ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އަންނަ ކުޑަ ޢީދެކެވެ. އަޅުކަމުގެ ޚާއްޞަ ދުވަހެކެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދު ވަގުތަކީ މުޅި މާލޭގެ ޖައްވު ޚުތުބާގެ އަޑާއި ތަކުބީރުގެ އަޑާއި ބަންގީގެ އަޑުން ގުގުމާލާ ދުވަހެކެވެ. ހުކުރު ހުތުބާގެ އަޑު ނީވޭ ހަމަ އެއްވެސް ކަންމައްޗެއް، ގެއެއް މާލެއަކު ނުހުންނާނެކަން ކަށަވަރެވެ. ހުކުރު ދުވަހުގެ ހުކުރު ވަގުތަކީ މުސްލިމުންގެ ހިތްތަކަށް ވަރަށް ބޮޑު ފިނި ކަމަކާއި އުފާވެރި ކަމެއް ލިބޭ ވަގުތުކޮޅެކެވެ.

ނަމަވެސް މިއަދަކީ އަޅުގަނޑުމެން ފަދަ ރާއްޖޭގެ ވެރިރަށް، މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް ވަރަށް ހިތްދަތި ދުވަހެކެވެ. މާލޭގައި ދިރިއުޅޭ އެއްވެސް މީހަކަށް މާލޭގެ ބިމުގައި ހުކުރު ކޮށްލުމުގެ ނަސީބު ނުލިނު ދިޔަ ހިތްދަތި ދުވަހެވެ. ހަމަ ގައިމުވެސް މާލޭގައި ހުކުރު ނުކުރާ ދުވަހެއް ހަނދާން ހުންނާނެ މީހަކު މިޒަމާނުގައި ދުނިޔޭގައި ހުންނާނެއެކޭ އަޅގަނޑުގެ ހިތެއް ނުބުނެއެވެ. ގައިމުވެސް ތާރީޚީ ފޮތްތަކަކުގައި ވެސް އެފަދަ ވާހަކައެއް ލިޔެފައިވާތީއެއް ނުދެކެވެ.

ހުކުރު ވަގުތު ކައިރިވި ވަރަކަށް މިދެންނެވި ހިތްދަތިކަން ދިޔައީ އިތުރުވަމުންނެވެ. ގަބޫލުކުރަން ވެސް ދައްޗެވެ. އިރުއިރުކޮޅާ ގަޑިއަށްވެސް ބެލެނީއެވެ. ކުޑަދޮރުން ބޭރަށް ބޯދިއްކޮށްލާފައި މީހުން ހުކުރަށް ދޭތޯވެސް ބަލައި ލެވެއެވެ. ޚުޠުބާގެ އަޑު އިވޭތޯވެސް ބެލެއެވެ.

ހިތާހިތާ ކިޔާލެވުނެވެ. އިންސާނުންނަކީ ހާދަހާވާ ނިކަމެތި ބައެކެވެ. މިއަދަކު ކުރިއަރާފައިވާ ޤައުމެއް، ބޮޑު ޤައުމެއް، ބާރުގަދަ ބައެއް ނުވަތަ ފައިސާވެރި ބައެއް ނެތެވެ. ހުރިހާ އެންމެންމެ މިތިބީ ހަމަ އެއް ހާލެއްގައެވެ. މި ދުނިޔެމަތީގައި އާރާއި ބާރާއި ހުރެގެން ބާރުބާރަށް ފައިޖަހައި ބާރަށް ބަސްބުނެފައި އުޅުނު މީހުންގެވެސް ބާރެއް ނުތެވެ. ދުނިޔެމަތީގައި މިއަދު އެންމެން ވެސް މިތިބީ އެއްވެސް ބާރެއް ނެތް ނިކަމެތި ބައެއްގެ ގޮތުގައެވެ.

މި ބިމަށް އުފަންވި ހަމަ ލޮލަށް ނުފެންނަ ކުޑަކުޑަ ސުއިއްޕެއް އިންސާނާގެ ހަށިގަނޑަށް ވަދެ އިންސާނާގެ ބަލިކަށިކަމާއި ނުކުޅެދުން ތެރިކަން ހާމަކޮށްދިނީއެވެ. އެސޮރު މުޅި ދުނިޔެއަށް ފެތުރިގަތުމަށް ނެގީ މަދު ވަގުތު ކޮޅެކެވެ.

މިއޮށް ކުރިއަރާފައިވާ ޓެކެނޯލޮޖީގެ ޒަމާނުގައި އެސޮރު މުޅި ދުނިޔެއަށް އެ ފެތުރިގަތީ އެހުރިހާ އެއްޗެއް ފުނޑުފުނޑުކޮށްލާފައެވެ. އެހެރަ ބޮޑެތި ކުރިއަރާފައިވާ ޤައުމުތަކުގެ ޒަމާނީ ޓެކްނޮލޯޖީތައް ކޮސްކޮށްލާފައެވެ. އެހެރަ ބޮޑެތި ޤައުމަތައް އެތިބީ އެކުޑަކުޑަ އެތި ދެކެ ބިރުން މުޅިޤައުމު ތަޅުލައިގެންނެވެ. ބޮޑެތި އުރަތައް ގަޔަށް މަހައިގެންނެވެ. މިއިން އެއްވެސް ކަމަކުން އެސޮރު މައިތިރިއެއް ނުކުރެވެއެވެ. މިއީ ހަމަ އިންސާނުންނަށް ނަގައިދިން ރަނގަޅު ފިލާވަޅެކެވެ. މާތް ﷲ ގެ ކަށަކުޅަދުންވަންތަ ކަމާއެވެ. އިންސާނުންނަކީ ކޮންފަދަ ނިކަމެތި ބައެއްހެއްޔެވެ؟

ﷲ އަށް ބިރުވެތިވާ އަޅުންގެ ލޮލުން މިއަދު ކަރުނައެއް ނުހިކޭނެއެވެ. އެކަމަކު މިދުނިޔެމަތީގައި ވެސް ހަމަ އެއްވެސް ބާރެއް ނެތް ބައެއްކަން ގަބޫލުކުރާ ނަމައެވެ. އާކިރަތުގެ މަތީން ހަނދާންވާ ބައެއް ކަމުގައި ވަނީނަމައެވެ. ބިރުވެތިވާ ނަމައެވެ. އަޅުގަނޑުމެންނަށް މިއަދު ކުރެވޭނެހާވެސް ކަމަކަކީ ރޮއި އާދޭސް ދެންނެވުމެވެ. އަބަދުމެ އަތްމައްޗަށް ނަގައިގެން ތިބެ ޒިކުރު ކުރުމެވެ. މާދަމާ ކީއްކުރަންތޯ، އަންނަން އޮތް ފަޅި ސިކުންތުގެ ތެރޭގައި ވާނެ ގޮތެއް އެނގޭ ހަމައެކަކު ނެތެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

މާތް ﷲ އަޅަމެން މި ވަބާއިން މިންޖުކޮށްދެއްވައިތޯ އެންމެން އެއްފަހަރާ އަތްތައް އުފުލާލާށެވެ. ދުޢާއަކީ މުސްލިމުންނަށް ދެއްވާފައި އޮތް ހުރިހާ ބައްޔެއްގެ ޝިފާއެވެ. އެންމެ މޮޅު ފަރުވާއެވެ. ބަލާއާއި އާފާތްތަކުން މިންޖުވުމުގެ ކަށަވަރު ތަޅުދަނޑިއަކީވެސް އެއީއެވެ. އެކަލާނގެ ކިބަފުޅުން އުއްމީދު ކަނޑާ ނުލާށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން