17 ވަނަ އެޕިސޯޑް

==========

[ފުވާދު ތިޔަކަހަލަ ވާހަކަ ނުދައްކާ. އަހަރެން ނުލާހިކު ހާލުގައި ޖެހިފައި ވަނިކޮށް، އަހަރެން އަލުން މިއުފާވެރި ދިރިއުޅުމަށް ގެނެސްދިން މީހަކީ ތީ....މިހާރު އަހަރެންނަށްވެސް ފުވާދާ ވަކިން ނޫޅެވޭނެ....] ޒާހިދާ، އޭނާގެ ލޮލުގައިވާ ކަރުނަތައް، އަތުގެ ނުފުށުން ފޮހެލިއެވެ.

މިހާރު އެދެޢާއިލާއަށްވެސް ވަނީ ވަރަށްބޮޑު އުފާފާގަތި ކަމެއް އައިސްފައެވެ. ދެން ކުރިއަށް އޮތީ ޑޮކްޓަރ ނާއިލާއި ޒޭނާގެ ކައިވެނީގެ ގޮށް ޖެހުމާއެކު، އެދެލޯބިވެރިން އެކަކު އަނެކަކުގެ ލޯތްބާއި އޯގާތެރިކަން ލިބިގެން ޒަވާޖީ ޙަޔާތާއިގެން ކުރިއަށް ދިޔުމެވެ.

ނަމަވެސް، އެވަގުތު އަދި އެދެލޯބިވެރިންގެ ކައިވެންޏާމެދު ވިސްނުމުގެ ބަދަލުގައި މުޅިންވެސް ދެކެވިދިޔައީ، ދެފަރާތުގެ ޢާއިލާގެ މާޒީގެ ދުވަސްތައް، އެއް ޢާއިލާއިން އަނެއް ޢާއިލާއާއެކު ޙިއްޞާ ކުރުމެވެ.

ޙަޤީޤަތުގައި ޅައިރު ބައްޕަގެ ލޯތްބާއި އޯގާތެރިކަން ފެނިފައި ނުވި ކަމުގައި ވިޔަސް، ޒޭނާއަށް ލބިފައިވަނީ އޯގާތެރި ހެޔޮލަފާ ބައްޕައެކެވެ.

ބައްޕަގެ ހިތްދަތި ދިގު މާޒީގެ ވާހަކަ ކިޔައިދިނުމުން، ޒޭނާގެ ހިތަށްވެސް ވަރަށް ފުން އަސަރުތަކެއް ކުރިއެވެ.

[އަޞްލު އަހަރެންގެ ބައްޕައާމެދު ކުރިން އަހަންނަށްވެސް ވިސްނިފައި އޮތީ، އަހަރެންގެ ބައްޕައަކީ ރަޙުމް ކުޑަ އަނިޔާވެރި ބައްޕައެއް ކަމަށް. އެކަމަކު މިހާރު...އަހަންނަށް މިވަނީ ބައްޕަގެ ހުރިހާ ޙަޤީޤަތެއް އެނގި ސާބިތުވެފައި. ބައްޕައަކީ އޯގާތެރި ހެޔޮލަފާ މީހެއް. ބައްޕައަކީ އަނިޔާވެރިއެއްގެ ޝިކާރައަކަށް ވެފައިވާ މީހެއް. އެއަނިޔާވެރިޔާގެ ސަބަބުން ބައްޕަގެ ޙަޔާތުގެ ބޮޑުބައި ހޭދަކޮށްފައިވަނީ، ވޭނާއި ހިތްދަތި ކަމުގައި. ބައްޕައާމެދު ކުރިން އަހަންނަށް ވިސްނުނު ގޮތުން، މިހާރު އަހަރެން ހިތާމަ ކުރަން.] ޒޭނާ ވާހަކަ ދެއްކީ، އޭނާގެ މަންމަ ޒާހިދާއާއެވެ.

ޙަޤީޤަތުގައި ޒާހިދާވެސް މިހާރު ހުންނަނީ ވަރަށް ބޮޑަށް ދެރަވެ މާޔޫސްވެފައެވެ. ހަމަގައިމުވެސް އޭނާއަށް ޔޫސުފްގެ ޙާލަތު، އޭރު އެނގުނުނަމަ، އަދިވެސް އޭނާ ހުރީހީ ޔޫސުފާ އެކުގައެވެ.

ޔޫސުފާއި އޭނާ ކައިވެނީގެ ގޮތުން ގުޅުނީ، ނުހަނު ފޮނި އުއްމީދުތަކަކާއެކު ފިސާރި ލޯތްބާއި އޯގާތެރި ދިރިއުޅުމަކަށް ކުރެވުނު އުއްމީދުގެ ބޮޑުކަމުންނެވެ.

[މިހާރު މަންމަގެ ހިތަށްއަރަނީ، ދަރިފުޅުގެ ބައްޕަ، މަންމަމެނަށް ނޭނގި ހާދަ ހިތްދަތި ދުވަސްތަކެއް ގުނައިފިޔޭ. އެއީ ހާދަ ވޭނީ އިޙްސާސްތަކެއް ދަރިފުޅުގެ ބައްޕައަށް ކުރުވާނެ ދުވަސްތަކެކޭ.] އެއީ ޔޫސުފް އައިސް އެކޮޓަރިއަށް ވަން ވަގުތެވެ.

އޭރު އެތަނުގައި ޒާހިދާގެ މިހާރުގެ ފިރިމީހާ ފުވާދު ފެންނަން ނެތް ކަމުގައި ވިޔަސް، އެމީހުން ދައްކަމުންދާ ވާހަކަތަކުގެ އަޑު އިވޭ ހިސާބުގައި އޭނާވެސް ހުއްޓެވެ.

ޙަޤީޤަތުގައި އޭނާ ހުންނަނީ މިހާރަކަށް އައިސް ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ޒާހިދާ ޔޫސުފްދެކެ ލޯބިވި މިންވަރާއި މިހާރުވެސް ލޯބިވާނެކަން އެނގުމަކީ، އޭނާއަށްވެސް ފުން އަސަރުތަކެއް ކުރުވި ކަމެކެވެ. ޒާހިދާއާއި ޔޫސުފްގެ ލޯތްބަށް ހުރަހަކަށްނުވެ އެދިރިއުޅުމުން އެއްފަރާތްވުމަށްވެސް ބައެއްފަހަރު އޭނާގެ ހިތަށްއަރައެވެ. އެހެން ނަމަވެސް، މިހާރު އޭނާއާއި ޒާހިދާގެ ގުޅުމަށްވެސް ކުއްޖަކު ލިބިފައިވުމުން، އެއީވެސް އޭނާ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ.

ދެން އޮތްގޮތަކީ ޒޭނާގެ ކައިވެނި އަވަސްކޮށް، އެކައިވެނީގެ ޙަފްލާ ނިމުމުން، އެނބުރި ރަށަށް ދިޔުމެވެ. އޭރުން އެވިސްނުންތަކުން އެއްކިބާވެވޭނެއެވެ.

[ކައިވެނީގެ ޙަފްލާ އަވަސްކޮށް ނިންމުމަށްފަހު، ވީހާވެސް އަވަހަކަށް ރަށަށްދާން އަހަންނަށް ފެންނަނީ. އެހެންނޫނީ ވައްކަމާއި ފޭރުން ނުލާހިކު ބޮޑަށް ފެތުރެމުންދާ ޒަމާނެއްގައި ގެގަނޑު ސުންނާފަތިކޮށްފާނެ.]

ފުވާދު، އޭނާގެ އަނބިމީހާ ޒާހިދާއާ ވާހަކަ ދެއްކީ، އެރޭ ކާން އިނދެއެވެ. އޭރު އެގޭގައި ޔޫސުފްވެސް އިނެވެ.

[ދެން ކީއްކުރަންތަ ފުވާދު ރަށަށްދާން ތިވިސްނަނީ. ހުޅުމާލޭގައި އޮންނާނެ އަހަރެންގެ ނަމުގައި އޮންނަ ގޯއްޗެއް. މިހާރުވެސް އެތާނގައި ތިންކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައި އެބަހުރި. އެތަނުގައި ނިކަން އުފަލުގައި އުޅެވޭނެ.] ޔޫސުފް ބުންޏެވެ.

[އަހަރެމެން މިކޮޅުގައި މަޑުކޮށްފިއްޔާ، ގެގަނޑު މުޅިން ވީރާނާވެދާނެ. ޔޫސުފް ތިބުނާ ތަނަކީ ދާއިމީކޮށް އަހަރެމެންނަށް އުޅެވޭނެ ތަނަކަށް ނުވެސްވާނެ. އަހަރެންގެ ދަރިފުޅާއި އަހަރެން އުޅެން އެންމެ އެކަށީގެންވާ ތަނަކަށްވާނީ އަހަރެން އަޅާފައިވާ ޖިފުޓިގަނޑު.] ފުވާދު ވާހަކަ ދައްކާ ގޮތުން އޭނާ ހިސާބަކަށް ނުތަނަވަސްވެފައިވާކަން ޔޫސުފަށް ދޭހަވެސްވިއެވެ.

[ޔޫސުފް...ފުވާދު އެބުނީ ތެދެއް. އަހަރެމެން ދާނީ ރަށަށް. މިރަށުގައި ތިބެގެން ފުވާދު ކުރާނޭ މާބޮޑު މަސައްކަތެއްވެސް ނޯންނާނެ.] ފުވާދު ހީކުރިގޮތާ ޚިލާފަށް ޒާހިދާވެސް ފުވާދަށް ތާއީދުކުރިއެވެ.

ޒާހިދާ ކުރިން ޔޫސުފްދެކެ ކިތަންމެ ލޯބިވިޔަސް، މިހާރު އޭނާ ޔޫސުފާއެކު އަލުން ގުޅުން އުފައްދަން ނުވިސްނާކަން އެނގުމުން، ފުވާދުގެ ނުތަނަވަސްކަމާއި މާޔޫސްކަން ފިލިއެވެ.

[ފުވާދު، އަހަރެން ޤަބޫލުކުރާ ގޮތުގައި ޒޭނާއަކީ އަހަރެންގެ ދަރިއަކަށްވީ ފަދައިން، އަހަރެންގެ ދަރިފުޅުގެ ކޮއްކޮއަކީވެސް ހަމަ އަހަރެންގެ ދަރިއެއް. އަހަރެންގެ މުދަލަކުން އެދަރިއަކަށްވެސް އެއްވެސް އެއްޗެއް އުންޏެއް ނުވާނެ. ހަމަހަމަ ފުރްޞަތުތަކެއް އަހަރެން ލިބިދޭނަން.] ޔޫސުފް ބުންޏެވެ. ޔޫސުފްގެ އެވާހަކައިން ފުވާދަށް ލިބުނީ ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެކެވެ.

އޭރު ނާޒިމާއާއި އިލްޔާސް ފިޔަވައި އެޢާއިލާގެ ގިނަ މެމްބަރުން އެގެއަށް އައިސް ތިއްބެވެ. އޭރު އިލްޔާސާއި ނާޒިމާވީ އެމީހުންގެ ވިޔަފާރީގެ ކޮންމެވެސް ބައްދަލުވުމަކަށް ގޮހެވެ. ވުމާއެކު، ގޭގައި އޭރު ތިބީ ޝާޢިރާއާއި ނަޝާގެ އިތުރުން، އެގޭގައި ގެންގުޅޭ މީހުންނެވެ. ނަޝާވެސް އޭނާގެ މަންމަ ކޮޓަރިއަށް ވެއްދުމަށްފަހު، ނިދަން އޮށޯންނާށޭ ބުނެފައި، އޭނާގެ ކޮޓަރިއަށް ވަނީ މަންމަ އަލުން ކޮޓަރިން ނުކުމެދާނޭ ކަމަށް އެއްވެސްވަރަކަށް ވިސްނާފައެއް ނޫނެވެ.

އެހެން ނަމަވެސް، ނަޝާ އެކޮޓަރިން ނުކުތުމާއެކު، ޝާޢިރާ ކޮޓަރިތެރޭ ކޮންމެވެސް ތަނެއް ހާވާލުމަށްފަހު، ނެގި އެއްޗެއް ހިފައިގެން ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ މިޞްރާބުޖެހީ އިލްޔާސާއި ނާޒިމާގެ ނިދާކޮޓަރިއާ ދިމާއަށެވެ.

އޭރު އޭނާގެ މުށުތެރޭގައި ވަނީ ރަތް ކުލައިގެ ތަވީދެކެވެ. ދޭތެރެ ދޭތެރެއިން އޭނާ މުށް ހުޅުވާލުމަށްފަހު، އެތަވީދަށް ބަލައިލައެވެ. އޭނާ ގޮސް އެކޮޓަރިތެރެއަށް ވަން ވަގުތަކީ ނާޒިމާއާއި އިލްޔާސް އައިސް ގެއަށް ވަން ވަގުތެވެ.

ޝާޢިރާ ކޮޓަރިތެރެއަށް ވަދެ ހާވަން ފެށި ވަގުތަކީ ނާޒިމާއާއި އިލްޔާސް އެކޮޓަރިއާ ދިމާއަށް މިޞްރާބުޖެހި ވަގުތެވެ.

ނަމަވެސް، ޝާޢިރާއަކީ ވަރަށް ހުޝިޔާރު އަންހެނެކެވެ. އޭނާ ނާޒިމާމެން އައުމުގެ ކުރިން އޭނާ އެކުރި ކަމެއް ކޮށްފައި ކޮޓަރިން ނުކުމެއްޖެއެވެ. އޭނާ ކޮޓަރިން ނުކުމެގެން ދިޔައީވެސް ސިކުނޑި ހަމަނުޖެހޭ މީހަކު ނުކުންނާނޭފަދަ ގޮތަކަށް ނޫނެވެ. އޭނާ ނުލާހިކު ބުއްދިވެރިއެވެ. އޭނާ ނުކުތީ ކުޑަދޮރަކުންނެވެ.

މިހާރު އުފެދޭ ސުވާލަކީ، ޝާޢިރާގެ މަޤްޞަދަކީ ކޮބައިބާއެވެ؟ އާއެކެވެ. އޭނާގެ ވިސްނުން މިހާރު ހުރީ އަލުން އެގޭގެ ވެރިކަން ލިބިގަތުމެވެ. މިފަހަރު އޭނާ ރާވަނީ ސީދާ އިލްޔާސްގެ ހިތް އޭނާގެ މައްޗަށް ލަންބުވައި، ނާޒިމާގެ މަތިން ފޫހިކުރުވުމެވެ. އެއްވެސް ހާލެއްގައި ނާޒިމާއަށް އެނޫން ގޮތަކަށް އަނިޔާއެއްދޭކަށް މިހާރަކު އޭނާއެއް ނުވިސްނައެވެ. އޭނާ ބޭނުންވަނީ އޭނާގެ ޙާލަތަށް ހަމްދަރުދީއާއެކު އިލްޔާސްގެ އަޅާލުމާއި ލޯބި ހޯދައިގަތުމެވެ. ކުރިއެކޭ އެއްފަދައިން، އެކަން ކުރުމުގައި އޭނާގެ ފަހަތުގައި މިހާރުވެސް އެހެން ބައެއްގެ ދައުރެއްވާކަމީ ޝައްކެއްއޮތް ކަމެއް ނޫނެވެ.

[އަހަރެން މިފޭރާން ލައިގެންހުރެ އިލްޔާސްގެ ލޯތްބާއި އަޅާލުން ހޯދާނަން. އެއަށްފަހު، އަހަރެންގެ މަޤްޞަދުތައް އަހަރެން ޙާޞިލް ކުރާނަން.] ކޮޓަރިން ނުކުމެގެން ދަމުން ޝާޢިރާ ހިތާހިތާ ވާހަކަ ދެއްކިއެވެ.

ބަޔަކަށް ނޭނގުނަސް މިހާރުވެސް ޝާޢިރާއާއި މުޙްސިނާ ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އެދެމީހުން ހުރިހާ ކަމެއްވެސް ކުރަމުން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ފުރިހަމަ ރޭވުމެއްގެ ދަށުންނެވެ.

މުޙްސިން ގަވާއިދުން ކޮންމެ ދުވަހަކުވެސް އެއްގަޑިއެއްގައި އޭނަޔާ ބައްދަލުކުރެއެވެ. ހަމައެހެންމެ، އެމީހުންގެ ފިރިހެން ދަރިފުޅު ނާއިޝްވެސް އޭނާގެ މަންމައާ ބައްދަލުކުރެއެވެ. އެއީވެސް ސިއްރުން ކުރެވޭ ކަމެކެވެ. އެހެންކަމުން، ހުރިހާ ކަމެއްވެސް ހިނގަމުންދަނީ ވަރަށް ފުރިހަމަ ރޭވުމެއްގެ ދަށުންކަން އެނގެއެވެ.

މިހާރު މުޙްސިނާއި ނާއިޝްގެ ހުރިހާ ރޭވުމެއްވެސް ބިނާވެފައި ވަނީ އިލްޔާސްގެ ވިޔަފާރި ބަނގުރޫޓްކޮށްލުމުގެ މައާޗަށެވެ.

[ބައްޕަގެ ވިސްނުމަކީ ދަރިފުޅުމެނާއި ދަރިފުޅުގެ މަންމައަށް ނެތް ޚިދްމަތްތަކެއް އެހެން މީހަކަށް ލިބޭކަށް މިބައްޕަވެސް ނޭދެން. މާގިނަ ދުވަސްތަކެއްނުވެ އިލްޔާސްގެ ހިތްޖެހޭނެ.] މުޙްސިން ވާހަކަ ދެއްކީ ނާއިޝްއާއެވެ. ނާއިޝް އުޅެމުން ދަނީ މުޙްސިންގެ ގޭގައި ހުންނަ ހުސް ކޮޓަރިއެއްގައެވެ. ނަމަވެސް، މުޙްސިން، އޭނާގެ ދަރިންނަކަށް އެއީ އޭނާގެ ދަރިއެއް ކަމެއް ނާންގައެވެ. ވުމާއެކު، އޭގެ ނަތީޖާވެސް މުޙްސިނަށް މެދުވެރިވީ ހިތްދަތި ތަޖްރިބާއެއްގެ ގޮތުގައެވެ. އާދެ، މުޙްސިންގެ އެންމެ ހަގު އަންހެން ދަރިފުޅު ޢަރޫޝާއަށް ނާއިޝް ފެނުނީއްސުރެ، އޭނާ މަސައްކަތް ކުރަމުން ދިޔައީ ނާއިޝްއާ ވާހަކަ ދައްކާނެ ފުރްޞަތު ހޯދުމަށެވެ. ނަމަވެސް، ނާއިޝްއަކީ ގޭގައި މާގިނަ ވަގުތު އުޅޭ މީހަކަށް ނުވުމާއެކު، އޭނާއަށް އެފުރްޞަތު ހޯދުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ.

ނަމަވެސް ޢަރޫޝާ އައީ އެކަމަށްޓަކައި އިންތިޒާރު ކުރަމުންނެވެ. އެގޮތުން ބައެއް ރޭރޭ އޭނާ ނާއިޝް ގެއަށް އަންނަންދެން ހޭލާވެސް ހުރެއެވެ. އެފަދަ ރޭތަކުގައި އޭނާ ނާއިޝް ހުއްޓުވައިގެން ވާހަކަ ދައްކަން މަސައްކަތް ކުރޭވެސްމެއެވެ.

އެފަދަ ރޭތަކުގެ ތެރެއިން ރެއެކެވެ. ނާއިޝް އޭނާ މިހާރު ވަޒީފާ އަދާކުރާ ކެފޭގައި އުޅެފައި ގެއަށް އައިސް ވަން ވަގުތެވެ.

އޭނާއަށް ސިހުން ލިބުނީ ކޮންމެވެސް މީހަކު އޭނާގެ ނަމުން ގޮވާލި އަޑަށެވެ.

[ނާއިޝް ކޮންމެ ރެޔަކު މިހާ ދަންވަންދެން ކޮންތާކުތަ އުޅެނީ؟ އަނެއްކާ...އަހަރެން މިގޮތަށް ސުވާލު ކުރީމާ ޙައިރާންވާނެކަންވެސް އެނގޭ....ކޮފީއެއް ގެނެސްދެންތަ؟] ޢަރޫޝާ ނާއިޝްއާ ވާހަކަ ދެއްކުމުގެ މަޤްޞަދުގައި އެއްސެވެ.

[ދެންމެ ކޮފީ ބޮއިގެން މިއައީ. ޢަރޫޝާ މިގަޑީގައި ނުނިދާ ކީއްތިކުރަނީ. އަވަހަށްދޭ ނިދަން.] ނާއިޝް ބުންޏެވެ.

[އިންތިޒާރުގައި ހުރި މީހެއްގެ ލޮލަކަށް ނިންޖެއް ނާންނާނެ، އެއިންތިޒާރެއް ނުނިމެނީސް.] ޢަރޫޝާ ނުހަނު ޢިޝްޤީ އަސަރުގައި ނާއިޝްގެ މޫނަށް ބަލައިލިއެވެ.

[އެހެންތަ؟ ކާކަށްތަ ތި އިންތިޒާރު ކުރަނީ.....އަހަރެން މާދަމާ ތަންކޮޅެއް ހެނދުނާ ހޭލަންޖެހޭނެ. އެބަޖެހޭ ނިދަން. ދެން ޢަރޫޝާވެސްދޭ ނިދަން. ނިދަން ދިޔުމުގެ ކުރިން މިކޮޓރިއަށް ފެންފުޅިއެއް ގެނެސްދެއްޗޭ.] ނާއިޝް ކޮޓަރިއަށް ވަނެވެ.

ޢަރޫޝާ ނުހަނު އުފަލާއެކު ފެންފުޅިއެއް ގެނެސް، ނާއިޝްގެ އަތަށްދިނެވެ. އެއަށްފަހު، އޭނާގެ އިންތިޒާރާ ބެހޭގޮތުން ވާހަކަ ދައްކާނީ ފަހުންނޭ ބުނެފައި، އޭނާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

މިހާރު އޭނާގެ ހުރިހާވެސް ފިކުރަކީ ނާއިޝްއެވެ. އެހެން ނަމަވެސް، ނާއިޝް އެފަދަ އެއްވެސް ފިކުރެއް ނުގެންގުޅެއެވެ.

ޢަރޫޝާއަށް ނޭނގުނަސް އޭނާއަށް ޢަރޫޝާއަކީ ކާކުކަން މާރަނގަޅަށްވެސް އެނގެއެވެ.

[އަޅެ އަހަންނަށް ލޯބިވެވިއްޖެ. ވަރަށް ބޮޑަށް ލޯބިވެވިއްޖެ. އެލޯބި ހާމަކުރަންވެސް އަހަރެން ބޭނުންވޭ. އެކަމަކު ހިތަށްއަރަނީ މިލޯބި ހާމަކުރާނީ ކިހިނެއްބާއޭ؟] ޢަރޫޝާ ވާހަކަ ދެއްކީ، އޭނާގެ ރަޙްމަތްތެރިޔާ ފަޒްލާއާއެވެ.

އެމީހުން ވާހަކަ ދައްކަން ތިބީ އެގޭ ސިޓިންގރޫމްގައެވެ. އޭރު އެމީހުންގެ އަޑު އިވޭ ހިސާބުގައި ޢަރޫޝާގެ މަންމަ ނަސްރީނާވެސް އިނެވެ. ނަމަވެސް، އޭނާ އިނީ އެމީހުން ދައްކާ ވާހަކަތަކުގެ އަޑުއެހުމަށްޓަކައި ވަރަށް ބޮޑަށް ސަމާލުވެއެވެ.

[ލޯބިވެވިއްޖޭ...ކާކުދެކެ...މިއޮއްހާދުވަހު ތިމަންނަ އެއްވެސް މީހަކުދެކެ ލޯބިނުވާނަމޭ ބުނެފައި، ކުއްލިއަކަށް ކިހިނެއްތިވީ. ނިކަން ބުނެބަލަ، ތިބުނާ ނަޞީބުވެރިޔަކީ ނުވަތަ ޖާދޫގަރަކީ ކާކުތަ؟] ދިމާކުރާފަދަ ގޮތަކަށް ފަޒްލާ އެއްސެވެ.

[އެއީ...މިގޭ އެހެރަ ކޮޓަރިއަށް އަލަށް އައިސްގެން އުޅޭ ޒުވާނާ. އަހަރެންވެސް ހިއެއް ނުކުރަން، މިހާ ފަސޭހަ ގޮތަކަށް އަހަރެންގެ ހިތް އޭނާގެ ފަހަތުން ދުވަން ފަށާފާނެއެކޭ...އެކަމަކު އޭނާގެ ފުރަތަމަ ފެނިލުމާއެކުވެސް އަހަރެންގެ ހިތް އޭނާއަށް އެދި ގޮވަން ފެށިކަހަލަ....] ޢަރޫޝާއަށް މިހެން ބުނެވުނު ވަގުތަކީ، ނާއިޝް އައިސް ގެއަށް ވަން ވަގުތެވެ.

ވަގުތުން ޢަރޫޝާ ހުއްޓުންއެރިއެވެ. ހީވީ އޭނާ ގަނޑުވީހެންނެވެ. އޭރު އޭނާ ދެއްކި ވާހަކަތައް އަޑުއެހުމުގެ އިތުރުން، އޭނާގެ ޙަރަކާތަށްވެސް ނަސްރީނާ ބަލަމުންދިޔައެވެ.

އެދުވަހު މުޙްސިން ގެއަށް އައުމާއެކު، ނަސްރީނާ އެވާހަކަ މުޙްސިނަށް ކިޔައިދޭން ބޭނުންވިއެވެ.

[މުޙްސިން...އަހަރެމެންގެ ޢަރޫޝާވެސް މިހާރު މާބޮޑަށް ކަމަކާމެދު ވިސްނަން ފަށައިފި. އެވާހަކަ ފަޒްލާ ގާތު ދެއްކި އަޑު އަހަރެން އަހައިފިން....] ނަސްރީނާ ވާހަކަ ފެށިއެވެ.

[ކޮންކަމަކާ...އެމަންޖެ މާ ގަޔާވާ މީހަކު ފެނުނީތަ؟] މުޙްސިން އެހިއެވެ.

[ގަޔާވާ މީހަކު ފެނުނީ ފެނުނު ކަމަކަށް ނޫން، މާބޮޑަށް. އެކަމަކު އެކުއްޖަކާ ގުޅުމެއް އަދި އޮތްހެނެއް ހިއެއްނުވޭ....އެނގޭތަ، އެމަންޖެ ހިތްކިޔައިގެން އުޅެނީ ކާކަށްކަން. އެކޮޓަރީގައި އުޅެއެއްނު...ނާއިޝް.] ނަސްރީނާ މިވާހަކަ ކިޔައިދިނީމާ މުޙްސިންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރު ބޮނޑިއެއް އަޅާލީހެންނެވެ.

[ނޫ...ނޫން...ތިކަމެއް ނުވާނެ. ދުވަހަކުވެސް ނުވާނެ....] މުޙްސިނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

[އެއީ! ކިހިނެއްވީ އަނެއްކާ އެއީ ވަރަށް ގޯސް ކުއްޖަކީތަ؟] ނަސްރީނާ އެއްސެވެ.

[އެކަހަލަ އެއްވެސް މައްސަލައެއް ނެތް. އެކަމަކު ނަސްރީނާ ޢަރޫޝާ ގާތު ބުނޭ، ނާއިޝްއާމެދު އެގޮތަށް ނުވިސްނާށޭ. އޭނާ އުޅެނީ މިހާރުވެސް ކުއްޖަކާ ރައްޓެހިވެގެން. ވަރަށް އަވަހަށް އެމީހުންގެ ކައިވެނިވެސް ކުރެވޭނެ.] މުޙްސިން ޙަޤީޤަތް ވަންހަނާ ކުރުމަށްޓަކައި ދޮގުހެދިއެވެ.

[އެކަމަކު...މުޙްސިން..ވަރަށް ބޮޑަށް އެމަންޖެ އެވަނީ ނާއިޝްއަށް ހިތްކިޔާފައި. އަހަރެން ޙައިރާންވާހާ ބޮޑަށް އޭނާގެ މައްޗަށް ހިތް ލެނބިފައިވޭ. އެސޮރު އެމަންޖެއާ ގުޅެން ހުރިއްޔާ، ކޮންމެހެން އަހަރެމެން ދެކޮޅު ހެދުމުގެ މާނައެއް އޮތް ކަމަކަށް ނުދެކެން.] ނަސްރީނާގެ ވިސްނުން ހުންނަނީ ދަރިފުޅުގެ އެފަދަ އުފާތަކަށް މަގުފަހިކޮށްދިނުމާއެކު، އެކަމެއް ޙާޞިލް ކުރުމަށް ހިތްވަރު ދިނުމަށެވެ.

[އޭނާ ނުވެސް ރުހޭނެ. ތިކަމަށް ނުވެސް ވިސްނާނެ. އޭނާ ދެކެނީ ޢަރޫޝާއަކީ އޭނާގެ ކޮއްކޮއެއްގެ ގޮތުގައި. ޢަރޫޝާ ގާތު ބުނޭ، އެވިސްނުން ދޫކޮށްލާފައި، އެހެން މީހަކާމެދު އެނަޒަރުން ވިސްނާށޭ.] މުޙްސިން މިހެން ބުނެފައި އެތަނުން ނުކުމެގެން ދިޔައީ އިތުރަށް އެމަޥްޟޫޢަށް ވާހަކަ ދައްކަން ހަދައިގެން އޭނާ ފަޟީޙަތްވެދާނޭ ކަމަށް ވިސްނާފައެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


22

ޙަބީ

20-May-2020

ޢަސްލުވެސް ވަރަށް ރީތި ވާހަކަ އެއް... ވަރައްފުރިހަމަ...


22

ސަމަން

17-May-2020

އަސްލު މިޔަށް ދިވެހި ޑުރާމާސިލްސިލާ އެއް ހަދަން ވަރަށް ފައްކާވާނެ


4

ސާމީޔާ

17-May-2020

ވަރަށް ރީތި މޮޅު ވާހަކަ އެއް އެއްވެސް ފޫހިކަމެއްނެތް


27

ނިރު

16-May-2020

ހެސްކިޔާފަ ރީތި


12

ޒީނާ

16-May-2020

ވާހަކަ ނުނިންމައްޗޭ ސަޅި މީތި


-4

ސަދިޔާ

16-May-2020

ކިޔާހުތުން ކިޔަކިޔާ ހުއްޓާ އެޕިސޯޑް ނިމިއްޖެ ވަރަށްހަބޭސް



ޓްރެންޑިން