23 ވަނަ އެޕިސޯޑް

==========

ނާއިލް، އޭނާއަށް ކުރިމަތިވި މިޙާލަތާމެދު ހިތާމަ ކުރަމުންދާއިރު، ޢައިޝާ އުފާކުރަމުން ދަނީއެވެ. އޭނާގެ މަޤްޞަދު ޙާޞިލްވުމުގެ އަލިމަގު ފެނުނީމައެވެ. މިހާރު އޭނާ ޔަޤީން ކުރެއެވެ. ދެން އޭނާގެ ލޯބި ޙާޞިލް ނުވާނޭ ގޮތެއް މިހާރަކު ނޯންނާނެއެވެ.

[ޢައިޝާގެ ހުޝިޔާރުކަމާމެދު އަހަރެން ޙައިރާން ވެއްޖައިން. ޙަޤީޤަތުގައިވެސް ވަރަށް ޢަޒުމް ވަރުގަދަ. ދެން އަހަރެން ހިތަށް އަރަނީ ޢައިޝާ ބަނޑު ބޮޑު ނޫންކަން އެނގުނީމާ، ކަންތައްވާނީ ކިހިނެއްބާއޭ. ފަޅާ އަރައިފިނަމަ، ގައިމުވެސް ނާއިލް މަޢާފެއް ނުކުރާނެ.] ސީނާ ކުރިއަށް ވެދާނޭ ކަމަކާމެދު ވިސްނާލިއެވެ.

[ނޭނގޭނެ. ކައިވެނި ކުރެވުނީމާ ހުރިހާ ކަމެއް ޙައްލުވާނެ. ގުޅުން ޤާއިމްވެ ކުރިއަށްދާން ފެށީމާ ބަނޑު ބޮޑުވެދާނެ. އޭރުން އެކަންތައް ފޮރުވިގެންދިޔައީ. އެގޮތަށް ވިސްނާފައޭ އަހަރެން އެގޮތަށް ރޭވީ....އިރާދަކުރެއްވިއްޔާ، ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. ސީނާ ނިކަން ވިސްނާލަބަލަ. ޒޭނާއަށް އެރޭ އެފެނުނު މަންޒަރުގެ ސަބަބުން ޒޭނާ އަލުން ނާއިލްގެ ޙަޔާތަށް އަތުވެދާނެތަ. ނާންނާނެ. ޔަޤީން ނާންނާނެކަން.] ޢައިޝާ ހީނގެންފައި ބުންޏެވެ.

އެއީ ތެދެކެވެ. އެރޭ ފެނުނު މަންޒަރު އަބަދުވެސް ޒޭނާގެ ލޯމަތިން ސިފަވަމުންދާ ކަހަލައެވެ. އެހަނދާންތައް އާވާ ކޮންމެ ފަހަރަކުވެސް އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. ބައެއްފަހަރު އޭނާ މާޒީ ހަނދާންކޮށް ހިތާމަކޮށް ކަރުނަ އަޅަމުންދާ މަންޒަރު އޭނާގެ މަންމަ ޒާހިދާއަށްވެސް ފެނޭމެއެވެ.

[ދަރިފުޅާ، ތިގޮތަށް ހިތާމަ ކުރުމުގެ އެއްވެސް ފައިދާއެއް ނެތް. ދަރިފުޅު ތިގޮތަށް ހިތާމަކޮށް ރޮއިހަދާ ކަމަށްވާނަމަ، މަންމަ ނާއިލަށް ގުޅާފައި ބުނާނަން.] ޒޭނާގެ ލޯ ފޮހެދެމުން ވަރަށްގިނަފަހަރު ޒާހިދާ ބުނެފައިވެއެވެ.

[އެކަމަކު މަންމާ...ނާއިލަކީ އަހަރެންގެ ހިތުން ޖާގައެއް އެންމެ ފުރަތަމަ ކަށަވަރުކުރި މީހާ...އަދި މިހާރުވެސް އަހަރެންގެ ހިތުގައި އެނޫން މީހަކަށް މަގާމެއް ދެވިފައެއް ނެތް...ނުވެސް ދެވޭނެ. އެހަނދާންތަކާ ދުރަށްދާން އަހަރެން ކިތަންމެހާވެސް ބޭނުން....އެކަމަކު...އެއީ އެހާ ފަސޭހަ ކަމެއް ނޫން.] ޒޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލިއްޖެއެވެ.

ނާއިލްގެ މަންމަ ނާޒިމާ އެރޭ ވަކިން ނާއިލާ ބައްދަލުކުރިއެވެ. އެއީ އެވާހަކަ ދައްކަން އޭނާ ބޭނުންވަނީއެވެ.

[ދަރިފުޅާ...މިއަދު މަންމަވެސް މިހުރީ ވަރަށް ބޮޑަށް ލަދުގެންފަ. ދަރިފުޅުގެ ފަރާތުން މިޢާއިލާ ބަދުނާމު ވެދާނޭފަދަ ޢަމަލެއް ފެނިދާނެ ކަމަށް މަންމަ ހިއެއްނުކުރަން. އެކަމަކު....ދަރިފުޅާ ކީއްވެތަ ހަމަވިސްނުން އިޚްތިޔާރު ނުކުރީ....ދަރިފުޅަށް މިއަދު ތިޔަވަނީ ޒޭނާއާ ވަކިވާން މަޖުބޫރުވެފައި. ޒޭނާއަކީ ރަނގަޅު ހެޔޮލަފާ އިޚްލާޞްތެރި އަންހެން ކުއްޖެއް.] ނާޒިމާގެ ދެލޯހުރީ ފެންކަޅިވެފައެވެ.

[މަންމާ...އަހަންނަށް މަޢާފްކުރޭ...އަހަރެން ޤަޞްދުގައި އެއްވެސް ކަމެއް ނުކުރަން. މިއަދު އަހަރެން އެކަމާ ވަރަށް ބޮޑަށް ލަދުވެތިވެ، ހިތާމަ ކުރަން....މަންމައާއި ބައްޕަގެ ހިތަށްވެސް ނާރާނެ، އެކަމުގެ ސަބަބުން އަހަރެން މިހާރު ބަރުދާސްތު ކުރަމުންދާ ހިތްދަތިކަން. މިފެންނަމުންދަނީ އަހަރެން އުއްމީދުކުރި ކަންތައްތަކެއް ނޫން. އެކަމުގެ ސަބަބުން ދިރިއުޅުން މަތިންވެސް ފޫހިވެފައިވާ ކަހަލަ. މަންމާ، އަޅެ ކިހިނެއްތަ އަހަރެން ދެން ހަދާނީ....] ނާއިލްގެ ދެލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.

[ދަރިފުޅު ކަންތައް ކުރަންވާގޮތް މިހާރު ބައްޕަވަނީ ނިންމާފައި. މަންމައަކަށް ބައްޕަގެ އެނިންމުމާ ދެކޮޅު ހަދާކަށް ނުކެރޭނެ. ޢައިޝާގެ މަންމައާއި ބައްޕަ އިސްމާޢީލަކީ މިޢާއިލާގެ ވަރަށް ގާތް ދެމަފިރިން. ދަރިފުޅުގެ ސަބަބުން އެޢާއިލާއަށް ނިކަމެތި ކަމެއް ލިބިގެން ދިޔުމަކީ، މަންމަމެނަށްވެސް ރުހެވޭނޭ ކަމެއް ނޫން.] ނާޒިމާ ޑޮކްޓަރ ނާއިލްގެ ބުރަކަށީގައި ފިރުމާލިއެވެ.

[އެކަމަކު...މަންމާ...ޒޭނާގެ ލޯތްބާނުލާ އަހަންނަށް އެއްވެސް އުފަލެއް ނުލިބޭނެ. މަންމާ މިނޫން ގޮތެއް އަހަންނަށް ދެން ނޯންނާނެތަ؟ އަހަންނަކަށް ޢައިޝާއާ ކައިވެނި ކުރާކަށް ފަސޭހައެއް ނޫން.] ނާއިލް ހިންދިރުވާލަމުން ދެއަތަކަށް ބޯހޫރާލިއެވެ.

[ތިގޮތް ހޯދީވެސް ދަރިފުޅު...ޒޭނާއަކީ ދަރިފުޅުގެ ބޮޑުބޭބެގެ ހުރި ހަމައެކަނި ދަރިފުޅު. ކަންތައް ދިމާވިގޮތުން ޔޫސުފްވެސް ހުރީ ހިތްހަމަނުޖެހިފައި. ހިތްހަމަނުޖެހިފައި ހުއްޓަސް ޔޫސުފް، އެކަމެއް އަހަރެމެނަކަށް ނުދައްކާ....އެކަމަކު އޭނާގެ ޙަރަކާތްތައް ހުންނަ ގޮތުންވެސް އެނގޭ. އަހަރެން ޒޭނާގެ ޚަބަރެއް ނުވޭހޭ އަހާލީމާވެސް، ހޫނއެއް ލައްވާލާފައި ދިޔައީ....]

[މަންމާ...އަހަރެންގެ ސަބަބުން މުޅި ޢާއިލާއަށް ކިހާބޮޑު ނިކަމެތި ކަމެއް މިލިބުނީ. އަހަންނަށްވެސް ފާހަގަކުރެވޭ، ބޭބެ ހިތްހަމަނުޖެހިފައި ހުންނަކަން...އެއީ ޠަބީޢީ ގޮތުންވެސް އަންނާނެ ބަދަލެއް....އަހަރެން އަހަރެންގެ ކުށް ޤަބޫލުކުރަން....އިރާދަކުރެއްވިއްޔާ، އަހަރެން ދެން އެފަދަ ކުށަކަށް އަރައިނުގަންނާނަން. އަހަރެން މިހާރު ބޭނުންވަނީ ތައުބާވުމަށްފަހު، އެކަން ހަނދާންނައްތާލަން.] ކުރެވުނު ކަންތަކާމެދު ޙަޤީޤަތުގައިވެސް އޭނާވަނީ ވަރަށް ބޮޑަށް ލަދުގަނެ ދެރަވެފައެވެ.

ކުރިން ދުވަހަކުވެސް އޭނާއަކީ އެފަދަ ފާފައެއް ކުރި މީހެއް ނޫނެވެ. ލޯބީގެ ގޮތުން ޒޭނާއާއެކު ހޭދަކުރެވުނު ދުވަސްތަކުގައިވެސް އޭނާ ކައިވެނީގެ އިމުން ބޭރުގައި ކުރުން ޙަރާމް އެއްވެސް ކަމެއް ކޮށްފައެއް ނުވާނެއެވެ.

ދުވަސްތަކަކަށްފަހު ޢައިޝާއާއި ޒޭނާއާ ދިމާވީ މަޖީދީ މަގުގައި ހުންނަ ރީތިވާ ސާމާނު ވިއްކާ ފިހާރައެއްގެ ތެރެއިންނެވެ. ޒޭނާ ދުރުން ފެނުމާއެކު ޢައިޝާ އައިސް ޒޭނާގެ ކުރިމައްޗަށް ހުއްޓިލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކު ޒޭނާއާ ސަލާމް ކުރަން އަތް ދިއްކުރިއެވެ. ޒޭނާ އިސްޖަހާލަމުން ސަލާމް ކުރިއެވެ.

[އަހަންނަށް އެނގޭ، ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިކަން ޒޭނާ ތިހުރީ. އެނގޭތަ، ވަރަށް އަވަހަށް އަހަންނާ ނާއިލްގެ ކައިވެނި ކުރެވޭނެ. މިހާރު ހުރިހާ ކަމެއްވެސް ތައްޔާރުވަމުން ދަނީ. ޙަފްލާގައި ބައިވެރިވާންވާނެ އިނގޭ.] މިހެން ބުނެފައި އެއްމިޔަކަނުން ހީނލުމަށްފަހު، އޭނާ ޒޭނާގެ އަތުން ދޫކޮށްލިއެވެ. ވަގުތުން ޒޭނާގެ ލޮލުން ކަރުނަ ހިލުނެވެ.

އޭރު އެފިހާރައިގެ އެހެން ހިސާބެއްގައި ޒޭނާގެ މަންމަ ޒާހިދާވެސް ހުއްޓެވެ. ނަމަވެސް، އޭނާހުރީ އެމަންޒަރު ނުފެންނާނޭހެން ފިހާރައިގައި ހުރި ހަރުގަނޑަކާ ނިވާވެގެންނެވެ.

ޢައިޝާ އެފިހާރައިން ނުކުތުމާއެކު ޒޭނާ ދެލޯ ފޮހެލިއެވެ.

[މަންމާ، ދެން ހިނގާ ދާން. މިހާރު މަގުމައްޗަށް ނުކުތަސް ހިތްހަމަޖެހުމެއް ނުލިބޭ. ކޮންމެ ދިމާއަކުންވެސް ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވަނީ. ވީހާވެސް އަވަހަކަށް ހުޅުމާލެއަށް ބަދަލުވެވޭނޭ ގޮތެއް ހޯދަންވީ.] ޒޭނާ ނުކުތެވެ. ފަހަތުން ޒާހިދާވެސް އެފިހާރައިން ނުކުމެއްޖެއެވެ.

[ކުއްލިއަކަށް ކިހިނެއްވީ؟ މީހަކު ފެނުނީތަ؟] ޒާހިދާ އެއްސެވެ.

[މަންމަ ނުދެކެންދޯ؟ އެ ޢައިޝާއަކު އައިސް އަހަންނާ ސަލާމް ކުރީ....ކޮށްފަ ބުނީ، އޭނަޔާ ނާއިލްގެ ކައިވެނި ކުރަން އުޅޭ ވާހަކަ. އަދި ބުނެފިއޭ، އެ ޙަފްލާގައި ބައިވެރިވާން ދާންވާނެޔޭ. ކީއްކުރަންތަ އަހަންނާ އަޅައިގަނެގެން އެއުޅެނީ. އޭނައަށް ނާއިލް ލިބުނީމާ އުފާކޮށްކޮށް ހުރީމާވީނު، އެހެން މީހުނަށް އުނދަގޫނުކޮށް. ވަރަށް ފޫހިވޭ.] ޒޭނާ މަންމައާއެކު ގެއަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ޙަޤީޤަތުގައި ޒޭނާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

ކުރިން ދުވަހަކުވެސް ހިތްދަތިނުވާ ވަރަށް އޭނާގެ ހިތަށް އަސަރުކޮށްފިއެވެ.

ޢައިޝާއަކީ އެއްވެސް ރަޙުމެއް ހުރި މީހެއްނަމަ، އެގޮތަށް ޢަމަލު ނުކުރާނެ ކަމަށް އެވަގުތު ޒާހިދާ ބުންޏެވެ. ޒާހިދާ ހުންނަނީ ދަރިފުޅުގެ އެޙާލަތާމެދު ވަރަށް ބޮޑަށް ހިތްނުތަނަވަސްވެފައެވެ.

އޭނާ ޒޭނާ އެކަނި އެއްވެސްތާކަށް ދިޔަކަ ނުދެއެވެ.

ޒޭނާއަކީ އޭނާގެ ދެލޯފަދައިން ލޯބިވާ ދަރިއެކެވެ. އެދަރިފުޅުގެ ޙައްޤުގައި ކޮންމެފަދަ ކަމެއްވެސް އޭނާ ކޮށްފާނެއެވެ.

ރާއްޖެތެރެއިން ލިބޭނޭ ތަޢްލީމް ޒޭނާއަށް ހޯދައިދިނުމަށްފަހު، މާލެ ފޮނުވީވެސް އެދަރިފުޅު ދެކެ އޭނާ ލޯބިވާތީއެވެ.

އެދަރިފުޅަކީ އަތޮޅުންވެސް ފާހަގަކުރެވޭވަރުގެ ތަޢްލީމީ، ޤާބިލް ކުއްޖަކަށް ހެދުމަކީ އޭނާ އެންމެ ފުރަތަމަވެސް ވިސްނާފައިވާ ކަމެކެވެ.

އެހެން ނަމަވެސް، އަދި އޭނާ އުއްމީދުކުރި ވަރަކަށް ޒޭނާގެ ތަޢްލީމީ މަރްޙަލާ ކުރިއަކަށް ނުގެންދެވެއެވެ. އެހެން ނަމަވެސް، މިހާރު ޒޭނާއަށް ވަނީ ކޮންމެ ރޮނގަކުންވެސް ކުރިއަށް ދިޔުމުގެ ފުރްޞަތު ލިބިފައެވެ. ފައިސާގެ ތަނަވަސްކަން ހުރި ބައްޕަ މިހާރުވަނީ އޭނާއަށް ލިބިފައެވެ. އޭނާގެ ހުރިހާ ކަމެއްވެސް މިހާރު ބަލަހައްޓަމުން ގެންދަނީ ޞިއްޙީ ޙާލުގެ ސަބަބުން އޭނާ ކުޑައިރު އަޅާނުލެވުނު ބައްޕަ ޔޫސުފެވެ. އެއީ ޔޫސުފްގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ފަހުންވެސް ޔޫސުފްގެ އެނަޞީބު ބަދަލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އެހެން ކައިވެންޏެއް ކުރިޔަސް، ކުއްޖަކު ހޯދާކަށް އޭނާ ބޭނުމެއް ނޫނެވެ.

[ކުދިން ހޯދާ ޢުމުރު ފަހަނަޅާ ހިނގައްޖެ. މިހާރު ބޭނުންވަނީ ހުރި ދަރިފުޅަށް ލޯބިދީގެން އުޅެން.] ޔޫސުފް ވާހަކަ ދެއްކީ އޭނާގެ ރައްޓެއްސެއް ކަމަށްވާ ފަރީދާއެވެ. ފަރީދަކީ ޔޫސުފްގެ ބަލި ރަނގަޅުވީއްސުރެ، އަލުން ކައިވެންޏެއްކޮށް، ކުދިން ހޯދުމަށް ނަޞޭޙަތްތެރިވަމުންދާ މީހެކެވެ.

[މީހަކާ އިންނާނަން. އެކަމަކު އަހަރެން ކުއްޖަކު ބޭނުމެއް ނޫން. ޒޭނާ އެކަނި ހުއްޓަސް ފުދޭ. އެމަންޖެ ފިޔަވައި އިތުރު ކުއްޖަކު އަހަރެން ބޭނުމެއް ނޫން.] ޔޫސުފް ބުންޏެވެ. އެދެމީހުން ތިބީ ބާޒާރުމަތީގައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

[އަވަހަށް ތިކަމެއްވެސް ކުރަންވީނު. މިހާރު ތިހުރީ ސާޅީސް ފަސް އަހަރުން މަތިވެފައި.] ފަރީދު ބުންޏެވެ. ފަރީދު އެހެން ބުންޏަސް، އޭނާއަށް އެހާ ދުވަހެއް ނުވާނެއެވެ.

[އަހަންނަކަށް ސާޅީސް ފަސްއަހަރެން އަދި ނުވޭ. މިއީ ސާޅީސް ހަތަރުވަނަ އަހަރު. ރަނގަޅު ދެން ފުރޭނީ ސާޅީސް ފަހެއް.] ޔޫސުފް ބުންޏެވެ.

[އިންނާނެ މީހަކު ހޯދަންވީތާދޯ؟ އަހަރެން މިހެން ހުރެގެން ފަރީދުމެނަށް އެބަ އުނދަގޫވޭވިއްޔަ. އާނ ތިކަމާ އުޅޭނަން.] ޔޫސުފް ބުންޏެވެ.

[އިޢްލާނު ޖަހަމާ...ކުންފުނީގެ ލޯގޯ ޖަހާފައި، އެހެން އިޢްލާނުތައްވެސް ކުރާ ގޮތަށް ނޫސްތަކަށް ފޮނުވާނީ.] ފަރީދު، ޔޫސުފާ ދިމާކުރިއެވެ.

[ތިހެން ހަދަންވީ...ދެން ހިނގާ...އަދި އަހަރެންގެ ދަރިފުޅު ހުންނަ ގެއަށްވެސް މިއަދު ނުދެވޭ. އެމަންޖެ އަހަރެންގެ ޚަބަރެއްނުވާތީ ގުޅައިވެސްފި....އަބަދުވެސް އެއްއިރު ނޫނީ ދެއިރު އަހަރެން އެގެއިން ކަން. އެހެންވެ ކާން ނުދާތީ ގުޅާނެ.] ބިލަށް ފައިސާ ދައްކަމުން ޔޫސުފް ތެދުވިއެވެ.

[ކުއްލިއަކަށް ބައްޕައާ ދިމާވީމާވެސް ޒޭނާ ވަރަށް ބޮޑަށް ލޯބިވޭދޯ....ބައްޕަދެކެ...] ޔޫސުފްގެ ފަހަތުން ހިނގައިގަންނަމުން ފަރީދު ބުންޏެވެ.

[އާނ..ނޭނގޭ ބަޔަކު ހިތަކަށްވެސް ނާރާނެ. އެމަންޖެ ޅައިރު ބައްޕަގެ ލޯބި ލިބިފައިނުވާ ކަމެއްވެސް. އެހާވެސް އަހަންނާމެދު ވިސްނާ......އިރާދަކުރެއްވީތީ އަހަންނަށް ލިބުނީ ހެޔޮލަފާ ޞާލިޙް އަންހެން ދަރިއެއް.] ޔޫސުފް ޒޭނާއާމެދު ފަޚްރުވެރިވެއެވެ. ޙަޤީޤަތުގައިވެސް ޒޭނާފަދަ ކުއްޖަކު ލިބިއްޖެ ކޮންމެ ބަޔަކުވެސް ފަޚްރުވެރިވާނެއެވެ. ޒޭނާއަކީ ނުރަނގަޅު އެއްވެސް ސިފައެއް އޭނާގެ ކިބައިގައި ހުރި ކުއްޖެއް ނޫނެވެ. އޭނާއަކީ ފަސްވަގުތު ފަސްނަމާދު ކުރާ ޞާލިޙް މާތް އަންހެން ކުއްޖެކެވެ.

އެދުވަހު ޔޫސުފް އެގެއަށް ދިޔައިމާ ޢައިޝާ ކަންކުރި ގޮތުގެ ވާހަކައާއި، ޢައިޝާގެ އެޢަމަލުގެ ސަބަބުން ޒޭނާ ވަރަށް ބޮޑަށް ރުއި ވާހަކަ ޒާހިދާ ޔޫސުފް ގާތު ބުންޏެވެ. އެކަމާ ޔޫސުފް ގާތަށް ވަރަށް ބޮޑަށް ރުޅިވެސް އައެވެ. ވަގުތުން އޭނާ ބޭނުންވީ ޢައިޝާގެ ގެއަށް ގޮސް ޢައިޝާއަށް އެއްޗެތި ކިޔާށެވެ.

[މަގޭ ހުރި ހަމައެކަނި ދަރިފުޅަށް ހިތްދަތިކަން ދީފައި ނުހުރެވޭނެ. އަހަރެން އަންނާނަން، ތިޔަބުނާ ޢައިޝާއާ ބައްދަލުކޮށްފައި. އޭނާ ހަމައިން ނެއްޓިގެން އުޅޭއިރަކު ނޭނގުނުދޯ، ޒޭނާއަކީ ނާއިލްގެ ބޮޑުބޭބެގެ ދަރިފުޅު ކަމެއް. ޒާހިދާމެން ބުންޏަސް މަށެއް ނުހުންނާނަން. ބޭނުންހާ ކުޅިވަރެއް ނުކުޅެވޭނެ.] އެ ރުޅީގައި ޔޫސުފް ނުކުތެވެ. އޭނާ އެދިޔަގޮތަށް ދިޔައީ ޢައިޝާގެ ގެޔަށެވެ. އޭރު އެގޭގައި އުޅެނީ ޢައިޝާ އެކަންޏެވެ.

[ޢައިޝާ ބޭނުންހާ ގޮތަކަށް، ބޭނުންހާ އެއްޗެއް ޒޭނާއާ ދިމާއަށް ކިޔާއިރު، ނޭނގޭތަ އެއީ މަގޭ ދަރިފުޅު ކަމެއް. ހަނދާން ކުރާތި، މީގެފަހުން އެމަންޖެގެ ހިތްދަތިވާފަދަ އެއްވެސް ކަމެއް ނުކުރާތި....އަހަންނަށްވެސް ކަންކަން ކުރެވޭނެ.] ޔޫސުފް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

[ބޮޑުބޭބޭ...އަހަރެން ކޮންކަމެއްތަ ކުރީ؟ އަހަރެން ޒޭނާއާ ދިމާއަށް އެއްވެސް އެއްޗެކޭ ނުކިޔަން. އަހަރެން ބުނީ އަހަންނާ ނާއިލްގެ ކައިވެނި ތައްޔާރުވަމުންދާ ވާހަކައާއި، ކައިވެނީގެ ޙަފްލާގައި ބައިވެރިވެދޭށޭ. އެއީ އަހަރެން ބޮޑަކަށްވެސް ކުޑަޔަކަށްވެސް، ހަންޏަކަށް ފުޅަލަކަށްވެސް، ކުރަކަށް ދިގަކަށްވެސް ބުނި އެއްޗަކީ. އިތުރު އެއްވެސް އެއްޗެއް އަހަންނެއް ނުބުނަން.] ޢައިޝާ ބުންޏެވެ. ނާއިލްގެ ބޭބެ ކަމުގައިވިޔަސް، ޢައިޝާގެ މާބޮޑު ޖެހިލުންވުމެއް ނެތެވެ.

[ޢައިޝާއެއް ނޫން، ތިޔަ ކައިވެނީގެ ވާހަކަ ޒޭނާ ގާތު ބުނާނީކީ. ނާއިލަކީ އަހަރެންގެ ކޮއްކޮ. ޒޭނާއަކީ އަހަރެންގެ ދަރިފުޅު. އަހަންނަށް ބުނެވިދާނެ.] ރުޅިއައިސްފައި ހުރި ޔޫސުފް އެގެއިން ނުކުމެއްޖެއެވެ. އޭނާ ނުކުތް ވަގުތު ޢައިޝާގެ ބައްޕަ އިސްމާޢީލާ ދިމާވެސްވިއެވެ. ނަމަވެސް، އޭނާ އިސްމާޢީލާ އަނގައިންވެސް ނުބުނެ ދިޔައީއެވެ.

ޔޫސުފް ދިޔުމުން އޭނާ އައީ ކީއްކުރަންހޭ އިސްމާޢީލް ޢައިޝާ ގާތު އެހިވެސްމެއެވެ. ނަމަވެސް ޢައިޝާ އެއަކަށް ތެދު ޖަވާބެއް ނުދެއެވެ. އޭނާ ބުނީ ޔޫސުފް އައީ ނާއިލް އުޅޭތޯ ބަލަން ކަމަށެވެ.

[އެހެންތަ؟ އެކަމަކު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރިހެން ހީވަނީ. އަނެއްކާ ކޮންމެވެސް ކަމަކާމެދު ހިތްހަމަނުޖެހިފައި ހުރީކީ ނޫންބާ؟] އިސްމާޢީލް ބުންޏެވެ.

[އަހަންނަކަށް ފާހަގައެއް ނުކުރެވޭ. ވަރަށް ހިނިއައިސްފައި ހުރެ ވާހަކަ ދެއްކީވެސް. ކައިވެންޏާމެދު ވަރަށް އުފާކުރާ ކަމުގައިވެސް ބުނި. އަދި ނާއިލާއެކު ރަނގަޅަށް އުޅުމަށްވެސް ނަޞޭޙަތްތެރިވި. އަދި ބުނި، ކުރިންވެސް ތިދެކުދިންގެ ކައިވެނި ކުރުމަށް ރާވާފައި ނޫންހޭ އޮތީ. ވަރަށް ވަރަށް ރީތިކޮށް ވާހަކަ ދެއްކީވެސް.] ޢައިޝާ ދޮގު ހެދިއެވެ.

[އެހެންތަ. ތިހެންވީއިރު އޭނައަށް އަހަރެން ނުފެނުނީ ކަމަށްވާނީ. މިހާރު ތިދެކުދިން ވާހަކަ ދައްކައިގެން، ކައިވެންޏަށް ތާރީޚް ކަނޑައަޅައިފިންތަ؟] އިސްމާޢީލް އެއްސެވެ.

[ނޫނޭ...އެކަން ކުރަންވާނީ ބައްޕަމެން. ޙަޤީޤަތުގައި އަދިވެސް އޭނާ އަހަންނަކާ އިންނާކަށް ބޭނުމެއް ނުވާނެކަންނޭނގެ ބައްޕާ......ބައްޕަމެން އެކަން ކުރަން ޖެހޭނީ. އަހަންނަކަށް ނާއިލާ ވަކިން އުޅުމަކީ ވަރަށް އުނދަގޫ ކަމެއް ބައްޕާ. ކައިވެނި ވީހާވެސް އަވަސް ކުރަންވީ. އެހެންނޫނީ ވަގުތު ފާއިތުވެދާނެ.] ޢައިޝާ ބުންޏެވެ.

އެދުވަހު އިސްމާޢީލް، އިލްޔާސާ ބައްދަލުކޮށް، ކައިވެނި ލަސްނުކުރުމަށާއި، އެހެންނޫނީ ބަދުނާމުން ސަލާމަތްނުވެވޭނެ ކަމުގައި ބުންޏެވެ.

[އަހަރެން ނިންމައިގެން މިހުންނަނީ ފެށޭ ހަފްތާގައި ކައިވެނި ކުރަން ކަމަށް....މިހާރު އެކަމަށްޓަކައި އޮފީހުގައި އުޅޭ ހުސޭނުބޭ ގާތު ބުނެގެން ތައްޔާރު ކުރަމުން މިދަނީ.] އިލްޔާސް ބުންޏެވެ.

[ޕާޓީއެއް ބޭއްވުމުގެ ބޭނުމެއް ނެތް. ބާއްވާކަށް ނާއިލްވެސް ބޭނުމެއްނުވޭ. އެހެންވެ އަހަރެންގެ ހިތަށް އަރަނީ، ކޮންމެހެން މާބޮޑު ކަމެއް ކުރާނެ ކަމެއްނެތޭ.] އިލްޔާސް ބުންޏެވެ. އޭރު އެތަނުގައި ނާޒިމާވެސް ހުއްޓެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


11

ޒިޔަަފު

22-May-2020

މިކަހަލަ ސަޅި ވާހަކަ އެއް ކިޔާލެވެނީ ވަރަށް މަދުން މީ ތަފާތުރީތި ވާހަކަ އެއް


25

ޒިޔަަފު

22-May-2020

މިކަހަލަ ސަޅި ވާހަކަ އެއް ކިޔާލެވެނީ ވަރަށް މަދުން މީ ތަފާތުރީތި ވާހަކަ އެއް


18

ސާމިޔާ ހަސަން

22-May-2020

މީ މިހާތަނަށް އަހަރެން ކީ އެއްމެ ރީތި އެއްމެ މޮޅު އެއްވާހަކަ އަސްލު ވަރަށް މޮޅު ޝައުގުވެރި ވާހަކަ އެއް


0

ސަމާ

22-May-2020

ވަރަށް ރީޠިފުރިހަމަ ވާހަކަ އެއް



ޓްރެންޑިން