ރާއްޖޭގައި ކުށްވެރިން ބެއިތިއްބުމަށް ބޭނުންކުރާ މައި ޖަލަކީ މާފުށީގައި ހުންނަ ޖަލު
ރާއްޖޭގައި ކުށްވެރިން ބެއިތިއްބުމަށް ބޭނުންކުރާ މައި ޖަލަކީ މާފުށީގައި ހުންނަ ޖަލު
ޖަލުން ނެގި 36 ސާމްޕަލްގެ ތެރެއިން 22 ސާމްޕަލް ނެގެޓިވް ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީ ގައި މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢިމްރާން ވިދާޅުވީ، ޖުމްލަ 36 ސާމްޕަލެއް ޖަލުން ނަގާފައިވާއިރު މިހާތަނަށް ނަތީޖާ ލިބިފައިވަނީވެސް 22 ސާމްޕަލްގެ ކަމަށާއި އެހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ވަނީ ނެގެޓިވް ވެފައި ކަމަށެވެ. ޖަލުން ނެގި ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ ނުލިބޭ 14 ސާމްޕަލެއް އަދި އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް ޓެސްޓުކުރުމަށް ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

މީގެއިތުރުން އިމްރާން ވިދާޅުވީ، ޖަލުތަކުގައި ކެޕޭސިޓީ އަށް ވުރެ ގިނައިން ތިބިކަން އެއީ އެންމެންނަށް ވެސް އެނގޭ ކަމެއްކަމަށާއި، ކޯވިޑް-19 ފެށުނީ އެކަމަށް ހައްލެއް ގެނައުމުގެ މަަސައްކަތްތައް ފެށުނު ވަގުތުކަމަށެވެ. އެގޮތުން ނޭކުރެންދޫގައި ޖަލެއް އެޅުމަށާއި، މާލޭ ޖަލު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އޭރުވަނީ ތައްޔާރުވެފައި ކަމަށް އިމްރާން ވިދާޅުވިއެވެ.

ޖަލުތަކުގައި ބައިތިއްބަން ނުޖެހޭ މީހުން ޖަލުން ނެރުމަށް މި ސަރުކާރުން އިސްކަން ދޭކަމަށާއި، އެގޮތުން ޕެރޯލްގެ ތެރެއިން ވެސް މީހުން ދޫކޮށްލާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިމްރާން ވިދާޅުވީ، ޕެރޯލް އިން ފުރުސަތު ދިނުމަށް ޓަކައި ޕްރޮގްރާމްތައް ވެސް ހިންގަމުން ގެންދާކަމަށެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 862 އަށް އަރާފައިވާއިރު، އެންމެ ގިނައިން މިބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. އެގޮތުން ބަންގްލަދޭޝް 478 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. ދެވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ދިވެހިންނެވެ. ދިވެހިންގެ 288 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި ރާއްޖޭގައި މިހާތަނަށް 30 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން