ކަދުރުރުކެއް
ކަދުރުރުކެއް
މީހަކު ކަދުރު އިހަލެއް ކަނޑާލަން ކަދުރު ރުކަކަށް އަރައިފިއެވެ. ވަރަށް ފަސޭހައިން އެރުކަށް އެރިއްޖެއެވެ. އިހާ ކަނޑާލުމަށްފަހު، ފައިބައިގެން ތިރިބަލާލިއިރު، ކަމަކުދާކަށް ނެތެވެ. މިއޮވެވުނީ މާ މަތީގައެވެ. ބިންގަނޑު މިއޮތީ މާތިރީގައެވެ. ގަތްބިރެއް ބުނާންވެސް ނޭނގުނެވެ. އިރުކޮޅަކުން ތުރުތުރުއަޅާން ފަށައިފިއެވެ. އޮބި އޮންނަވަރެއްވެސް ނޫނެވެ.

ކަންބޮޑުވިވަރުން މީނާ އަވަހަށް ނަދުރެއް ބުނެފިއެވެ. އިރާދަފުޅާ ރަޙްމަތްފުޅުން، ގެއްލުމެއް ނުވެ ސަލާމަތުން ފޭބިއްޖެއްޔާ ގެރިއެއް ކަތިލައި ފަޤީރުންނަށް އޭގެ މަސް ބަހާނަމެވެ. މިނަދުރު ބުނާއިރަށް ތުރުތުރު އެޅުން ހުއްޓި ތަންތަން ފެންނަންފަށައިފިއެވެ. އަދި ދަތިކަމެއްނެތި ފޭބޭގޮތް ވެއްޖެއެވެ. ރުކުގެ ކުރިގަނޑަށްވުރެ ތަންކޮޅެއް ތިރިއަށް ފެއިބުނުތަނާ ހިތަށް އެރިއެވެ. މިއީދެން އެއްވެސް ކަމެއް ނޫނެވެ. މިއޮތް ފެއިބެނީއެވެ. ކަތިލާނީ ރަނގަޅު ގިތެލެކެވެ. ހިތްވަރުކޮށްލިތަނާ އަނެއްކާވެސް ތަންކޮޅެއް ތިރިއަށް ފޭބިއްޖެއެވެ. އެވަގުތު ހިތަށް އެރިއެވެ. މިސާބުން އެއްވެސް ކަމެއްނުވެ ދެން ފޭބިދާނެއެވެ. އެވަރުކަމަކަށް ގިތަލެއް ކަތިލާނެކަމެއް ނެތެވެ. އާދައިގެ ބަކަރިއެއްވެސް ކަމުދާނެއެވެ. އަނެއްކާވެސް ތަންކޮޅެއް ތިރިއަށް ފޭބިއްޖެއެވެ. އޭނާ ހިތަށް އެރިއެވެ. މިހިސާބުން ދެން ފޭބިދާނެއެވެ. އެހެންވިއިރު ކީއްކުރަން ކަތިލާ ބަކަރިއެއްހެއްޔެވެ؟ ބޮޑު ހާލެއް ކަތިލަނިކޮށް ރަނގަޅުވާނެއެވެ. އޭރުން އެވީއެވެ. އަނެއްކާ ތަންކޮޅަކަށް ފޭބިއްޖެއެވެ. އޭނާ ހިތަށް އެރިއެވެ. ބޮޑުހާލެއް ކަތިލަންވީ ކީއްކުރަން ހެއްޔެވެ؟ އާދައިގެ ކުކުޅެއްވެސް އެންމެ ރަނގަޅުވާނެއެވެ. ދެން އަނެއްކާ ތަންކޮޅަކަށް ފޭބިއްޖެއެވެ. ހިތަށް އެރިއެވެ. ކުކުޅެއް ކަތިލާނެކަމެއް ނެތެވެ. ވަލުން ކަނބިއްޔެ ހިފާފައި ކަތިލާނީއެވެ. މިފަހަރު ސޮއްސާލުމާއެކު ބިންމައްޗަށް ފޭބިއްޖެއެވެ. ދެން ބުންޏެވެ. މިއޮތީ ފޭބިފައެވެ. ތާކުން ކުކުޅުފަތެއް ހޯދާފައި ހިނިހޮރަކަށް ޖަހާލާފައި ބުންޏެވެ. އެތައް ހިންޏަކަށް އެއްފަހަރާ މިއޮތް ކާންދެވުނީއެވެ. ނަދުރުފުދި އިތުރުވީއެވެ. ދެން އަޅާއިތިކޮށް ގެއާދިމާއަށް ދުއްވައިގަތެވެ.

މިހެން ބުނެއުޅެނީ ކަމެއް ނުވެގެން ކަންބޮޑުވެގެން އުޅޭއިރު އެތައްކަމެއް ކުރަން ބުނެފައި އެކަމެއް ވުމުން އަޅާނުލާ މީހުންނާ މެދުގައެވެ. މިފަދަ ދަނޑިވަޅުގައި އެކުވެރިން ބުނެއެވެ. ބަލަމިހާރު ތިޔަވީ ކަދުރު ރުކަކަށް އެރިމީހާގެ ނަދުރަކަށްތާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން