ކައިވެނީގެ ގުޅުމަކީ އުއްމީދުތަކާއެކު އެއްމިސްރާބަކަށް ކުުރިއަށް ދިއުމަށްޓަކައި އުފެދޭ އުފާވެރި ގުޅުމެއް
ކައިވެނީގެ ގުޅުމަކީ އުއްމީދުތަކާއެކު އެއްމިސްރާބަކަށް ކުުރިއަށް ދިއުމަށްޓަކައި އުފެދޭ އުފާވެރި ގުޅުމެއް
ކައިވެންޏަކީ ދެމީހެއްގެ މެދުގައި ހަދާލެވޭ ކޮންޓްރެކްޓެއް ނޫނެވެ. އެއީ އެއަށްވުރެ މާތް ގުޅުމަކުން ގުޅާލެވޭ ލޯތްބާއި ކުލުނާއި އަޅާލުމާއި އިޙްތިރާމު ކުރުން ހިމެނޭ ވަރަށް މަތިވެރި ގުޅުމެކެވެ.

ދެމީހެއްގެ ނުވަތަ ދެކުންފުންޏެއްގެ ދެމެދުގައި ލިޔެވޭ ކޮންޓްރެކްޓު ކޮންމެ ފަރާތަކުންވެސް ބަލާނީ އެބަޔަކަށް އެންމެ ފައިދާ ބޮޑީ ކޮން ގޮތެއްތޯއެވެ. އެއިން އެބަޔަކަށް އެންމެ ނަފާ ލިބެނީ ކޮންކަންތައްތަކެއް އޭގައި ހިމެނިގެންތޯ ހުރިހާ ފަރާތަކުންވެސް ބަލާނެއެވެ.

ނަމަވެސް މިފަދަ ގޮތަކަށް ކައިވެނީގެ އެއްބަސްވުން ބިނާވެގެން ނުވާނެއެވެ. ބައެއް ފަހަރު ލޯބީގެ ގޮތުން ދެމީހަކު ގުޅި ކައިވެނި ކުރުމަށްފަހު ކޮންޓްރެކް އުސޫލުން ކަންކަން ތަރުތީބު ކުރެވިގެން ދެއެވެ. އެފަދަ ގޮތަކަށް ދާނަމަ ދެމީހުންގެ މެދުގައި މައްސަލަ އުފެދި ކައިވެނީގެ އުފާވެރި ގުޅުން ނިމުމަކަށް ގެންނަން ޖެހިދެއެވެ.

ކައިވެނީގެ ގުޅުމުގެ އެއްބަސް ވުމުގައި ޝަރުތުތަކެއް އޮވެގެން ނުވާނެއެވެ. އޭގައި ހިމެނެންވާނީ ލޯތްބާއި އަޅާލުމެވެ. އެއީ ވަކިމުއްދަތެއް ކަނޑައެޅުމެއްނެތި ދިގު ދެމިގެންދާ ގުޅުމެކެވެ. މުޅިހަޔާތް ބިނާވާ ގުޅުމެވެ. ނަމަވެސް ދެބައެއްގެ މެދުގައި ލިޔެވޭ އެއްބަސްވުމަކީ ވަކި މުއްދަތަކަށް ވަކި މަގުސަދެއް ހާސިލު ކުރުމަށް ލިޔެވޭ ލިޔުމެކެވެ. އޭގައި ދެފަރާތުގެ މެދުގައި ދެކެވޭ އާއްމު ވާހަކަ ތަކަކީ އިތުބާރު ކުރެވޭނެ އެއްޗެއް ނޫނެވެ. އަދި އެއަކަށް އަމަލުވެސް ނުކުރާނެއެވެ.

މިދެގުޅުމުގެ ތަފާތުތައް އުޑާއި ބިމާހާ ތަފާތު ނަމަވެސް ބައެއް ކައިވެނި ތަކުގައި ކުންފުނި އެގްރިމެންޓް ފަދައިން އަމަލު ކުރެވެމުން ދާތަން މަދުން ނަމަވެސް ފެނެއެވެ. މިއީ ނޭނގިނަމަވެސް ބައެއް މީހުންނަށް ކުރެވޭ ކަންކަމެވެ. މިކަންކަން ދަނެގަތުމަކީ ކޮންމެ މީހަކަށްވެސް މުހިއްމު ކަމެކެވެ. އުފާވެރި ކައިވެންޏެއްގައި ތާއަބަދު ދެމިތިބުމުގެ އެންމެ މުހިއްމު އަސާސެވެ.

1. ކޮންޓްރެކްޓެއްގައި ހާސިލު ކުރަން ބޭނުންވާ ކަންކަމާއި އަދި އެއްބަޔަކު އަނެއްބަޔަކަށް ޚިދުމަތް ދިނުމުގައި ވަކި ގޮތްތަކެއް އޮވެއެވެ. ނަމަވެސް ކައިވެނީގެ ގުޅުމަކީ ދެމީހުންގެ އުއްމީދުތައް އެއްމިސްރާބަކަށް ހަދާ އުފާވެރި ގުޅުމެއް އުފައްދާ އެކަކު އަނެކަކަށް ދޫދީގެން ކުރިއަށް ގެންދަންޖެހޭ ގުޅުމަކެވެ. އަމިއްލަ ހަޔާތުގައި އެކަކު އަނެކަކަށް ދޫނުދެވި ހަޔާތް ވޭތު ކުރެވޭނަމަ އެއީ ކުންފުނި އުސޫލުން ގާއިމު ވެގެންދާ ކޮންޓްރެކްޓެކެވެ.

2. ކައިވެނީގެ ގުޅުމަށް ބުރޫ އަރަމުންދިޔަ ނަމަވެސް އަމިއްލަ މީހާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ތަރުތީބު ކުރެވޭނަމަ އެއީ ކައިވެނީގެ ގުޅުމެއް ނޫނެވެ. އެއީ ކޮންޓްރެކްޓެއްގައި ހުންނަ ސިފައެވެ.

3. ކޮންޓްރެކްޓެއްގައި އޮންނަ ގޮތުން އެއްފަރާތުން އަނެއް ފަރާތަށް ކަންތައް ކުރުމުގައި އެއްވެސް ވަރަކަށް އަނެއްފަރާތައް ކުރިމަތިވާ އެއްވެސް ދަތިތަކަކަށް ބެލުމެއް ނޯންނާނެ އެވެ. ހިތްދަތި ކަމާއި ނުތަނަވަސް ކަމުގައިވެސް އެކުގައި އުޅުމަކީ ކައިވެނީގެ މަތިވެރި ގުޅުމުގެ ބޭނުމެވެ. މިގޮތަށް ގަބޫލު ނުކުރެވޭނަމަ އެއީ ކޮންޓްރެކް އުސޫލުން ކުރިއަށްދާ ގުޅުމެކެވެ.

4. ކޮންޓްރެކްޓާއި ޚިލާފަށް ކަންތައްތައް އެއްވެސް ފަރާތަކުން ކުރާނަމަ އަބަދުވެސް ކޮންޓްރެކް އުވާލުމުގެ ބާރު ކޮންމެ ފަރާތަކަށްވެސް އޮވެއެވެ. އެއީ ކޮންޓްރެކް ހެދި މަގުސަދާއި އޭގެ ނަފާ ނުލިބޭ ހާލަތްތައް މެދުވެރި ވީމައެވެ. އެއްވެސް ހާލެއްގައި ކަމެއް ރަނގަޅު ކޮށް އެކަން ބަދަލު ކުރުމުގެ އެއްވެސް ރޯލެއް ނޯންނާނެއެވެ. ނަމަވެސް ކައިވެނީގެ ގުޅުމަކީ އެކަކު އަނެކަކަށް މަޢާފް ކުރުމާއި ލޯތްބާއި އަޅާލުން ދީގެން އެގުޅުން ކުރިއަށް ގެންދިއުމެވެ. ކައިވެނީގެ ގުޅުމުގައި ލޯތްބާއި ކުލުނާއި އަޅާލުން ނެތި އެގުޅުމަށް ބުރޫއަރާނަމަ އެއީ ހަމަ ކޮންޓްރެކްޓެކެވެ.

5. ކޮންޓްރެއްގެ މާއްދާއަކާއި ކަނޑައެޅިގެން ޚިލާފުވެ އެކަން ތަކުރާރުވާނަމަ އެކޮންޓްރެކްޓެއް ގާނޫނީ ހަމަތަކުގެ މަތިން އުވާލުމަކީ ދެފަރާތައްވެސް ފައިދާ އޮންނާނެ ގޮތެވެ. ނަމަވެސް ކައިވެނީގެ ގުޅުމުގައި ގޮތްދޫކުރުން އޮންނަން ޖެހެއެވެ. ކަންކަން ބޭނުންވާ އުސޫލުން ނުދިއަކަމުގައި ވީނަމަވެސް އެކަމަކަށް މަޢާފްކޮށް ކުރިއަށް ދިއުމަކީ ކައިވެނީގެ މަގުސަދެވެ. އެހެނަސް ތަކުރާރުކޮށް ބޭވަފާތެރި ވާނަމަ އެގުޅުންވެސް ދެމި ނޯންނާނެ އެވެ. ބޭވަފާތެރި ނުވާހާ ހިނދަގު ކައިވެނީގެ ގޮށް މޮހެލުމަކީ އެއްވެސް މީހަކަށް އެއިން އުފަލެއް ލިބޭނެ ކަމެއް ނޫނެވެ.

6. ކޮންޓްރެކް ތަކުގައި އެކޮންޓްރެކްޓެއްގެ މާއްދާއަކާއި ޚިލާފުވާނަމަ އެކަމަށް އަޅާނެ ފިޔަވަޅު ލިޔެފައި އޮނާނާނެއެވެ. އަދި ފިޔަވަޅެއް ގަވާއިދުން އަޅާނެއެވެ. ނަމަވެސް ކައިވެނީގެ ގުޅުމަކީ މަޢާފް ކުރުމުގެ ރީތިސިފަ ހުންނަން ޖެހޭނެ ގުޅުމެކެވެ. ކަމެއްދިމާ ވުމުން އެކަމަށް ފިޔަވަޅު އެޅޭ ކައިވެނީގެ ގުޅުމެއް ނަމަ އެއީ ކޮންޓްރެކްޓެކެވެ. ކައިވެނީގެ ގުޅުމެއް ނޫނެވެ.

7. ކޮންޓްރެކް އުސޫލުން އޮންނަ ކައިވެނީގެ ގުޅުމަކީ އެއްފަރާތަށް، ދުނިޔެވީ މަންފާ ހާސިލު ކުރުމަށް އުފެދޭ ގުޅުމަކެވެ. ނަމަވެސް އުފާވެރި ކައިވެނީގެ ގުޅުމަކީ ދެދުނިޔޭގެ ބާއްޖަ ވެރިކަން ހޯދުމަށް ގުޅާލެވޭ ގުޅުމެކެވެ. ހަޔާތުގެ މިސްރާބު ބައްޓަން ކުރަންވާނީ ދެދުނިޔޭގެ ބާއްޖަވެރިކަން ހޯދުމަށެވެ. ދުނިޔެވީ އުފާވެރިކަމަށް އެކަނި ވިސްނައިގެން އުފާވެރި ދިރިއުޅުމެއް ހާސިލު ނުވާނެއެވެ.

ކައިވެނީގެ ގުޅުން އޮތީ ކޮންޓްރެކްޓް އުސޫލުންތޯ މިލިޔުން ކިޔާލުމުން ކޮންމެވެސް ވަރަކަށް ތަސައްވަރު ކުރެވޭނެ ކަމަށް އުއްމީދު ކުރަމެވެ. އެގުޅުމުގެ މާތްކަމާއި އަދި އެގުޅުމުގެ އުފަލަކީ ހަޔާތުގައި ލިބޭނެ އެންމެ އުފާވެރި އަދި އެންމެ މަތިވެރި ގުޅުމެވެ. އެގުޅުމަށް ބުރޫއަރާނެ ހަމައެކަނި ގޮތަކީ ކޮންޓްރެކްޓް އުސޫލުން އެގުޅުން ބަލައިގަނަވޭތީއެވެ. ކައިވެންޏަކީ ހަދާލެވޭ ކޮންޓްރެކްޓެއް ކަމުގައި ނުދެކޭށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން