ޞާދިރު ޢަލީދީދީ   1 ޖުލައި 2021 - 17:59
ބޯގަންވިލާ
ބޯގަންވިލާ
18 ވަނަ ބައި

................

ތޮލާލު ހުރީ ބިރުންގޮސް ދާހިއްލާ ފޯވެފައެވެ. އޭނާ ހީކުރިއެވެ. ފަޒީލާ ސާރާ ގާތު ހުރިހާ ވާހަކައެއްވެސް ކިޔައިދީފާނެއެވެ. އިރުކޮޅަކުން ސާރާއަށްވެސް ހުއްޓިހުރި ތޮލާލު ފެނުނެވެ.

"ސާރާ ފެންތަށްޓެއް ގެނެސްދީފާނަންތަ؟" ސާރާ އެކޮޓަރިން ނެރުމުގެ ގަސްދުގައި ތޮލާލު ބުންޏެވެ. ސާރާ ކޮޓަރިން ނުކުމެއްޖެއެވެ. ފަހަތުން ތޮލާލު ހިނގައިގެންފިއެވެ.

"އަހަރެން މިއައީ ފަޒީގެ ކުރީގެ ފިރިމީހާއާ ބައްދަލުކޮށްފައި." ކާގެއަށް ވަންނަމުން ސާރާ ބުންޏެވެ.

"އެހެންތަ؟" ތޮލާލުގެ ވާހަކަ ހުރީ އެމައުޟޫއަށް ވާހަކަ ދައްކާހިތްނުވާފަދަ ގޮތަކަށެވެ. އެއަށްފަހު ޝިޔާމް ދެއްކި ވާހަކަތައް ސާރާ ތޮލާލަށް ކިޔައިދިނީ އެކަން ސިއްރުކޮށްދިނުމަށް އެދެމުންނެވެ. ސާރާގެ އެވާހަކައާއެކު ތޮލާލުގެ ބޮލުގައި ރިއްސާލިއެވެ.

"ފަޒީލާ ގާތު ޝިޔާމު ބުނިގޮތަށް ބުނިންތަ؟" ތޮލާލު އެއްސެވެ.

"ނޫން....އަހަންނަކަށް އަދި އެވާހަކަ ދައްކާކަށް ނުކެރުނު...އެކަމަކު ކިހިނެއް އަހަރެން ގަބޫލުކުރާނީ ފަޒީއަކީ ޝިޔާމް އެބުނާކަހަލަ މީހެއްނޫނޭ...." ސާރާ ބުންޏެވެ. ހަމައެއާއެކު ތޮލާލުގެ ސިކުނޑީގައި އޭނާގެ މަންމަގެ ޖުމްލަތަކެއްގެ ހަނދާން އާވެ އެނބުރިގަތެވެ.

"މިދަރިފުޅު ހީވަނީ ތޮލާލުގެ ކުޑައިރުގެ ފޮޓޯއެއްހެން....ވަރަށް ވައްތަރު...." ކުރީ ދުވަހެއްގައި އޭނާވެސް ހުއްޓާ އެދަރިފުޅު އުރައިގެންހުރެ މަންމަ ބުނެފައިވެއެވެ.

"ތޮލާ ކޮންޚިޔާލެއް؟" ތޮލާލު ސިހުނީ ފެންތަށި ދިއްކޮށްގެން ހުރި ސާރާގެ އަޑުންނެވެ.

"ޚިޔާލެއްގައެއް ނޫން." ސާރާ ދިއްކުރި ފެންތަށީގައި ހިފަމުން ތޮލާލު ބުންޏެވެ. ފަޒީލާގެ ދަރިފުޅު އުރައިގެން ތޮލާލުގެ މަންމަ އެތަނަށް އައިސް ވަނީ އެވަގުތުއެވެ. މަންމަ ޠޯއިން އުރައިގެން އައިސް ހުއްޓުމާއެކު ތޮލާލަށް ޠޯއިންއަށް ބަލައިލެވުނެވެ. އެހިނދު އޭނާގެ ހިތަށް އެރިއެވެ. މަންމަ ބުނީ ތެދެކެވެ. އެކުއްޖާ އޭނާއާ ވައްތަރު ގޮތެއް އެބަހުއްޓެވެ. މަންމަ ބުނާގޮތުންނަމަ އެކުއްޖާ ކުރާ ކޮންމެ ޙަރަކާތެއްވެސް އޭނާއާ އެއްފާޑުގޮތެއް އެބަހުއްޓެވެ.

"ތޮލާ ހާދަ ވަރަކަށް ޠޯއިންއަށް ތިބަލަނީ؟" ސާރާ ތޮލާލުގެ ކޮނޑުގައި ޖެހިގަތެވެ.

"އާނ...މިބަލަނީ....ހިތަށްއެރީ އަހަރެމެނަށްވެސް ކުއްޖަކު...." ތޮލާލު ތެޅިގަތްގޮތުން ހީވީ ކަރަންޓެއްގައި ޖެހުނުހެނެވެ.

ބަލިހާލު ބޮޑުވެގެން ރީޝާ ހޮސްޕިޓަލުގައި އެނދުމަތި ކުރީ އެދުވަހުގެ ރެއެވެ. ޑޮކްޓަރާއި އަމީނު ދެއްކި ވާހަކަ އަޑުއިވި އޭނާގެ ބަލީގެ ތަފްޞީލުވެސް އެރޭ ރީޝާއަށް އެނގުނެވެ. ވާހަކަ ދައްކަން ދޮރުމަތީގައި ތިބި ޑޮކްޓަރާއި އަމީނު ސިހުނީ ރީޝާގެ ބާރު ރުއިމުގެ އަޑުންނެވެ. ރީޝާ އޮތް އެނދާ ދިމާއަށް ދުއްވައިގަނެވުނީ ޑޮކްޓަރާއި އަމީނު އާ ދެމީހުންނަށް އެކުއެކީގައެވެ.

"ކިހިނެއްވީ؟ ރީޝާ." އަމީނު އައިގޮތަށް އައިސް ރީޝާގެ އަތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ރީޝާ އަނގައަކުން ނުބުންޏެވެ. އޭނާ ގިސްލަ ގިސްލާފައި ރުއީއެވެ.

"ރީޝާ ނުރޮއި ބުނެބަލަ ކިހިނެއްތަވީ؟" މިފަހަރު ރީޝާއާ ސުވާލުކުރީ ޑޮކްޓަރެވެ. އިސާހިތަކު އަމީނުގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ދެންވެސް ރީޝާ އަނގަޔަކުން ނުބުންޏެވެ. އޭނާ ހަމަ ބާރުބާރަށް ރޮމުން ދިޔައެވެ.

"ރީޝާ....ބަލި އެނދެއްގަ އޮވެ ތިޔަގޮތަށް ރުއިމަކީ ރަނގަޅުކަމެއް ނޫން.... ނުރޮއި ހުއްޓާލާ...." ދެންވެސް ޑޮކްޓަރު ވާހަކަ ދެއްކިއެވެ.

"ކީއްވެތަ އަހަރެން ގާތު ދޮގުހަދަނީ.....ކީއްވެތަ މިއޮއްހާ ދުވަހު އަހަރެންގެ ބަލީގެ ޙަޤީޤަތް އަހަންނަށް ސިއްރު ކުރީ...." ރީޝާގެ އަޑުވެސް ބެދުނެވެ. އަމީންގެ ލޮލުން ކަރުނަ ހިލިގަތީ ރީޝާއަށް އޭނާ ޑޮކްޓަރާ ދެއްކި ވާހަކަ އަޑުއިވުނީކަން އެނގުނީމައެވެ.

ހިތްވަރުކުރޭ ރީޝާ......" ތޮލާލު ހިންދިރުވާލިއެވެ. ޙަޤީޤަތުގައި މިހާރު އޭނާގެވެސް ހިތްވަރެއް ނެތެވެ. އޭނާ މިއޮއްހާ ދުވަހު ރީޝާގެ ބަލީގެ ތަފްޞީލު ރީޝާއަށް ނުދީ ސިއްރު ކުރީ ރީޝާގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ވިސްނާފައެވެ.

"އަހަންނަށް ހިތްވަރުނުދީ....އަޅެ ޑޮކްޓަރު އަހަންނަކީ ކީއްކުރާ މީހެއް....." އަޑު ބެދޭތީ ރީޝާއަށް ވާހަކަ ދައްކަން އުނދަގޫވަމުން ދިޔައެވެ. އެއީ ކޮންމެ މީހަކަށްވެސް ވާނެގޮތެވެ. އެފަދަ ބައްޔެއްގެ ޝިކާރައަކަށްވާހިނދު އަމިއްލަ ހާލާމެދު ވިސްނާފައި ހިތާމަކޮށް ރޮވޭނެއެވެ. އެފަދަ ހާލަކަށް ކެތްކުރެވޭނީ މަދުބަޔަކަށެވެ. އެއީވެސް ވަރަށް ހިތްވަރުގަދަ މީހުންނަށް ނޫނީ ނުވާނެ ކަމެކެވެ. ގައިމެވެ. ރީޝާއަކީ އެހާ ހިތްވަރުގަދަ އަންހެނެއް ނޫނެވެ.

އަމީންގެ ތިއޯޤާތެރިކަމާއި އަޅާލުން އަހަންނަކަށް ޙައްޤެއް ނޫން.....ޙައްޤެއް ނޫން....." ރީޝާ އެނދުން ތެދުވާން މަސައްކަތް ކުރިއެވެ. އެއިރުވެސް އޭނާއަށް ގިސްލެވެމުން ދެއެވެ.

"ތިހެން ނުބުނޭ ރީޝާ.....މިހާރު އަހަރެންގެ ހުރިހާވެސް އުފަލަކީ ރީޝާ...." އަމީން ރީޝާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

"ނުރޮއި ހުއްޓާލާ.....ފަޒީ....." ސާރާ ވާހަކަދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ފަޒީލާއާއެވެ. މިރޭ ސާރާގެ ހިތުގައި އެބައޮތެވެ. ޝިޔާމްއާ ބައްދަލުކުރުމުން އޭނާ ދެއްކި ވާހަކަތައް ފަޒީލާ ގާތު ބުނުމަށެވެ.

"ސާރާ.....އަހަރެން މިހާރު ބޭނުންވަނީ ރަށަށްދާން....އަހަންނަކަށް މިފަސްގަނޑަކު ކެތެއް ނުވާނެ...." ފަޒީލާ ބުންޏެވެ. ތެދެކެވެ. ޙަޤީޤަތުގައިވެސް މިހާރު އޭނާ މާލޭގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. ޙަޤީޤަތް ފަޅާ އަރާހިނދު އެގޭގައި ހުރެގެން ސާރާގެ ހާލަތު ދެކޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

"ފަޒީ....އަހަރެން ޝިޔާމާ ބައްދަލުކޮށްފިން.....އެކަމަކު އޭނާ ދެއްކީ އަހަންނަށް ގަބޫލުކުރަން ދަތި ވާހަކަތަކެއް، ފުރަތަމަދުވަހުން ފެށިގެންވެސް އަހަންނަށް އެވާހަކަ ނުބުނެވިގެން މިއުޅެނީ.....އަހަންނަށް އެވާހަކަ ގަބޫލު ނުކުރެވޭތީ......" ސާރާ ކިޔައިދޭން ފެށީ ފަޒީލާ އޭނާއަށް ތެދު މަޢުލޫމާތު ދޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަމާ އެކުގައެވެ.

"ޝިޔާމް އެދެއްކީ ތެދު ވާހަކައެއް ސާރާ......އެކަމަކު ސާރާ މިކަން އަހްނަނަށް ސިއްރުކޮށްދީ.....މިއީ އަހަންނަށް ތެދުވެރި ލޯތްބެއްގެ ދަޅަ ދައްކައިގެން މީހަކު ދިން ބޮޑު ކެއްސެއް....އެއީ ބޭވަފާތެރިއެއް......އަހަރެން ދުވަހަކުވެސް އޭނާއަށް މަޢާފެއް ނުކުރާނަން." ބާރަށް ރޮއިގަންނަމުން ފަޒީލާއަށް ސާރާގެ ކޮނޑުގައި ބޯއަޅާލެވުނެވެ.

"ކާކުތަ ތިބުނާ މީހަކީ....އައްޑޫ މީހެއްތަ؟" ސާރާގެ ލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ.

"އެއީ....އެއީ...." ފަޒީލާ ބުނަން އުޅެފައި ހުއްޓާލިއެވެ. އޭރު ސާރާ ހުރީ އެވާހަކަ ރަނގަޅަށް އޮޅުންފިލުވަން އިންތިހާއަށް ބޭނުންވެފައެވެ.

"ފަސްނުޖެހޭ ފަޒީ....އަހަރެން ސިއްރެއްގެ ގޮތުގައި ފަޒީ ދައްކާ އެއްވެސް ވާހަކައެއް އިތުރު ފަރާތަކަށް ހާމައެއް ނުކުރާނަން...." ސާރާ ފަޒީލާގެ މޫނު ފޮހެދިނެވެ. އޭރު ސާރާއަށް ހުރިހާ ޙަޤީޤަތެއް ކިޔާދިނުމާ ދޭތެރޭ އޭނަ ވިސްނަނީއެވެ. އޭނާގެ ހިތް ބުނާކަހަލައެވެ. ސާރާއަށް ހުރިހާ ވާހަކައެއް ކިޔައިދީގެން އޭނާގެ ދިރިއުޅުމަށް ހަރުފައެއްގެ މިސާލުގައި ވިހަލާންވީ ހެއްޔެވެ؟ ވަރިހަމައެވެ. އޭނާއަށް ކިޔައިދޭންވީއެވެ.

"ފަޒީ ދެން އަޅެ ބުނެބަލަ....ފަޒީއަށް ތިފަދަ ބޮޑު އަނިޔާއެއް ދިން ނުލަފާ މީހަކީ ކޮންރަށަކު ކާކުތަ؟" އަނެއްކާވެސް ސާރާ އެއްސެވެ.

"ސާރާ.....އެއީ ކޮންމެ ރަށަކު ކޮންމެ މީހަކަސް ސާރާއަށް އަހަންނަށް އެއްކަމެއްވެސް ކޮށެއް ނުދެވޭނެ...." ފަޒީލާ ބުންޏެވެ.

"އަހަންނަށް ކުރެވިދާނެ ކިތަންމެ ކަމެއްވެސް ހުންނާނެ....އަޅެ އަހަރެންގެ ގާތުގައި ބުނެބަލަ.....ކާކުތަ އެއީ؟" ސާރާ އެދުނެވެ. ފަޒީލާ ޚިޔާލު ބަދަލުވެ ސާރާއަށް އޭނާގެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން ބުނެދިނުމަށް އޭނާ ނިންމިއެވެ.

"އެއީ....މިރަށު މީހެއް....އޭނަ އަހަންނާ އިންނަން ތިންމަސްފަހުން އަންނާނަމޭ ބުނެފައި އައި ގޮތަށް ނުދިޔަތާ ގުޅާވެސްނުލި." ފަޒީލާ ކިޔައިދިނެވެ. އޭރު ސާރާއާއި ފަޒީލާ ދެއްކި ހުރިހާ ވާހަކައެއްވެސް އަޑުއަހަން ތޮލާލު ކޮޓަރި ކުޑަދޮރު ކައިރީ ބޭރުގައި ހުއްޓެވެ. އޭނާ އެވާހަކަ އަޑުއަހަން ހުރީ ފިސާރި މާޔޫސްވެފައެވެ. ފަޒީލާގެ ކޮންމެ ޖުމްލައަކުންވެސް އޭނާގެ ހިތް ތޮރުފަމުންދިޔަ ކަހަލައެވެ.

"ޠޯއިން އެއީ އަހަރެންގެ ދަރިއެއް!" ތޮލާލަށް ހިތާ ހިތާ ކިޔުނެވެ. އެއަށްފަހު އޭނާ އެތާކު މަޑެއް ނުކުރެއެވެ. އޭނާ ބޭނުންވީ އެމީހުން ދައްކަމުންދިޔަ ވާހަކަ ހުއްޓުވުމުގެ މަޤުޞަދުގައި އެކޮޓަރިއަށް ވަނުމަށެވެ.

"ސާރާ...." ތޮލާލު ދޮރުމައްޗަށް އަރަމުން ސާރާއަށް ގޮވިއެވެ. ސާރާ ވާހަކަ ހުއްޓާލަމުން ތޮލާލާ ދިމާއަށް އެނބުރުނެވެ.

"އާނ....ތޮލާ އައީދޯ؟ ހެދުން އޮންނާނީ އިސްތިރިކޮށްފައޭ....އިހަށް ތޮލާ ފެންވަރަންވަދޭ އަހަރެން އެބަދަން." ސާރާ ވާހަކަތައް ހުއްޓާލާފައި ދާކަށް ބޭނުމެއް ނުވިއެވެ.

"ނޫނޭ، ކޮފީއެއް ބޮއިގެން ނޫނީ ފެންވަރާކަށް ނުވަދެވޭނެ." ތޮލާލު ސާރާ އެތަނުން ނެރުމުގެ ގަސްދުގައި ބުންޏެވެ.

"އާނ.....ހިނގާ...." ސާރާ ތެދުވެގެން ހިނގައިގަތެވެ. އޭރުވެސް ފަޒީލާގެ ލޮލުން ކަރުނަ ފައިބާ ނުހުއްޓުނެވެ. ޔަގީނެވެ. އޭގެފަހުން ހިނދުކޮޅަކަށްވެސް ސާރާ އެތާނގައި މަޑުކުރިނަމަ ހުރިހާ ސިއްރެއް ފަޅާއެރީހެވެ. އެހާ ވަރަށް އޭނާގެ ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ.

އާދައިގެ މަތިން އެދުވަސްވެސް ފާއިތުވެއްޖެއެވެ. ދެން އިރުއެރީވެސް ފަޒީލާއަށްޓަކައި ތަފާތު ދުވަހެއް ނޫނެވެ. މިދުވަހުގެ އޭނާގެ ވަށައިގެން އެނބުރެމުން ދަނީ ނާމާންކަމާއި ބިރުވެރިކަން ކަމުގައި އޭނާއަށް އިހްސާސް ކުރެވެއެވެ. ސާރާ ކޮށްފާނެ ސުވާލަކަށް އޭނާ ހުންނަނީ ހިތް ބިރުގެންފައެވެ. އޭނާއަށް ހީވަނީއެވެ. ސާރާގެ އޯގާތެރިކަން ފެނި އެއިޙްސާސާއެކު ޙަޤީޤަތް ސާރާއަށް ކިޔައިދެވިދާނެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އޭނާގެ ދިރިއުޅުމެކޭ އެއްފަދައިން ސާރާގެ ދިރިއުޅުންވެސް ބަނަވާނެއެވެ.

ފަހަރެއްގައިވެސް ރަޙްމަތްތެރިޔާގެ އުފާވެރި ދިރިއުޅުމުގައި ޒަހަރުލައި އެދިރިއުޅުން ހިތިކުރާކަށް އޭނާގެ ހިތެއް ނޭދެއެވެ. ސާރާއަށްޓަކައި ނަމަވެސް ހިތްދަތިކަން އޭނާ ބަރުދާސްތު ކޮށްފާނެއެވެ. ތޮލާލު ކަހަލަ ކެހިވެރިއަކަށްޓަކައި ރަޙްމަތްތެރިޔާގެ ދިރިއުޅުމަށް ވަންނާކަށް އޭނާ ބޭނުމެއްވެސް ނޫނެވެ.

"އަހަރެން މާލޭގައި އުޅެން ފޫހިވެއްޖެ. ވަރަށް ފޫހިވެއްޖެ....." ފަޒީލާ ވާހަކަ ދެއްކީ އައްޑޫގައި ހުރި އޭނާގެ އެކުވެރިޔާ ޒުހުދާއާއެވެ. އެދެމީހުން ވާހަކަ ދެއްކީ ފޯނުންނެވެ. މިހާރު އެދެރަޙްމަތްތެރިން އެގޮތަށް ފޯނުން ވާހަކަ ދައްކާތާ ފަނަރަވަރަކަށް މިނެޓް ވެދާނެއެވެ. ފަޒީލާ ގޭތެރޭގެ ހުރިހާ ވާހަކައެއްވެސް އެދުވަހު ޒުހުދާއަށް ކިޔައިދިނެވެ.

"ކޮންކަމަކާ ވިސްނާކަށް. ސާރާ ގާތު ހުރިހާ ވާހަކައެއް ކިޔައިދީ." ޒުހުދާ ޚިޔާލުދިނެވެ. ނަމަވެސް އެއީ ފަޒީލާ ކުރާނެ ކަމެއް ނޫނެވެ. އޭނާ ދެކެނީ އެއީ ރަޙްމަތްތެރިޔާގެ އުފާތަކަށް އަރައިގަތުން ކަމަށެވެ.

"ތިހެން ނުބުނޭ. ތިޔައީ އަހަރެން ނުކުރާނެ ކަމެއް. ސާރާއަކީ ނުލާހިކު ބަލިމީހެއް....އޭނާ ނުވާނެ އަހަރެން ކަހަލަ ކެތްތެރިއަކަށްވެސް...." ފަޒީލާ އޭނާގެ ޙާލަތަށްވުރެން އެކުވެރިޔާގެ އުފާތަކަށް ވިސްނައެވެ. އެއީ އޭނާގެ އަބަދުގެވެސް އާދައެކެވެ. ޠަބީއީ ރަނގަޅު ސިފައެވެ.

ދުވަސްތަކަކަށްފަހު ފަޒީލާ ނިދާ ކޮޓަރިއަށް ތޮލާލު ދަންވަރު ވަނީ އެރެއެވެ. ކުރީގެވެސް އާދަ ފަދައިން އެރޭވެސް އޭނާ ފުރަތަމަ ޓަކިޖަހާލިއެވެ. ފަޒީލާ ދޮރު ހުޅުވީ ޓަކިޖަހާތާ އިރުކޮޅެއްވީ ފަހުންނެވެ. ކުރީފަހަރުތަކެކޭ އެއްފަދައިން މިފަހަރުވެސް އޭނާ އުޅުނީ ދޮރު ލައްޕާށެވެ. ނަމަވެސް މިފަހަރު ތޮލާލު މާހުޝިޔާރެވެ. އޭނާ ފަޒީލާ ދޮރުލެއްޕުމުގެ ކުރިން އެތެރެއަށް ދެމިގެންފިއެވެ.

"އާދޭސް ކުރަން ފަޒީ....ހަމައެކަނި ސާރާގެ ޙައްޤުގައި އަހަންނާ ބެހޭގޮތުން އެއްވެސް ވާހަކައެއް ސާރާ ގާތު ނުބުނާތި." ތޮލާލު އެތެރެއަށް ވަދެ ދޮރު އެތެރެއިން ތަންޑު އެޅުވިއެވެ. ފަޒީލާއަށް އިސްޖަހާލެވުމާއެކު ރޮއިގަނެވުނެވެ.

"ތެދަށް ބުނޭ ފަޒީ....މިދަރިފުޅުގެ ބައްޕައަކީ....އަހަރެންދޯ؟...." ތޮލާލު ފަޒީލާއާ ކުރިއަށްވުރެން ގާތަށް ޖެހިލިއެވެ. ރޮއިރޮއިހުރި ފަޒީލާއަށް ޖަވާބު ދެވުނީ ބޮލުގެ އިޝާރާތުންނެވެ. ފަޒީލާ އެޖަވާބު ދިން ވަގުތު ތޮލާލަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަހަލައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ނިދާފައި އޮތް ދަރިފުޅާ ލޯބިކޮށްލެވުނެވެ.

"އަޅެ...ފަޒީ ކީއްވެތަ؟ މަސީހު މެދުވެރިކޮށް އަހަންނަށް ނޭންގީ...އެންގިނަމަ....އަހަރެން މިހެން މިކަން ވިޔަކަނުދިނީމުސް....ވަރިހަމަ.....އަހަރެން އަހަރެންގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދޭން ބޭނުން....ލޯބި ދޭން ބޭނުން...." ތޮލާލު ޠޯއިންއާ ލޯބިކުރަމުން ބުންޏެވެ.

******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 69 އިން 72 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން