ހުކުުރު ޚުތުބާގެ މަޖިލީސް
ހުކުުރު ޚުތުބާގެ މަޖިލީސް
މާތް ނަބިއްޔާގެ ސީރަތުން ނަމޫނާ ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ މާތް ނަބިއްޔާއަށް ލޯބި ކުރުމުގެ މައްޗަށެވެ. އެގޮތުން ޚުތުބާގައި ބުނެފައިވަނީ, މާތް ނަބިއްޔާދެކެ ފުރިހަމައަށް ލޯބި ވުމަށްޓަކައި އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިއްމު ޢަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"މާތް ނަބިއްޔާއަށް ލޯބި ކުރުމަކީ އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަޚްލާޤީ މިންގަނޑުތަކަށް ތަބާވުމެވެ. ތެދުބަސް ބުނުމާއި، ކެތްތެރިވުމާއި، ޢަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމާއި، ޢަދުލުވެރި ވުމާއި, މަޑުމޮޅިވުމާއި، މިނޫންވެސް އެކަލޭގެފާނު ގެނެސްދެއްވި އަޚްލާޤީ އެންމެހާ ސިފަތަކުން ޒީނަތްތެރިވުމެވެ." ޚުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ, ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ މިންގަޑަކީ، ފުރިހަމަ މާނާގައި އެކަލޭގެފާނަށް ތަބާވުން ކަމަށެވެ.

ދުނިޔޭގެ ތާރީޚު ލިޔުއްވާ މުއައްރިޚުން ފާހަގަކުރައްވާ ގޮތުގައި، އިންސާނުން އަޚްލާޤީ ގޮތުންނާއި، ދީނީގޮތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައިވީ ދުވަސްވަރަކީ، މީލާދީ ގޮތުން ފައްސަތޭކައިގެ އަހަރުތައް ކަމަށާއި,

އެދުވަސްވަރުގެ މުޖުތަމަޢު ތަކުގައި، އަރައިނުގަންނަ ފާފައެއް ނުކުރާ ހަޑިމުޑުދާރު ޢަމަލެއް ނެތް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"އަޅުކަން ކުރުން ޙައްޤުވެގެންވާ އިލާހުގެ ޙަޤީޤީ މަޢުރިފާވެރިކަން ވަނީ ގެއްލި އުވިގޮސްފައެވެ. އަޅުކަން ކުރަނީ އަމިއްލަ އަތްތަކުން ކޮށާމަށައިގެން އަމިއްލައަށް އުފައްދާ ބުދުތަކަކަށެވެ. ގަސްގަހާގެއްސަށާއި ކޯރުކޯރަށާއި އަލިފާނަށެވެ." ޚުތުބާގައިވެއެވެ.

މި ކަންކަމުން މި އުންމަތް ސަލާމަތް ވެގެންދިޔައީ މާތްވެގެންވާ އިސްލާމް ދީނާއިގެން ވަޑައިގެންނެވި މާތް ސާހިބާގެ ސަބަބުން ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

"އެއީ ތަޤްވާވެރިންގެ އިމާމެވެ. އެންމެހައި އާދަމުގެ ދަރިންގެ މައްޗަށް މާތްކުރައްވައި، ޚާލިޤުވަންތަ މާތް ﷲ ގެ ޙަޟްރަތުން ހޮއްވަވައި، ޚިޔާރުކުރައްވާފައިވާ ރަސޫލުކަމާއި ނަބީކަން ޚަތިމު ކުރެއްވި މާތް ސާހިބާއެވެ. ޤިޔާމަތް ދުވަހުން ޙަމްދުލިބިގެންވާ މަތިވެރި މަޤާމުގެ ވެރި އަދި ޙައުސޭ ކިޔުނު ފެންއާރުގެ ސާހިބާއެވެ. މަޙްޝަރުގެ މައިދާނަށް ޚަލްޤުތަކުން ފޮނުއްވި، މީސްތަކުން އަލުން ދިރުއްވޭ ދުވަހު އެބޭކަލަކަށްޓަކައި އެންމެ ފުރަތަމަ ބިންގަޑު ފެޅިގެންދާނީ އެކަލޭގެފާނަށެވެ. އަދި އެބޭކަލަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވި އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެވަޑައިގަންނަވާނީ ވެސް އެކަލޭގެފާނެވެ." ޚުތުބާގައި ވެއެވެ.

މިއަދުގެ ޚުތުބާގައި އިތުރަށް ބުނެފައިވަނީ ކައުއިތުރު މާތް ނަބިއްޔާ އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި, އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭފާނުގެ މަތިވެރި މަޤާމަށް ޤަދަރުކޮށް، އަދަބު ތަޢުޡީމް އަދާކުރުމަކީ އިސްލާމް ދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެއް ކަމަށެވެ.

އަދި އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދިނުމަށް ޚުތުބާގައި ވަނީ އެންމެހާ މުއުމިނުންނަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން