އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ލަފާގެ މަތިން، ކޯވިޑް-19 އަށް ފަރުވާކުރަން ބޭނުން ކުރަމުންދާ، ހައިޑްރޮކްސީކްލޯރޮކުއިން، ނުވަތަ މެލޭރިޔާއަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭސް، ބަލިމީހުން ބޭނުން ކުރުމުން ބަލިން ރަނގަޅުވާ މިންވަރަށް ވުރެ މަރުވާ މީހުން ގިނަ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ. މިދިރާސާ ކޮށްފައި ވަނީ މި ބޭސް ބޭނުން ކުރާ 96،000 މީހުން ބޭނުންކޮށްގެންނެވެ.

ކޯވިޑް-19 ޖެހިގެން ފަރުވާ ކުރުމަށް ހައިޑްރޮކްސީކްލޯރޮކުއިން، ނުވަތަ މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭސް ބޭނުން ކުރުމުން، ހިތުގެ ހިނގުމަށް ބަދަލު އައިސް، ކުއްލިއަކަށް ހިތް ހުއްޓޭގޮތް މެދުވެރިވާކަމަށް މިދިރާސާ އިން ފާހަގަ ކުރެވިފައިވެއެވެ. ކުރެވުނު ދިރާސާ އަކީ ރަސްމީ ދިރާސާއެއް ނޫން ކަމުގައި ވިޔަސް، ދިރާސާ ކުރެވުނު ގޮތާއި، ބޭސްދީގެން ފަރުވާ ކުރަމުން އައި ގިނަބައެއްގެ މެޑިކަލް ރިކޯޑްސް މިދިރާސާގައި ހިމަނާފައި ވާތީ، ގިނަ ސައިންސްވެރިން ދަނީ މި ދިރާސާގައި ކުރެވިފައިވާ ތަހުލީލުތައް ބަލައިގަންނަމުންނެވެ.

ހުކުރު ދުވަހު، މެޑިކަލް ޖަރނަލް، ދަ ލަންސެޓް ގައި އާންމު ކޮށްފައިވާ މިދިރާސާ އަކީ މިހާތަނަށް ހައިޑްރޮކްސީކްލޯރޮކުއިން، ނުވަތަ މެލޭރިޔާ އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭސް، ކޮވިޑް-19 ޖެހިގެން ފަރުވާ ކުރުމަށް ބޭނުން ކުރުމުން ލިބޭ ފައިދާ އަދި ގެއްލުންތައްވެސް ހާމަ ކޮށްދިން ހަމައެކަނި ދިރާސާ އެވެ.
ކޮވިޑް-19 އަށްފަރުވާ ދިނުމުގައި މިބޭހުން ރަނގަޅު ނަތީޖާއެއް ލިބޭކަން ޔަގީންވެފައި ނެތްއިރު، ގިނަބަޔަކު މިބޭސް ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ގެއްލުމެއް ލިބިދާނެ ކަމަށްޓަކައި، މިބޭސް ބޭނުން ކުރެވޭނީ ހަމައެކަނި ހޮސްޕިޓަލް ތަކުގައި ކަމަށް އެފް.ޑީ.އޭ އިން ވަނީ އަންގާފައެވެ. މިގޮތަށް އެފް.ޑީ.އޭ އިން އަންގާފައިވީ ނަމަވެސް، ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް، ކޮންމެ ދުވަހަކުވެސް ޑޮނަލްޑް ޓްރަމްޕް މިބޭސް ބޭނުން ކުރާ ކަމަށް، ހުސްވި ހަފްތާގައި ޓްރަމްޕްވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު