ހުކުރު ޚުތުބާ އިއްވަނީ
ހުކުރު ޚުތުބާ އިއްވަނީ
މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ ދީނުގައި ނަހީކުރަށްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހެޔޮބަސް ބުނުމުގެ މައްޗަށް އަލި އަޅުވާލައި މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ, ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެ ކަމަށާއި, އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެ ކަމަށެވެ. އެފަދަ ބަސްތަކުގެ ސަބަބުން މީހުންނަށް މަގު އޮޅޭނެ ކަމަށާއި, އެކަކު އަނެކަކާ ޖެހި، މޫނުކެނޑޭނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ނުބައި ބަސްތަކުގެ ސަބަބުން މީހުން މަގުފުރެދި، ޙައްޤުގެ މަގަށް ހުރަސް އެޅޭނެ ކަމަށާއި, ދިވެހި މުޖުތަމަޢުން މިފަދަ ނޭދެވޭ ޢަމަލުތައް ފެންނަކަމީ ހިތާމަހުރި ކަމެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

"ހަޤީޤަތާއި ޚިލާފު ދޮގު ވާހަކަތައް މީސްތަކުންގެ މެދުގައި ފަތުރައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތްﷲ ނަހީކުރައްވާފައިވާ ކަމެކެވެ." ޚުތުބާގައި ވެއެވެ.

ޚުތުބާގައި މިއަދު ބުނެފައިވަނީ, ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެއް ކަމަށާއި އެއީ ހިނިތުންވުން ގެނެސްދޭ ކަމެއް ކަމަށެވެ.

"ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްޞިއްޔަތު އަންގައިދޭ ކަމެކެވެ. އެއީ އޭނާގެ ފޭރާމެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި އެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރެވެ. ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ޙަޟްރަތަކަށް ނުފޯރާނެ އެވެ." ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި, އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާ އަށާއި އަޑުއަހާ މީހާއަށް މަންފާ އާއި ލާބަ ކަމަށް ޚުތުބާގައިވެއެވެ. ހެޔޮބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނެތް ކަމަށާއި, ހެޔޮ ބަހަކީ މާތް ﷲ ހަނދުމަކުރުމާއި ތަޙްލީލާއި ތަޙްމީދާއި ތަސްބީޙަ ކަމަށް ޚުތުބާގައިވެއެވެ.

މިއަދުގެ ޚުތުބާގައި ބުނެފައިވަނީ, ހެޔޮބަހަކީ މުންކަރާތްތައް ނަހީކުރުމާއި, މީސްތަކުންނަށް ނަސޭހަތް ދިނުމާއި ސީދާ މަގަށް މަގުދެއްކުން ކަމަށެވެ.

"ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ ހިޔާ ބޮޑެވެ. އެ ގަހުގެ މަންޒަރު ރީއްޗެވެ. އެ ގަހުގެ ވަސް މީރެވެ. އެ ގަހުގެ މޭވާ ފޮންޏެވެ. އެ ގަހުގެ ފައިދާ ގިނަގުނަ އެވެ. އެ ގަހުގެ މޫތައް ވަރުގަދައެވެ. އެއީ އަބަދުވެސް މަތިވަރު ރަނގަޅު ގަހެކެވެ. އެއީ އަބަދު ވެސް މޭވާ އަޅައި ފުރިފައިވާ ގަހެކެވެ. އެ ގަހުގެ މޭވާ ދުވަހަކުވެސް ހުހެއްނުވެއެވެ." ޚުތުބާގައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ މި ފަދަ ގަސް ހެދުމަށްފަދަ ގަސް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުން ކަމަށެވެ. މިރަނގަޅު ބިމަކީ މާތް ﷲ އަށް އަޅުކަން ކުރާ ޞާލިޙު މުއުމިނާގެ ނަފްސު ކަމަށާއި, އެ ފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ، މާތް ﷲ ގެ ޚަލްޤުތަކުންނާ އެކު ރިވެތި ގޮތުގައި މުޢާމަލާތް ކުރާ މީހަކަށް ކަމަށް ޚުތުބާގައި ވެއެވެ.

އަދި އަޅުގަނޑުމެންގެ ދަރިން މި ފަދަ ނަފްސުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ، ޢާއިލީ ރަނގަޅު ތަރްބިޔަތާއި، ރީތި ނަމޫނާ އާއި، މަދްރަސީ ރަނގަޅު ތަރްބިޔަތާއި ޞާލިޙު ރަނގަޅު ވެށްޓެއް، އެ ކުދިންނަށް ހޯދައިދީގެން ކަމަށާއި, މި ތިން މާޙައުލަކީ ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް، މަރުވެފައިވާ ބިމެއް ފަދަ މާޙައުލަކަށް ވެއްޖެ ނަމަ އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ އާދަ އަށައެއް ނުގަންނާނެ ކަމަށް މިއަދު އިއްވި ޚުތުބާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން