ޞާދިރު ޢަލީދީދީ   29 ޖޫން 2021 - 15:11
ބޯގަންވިލާ
ބޯގަންވިލާ
16 ވަނަ ބައި

................

"ތިއޮތީ ކަންތަކާ ޖެހިފައި. ސާރާ ބުނާ ފަޒީލާއަކީ އޭނާއަށް ވެއްޖެއްޔާ ބޮޑު ހައިޖާނަކަށްވާނެދޯ؟" މަޞީހު ހީގަތެވެ. ނަމަވެސް ތޮލާލު ހިންޏެއް ނާދެއެވެ.

"އޭތް....ސަމާސާނުކޮށް ބަލައިދީބަލަ." ތޮލާލު ހުރީ ވަރަށް ސީރިއަސް މޫޑެއްގައެވެ.

"އެންމެ ރަނގަޅު ހަމަ މިހާރު މިދަނީ." މަޞީހުގެ ވާހަކަވެސް ސީރިއަސްވިއެވެ.

"އަހަރެންގެ އެއްވެސް ވާހަކައެއް އޭނަ ގާތު ނުދައްކައްޗޭ. ދެން ބާއްވަނީ. ބަލާފަ ވަރަށް އަވަހަށް ގުޅައްޗޭ." ތޮލާލު ފޯނު ކަނޑާލިއެވެ.

މެޔަށް ތަދުވެ އުނދަގޫވާތީ އަމީނުގެ އަންހެނުން ރީޝާ ހޮސްޕިޓަލަށް ގެންދެވުނީ އެދުވަހުއެވެ. ރީޝާ ބެލުމަށްފަހު ފަރުވާދިން ޑޮކްޓަރު ލަފާދިނީ ހަދަންޖެހޭ ޓެސްޓްތަކެއް ހުރުމާއެކު ހޮސްޕިޓަލުގައި އެނދުމަތި ކުރުމަށެވެ. ރީޝާ އެކަމަށް އެއްބަސް ނުވިނަމަވެސް އަމީން އެއްބަސްވުމުން ރީޝާ އެނދުމަތި ކުރެވުނެވެ.

ޑޮކްޓަރު ޕްރަކާޝް ފުރަތަމަ ގަސްދުކުރީ ސްކޭން ކުރުމަށެވެ. އެއީ ރީޝާއަށްވާ ގޮތްތަކުން އޭނާގެ ބަލީގެ ސީރިއަސްކަން އޭނާއަށް ވިސްނޭތީއެވެ.

"ރީޝާގެ ބަލި ވަރަށް ސީރިއަސް." ސްކޭން ކުރުމަށްފަހު ޑޮކްޓަރު ޕްރަކާޝް ކަރު އެލުވާލައިގެން ހުރެ ކަހަލަ ގޮތަކަށް އަމީން އާ ވާހަކަ ދެއްކިއެވެ.

"ކޮންކަހަލަ މައްސަލައެއްތޯ ހުރީ؟" އަމީންގެ ހިތް ވަރަށް އަވަސްވިއެވެ. ޑޮކްޓަރ ކުޑަކޮށް ފަސްޖެހުނެވެ. ޑޮކްޓަރު ބަލައިލީ އަމީންގެ ސީދާ ލޮލަށެވެ. އެއަށްފަހު ޑޮކްޓަރ އަމީންގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނގައިގަތެވެ.

"ބަލީގެ ތަފްޞީލު ބަލިމީހާއަށް ދިނުން ރަނގަޅެއް ނުވާނެ. ރީޝާގެ މޭގައި ވަރަށް ބޮޑަށް ފެން ހެދިފައިވަނީ." ޑޮކްޓަރ ކޮންމެވެސް ވަރެއްގެ ތަފްޞީލެއް ދިނެވެ.

"އޭނ....ކިހާ ދުވަހަކުންތޯ ރަނގަޅުވާނީ." އަމީން އަށް އަހާލެވުނެވެ.

"މިހާރު......މޭގައި ފެން އުފެދިފައި ހުންނަތާވެސް ގިނަދުވަސްތަކެއް ވެފައިވަނީ....ފަރުވާ ހޯދަން ތިއާދެވުނީވެސް މާލަހުން." ޑޮކްޓަރު ވާހަކަ ދެއްކިގޮތުން ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން ހީވިއެވެ.

"ތިބުނީ ރީޝާގެ ބައްޔަށް ފަރުވާއެއް ނެތޭތަ؟" އަމީން ހާސްވެ ކަންބޮޑުވިއެވެ. އެއަށްފަހު ޑޮކްޓަރު ރީޝާގެ ބަލީގެ ފުރިހަމަ ތަފްޞީލު އަމީނަށް ދިނުމަށްފަހު ވީހާވެސް އަވަހަކަށް ރީޝާ ގޮވައިގެން އިންޑިޔާއަށް ދިއުމަށް ލަފާދިނެވެ.

އައިލެންޑް އޭވިއޭޝަންގެ ޑޭޝް އަށެއްގެ މަތިންދާބޯޓް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ތިރިކުރިއިރު ފަޒީލާގެ އިންތިޒާރުގައި ސާރާއާއި ތޮލާލު ޓާރމިނަލް ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިއްބެވެ. އެވަގުތު ސާރާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ކުލަތައް ފާޅުވަމުންދިޔަ ކަމުގައިވިޔަސް، ތޮލާލުގެ މޫނުމަތިން ފާޅުވެ ފެންނަމުންދަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމުގެ އަސަރެވެ. އޭނާ ހީވަނީ އަބަދުވެސް ސިހިސިހި ހުންނަހެންނެވެ. އޭނާގެ ލޯ ދެވަނަ ދިމާއަކަށް އަމާޒު ނުވެސްވާ ކަހަލައެވެ.

އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަރާ ގިމަތައާ ދިމާއަށެވެ. އޭރު ބައެއް ދަތުރުވެރިން ޓްރޮލީ ކޮއްޕަމުން ގިމަތައިން ނިކުންނަން ފަށައިފިއެވެ.

"ތޮލާ އެއަންނަނީ....ފަޒީ...." ތޮލާލުގެ ކޮނޑުގައި ކޮއްޓާލަމުން ސާރާ ބުންޏެވެ. ހަމައެއާއެކު ތޮލާލުގެ ދެލޯ ބޮޑުވެ އޭނާއަށް އަނެއް ފަރާތަށް އެނބުރިލެވިއްޖެއެވެ. ސާރާ ހިނގައިގަތީ ފަޒީލާއާ ދިމާއަށެވެ. ނަސީބު ދިމާކުރިގޮތުން އޭރު އަދި ފަޒީލާއަކަށް ތޮލާލެއް ނުފެނެއެވެ.

ސާރާ ދުވެފައި ކަހަލަ ގޮތަކަށްގޮސް ފަޒީލާގެ ދަރިފުޅު އުރާލިއެވެ.

"ވަރަށް ލޯބި ކުއްޖެއް؟" ސާރާ ކުޑަކުޑަ ތޯއިންއާ ލޯބިކޮށްލިއެވެ.

"ސާރާ އެކަނިތަ އައިސްގެން ތިއުޅެނީ؟" ޓްރޮލީ ކޮއްޕަމުން ހިނގައިގަންނަމުން ފަޒީލާ އެއްސެވެ.

"ނޫނޭ އެކަންޏަކު ނޫން.....ފިރިމީހާއާއެކު. އެހެރީ ފިރިމީހާ....." އެމީހުނަށް ފުރަގަސްވާގޮތަށް ހުރި ތޮލާލަށް އިޝާރާތް ކޮށްފައި ސާރާ ބުންޏެވެ. އެއަށްފަހު ސާރާ ހިނގައިގަތީ ތޮލާލާ ދިމާއަށެވެ.

"ތޮލާލު މިހުރީ ފަޒީލާ...." ތޮލާލާ އަރާ ހަމަކޮށް ސާރާ ވާހަކަ ދެއްކިއެވެ. ތޮލާލު އެނބުރުނެވެ. ހަމައެއާއެކު ހައިރާންކަމާއެކު ފަޒީލާގެ ދެލޯ ބޮޑުވެއްޖެއެވެ.

"ތޮލާލު......" ގަނޑުވެފައިވާފަދަ ގޮތަކަށް ހުރި ފަޒީލާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ދާހިއްލާފޯވަމުންދިޔަ ތޮލާލުވެސް ޓްރޮލީ ކޮއްޕަމުން ސާރާމެންގެ ފަހަތުން ހިނގައިގެންފިއެވެ.

ހުޅުލެއިން މާލެއަށް، އެއަށްފަހު ގެއަށް އާދެވުނުއިރުވެސް ސާރާއައީ ދަރިފުޅާ ލޯބިކޮށް މަޖާ ކުރަމުންނެވެ. ނަމަވެސް ތޮލާލާއި ފަޒީލާއާ ދެމީހުން ތިބީ ބަސްމަދުވެ ހިމޭންވެފައެވެ.

ފަޒީލާގެ ހިތަށް އަރަމުން ދިޔައެވެ. މާލެއަށް ނާދެވުނުނަމައެވެ. ތޮލާލުގެ ހިތަށް އަރަމުންދިޔައެވެ. ކުރިމަތިވާން އުޅެނީ ކޮންކަހަލަ އިމްތިޙާނެއްބާއެވެ. އެހިނދު ސާރާގެ ހިތަށް އަރަމުންދިޔައެވެ. ތޯއިންފަދަ ލޯބިލޯބި ކުއްޖަކު ލިބުމުގެ އުފާ ލިބޭނީ ކޮންދުވަހަކުންބާއެވެ؟

ގެއަށް އާދެވުމާއެކު ތޮލާލު ގޮސްވަނީ ކޮޓަރިއަށެވެ. ސާރާ ފަޒީލާއަށްޓަކައި ހުސްކުރި ކޮޓަރި ފަޒީލާއަށް ދެއްކިއެވެ.

"މިކޮޓަރީގައި ކިތަންމެ ދުވަހެއް ވަންދެންވެސް ފަޒީއަށް ހުރެވޭނެ....މިދަރިފުޅު ވައްތަރީ މީނާގެ ބައްޕަ ޝިޔާމާ...." ސާރާ ކުޑަކުޑަ ތޯއިންއާ ލޯބިކޮށްލަމުން ވައްތަރުވެސްކިޔެވެ.

"އަހަރެން އެބައަންނަން." ސާރާ ތޯއިން ފަޒީލާގެ އަތަށް ދިނުމަށްފަހު ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ފަޒީލާގެ ލޮލަށް ގިނަވަމުންދިޔަ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއްނެތި އޭނާގެ ދެކޯތާފަތް މައްޗަށް އޮހިގަތީ އެވަގުތުއެވެ. ރޮވެން ފެށުމާއެކު އޭނާ ގޮސް ދޮރުތަޅުލިއެވެ. އެވަގުތު ހިތް ފުރެންދެން ރޯލުމަށް އޭނާ ބޭނުންވިއެވެ.

ސާރާ ކޮޓަރިއަށް ވަންއިރު ތޮލާލު ނިކަންބޮޑު ފިކުރެއްގައި އޮތެވެ. ފަންކާ އެންމެ ފުލްކޮށްފައިވީ ކަމުގައިވިޔަސް، އޭނާ އޮތީ ދާހިއްލާފޯވެފައެވެ.

"ތޮލާލު ކޮންޚިޔާލެއް؟ ކިހިނެއްވެފާތަ މިއަދު ތިޔަހުންނަނީ؟ ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނާހެން ހިވަނީ؟" ސާރާ ފިރިމީހާގެ ޙާލަތު ދެނެގަތެވެ. ސާރާގެ އަޑާއެކު ތޮލާލު ދިޔައީ ސިއްސައިގެންނެވެ.

"ނުވިސްނަން....އޮފީހުގެ މަސައްކަތް ބުރަކަމުން މިދެދުވަހަކު މިހުރެވެނީ މާބޮޑަށް ވަރުބަލިވެފައި." އެއްއަތުން ނިތްކުރީގައި ހުރި ދާތައް ފޮހެލިއެވެ.

އެދުވަސްވީ ފަޒީލާގެ ޙަޔާތަށް އައި އެންމެ ހިތްދަތި ދުވަހަށެވެ. އެދުވަހާއި އޭރުގެ ހަތަރުދަން އޭނާ ހޭދަކުރީ ރުއިމުގައެވެ. އޭނާ އެންމެބޮޑަށް ދެރަވަނީ މިހާރު އޭނާ އެމީހެއްގެ ކިބައިން ބަދަލުހިފަން ބޭނުންވެފައިވާ މީހާގެ އަނބިމީހާއަކީ އޭނާގެ ހެޔޮއެދޭ ރަޙްމަތްތެރިއަކަށް ވީތީއެވެ. މިހާރު އޭނާގެ ހިތަކު ބަދަލު ހިފުމުގެ ރޫޙެއް ނެތްކަހަލައެވެ. އާއެކެވެ. އޭނާ މުޅިން މާޔޫސްވެއްޖެއެވެ. އަމިއްލަ އުފަލަށް ވުރެން ހެޔޮއެދޭ ރަޙްމަތްތެރިއަކަށް ލިބޭ އުފާ އޭނާއަށް މާމުހިންމެވެ.

ފަހަރެއްގައިވެސް ސާރާގެ ޙަޔާތަށް އޭނާގެ ހިޔަނި އެޅި އެހިޔަނީގެ ސަބަބުން ސާރާގެ އުފާވެރި ދިރިއުޅުން އަނދިރި ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އޭނާގެ ތުއްތު ތުއްތު ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދައިދިނުމަކީ އޭނާގެ ވާޖިބެއް ކަމުގައި އޭނާ ދެކެއެވެ. އެދަރިފުޅު މިދުނިޔެއަށް ރަނގަޅަށް ހޭލައިގެން ބައްޕަ ކޮބައިހޭ އަހާލާހިނދު އިނގިލި ދިއްކޮށް ދައްކާލާނެ ބައްޕައަކު ހުންނަންޖެހޭނެ ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.

"ފަޒީ.....ޝިޔާމަށް ނާންގާނަންތަ؟ ދަރިފުޅު ގޮވައިގެން މާލޭގައި އުޅޭއިރު އޭނަވެސް އޭނަގެ ދަރިފުޅު ދެކިލަން ބޭނުންވާނެއެއްނު." އޭރު އެތާނގައި ތޯއިން އުރާލައިގެން ތޮލާލުގެ މަންމަ ސަމީރާ ހުއްޓެވެ. ސަމީރާއަކީ ކުޑަކުދިން ދެކެ ނިކަން ލޯބިވާ މީހެކެވެ. އެހެންކަމުން ފަޒީލާ މާލެ އައިފަހުން އެކުއްޖާ ގިނަވަގުތު ގެންގުޅެނީ ސީދާ ސަމީރާއެވެ.

"ވަރަށް ލޯބި ދަރިފުޅެއް.....އަހަންނަށް މިދަރިފުޅު ވައްތަރުވަނީ މިގޭ ތޮލާލުގެ ކުޑައިރުގެ ފޮޓޯއަކާ.... ޙަޤީޤަތުގައިވެސް ވަރަށް ވައްތަރު......" ސަމީރާ ދަރިފުޅު އުރާލައިގެން އައިސް ފަޒީލާއާއި ސާރާގެ ގާތުގައި އެނދުގައި އިށީނެވެ. ސަމީރާގެ އެވާހަކައިން ފަޒީލާއަށް ތެޅިގަނެވުނެވެ.

"ކީ....ކީކޭ؟" ފަޒީލާގެ އަނގަ އޮޅޭގޮތްވެސްވިއެވެ. މޫނުމަތީގެ ކުލަވަރުވެސް ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ.

ދަންވަރުގެ ވަގުތެވެ. ތޮލާލު އޮތީ އެނބުރެމުންދާ ސީލިންގ ފަންކާއަށް ނަޒަރު ހުއްޓައިގެންނެވެ. އޭނާ އެހެން އޮންނައިރު ބައެއްފަހަރަށް ފަންކާ ޖަހާ ބުރުތައް ގުނަމުންދާހެންވެސް ހީވެއެވެ. އަނެއްބައިފަހަރު ފަންކާގެ ފިޔަތައް ގުނާހެންވެސް ހީވެއެވެ. ނަމަވެސް އެއީ ހީއެކެވެ. އޭނާ އެއޮތީ ދެލޮލަށް ވެރިވާން މަސައްކަތް ކުރަމުންދިޔަ ނިދި މަނާކުރަމުން ކޮންމެވެސް ވަގުތެއްގެ އިންތިޒާރުގައެވެ. އޭނާ ދޭތެރެ ދޭތެރެއިން ނިދާފައި އޮތް ސާރާގެ މޫނަށްވެސް ނިކަން މަޢުނަވީ ގޮތަކަށް ބަލައިލައެވެ. ސާރާ އޮތީ ގަދައަށް ނިދާފައެވެ. ތޮލާލު ތެދުވެ އެނދުގެ ސައިޑު ކަބަޑު މަތީގައި ހުރި ގަޑިއަށް ބަލާލިއެވެ. ގަޑިން ދޭއްޖަހާ ބޮޑުވިއެވެ.

ތޮލާލު އަނެއްކާވެސް ނިދާފައި އޮތް ސާރާގެ މޫނަށް ބަލައިލިއެވެ. އޭނާ ކޮޓަރިން ނުކުތީ ދެނެވެ. އޭނާ މިސްރާބު ޖެހީ ފަޒީލާ އުޅޭ ކޮޓަރިއާ ދިމާއަށެވެ. ވެދާނެއެވެ. އޭނާ ބޭނުންވަނީ ފަޒީލާގެ ކިބައިން މަޢާފަށް އެދޭށެވެ.

ފަޒީލާ އޮތް ކޮޓަރިއާ އަރާ ހަމަވުމާއެކު، ހީވީ އޭނާގެ ދެފަޔާއެކު ހަރަކާތްވެސް ތަޅުލެވުނުހެނެވެ. އޭނާ ހަމަޔަކަށް އެޅުނީ ފަޒީލާ ތޯއިން މަސަލަސްކުރާ އަޑު އިވުނީމައެވެ. ފަޒީލާ ހޭލާހުރިކަން އެނގުމުން އޭނާއަށް ހިތްވަރު ލިބުނު ކަހަލައެވެ. އޭނާ މަޑުމަޑުން ދޮރުގައި ޓަކިޖަހާލިއެވެ. ފަޒީލާ ދަރިފުޅު އުރާލައިގެން އައިސް ދޮރު ހުޅުވާލިއެވެ. ހަމައެއާއެކު ދޮރުމަތީގައި ހުއްޓި ހުރި ތޮލާލު ފެނުމުން ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓް ޖައްސާލިހެނެވެ.

އޭނާ ހުޅުވި ވަރަށްވުރެން ބާރަށް ދޮރު ލައްޕައި އެތެރެއިން ތަންޑު އެޅުވިއެވެ.

"ފަޒީ.....ދޮރު ހުޅުވަބަލަ.....އަހަރެން ދައްކާ ވާހަކައެއް އަޑުއަހާފައި ދޮރު ލައްޕަބަލަ." ތޮލާލު ބޭރުން ތަޅުގައި ހިފައިގެން ހުރެ އެދުނެވެ. ދެން ކޮޓަރިތެރެއިން އިވުނީ ފަޒީލާގެ ރުއިމުގެ އަޑެވެ.

"ތޮލާލުގެ އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށްވެސް ބޭނުމެއް ނޫން. އަހަންނަށް އިތުރު ހިތްދަތިކަމަކާއި އަނިޔާދޭން މަސައްކަތް ނުކުރޭ." ފަޒީލާ ރޮއިރޮއިފައި ބުންޏެވެ.

"ފަޒީއަށް އެނގެއެއްނު. ސާރާއަކީ ބަލިމީހެއްކަން. ނަމަނަމަ ސާރާ ގާތު އަހަރެންގެ ވާހަކަ ނުބުނައްޗޭ އާދޭސްކުރަން....." އާދޭހާއެކު ތޮލާލު ބުންޏެވެ. އެއަށްފަހު ރުއިމާއި ގިސްލުމުގެ އަޑު ފިޔަވައި ފަޒީލާގެ އިތުރު އަޑެއް ނީވޭމެއެވެ. އެހެންކަމުން އެކޮޓަރި ދޮރުމަތީގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އޭނާއަށް މަޖުބޫރުވީ އެތަނުން ދިއުމަށެވެ. އިންތިހާއަށް މާޔޫސީކަން ޙިއްޞާ ކުރަމުންނެވެ.

"މިއޮއް ދަންވަރު ކޮންތާކުން." ތޮލާލު އެނބުރި އައިސް ކޮޓަރިއަށް ވަން ވަގުތު ހޭލާ އޮތް ސާރާ އެއްސެވެ. ކުއްލިއަކަށް ސާރާގެ އަޑު (ނޭނގިހުއްޓާ އިވުމުން) ތޮލާލު ސިހުނެވެ.

"އާނ....ސާރާ ހޭލެވުނީދޯ؟ ނޫސް ކިޔަން ސިޓިންގރޫމުގައި އިނދެފައި މިއައީ." ތޮލާލު ސާރާގެ ގާތުގައި އެނދުގެ އެއްފަރާތެއްގައި އޮށޯވެއްޖެއެވެ.

"ހޭލެވުނުވަގުތު، ތޮލާ ފެންނަން ނެތީމަ ހިތަށް އެރި ބޭރަށް ނިކުންނަންވީއޭވެސް." ސާރާ ތޮލާލުގެ މޭމަތީގައި ބޯއަޅާލިއެވެ.

އެރޭ ފަޒީލާއަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަހަލައެވެ. އޭނާ، ތޮލާލުވީ ވަޢުދުތަކާއި އަހުދުތަކާއި ކުރި ހުވާތަކުގެ ހަނދާންވާން ފެށުމުން ނިދީގެ އަރާމު ލިބިގަތުމުގައިވެސް އެރޭ އޭނާ ނުކުޅެދުނެވެ. އޭނާގެ ހިތް އޭނާގެ ގާތު ބުނާކަހަލައެވެ. ތޮލާލަކީ ކެހިވެރިއެކެވެ. ބޮޑު ބޭވަފާތެރިއެކެވެ. އޭނާ ފަޒީލާ ނިކަމެތި ކޮށްފިއެވެ. ފަޟީހަތް ނުވިޔަސް ހިތުން ފިލައިގެން ނުދާނެފަދަ އަމާނާތެއް ދީފިއެވެ.

"އަހަންނަށް ދުވަހަކުވެސް އޭނާ މަޢާފެއް ނުކުރާނެ." ތޮލާލު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ޝަފީޤު އާއެވެ. އެމީހުން ވާހަކަ ދައްކަން ތިބީ އޮފީހުގެ ނިވަތްދަށުގައެވެ.

"އެއްފަހަރުވެސް މަޢާފަށް އެދެފިންތަ؟" ޝަފީގު އެއްސެވެ.

"ކިހިނެއް މަޢާފަށް އެދޭނީވެސް. އޭނަ ވާހަކަ ދައްކާނެ ފުރުޞަތެއްވެސް އަހަންނަކަށް ނުދެއޭ." ތޮލާލަށް ގޮތް ހުސްވިކަހަލައެވެ.

"އޭނަ ފުރުޞަތުދެނީކީ ނޫން. ބުނެބަލަ ތޮލާލަށް ފުރުޞަތު ހޯދަން ނޭނގެނީއޭ." ޝަފީގު ބުންޏެވެ.

"ތިހެން ނުބުނެވޭނެ. ކިތައްރޭ އަހަންނަށް މިހާރު އެކޮޓަރިއަށް ވަންނަން މަސައްކަތް ކުރެވިއްޖެ." ތޮލާލު އޮފީހަށް ވަންނަން ހިނގައިގަތެވެ.

"އަދި ނުވަދެ މަޑުކޮށްބަލަ. ތިކަންތަކާ މާބޮޑަށް ހާސްވެ ކަންބޮޑުނުވެބަލަ." ޝަފީގު ތޮލާލު ހުއްޓުވިއެވެ.

"މިކަހަލަ ކަމަކާ ޝަފީގުމެނާ ދިމާވިނަމަ ޝަފީގުމެން މޮޔަވީސްކަންނޭގެ." ތޮލާލު ޖީބުން ސިގިރެޓް ފޮށި ނަގައި ސިގިރެޓެއް ރޯކޮށްލިއެވެ. ޝަފީގުވެސް އެފޮށިން ސިގިރެޓެއް ނަގާ ރޯކޮށްލިއެވެ.

"ރަނގަޅު ވާހަކައެއް ތިޔަބުނީ. ތޮލާއަށް މިހާރު ތިޔަހުރެވެނީ ތޫނު ކަނޑިއެއްގެ މިޔަމަތީގައި." ޝަފީގު ސިގިރެޓް ދަމާލަމުން ބުންޏެވެ.

"ތެދެއް ތިބުނީ. ފިޔަވަޅު އެޅޭގޮތަކުން ޙަޔާތުގައި ކިތަންމެބޮޑު ލަކުނެއްވެސް ލާފާނެ." ތޮލާލު ސިގިރެޓް ދަމަމުން ހުލިކުރަމުން ވާހަކަ ދެއްކިއެވެ.

*******************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 61 އިން 64 ށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން