18 ވަނަ އެޕިސޯޑް

==========

[މުޙްސިން މިހާރު ދަނީތަ؟ މުޙްސިން އަމިއްލައަށް އެމަންޖެއަށް ވިސްނައިދޭންވީނު.] މުޙްސިން ހިނގައިގަތީމާ ނަސްރީނާ ބުންޏެވެ. ނަމަވެސް މުޙްސިން މަޑެއް ނުކުރެއެވެ. އޭނާ ދިޔައީ ބޭރަށެވެ.

ހަމަ އެދުވަހެވެ. ނާއިޝް އޭނާ އުޅޭ ކޮޓަރިއަށް ވަނީ ހަވީރުވަމުންދިޔަ ވަގުތު ފެންވަރާށެވެ. ފުރަތަމަފަހަރަށް ފާޅުކަންބޮޑު ގޮތެއްގައި ޢަރޫޝާގެ ލޯބީގެ އިޝާރާތްތައް ހާމަވެގެންދިޔަ ވަގުތަކީ އެއީއެވެ. ހިތްގައިމު މަލުގެ ގުލްދަސްތާއަކާއެކު، އެކޮޓަރީގެ އެނދުމަތީގައި އޮތީ އޭނާއަށް އެޑްރެސް ކޮށްފައިވާ ކުޑަވަރެއްގެ ލިޔުމެކެވެ. އެލިޔުމުން ނާއިޝްއަށް ބޮޑު ސަޕްރައިޒަކާއެކު ނުހަނު ނުތަނަވަސްކަމާއި ހާސްކަންވެރިވިއެވެ.

އެނޯޓްގައި ލިޔެފައިވަނީ މާނަވީ ޢިޝްޤީ ޢިޝާރާތްކޮޅެކެވެ. އެޢިބާރާތްކޮޅުން އޭނާ ނާއިޝްދެކެ އިންތިހާއަށް ލޯބިވާކަން ވަރަށް ސާބިތުކަމާއެކު އެނގިގެން ގޮސްފައިވެއެވެ.

[މިއީކީ އަހަރެން އުއްމީދު ކުރި ދުވަހެއް ނޫން. މިހެން ކަންތައް ދިމާވުމުން، ޢަރޫޝާއަށް އަހަންނަކީ ކާކުކަން ބުނެދެވެންވާނެ. އެހެންނޫނީ، ކަންތައްތައް ގޯހުންގޯހަށް ވެގެން ހިނގައިދާނެ.] ނާއިޝް ދެއަތަކަށް ބޯހޫރާލިއެވެ.

ޢަރޫޝާ އެކޮޓަރިއަށް އައިސްވަނީ މިވިސްނުމުގައި ނާއިޝް ހުއްޓައެވެ.

[އަހަރެންގެ ހަދިޔާ ލިބުމުން ވަރަށްބޮޑު ސަޕްރައިޒަކަށް ވެއްޖެދޯ؟ އަހަންނަށް އެނގޭ، ލޯބި ހުށަހެޅުމަކީ ޢާންމުކޮށް އަންހެން ކުދިން އަދާކުރާ ވަޒީފާއެއް ނުވަތަ ޒިންމާއެއް ނޫންކަންވެސް. އެކަމަކު އަހަންނަށް މިގޮތަށް ހުށަހަޅަން މަޖުބޫރު ކުރުވީ އަހަރެންގެ ހިތް. ތެދުތެދަށް ދަންނަވާނަމަ، އަހަރެންގެ ހިތުގެ ގޮވުމަށް އިޖާބަ ދިނުމަށް އަހަންނަށް މަޖުބޫރުވީ.] ޢަރޫޝާ އިސްޖަހާލައިގެން ހުރެ ވާހަކަ ދެއްކިއެވެ. ޢަރޫޝާގެ ވާހަކަތައް އަޑުއަހަން ނާއިޝް ހުރީ އާގަމަވެފައެވެ. ޙަޤީޤަތުގައި ޢަރޫޝާއަށް ނޭނގުނަސް، އޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާ، އާދެ، ޢަރޫޝާއަކީ ކާކުކަމާއި، އޭނާގެ މަޤާމު ނާއިޝަކަށް ނޯޅެއެވެ.

[ޢަރޫޝާ....ތިވާހަކަ ހުއްޓާލާ. އަހަންނާމެދު ޢަރޫޝާ ތިގެންގުޅޭ ފިކުރަކީ، އެފިކުރަކަށް އަހަންނަށް ތަބާވެވޭނޭ ފިކުރެއް ނޫން. ތި ވިސްނުން ދޫކޮށްލާ ޢަރޫޝާ.] ނާއިޝް އެ މާބޮނޑި އަނބުރާ ޢަރޫޝާގެ އަތަށް ދިނެވެ. އައި ރުޅީގައި ޢަރޫޝާ އެމާބޮނޑި ހޫރާލިއެވެ.

[ނޫން...ނޫން..ނާއިޝް ތިޔަހެން ނަހަދާ. އަހަންނަށް މިވަނީ ނާއިޝްދެކެ ވަރަށް ބޮޑަށް ލޯބިވެވިފައި. އާނ ވަރަށް ބޮޑަށް ލޯބިވެވިފައި. އަހަރެން....] ޢަރޫޝާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. ނަމަވެސް އެމަންޒަރު ބަލާކަށް ނާއިޝް މަޑެއް ނުކުރެއެވެ.

އޭނާ ބޭރަށް ނުކުރެ މުޙްސިނަށް ގުޅިއެވެ. މުޙްސިން ގާތު އެހުރިހާ ވާހަކައެއް ތަފްޞީލުކޮށް ކިޔާދިނެވެ.

މުޙްސިނަށް ހީވީ އޭނާއާއެކު މުޅި ދުނިޔެވެސް އެނބުރިގަތްހެންނެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމުގެ ސަބަބުން މުޅި މީހާ ތުރުތުރުއަޅަންވެސް ފެށިއެވެ.

ހަމަގައިމުވެސް ޙަޤީޤަތް ހާމަނުކޮށެއް މިއަދަކު އެމަޅިން އޭނާގެ އަންހެން ދަރިފުޅު ސަލާމަތް ކުރެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެއެވެ.

[ކިހިނެއްބާ ދެން ހަދަންވީ؟ އަނެއްކާ ޙަޤީޤަތް ހާމަވެގެންދާ ހިނދު، އަހަރެންގެ ދިރިއުޅުމަށް ވަރުގަދަ ޠޫފާނެއް ނާންނާނެބާ؟ ނޫން....ޙަޤީޤަތް ހާމަކޮށްފިނަމަ، ނަސްރީނާވެސް އަހަންނާއެކު ނޫޅޭނެ.] މުޙްސިނަށް ގޮތް ހުސްވި ކަހަލައެވެ.

އެވަގުތު އަނެއްކާވެސް ނާއިޝް ގުޅައިފިއެވެ. އަދި ޙަޤީޤަތް ހާމަކޮށްދިނުމަށް އޭނާ ތަކުރާރުކޮށް އޭނާގެ ބައްޕަ ގާތު އެދުނެވެ.

ނާއިޝްގެވެސް އެދުމާއެކު، އެންމެފަހުން އޭނާއަށް މަޖުބޫރުވީ ގެއަށް ގޮސް ޙަޤީޤަތް ހާމަކުރާށެވެ. ނަމަވެސް، އޭނާ އެއުއްމީދުގައި ދިޔަކަމުގައިވިޔަސް، އަންހެނުން ފެނުމާއެކު އޭނާ ހުއްޓުން އެރިއެވެ.

[މުހްސިން، އެކަމަކާހުރެ އެމަންޖެގެ ލޮލުން ކަރުނަ ނުހިކޭ. ނާއިޝް ބުންޏޯ އެވިސްނުން ދޫކޮށްލާށޭ....އަޅެ މުޙްސިން، އެސޮރަށް ވިސްނައިދީގެން ބުނަންވީނު، އެމަންޖެއާ ގުޅޭށޭ.] މުޙްސިން ގެއަށް ވަނުމާއެކު، ނަސްރީނާ ބުންޏެވެ.

[ނުވާނެ ތިކަމެއް. ދުވަހަކުވެސް ނުވާނެ. ލޭގެ ގުޅުން ފިޔަވައި އެހެން އެއްވެސް ގުޅުމެއް އެދެކުދިންގެ ދެމެދަކު ނުއުފެއްދޭނެ....އަހަންނަށް މަޢާފްކުރޭ...ނަސްރީނާ....ނަސްރީނާއަށް ކަންތައްތަކެއް ސިއްރު ކޮށްގެން ލައްކަ ދުވަހު އަހަންނަށް އުޅެވިއްޖެ. އާނ....ނާއިޝްއަކީ އަހަރެންގެ ލެއިން އުފެދިފައިވާ އަހަރެންގެ ދަރިއެއް....] އޭރު މިވާހަކަ އަޑުއަހަން ޢަރޫޝާވެސް ހުއްޓެވެ. ނާއިޝްއަކީ އޭނާއާ އެއްބަފާ ބޭބެއެއްކަން އެނގުމުން، އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

އޭނާ އިތުރަކަށް ބައްޕަ ދައްކާ ވާހަކަ އަޑުއަހާކަށް މަޑެއް ނުކުރެއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެވުމާއެކު، އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭރު ނަސްރީނާ ހުރީ ރުޅިއައިސްގެން ގޮސް ތުރުތުރުއަޅާ ހާލުގައެވެ.

[އަހަރެން...ކަލެއަކަށް މަޢާފެއް ނުކުރާނަން. އާނ މަޢާފެއް ނުކުރާނަން. ތިޔައީ ލަދުކުޑަ އިންސާނެއް.] ނަސްރީނާ ރޮމުން އެތަނުން ދިޔައީއެވެ.

[ނަސްރީނާ...ދެން އަހަރެން އެކަހަލަ ކަމެއް ނުކުރާނަން. އެކުދިންގެ މަންމަ ފާއިތުވެދިޔަ އަށާރަވަރަކަށް އަހަރު ވަންދެން އަހަރެމެންގެ މުޅި ޢާއިލާ ބެލެހެއްޓީ. އާނ މިގެއަކީވެސް ޝާޢިރާގެ ބެލުމުގެ ދަށުން އޭނާގެ ޚަރަދުގައި ކޮށްފައިވާ ޢިމާރާތެއް.] މުޙްސިން ނަސްރީނާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާ ނުކުމެގެން ދިޔައީއެވެ. އަދިވެސް ތިކަހަލަ ކިތަންމެ ދަރިންނެއް އަންނާނެޔޭ ބުނެފައެވެ.

ނަސްރީނާ ދިޔައީ އޭނާގެ ޢާއިލާގެ ގެއަކަށެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.

ހަމަ އެވަގުތެވެ. ޝާޢިރާ ރާވަމުންދަނީ އަދިވެސް އިތުރު ކަންތައްގަނޑެއް ހިންގޭތޯއެވެ.

އޭނާ ބޭނުންވަނީ ނާއިލާއި ޒޭނާގެ ކައިވެނީގެ ކުރިން އެގޭތެރޭގެ ހަމަނުޖެހުން ނަގާލައި މަޞްލަޙަތު ގެއްލުވާލާށެވެ. ޢަމުދުން އެކައިވެނި ވިޔަނުދިނުމަކީވެސް އޭނާ ރާވަމުންދާ ކަމެކެވެ.

[ކީކޭ! ފަޅާއަރައިފިޔޭ!؟ ކިހިނެއް ނަސްރީނާއަށް ނާއިޝަކީ މުޙްސިންގެ ދަރިއެއްކަން އެނގުނީ.] ޝާޢިރާ ވާހަކަ ދެއްކީ މުޙްސިނާއެވެ. ފޯނުންނެވެ. އޭނާ އެފޯނު ގެންގުޅޭކަން އެގޭ އެއްވެސް މީހަކަށް ނުވެސް އެނގޭނެއެވެ. އޭނާ ބޭނުންކުރަންވީމާ ނޫނީ އޭނާ އެފޯނު ނުއެއް ހުޅުވައެވެ.

[ވަރަށް އެހެންކަހަލަ ގޮތަކަށް ދިމާވީ. އެހެންވެ އަހަންނަށް މަޖުބޫރުވީ ނަސްރީނާއަށް ކިޔައިދޭން. ޙަޤީޤަތުގައި ދެން ކޮންމެވެސް ދުވަހަކުން އެކަން އެނގެންވެސް ޖެހޭނެތާ.] މުޙްސިން އޭގެފަހުން އެކަން މެދުވެރިވިގޮތް ކިޔައިދިނެވެ.

[ނަޞީބެއްތާ ޢަރޫޝާއަށް ގޯހެއް ނެހެދެނީސް އޮޅުންފިލުވައި ދެވުނުކަން. އެކަމަކު ނަސްރީނާ މަޢާފް ކުރާނެބާ؟] ޝާޢިރާ ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ވަށައިގެން ހޯދަމުންދިޔައެވެ. އޭނާގެ ރޭވުންތައް އަދި ފަޅާއަރާކަށް އޭނާ ބޭނުމެއް ނޫނެވެ.

[އޭނައަށްވެސް މަޢާފްނުކޮށް ކުރެވޭނެ މާބޮޑު ކަންތައްތަކެއް ނުހުންނާނެ. އަހަރެން ވަރަށް ސާފުކޮށް ބުނިން، އަހަރެންގެ ގެވެސް ހަދައިދިނީ ޝާޢިރާއޭ. އެހެންވެޔޭ އަހަރެން ޝާޢިރާއާ ގުޅުން ދަމަހައްޓަނީ.] މުޙްސިން ބުންޏެވެ.

[އެތަވީދު މުޙްސިން ބުނިގޮތަށް ގޮދަޑި ފަޅާލާފައި އޭގެތެރެއަށް ލައިފިން. ދެން ކޮންކަމެއްތަ ކުރަން އޮތީ.] ޝާޢިރާ ބުންޏެވެ.

[އަހަރެން އަދި އެބަ ތައްޔާރު ކުރަން ވަރުގަދަ ތަވީދެއް. މިފަހަރު މިއީ ދޭތިން އެކައްޗަށް ހަދާ އެއްޗެއް.] މިހެން ބުނެފައި އޭނާ ފޯނު ބޭއްވިއެވެ.

ޝާޢިރާއާއި މުޙްސިން އަލުން އެޢާއިލާއަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާއިރު، އޭގެ އެއްވެސްކަމެއް މޭރުންނުވާ ހާލުގައި ތިބެ، ނާއިލާއި ޒޭނާގެ ކައިވެންޏަށް އެޢާއިލާ އެދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެމީހުން ދެކޭގޮތުގައި، ޝާޢިރާއަކީ މިހާރު ސިކުނޑި ހަމަނުޖެހޭ މޮޔަ އަންހެނެކެވެ. ވުމާއެކު، އޭނާގެ ޙަރަކާތްތަކާމެދު ވިސްނާނޭ ބަޔަކު އެގޭތެރޭގައި ނެތްފަދައެވެ. އެންމެންވެސް ހޭލަމޭލަވަމުންދަނީ ކައިވެނީގެ ވަލީމާއަށްޓަކައި ތައްޔާރުވުމަށެވެ.

އެގެ ހިމެނޭ މުޅި ޢިމާރާތްވެސް އެކައިވެންޏަށްޓަކައި އެދަނީ ކުލަ ބޮކިތަކުން ޒީނަތްތެރި ކުރަމުންނެވެ.

ޢާންމު އުޞޫލުތަކާ ޚިލާފަށް ކައިވެނީގެ އުފާވެރި ޙަފްލާގައި ހުރިހާ ކަމެއްވެސް އެމީހުން ރާވާފައިވަނީ އެގޭގެ ޢިމާރާތުގެ މަތީގައިވާ ޓެރަސް މަތީގައެވެ.

[ޒޭނާ...އުފަލެއް ނުވޭތަ؟ އަހަރެން ހާދަ އުފާވެޔޭ. ޒޭނާއަށް އެނގޭތަ، ޒޭނާއަށްޓަކައި އަހަރެން ހާދަ ދިގު އިންތިޒާރެއް ކުރީމޭ. އަންނަ ހުކުރު ދުވަހުގެރެޔަކީ އަހަރެންގެ އިންތިޒާރަށް ނިމުން އައިސް، ހުވަފެންތަކުގއި ކުލަޖެހޭ ދުވަސް.] ނާއިލް ވާހަކަ ދެއްކީ، އޭނާގެ ލޯބިވެރިޔާ ޒޭނާއާއެވެ. އެދެލޯބިވެރިން ވާހަކަ ދައްކަން ތިބީ އޭނާގެ ކޮޓަރިތެރޭގައެވެ.

[އަހަރެންވެސް ވަރަށް އުފާވޭ. ނާއިލްގެ ހިތަކަށްވެސް ނުގެނެވޭނެ އަހަރެންގެ އިޙްސާސްތައް. ހަމަގައިމުވެސް އަހަރެންގެ ބައްޕަ އަހަންނަށް ލިބުނީވެސް ނާއިލްގެ ލޯބީގެ އުފަލުގެ ތެރެއިން.] ޒޭނާ ނުހަނު ޢިޝްޤީ އަސަރާއެކު މިހެން ބުނެފައި ނާއިލްގެ މޭގައި ބޯއަޅާލިއެވެ.

[ހަމަގައިމުވެސް އަހަރެންގެ ބޮޑުބޭބެ ދަރިފުޅު ބޮޑުބޭބެއަށް ލިބުނީ ޒޭނާގެ ލޯބީގެ ލައްޒަތުގެ ތެރެއިން. މިއަދު ބޭބެވެސް އަދި މަންމަވެސް އެހުންނަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި.] ނާއިލްގެ ދެއަތް ޒޭނާ ވަށާލިއެވެ. ޒޭނާ ކުރިއަށްވުރެންވެސް ބޮޑަށް ނާއިލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.

[ދެން ހިނގާ ގެއަށް ދާން...މިހާރު ވަރަށް ލަސްވެއްޖެ.] ޒޭނާ ގަޑިއަށް ބަލައިލަމުން ބުންޏެވެ.

[އޯކޭ މައްސަލައެއް ނެތް ހިނގާދާން....] ނާއިލާއި ޒޭނާ ކޮޓަރިން ނުކުމެގެން ހިނގައިގެންފިއެވެ.

ވަކިހިސާބަކަށް ގޮސް އެދެމީހުންވެސް ހުއްޓުނީ ޝާޢިރާގެ ކޮޓަރިތެރެއިން ޝާޢިރާ ވާހަކަ ދައްކާ އަޑު އިވުނީމައެވެ.

[އަހަރެން އެކަން ކާމިޔާބު ކުރާނަން. އަހަރެންގެ ދަރިފުޅު ކޮބައިތަ މިހާރު. އެސޮރު ގާތު ބުނެބަލަ، އަހަންނާ ގުޅާބަލާށޭ....] ޝާޢިރާ ފޯނުން ދެއްކި ވާހަކަތައް އަޑުއިވުމާއެކު، ނާއިލް ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނާއިލްމެން ވަނުމާއެކު، އޭނާ ވަރަށް ބޮޑަށް ސިހިގެންދިޔައެވެ. އެހެން ނަމަވެސް، އޭނާ ނާއިލަށް އޮޅުވާލުމަށްޓަކައި އިސާހިތު ފޯނުގެ ފިތްތަކަށް ފިތަން ފަށައިފިއެވެ. އަދި ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ މޮޔަ ޙަރަކާތްތަކަކާއެކު ވާހަކަ ދައްކަން ފަށައިފިއެވެ.

[ހަލޯ...ދަރިފުޅު ތިގުޅީދޯ؟ ދަރިފުޅުގެ ބައްޕަވެސް މިތާނގައި އެބަހުރި....ކައިފިންތަ؟ ބޮއިފިންތަ؟ އާދޭ މިގެއަށް. މަންމަ ދަންތަ ތިގެއަށް. ތީ ކޮން ގެއެއްތަ؟ ކާކުތަ ތީ، އަހަރެން ނޫޅެން ކަލެޔަށް ގުޅާކަށް. މިހާރު ހަމަ މިހާރު ފޯނު ބާއްވާ. ތީ އަހަރެންގެ ދަރިއެއް ނޫން.] ޝާޢިރާ ފޯނު ޖީބަށްލުމަށްފަހު ނާއިލްމެންނަށް ބަލަހައްޓައިގެން ހުރެ ނިކަން ބާރަށް ހީނގެންފިއެވެ. ނާއިލް ވަގުތުން ޒޭނާގެ އަތުގައި ހިފައިގެން އެތަނުން ނުކުމެއްޖެއެވެ.

[އަހަރެން ހީކުރީ ހަމަ ރަނގަޅަށްވެސް ފޯނުން ވާހަކަ ދައްކަނީ ކަމަށް. އޭނާގެ އަނިޔާވެރިކަމުގެ ހިތި ނަތީޖާ މިއަދު އޭނާއަށް އެފެންނަނީ. އެއީ ވަރަށް އަނިޔާވެރި އަންހެނެއް.] ނާއިލް ހިނގައިގަންނަމުން ލޯބިވެރިޔާއާ ވާހަކަ ދެއްކިއެވެ.

[ނާއިލް، އެމީހަކު ކުރި ކަމެއް އެމީހަކަށް. އޭގެ ބަދަލުގައި އަނިޔާވެރިވުމަށް އަހަރެމެން ވިސްނައިގެން ނުވާނެ. މިއަދު އޭނައަށްވެސް ހެޔޮކޮށްހިތާންވީ. އެއީ ރަނގަޅު ގޮތަކީ. އޭނާއަށް އަމިއްލައަށް ކުށް ޤަބޫލުކުރެވި ތައުބާވެސްވާނެ.] ޒޭނާއަކީ އަބަދުވެސް ހެޔޮވިސްނޭ ކިޔަމަންތެރިކަމުގެ ލާމަސީލު އަންހެން ކުއްޖެކެވެ.

[އަހަރެމެން މިހާރުވެސް ބަދަލެއް ނުހިފަމެއްނު. މަންމަ މިހާރުވެސް އޭނާއަށް ނުލާހިކު އޯގާތެރިކޮށްހިތާ. މަންމަ، އޭނާގެ ކަންތައްތައް ހިނގާނުހިނގާ ގޮތްވެސް ބަލަމުންދޭ. އިހަކަށްދުވަހު މަންމަ މަސައްކަތްކޮށްފި، ނާއޝް ހުރި ތަނަކުން ހޯދައިގެން އަލުން މިގެއަށް ގެންނަންވެސް. އެކަމަށް އިންކާރު ކުރީ އަހަރެން.] ނާއިލް ބުންޏެވެ.

[ކީއްވެ އިންކާރުކުރީ؟ އޭނަވެސް ހަމަ ގެންނަންވީނު.] ޒޭނާ ކުޑަކޮށް މަޑުޖެހިލިއެވެ.

[ޒޭނާ...އޭނައަކީ ނުލަފާ ރޭވުމުގެ ތެރެއިން މަންމައަށް ޒަހަރުދޭން މަސައްކަތް ކުރި މީހެއް. އެވަރުގެ މީހަކު އަލުން މިހިޔަލަށް ގެނެސް، އަހަރެމެންނަށް ފެންނަފަށުގައި ގެންގުޅޭކަށް އަހަރެންގެ ހިތެއް ދުވަހަކުވެސް ނުރުހޭނެ. މިއީ ޒޭނާއަށް ކުރިމަތިވި ކަމެއްނަމަ، ޒޭނާވެސް އެފަދަ އަނިޔާވެރިޔަކަށް މަޢާފެއް ނުކުރާނެ.] ނާއިލްގެ ހިތުގައި އަދިވެސް ނާއިޝަށްޓަކައި އަނދަމުންދަނީ ނަފްރަތުގެ އަލިފާނެވެ.

[އަހަންނަކަށް އޭނާއަކަށް މަޢާފެއް ނުކުރެވޭނެ. އެއީ ފަސޭހަ ކަމެއް ނޫން. ޢަމުދުން ޝާޢިރާ މަންމައަށްވެސް މަޢާފް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫން.] ގެއިން ނުކުމެގެން ގޮސް ކާރަށް އަރަމުން ނާއިލް ވާހަކަ ދެއްކިއެވެ.

މުޙްސިންގެ އާދޭހާއެކު ނަސްރީނާ އެނބުރި ގެއަށް އައީ އެރޭ ވަރަށް ދަންވި ފަހުންނެވެ. އޭނާ އެނބުރި ގެއަށް އައީ މުޙްސިންގެ ދަރިއެއްގެ ގޮތުގައި އިތުރު އެހެން ކުއްޖަކު އެގެއަށް އަތުވެއްޖެނަމަ، ދެން އެގެއިން ނުކުންނަ ގޮތަށް އެނބުރި ނާންނާނޭ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް، އެއީ ނުވާނޭ ކަމެއް ނޫނެވެ. ނާއިޝްއެކޭ އެއްފަދައިން ނަޝާއަކީވެސް ސީދާ އޭނާގެ ދަރިއެކެވެ.

އެހެން ނަމަވެސް، އެކަން ސިއްރު ކުރަން މިއަދު އޭނާއާއި ޝާޢިރާ އަދި ނާއިޝަށްވެސް ވަނީ މަޖުބޫރުވެފައެވެ.

އެރޭ ނަސްރީނާ، އޭނާގެ ދަރިފުޅު ޢަރޫޝާއަށް ވަރަށް ބޮޑަށް ނަޞޭޙަތްތެރިވެ ވިސްނައިދިނެވެ.

[ދަރިފުޅާ، އެކަން ދެން ހަނދާން ނައްތާލާ. ނާއިޝަކީ ދަރިފުޅުގެ އެއްބަފާ ބޭބެ. މަންމަވެސް މިހުރީ ބައްޕައަށް މަޢާފް ކުރުމަށްފަހު އެނބުރި ގެއަށް އައިސް. ޙަޤީޤަތުގައި ބޭބެއަކު ލިބުމުން އުފާކުރަންވީ. ދެން ހިނގާ ތެދުވެގެން ކާން.] ދަރިފުޅުގެ ބޮލުގައި ނަސްރީނާ ފިރުމާލަދިނެވެ.

[އަހަރެން ހަމަ އެއީ އަހަރެންގެ ބޭބެ ކަމަށް ޤަބޫލު ކުރަންވީތަ؟ މަންމާ، އެކަމަކު އެހެން ނަޒަރަކުން ބޭބެއާމެދު ވިސްނުނީތީ މިހާރު ލަދުގަނޭ. ވަރަށް ދެރަވެސްވޭ.] ޢަރޫޝާ ދެއަތަކަށް ބޯހޫރާލިއެވެ.

[އެއީ ދަރިފުޅަށް އެނގިގެންވީ ކަމެއް ނޫން. އެކަމުގައި ދަރިފުޅުގެ އެއްވެސް ކުށެއް ނެތް. މިރޭ ނާއިޝް ގެއަށް އައިމާ ދަރިފުޅުވާނެ، ބޭބެއާ ބައްދަލުކޮށްފައި ވާހަކަ ދައްކަން. މާދަމާއިން ފެށިގެން އޭނާގެ ކެއިން ބުއިމުގެ ކަންތައްވެސް މިގެން ހަމަޖެހެންވާނެ. އެވާހަކަވެސް ބޭބެ ގާތު ބުނާތި.] ނަސްރީނާ ބުންޏެވެ.

ރޭވިފައިވާ ގޮތަށް ކަނޑައެޅިފައިވާ ތާރީޚުގައި ނާއިލާއި ޒޭނާގެ ކައިވެނި ކުރުމަށްޓަކައި އެޢާއިލާއިން ދަނީ މިހާރު ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ.

ދަޢުވަތު ކާޑު ތައްޔާރުކޮށް، ނަން ޖެހުމުގެ ކަންތައް ކުރަމުން ދަނީ ނަޝާއެވެ. އެމަންޒަރު ވަރަށް ގާތުން ޝާޢިރާ ދަނީ ބަލަމުންނެވެ. އޭނާ ރާވަމުންދަނީ އެކައިވެންޏަށް ހުރަސްއެޅޭނޭ ގޮތެއް ފެނޭތޯއެވެ. ނަމަވެސް އަދި އޭނާގެ މަސައްކަތް ކާމިޔާބުވާނޭ ކަމުގެ އެއްވެސް އަލިމަގެއް އޭނާއަކަށް ނުފެނެއެވެ.

އޭނާ ނާޒިމާގެ އެނދުގެ ގޮދަޑިތެރެއަށްލީ ތަވީދުގެ އެއްވެސް އަސަރެއް އަދި ފެންނަވަރެއް ނުވެއެވެ. އެހެން ނަމަވެސް، ދެވަނަ ތަވީދެއް އެކޮޓަރިއަށްލުމަށްޓަކައި އޭނާ އެދަނީ މިހާރު ތައްޔާރުވަމުންނެވެ. މުޙްސިން ބުނާގޮތުން އެއީ ވަރަށް ބާރުގަދަވާނޭ ތަވީދެކެވެ. އެތަވީދު ލުމަށްފަހު، އެ އެނދުގައި ނިދައިފިނަމަ، ނާޒިމާއާއި އިލްޔާސް ދުވަހަކުވެސް ކައިރިނުވެވޭ ވަރަށް ދުރުވާނެއެވެ. އެއީ އޭނާ ބޭނުންވާވެސް ގޮތެވެ.

އެކޮޓަރި ދޮރުމަތީގައި ފާރައަށް ޝާޢިރާ އެހުންނަނީ ކޮޓަރިތެރެއިން ނާޒިމާ ނުކުމެ، އެކޮޓަރި ހުސްވާނެ ވަގުތަކަށް ބަލަބަލައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


23

ފަތުހީ ދެކުނު

17-May-2020

ސަޅި ވަރަށް ފުރިހަމަ


-2

މޮހޮދޭ

17-May-2020

މި ވާހަކައިގަ ދިގުވާހަކަ އެއްގަ ހުންނަން ޖެހޭއެއްމެހާ ސިފަތައް ވެސް އެބަހުރި ވަރަށް ފުރިހަމަ ޗާލުވާހަކަ އެއް


14

ޒީނާ

17-May-2020

އަސްލު މާޖާވާނީ އަނެއްކާވެސް ތިޔަ ޝާއިރާބާނޫ އަލުން ގެއަށް ވެސް ވެރިވެގެންފިއްޔާ ނުބައި ޝައިތާނެއް ޝާއިރާ އަކީ


10

ހަސަން

17-May-2020

ޝާއިރާ އަކީ ހިންދީ ޑުރާމާތަކުން ދަރިވަރު ވެފައިވާ އަންހެނެއް އޭނާ އަށް އެބައެނގޭ ކަންކަން ރާވަން


6

ސަ,މާ

17-May-2020

ވަރަށް ރީތި އަނެއްކާޝާއިރާ ގެ ނުބައިކަން ފެންނަން އެފަށަނީ ނާއިލް ގެ ކައިވެނި ކުރެވޭނެބާ؟


13

ސަމަން

17-May-2020

ވަރަށް ސަޅި މިބައި ވެސް



ޓްރެންޑިން