ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
ޒަކާތަކީ ދަޢުލަތުގެ ބައިތުލްމާލަށް ލިބޭ ވަރުގަދަ ބާރެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޒަކާތުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލާ މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ ޒަކާތަކީ ދަޢުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީގޮތުން ލިބޭ ވަރުގަދަ ބާރެއް ކަމަށެވެ. އަދި ކީރިތި ޤުރްއާނުގައި، ނަމާދު ޤާއިމުކުރުމަށް ކުރައްވާފައިވާ އަމުރުފުޅާ ގުޅިގެން، ޒަކާތުގެ ވާހަކަ ބަޔާންކުރައްވާފައި ވުމުން، އިސްލާމް ދީނުގައި ޒަކާތަށް ދެވިފައިވާ ޤަދަރު ވަރަށް ރަނގަޅަށް ފާޅުވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"ޒަކާތަކީ އޭގެ ސަބަބުން މުއްސަނދިންގެ މުދަލާ މެދު ފަޤީރުންގެ ހިތްތައް ސާފުވެ، މުދަލުގެ އަހުލުވެރިންނަށް އެބައިމީހުންގެ ހެޔޮ ދުޢާ ލިބިގެން ދިޔުމުގެ ސަބަބެކެވެ. އަދި މުޖުތަމަޢުން ފަޤީރުކަން ފިލައި، ނިކަމެތީންގެ މޫނުމަތިން، އުފާވެރިކަމާއި، ހިނިތުންވުމުގެ އަޘަރުތައް، ފާޅުކޮށްދޭ ކަމެކެވެ. އިސްލާމީ މުޖުތަމަޢުގައި، އޮންނަންޖެހޭ އެކުވެރިކަމާއި، ރަޙްމާއި، ހަމްދަރުދީގެ މަތިވެރި ސިފަ، ރަމްޒު ކޮށްދޭ ކަމެކެވެ. އޭގެ ސަބަބުން އިޖުތިމާޢީ ގުޅުންތައް ބަދަހިވެދެއެވެ. އަދި އެއީ އިސްލާމީ ދައުލަތުގެ ބައިތުލްމާލަށް އިޤްތިޞާދީގޮތުން ލިބޭ ވަރުގަދަ ބާރެކެވެ." މިއަދުގެ ޚުތުބާގައި ވެއެވެ.

ޙުތުބާގައި އިތުރަށްބުނީ، މުދަލު ޒަކާތް ނެރުން ވާޖިބުވަނީ، މައިގަނޑު ތިން ޝަރުތެއް ހަމަވުމުންކަމަށެވެ. އެއީ މުދަލުގެ ނިޞާބު ހަމަވުމާއި، ނިޞާބު ހަމަވެ، އެއަށް ހިޖުރީ އަހަރުން، އެއްއަހަރު ފުރުމާއި، ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ. މުދަލު ޒަކާތުގެ ނިޞާބަކީ ރަނުން ނަމަ 85 ގުރާމެވެ. ރިހިންނަމަ 595 ގުރާމެވެ.

މިގޮތުން ދިވެހި ރާއްޖޭގައި ނިޞާބު ބަލަނީ ރިހިން ކަމަށާއި ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ދިވެހި ފައިސާއިން ޒަކާތުގެ ނިޞާބަށް ޖެހޭ ޢަދަދަށް ބަދަލު އަންނާނެކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެގޮތުން މީހެއްގެ އަތުގައި ހުރި މުދަލުގެ ނިޞާބު ހަމަވެ، ނިޞާބަށްވުރެ މަދުނުވެ ހިޖުރީ ސަނަތުން އެއްއަހަރު ވެއްޖެ ނަމަ، އެމުދަލުގެ ސާޅީސްބައިކުޅަ އެއްބައި، ޒަކާތަށް ނެރުން ވާޖިބުވާނެއެވެ.

"ޒަކާތް ނެރުން ވާޖިބުވެފައިވާ މީހާ، ޒަކާތް ނެރުން ފަސްކުޅައުން ހުއްދަވެގެންނެއް ނުވެއެވެ. ވިޔަފާރިވެރިޔަކު ނަމަ، ނިޞާބު ހަމަވޭތޯ ބަލާނީ އަތުގައި ހުރި ފައިސާގެ ތެރެއަށް ވިޔަފާރި މުދާ ގަތް އަގު އެއްކޮށް ޖުމްލަ އަގުންނެވެ. ކުންފުނި ހިންގާ ފަރާތުން ޒަކާތް ނުނެރޭ ނަމަ، ކުންފުނީގެ ޙިއްސާދާރުން އަމިއްލައަށް އެމީހެއްގެ ހިއްސާއާއި، ފައިދާގެ ޒަކާތް ނެރުން ވާޖިބުވާނެއެވެ." ޚުތުބާގައިވެއެވެ.

އޭގެ އިތުރުން އަމިއްލަ ބޭނުމަށް ދުއްވާ އޮޑިދޯނިފަހަރާއި، ކާރާއި، ސައިކަލް އަދި ގެދޮރުން ޒަކާތް ދިނުން ވާޖިބު ނޫން ކަމަށްވެސް ޚުތުބާގައި ވެއެވެ. ނަމަވެސް އެފަދަ ތަކެތި ކުއްޔަށް ދޭނަމަ، ލިބޭ ކުލިން ޒަކާތް ނެރެން ޖެހޭނެ ކަމަށާއި ވިއްކާ ނަމަ، އެ ތަކެތި އުފެއްދުމަށް ހޭދަވި މިންވަރަށް ނިޞާބު ހަމަވާ ނަމަ، އަހަރު ފުރުމުން އެ މުދަލުން ވެސް ޒަކާތް ނެރެން ޖެހޭނެ ކަމަށް ޚުތުބާގައިވަނީ ބުނެފައެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ ނަމާދު ފަދައިން ޒަކާތަކީވެސް އިސްލާމްދީނުގެ ރުކުނަކަށްވުމުން އެ އަޅުކަމުގެ ޙުކުމްތައްވެސް މުސްލިމުން ދެނެގަންނަން ޖެހޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


8

ޢަބްދުﷲ

23-Oct-2021

ޒަކާތުން ދައުލަތުގެ ބައިތުލްމާލަށް ލިބޭ އެއްވެސް ބައެއް ނޯންނާނެ



ޓްރެންޑިން