ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ
ރާއްޖޭގެ އިގްތިސާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ޖަޕާން ސަރުކާރުން 68،750،000 ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ޚާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ޖަޕާން ސަރުކާރުގެ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި މޯލްޑިވްސް އިމިގްރޭޝަންގެ ގާބިލްކަން އިތުރުކުރުމަށެވެ. ފޮރިން މިނިސްޓްރީން ބުނެފައިވާގޮތުގައި މި އެހީގެ ދަށުން ކަސްޓަމްސް އަދި އިމިގްރޭޝަނަށް ބޭނުންވާ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް، މޮބައިލް އެކްސް-ރޭ، ސައްހަ ނޫން ފައިސާގެ ނޫޓު ދެނެގަންނަ މެޝިން، ސްޕެޝަލް ލުމިނެސެންޓް މައިކްރޯސްކޯޕް، ސްޕީޑް ބޯޓް އަދި ވެހިކަލް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މި އެހީއަކީ ޖަޕާނުން ރާއްޖެއަށް އަބަދުވެސް ވެދެމުން އަންނަ ދީލަތި އެހީތެރިކަމުގެ މިސާލެއްކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ، ބޯޑަރު ބެލެހެއްޓުން ހަރުދަނާކުރުމުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ޖަޕާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި މަޝްވަރާކުރައްވާފައިވާއިރު، މިއީ އެމަޝްވަރާތަކުގެ އަލީގައި ނިކުތް ނަތީޖާއެއްކަން ފާހަގަކުރެއްވިއެވެ.

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ ރާއްޖޭގެ ރަށްތައް ދުރުދުރުގައި އޮތުމާއި، ރަށްތައް އުފެދިފައިވާގޮތުން އެއްގަމާއި، ވަޔާއި ކަނޑުމަގުން ރާއްޖޭގެ ސަރަހައްދީ ރޮނގު ބެލެހެއްޓުމަކީ ގައުމީ ސަލާމަތަށް ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވައި، އެކަމުގައި ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

މިމަހުގެ ކުރީކޮޅުވެސް ޖަޕާން ސަރުކާރުން ވަނީ ޔުނިސެފް މެދުވެރިކޮށް 5،346،600 ރުފިޔާ އަދި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،775،000 ރުފިޔާގެ ހިލޭ އެހީވެސް ރާއްޖެއަށް ދީފައެވެ. އަދި މިއަދު، ޔޫ.އެން.ޑީ.ޕީ މެދުވެރިކޮށް ރާއްޖެއަށް 21.7 މިލިއަން ރުފިޔާގެ ހިލޭ އެހީވެސް ޖަޕާނުން ވަނީ ދީފައެވެ.

ޖަޕާނަކީ ރާއްޖޭގެ ގިނަ ދުވަސްވީ ތަރައްގީގެ ބައިވެރިއެކެވެ. އަދި ކޯވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ޖަޕާނުގެ އެހީތެރިކަން ހޯދުމާ ގުޅޭ ގޮތުން ރާއްޖެއިން މިހާރުވެސް ޖަޕާން ސަރުކާރާއެކު ދަނީ މަޝްވަރާކުރެވެމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން