ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް
ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުން ވަކިކުރުމަށް ގޮވާލެއްވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައި އެކޮމިޝަނުން ބުނެފިއެވެ.

ސީއެސްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދިވެހި ޤައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅަމުން ގެންދާ ޚާއްޞަ ފިޔަވަޅުތަކަށް އިޙުތިރާމުކޮށް، އެފިޔަވަޅުތައް ތަންފީޒުކުރުމަށް އެކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާ މެދު ބައެއް ފަރާތްތަކުން ނުރުހުންވާ ކަމަށެވެ. އަދި ސީއެސްސީއަށް ޤާނޫނުން ލިބިދީފައި ނުވާ ބާރުތަކެއްގެ ބޭނުންކުރަމުންދާކަމުގެ ތުހުމަތު ކުރަމުންދާ ކަމަށާއި، ކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ގޮވާލަމުންދާ ގޮވާލުންތަކާ މެދު ކޮމިޝަނުން ކަންބޮޑުވެ، ހިތާމަ ކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އެފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށާއި ކަމުގެ ދެކޮޅު ބެލުމަށާއި، ފުރިހަމަ ޙަޤީޤަތް ސާފުކުރުމަށް ފަހު، ޚަބަރު ފެތުރުމަށް ހުރިހާ ފަރާތްތަކަށް ކޮމިޝަންގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

ސީއެސްސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރަން ޖެހޭ ގަޑިއާއި މަސައްކަތްކުރަން ޖެހޭ ރަސްމީ ދުވަސްތައް އަދި މުސާރަތައް ކަނޑައަޅަމުން ދާނީ ސަރުކާރުން ކަމަށެވެ. އަދި ސަރުކާރުން ކަނޑައަޅުއްވާ ގަޑިތަކުގައި، ކަނޑައަޅުއްވާ އުޞޫލަކުން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދަނީ ސީއެސްސީން ކަމަށްވެސް އެކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސީއެސްސީ އިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވަނީ އެކޮމިޝަން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެންބަރުން ވަކިކުރުމަށް ގޮވާލައްވާފައެވެ.

މަޤަމުގެ ޒިންމާ އަދާ ނުކުރެވޭކަމަށް ޤަބޫލު ކުރެވޭތީ ސިވިލް ސަރވިސް ކޮމިޝަނުގެ 4 މެންބަރަކު ވަކި ކުރުމަށް، މެންބަރު ވިސާމް ހިމެނިވަޑައިގަންނަވާ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން މާރޗު މަހުގެ އެއް ވަނަ ދުވަހު ފާސްކުރި އެވެ. ކޮމިޓީން މަޤާމުން ވަކިކުރުމަށް ނިންމާފައި ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި، މެންބަރު އިބްރާހިމް ޝަހީގުގެ އިތުރުން މެންބަރު އަލްއުސްތާޛު ޒަކަރިއްޔާ ޙުސައިނެވެ.

އެހެންނަމަވެސް، ކޮމިޝަންގެ 4 މެންބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލާފައި ވާތީ ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކޮމެޓީން ނިންމީ 4 މެންބަރުން ވަކިކުރުމުގެ މައްސަލައިގެ ރިޕޯޓު ނިންމާއިރު، އެ ކޮމިޝަނުގެ މެންބަރު ފާޠިމަތު އާމިރާގެ މައްސަލަވެސް ބެލުމަށް ފަހު 5 މެންބަރުން ވެސް ހިމެނޭގޮތަށް ރިޕޯޓު ތައްޔާރުކޮށް ހުށަހެޅުމަށެވެ.

ދައުލަތުގެ އެހެނިހެން މިނިވަން މިއައްސަސާތަކާއި ކޮމިޝަން ތަކޭ އެއްގޮތަށް މިނިވަން ގާނޫނީ ސަހުސެއްގެ ގޮތުގައި އުފައްދާފައިވާ ސިވިލް ސަރވިސް ކޮމިޝަނަކީވެސް ކޮންމެ ސަރުކާރަކާއެކު މެންބަރުންނަށް ބަދަލު އަންނަ ކޮމިޝަނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން