މިނިސްޓަރ ޑރ. އައިޝަތު ޢަލީ
މިނިސްޓަރ ޑރ. އައިޝަތު ޢަލީ
 އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނުގެ ސެޓްފިކެޓް ދޫނުކުރެވި ލަސްވަނީ ކޯވިޑް-19 އާއި ގުޅިގެން ބޭރުގެ އެކި ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި ހުރުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޢެޑިޔުކޭޝަން މިނިސްޓްރީ އިން މިހެން ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި އޯ ލެވެލް އާއި އޭ ލެވެލް ހެދި ދަރިވަރުންނަށް ސެޓްފިކެޓް ނުލިބި ލަސްވާ ކަމުގެ ޝަކުވާތަކާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ދެ އިމްތިހާނުގެ ސެޓްފިކެޓްތަކަކީ ޔުނިވާސިޓީތަކުން ޕްރިންޓުކޮށް، ސީލްޖަހައިގެން ސެންޓަރުތަކަށް ފޮނުވާ އެއްޗެއް ކަމަށެވެ. ސެޓްފިކެޓުތައް ޕްރިންޓު ކުރަނީ ރީ-ޗެކިން މަރުހަލާ ނިންމައި ދަރިވަރުންގެ ނަތީޖާތައް ކަށަވަރުވުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެެެއެވެ.

އެ މަރުހަލާ ނިންމައި، ސެޓްފިކެޓުތައް ފޮނުވާ ހިސާބަށް ދިޔައިރު އިނގިރޭސި ވިލާތާއި އެހެން ގިނަ ގައުމުތަކުގެ އެއާޕޯޓުތައް ބަންދުކޮށް، ގައުމުތައް ލޮކްޑައުންކޮށްފައި ހުރުމުން ވެސް ސެޓްފިކެޓުތައް ގެނައުމުގައި ގޮންޖެހުންތަކާ ދިމާވެފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ސެޓްފިކެޓުތައް އެކި ގައުމުތަކަށް ފޮނުވަނީ ވަރަށް ހައި ސެކިއުރިޓީގަ އެވެ.

"ސެޓްފިކެޓުތައް ނުލިބި ލަސްވަނީ އިމްތިހާނުތައް ފޯރުކޮށްދޭ މައި މަރުކަޒުތަކުން ސެޓްފިކެޓުތައް ފޮނުވުމުގައި ދިމާވެގެން އުޅޭ ދަތިތަކެއްގެ ސަބަބުން ކަމުގައި ދަންނަވަމެވެ. އަދި ސެޓްފިކެޓުތައް ލިބުނުހާ އަވަހަކަށް ދަރިވަރުންނަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސާނެ ވާހަކަ ވެސް ދެންނެވީމެވެ." އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އާއްމު އުސޫލެއްގެ ގޮތުން، ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކެމްބްރިޖް އިމްތިހާނުގެ ނަތީޖާ ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް މިިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހެދި އެޑެކްސެލް އިމްތިހާނުގެ ސެޓްފިކެޓް ސްރީ ލަންކާ އަށް ވެސް ލިބުނީ މިދިޔަ ހަފުތާގައި ކަމަށް ވަނީ އެނގިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ތައުލީމުގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވެއްޖެ ނަމަ މިހާރު ދޫކޮށްފައިވާ ނަތީޖާ ޓްރާންސްކްރިޕްޓް ބޭނުންކުރެވޭނެ ކަމަށެވެ. އެ ނަތީޖާ ކަށަވަރުކުރަން އިތުރު ލިޔުމެއް ބޭނުންވާ ނަމަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އަށް މެއިލަކުން އެދެވޭނެ ކަމަށް އެ މިނިސްޓްރީ އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން