22 ވަނަ އެޕިސޯޑް

==========

[ނޫން......ޒޭނާ އަހަންނާ ވަތްކެއް ނުވާނެ.] ކުރި ފުން އަސަރާއެކު ސިޓީ މުށުތެރެއަށްލާ ބޮނޑިކޮށްލެވުމާއެކު، އޭނާއަށް ދެކަކޫމައްޗަށް ތިރިވެވުނެވެ. ޢައިޝާ، އޭނާގެ ފޯނަށް ގުޅީ އެވަގުތެވެ. ދެތިންފަހަރު ތަކުރާރުކޮށް ޢައިޝާ ގުޅީމާ ފޯނު ނަގައިވެސްފިއެވެ.

[ނާއިލް...ނާއިލް....އަހަރެން ބަނޑު ބޮޑު...އަހަރެން ކިހިނެއް ހަދާނީ...] ޢައިޝާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ. ނާއިލް ފޯނު ކަނޑާލިއެވެ. އިތުރު ހާސްކަމެއް ކުރިމަތިވިއެވެ. ޢައިޝާގެ އެމެސެޖުން އޭނާގެ ސިކުނޑި ވަރަށް ބޮޑަށް ހާސްކުރުވައިފިއެވެ.

[ދޮގު.....ޢައިޝާ ބަނޑުބޮޑެއް ނުވާނެ. ޢައިޝާ އަހަންނާ ސަމާސާ ކުރަނީ. އަހަރެންގެ ލޯބިވާ ޒޭނާ އެދިޔައީ ކޮންތާކަށްބާ؟ ޒޭނާ ދައްކާފައިވާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް. ޢައިޝާގެ ސަބަބުން އަހަންނަށް އަހަރެންގެ ލޯތްބާމެދު ފަރުވާކުޑަކުރެވުނު. ޖެހިޖެހިގެން ދެތިންރޭ ޒޭނާއަށް ގަޑިކިޔާފައި ކެންސަލް ކުރެވުނު. އެކަމަކު ޒޭނާ ފެނުނު ކަމަށް އެބުނާ މަންޒަރަކީ ކޮބައިބާ؟] ނާއިލް ކުރިއަށްވުރެންވެސް ބޮޑަށް ހާސްވާން ފަށައިފިއެވެ. އެހެން ނަމަވެސް، ޒޭނާ ފެނޭތޯ އޭނާ ދާނީވެސް ވަކި ކޮންތާކަށް ހެއްޔެވެ. އޭނާގެ ބޮޑުބޭބެ ޔޫސުފް ގާތަކުވެސް ޒޭނާދާ ތަނެއް ބުނެފާނެހެނެއް ހިއެއްނުވެއެވެ.

[ބޭބޭ...ޒޭނާމެންދިޔަ ތަނެއް އެނގޭތަ؟] ނާއިލް ބޭރަށް ނުކުމެ ޔޫސުފަށް ގުޅާފައި އެއްސެވެ.

[ގެއަކު ނޫޅޭތަ؟ ތަނަކަށް ދާން އުޅުނު ކަމެއް އެނގިފައެއް ނެތް....ގުޅާފައި އަހާބަލަ. ބޭބެ ރޭގައިވެސް އެމަންޖެ ގާތަށް ދިޔައިން. ތާކަށް ދާން އުޅޭ ވާހަކައެއް ނުބުނޭ.] ޔޫސުފް ބުންޏެވެ.

[ފޯނަކުންވެސް ނުގުޅޭ. ޒޭނާގެ މަންމަ ފޯނުވެސް އޮފް ކޮށްފަ އޮތީ. މިގޭގަ ގެންގުޅޭ މީހާ ބުނީ ހުރިހާ ތަކެއްޗެއްވެސް ހިފައިގެނޯ ދިޔައީ.] ނާއިލް ކުރިއަށްވުރެންވެސް ހާސްވާން ފަށައިފިއެވެ.

[ޒާހިދާ ޑޮކްޓަރަށް ދައްކާލަން އިންޑިޔާއަށްދާ ވާހަކަ ބޭބެ ގާތު ބުނި. އެކަމަކު އިންޑިޔާއަކަށްވެސް ނުދާނެތާ، ބޭބެ ގާތުވެސް ބުނެނުލައެއް. ރަށަށް ދިޔައީކީނޫން. ބޭބެ ރޭގައި ދިޔައިމާވެސް އެކަހަލަ އިޝާރާތެއްވެސް ނުކުރޭ. އަނެއްކާ ނާއިލާއި އެމަންޖެއާ ދެބަސްވުމެއް އުފެދުނީތަ؟] ޔޫސުފްވެސް ކަންބޮޑުވެއްޖެއެވެ. ޒޭނާއަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ.

[ބޭބޭ....އަހަންނަށް މަޢާފްކުރޭ. ޙަޤީޤަތުގައިވެސް އަހަންނަށް ޒޭނާއާމެދު ފަރުވާކުޑަކުރެވުނީ. އެއީ ޢައިޝާގެ ސަބަބުން. އަހަރެން ޤަޞްދުގައި އެއްވެސް ކަމެއް ނުކުރަން. ޒޭނާ ގޮސްގެން އުޅެނީ އަހަންނަށް ސިޓީއެއްވެސް ލިޔެފައި. އޭގައި އޮތީ އަހަންނަށްޓަކައި ޒޭނާ މަރުވެއްޖެ ކަމަށް ހީކޮށްލާށޭ....ބޭބޭ ޒޭނާ ވީތަނެއް ހޯދަބަލަ...އިންޑިޔާއަށްވެސް ދެވޭނީ ފައިސާވެސް ހުރެގެނެއްނު.] ނާއިލަށް ރޮވޭގޮތްވިއެވެ.

[އެމަންޖެ އަތުގައި ފައިސާ ހުންނާނެ. ބޭބެ ބަލިވިއިރު ބޭބެގެ އެކައުންޓަށް ޖަމާވެފައި ހުރި ހަތަރުލައްކަ ރުފިޔާ، އެމަންޖެގެ އެކައުންޓަށް ބޭބެވާނީ ޓްރާންސްފަރ ކޮށްފައި. ދެން ބާއްވާ، ބޭބެ މިބަލަނީ އެމަންޖެއާ ގުޅޭތޯ.] ޔޫސުފް ފޯނު ކަނޑާލިއެވެ. އިއްތިފާޤެއްފަދައެވެ. ޒޭނާ ގުޅީ ޔޫސުފް ފޯނު ކަނޑާލިތަނާހެނެވެ.

[ބައްޕާ...އަހަންނަށް މަޢާފްކުރޭ...އެނގޭ، ނާއިލަކީ ބައްޕަގެ ކޮއްކޮކަންވެސް. އެކަމަކު ބައްޕާ، އަހަރެން ބޭނުންވަނީ ނާއިލާ ވަކިވާން. ނާއިލް ލޯބިވަނީ ޢައިޝާދެކެ. ބައްޕަ ގާތު މިއަށްވުރެން އިތުރަށް އެވާހަކަ ކިޔައިދޭކަށް އަހަންނަކަށް ނުކެރޭނެ. ބައްޕަ، މަންމަ ގާތު އަހާތި....އަހަރެމެން މާލޭގައި ބައިތިއްބަން ބައްޕަ އެދެންޏާ، ނާއިލަށް ނޭނގޭ ގޮތަށް އެހެން ތަނެއް ހަމަޖައްސައިދީ ބައްޕާ...އަހަރެންވެސް ބޭނުންވަނީ ބައްޕަ ފެންނަ ހިސާބުގައި އުޅެން....ބައްޕައާ ދުރަށްދާކަށް ބޭނުމެއް ނޫން. އާދޭސްކުރަން ބައްޕާ، ނާއިލް ގާތު އަހަރެން ހުރިތަނެއް ނުބުނާތި. މިދެނީ މަންމަ އަތަށް....] ޒޭނާ ރޮއިރޮއިފައި ބައްޕައާ ވާހަކަ ދެއްކުމަށްފަހު، މަންމަގެ އަތަށް ފޯނުދިނެވެ.

ޒާހިދާ ހުރިހާ ވާހަކައެއްވެސް ތުނޑުން ތުނޑަށް ޔޫސުފަށް ކިޔައިދިނެވެ. ޒޭނާގެ ލޮލަށް ސީދާ ފެނުނު މަންޒަރުގެ ވާހަކަވެސް ކިޔައިދިނެވެ.

[ފިސާރި ތެދެއް! ނާއިލްވެސް އަހަރެމެން ހީކުރިހާ ރަނގަޅު ކުއްޖަކަށްނުވިތާ...ކޮންމެ ގޮތެއްވިޔަސް، ޒޭނާއަކީ އަހަރެންގެ ދެލޮލުގެ ނޫރުފަދަ އަހަރެންގެ ހުރިހާ އުފާތަކެއްގެ ވެރި، އަހަރެންގެ ލޯބިވާ ދަރިފުޅު. ނާއިލަކީ އަހަރެންގެ ކޮއްކޮ. އަހަރެންގެ ދަރިފުޅަށް ހިތްދަތިކަމެއް ލިބޭކަށް އަހަރެން ނޭދެން. މިބައްޕަގެ ލޯތްބާނުލާ އެއްވެސް ޝަކުވާއަކާނުލާ ފުރާވަރަށް އައިސް ބައްޕަގެ ލޯބި ލިބުނުހިނދު، އެބައްޕަގެ ކޮއްކޮއެއްގެ ފަރާތުން އެމަންޖެއަށް ހިތްދަތިކަމެއް ދިނުމަކީ އަހަންނަށް ބަރުދާސްތު ކުރެވޭނޭ ކަމެއް ނޫން. އަހަރެންގެ ހުރިހާވެސް އުފަލަކީ މިހާރު އެދަރިފުޅު. އަހަރެން ވަރަށް ދެރަވެއްޖެ. ކަންތައް މިދިމާމިގޮތުން.] ޔޫސުފްގެ އަޑުވެސް ބަދަލުވިއެވެ. އޭނާ އެދުވަހާއި އެރޭ މަސައްކަތްކޮށް، ދެކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފިއެވެ. އެއްއަހަރު ދުވަހުގެ އެޑްވާންސް ދެއްކުމަށްފަހުގައެވެ. އެއީ އޭނާއަށް ހުޅުމާލެއިން ލިބިފައިވާ ބިމުގައި އަޅަމުންދާ ހަތަރުބުރީގެ ޢިމާރާތް ނިމޭނޭ ކަމަށް ބެލެވޭ މުއްދަތެވެ. އެގެ ނިމުމާއެކު، ޒޭނާ އެގެއަށް ބަދަލުވާނެއެވެ.

ގިނަ ބަޔަކަށް ނޭނގުނަސް، އައި.އެން ކޮމްޕެނީގެ ހުރިހާ ވިޔަފާރިއަކީވެސް އޭނާގެ 33 ޕަސެންޓް ޙިއްޞާވާ ވިޔަފާރިތަކެވެ. އެހެން ނަމަވެސް، ނާޒިން ބިއުޓީ ސެލޫންގެ ނަމުގައި ނާޒިމާ ދާދިފަހުން ހުޅުވި ބިއުޓީ ސެލޫނަކީ ޔޫސުފްގެ ޙިއްޞާވާ ވިޔަފާރިއެއް ނޫނެވެ. އެއީ އޭނާ ޤަޞްދުގައި އެކަމުގައި ޙިއްޞާވާން ބޭނުން ނުވީއެވެ.

[ބޭބޭ އަދިވެސް ޒޭނާއާ ދިމައެއްނުވޭތަ؟ މިހާރު ފޯނު އޮންކޮށްފަ އޮތީ. އެކަމަކު އަހަރެން ގުޅާގުޅާ ފޯނެއް ނުނަގާ. އަޅެ ބޭބެ ގުޅާބަލަ.] ނާއިލް ވާހަކަ ދައްކާ ގޮތުން އޭނާ ޒޭނާދެކެ ލޯބިވާ މިންވަރު ދޭހަވާނެއެވެ.

[ބޭބެ ވަރަށް އެބަ މަސައްކަތް ކުރަން. އެކަމަކު އަދި ޚަބަރެއްނުވޭ.] ޔޫސުފް ކުރު ޖަވާބެއް ދިނުމަށްފަހު ކޮޓަރިއަށް ވަނެވެ.

[އަޅެ ކޮންތާކަށްބާ އެދިޔައީ....] ނާއިލް ހިތާހިތާ ވާހަކަ ދައްކަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ޢައިޝާގެ ރަޙްމަތްތެރިޔާ ސީނާ ނާއިލްގެ ފޯނަށް ގުޅީ އެވަގުތެވެ.

[ނާއިލް...ނިކަން އަވަހަށް މިގެއަށް އައިސްބަލަ. ޢައިޝާ ރޮނީ. އަހަރެން އާދޭސްކޮށްކޮށްވެސް ހުއްޓައެއްނުލި. ނާއިލް ލަނޑުދީފިޔޭ ކިޔާ ރޮނީ...ވަރަށް އަވަހަށް އަންނައްޗޭ. އަހަރެން އޭނާ ރޯތީ ބިރުން އިސްމާޢީލްބެއަށްވެސް ގުޅައިފިން.] މިހެން ބުނެފައި ސީނާ ފޯނު ބޭއްވިއެވެ. އޭރު ސީނާއަށްވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ނާއިލަށް މަޖުބޫރުވީ އެގެއަށްދާށެވެ. ނާއިލް ގޮސް ޢައިޝާގެ ކޮޓަރިއަށް ވަނުމާއެކު، ޢައިޝާ ކުރިއަށްވުރެންވެސް ބާރަށް ރޯން ފެށިއެވެ.

[ނާއިލް...އަހަރެން ސަލާމަތްކުރޭ. ނާއިލް ކީއްވެތަ އަހަންނަށް މިވަރުގެ ބޮޑު ކެއްސެއް ދިނީ. ގުޅާ ގުޅާ ފަހުން....ފޯނެއް ނުނަގާ....މާބުރުގެ އުޞޫލުން ފޮނިކޮޅު ބޯލާ....ބޭނުން ނެތުނީމާ ދޫކޮށްލަނީދޯ...އަހަރެންދެކެ ލޯބިނުވާއިރު، ކީއްވެތަ އަހަންނަށް މިވަރުގެ ލަނޑެއް ދިނީ....އަހަރެން ބައްޕަމެން ގާތު މިވާހަކަ ކިޔައިދޭނީ ކިހިނެއްތަ....އަހަރެން މިހެންހުރެ ބަނޑުގައިމިވާ ނާއިލްގެ ދަރިފުޅު ވިހަން ވެއްޖެއްޔާ...ދެޢާއިލާ މުޅިން ބަދުނާމު....ވާނެ...އަޅެ ކިހިނެއްތަ އަހަރެން ހަދާނީ.....] ޢައިޝާއަށް ގިސްލެވުނެވެ. އޭރު ޢައިޝާގެ ވާހަކަ ފެށުނީއްސުރެން އަޑުއަހަން ޢައިޝާގެ ބައްޕަ އިސްމާޢީލާއި އޭނާއާއެކު އައިސް ވަން އިލްޔާސް ހުއްޓެވެ.

ޢައިޝާގެ ވާހަކައިން އިލްޔާސާއި އިސްމާޢީލަށް ލިބުނު ޝޮކާއެކު ގަނޑުވި ކަހަލައެވެ.

[ނާއިލް!؟] ދެލޯ ބޮޑުކޮށްގެން ހުރެ އިލްޔާސް ނާއިލަށް ގޮވިއެވެ. ނާއިލަށް ލިބުނީ ބައްޕައަށްވުރެން ބޮޑު ޝޮކެކެވެ.

ޢައިޝާއާއި އޭނާއާ ދެމެދު ގުޅުމެއް ހިނގާފައިވާކަން ފަހަރެއްގައިވެސް އޭނާގެ ބައްޕަ އިލްޔާސާއި ޢައިޝާގެ ބައްޕަ އިސްމާޢީލަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް މިހާރު ކަންތައްތައް ވަމުން އެދަނީ އެއްވެސްއިރެއްގައި ވާން އޭނާ އެދުނު ގޮތަކަށް ނޫނެވެ. ވުމާއެކު ބައްޕަ ގޮވީމާވެސް ޙައިރާންވެފައި އޭނާއަށް ހުރެވުނީއެވެ.

[ނާއިލް...ނާއިލަށޭ ބައްޕަ މިގޮވަނީ. ތިޔައީތަ ބައްޕަ ދަރިފުޅަށް ދިން ތަރުބިއްޔަތަކީ!؟ ނާއިލް ޢައިޝާއާ ކައިވެނި ކުރާކަށް ބޭނުމެއްނުވި....ދެން ކީއްވެތަ ބަދުނާމު ކުރަން މަސައްކަތް ކުރަނީ....] އިވުނު އަޑާމެދު ހިތްހަމަނުޖެހިފައި އިލްޔާސް ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ.

[ޢައިޝާ އެބުނީ ތެދެއްތަ؟ ޢައިޝާ އެއިނީ ނާއިލްގެ ދަރިއަކަށް ބަލިވެތަ؟ ބައްޕަ ގާތު ނާއިލް ދޮގެއް ހަދައިފިއްޔާ ބައްޕަ ވަރަށް ދެރަވާނެ.] އިލްޔާސް ވާހަކަ ދެއްކިއެވެ. ނާއިލް ހުރީ އަނގައިން ބަސް ހުއްޓި އިސްޖެހިފައެވެ.

[ނޭ...ނގެ އަހަންނަކަށް. ޢައިޝާ އެހެން އެބަ ބުނޭ....އަހަރެން.] ނާއިލް އެހުރިގޮތަށް އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

[އެންމެ ރަނގަޅު، ޢައިޝާއަށް އެހެން ބުނުމުގެ ފުރްޞަތު އެބައޮތްތަ؟ ނޫނީ އެއީ ވެދާނެ ކަމެއްތަ؟] އިލްޔާސް ހީވަނީ ތަޙްޤީޤެއް ކުރާ މީހެއް ހެންނެވެ.

[ބައްޕާ...އަހަންނަށް މަޢާފްކުރޭ...ޢައިޝާއަށް އެހެން ބުނުމުގެ ފުރްޞަތު ނެތި އޭނާވެސް އެހެނެއް ނުބުނާނެއެއްނު. އެއީ ވެދާނެ ކަމެއް. ބައްޕާ....އަހަރެން ކިހިނެއްތަ ދެން....] ނާއިލް މިހެން ބުނެފައި އެކޮޓަރިން ނުކުމެއްޖެއެވެ. އިތުރަށް ބައްޕަގެ ކުރިމަތީގައި ހުންނަން އޭނާ ލަދުވެތިވަނީއެވެ.

ޙަޤީޤަތުގައި ނާއިލަށް ކޮންމެ ގޮތަކަށް ކަންތައް ކުރެވުނަސް، ނާއިލަކީ އޭނާގެ ބައްޕައަށް ނުހަނު އިޙްތިރާމްކުރާ، އެފަދަ ކަންތަކުގައި ބައްޕަދެކެ ވަރަށް ބޮޑަށް ލަދުގަންނަ ކުއްޖެކެވެ.

އޭނާ ނުކުމެގެން ދިޔައީ އެކަމާމެދު ރަޙްމަތްތެރިޔާ ސިޔާދާ މަޝްވަރާ ކުރާށެވެ.

އޭނާ ކާރަށް އަރައިގެން ދިޔައީ ސީދާ ސިޔާދުމެންގެ ގެއަށެވެ. އޭރު ސިޔާދުވެސް އޮފީސް ނިންމާފައި އައިސް ކައިގެން ޓީ.ވީ ޗެނަލަކުން ދައްކަމުންދިޔަ ފުޓްބޯޅަ މެޗެއް ބަލަން ޖައްސާލައިގެން އިނެވެ.

[ކިހިނެއްވީ ހާދަ ހާސްވެފައި. ވަދެ ޖައްސާލާ. ބަލަ...މިމެޗް ނިމުނީމާ ތިގެއަށް ދާން ނުކުންނަން ކަމަށް އަހަރެން މިހުންނަނީ.] ނާއިލް ދޮރުމައްޗަށް ހުއްޓުމުން، ސިޔާދު ވާހަކަ ދެއްކިއެވެ. ނާއިލް ވަދެ ސޯފާއަށް ވެއްޓިގަތެވެ.

[ސިޔާ....ސިޔާއަށްވެސް ސިއްރުން އަހަންނަށް ކަންތައްތަކެއް ކުރެވިއްޖެ. އެކަމަކު އަހަރެން ހިއެއްނުކުރަން. އަހަންނަށް މިކަހަލަ ލަނޑެއް ލިބިދާނެ ކަމަށް...ޙަޤީޤަތުގައި މިވާހަކަ ސިޔާއަށް ކިޔައިދޭން އަހަރެން ލަދުވެސްގަނޭ....] ނާއިލް އެވާހަކަ ކިޔައިދޭން އުޅެފައި ފަސްޖެހިއްޖެއެވެ.

[މީގެ ދެތިން ހަތަރު ދުވަސް ކުރިން ޒޭނާ އޭނަޔާ ވަކިވާން މެދުވެރިވި ސަބަބާއި، ޒޭނާ އޭނާ ދޫކޮށް ގޮސްފައިވާ ވާހަކަވެސް އަދި މިހާތަނަށް އޭނާ ރަޙްމަތްތެރިޔާ ގާތު ނުބުނެއެވެ.

އެއީ ރަޙްމަތްތެރިންނާއި ރައްޓެހިންނާއި ދެކެފަރިތަ ހުރިހާ މީހުންވެސް އޭނާއަކީ ރަނގަޅު މާތް އަޚްލާޤެއްގެ ވެރިއެއްގެ ގޮތުގައި އަބަދުވެސް އޭނާ ސިފަކުރަމުން އައިސްފައި ވުމާއެކު، އޭނާގެ އެސިފަ ބަދަލުވެފައިވާ ކަމަށް ރަޙްމަތްތެރިންނަށް ދައްކަން އޭނާ ބޭނުން ނުވަނީއެވެ.

[ފަސްނުޖެހި ކަންތައްތައް ވެގެން އުޅޭގޮތެއް ކިޔާދީބަލަ.] ސިޔާދު ޓީ.ވީ.ގެ އަޑު ކަނޑާލަމުން ބުންޏެވެ.

ނާއިލް އެޙާދިޘާ ފެށުނުގޮތާއި، މިހާ ހިސާބަށް ކަންތައްތައް ގޮސްފައިވާ ހިސާބަށް، ވަރަށް ތަފްޞީލްކޮށް ސިޔާދަށް ކިޔައިދިނެވެ.

[ފިސާރި ތެދެއް!؟ ނާއިލް ކީއްވެތަ ދެން ޢައިޝާއާ އެގުޅުން ބޭއްވީ.] ސިޔާދު ވަރަށް ބޮޑަށް ޙައިރާންވިއެވެ.

[އެއީ އެކްސިޑެންޓެއް...އަހަންނަކަށް ނޭނގެ އެކަމެއް ދިމާވާން މެދުވެރިވި ސަބަބެއް. އެއްރޭ ޢައިޝާ ވަރަށް ބޮޑަށް ކިޔައިގެން އަހަރެން ދިޔައިން އޭނާއާއެކު ރެސްޓޯރެންޓަކަށް ކޮންމެވެސް އެއްޗެއް ކާލަން. ކައިގެން އޭނާ ލާން ގެއަށް ދިޔައިމާ، އޭނާ އެދުނީމާ އެގެއަށް ވަނީ...އެކިއެކި ވާހަކައިގައި ތިބެ، އައިސް ކޮފީއެއް ބޮއިގެން ކުޑަކޮށް ވަރުބަލިފިލުވާލަން ޖައްސާލިތަނާ އަހަންނަށް ނިދުނީ. ފުރަތަމަ އެކްސިޑެންޓް މެދުވެރިވީ އެރޭ.] ނާއިލް ކިޔާދިނެވެ.

[މާނައަކީ އޭގެފަހުންވެސް އެފަދަ ރޭތަކެއް ތަކުރާރުވިއޭ؟] ސިޔާދު އެއްސެވެ. ނާއިލް ބޯޖަހާލިއެވެ.

[ތިޔައީ ވަރަށް ދެރަކޮށް ދިމާވި ކަމެއް. ތިކަމުން ޒޭނާއަށް ވަރަށް އަސަރު ކުރާނެ. ޒޭނާއަކީ ވަރަށް އަޚްލާޤު ރަނގަޅު މާތް އަންހެން ކުއްޖެއް.] ސިޔާދު ވިސްނީ ނާއިލްގެ ލޯބިވެރިޔާ ޒޭނާއާ މެދުގައެވެ. ޒޭނާގެ ތެދުވެރިކަމާއި ވަފާތެރިކަމަކީ އަބަދުވެސް ސިޔާދު ފާހަގަކުރާ ސިފައެކެވެ.

[އެނގޭ ތިކަން. އަހަރެންވެސް ހިތުގެ އަޑިން ތިކަން ޤަބޫލުކުރަން. އެކަމަކު ޒޭނާދިޔަ ތަނެއްވެސް ނުބުނޭ. ސިޓީވެސް ނިންމަމުން ލިޔެފައި އޮތީ، [އަހަރެންގެ ޙަޔާތުން ޒޭނާ މަރުވެއްޖެ ކަމަށް ނިންމާށޭ.] ޙަޤީޤަތުގައިވެސް ޒޭނާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައި. ސިޔާ، އެކަމަކު އަހަރެން ޤަޞްދަކު ނޫނޭ ޢައިޝާއާ ގުޅުން އުފެއްދީ. އެއީ ޙަޤީޤަތުގައިވެސް އެކްސިޑެންޓެއް.] ނާއިލް ހުރީ ފެންކަޅިވެފައެވެ.

[އެކަމަކު ޒޭނާއަށް ކިހިނެއްތަ އެކަން ޤަބޫލު ކުރެވޭނީ. އޭނާގެ ލޮލަށް ސީދާ މަންޒަރު ވަނީ ފެނިފައި. ނާއިލަށްވެސް ވިސްނަންވާވަރަށް ނުވިސްނުނީ. ކީއްކުރަންތަ ކޮޓަރި ދޮރު ތަޅުނުލާ ތިބީ.] ސިޔާދު ބުންޏެވެ.

[އަޅެ ހިނގާބަލަ، ޒޭނާ ފެނޭތޯ ރަށުތެރޭ ދުއްވާލަން. ހިތަށްއަރާ، ބައްޕައާއި މަންމަ އަހަންނާ ދޭތެރޭ ކަންތައް ކުރާނީ ކިހިނެއްބާއޭ.] ނާއިލް ތެދުވެގެން ހިނގައިގެންފިއެވެ. ފަހަތުން ސިޔާދުވެސް ނުކުމެއްޖެއެވެ.

އެއީ ޒޭނާއާއި އޭނާގެ މަންމަ ޒާހިދާ، ގެއަށް ބޭނުންވާ ބައެއް ތަކެތި ގަތުމަށްޓަކައި ނުކުމެ އުޅޭ ވަގުތެވެ. ޙަޤީޤަތުގައި ޒޭނާމެން މިހާރު އުޅެމުން ދަނީ ސިޔާދުގެ ގެޔާ މާދުރު ނޫން ހިސާބެއްގައި ހުންނަ ގެއެއްގައެވެ.

[އޭނާ އުޅޭ ހިސާބެއް ނޭނގި އަހަރެމެން ދުއްވިއްޔާ ވަކި ފެންނާނެތަ؟ ނާއިލް ހިތްހަމަޖެހިދާނެތާ ދުއްވާލީމާ. ހިނގާބަލަ ދުއްވާލަމާ.] ނާއިލްގެ ފަހަތުން ގޮސް ކާރަށް އަރަމުން ސިޔާދު ބުންޏެވެ.

ދިމާވީ އިއްތިފާޤެއްކަންނޭނގެއެވެ. ނާއިލްގެ ކާރު އޮތް ވަންވޭ މަގުގެ އިދިކޮޅަށް އޮތް ގޯޅިން ޒޭނާއާއި އޭނާގެ މަންމަ ޒާހިދާ ހިނގާފައިދިޔަ މަންޒަރު، އެވަގުތު ކާރުގެ ބިއްލޫރިގަނޑުން ނާއިލަށް ފެނުނެވެ.

[ޒޭނާއާއި އޭނާގެ މަންމަ، ކާރުގެ ފަހަތުން ދެވަނައަށް އޮތް ގޯޅިއަށް އަޅައިފި....] ނާއިލް ވަގުތުން ކާރު ދުއްވާލިއެވެ. އޭނާ ބޭނުންވީ ފަހަތުން ދިޔުމުގެ ބަދަލުގައި ސީދާ ކުރިމަތިން ދިމާކުރާށެވެ. ނަމަވެސް އެމީހުންނަށް ޒޭނާމެން ގެއްލުނެވެ. އެހިސާބުގައި އެތައްއިރެއްވީއިރުވެސް ނުފެނުނެވެ. ވުމާއެކު، މާޔޫސްވެފައިވާ ހާލު އޭނާ ގެޔަށް ދިޔުމަށްޓަކައި ކާރުގެ މިޞްރާބު ބަދަލުކުރިއެވެ.

[އަޅެ...ސިޔާދު ދެން އަހަންނަށް ރަނގަޅު ޚިޔާލެއްދީބަލަ...ކިހިނެއްތަ އަހަރެން ދެން ހަދާނީ؟]

[ޢައިޝާއާ އިނުން ނޫން އެއްވެސް ގޮތެއް ނޯންނާނެ. ނާއިލް ޖެހޭނީ ޢައިޝާއާ އިންނަން.] ނާއިލް ގެއަށް ވަނުމާއެކު، ހިތްހަމަނުޖެހިފައި ހުރި އިލްޔާސް ހަރުއަޑުން ބުންޏެވެ. ބައްޕަގެ އެ އަޑަށް ނާއިލްގެ ދެފައިގައި ހީވީ ކަސްތޮޅު އެޅުނުހެންނެވެ. ވަގުތުން އޭނާ ހުއްޓުނެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ މަންމައާއި ބައްޕަގެ މޫނަށް ބަލަން ފެށިއެވެ. އެހެން ނަމަވެސް، ކަންދިމާވެފައިވާ ގޮތުން ބައްޕައާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް އޭނާއަކަށް ހިތްވަރެއް ނުލިބުނެވެ. ޙަޤީޤަތުގައި މިއަދު އޭނާ އެވަނީ ވަރަށްބޮޑު ބަނދެވުމަކުން ބަނދެވިފައެވެ.

[ނޫން..އަހަންނަށް ޒޭނާ ނޫން އެހެން މީހަކާ ނީނދެވޭނެ......] ނާއިލަށް ހިތާހިތާ ބުނެވުނެވެ. ނަމަވެސް، އެއަޑު މަންމައާއި ބައްޕައަށް އިއްވުމުގެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އޭނާއަށް ކުށްތަކެއް ކުރެވިފައިވާ ކަމަށް ޚުދު އޭނާވެސް ޤަބޫލު ކުރެއެވެ.

ކޮންމެ ގޮތަކަށް އޭނާގެ ޙަޔާތުގެ މިޞްރާބު ބަދަލުވެގެންދިޔަ ކަމުގައިވިޔަސް، އޭނާއަކަށް ޒޭނާގެ ލޯތްބާނުލާ އުފާވެރި ޙަޔާތެއް ވެއަތުނުކުރެވޭނެއެވެ. އެއީ އޭނާގެ ރައްޓެހިން ގާތުވެސް އަބަދު އޭނާ ބުނަމުން އަންނަ ވާހަކައެކެވެ. އެކަމަކު މިއަދު މިވަނީ މަޖުބޫރީ ޙާލަތެއް މެދުވެރިވެފައެވެ.

(ނުނިމޭ)



ކިޔުންތެރިންގެ ހިޔާލު


-3

ސަރުމީލާ

21-May-2020

ކުރިޔަށް ދާވަރަކަށް ރީތި ވަނީ ވަރަށް މޮޅު ވާހަކަ އެއް ގެނެސްދޭގޮތް ވަރަށް ފުރިހަމަ އަހަރެން ވެސް ބުނާނީ ދިވެހި ޑުރާމާ ސިލްސިލާ އެއް ހަދާލަން ސަޅިވާނެއޭ


23

ނަހުލާ

21-May-2020

އަސްލު މި އައިޝާ ރައްޓެހި ސީނާ މިހުރިހާ ނުބައެއްވެސް މިހަދަނީ އޭނަ އައިޝާ ބޮލައް ހުތްލައިދީގެން ހުރިހާ ނުބައެއް ހަދަނީ ... އެއީ ހަމަ ހުރިގޮތައް ހުރި ވިހަގަދަ ހަރުފައެއް. ޑާޔަން އެއް އެއީ...


5

ނަހުލާ

21-May-2020

އަސްލު މި އައިޝާ ރައްޓެހި ސީނާ މިހުރިހާ ނުބައެއްވެސް މިހަދަނީ އޭނަ އައިޝާ ބޮލައް ހުތްލައިދީގެން ހުރިހާ ނުބައެއް ހަދަނީ ... އެއީ ހަމަ ހުރިގޮތައް ހުރި ވިހަގަދަ ހަރުފައެއް. ޑާޔަން އެއް އެއީ...


-1

ނަހުލާ

21-May-2020

އަދިވެސް ބުނާތި އައިސާ ދެކެނީ ކޮއްކޮ އެއްގޮތަށޭ... ތާހިރެއްނު ކޮއްކޮ ޔާއެއްކޮށް ގަތްގަނޑު... ހަމަ ސަހާދެއް މިބުނަނީ މި ނާއިލް މެންނުވާނެ އިސްލާހެއް ހަތް ފެނު ކައްކާފަ ރާހުތައް ލިޔަސް...


18

ނަހުލާ

21-May-2020

އަދިވެސް ބުނާތި އައިސާ ދެކެނީ ކޮއްކޮ އެއްގޮތަށޭ... ތާހިރެއްނު ކޮއްކޮ ޔާއެއްކޮށް ގަތްގަނޑު... ހަމަ ސަހާދެއް މިބުނަނީ މި ނާއިލް މެންނުވާނެ އިސްލާހެއް ހަތް ފެނު ކައްކާފަ ރާހުތައް ލިޔަސް...


-4

ޖުވޭ

21-May-2020

ޒޭނާ އާއި ވަކިވުން ކަޑަ އެކަމަކުވެސް ވަރަށް އިންޓްރެސްޓިން ސްޓޯރީއެއް މީ



ޓްރެންޑިން