الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މާތް الله ފިރިހެނުންނަށް އަމުރު ކުރައްވާފައިވަނީ ރިވެތި ގޮތުގައި އަނބިންނާއި އެކު އުޅުމަށެވެ. އެކަނބަލުންގެ ކިބައިގާ ފިރިމީހާ ނުރުހޭފަދަ ކަންތައްތަކެއް ހުރިނަމަވެސް ރިވެތި ގޮތުގައި މުޢާމަލާތް ކުރުމަށް އަންގަވާފައިވެއެވެ. ސޫރަތުއް ނިސާގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَعَاشِرُوهُنَّ بِالْمَعْرُوفِ ۚ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُوا شَيْئًا وَيَجْعَلَ اللَّهُ فِيهِ خَيْرًا كَثِيرًا ‎﴿١٩﴾‏) މާނައަކީ: "އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރި ވެއްޖެނަމަ ދަންނާށެވެ. ބައެއް ފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުން ވެދާނެއެވެ. އަދި އެއްޗެއްގައި الله ގިނަވެގެންވާ ހެޔޮކަން ލައްވައިފާނެތެވެ."

މި އާޔަތުގެ ތަފްސީރުގައި އިމާމް އައްޠަބަރީ ރަޙިމަހުالله ވިދާޅުވިއެވެ. “ހެޔޮގުތުގައި އެކަނބަލުންނާއެކު އުޅޭށެވެ. ތިޔަބައިމީހުން އެކަނބަލުން ދެކެ ނުރުހުންތެރިވާނަމަވެސް, އެކަމާއި އެކުގައިވެސް އެކަނބަލުންނާއި އެކު ރިވެތި ރަގަޅު ދިރިއުޅުމެއް އުޅެފިނަމަ ގިނަގުނަ ހެޔޮކަންތައް މެދުވެރި ކުރައްވަފާނެއެވެ. ފަހަރުގައި އެކަނބަލުންގެ ފަރާތުން ދަރިޔަކު ދެއްވަފާނެއެވެ. ނުވަތަ އެކަނބަލުން ދެކެ ފޫހިވެ ނުރުހުންތެރިވުމާއި އެކުގައިވެސް އޯގާތެރިވެ ރިވެތި ގޮތުގައި އުޅެފިނަމަ މާތް الله ހެޔޮގޮތްތައް މެދުވެރި ކުރައްވާފާނެއެވެ.

މަޑުމައިތިރި ކަމާއި އޯގާތެރިކަމާއި ރަޙްމާއި ކުލުނާއި ޙަމްދަރްދީ އަކީ ރަސޫލާ ﷺ ގެ ކިބައިން މުއުމިނުން ލިބިގަންނަންޖެހޭ އަޚްލާގީ ފިލާވަޅުތަކެކެވެ. ސޫރަތުއް ތައުބާގެ 128 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. (لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ ‎﴿١٢٨﴾‏) މާނައަކީ: "ހަމަތިޔަބައިމީހުންގެ ތެރެއިންވާ رسول އަކު ހަމަކަށަވަރުން، ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުނދަގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ (ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް) ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. مؤمن ންނަށް ނުހަނު އޯގާވެރި، رحم ހުރި ބޭކަލެކެވެ."

އުއްމުލް މުއުމިނީނަ ޢާއިޝާ ރަޟިޔަالله ޢަންހާގެ ކިބައިން އިމާމް މުސްލިމް ރިވާކުރެއްވި ޙާދީޘެއްގައިވެއެވެ. ( إنَّ الرِّفْقَ لَا يَكُونُ فِي شَيْءٍ إِلَّا زَانَهُ ، وَلَا يُنْزَعُ مِنْ شَيْءٍ إِلَّا شَانَهُ). މާނައަކީ: "ހަމަކަށަވަރުން އެއްޗެއްގައި އޯގާތެރިކަން ހިމެނިއްޖެނަމަ އެއެއްޗެއް ޒީނަތްތެރިކޮށްދެއެވެ. އަދި އެއްޗެއްގައި އޯގާތެރިކަން ނެތިއްޖެނަމަ އެއްޗެއް ހަޑިކޮށްލައެވެ."

އަދިވެސް އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލާ ﷺ އަޝައްޖު އަބްދުލް ގައިސަށް މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. ( إِنَّ فِيكَ خَصْلَتَيْنِ يُحِبُّهُمَا اللهُ: الْحِلْمُ، وَالْأَنَاةُ ) . މާނައަކީ: "ހަމަކަށަވަރުން ތިބާގެ ކިބައިގާ الله ލޯބިވެވޮޑިގެންވާ ދެސިފައެއް ވެއެވެ. އެއީ ރުޅިމަޑު ކަމާއި މަޑުމައިތިރި ކަމެވެ."

މާތް الله އެއިލާހުގެ ދެއަޅުން އަދި ދެރަސޫލުން ކަމުގައިވާ މޫސާއާއި ހާރޫނު ނުބައިނުލަފާ ފިރްޢައުނުގެ ގާތަށް ފޮނުއްވި އިރުގައި އަންގަވާފައިވަނީ އޭނާއަށް އޯގާތެރިކަމާއިއެކު ބަސްވިދާޅުވުމަށެވެ. ސޫރަތު ޠާހާގެ 43, 44 ގައި ވަޙީ ކުރައްވާފައިވެއެވެ. (اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ ‎﴿٤٣﴾‏فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ ‎﴿٤٤﴾ ) މާނައަކީ: "فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ."

އިސްލާމްދީނަކީ ސަމާޙާތްތެރިކަމުގެ ދީނެވެ. އެދީނުގެ އަހްލުވެރިންނަށް ގޮވާލައްވަނީ އޯގާތެރިވުމަށާއި ރަޙްމާއި ޙަމްދަރްދީ ބެހެއްޓުމަށެވެ. މިކަންތައް މިގޮތަށް ބެހެއްޓުން އެންމެ އައުލާކަން ބޮޑު ފަރާތަކީ އެކަމަނާއާއިއެކު ރިވެތި ގޮތުގައި ދިރިއުޅުމަށް މާްތް الله އަމުރު ކުރައްވާފައިވާ އަނބިމީހާ އެވެ.

އެހެންކަމުން, ފިރިމީހާ އަނބިމީހާ އަށް ކަމަކަށް އަމުރު ކުރާނަމަ ކުރަންވާނީ އޯގާތެރިކަމާއި ރަޙްމާއި ޙަމްދަރްދީ އާއި އެކުގައެވެ. އަދި ދެމީހުންގެ މެދުގައި ލޯތްބާއި މަވައްދަތުގެ މައްޗަށް އުފެދިފައިވާ ކައިވެނީގެ ގުޅުން ދެމިއޮންނާނެ ފަދަ ގޮތަކަށެވެ. އެޔަށް ބުރޫނާރާ ފަދަ ގޮތަކަށެވެ.

ނަމަވެސް, އަނބިމީހާ الله ގެ ޙައްގަކަށް އަރައިގަނެފިނަމަ, ނުވަތަ ފިރިމީހާގެ ޙައްގުތައް އަދާކުރުމުން ފަސްޖެހިއްޖެނަމަ އަދި ފިރިމީހާ ނަޞޭޙަތް ދިނުމާއި އެކުވެސް އެކަމުގައި ދެމިހުރެއްޖެނަމަ, އެކަމަނާ ވެގެންދާނީ ނުކިޔަމަންތެރި އަންބަކަށެވެ. މި ޙާލަތުގައި އެކަމަނާ އާއި މެދު އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތަށް ކަންތައް ކުރަންޖެހޭނެއެވެ. އޭގެތެރޭގައި ނަޞޭޙަތް ދިނުމާއި, ތަންމަތިން ވަކި ކުރުމާއި, އަނިޔާ ނުވާ ގޮތަށް ޖެހުން ހިމެނެއެވެ. ނުކިޔަމަންތެރިކަމުގައި ދެމިހުރެއްޖެނަމަ އެކަމަނާއަށް ޚަރަދު ކުރުމުންނާއި އެނޫންވެސް އަނބިމީހާއަށްޓަކައި ފިރިމީހާ އަދާކޮށްދޭންޖެހޭ ޙައްގުތަކުން މަނާވެގަތުމުގެ ޙައްގު ފިރިމީހާއަށް ލިބިގެންވާކަން ދަންނަންވާނެއެވެ.

އަނބިމީހާ ކުރާ ކަމަކީ ފާޅުކަން ބޮޑު މުންކަރާތެއްނަމަ, ބާރުގެ ބޭނުންކޮށްގެން އެކަން މަނާ ކުރަންޖެހުނުނަމަވެސް, އެކަމުގެ ސަބަބުން އެޔަށްވުރެ ބޮޑު ނުބަޔެއް ނުނިކުންނާނެނަމަ, އެފުރުޞަތު ފިރިމީހާ އަށް ލިބިގެންވެއެވެ.

ދެމަފިރިންގެ ދޭތެރޭގައި ޚިޔާލުތަފާތު މައްސަލަތައް މެދުވެރިވާނެކަން ދެފަރާތުންވެސް ގަބޫލުކުރަންވާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. އެހެންނަމަވެސް, އެފަދަ ކަންތައްތައް ހުރަސްކޮށް ދެފަރާތުންވެސް ދޫދެވެންއޮތް މިންވަރަކުން ދޫދީގެން އަނެކާގެ އިޙްސާސްތަކަށް އިޙްތިރާމްކޮށްގެން ރިވެތި ގޮތުގައި ދިރިއުޅެން މަސައްކަތް ކުރަންވާނެއެވެ. والله أعلم


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން