24 ވަނަ އެޕިސޯޑް

==========

މިހާރު މޮޔަވެފައިވާ ޝާޢިރާވެސް، އެމީހުން ވާހަކަ ދައްކަން ތިއްބާ އެވަގުތު އެތަނަށް އައިސް ހުއްޓުނެވެ. ޝާޢިރާ ކިތަންމެ މޮޔަ ކަމުގައިވިޔަސް، އޭނާ އަބަދުވެސް ހުންނަނީ ފެންވަރާ ނަލަ ހެދިލައިގެންނެވެ. އޭނާގެ ކަންކަން ބެލެހެއްޓުމަށްވެސް ޚާއްޞަ މީހަކު އެގޭގައި ހުރެއެވެ. އެމީހާގެ މަސައްކަތަކަށް އޮންނަނީ އޭނާއަށް ކާންދިނުމާއި، ފެންވެރުވުމާއެކު ބޭރަށް ނުކުމެގެންދިޔަނުދީ ހިފެހެއްޓުމެވެ.

[ރަންޖީތާ...ޝާޢިރާ ގޮވައިގެން އެފަރާތަށްދޭބަލަ.] ޝާޢިރާ އެތަނަށް އައިސް ހުއްޓުމާއެކު، ޝާޢިރާގެ ކަންކަން ބަލަހައްޓާ ރަންޖީތާއަށް ގޮވާލާފައި އިލްޔާސް ބުންޏެވެ. ހުރި ތަނެއްގައި ހުރެފައި ނިކަން ބާރަށް ރަންޖީތާ އައިސް ޝާޢިރާ ގޮވައިގެން އެތަނުން ދިޔައެވެ. ޝާޢިރާ އެއްވެސް ގަދަހެދުމެއްނެތި ރަންޖީތާއާއެކު އެތަނުން ދިޔައެވެ.

ޝާޢިރާ އެހާލުގައި ޖެހުނުފަހުން އޭނާގެ މިހާރު ހުރި ހަމައެކަނި ދަރިފުޅު ނާއިޝް، އޭނާގެ ޙާލު ދެކެލަން އެގެއަށް އައިސްފައިވަނީ ދެތިން ދުވަހަކުއެވެ. އޭނާ އައުމުން އެތިން ދުވަހުވެސް އޭނާގެ ފަހަތުން ދާން ޝާޢިރާ މަސައްކަތް ކުރިއެވެ. އޭނާ ރޯންވެސް ރުޔެވެ.

އެދުވަހު ނާއިޝް ދިޔައީ ޝާޢިރާއަށް ފިލައިގެނެވެ. ޙަޤީޤަތުގައި މިހާރުވެސް ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބުމާއެކު، ޝާއިރާގެ ސިކުނޑީގެ މައްސަލަ ޙައްލުވެދާނޭ ކަމަށް ގިނަބަޔަކު ބުނެއެވެ. ޚާއްޞަކޮށް، އޭނާގެ ދަރިފުޅާއެކު ވަގުތު ހޭދަކުރެވޭނޭގޮތް ވެއްޖެނަމަ، އެމައްސަލަ ޙައްލުވެދާނޭ ކަމަށް ބުނެވެއެވެ.

އެހެން ނަމަވެސް، އެދަރިފުޅުގެ ހިތުގައިވެސް އޭނާގެ މަންމަގެ މައްޗަށް ރަޙުމްހުރިހެނެއް ހިއެއްނުވެއެވެ. ކިތަންމެ ރަޙުމް ހުއްޓަސް މަންމަ ގޮވައިގެން ގޮސް ބަހައްޓާނެ ތަނެއް އޭނާގެ ނެތެވެ. އޭނާ އެއްފަހަރަކު އޭނާގެ ބައްޕަ މުޙްސިން ގާތުވެސް މަންމަ ބަލަހައްޓާނޭ ގޮތަކާމެދު ވާހކަ ދައްކައިފިއެވެ.

ނަމަވެސް މުޙްސިންވެސް މިހާރު ޝާޢިރާގެ ބާރުކެނޑި، މުއްސަނދިކަން ގެއްލުމުން އަޅާލާކަށް ބޭނުމެއް ނުވިއެވެ. އެހެން ނަމަވެސް، ނާއިޝަކީ އޭނާގެ ދަރިއެއްގެ ގޮތުގައި ބަލައިގަނެ، މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ގޯތިން ބައެއް ނާއިޝަށް ދޭށެވެ. ނާއިޝް ޤަޞްދުކޮށްފައިވަނީ އެދުވަހަކުން މަންމަ އޭނާގެ ބެލުމުގެ ދަށަށް ގެންނާށެވެ.

[ބައްޕާ...އަހަރެން ވަރަށް ބޮޑަށް ބޭނުންވޭ މަންމައަށް އަޅާލަން. މަންމައާމެދު ވިސްނާފައި ވަރަށް ރޮވޭ. މަންމައަކީ އަހަރެމެންނާމެދު ހާދަ ބޮޑެތި ޤުރްބާނީއެއްވި މީހެކޭ.] ނާއިޝް ވާހަކަ ދެއްކީ މުޙްސިނާއެވެ. މިހާރު ނާއިޝްވެސް އުޅެނީ މާލޭގެ އަމިއްލަ ބައެއްގެ އޮފީހެއްގެ ރަނގަޅު ވަޒީފާއެއްގައެވެ.

[ދެން މާގިނަ ދުވަހެއްނުވެ ގޯތި ބަހާނެ. ނާއިޝަށްވެސް ލިބޭނެ، މިގޯތިން ފައްސަތޭކަ އަކަފޫޓްވަރުގެ ތަންކޮޅެއް. ވީހާވެސް އަވަހަކަށް ޢިމާރާތެއް ކުރާނީ.] މުޙްސިން ބުންޏެވެ.

[ޢިމާރާތެއް ކުރެވޭނީވެސް އެވަރަށް ފައިސާ ހުރެގެނޭ ހިތަށްއަރަނީ. އަނެއް ބައްޕަ ގާތު ބުނެގެން މިކަމަށް ފައިސާ ހޯދަންވީއޭ...ފަހަރެއްގައި ދީފާނެކަންނޭނގެ.] ނާއިޝް ވިސްނާލިއެވެ. މިހާރު ނާއިޝްވެސް ވަނީ އިޞްލާޙްވެފައެވެ.

[ކެރިގެން ބުނެފިއްޔާ ދީފާނެކަންނޭނގެ. މަންމަގެ ހާލު ދެކެލަން އެގެއަށް ނުދަންތަ؟] މުޙްސިން އެއްސެވެ.

[މިދިޔަ ހަފްތާގައި ދިޔައިން. އޭގެފަހުން ނުދަން. އަޞްލު ޙަޤީޤަތުގައި އަހަރެމެން ކުރިން އުޅުނު އުފާވެރި ދިރިއުޅުން މާބޮޑަށް ހަނދާންވާތީ، އެގެއަށް ނުދަނީ. އަހަންނަށް އެނގޭ، އެގެއިންވެސް އަހަންނަށްވެސް ބައެއްވާނެކަން. އަދި ބައްޕަގެ މުދަލުގެ ޙައްޤުވެރިންގެ ތެރޭގައި އަހަރެންވެސް ވާނޭކަން. އެހެންވީމާކަންނޭނގެ، މަންމަ އެގެއިން ނުނެރެގެން އުޅެނީ.] ނާއިޝް ބުންޏެވެ.

އެތައް ދުވަސްތަކެއްފަހުން ނާއިލަށް، އޭނާގެ ދެދުނިޔޭގެވެސް ލޯބިވެރިޔާ ކަމުގައި އޭނާދެކޭ އޭނާ އެމީހަކު ނުފެނިގެން މުޅި މާލެ ކުޑަކުރަމުންދާ ޒޭނާ އޭނާއަށް ފެނުނީ އޭނާ ހޮސްޕިޓަލުން ގެއަށްދިޔަ މަގުމަތިންނެވެ. ޒޭނާއާއި އޭނާގެ މަންމަވެސް ހޮސްޕިޓަލުން ގެއަށް ދިޔުމަށްޓަކައި ކާރަކަށް އަރަން ތައްޔާރުވަނިކޮށް ފެނުމުން، އޭނާ ނިކަން ބާރަށް ގޮސް ޒޭނާއާ އަރާހަމަކޮށް ޒޭނާގެ ކުރިމައްޗަށް ހުއްޓުނެވެ.

[ޒޭނާ....ޒޭނާ ކީއްވެތަ އަހަންނަށް ތިވަރުގެ ބޮޑު އަދަބެއް ތިދެނީ. ބުނެބަލަ ކޮންތާކުތަ ތިއުޅެނީ. ޒޭނާއާނުލާ އަހަރެން އުޅެމުން މިދަނީ ވަރަށް ހިތްދަތިކަމުގައި. ބައްޕަމެން ކިތަންމެ ބުންޏަސް ޢައިޝާއާއެކު އުޅޭކަށް އަހަންނަކަށް ފަސޭހައެއް ނޫން. ހެޔޮނުވާނެ ޒޭނާ އަހަންނާ އަނގައިން ބުނެބަލަ.] އެންމެފަހުން އޭނާ ޒޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.

ނަމަވެސް ޒޭނާ ނާއިލާ ދިމާއަށް ބަލައިވެސްނުލާ ނާއިލްގެ އަތުން ވީއްލިގަތުމަށްފަހު ކާރަށް އެރިއެވެ. އޭރު އޭނާގެ މަންމަގެސް ކާރަށް އަރައިފިއެވެ.

[ދުއްވާލާ ދެން. ކާރަށް އަރައި ހަމަޖެހިލުމަށްފަހު ޒޭނާ ޑްރައިވަރާ ވާހަކަ ދެއްކިއެވެ. ހިނިތުންވެލުމަށްފަހު ޑްރައިވަރު ކާރު ދުއްވާލިއެވެ.

[ޑޮކްޓަރ ނާއިލްގެ ލޯބިވެރިޔާދޯތީ؟] ކާރު ދުއްވާލަމުން ޑްރައިވަރު އެއްސެވެ. ނަމަވެސް، ޒޭނާ އެއަކަށް ވަކި ޖަވާބެއް ނުދެއެވެ. އޭނާ ހިމޭނުން އިނީއެވެ. ޓެކްސީ ޑްރައިވަރަށް ދާންވާތަން ބުނެދިނީ ޒޭނާގެ މަންމަ ޒާހިދާއެވެ. އޭނާވެސް ޑްރައިވަރު އެދެއްކި ވާހަކައަކަށް ޖަވާބެއް ނުދެއެވެ. އެއީ ނާއިލްގެ ޑިއުޓީ ފެށުނު ވަގުތުކަމުން، އެވަގުތު ނާއިލަކަށް ޒޭނާމެންގެ ފަހަތަކުން ދެވޭގޮތެއް ނުވިއެވެ. އޭނާވަނީ ހޮސްޕިޓަލަށެވެ. އެހެން ނަމަވެސް، އޭނާ ހުރީ ވަރަށް ބޮޑަށް ހިތް ނުތަނަވަސްވެފައެވެ. ދުވަސްތަކަކަށްފަހު ލޯބިވެރިޔާއާ ދިމާވެ، އެލޯބިވެރިޔާ އަނގައިންވެސް ނުބުނެ ދިޔައިމާ، އޭނާގެ ހިތަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ޒޭނާ ހުރީ ނާއިލްދެކެ އޭނާ ހީކުރިވަރަށްވުރެން ބޮޑަށް ރުޅިއައިސްފައެވެ.

[ޒޭނާ އަހަންނަށް މަޢާފް ނުކުރާނެބާ؟ ހޮސްޕިޓަލް ތެރެއަށް ވަންނަމުން ނާއިލް ހިތާހިތާ ވާހަކަ ދެއްކިއެވެ.

އެދުވަހަށްފަހު އޭނާ ޒޭނާ ހުންނަ ގެ ހޯދުމަށްޓަކައި ކުރިއަށްވުރެންވެސް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

[އަހަރެން މިހާރުވެސް ވަރަށް މަސައްކަތް ކޮށްފިން، އެގެއެއް ނުފެނުނު. އަހަންނަށް ހީވަނީ ބޮޑުބޭބެއަށް އެނގޭނެހެން. ބޮޑުބޭބެ ޤަޞްދުގައި ނުބުނެގެން އުޅެނީ ކަމަށްވެސް ވެދާނެ. ބޮޑުބޭބެވެސް ހިތްހަމަނުޖެހިފައި ހުރި ފާޑަކަށް މިއަދުވެސް ފެންނަނީ.] ނާއިލް ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ސިޔާދާއެވެ.

[ދެން އެކަން ހަނދާން ނައްތާލާފައި ޢައިޝާއާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ލިބޭތޯ ބަލާބަލަ. ދެން ތިކަމެއްގެ ފަހަތުން ދުވުމަކީ އަހަރެން ރުހޭ ކަމެއް ނޫން.] ސިޔާދު ލަފާދިނެވެ. ނަމަވެސް ސިޔާދުގެ އެ ލަފައަކީ ނާއިލަށް ޤަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ.

[ނުވާނެ ތިކަމެއް. އަހަންނަކަށް ޒޭނާގެ ހަނދާންތަކާ ދުރަކަށް ނުދެވޭނެ. ދުވަހަކުވެސް އެކަމެއް ނުކުރެވޭނެ. ޒޭނާއަކީ އަހަރެންގެ އެންމެ ފުރަތަމަވެސް އަދި އެންމެފަހުގެވެސް ލޯބި.] ނާއިލް ބުންޏެވެ.

[ކިތަންމެ ލޯބިވިޔަސް، މިހާރު މިއޮތީ ތިޔަ ވިސްނުމާ ދުރަށް ދިޔުމަށް ތަޤްދީރު ބާރުއަޅާފައި. ތަޤްދީރުގައި ނެތް ކަމެއް ނުވާނެ.] ސިޔާދު އަނެއްކާވެސް ބުންޏެވެ. ނާއިލަށް ވިސްނައިދެވޭތޯ އޭނާ ކިތަންމެވަރަކަށް މަސައްކަތް ކުރި ކަމުގައިވިޔަސް، ނާއިލް އޭނާގެ އަޑެއް އެކަމުގައި ނާހައެވެ.

މަޖުބޫރީ ޙާލަތެއް މެދުވެރިވެ، ޢައިޝާއާ އިންނަން ޖެހުނަސް، އޭނާ ބޭނުންވަނީ ޒޭނާގެ ލޯބި ކާމިޔާބު ކުރާށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި، އޭނާއަށް ހިތްހަމަޖެހުން ލިބޭނީ ހަމައެކަނި ޒޭނާއާ އެކުގައެވެ.

[އަހަރެން ޒޭނާ ހޯދާނަން. އެގެވެސް ހޯދާނަން. ޒޭނާއަކަށްވެސް އަހަރެންގެ ލޯތްބާނުލާ އުފަލަކު ނޫޅެވޭނެ. އޭނާއަށް އަހަންނަށް ހިތްދަތިކަން ދީފައި އުޅޭކަށް ކެތެއް ނުވާނެ.] ނާއިލްގެ ޢަޒުމަކީ އެއީއެވެ. އުއްމީދަކީވެސް އެއީއެވެ.

ނޭނގި ކުރެވުނު އެންމެ ކުށެއްގެ ސަބަބުން އޭނާގެ ލޯބިވެރިޔާ އޭނާއާ ވަކިވާން ޖެހޭނޭ ކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ. އޭނާ ޤަޞްދުގައި އެއްވެސް ކުށެއް ކޮށްފައެއް ނުވާނެއެވެ. ހުރިހާ ކަމެއްވެސް ހިނގާދިޔައީ އެހެން މީހަކު، އެމީހެއްގެ ލޯބި ޙާޞިލް ކުރުމަށްޖެހި ވަރުގަދަ ދަންތުރައެއްގައި އޭނާވެސް ޖެހުނީއެވެ. އޭނާއަށް ކުރިމަތިވެގެން މިއުޅެނީ އެދަންތުރައިން ލިބުނު އަނިޔާތަކުގެ ވޭނާއެވެ.

އޭނާ ޔަޤީން ކުރެއެވެ. އޭނާގެ ހިތުގައި އަޅަމުންދާ ވޭނަކަށް ޢައިޝާއަކަށް ފަރުވާއެއް ހޯދައެއް ނުދެވޭނެއެވެ. ޢައިޝާ، އޭނާދެކެ ކިތަންމެ ލޯބިވިޔަސް، އޭނާގެ ހިތުގައި ޢައިޝާއަށްޓަކައި ޒައްރެއްގެ މިންވަރުވެސް ނެތްފަދައެވެ. އޭނާ އެއްވެސްވަރަކަށް ޢައިޝާއާމެދަކު ނުވިސްނައެވެ.

އެހެން ނަމަވެސް، މަޖުބޫރީ ޙާލަތުގައި ޢައިޝާ ކޮށި މަގުން ދަތުރުކުރަން މިއަދު އޭނާއަށް މިވަނީ މަޖުބޫރުވެފައެވެ.

ނަމަވެސް އޭނާއަކަށް ޢައިޝާއަށް ލޯތްބެއް ނުދެވޭނެއެވެ. އޭނާގެ ދަރިއަކަށް ޢައިޝާ ބަލިވެއިން ކަމަށް ބުނި ކަމުގައިވިޔަސް، އޭނާ އެއަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ.

[އަންނަ ހޯމަވިލޭރޭ ކައިވެނި ކުރަން ހުރިހާ ކަމެއްވެސް މިވަނީ ހަމަޖެހިފައި. ދަރިފުޅުމެން ރައްޓެހިން ގާތު ބުނަންޏާ ބުނޭ، ކަންތައް ދިމާވެފައިވާ ގޮތުން ބައްޕަ ޤަޞްދެއް ނުކުރަން، މާބޮޑު ކަންތައްތަކެއް ކުރާކަށް. ފަހުން ދެން އެހެން ދުވަހަކުން އެނިވަރސަރީއެއް ފާހަގަކުރާނީ.] ނާއިލްގެ ބައްޕަ އިލްޔާސް ބުންޏެވެ.

[އަހަރެން އަންގަންޖެހޭ ބަޔަކު ނޫޅޭނެ. ތިކަމެއްވާކަން ސިޔާދަށް އެނގޭ. ދެން އިތުރު މީހަކަށް އަންގާކަށް ބޭނުމެއް ނޫން.] ނާއިލް ބުންޏެވެ.

[ޢައިޝާ ބޭނުންވާނެއެއްނު. އޭނާ ބޭނުންވެދާނެ ޕާޓީއެއް ބާއްވަންވެސް.]

[އޭނާ ބޭނުންވަންޏާ އެނގޭނީ އޭނާއަށް. ޕާޓީއެއް ބާއްވައިގެން އިޝްތިހާރު ކުރަންޏާ، އޭނާ އެހެން މީހަކާ އިނީމަވީނު. ކީއްކުރަންތަ، އަހަންނަށް އުނދަގޫ ކުރަންވީ.] ނާއިލް މިހެން ބުނެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއީ އެގޮތަށް ހިތްހަމަނުޖެހިފައި އޭނާ ބައްޕައާ ވާހަކަދެއްކި ފުރަތަމަފަހަރެވެ.

[ނާޒިމާ....އަހަރެން ހިތަށްއަރަނީ، ނާއިލް ޢައިޝާއާމެދު އެހާ ހިތްހަމަނުޖެހޭއިރު، ކީއްވެބާއޭ ނާއިލްގެ ދަރިޔަކަށް އޭނާ ބަލިވެ އިންނަންވީ؟ ޙަޤީޤަތުގައި ނާއިލްވެސް އަހަރެމެން ހީކުރިހާ ޞާލިޙް ކުއްޖަކަށް ނުވީތާދޯ؟] ނާއިލް ގޮސް ކޮޓަރިއަށް ވަނީމާ، އިލްޔާސް ދެއަތަކަށް ބޯހޫރާލަމުން ބުންޏެވެ.

[އެސޮރު ޤަޞްދުގައި އެއްވެސް ކަމެއް ނުކުރާނެ. އެއީ އެކްސިޑެންޓެކޭ ބުންޏެއްނު. ކޮންމެ ގޮތެއްވިޔަސް، އެކްސިޑެންޓަކަށްވިޔަސް، އިސްމާޢީލް ހިތްހަމަޖެހޭނީ ކައިވެނި ކުރީމާތާ.] ނާޒިމާ ދަރިފުޅު ދިފާޢު ކުރިއެވެ.

[މައްސަލައެއް ނެތޭ. މިކަމެއް މިއޮތީ މެދުވެރިވެފައި. އަހަރެން އެހެން ވާހަކައެއްވެސް ދައްކަން އެބަޖެހޭ. ހިނގާބަލަ ކޮޓަރިއަށް.] އިލްޔާސާއި ނާޒިމާ ގޮސް ކޮޓަރިއަށް ވަނެވެ.

[ކޮންވާހަކައެއް؟] އިލްޔާސްގެ ގާތުގައި އިށީންނަމުން ނާޒިމާ އެއްސެވެ.

[ނާއިޝްގެ ވާހަކަ ދައްކަން މިއުޅެނީ. ކޮންމެ ގޮތެއްވިޔަސް، ޝަރުޢީ ހަމަތަކުގެ މަތިން އެއީ އަހަރެންގެ ދަރިއެއް. އަހަރެން ހިތަށްއަރަނީ އޭނާ އަލުން މިގެއަށް ގެންނަންވީއޭ. މިޢާއިލާ މީހުންނަށް ނޫނިއްޔާ ނޭނގޭނެ، އެއީ މަގޭ ލޭ ނޫން ކަމެއް. އޭނާ އެހެން ތަންތާނގައި އުޅެ ވަޒީފާ އަދާކުރީމާ ވަރަށްގިނަ ބަޔަކު އަހަންނަށް މަލާމާތްކުރޭ. އެބަބުނޭ އަހަރެންގެ ދަރިންނާވެސް އަހަންނާ ގުޅުމެއް ނޯވެޔޭ.] އިލްޔާސް ބުންޏެވެ.

[އަހަރެންވެސް މިހުންނަނީ އިލްޔާސް ގާތު ތިވާހަކަ ދައްކާނަމޭހިތާ. އޭނާ ގެނެސް ނަޞޭޙަތްދީގެން އުޅެންވީ. އެސޮރުވެސް ގޯސްކުރީ ޝާޢިރާތާ. އަވަހަށް އޭނާ ހުރިތާކުން ހޯދައިގެން ގެނޭ. ނާއިލަށްވެސް ރަނގަޅުވާނީ އޭރުން. ޙަޤީޤަތުގައި ޢާއިލާ ކުޑަވުމަކީ ވަރަށް ބޮޑަށް ނިކަމެތިވާނެ ކަމެއް.] ނާޒިމާވެސް ބޭނުންވަނީ ނާއިޝް އަލުން އެގެއަށް ގެންނާށެވެ.

[އަހަރެން މިއަދު ގޮސް ނާއިޝް ގެންނާނަން. އަހަރެން އުއްމީދު ކުރަނީ، ޝާޢިރާގެ ބަލި ރަނގަޅުވެގެން، އޭނާވެސް އިޞްލާޙުވާނޭ ކަމަށް.]

އިލްޔާސް މިހެން ބުނެފައި ނާއިޝް ހޯދަން ނުކުމެއްޖެއެވެ. އޭނާ ސީދާ ދިޔައީ ނާއިޝް އުޅޭ ކަމަށް ބުނާ އޮފީހަށެވެ. އޭނާ އެއޮފީހުގެ ދޮރުމައްޗަށް އެރުމާއެކު، ގިނަބަޔަކު އޭނާއަށް އިޙްތިރާމާއެކު ސަލާމް ކުރިއެވެ.

އޭނާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ވިޔަފާރި މަހުޖަނެކެވެ. ވުމާއެކު، ގިނަބަޔަކު އޭނާ ދަނެއެވެ.

[ކޮބާ ނާއިޝް އެބައުޅޭތަ؟ ބުނޭ، ނާއިޝްގެ ބައްޕަ އެބަހުއްޓޭ.] އިލްޔާސް އެއޮފީސްތެރޭގައި ކުޑަވަރެއްގެ ސޯފާގައި އިށީނެވެ.

[ކީކޭ!؟ ބައްޕައޭ....ނުކެރޭނެ ނުކުންނާކަށް. އަނެއްކާ ކިހިނެއްބާވީ؟] ވަރަށް ހާސްވެފައި ހުރެ ނާއިޝް ބޭރަށް ނުކުމެއްޖެއެވެ.

އޭރު އިލްޔާސް ލުއި ހިނިތުންވުމަކާއެކު ހުއްޓާ ފެނުމުން ނާއިޝަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާ ނިކަން ހާސްވެފައި ހުރެމެ، ބައްޕަގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ.

[ނާއިޝް ބަލާ ބައްޕަ މިއައީ. މީގެފަހުން ނާއިޝްވެސް ހުންނަންވާނީ ގޭގައި. ބޭނުމިއްޔާ މިތާ ވަޒީފާ އަދާކުރިޔަސް އެންމެ ރަނގަޅު....އެކަމަކު ބައްޕައަށް ރަނގަޅީ ބައްޕަމެންގެ އޮފީހަށް ނުކުތިއްޔާ....ނާއިޝްގެ މަންމައަށްވެސް އެހީތެރިވާން ނާއިޝް ހުންނަން އެބަޖެހޭ.] އިލްޔާސް މިހެން ބުނީމާ ނާއިޝް ހިނިތުންވެލިއެވެ. ނަމަވެސް އޭނާއަކަށް ބައްޕައާ މާގިނަ ވާހަކަތަކެއް ދައްކާކަށް ނުކެރުނެވެ.

[އާނ ދާނަން...މިހާރު އަނެއް ބައްޕަވެސް އެގެއިން ގޯތިން ބައެއް އަހަންނަށްދީފި. މިއުޅެނީ އެތަނުގައި ޢިމާރާތެއް ކުރަން. އެކަމަށް ފައިސާ ހޯދުމަށް ލޯނަކަށް އެދިގެން މިއުޅެނީ.] ނާއިޝް ވާހަކަ ދައްކަނީ އިސްޖަހާލައިގެން ހުރެއެވެ.

[ލޯނެއް ނަގާނެ ކަމެއް ނެތް. އެތާ ޢިމާރާތް ކުރަން އަހަރެމެން ކުންފުނިން ފައިސާ ލިބޭނެ. ޢިމާރާތް ކޮށްގެން މަންމައާއެކު އެގޭގައި އުޅުނަސް މައްސަލައެއް ނެތް. އެޢިމާރާތް ކުރެވެންދެން ގެއަށް ބަދަލުވޭ....] އިލްޔާސް މިހެން ބުނެފައި ގެއަށް ދިޔައެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން ގޮސް ނާއިލާއި ޢައިޝާގެ ކައިވެނީގެ ރެޔާވެސް ކުރިމަތިވެއްޖެއެވެ.

ހިސާބަކަށް ޒީނަތްތެރި ކޮށްފައިވާ ނާޒިމާ މަންޒިލަށް ޒިޔާރަތް ކުރަމުންދާ މެހްމާނުންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުންދިޔަ ކަމުގައިވިޔަސް، ނާއިލް އެއްވެސް އުފަލެއް ނުވެއެވެ. އޭނާގެ މޫނުމަތިން ފާޅުވެ ފެންނަމުންދަނީ ނުހަނު ނުތަނަވަސްކަމާއި ހާސްކަމެވެ. އޭނާ ކިތަންމެ އުއްމީދު ކުރި ކަމުގައިވިޔަސް، އެޙަފްލާއަށް ޒޭނާއެއް ނާންނާނެއެވެ. ޒޭނާ އެމަންޒަރު ދެކޭކަށްވެސް ބޭނުމެއް ނުވާނެއެވެ.

[ދަރިފުޅާ، ދަރިފުޅުގެ ބައްޕަ ބުންޏެއްނު، މިރޭ އެގެއަށް ދާންވާނޭ. ހިނގާ ދަމާ. ބައްޕަ ބުނީތީ ވަދެލާފައި އަންނާނީ....] ޒާހިދާ ބުންޏެވެ.

[މަންމާ...އަހަރެންވެސް ދާން ބޭނުންވޭ. ކޮންމެ ގޮތެއްވިޔަސް، އެއީ އަހަރެންގެ ބޮޑުދައިތަގެ ގެ. ނާޒިމާ މަންމަވެސް ގުޅާފައި ބުނި އަންނާށޭ. އެމީހުނަށް ނޭނގެނީކަންނޭނގެ، އަހަރެން ހިތްދަތިވާނޭ މިންވަރު....] ޒޭނާގެ ލޮލަށް ކަރުނައިގެ އަސަރު ވެރިވިއެވެ. ނަމަވެސް، އޭނާ މަންމަގެ ކުރިމަތީގައި ހިތްވަރު ކުރެވޭތޯ މަސައްކަތް ކުރިއެވެ.

[ހިނގާ ގޮސްލާފައި އަންނާނީދޯ؟] ޒޭނާ ކުޑަގޮތަކަށް ތައްޔާރުވެލުމަށްފަހު ކޮޓަރިން ނުކުތެވެ.

[ދަރިފުޅު ދެރަވެ ރޮންޏާ ދާނެ ކަމެއް ނެތް. މިހާރު ޔޫސުފްވެސް ދެފަހަރަކު ގުޅައިފި. ބުނީ އަހަރެން ގާތު ކޮންމެހެންވެސް އަންނާށޭ. ހިނގާ މަންމަ ފުވާދަށް ގުޅާފަ ބުނެފިން...] ޒާހިދާ ޒޭނާއާއެކު ބޭރަށް ނުކުތެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


9

ޒިޔަަފު

23-May-2020

އައިޝާ މީ ހާދަ މަކަރު ގަދަ އަންހެނެް އޭނަ އެބަހުރި ހިންދީޑުރާމާތައް ހެސްކިޔާބަލާފަ އެވެރިން ގެ ވައްޓަފާޅި ދަސްކޮށްފަ


-8

ސިޔާމާ

23-May-2020

އަހަރެން ކީ އެންމެ ރީތި ދިވެހިވާހަކަމީ


15

ޖުވޭ

23-May-2020

ޥަރަަށް ރީތި ކުރިޔަށް ދާވަރަކަށް ޝައުގުވެރިކަން އިތުރުވަނީ


2

ޝާާފިޔާ

23-May-2020

ވާހަކަ ވަރަށް ރީތި



ޓްރެންޑިން