ޒަހީނުއްދީން ސަޢީދު   20 މޭ 2020 - 20:15
އިހުޒަމާނުގައި ދިވެހިންގެ މައިގަނޑުކެއުމުގައި ބޭނުން ކުރި، ފަލަމަޑީގެ އެއްބާވަތަކީ ބަނބުކޭލެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ތަދުމަޑުކަމުގައި ދިވެހިން އެންމެ ބޮޑަށް ކާނާއަށް ބަރޯސާވީ ބަނބުކޭލަށެވެ. ބަބުކޭލާއި، ބަނބުކެޔޮގަހުގެ ތޮޅި އާއި، ބަނބުކެޔޮ ފަތުގެ ތަނޑަކީވެސް ރާއްޖެ އެންމެ ތަދުވި ދުވަސްވަރު ދިވެހިން ކެއުމަށް ބޭނުން ކުރި ދިވެހިންގެ ސުފުރާމަތި އެއާނުލައި ފަޅުނުފިލި އެއްޗެކެވެ.

ބަނބުކެޔޮ ގަހަކީ ބަނބުކެޔޮ މޫސުމުގައި އެއްފަަހަރާ ގިނަ އަދަދެއްގެ ކެޔޮ އަޅާގަހެކެވެ. ބަނބުކޭލުން ދިވެހިން ތައްޔާރުކުރާ ކާބޯތަކެތީގެ ތެރެއިން އެންމެ މަގުބޫލު އެކައްޗަކީ ތެލުލި ބަނބުކޭލެވެ. ތެލުލި ބަނބުކެޔޮ ކައިގެން ވަރަށް ފަސޭހައިން "ފޮޑި" ވެސް ޖެހެޔޯލައެވެ. އެއީ ދައްކަން މާ ތާހިރު ވާހަކައެއް ވެސް ނޫނެވެ. ބަނބުކެޔޮ ފިހެގެންނާއި ފެނުމަޑުކޮށްގެން، ގަރުދިޔަ އާއި މަހާއި ހުންޏާއި އަދި ލޮނު މިރުހާއި އެކު ދިވެހިން ކެއުމުގައި އޭރު ބޭނުންކުރެއެވެ. އަދި ހަކުރުއަޅައި ބޯކޮށްގެންނާއި، ރިހަކައްކައިގެންނާއި، ބޮނޑިބަތްކައްކައިގެން ދިވެހިން ކެއުމުގައި ބަނބުކެޔޮ ބޭނުންކޮށްފައި އެބަހުއްޓެވެ. މިޒަމާނުގެ ނޫކަށި ފުރައިގެ ޒުވާން ކުދިންގެ ބަހުރުވަ އިންނަމަ އެކަހަލަ "ކަޓު ފީކާޅާ" ކެއުންތަށް އެކުދިންނަށް މިހާރު ކަމަކު ނުދެއެވެ. ކޮންމެއަކަސް އެއް ދުވަސްވަރެއްގައި އެއީ އަޅުގަނޑުމެންގެ ކާބަފައިންނަށް އެންމެ މީރު ކެއުންތަކެވެ. އެއީ 1960 ވަނަ އަހަރުގެ ކުރީގެ ވާހަކަތަކެވެ.

މިހާރު އަލިވިލިފައިމިވަނީ 21ވަނަ ގަރުނަށެވެ. މިހާރު އަޅުގަނޑުމެން މިތިބީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހިންގެ ދިރިއުޅުގެ ވައްޓަފާޅި އާއި އާދަކާދަތަކާއި ދިވެހިންގެ ކެއުން ބުއިންތަށް ގައުމު ދެކެމުން އަންނަ "ތަރައްގީ" އާއެކު އާ ހަރުފަތްތަކެއް މިވަނީ ގިރާކޮށްފައެވެ. ކިރިޔާވެސް "އަތާ އަގަޔާ" ދިމާވާ މީހަކު ވެސް މިހާރު ހޯދާނީ މި ޒަމާނުގެ ކެއުން ތަކާއި ރަހަތަކެވެ. އަގުބޮޑު ރެސްޓޯރެންޓްތަކުންނާއި ހޮޓާ، ކެފޭ ފަދަ ތަންތަނުން މޮޅެތި ކެއުންތައް ނޫނީ އަރުތެރެއިންދާ ކަމަކަށް ނުވެއެވެ.

ކުރުގޮތަކަށް ދަންނަވާނަމަ ހިތް އޮންނާނީ އާސްމާނުގައެވެ. ރައްޓެހިންނާއި އެކު ކޮފީތަކުގައި މަޖާކޮށް ހީ ސަކަރާތް ޖެހުމުގައި ދުވާލުގެ ބޮޑުބައެއް ހޭދަކުރުމަކީ މިހާރުގެ ޒުވާނުންގެ އާދައެވެ. މިވާހަކަ މާދިގުކޮށް ދައްކާނަމަ ޒުވާނުން ރުޅިއަތުވެދާނެއެވެ. އޭރުން މާ ރަނގަޅެއް ނުވާނެއެވެ. އެހެންކަމުން މިވާހަކަ ކުރުކޮށްލައި ކުރިން ދެއްކި ބަނބުކޭލުގެ ވާހަކަ އަށް ޖެހިލަމާ ހިނގާށެވެ.ކޮވިޑް 19ގެ ބަލިމަޑުކަމާއެކު ރައްޔިތުން ހާލުގައި ޖެހި އަތްމަތި ދަތިވެ "ފަގީރު" ވެފައިވާ މިދަނޑިވަޅުގައި ބަނބުކޭލުގެ ވާހަަކަ ވަނީ ވަރަށް ގަދަވެފައެވެ. ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޖިލީހުގެ އިއްޒަތްތެރި މެމްބަރަކު ކޮވިޑް ބަލިިމަޑުކަމުގައި ބަނބުކެޔޮ ހެއްދުމަށް ދިވެހިންނަށް ގޮވާލެއްވުމުން އެކަން "ސިޔާސީ" ވީއެވެ. މެމްބަރުގެ މިގޮވާލުން ޝޯޝަލް މީޑިޔާ އަށް ހީވަނީ ޓައިމް ބޮމެއް ވައްޓާލިހެންނެވެ. ޢެއްބަޔަކު އެކަމަށް ހަޖޫޖަހައި ކުރި މަލާމާތާއި ފުރައްސާރަތަކުން ޝޯޝަލް މީޑިޔާގެ ވަސީލަތްތައް، ފޭސްބުކް، ޓްވީޓާ ކެކިއަރައިގެންފި އެވެ. ޢަނެއްބަޔަކު މަޖިލީހުގެ މެމްބަރުންނަށް "ރަތް މަހަށް" ނުގޮވާ އެއްޗެހި ގޮވައި މެމްބަރުން ލަދުން ގެއިން ބޭރަށް ނުނުކުމެވޭ ވަރުކޮށްފިއެވެ.

ޝޯޝަލް މީޑިޔާގައި މެމްބަރުންނަށް ކިޔާފައިވާ އެއްޗެހި ފެނުނު ކޮންމެ މީހަކު "ހީ ހީ" ބަނޑުގައި ގޮއްލާވަރުވެ އެވެ. ރައްޔިތުން ޝޯޝަލް މީޑީޔާގައި މުނިފޫހިފިލުވައި ރޯދަ ކުރުކޮށްލަން މަޖަލަަކަށް ހަދައިގެން މިވާހަކަ ދަައްކަމުންދަނިކޮށް ހަމަ "ކުއްލިއަކަށް" ބަނބުކެޔޮ ހެއްދުމުގެ މަޝްރޫއެއް ސަރުކާރުން އިއުލާންކޮށްފިއެވެ. ބަނބުކޭލަކީ "މުސްތަޤްބަލުގެ ކާނާ" ޔޯލަ އެވެ. ކޯވިޑް-19 އާއި ގުޅިގެން ކާނާގެ ޔަޤީންކަން ދެމެހެއްޓުމުގެ ބޭނުން ބޮޑުވެފައިވާ ކަމަށް ބުނެ އެގްރިކަލްޗަރ މިނިސްޓްރީން އިއުލާންކުރި އެ މަޝްރޫއާއެކު ސޯސަލް މީޑިޔާގައި ނަގަމުންދާ ބަނބުކޭލުގެ ފޯރި އިހުނަށްވުރެ ގަދަވިއެވެ.

ކޮންމެއަކަސް މިދުވަސްވަރުގެ އެންމެ މަޝްހޫރު ޕްލެޓްފޯމް ތަކުން "ބަނބުކެޔޮ އިގްތިސާދު" މިވަނީ ޖާގަހޯދާފައެވެ. މިފޯރިގަނޑުގެ ތެރޭގައި ފޭސްބުކްގައި ދައުރުވަމުންދާ ވީޑިޔޯއެއް އަޅުގަނޑުގެ ލޮލުގައި އަޅައިގަތެވެ. ވީޑިއޯ ބަލާލީމެވެ. ޢަސްތާ! ސަހަރޯއެވެ. ކަމަކުދާކަށް ނެތެވެ. ވީޑިއޯ އިން ފެންނަނީ އާންމުންގެ މީހަކު ފިހާރައަކަށް ވަދެ އެއްޗެހި ގަތުމަށްފަހު ފައިސާގެ ބަދަލުގައި ބަނބުކޭލުން ގަތްތަކެތީގެ އަގު އަދާކުރާ މަންޒަރެވެ. ފިހާރައިގެ ސޭޓް ހެއު ހިތުން އެއަގު ގަބޫލުކުރިއެވެ. " މި ރަނގަޅުވާނެތަ؟ ބަނބުކެޔޮ ދިއްކޮށްލުމުން ސޭޓް ސުވާލުކުރެއެވެ. "ވަރަށް ފައްކާވާނެ،" އެއްޗެހި ގަތްމީހާ ޖަވާބުގައި ބުންޏެވެ.އަޅުގަނޑު ކުޑަކޮށް ހައިރާންވިއެވެ. ޢަޅުގަނޑުގެ ހައިރާންކަން އިތުރުވީ، ބާކީ އަގުގެ ބަދަލުގައި ފިހާރައިގެ ސޭޓް ވިޔަފާރި ކުރި މީހާ އަށް ބަނބުކެޔޮ ގަހުގެ ތޮޅިއެއް ދިއްކޮށްލުމުންނެވެ. ސޭޓް ހިސާބު ހެދުމަށްފަހު ބާކީ ދެ ތޮޅި ދިއްކޮށްލުމުން އެ ތޮޅި ބާއްވަން ވިޔަފާރިކުރި މީހާ ސޭޓްގެ ކިބައިން އެދެއެވެ. އަދި އެއްޗެހި ގަތްމީހާގެ ޖީބުން ބަނބުކެޔޮ ގަހުގެ ތޫރި އެއް ނަގައި ސޭޓަށް ދިނުމަށްފަހު ސްޕާރީ ގަނެގެން ފިހާރައިން ނިކުމެގެންދާ މަންޒަރު ފެނެއެވެ.

މުސްތަގުބަލުގައި އާއިލާތަކުގެ ޚަރަދުބަރަދުތައް ބެލެހެއްޓުމަށް ކޮންމެ ފަސް އާއިލާ އިން އެއް އާއިލާ އަށް ސަރުކާރުން ބަނބުކެޔޮ ގަހެއް ދިނުމަކީ ސަރުކާރުގެ ސިޔާސަތަކަށް ހަދައިފާނެ ތޯއްޗެކެވެ! އޭރުން ބަނބުކޭލާ އެގަހުން ލިބޭ ބާވަތްތަކުން ދިރިއުޅުމުގެ ހުރިހާ ޚަރަދުތަށް ބަލަހައްޓައިގެން ދިރިއުޅުމުގެ މުހުތާދުތައް ފުއްދައިގެން ސަރުކާރާއި ނުބައްސައި ދިވެހިންނަށް އުޅެވިދާނެ ނޫންހެއްޔެވެ؟

ބަނބުކޮޔޮ އިގްތިސާދު ހަމަ ސަޅީއެވެ. އޭރުން ސަރުކާރުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެ ބަޖެޓަށް ވެސް ލުއިވީއެވެ. ބަނބުކެޔޮ އިގްތިސާދުގައި ދައުލަތުގެ ބަޖެޓް ހުސްވެގެން ސަޕްލިމެންޓްރީ ބަޖެޓް ފާސްކޮށް ފައިސާ ޗާޕް ކުރާކަށް ވެސް ނުޖެހޭނެއެވެ. އޭގެ ބަދަލުގައި ކުރީގެ ސަރުކާރުތަކުން ކޮންމެ މީހަކަށް ދިވެހި ރުކެއް އިންދުމުގެ މަޝްރޫއު ގޮތަށް ކޮންމެ އާއިލާ އަކަށް ބަނބުކޮޔު ގަހެއް އިންދީމަ އެ ނިމުނީއެވެ. ކޮންމެ އާއިލާއަކުން ވެސް އޭރުން ޚަރަދުތަށް ބަލަހައްޓާނީ ބަނބުކޭލާ އެގަހުގެ ބާވަތްތަކުންްނެވެ.ބައެއް މީހުންގެ ނަޒަރުގައި ޝޯސަލް މީޑިޔާގައި ދައުރުވާ ވީޑިއޯ އިން ފެނިގެންދަނީ މުސްތަގުބަލުގައި ގަައުމުގެ ހާލަތެވެ. މަޖާޒީކޮށް އެ ބުނެދެނީ ބަނބުކޭލާއި ނުލައި ރާއްޖޭގެ އިގްތިސާދު ފުރިހަމަނުވާނެ ކަމެވެ. ކޮންމެއަކަސް ބަނބުކެޔޮ މިވީ ދިވެހިންނަށް އެއާ ނުލާ ނޫޅެވޭނެ ފަދަ ހުދަންބަރަށް ވުރެ އަގުބޮޑު އެެއްޗަކަށެވެ.

މިރިޕޯޓްގައި ބަނބުކޭލުގެ މުހިންމު ކަމުގެ ވާހަކަ ދައްކާއިރު އެއިން ލިބޭ ސިއްހީ ފައިދާތަކަށް އަލިއަަޅުވާލުމަކީ މުނާސަބުކަމެއް ކަމަށް ދެކެމެވެ. އެގޮތުން ޕްރޮޓީން އާއި ކާބޯ ހައިޑްރޭޓްސް އާއި ފައިބަރ އާއި ފޮސްފަރަސް އަދި ޕޮޓޭސިމް އާއި ކެލްސިއަމާއި އަޔަން ބަނބުކޭލުގައި ހިމެނެއެވެ. އަދި ހަށިގަނޑަށް ބޭނުންވާ މުހިއްމި ވިޓަމިންގެ ތެރެއިން ވިޓަމިން އޭ އާއި ވިޓަމިން ސީ ވެސް ބަނބުކޭލުގައި ހުރެއެވެ.

ކޮންމެއަކަސް މުސްތަގުބަލްގެ ކާނާ ކަމުގައިވާ ބަނބުކެޔޮ ހެއްދުމަށް ފޯރި އާއެކު ދިވެހިން މިވަނީ ކަމަރު ބަދެ އަތުކުރި އޮޅާލަން ޖެހިފައެވެ. މުސްތަގުބަލްގައި ރާއްޖޭގެ އިގްތިސާދުގައި "ރަސްކަން" ކުރާނީ ބަނބުކެޔޮގަހާއި އެގަހުގެ ބާވަތްތައް ކަމަަށްވާތީއެވެ. ދިވެހިންގެ ގައުމީ ގަސް ދިވެހި ރުކަށްވުރެ ބަނބުކޮޔުގަހުގެ މުހިންމުކަން މިިއަދު މިވަނީ ބޮޑުވެފައެވެ. އެއީ މިހާރު ފެންނަ ބޮޑު މަންޒަރެވެ. އަވަހަށް މަސައްކަތް ފައްޓަވާށެވެ! " ބަނބުކެޔޮ އިގްތިސާދު" ވަރެއް ހަމަ ނެތެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޜިޔާޒް

21-May-2020

ބަނބުކެޔޮ އިގްތިސާދު ވަރެއް ހަމަނުވާނެ,.


16

ޢަހުމަދު

21-May-2020

ޢަސްލު މިފެންވަރުގެ ރިޕޯޓެއް ކިޔާނުލެވޭ ހަމަ. އެއްވަނައިގެ ރިޕޯޓެއް


24

ޙަސަނު

21-May-2020

ޥަރަށް ފުރިހަމަ މަޖާޒީ ފެންވަރު މޮޅު ރިޕޯޓެއް ސާބަސް!ޓްރެންޑިން