ޞާދިރު ޢަލީދީދީ   5 ޖުލައި 2021 - 15:17
ބޯގަންވިލާ
ބޯގަންވިލާ
21 ވަނަ ބައި

................

"އަހަންނަށް މަޢާފުކުރޭ ސާރާ.....މަޢާފުކުރޭ...." ތޮލާލު އައިސް ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

"ތިކަހަލަ މުޑުދާރު މީހަކު އަހަރެންގެ ގައިގަ އަތްލައިގެންވެސް ނުވާނެ....ދޫކުރޭ....." ސާރާ ރޮމުން ތޮލާލުގެ އަތް ފޮޅުވާލިއެވެ.

"ފަޒީ ހިނގާ މިގެއިންދާން....އަޅެ ކީއްވެތަ މިއޮއްހާދުވަހު އަހަންނަށް ސިއްކުރީ...." ސާރާ އުޅުނީ ފަޒީލާގެ އަތުގައި ހިފައިގެން ހިނގައިގަންނާށެވެ. ފަޒީލާގެ ހަށިގަނޑަށް ވަދެފައިވާ އިކްލީލުގެ ބާރު އާންމު ލޯތަކަށް ނުފެންނަ އަލިގަނޑެއްގެ ސިފައިގައި ގޮސް ތޮލާލުގެ ހަށިގަނޑުތެރެއަށް ވެރިވެގަތީ އެވަގުތުއެވެ.

"މިގެއިން ނުދޭ ސާރާ......އަހަރެންގެ އަންބެއްގެ މަގާމުގައި ހުރެ ސާރާއަށް މިގެއަކުން ނުދެވޭނެ...." ތޮލާލު ސާރާއަށް ހުރަސްއެޅިއެވެ.

"ތިކަހަލަ މީހެއްގެ އަންބެއްގެ މަގާމުގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން....ތިޔައީ އިންސާނެއް ކަމަށް ގަބޫލުކުރާކަށްވެސް ބޭނުމެއްނޫން. ތިޔައީ އަހަރެންގެ ޙަޔާތަށް ވިހަލީ ހަރުފައެއް." ސާރާ އައިސްފައިވާ ރުޅީގައި ތޮލާލު ކޮއްޕާލިއެވެ. އެބާރުމިނުގައި ގޮސް ތޮލާލު ޖެހުނީ ދޮރުކަނީގައެވެ.

"ޚަބަރުދާރު ސާރާ....ތީ ވަކި ސަހަލު މީހަކީތަ ތިޔަހެން އުޅެން....ކަލޭ އަހަރެން ނޫޅޭ ގަޑި ބަލާފައި މިކޮޓަރިއަށް އަމީނުވެސް ވެއްދީމެއްނު.....އަހަންނަށް ކެރިދާނެ ވަރިކުރަންވެސް...." ސާރާއާއި ފަޒީލާއަށް ނޭނގުނަސް ތޮލާލުގެ އަޑުވެސް ކުރިއާ ތަފާތުވިއެވެ. ހަރަކާތްތައްވެސް ބަދަލުވެއްޖެއެވެ.

"ކެރެންޏާ.....ވަރިކުރަންވީނު....ކޮންމެހެން އަހަރެން ކުށްވެރި ކުރަން އުޅޭނެ ކަމެއް ނެތް." ސާރާގެ ރުޅި ކުރިއަށްވުރެންވެސް ގަދަވިއެވެ. އޭނާ ބޭނުންވީ ތޮލާލުގެ ކުރިމަތީގައި ނުހުރެ އެތަނުން ދާށެވެ. އެހެންކަމުން އޭނާ އެގެއިން ނުކުތް ވަގުތު ތޮލާލު އޭނާ ވަރިވެސް ކުރިއެވެ. އެކަމާ ދެރަވެ އޭނާ ރުއީ ގެއަށް ގޮސް ބައްޕައާއި މަންމަގެ ކުރިމަތީގައެވެ. އޭނާ ގެއަށް ދިޔައީ ފަޒީލާ އާއި ތޯއިންވެސް ގޮވައިގެންނެވެ. ސާރާއެކޭ އެއްފަދައިން ފަޒީލާވެސް ރުއިން ނޫން އެހެން ކަމެއް ނުކުރެއެވެ. އޭނާ ބޮޑަށް ދެރަވީ އޭނާގެ ސަބަބުން ހެޔޮއެދޭ ރަހްމަތްތެރިޔާގެ ދިރިއުޅުން ހަލާކު ކުރެވުނީތީއެވެ.

"ސާރާ......އަހަންނަށް މަޢާފުކުރޭ.....އަހަރެންގެ ސަބަބުން ސާރާއަށް މިލިބުނީ ކިހާބޮޑު ދެރައެއް." ފަޒީލާ އަޑުވީއްލާ ރޮމުން ވާހަކަ ދެއްކިއެވެ.

"ދެރަނުވޭ ފަޒީ ތިކަމުގައި ފަޒީގެ އެއްވެސް ކުށެއް ނެތް. ގޮތެއްނެތް ފިރިހެނަކާ ޖެހިފައި ކިތަންމެ މަޢުޞޫމް އަންހެން ކުއްޖެއްގެވެސް މަގު އޮޅިދާނެ...." ސާރާ ފަޒީލާގެ ލޯ ފޮހެދޭން ފެށިއެވެ.

ޖެހިގެން އައި ދުވަހު ސާރާއަށްވެސް ނާންގާ ފަޒީލާ އޭނާގެ ދަރިފުޅު ގޮވައިގެން ކަނޑުމަގުން ރަށަށް ދިއުމަށްޓަކައި ފުރިއެވެ. ވެދާނެއެވެ. އޭނާ އިތުރަށް މާލޭގައި ހުންނަން ބޭނުންނުވީއެވެ. އެދުވަހު ފަޒީލާ ވީތަނެއް ނޭނގިގެން ސާރާ ވަރަށްގިނަ ގޭގެއަށް ގޮސް ހޯދިއެވެ. އޭނާ ދިޔައީ ފަޒީލާ މަދުން ނަމަވެސް ވަދެއުޅޭ ގޭގެއަށެވެ. އެހެން ރައްޓެއްސެއްގެ ފަރާތުން ފަޒީލާ ފުރައިގެން ދިޔަކަން ސާރާއަށް އެނގުނީ ކަމާބެހޭ ފަރާތަށް އަންގަން އުޅެނިކޮށެވެ. އެކަމާވެސް ސާރާ ރޮއި ހިތާމަކުރިއެވެ.

އަނެއްކާވެސް ދެން ސާރާގެ ޙަޔާތަށް އައީ ހިތްދަތި ދުވަސްތަކެކެވެ. ރެޔާ ދުވާލު އޭނާގެ ކަމަކީ ރުއިމާއި ގިސްލުމެވެ. އެހިތްދަތިކަމުގައި ހޭދަކުރާ ބައެއް ވަގުތުތަކުގައި އޭނައަށް ހެޔޮއެދޭ އޭނާދެކެ ލޯބިވި އަލަތު ފިރިމީހާ އަމީނުގެ ހަނދާންތައްވެސް އާވޭމެއެވެ.

މިހާރު އޭނާގެ ހިތަށް އަރައެވެ. އަމީނު ކަހަލަ ތެދުވެރިން މިދުނިޔޭގައި ވަރަށް މަދެވެ. އެއީ ފަސްމީރު ކުރި ރުކެކެވެ. މިޚިޔާލުގައި ހުއްޓާ އޭނާ ސިއްސައިގެން ދިޔައީ ސީދާ އަމީނުގެ އަޑުންނެވެ.

"އަހަރެން ސާރާގެ ހިތާމައިގައި ބަވެރިވަން....އަހަންނަށް އެނގޭ މިހާރު ސާރާ އަހަންނާ ދޭތެރޭ ވިސްނާކަންވެސް...." އަމީން އައިގޮތަށް އައިސް ސާރާއާ ދާދިގާތަށް ހުއްޓުނެވެ.

"އާނ...އަމީނު....އަހަރެން މުޅިން އެކަނިވެރިވެއްޖެ.....އެއީ ކެހިވެރިއެއް....އޭނާ ކެހިދިނީ އަހަންނަށް އެކަންޏަކުވެސް ނޫނޭ...." ސާރާގެ ލޮލުން ކަރުނަ ވިދަން ފަށައިފިއެވެ.

"އަހަރެން ސާރާއަށް އެހީވާނަން....ދުނިޔެ އުމުރަށްވެސް އެހީވާނަން...." އަމީން ގޮނޑިއެއްގައި އިށީނެވެ. އެވަގުތު ފޯނު ރަނގަބީލުވާ އަޑު އިވުނެވެ. ސާރާ ގޮސް ފޯނު ނެގީ ރަނގަބީލުވާތާ އިރުކޮޅެއް ފަހުންނެވެ.

"ސާރާ.....މިއީ ތޮލާލޭ....އަހަންނަށް މައާފުކުރޭ ސާރާ.....އަހަރެން ބާކިކޮށްނުލާ ސާރާ...." އެކޮޅުން ވާހަކަ ދެއްކީ ތޮލާލެވެ. ސާރާ ޕަސްލާފައި ފޯނު ބާއްވާލިއެވެ.

"ތޮލާލުދޯ ގުޅީ؟" ސާރާ ފޯނު ބޭއްވިގޮތުން އަމީން ދަނެގަތެވެ.

"އާނ...އެފޫހިގަނޑު...މިހާރު ވަރަށް ފޫހިވޭ...." ސާރާ އަމީނު އާ ޖެހިގެންހުރި ގޮނޑީގައި އިށީދެއްޖެއެވެ. އެވަގުތު އަމީނުގެ ކިބައިން ކުރިން ނުފެންނަ އެތައް ހަރަކާތްތަކެއް ސާރާއަށް ފާހަގަކުރެވުނެވެ. އެހެން ނަމަވެސް އޭނާއަކަށް ޙަޤީޤަތެއް ނުވިސްނެއެވެ.

"އަހަރެންދެކެވެސް ވަރަށް ފޫހިވޭދޯ؟" އަމީނު ސާރާގެ ހިތުގެ ތެރެއަށް ފީނައިގަނެވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެން އަމީން އަށް ވަރަށް އިޙްތިރާމް ކުރަން." ސާރާގެ އަޑު ކުރެހެން ފަށައިފިއެވެ.

"އަހަރެން މިވަގުތު ގޮސްލާނަމޭ...." އަމީން ތެދުވެގެން ހިނގައިގަތެވެ. ސާރާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް ވެއްޓިގަތެވެ.

ދުވަހު ނޫސް މިއަދު ހިފައިގެން އައިސް ނާޒިޔާ ކޮޓަރިއަށް ވަނީ ސާރާ އެގޮތަށް މަސްހުނި ޚިޔާލުތަކެއްގައި އޮއްވައެވެ.

"ސާރާ ނިކަން ބަލައިލަބަލަ މިއޮއް ޚަބަރެއް." ނާޒިޔާ ނޫސް ސާރާގެ އަތަށް ދިއްކުރިއެވެ. ސާރާ ފުރަތަމަވެސް ބަލައިލީ ފުރަތަމަ ޞަފްޙާއިން ނާޒިޔާ އިޝާރާތްކުރި ޚަބަރަށެވެ.

"ކާކުކަން ނޭނގޭ މީހަކު މަރާލާފައި އޮއްވާ ވިލިނގިލީ އަވަށު އަތިރިމަތިން ފެނިއްޖެ." ނޫހުގެ ފުރަތަމަ ޞަފްޙާގައި ފަލަ ސުރުޚީއެއްގެ ގޮތުގައި ލިޔެފައިވެއެވެ. އެސުރުޚީގެ ދަށުން އެމީހާ ފެނުނުއިރު އޮތް ގޮތް ނިކަން ރަނގަޅަށް ސިފަކޮށްފައިވެއެވެ. ނޫހުގައި ބުނެފައިވާ ގޮތުން ސިފަ ނޭނގޭ ވަރަށް މޫނުމައްޗަށް އަނިޔާކޮށްފައިވުމުގެ އިތުރުން ލެއިން ކަޅިވެފައިވުމުން ލައިގެން ހުރި ހެދުމުގެ ކުލަވެސް ވަކިނުކުރެވޭމެއެވެ. ބައެއް މީހުން އެއީ ބިދޭސީއަކަށް ނިންމިޔަސް ގިނަމީހުން އިއްތިފާޤުވަނީ އެއީ ކޮންމެވެސް އިންސާނެއްގެ ހަށިގަނޑު ކަމަށެވެ.

"އަހަންނަށް އޭނާ ވައްތަރުވީ އަމީނުއާ.....ފުރަތަމަ ފެންނައިރަށްވެސް އަހަރެންގެ މޭގަނޑު ހީވީ އަތަށް އައިހެން...." ތޮއްޔިބު ވާހަކަ ދެއްކީ އަމީނުއާއެވެ. ތޮއްޔިބަކީ އެމީހާގެ ހަށިގަނޑު ހަމަލޮލުން ދުށުމުގެ ނަޞީބު ލިބުނު މަދު މީސްތަކުންގެ ތެރެއިން އެކަކެވެ. ތެދެކެވެ. ސިފަ ވަކިކުރަން ނޭނގުނަސް އެމީހާގެ ހަށިގަނޑު އަމީނުގެ ހަށިގަނޑާ ނިކަން ވައްތަރެވެ.

"ވެދާނެއެއްނު....އެއީ ހަމަ އަމީނު ކަމަށްވެސް...." އަމީނު ހީނގަތެވެ. ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ފެނުނު ޚަބަރުވީ މުޅިމާލެއަށްވެސް ނާމާންކަމާއި ބިރުވެރިކަން ފެތުރުނު ޚަބަރަކަށެވެ. އެޚަބަރު ލިބުނު ކޮންމެ މީހަކަށް ބޮޑު ސިހުމެއް ލިބުނެވެ.

"އެއްވެސް ބަޔަކަށް އެއީ ކާކުކަންވެސް ނޭގުނުދޯ؟" ނާޒިޔާ ވާހަކަ ދެއްކީ ސާރާއާއެވެ.

"އެނުވާނެކަންނޭނގެ ދިވެއްސަކަށްވެސް ދިވެއްސެނަމަ އެނގުނީހެއްނު." އެއީ ސާރާ ލަފާކުރިގޮތެއްވެ.

މިހާރު ތޮލާލު އާއި ސާރާ ވަކިވިތާވެސް މަހަކަށްވުރެން ގިނަދުވަސް ފާއިތުވީއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ސާރާގެ ކިބައިން މަޢާފު ހޯދަންކުރި މަސައްކަތްތައް ނާކާމިޔާބު ވުމުން ތޮލާލު މިހާރު މަސައްކަތް ކުރަމުން ދަނީ ފަޒީލާގެ ކިބައިން މަޢާފް ހޯދުމަށެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް ފަޒީލާވެސް އަދި ސާރާވެސް އޭނާއަކަށް މަޢާފެއް ނުކުރެއެވެ. އެއިން އެއްވެސް މީހަކު އޭނާގެ އުފާތަކަށް އަރައިގަންނާކަށް ބޭނުމެއް ނޫނެވެ.

ތޮލާލު އެތައްފަހަރަކު ފަޒީލާ އާއި ސާރާއަށް ގުޅައިވެސްފިއެވެ. ނަމަވެސް އެއިން އެކަކުވެސް ހަތިޔާރު ބަހައްޓާކަށް ބޭނުމެއް ނުވިއެވެ.

ދޮރުގައި މީހަކު ޓަކިޖަހާލުމާއެކު ސާރާ ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުއްޓިހުރީ އަމީންއެވެ. އޭނާހުރީ ހިނިއައިސްފައެވެ.

"އަމީން....މިއޮއް ދަންވަރު.....ކިހިނެއްވީ؟" ފާރުގައި ހުރި ގަނޑިއަށްވެސް ބަލައިލަމުން ސާރާ ވާހަކަ ފެށިއެވެ.

"ސާރާއާ ބައްދަލުކުރަން މިގަޑިވެސް ދަމެއް ނޫންކަންނޭނގެ......އަދި އެކެއްވެސް ނުޖަހައެއްނު...." އަމީން ޖީބުން ބޯގަންވިލާ މަލެއް ނަގާފައި ސާރާއާ ދިމާއަށް ދިއްކުރިއެވެ. ސާރާ ލުއި ހިނިތުންވެލުމަކާއެކު އެމަލުގައި ހިފީ ކުރީގެ އެއްވެސް ހަނދާންތަކެއް (ބޯގަންވިލާ މަލުގެ) އޭނާގެ ސިކުނޑީގައި ނުވާތީ ކަހަލައެވެ.

"ޝުކުރިއްޔާ....." ސާރާ ޝުކުރު އަދާކުރުމަށްފަހު އެމާ އެނދުމަތީގައި ބޭއްވިއެވެ. އަމީން އެތެރެއަށް ވަނެވެ.

"އެތެރެއަށް ވަނަސް އެންމެ ރަނގަޅުދޯ؟" އަމީން ހުއްދައަށް އެދުނީ އެތެރެއަށް ވަދެއެވެ. އެހެންވެ ސާރާގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ.

"އެތެރެއަށް ވަދެ ދެން ކޮން ހުއްދައެއް ހޯދާކަށް. ބޭރުގައި ހުރެ ހުއްދައަށް އެދުނުނަމަ ނުދިނީމުހޭ." ސާރާ ކުރިއަށްވުރެން އަމީން އާ ގާތަށް ޖެހިލިއެވެ.

"ތިހެން ހީވާތީއޭ ހުއްދައަށް ނޭދި އަހަރެން ވަނީވެސް." އަމީނު ގާތަށްވެސް ހިނިއައެވެ.

"އަމީން.....މިހާރު ކުރިއާ ހާދަ ތަފާތުހެން ހީވެޔޭ." ސާރާ ސީދާ އަމީނުގެ މޫނަށް ބަލަން ހުރެފައި ބުންޏެވެ. ސާރާގެ އެޖުމްލައިން އަމީންއަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނު ކަހަލައެވެ. ހީވީ މަޑުމަޑު ކަރަންޓެއްގައި ޖެހުނުހެނެވެ.

"އަހަރެން ތަފާތުތަ؟ ތިބުނާ ތަފާތަކީ ކޮބައި؟" އަމީނަށް އަހާލެވުނެވެ.

"ވާހަކަ ދެއްކުމުގެ ރާގާއި ހަރަކާތްވެސް ތަފާތު." ސާރާ ބުންޏެވެ. ދެން އެރޭ ދިގުދެމިގެން ދިޔައީ ނިކަން ތަފާތު ކަންތައްތަކެއް އެކުވެ ލާމެހިގެނެވެ. އެކަކު އަނެކަކަށް ހަޔާތުގެ ފަތިފުށް ކިޔައިދީ ހަމްދަރުދީ ވުމުގައެވެ.

"އަހަރެން ސާރާއަށް އެހީވާނަން." ދިގު ބައްދަލުވުމަށްފަހު އެނބުރި ގެއަށް ދިއުމަށްޓަކައި ހިނގައިގަންނަމުން އަމީނު ބުންޏެވެ. ސާރާ ތިރީ ތުންފަތުގައި ދަތް އަޅާލުމަށްފަހު އިސްޖަހާލިއެވެ. އެއީ ބައެއް އަންހެން ކުދިންގެ ކިބައިން ފެންނަ ލަދުވެތި ހަރަކާތެކެވެ.

އަމީނު އެދުވަހު އެގެއިން ދިއުމުން ސާރާ އަމީން އާ ދޭތެރޭ ވަރަށް ވިސްނިއެވެ. އޭނާގެ ހިތް މަޑުމަޑުން އަމީނު އާ ދިމާއަށް ދަތުރު ކުރަން ފެށީވެސް އެރެއަށްފަހުއެވެ.

"މިހާރު ހިތަށް އެބައަރާ އަހަންނަށް އަމީނު އާއެކު އުޅެވުނުނަމައޭ...." ސާރާއަށް މިހާރު ހިތާހިތާ ކިޔާލެވެއެވެ.

ތޮލާލު އާއި ސާރާގެ ވަކިވުމަށް އަހަރު ފުރެން ކައިރިވީއިރު ސާރާގެ ހިތުގައި އަމީނަށްޓަކައި ނިކަން ބަދަހި ލޯތްބެއް އުފެދިއްޖެއެވެ. އެފަދައިން އަމީންވެސް އައީ ސާރާގެ ލޯބި ހޯދުމަށްޓަކައި މަސައްކަތްވެސް ކުރަމުންނެވެ. ކުރެވުނު މަސައްކަތުން ފިސާރި އަވަހަށް އޭނާއާ ދިމާއަށް ސާރާގެ ހިތް ލެނބިއްޖެއެވެ. އެއީ އޭނާ އެލޯތްބަށް މަސައްކަތް ކުރާތާ ގިނަދުވަސްތަކެއްގެ ފަހުން ލޯބި ސީދާ ސާރާއަށް ލިބޭނެ ކަމުގެ ޔަގީންކަންވެސް ލިބުނުވެސްރެއެވެ. އެހެންކަމުން މިހާރު ސާރާވެސް އަދި އަމީނުވެސް ހުންނަނީ އިންތިހާއަށް އުފާވެފައެވެ.

ނަމަވެސް އެދެމީހުންގެ ލޯބީގައި އަލުން ކައިވެނީގެ ކުލަ ޖެއްސުމުގެ ކުރިން އަބަދުގެ އަބަދަށް އެކައިވެނީގެ ގޮށް ނުމޮހެވި ނިކަން ބަދަހި ގުޅުމަކަށް ހެދޭތޯ އަމީން މަސައްކަތް ކުރިއެވެ. އެމަސައްކަތްތަކުގެ ތެރޭގައި ދާއިމަށް ތޮލާލުގެ ކިބައިން ސާރާ ސަލާމަތް ކޮށްދިނުންވެސް ހިމެނެއެވެ.

އޭގެ ދުވަސްތަކެއްފަހުން ދަންވަރުގެ ވަގުތެއްގައި ނިދާފައި އޮތް ތޮލާލަށް ހޭލެވުނީ ކޮޓަރި ދޮރުގަޔާއި ފާރުގައި ތަޅަތަޅާފައި ކޮންމެވެސް މީހަކު އޭނާއަށް ގޮވާ އަޑުހެން ހީވެގެނެވެ. ހޭލެވުމާއެކު އެއަޑު އަންނަނީ ކޮންދިމާއަކުންކަން ޔަގީންނުވާތީ އޭނާއަށް ވިސްނަން އިރުކޮޅެއް ވަންދެން އޮވެވުނެވެ.

"ތޮލާލު ދޮރު ހުޅުވަބަލަ....." މިފަހަރު އަޑު އިވުނީ ސީދާ ދޮރުބުޑުން ކަހަލަ ގޮތަކަށެވެ. ނަމަވެސް ކާކުކަން ނޭނގޭތީއާވެސް އެކު ވިސްނަން ތޮލާލު ކުޑައިރުކޮޅެއްވަންދެން އޮތެވެ.

"ތޮލާ.....އަހަންނޭ ހުޅުވަބަލަ...." މިފަހަރު އަޑު އައީ ކުރިއަށް ވުރެންވެސް ބާރަށެވެ. މިފަހަރު އެއަޑާ ދޭތެރޭ ތޮލާލަށް ޝައްކުވެސް ކުރެވުނެވެ.

"ކާކު؟ ޝަފީގުތަ؟" ތޮލާލު ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގަތެވެ.

"އާނ...ޝަފީގު.....ނިކަން އަވަހަށް ހުޅުވާފައި ބޭރަށް ނުކުމެބަލަ...." ތަޅުގައި ހިފާ އެނބުރި އަޑުވެސް އިވުނެވެ. ތޮލާލު ގޮސް ދޮރުހުޅުވާލިއެވެ.

"ޝަފީގު ނުނިދިގެންތަ ތިއުޅެނީ މިއީ ކޮންގަޑިއެއް؟" ތޮލާލު ބޭރަށް ނިކުމެއްޖެއެވެ.

"ތޮލާލުމެނަށް ދަންވިޔަސް އަހަރެންނަކަށް އަދި ދަމެއް ނުވެޔޭ....އައިސްބަލަ މަށާއެކު ހިނގާލަން." ކުރިއަށް ހިނގައިގަންނަމުން ޝަފީގު ބުންޏެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 81 އިން 84 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން