ޑރ. މުޙައްމަދު އިޔާޒް   17 ޑިސެމްބަރު 2021 - 23:55
އިސްލާމްދީނުގެ ޢަގީދާ އާއި ޙުކުމްތައް އަދި މަގްޞަދުތައް ނެގިފައިވަނީ ދެ އަޞްލަކުންނެވެ. އެއީ ކީރިތި ގުރްއާނާއި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތެވެ. އެއީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގައި ކަނޑައަޅުއްވާފައިވާ ގޮތެވެ. އިސްލާމްދީނުގެ ރުކުންތައްވަނީ ރައްކާތެރި ކުރެވިފައެވެ. އެގޮތުން ދީނުގެ އެއްވެސް ކަމެއް ޘާބިތުވާނީ އުޑުންބާވާލެއްވިފައިވާ މަޢުޞޫމް ނައްޞެއްގެ މައްޗަށެވެ. އެއީ ކީރިތި ގުރްއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތެވެ.

އިމާމް ޝާފިޢީ- ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

"ﷲ ގެ ފޮތުން ނުވަތަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން މެނުވީ ދީނުގެ އެއްވެސް ކަމެއް ޘާބިތެއް ނުކުރެވޭނެއެވެ. އެހެންތަކެއްޗަކީ އެޔާއި ގުޅިފައިވާ ތަކެއްޗެވެ."

ދެން ޢިލްމުވެރިން މިދެމަޞްދަރުގެ މައްޗަށް ބިނާކޮށް ދީނުގެ ޙުކުމްތައް އޭގެ މައްޗަށް ބިނާކުރާނެ އަޞްލު ތަކެއް އުފެއްދެވިއެވެ. އެ އަޞްލުތަކަށްވެސް ބައެއް ޢިލްމުވެރިން "އިސްލާމްދީނުގެ މަޞްދަރުތަކޭ" ކިޔާ އުޅެއެވެ. އެއީ އިޖްމާޢު އާއި ގިޔާސް އެވެ.



އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވިއެވެ.

"އެއްވެސް ކަމެއްގައި ޙަލާލޭ ނުވަތަ ޙަރާމޭ ބުނެވޭނީ ޢިލްމެއްގެ މައްޗަށް ބިނާކޮށެވެ. އެޢިލްމަކީ ގުރްއާނާއި ސުންނަތް، ދަންނަބޭކަލުންގެ އިޖްމާޢު އަދި ގިޔާސް އެވެ.

ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ- ރަޙިމަހުﷲ- ވިދާޅުވިއެވެ.

"ގުރްއާނާއި ސުންނަތް އަދި އިޖްމާޢު ގެ މަދްލޫލަކީ އެކައްޗެކެވެ. ގުރްއާނުގައިވާ ކޮންމެ އެއްޗަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަކާ އެއްބަސްވެ ވަޑައިގަންނަވާ ކަންތަކެވެ. އަދި ޖުމްލަގޮތެއްގައި މުޅިއުއްމަތްވެސް މިކަމަށް އެއްބަސްވެއެވެ. ކީރިތި ގުރްއާނަށާއި މާތް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށް ތަބަޢަވުމަކީ ވާޖިބެއް ކަމުގައި ނުދެކޭ އެއްވެސް މުސްލިމަކު ނުވެއެވެ. ހުރިހާ މުއުމިނުން އެކަމަށް އިޖްމާޢުވެއެވެ. ހުރިހާ މުއިމިނުން އިޖްމާޢުވާ ކަންތަކަކީ އެއީ ޙައްގު ގޮތެވެ. ގުރްއާނާއި ސުންނަތާއި އެއްގޮތަށް އައިސްފައިވާ ކަންތަކެވެ."

އެހެންކަމުން އިސްލާމްދީނުގެ މަޞްދަރުތަކޭ ބުނެވޭ ބަހުގެ މާނައަކީ ދީނުގެ ޙުކުމްތައް އެއެއްޗަކުން ނެގޭ ތަކެތީގެ ވާހަކައެވެ. ދީނުގެ ޙުކުމްތައް ނެގެނީ ﷲ ގެ ވަޙީ ބަސްފުޅުތަކުންނެވެ. އެއީ ކީރިތި ގުރްއާނުގެ އާޔަތެއް ކަމުގައިވީނަމަވެސް ނުވަތަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅެއް ކަމުގައިވީނަމަވެސް އެވެ. އެހެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘަކީވެސް ވަޙީ އެވެ. އެހެންކަމުން އިސްލާމްދީނުގެ މަޞްދަރުތައް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ؛

1. އަޞްލީ މަޞްދަރުތައް: އަޞްލީ މަޞްދަރޭ ބުނެވެނީ ކީރިތި ގުރްއާނާއި ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތަށެވެ.

2. ތަބަޢީ މަޞްދަރުތައް: ތަބަޢީ މަޞްދަރޭ ބުނެވެނީ ގުރްއާނާއި ސުންނަތުން އިރްޝާދު ދެއްވާފައިވާ އިޖްމާޢަށާއި ގިޔާސަށެވެ. މާނައަކީ އިޖްމާޢާއި ގިޔާސްގައި ޙުކުމްތައް ނެގިފައިވަނީ ގުރްއާނާއި ސުންނަތަށް ރިޢާޔަތް ކުރެވިގެންނެވެ.

މިއީ ހުރިހާ ޢިލްމުވެރިން އިއްތިފާގްވެވަޑައިގަންނަވާ އިސްލާމްދީނުގެ ހަތަރު މަޞްދަރެވެ. މިނޫންވެސް ބައެއް މަޞްދަރުތައް ހުރެއެވެ. ނަމަވެސް އެމަޞްދަރުތަކަކީ އެއީ ޙުއްޖަތެއްތޯ ނުވަތަ ނޫންތޯ، އެއިން ޙުކުމް އިސްތިންބާޠު ކުރެވޭނެތޯ ނުވަތަ ނޫންތޯ މިކަންކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންކަމެވެ. މިޘާލަކަށް: ޞަޙާބީ އެއްގެ ބަސް، ސައްދުއްޛަރީޢާ، އިސްތިޙްސާން، އިސްތިޞްޙާބް، ޢުރްފު(ޢާދަކާދަތައް)، ކުރީގެ އުންމަތްތަކުގެ ޝަރީޢަތް، މަޞާލިޙުލްމުރްސަލާ ފަދަ މަޞްދަރުތަކެވެ.

ފުރަތަމަ މަޞްދަރު: ކީރިތި ގުރްއާން

ކީރިތި ގުރްއާނުގެ ތަޢުރީފް:

ގުރްއާނަކީ މާތް ﷲ ގެ ނަބިއްޔާ މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ މައްޗަށް ޖިބްރީލް ޢަލައިހިއްސަލާމް މެދުވެރިކުރައްވާ ބާވާލެއްވި، އެކިޔެވުމުން ދަރުމައާއި ޘަވާބުލިބޭ، އަދި އެފޮތާއި އެއްފަދަ ފޮތެއް ނުގެނެވޭނެކަމުގެ ޗެލެންޖު ކުރައްވާފައިވާ، އެކަލާންގެ ކަލާމްފުޅެވެ.

ގުރްއާނާއި ބެހޭ ގޮތުން މާތް ﷲ ފުއްޞިލަތް ސޫރަތުގެ 41 އަދި 42 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّهُ لَكِتَابٌ عَزِيزٌ لا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ) މާނައަކީ: "ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލް ކަމެއް ނާންނާނެތެވެ، އެއީ ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހްގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެކެވެ."

ހޫދު ސޫރަތުގެ އެއްވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِنْ لَدُنْ حَكِيمٍ خَبِيرٍ) މާނައަކީ: "މިފޮތުގެ އާޔަތްތައްވަނީ އޮޅުމެއްނެތި މާނަ ސާފުކޮށް އެގޭގޮތުގައި ފުރިހަމަ ނިޡާމަކުން ތަރްތީބު ކުރައްވާފައެވެ. އަދި ފޮތުގައިވާ ހުރިހާ ތަކެއްޗެއް ވަނީ ތަފްޞީލު ކޮށް ބަޔާންކުރައްވާފައެވެ."

ކީރިތި ގުރްއާނަކީ ގިޔާމަތާއި ހަމައަށް ދާންދެން އެޔަށް އެއްވެސް ބަދަލެއް ނައިސް އޮންނާނެ އެއްޗެއް ކަމުގައި މާތް ﷲ ވަނީ ލައްވާފައެވެ. ޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ) މާނައަކީ: "ހަމަކަށަވަރުން ގުރްއާން ބާވާލެއްވީ، ތިމަން ﷲ އެވެ. އަދި ހަމަކަށަވަރުން، ތިމަން ﷲ އެ ގުރްއާން ރައްކާތެރި ކުރައްވާހުށީމެވެ."

އިންސާނުންނަށް އެންމެ ސީދާވެގެންވާ ގޮތަށް މަގުދައްކާ އިންސާނީ ޙަޔާތް ބާއްޖެވެރިވާނޭ ގޮތް މިފޮތުގައި ބަޔާން ކުރައްވާފައިވެއެވެ. އަލްއިސްރާ ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا) މާނައަކީ: "ހަމަކަށަވަރުން މި ގުރްއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން، ޞާލިޙް ޢަމަލުތައްކުރާ މުއިމިނުންނަށް ބޮޑުވެގެންވާ ދަރުމައެއް ހުރިކަމުގެ އުފާވެރި ޚަބަރު ދެއްވައެވެ."

މި ގުރްއާން ބާވާލެއްވިފައިވަނީ މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ހިދާޔަތުގެ އަލިކަމުގެތެރެއަށް ނެރުއްވުމަށްޓަކައެވެ. އިބްރާހީމް ސޫރަތުގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّ هَذَا الْقُرْآنَ يَهْدِي لِلَّتِي هِيَ أَقْوَمُ وَيُبَشِّرُ الْمُؤْمِنِينَ الَّذِينَ يَعْمَلُونَ الصَّالِحَاتِ أَنَّ لَهُمْ أَجْرًا كَبِيرًا) މާނައަކީ: "އެފޮތް ކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ބާވާލެއްވީ، އެބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހުގެ އިޛްނަފުޅާއެކު، އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ކަލޭގެފާނު، މީސްތަކުން ނެރުއްވުމަށެވެ. ޢަޒީޒް ވަންތަ، ޙަމްދުލިބިވޮޑިގެންވާ އިލާހް ދެއްކެވި މަގަށެވެ."

ކީރިތި ގުރްއާނަކީ މާތް ﷲ ބާވާލެއްވި އެހެނިހެން ފޮތްތަކަށްވުރެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ފޮތެކެވެ. އަދި ކީރިތި ގުރްއާން ބާވާލެއްވުމުން އެހެން ހުރިހާ ފޮތްތަކެއް މަންސޫޚުވެގެން ދިޔައީ އެވެ. ޒުޚްރުފް ސޫރަތުގެ 4 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَإِنَّهُ فِي أُمِّ الْكِتَابِ لَدَيْنَا لَعَلِيٌّ حَكِيمٌ ) މާނައަކީ: "އަދި ހަމަކަށަވަރުން ތިމަން ﷲ ގެ ޙަޟްރަތުގައިވާ މައިފޮތުގައި (ލައުޙުލް މަޙްފޫޡުގައި) އެފޮތްވަނީ މަތިވެރިވެގެންވާ ޙިކްމަތްތެރި ފޮތެއްކަމުގައެވެ".

އަލްމާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ) މާނައަކީ: "އަދި ތިމަން ﷲ ޙައްގުގޮތުގައި ކަލޭގެފާނަށް ފޮތް ބާވާލެއްވީމެވެ. އޭގެ ކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރުވަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއްކަމުގައެވެ."

ގުރްއާން ބާވާލެއްވުން:

މައްކާގެ އަހްލުވެރިން ބުދަށް އަޅުކަންކުރާތީވެ އެކަމާ ހިތްޕުޅަށް ނުތަނަވަސްކަންލިބިވަޑައިގެން މީސްތަކުންނާއި ދުރުހެލިތަނެއްގައި ހުންނެވުމުގެ ބޭނުމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- "ހިރާ" އޭ ކިޔުނު ފަރުބަދަ އެއްގެ ހޮހޮޅަ އަކަށް ވަޑައިގަންނަވައެވެ. އެކަލޭގެފާނަށް ބޭނުންވާނެ ކާބޯތަކެތިވެސް އެތަނަށް ގެންދަވައެވެ. އަދި އެތަނުގައި ދުވަސްތަކެއްވަންދެން ހުންނަވައެވެ. މިކައުނު ހެއްދެވީ ކޮންފަރާތަކުންތޯ ވިސްނާ ފިކުރު ކުރެއްވުމުގައެވެ. މިގޮތަށް ދުވަސްތައް ވޭތުވަމުން ދަނިކޮށް ރަމަޟާން މަހެއްގެ ދުވަހެއްގައި އުޑާއި ބިން ހެއްދެވީ ކޮންފަރާތަކުންތޯ ފިކުރުކުރައްވަން ހުންނަވަނިކޮށް ވަޙީގެ މަލާއިކަތާ ޖިބްރީލް ޢަލައިހިއްސަލާމް ފައިބައިވަޑައިގަތެވެ. އަދި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. "ކިޔަވާށެވެ". އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބު ދެއްވިއެވެ. "ތިމަންކަލޭގެފާނަކީ ކިޔަވާ ބޭކަލެއް ނޫނެވެ"، ޖިބްރީލް ޢަލައިހިއްސަލާމް ތިންފަހަރަށް ތަކްރާރުކޮށް ކިޔެވުމަށް އަމުރުކުރެއްވިއެވެ. ކޮންމެ ފަހަރަކުވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަވާބުގައި ވިދާޅުވަނީ "ތިމަންކަލޭގެފާނަކީ ކިޔަވާވިދާޅުވާ ބެކަލަކީމެއް ނޫނެވެ" މިފަދައިންނެވެ. އެންމެ ފަހުންފަހަރު ޖިބްރީލް ޢަލައިހިއްސަލާމް ވިދާޅުވިއެވެ. "ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާޙުގެ އިސްމުފުޅުން ކިޔަވާ ވިދާޅުވާށެވެ، އެކަލާނގެ އިންސާނާ ހެއްދެވީ ގަނޑުލޭކޮޅަކުންނެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އަދި ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހަކީ އެންމެ ދީލަތިވަންތަ އިލާހެވެ. އެކަލާނގެއީ ގަލަމްގެ ޛަރީޢާ އިން އުނގަންނައިދެއްވި އިލާހެވެ."

މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް އެންމެ ފުރަތަމަ ބާވާލެއްވުނު އާޔަތްތަކެވެ. އެކަލޭގެފާނު އެއާޔަތްތައް ހިތުން ދަސްކުރެއްވިއެވެ.

އެކަލޭގެފާނު ބިރުފުޅުގަނެފައިވާ ޙާލު ތުރުތުރުއަޅަމުން އަނބިކަބަލުން ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ރަޖާއަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ. ރަޖާ އަޅާ ތިމަންކަލޭގެފާނު ފޮރުއްވާ ދެއްވާށެވެ". އެކަލޭގެފާނުގެ ހިތްޕުޅުން ބިރުވެތިކަން ފިލައިގޮސް ހަމަޖެހިލެއްވީމާ ކަންތައްވީ ގޮތް އަނބިކަބަލުން ޚަދީޖާ- ރަޟިޔަﷲ ޢަންހާ އަށް ކިޔައިދެއްވިއެވެ. އެކަމަނާ އެކަލޭގެފާނުގެ ހިތްޕުޅު ހަމަޖައްސަވައިދެއްވިއެވެ. އަދި ވިދާޅުވިއެވެ. އޭ ބޮޑުބޭބެގެ ދަރިޔާއެވެ. އުފާ ކުރައްވާށެވެ. ކަލޭގެފާނަކީ މިއުއްމަތުގެ ނަބިއްޔާކަމުގައި ވުމަށް ތިމަންކަމަނާ އުއްމީދު ކުރައްވަމެވެ."

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ގުރްއާން ބާވާލެއްވުނު އިރު ޢުމުރުފުޅަކީ 40 އަހަރެވެ.

ގުރްއާން ބާވާލެއްވުނު ގޮތް:

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّا أَنْزَلْنَاهُ فِيْ لَيْلَةِ الْقَدْرِ) މާނައީ: "ހަމަކަށަވަރުން ތިމަން ﷲ ގުރްއާން ބާވާލެއްވީ ލައިލަތުލްގަދްރި ވިލޭރެއެއްގައެވެ". މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތައް ތިރީގައި މިވަނީ އެވެ.

1. ލައުޙުލްމަޙްފޫޡުން ދުނިޔޭގެ އުޑަށް ބާވާލެއްވުމެވެ. އެއީ މުޅިގުރްއާން އެއްކޮށެވެ. އޭގެ ފަހުން ތޭވީސް އަހަރުތެރޭ އެކިފަހަރު އެކި އާޔަތް ތައް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުމެވެ.

2. ދުނިޔޭގެ އުޑުތަކަށް ގުރްއާން ބާވާލެއްވުނީ ވިހި ލައިލަތުލް ގަދްރި ވިލޭރެއިންނެވެ. އެއިން ކޮންމެ ރެއެއްގައި އެއަހަރެއްގެ ތެރޭގައި ބާވާލައްވާ އާޔަތްތައް ދުނިޔޭގެ އުޑަށް ބާވާލައްވައެވެ. އެއަށް ފަހު އެކިފަހަރުމަތިން އެކި އާޔަތް ތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލައްވައެވެ.

3. ގުރްއާން ބާވާލައްވަން ފެއްޓެވީ ލައިލަތުލްގަދްރިވިލޭރެ އެއްގައެވެ. އެއަށްފަހު އެކިފަހަރު މަތިން އެކި އާޔަތް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ބާވާލެއްވުނެވެ.

އެކިފަހަރުމަތިން ގުރްއާންބާވާލެއްވުމުގެ ޙިކްމަތްތައް:

އެހެނިހެން ރަސޫލު ބޭކަލުންގެ މައްޗަށް ފޮތްތައް ބާވާލެއްވީ އެއްފަހަރާ އެވެ. ނަމަވެސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް އެއްފަހަރާ ގުރްއާން ބާވާލެއްވުމުގެ ބަދަލުގައި އެކިފަހަރު މަތިން ބާވާލެއްވުމުގައި ވަރަށް މަތިވެރި ޙިކްމަތްތަކެއްވެއެވެ.

1. އެހެނިހެން ރަސޫލުބޭކަލުންނާއި ތަފާތުކޮށް އިތުރު އެކަލޭގެފާނަކީ ލިޔަންކިޔަން ނުދަންނަ އުއްމިއްޔަ ބޭކަލެކެވެ. އެހެންކަމުން އެއްފަހަރާ ގުރްއާން ބާވާލައްވައިފިނަމަ އެކަލޭގެފާނަށް ގުރްއާން ދަސްކުރައްވަން ދަތިފުޅުވެދާނެއެވެ. އެހެންކަމުން އެކަލޭގެފާނުގެ މައްޗަށް އެކިފަހަރުމަތިން ގުރްއާންބާވާލެއްވުނީ އެވެ. އަލްފުރްގާން ސޫރަތުގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وقال الذين كفروا لولا نزل عليه القرآن جملة واحدة كذلك لنثبت به فؤادك ورتلناه ترتيلا) މާނައަކީ: "ކާފިރުވީ މީހުންބުންޏެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ ގުރްއާން ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ތިމަން ﷲ ގުރްއާން ބާވާލެއްވީ އެފަދައިން ބައިބަޔަށެވެ. އެއީ ތިމަން ﷲ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ޘާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަން ﷲ އެ ގުރްއާން ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ."

2. ގުރްއާނުގެ ބައެއް އާޔަތްތަކަކީ މީސްތަކުން ކުރާ ސުވާލެއްގެ ޖަވާބެވެ. ނުވަތަ މީހަކު ބުނިބަހެއްގެ ރަގަޅު ގޮތާއި ނުރަގަޅު ގޮތް ބަޔާންކޮށް ދެއްވުމުގެ ގޮތުން ބާވާލެއްވުނު އާޔަތްތަކެވެ. އަލްފުރްގާން ސޫރަތުގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ولا يأتونك بمثل إلا جئناك بالحق وأحسن تفسيرا) މާނައަކީ: "އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިޘާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަން ﷲ ކަލޭގެފާނަށް ޙައްގުބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ."

3. އިސްލާމްދީނުގެ ބައެއް ޙުކުމްތައް ބާވާލައްވާފައިވަނީ އެކިފަހަރުމަތިން ކަމަށްވާތީވެ، އެކަންތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާ، ދަސްކޮށްދެއްވުމަށް ފަސޭހާވާނީ އެކިފަހަރުމަތިން ގުރްއާންބާވާލެއްވުމުން ކަމަށް ވުން. އުންމުލްމުއިމިނީނަ ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. (إنما نزل أول ما نزل سورة من المفصّل فيها ذكر الجنة والنار ، حتى إذا ثاب الناس إلى الإسلام نزل الحلال والحرام ، ولو نزل أول شيء : لا تشربوا الخمر ، لقالوا : لا ندع الخمر أبدًا ، ولو نزل : لا تزنوا ، لقالوا لا ندع الزنى أبدً) މާނައަކީ: "ކީރިތި ގުރްއާނުގައި ފުރަތަމަކޮޅު ބާވާލެއްވުނީ މުފައްޞަލް ސޫރަތްތަކު ތެރޭގައި ހިމެނޭ ސޫރަތެއްގެ އާޔަތެކެވެ. އޭގައިވަނީ ސުވަރުގެ އާއި ނަރަކައިގެ ވާހަކައެވެ. މީސްތަކުންނަށް އިސްލާމްދީނުގެ ތެރެއަށް ރަގަޅަށް ވަދެވުމުން، ޙަލާލު ޙަރާމް ގެ ކަންތައް ބާވާލައްވަން ފެއްޓުނެވެ. އެންމެ ފުރަތަމަވެސް ރާނުބޯށޭ ބާވާލެއްވިނަމަ މީސްތަކުން ބުނީހެވެ. ތިމަންމެން ރާބުއިން ދުލެއްނުކުރާހުށީމެވެ. ޒިނޭ ނުކުރާށޭ ބާވާލެއްވިނަމަ މީސްތަކުން ބުނީހެވެ. ޒިނޭ ކުރުން ދުލެއް ނުކުރާ ހުށީމެވެ."

ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ތަކަށް ނަޡަރު ހިންގައިލައިފިނަމަ ފެނިގެންދަނީ ކީރިތި ގުރްއާން ބާވާލެއްވުނީ އެއިރަކަށް ބޭނުންވާ އާޔަތެއް ބޭނުންވެއްޖެ ހިނދެއްގައި ކަމެވެ. ބައެއް ފަހަރު ފަސްއާޔަތެވެ. އަނެއްބައި ފަހަރު ދިހަ އާޔަތެވެ. ބައެއް ފަހަރު އެއަށްވުރެ އިތުރެވެ. އަނެއްބައިފަހަރު އެއަށްވުރެ މަދެވެ. އާޔަތެއްގެ އެއްބައިކަމުގައިވާ (غير أولي الضرر) އެކަނިވެސް އެއްފަހަރަކު ބާވާލެއްވިކަމަށް ޞައްޙަމަގުން އައިސްފައިވެއެވެ.

ގުރްއާން ރައްކާ ކުރެއްވުން:

ކީރިތި ގުރްއާނަށް އުނިއިތުރު ކުރުމާއި ގެއްލިގެން ދިޔުން ފަދަ ކަންތަކުން މާތް ﷲ ވަނީ އެފޮތް ރައްކާތެރިކޮށްދެއްވާފައެވެ. އަދި ގުރްއާނުގައިވާ ޙުކުމްތައްވެސް ގެއްލިގެން ދިޔުމން މާތް ﷲ ވަނީ ރައްކާތެރި ކުރައްވާފައެވެ. ޙިޖްރު ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ) މާނައަކީ: "ހަމަކަށަވަރުން އެގުރްއާން ބާވާލެއްވީ ތިމަން ﷲ އެވެ. އަދި އެގުރްއާން ރައްކާތެރި ކުރައްވާނީވެސް ތިމަން ﷲ އެވެ".

ފުއްޞިލަތް ސޫރަތުގެ 41 އަދި 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ . لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ) މާނައަކީ: "ހަމަކަށަވަރުން، އެއީ ބާރުގަދަ ފޮތެއްކަން ކަށަވަރެވެ. އެފޮތުގެ ކުރިމައްޗަކުންވެސް، އަދި އޭގެ ފަހަތަކުންވެސް އެފޮތަކަށް ބާޠިލް ކަމެއް ނާންނާނެތެވެ، އެއީ ޙަމްދު ލިބިވޮޑިގެންވާ، ޙަކީމްވަންތަ އިލާހްގެ ޙަޟްރަތުން ބާވާލެއްވުނު ފޮތެކެވެ."

އަލްކަހްފު ސޫރަތުގެ 27 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَاتْلُ مَا أُوحِيَ إِلَيْكَ مِنْ كِتَابِ رَبِّكَ لَا مُبَدِّلَ لِكَلِمَاتِهِ وَلَنْ تَجِدَ مِنْ دُونِهِ مُلْتَحَدًا) މާނައަކީ: "ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހް ގެ ފޮތުން، ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ. އެކަލާނގެ ކަލިމަ ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

އަލްޢަންކަބޫތު ސޫރަތުގެ 48 އަދި 49 ގައި ވަޙީ ކުރައްވާފައިވެއެވެ. (وَمَا كُنْتَ تَتْلُو مِنْ قَبْلِهِ مِنْ كِتَابٍ وَلَا تَخُطُّهُ بِيَمِينِكَ إِذًا لَارْتَابَ الْمُبْطِلُونَ . بَلْ هُوَ آيَاتٌ بَيِّنَاتٌ فِي صُدُورِ الَّذِينَ أُوتُوا الْعِلْمَ وَمَا يَجْحَدُ بِآيَاتِنَا إِلَّا الظَّالِمُونَ) މާނައަކީ: "އަދި އޭގެކުރިން ކަލޭގެފާނު އެއްވެސް ފޮތެއް ކިޔަވައިވިދާޅުވެއެއް ނޫޅުއްވަމުއެވެ. އަދި ކަލޭގެފާނުގެ އަތްޕުޅުން އެއްވެސް ފޮތެއް ނުލިޔުއްވަމުއެވެ. އެކަން އެހެންވީނަމަ، كافر ން شك ކުރީހެވެ."

އިސްވެދިޔަ އާޔަތްތަކުން ދޭހަވަނީ މާތް ﷲ ވަނީ ކީރިތި ގުރްއާން ރައްކާތެރި ކުރައްވާފައި ކަމެވެ. އެހެންކަމުން އޭގައިވާ އެއްވެސް އެއްޗަކަށް އުނިއިތުރުކޮށް ހެދުމަކީ އެއްވެސް ފަރާތަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫނެވެ.

- ނުނިމޭ -


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން