްބެވެ.

ހަލީމާ ހަމަ ފެނުމާއި އެކު ދެކުދިން ބިންމަތިން ތެދުވެގެން ހަލީމާ އާއި ދިމާއަށް ދުއްވައިގަތެވެ. އެކުދިން ދުވެފައި އަންނަތަން ފެނުމުން ހަލީމާއަށް އުފަލުން ރޮވޭގޮތްވިއެވެ.

ހަލީމާ އެހާ އުފާވީ އޭނާގެ މާމަދަރިން އޭނާދެކެ ވާލޯބި އެގި އެކަން އިހުސާސް ވުމުންނެވެ.

ދެކުދިން އައިގޮތަށް އައިސް ހަލީމާގެ ފައިގާ އޮޅުލައި ގަތެވެ. ދެކުދިން އެއްފަހަރާ އުރާލުމަށް ހަލީމާގެ ހިތް އެވަގުތު އެދުނެވެ. ނަމަވެސް މިއަދު އެއެދުން ފުރިހަމަ ކޮށްދެވޭކަށް ނެތެވެ. ވީހާވެސް ވަރަކީ ދެކުދިންގެ ބޮލުގައި ފިރުމާ ލުމެވެ. އެދެކުދިން އޭނާދެކެވާލޯބި ހިތްމައްޗަށް ގެނަސް އެކަމަށް ޝުކުރުވެރި ވުމުގެ ގޮތުން ލޮލުން ކަރުނަ އޮހޮރުވާލުމެވެ.

މިހުރިހާ މަންޒަރެއް ދެކެން ކުޑަކުޑަ ނަޖުދާ ހަލީމާގެ ފަހަތުގައި ހުއްޓެވެ. އޭނާހުރީ ހުއްޓިފައެވެ. ދުވަހަކު ނުދެކޭ ނުދަންނަ ބަޔަކު ފެނުމުން ވާނެ ގޮތް ވެފައެވެ. އޭނާވެސް އެންމެ އަޅައިގަތީ އެ ކުޑަ ދެކުދިންގެ ގައިގައެވެ. އެކުދިން އެއުޅުނު ގޮތުން އޭނާވެސް ހުރީ ޚައިރާންވާގޮތް ވެފައެވެ.

"މަމަ.. މާމަ.. މިއީ ކޮން ދައްތައެއް؟... މާމަމެންގޭ ދައްތައެއްތަ؟..."

ކުޑަކުޑަ ޒަހާ ހެވިފައި ހުރެ ހަލީމައާއި ސުވާލުކުރަން ފެށިއެވެ.

ޒަހާ އެސުވާލު ކުރަން ޖެހުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެމަންޒަރަކީ އޭނާގެ މާމަ އެގެއަށް އައިސް އުޅުމުގައި ދުވަހަކުވެސް މީގެ ކުރިން ފެންނަ މަންޒަރަރަކަށް ނުވާތީއެވެ. މިއީ އެކުދިންނަށް ނަޖުދާ ފެނުނު ފުރަތަމަ ފަހަރުވެސްމެއެވެ. ހަލީމާ ކިތަންމެ ގިނަގިނައިން އެކުދިން ގާތަށް އައިނަމަވެސް ހަލީމާ އުޅޭގެއަށް އެކުދިން ގެންގޮހެއް ނުހަދައެވެ. އެއީ އެކުދިންގެ މަންމަ ވަދީފާގެ ހަރުކަށި ގާނޫނުގައި ވާގޮތެވެ. އޭނާގެ ނިންމުމެވެ.

ޒަހާގެ ސުވާލަށް ދޭނެ ޖަވާބެއް ހަލީމާ އަކަށް ނޭގުނެވެ. ނަޖުދާއަކީ ކޮންކުއްޖެއްކަން ބުނެދޭކަށް އޭނާއަކަށް ނުކެރުނެވެ. އަދި ޒަހާއަށް ދޮގެއް ހަދާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން ހަލީމާއަށް ޖެހުނީ ހަނުހިމޭނުން ހުންނާށެވެ. ނަމަވެސް ޒަހާ އެގޮތައް ގަބޫލެއް ނުކުރި އެވެ.

ކުޑަކުޑަ ޒަހާ އެސުވާލު އެތައް ފަހަރަކު ތަކުރާރު ކުރަމުން ގެންދިޔަ އެވެ. އެއަޑަށް އުދޯލީގައި ނިދިޖެހިފައި އޮތް ވަދީފާ ތެދުވެއްޖެއެވެ. އޭނާ ތެދުވިގޮތަށް ޒަހާއާއިދިމާއަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް ދެކުދިން ބިރުން އެބުރި އުދޯލިގެއާއި ދިމާއަށް ހިނގައިގަތެވެ.

-ނުނިމޭ-


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން