ޞާދިރު ޢަލީދީދީ   6 ޖުލައި 2021 - 14:59
ބޯގަންވިލާ
ބޯގަންވިލާ
22 ވަނަ ބައި

................

"ޝަފީގު ނުނިދިގެންތަ ތިއުޅެނީ މިއީ ކޮންގަޑިއެއް؟" ތޮލާލު ބޭރަށް ނިކުމެއްޖެއެވެ.

"ތޮލާލުމެނަށް ދަންވިޔަސް އަހަރެންނަކަށް އަދި ދަމެއް ނުވެޔޭ....އައިސްބަލަ މަށާއެކު ހިނގާލަން." ކުރިއަށް ހިނގައިގަންނަމުން ޝަފީގު ބުންޏެވެ.

"ކޮންތާކަށް....މިއީ ދެން މީހުން ތަންތަނަށްދާކަހަލަ ވަގުތުތަ؟" ހީލަމުން ޝަފީގުގެ ފަހަތުން އޭނާވެސް ހިނގައިގެންފިއެވެ. ޝަފީގުގެ ފަހަތުން ހިނގަމުންދިޔައިރު ތޮލާލަށް ފާހަގަކުރެވުނު ކަމެއްވެއެވެ.

ހަމަގައިމުވެސް ޝަފީގު ހިނގާ އަޑެއް ތޮލާލަކަށް ނީވޭމެއެވެ. އިވޭތޯ އޭނާ ކަނުލާ އަޑުވެސް އެއްސެވެ. ނަމަވެސް މަގުގެ އެއްފަރާތުންދާއިރުވެސް ގަސްތަކުން ފައިބައި މުރަނަވެފައިވާ ފަތްތައް މުގުރޭ އަޑެއްވެސް ނީވޭމެއެވެ.

"ޝަފީގު!" ކަލޭ ބިމަކު ނުޖެހެންދޯ ހިނގާއިރަކު." ތޮލާލު ހުއްޓުނެވެ. ތޮލާލުގެ އެސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަތް ހޫރާފައި އަންނާށޭ ބުނެފައި އޭނާ ކުރިއަށް ހިނގަމުންދިޔައެވެ. ދެން ތޮލާލަށް ހިނގައިގަނެވުނީ އަމިއްލަ ބާރެއްގައެއް ނޫނެވެ. ހީވަނީ ކޮންމެވެސް މީހަކު ދަމާފައި ގެންދާހެންނެވެ.

"ޝަފީގު.....ކޮންތާކަށްތަ ތިޔަދަނީ....؟" ޝަފީގުގެ މިސްރާބު ހުރިގޮތުން ދަނީ ކޮންތާކަށްކަން ނޭނގޭތީ ތޮލާލަށް އަނެއްކާވެސް އެހުނެވެ.

"ވިލިނގިއްޔަށް......" ކުރުޖަވާބަކަށްފަހު އަނެއްކާވެސް އޭނާ ހިނގައިގަތެވެ.

"ވިލިނގިއްޔަށޭ! ކާރެއްގަ ދާންވީނު." ތޮލާލު އެހެންދިޔަ ކާރަކާ ދިމާއަށް އަތް ހޫރާލަމުން ބުންޏެވެ. ކާރު ވަރަށް ފަސޭހައިން މަޑުވެސް ކުރިއެވެ. ކާރު މަޑުކުރުމާއެކު ޝަފީގު ކާރަށް އެރިއެވެ. ފަހަތުން ތޮލާލުވެސް ކާރަށް އެރިއެވެ. ނަމަވެސް ކާރަށް އެރުމުގެ ކުރިން ދެވެނީ ކޮންތާކަށްކަން އޭނާއަށް އެނގޭނަމަ އެކާރަށް ނޭރީސްކަން ކަށަވަރެވެ. ތޮލާލާއި ޝަފީގު ކާރަށް އެރުމާއެކު ޑްރައިވަރު ވިލިނގިލީ ފެރީޓާމިނަލާ ދިމާއަށް ކާރު ދުއްވަން ފަށައިފިއެވެ.

ފެރީ ޓާމިނަލާ ހަމައަށް ކާރު މަޑުކުރަންދެންވެސް ޝަފީގު ވާހަކައެއް ނުދައްކައެވެ. އެހެންވެ ތޮލާލުވެސް އިނީ ހިމޭނުންނެވެ. ތޮލާލު ވާހަކަ ދައްކަން ފެށީ ދޭއްގެ ފެރީއަށް އަރާފައެވެ.

"ކީއްކުރަން ވިލިނގިއްޔަށްދަނީ؟" ފެރީ ދުއްވާލުމާއެކު ތޮލާލު އެއްސެވެ.

"ދެވެންދެން ހިމޭނުންހުރޭ....އަހަރެންގެ މަންޒިލަށް ދެވުމާއެކު އަހަރެން މަޤުޞަދު ހާމަކުރާނަން..." ޝަފީގުގެ ތުންފަތުގައި ކުޅެލީ ވިހަ ހިނިތުންވުމެކެވެ.

"ރޭގަނޑުގެ އަރާމު ނިދިކޮޅު ނަގާލާފައިދާއިރު އަނގަ މަޑުންލައިގެނެއް ނުހުރެވޭނެ." ތޮލާލު ބުންޏެވެ. ޝަފީގު ހިނގައިގަތެވެ. ނިކަން ބާރަށެވެ. އޭރު ފެރީ އޭގެ ބާރު ދުވެލީގައި ގޮސް ވިލިނގިލީ ފަޅުތެރެއަށް ވަންނަނީއެވެ.

ފެރީތޮށިގަނޑާ ކައިރި ކުރުމާއެކު ޝަފީގުއާއި ތޮލާލު ދޯނިން ފުންމާލިއެވެ.

"ދެން ބުނަންވީނު ތިޔަދާތަނެއް." ދޯނިން އެއްގަމަށް ފައިބަމުން އަނެއްކާވެސް ތޮލާލު އަހާލިއެވެ. މިފަހަރު ޝަފީގު އަނގަޔަކުން ނުބުންޏެވެ. ތޮލާލު ގާތު ފަހަތުން އައުމަށް އިޝާރާތް ކުރުމަށްފަހު އޭނާ ހިނގައިގަތީ މީހުން ނޫޅޭ ފަޅު ހިސާބަކަށްދާ ދިމާއަށެވެ.

އެހެންވެ ތޮލާލަށް ހިމޭނުން ހުރެވެނީކީ ނޫނެވެ.

"އިންތިޒާރުކުރޭ...." ޝަފީގު އަތުން އިޝާރާތް ކޮށްފައި ބުންޏެވެ.

ޝަފީގު އަސްލާއެކު ތޮލާލު އާ ކުރިމަތިލީ ވިލިނގިލީގައި މީހުން ނޫޅޭ ފަޅު ހިސާބަށް ވަލުތެރެއަށް ވަދެއެވެ.

"އަހަރެންގެ މަންޒިލަށް މިއާދެވުނީ. މިހާރު އަހަރެންގެ ޙަޤީޤީ މަޤުޞަދަކީ ކަލޭގެ ކިބައިން ސާރާ ސަލާމަތް ކުރުން." މިހެން ބުނިއިރު އޭނާހުރީ ތޮލާލަށް ފުރަގަސްދީގެންނެވެ.

"ސަލާމަތް ކުރާށޭ! ތިބުނީ؟" ތޮލާލަށް ނުވިސްނުނެވެ.

"މިބުނީ....އަހަރެން ބޭނުންވަނީ ކަލޭގެ ކިބައިން ސާރާ ސަލާމަތްކޮށް ކަލޭގެ ދުވަސް ދުއްވާލާށޭ...." ޝަފީގުގެ އަޑާއި ރާގުވެސް ކުރިއާ ތަފާތުވެއްޖެއެވެ. އަޑުއައީ ކުރެހިފައި ކަހަލަ ގޮތަކަށެވެ. ތޮލާލު ހުއްޓުނެވެ.

"ކާކުތީ؟" ތޮލާލު ބިރުގަތެވެ.

"އަހަރެން މިއީ.....އަހަންނަކީ ސާރާގެ އަލަތު ފިރިމީހާ..." ޝަފީގު ތޮލާލުއާ ދިމާއަށް އެނބުރުނެވެ. ހަމައެއާއެކު ތޮލާލަށް ބިރުން ހަޅޭއްލަވައިގަނެވުމާއެކު ދުއްވައިގަނެވިއްޖެއެވެ. ނަމަވެސް ބިރުވެރި ސިފައިގައި ހުރި ޝަފީގު މާހުޝިޔާރެވެ. އޭނާ އެއްލި އަތުން ހިފުނީ ތޮލާލުގެ ކަރުގައެވެ.

"ކާކު ތީ....ތީ ޝަފީގެއްވެސް ނޫނެއްނު." ތޮލާލު ތުރުތުރު އަޅަން ފަށައިފިއެވެ.

"އަހަންނަކީ އިކްލީލު....ކަލެއަށްވުރެން ކުރިން ސާރާ ދަންނާނީވެސް އަހަރެން." އިކްލީލުގެ އަޑު ކުރިއަށްވުރެންވެސް ނާމާންވިއެވެ. ބައެއްފަހަރު ވާހަކަ ދައްކާއިރު އަނގައިން އަލިފާން އަރާހެންވެސް ހީވެއެވެ.

"އަހަންނަށް ބިރު ދައްކަން ކޮބާތަ އަހަރެންގެ ކުށަކީ؟ އަހަރެން ސަލާމަތްކުރޭ." ތޮލާލަށް ރޮއިގަނެވިއްޖެއެވެ.

"އަހަރެންގެ ކިބައިން ކަލެއަކަށް ސަލާމަތެއް ނުވެވޭނެ. ކަލޭ ތީ އަހަރެންގެ އުފާތަކަށް އަރައިގަންނަން އުޅޭ މީހެއް. އިކްލީލު ދެލޯ ރަތްކޮށްގެންހުރެ ތޮލާލުއާ ގާތަށް ޖެހެން ފަށައިފިއެވެ. ތޮލާލު ދެންވެސް މަސައްކަތް ކުރީ ދުއްވައިގަންނާށެވެ. ނަމަވެސް އޭނާއަށް ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އިކްލީލު އޭނާ ހިފެހެއްޓިއެވެ.

ޖެހިގެން އައި ދުވަހު ވިލިނގިލީ ވަލުތެރޭން ފެނުނީ ނިކަން އިހާނެތިގޮތަކަށް މަރާލާފައި އޮތް ތޮލާލުގެ ހަށިގަނޑެވެ. މުޅި ހަށިގަނޑު އޮތީ ލެއިން ކަޅިކޮށްފައެވެ. ދެލޯވެސް އޮތީ ބޭރަށް ނިކުމެފައެވެ. އެހެންކަމުން އެއަނިޔާވެރިއަކީ ކާކުކަން ހޯދުމަށްޓަކައި ކަމާބެހޭ ފަރާތުން ވަގުތުން މަސައްކަތް ފެށިއެވެ.

"ތޮލާލުގެ މަރުގެ ޚަބަރު ލިބުމުން އަހަރެންވެސް ވަރަށް ހިތާމަކުރަން. ހިތަށްއެރި ސާރާ ވަރަށް ދެރަވާނޭ." އަމީނު ވާހަކަ ދެއްކީ ސާރާއާއެވެ.

"ލޯބިވި މީހަކަށްވީތީ ކޮންމެވެސް ވަރަކަށް ދެރަވި. ނަމަވެސް އޭނާގެ ކެހިވެރިކަން ހިތަށްއެރީމާ އެހިތްދަތިކަން ފިލައިފި." ސާރާ ދެލޮލަށް ގިނަވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.

"އަހަރެންކަހަލަ ތެދުވެރި މީހަކު ނެތިދާ ދުވަހަކުން ހިތާމަކޮށް ރޮއި ހަދާ މީހުން ނިކަން ގިނަވާނެތާދޯ" އަމީނު ސީދާ ސާރާގެ ލޮލަށް ބަލަން ހުރެފައި ބުންޏެވެ. ހީވީ އެލޮލުގެ ތެރެއަށް ފީނައިގަންނަން އުޅޭހެނެވެ.

"ތިވަރަށް ނުބަލަބަލަ އަމީނު.....އަހަރެން ލަދުގަނޭ....އަމީނަށް އެކަހަލަ ގޮތެއް މެދުވެރިވެއްޖެއްޔާ އަހަރެންވެސް ވަރަށް ދެރަވާނެ..." ސާރާ ހިތުން އަމީނަށް މަގާމެއް ލިބެން އުޅޭކަމުގެ ސިގްނަލް ފުރަތަމަ ފަހަރަށް ސާރާދިނެވެ. ލިބުނު ހިތްހަމަޖެހުމާއެކު އަމީނަށް ދެލޯ މަރާލެވުނެވެ.

"ތިހެން ބުނީމަ އަހަރެން އޮޅުންފިލުވާލާހިތް ވެއްޖެ. ސާރާ އަނެއްކާވެސް ބައިވެރިޔަކަށް އަހަރެން ޚިޔާރުކޮށްފާނަންތަ؟" ވަރަށް އުއްމީދާއެކު އަމީން އެއްސެވެ. އިރުކޮޅެއް ވަންދެން ވިސްނަން ހުރެފައި އާއެކޭ ބުނާފަދަ ގޮތަކަށް ސާރާ ބޯޖަހާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު އަމީނު ސާރާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ދުވަސްތަކެއްގެ އިންތިޒާރަށްފަހު ލޯބި ހާސިލްވެއްޖެ ކަމުގައި އޭނާއަށް ހީކުރެވެން ފަށައިފިއެވެ. އެއީ ދިގު އިންތިޒާރެއްގެ ނިމުމެވެ. ފުރަތަމަ ސާރާ އަމީނަށް ކުރި ނަފްރަތެއް މިހާރަކު ނެތްކަހަލައެވެ. މިހާރު އޭނާގެ ހިތުގައި އަމީނަށްޓަކައި ވަނީ ލޯތްބާއި އޯގާތެރިކަން އުފެދިފައެވެ.

އަނެއްކާވެސް ހިތަށް ކުޅަދާނަ ނުވާވަރުގެ ޚަބަރެއް ސާރާއަށް ލިބުނީ އެއުފާވެރިކަންމަތީ ހޭދަކުރާތާ ދެދުވަހެއްގެ ތެރޭގައެވެ. ނަމަވެސް އެޚަބަރަކީ އެނާ ފަހަރެއްގައިވެސް ގަބޫލުކުރަން ބޭނުންވާ ޚަބަރެއް ނޫނެވެ.

"ވަރަށް ކުއްލިގޮތަކަށް ފަޒީލާ މަރުވެއްޖެ." މިޖުމްލަ އޭނާގެ ސިކުނޑީގައި ހަރުލާފައިވަނީ ހޮނުގުގުރިއެއް ފަދައިންނެވެ.

"ނޫން....ފަޒީ މަރެއް ނުވާނެ...." އަމީނުގެ މޭގައި ބޯއަޅާލެވުމާއެކު ސާރާ ރޮއިގަތެވެ.

"ދެރަނުވޭ ސާރާ....އަހަރެން ދުވަހަކުވެސް ސާރާ އެކަނިވިޔަކަ ނުދޭނަން. އަހަރެން އަބަދުވެސް ސާރާއާއެކުވާނަން." އަމީނު ސާރާއަށް ހިތްވަރުދިނެވެ. އެއީ ތެދެކެވެ. އޭނާ އަބަދުވެސް ސާރާއާއެކުވެއެވެ. އެހެން މީހުންގެ ލޯތަކަށް ފެންނަ ފަށުގަޔާއި ނުފެންނަ ފަށުގައެވެ.

ދުވަސްތަކަކަށްފަހު ތޮއްޔިބު އެގެއަށް އައިސްވަނީވެސް އެވަގުތުއެވެ. ތޮއްޔިބު އައިއިރު ސާރާވެސް ހުރީ ހަމަޔަކަށް އެޅިފައެވެ. އެހެންވެ ފުރަތަމަވެސް ތޮއްޔިބު ޚިޔާލުދިނީ އަލުން އަމީނުއާއި ސާރާގެ ކައިވެނި ކުރުމަށެވެ. އެކަން ހިތުގެ އަޑިން ސާރާ ގަބޫލު ކުރިއިރު އަމީނުހުރީ އުފަލުން ހެވި ދިލިފައެވެ. ގައިމެވެ. އެއީ ކާކުކަން އެނގޭނަމަ ސާރާ އެކައިވެންޏާ ނުރުހޭނެއެވެ. އާއެކެވެ. މިހާރު އެއީވެސް އެބޯގަންވިލާގެ ހަނދާނެވެ. އިކްލީލާއި އަމީނު އާއި ޝަފީގު މިހާރު އެއީ އެކަކުއެވެ. މަޤުޞަދު ހާސިލް ކުރުމަށްޓަކައި އެސިފަތަކުގެ ބޭނުންކުރީ ހަމަ އިކްލީލެވެ. ބޯގަންވިލާދަށުން ސާރާގެ ޙަޔާތަށް އައި ބައިވެރިޔާއެވެ. އޭނާގެ ސަބަބުން ސާރާއަށް އެއްވެސް ދެރައެއް ނެތެވެ. ހުރިހާ އުފަލެއްވެސް ސާރާއަށް ލިބޭމެއެވެ. ނަމަވެސް ކައިވެނި ކުރެވެނީ އަމީން އާ ނޫންކަމާއި، އަމީނު މިހާރު ދުނިޔޭގައި ނެތްކަން އެނގޭހިނދު ސާރާއަށްވާނީ ކިހިނެއްބާވައެވެ؟ އަލުން އެބޯގަންވިލާ މަލުގެ ބައިވެރިއަކަށް އޭނާ ވެދާނެބާއެވެ. ހަޤީޤަތް ނޭނގޭނަމަ ކިތަންމެ ދުވަހެއް ވަންދެންވެސް އުފަލުގައި އުޅެވިދާނެއެވެ. އެކަން ބަލަމާ ހިނގާށެވެ. ފެންނަ ފެނުމުގައި އެއީ އަމީނެވެ. އަމީން ކުރަންޖެހޭ ހުރިހާ ކަމެއް އޭނާއަށް ކުރެވެއެވެ.

މިހާރު ސާރާގެ މުޅި ދިރިއުޅުމަށް އެވަނީ އުމުރުން އެންމެ ތިންއަހަރުގައި ދިމާވި ބޯގަންވިލާ ފެތުރިފައެވެ.

"އަހަރެން މިދުވަހަށް އިންތިޒާރު ކުރާތާ ލައްކަ ދުވަސްވެއްޖެ." ކައިވެންޏަށްފަހު ފުރަތަމަރޭ އަމީން ސާރާއާ ވާހަކަ ދެއްކިއެވެ.

"މިރޭ ލިބޭ އުފަލަކަށްވުރެން، މާޒީގައި އަމީންއާ ދޭތެރޭ ކަންތައް ކުރެވުނުގޮތް ހިތަށް އަރާފައިވާ ދެރަ މާބޮޑު. ހިތަށްއަރާ އޭރުވެސް އަހަންނަށް އަމީނު އާ ދޭތެރޭ ވިސްނާލެވުނުނަމައޭ." މާޒީގެ ފުން ކަނޑުގެ ތެރެއަށް ސާރާ ފެތެން

ފެށިއެވެ.

"މާޒީގެ އެއްވެސް ހިތި ރަހައެއް އަހަރެންގެ އަރަކު މިހާރަކު ނެތް. އަހަރެންގެ ވަށައިގެންވެސް މިހާރު އަހަންނަށް ފެންނަނީ އުފަލާއި ހިތްހަމަޖެހުން." އަމީން ސާރާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. ތެދެކެވެ. ދުވަސްތަކަކަށްފަހު މިހާރު އޭނާއަށް ދުނިޔޭގައިވާ ހުރިހާ އުފަލެއްވެސް ލިބިފައިވާ ކަހަލައެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. ވެއަތުވި މާޒީ ހަނދާން ނައްތާލާފައި އަނެއްކާވެސް އަހަރެންގެ ލޯތްބަށް ވަގުތުދިނީތީ ވަރަށް ހިތްހަމަޖެހިއްޖެ އަހަރެން." ސާރާ އަމީނުގެ މޭގެތެރެއަށް ވަދެ ރަނގަޅަށް ބޮނޑިވެލިއެވެ.

"އަހަރެން މިއޮއްހާ ދުވަހުވެސް ކެތްކުރީ ސާރާދެކެ ލޯބިނުވާތީކީނޫނޭ. އަބަދުވެސް އަހަރެން އައީ ދުރާ ގާތުން ސާރާގެ ހަރަކާތްތައް ބަލަމުން...." އަމީނު ސާރާގެ އުނަގަނޑުގައި ހިފާ އިތުރަށް ގަޔާ ދިމާއަށް ދަމާލިއެވެ. އެރޭ ލިބުނު އުފަލާއި ހިތްހަމަޖެހުން ހިއްސާކޮށްފައި ސާރާ ނިކަން ރުއިވެސްމެއެވެ. އެރޭ އަމީނަކީ ތޮލާލު ފަދައިން އޭނާގެ ޙަޔާތަށް އައި މީހަކަށް ނުވުމަށް އެދެވުނުވެސްމެއެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން އައިސް ސާރާއާއި އަމީނުގެ ދެވަނަ ކައިވެންޏަށްވެސް އެއްމަސް ފުރެން ކައިރިވަނީއެވެ. ފާއިތުވެދިޔަ ކޮންމެ ދުވަހަކީވެސް ސާރާގެ ޙަޔާތަށް އުފާވެރި ދުވަސްތަކެކެވެ. އެދުވަސްތަކުގައިވެސް އޭނާއަށް ނުލިބޭ އެކައްޗެއްވެސް ނެތެވެ. އަމީނު މަސައްކަތް ކުރަމުން އައީ ދުނިޔޭގައިވާ ހުރިހާ އުފަލެއްވެސް ސާރާއަށް މިލްކުކޮށްދޭށެވެ. ސާރާ ބޭނުންވާ އުފާތަކުގެ ތެރެއިން އޭނާއަށް ކޮށްނުދެވުނުހާވެސް ކަމަކީ ސާރާގެ އުނގު ފަޅުފިލުވާނެ ކުއްޖަކު ހޯދައިދިނުމެވެ. ސާރާ އެކަމަށް އެދި އެދި އާދޭސް ކުރާއިރުވެސް އަދި ދަރިއަކު ވިހަން ސާރާ މާއަވަސް ކަމަށް ބުނެ އަމީނު ކަނޑައެޅިގެން އިންކާރު ކުރެއެވެ.

"ކުއްޖަކު އަދި ނުހޯދިފައެއް ނެތެއްނު....އެހެން ނޫނަސް ވިހަން އަދި ސާރާ މާއަވަސްކަންނޭނގެ...." އެއީ ފެށުނީއްސުރެންވެސް އަމީނު ބުނާ ވާހަކައެވެ. ހީވާކަހަލައެވެ. ސާރާގެ ބަނޑުން އޭނާގެ ދަރިއަކު އުފަންވުމަށް އޭނާ ބޭނުން ނުވަނީއެވެ. އެހެންނަމަ ވިހަން ސާރާ ޅަވާންވީ ކީއްވެގެން ހެއްޔެވެ؟ މިހާރު ސާރާގެ އުމުރުންވެސް ވިހި ބާވީސް އަހަރު ފުރިދާނެކަން ގައިމެވެ.

"ކިތަންމެ ކުޑަޔަސް އަހަރެން ބޭނުން ކުއްޖަކު." ސާރާގެ ދެލޮލުން ކަރުނައިގެ އަސަރު ވިދަން ފަށައިފިއެވެ.

"ސާރާ ނިކަން ވިސްނާލަބަލަ! ކިހިނެއްތަ އަހަރެމެން ދަރިއަކު ހޯދާނީ. ސާރާތީ ތެލެސީމިޔާ ކެރިއަރެއް. އެހެންމެ އަހަންނަކީވެސް ކެރިއަރެއް." މިފަހަރު އޭނާ ދެއްކީ ކުރިން ނުދައްކާ އުޒުރެކެވެ. އެހެން ނަމަވެސް އެއީ ޒަމާނަށް ބަލާއިރު ވަރަށް މަޤުބޫލު އުޒުރެކެވެ. އެކަމަކުވެސް އެއުޒުރުވެސް ސާރާއަކަށް މަޤުބޫލެއް ނޫނެވެ. އަމީނަކީ ތެލެސީމިޔާ ކެރިއަރެއް ކަމަށް ގަބޫލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

"މިހާރު އަނެއްދޮގު އަމީނު ތިހަދަނީ. މީގެކުރިން ބުނަމުން އައީ އަހަރެން ޅަވާހަކަ. މިހާރު ދެކެރިއަރުންނަށްވީ....ވަރިހަމަ ދެކެރިއަރުންނަށްވިޔަސް ރަނގަޅު ކުއްޖަކުވެސް ލިބިވެސްދާނެއެއްނު." ސާރާގެ ލޯ ކަރުނައިން ތެމެން ފަށައިފިއެވެ.

"ސާރާ....ނުރޮއެ ސާރާ.....އަހަރުމެނަށް ލޭއަޅާ ކުއްޖެއްގެ ބަދަލުގައި ލޭ ބޯ ކުއްޖަކުވެސް ލިބިދާނެއެއްނު. ސާރާ ބިރެއްވެސް ނުގަނޭތަ ދަރިއަކު ހޯދަން އުޅޭއިރު." އަމީނު ބޭނުންވީ ހިތް ބިރުގަންނަވައިގެން ސާރާގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ.

"ހެޔޮ މިނިކާ ކުއްޖަކަސް.....އަހަރެން ދަރިއަކު ބޭނުން....ބޭނުން...." ސާރާ ބާރުބާރަށް ރޮއިގެންފިއެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 85 އިން 88 ށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން