ޞާދިރު ޢަލީދީދީ   18 ޖޫން 2021 - 14:26
ބޯގަންވިލާ
ބޯގަންވިލާ
06 ވަނަ ބައި

................

"ފަޒީލާ ދަސްކޮށްދީފާނަންދޯ؟" ފުރަތަމަ ފަހަރަށް ތޮލާލު ސީދާ ފަޒީލާއާ ވާހަކަ ދެއްކިއެވެ. ފަޒީލާގެ ގާތަށް އައީ މިފަހަރުވެސް ހިންޏެވެ.

"އަހަންނަކީ ޓީޗަރެއް ނޫން...ޓީޗަރެއްނަމަ ތިޔައީ އެއްވެސް ކަމެއް ނޫން..." ފަޒީލާވެސް ތޮލާލާ ދިމާއަށް ބަލައިލިއެވެ.

"މީހަކަށް އެއްޗެއް އުނގަންނައިދޭ ކޮންމެ މީހަކީ ޓީޗިންގ ހަދާފައިވާ މީހަކަށް ވާކަށް މަޖުބޫރެއް ނުވާނެހެން އަހަންނަށް ހީވަނީ. ފަޒީލާ އަހަންނަށް އައްޑޫބަސް (ބަހުރުވަ) ދަސްކޮށް ނުދިނަސް އަހަރެން ތިގެއަށް ދާނަން....ވަރިހަމަތަ؟" ތޮލާލު ފަޒީލާއާ ދިމާއަށް އެނބުރި ފަޒީލާގެ ހަތަރުކަޅި ހަމަކުރިއެވެ.

"އާނ، މަރުޙަބާ ކިޔާނަން...."" ފަޒީލާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ. ވާހަކަ މިހާ ހިސާބަށް އައިއިރު ކާރަށް ހިތަދޫ ސޯސަންގެއާ ހަމައަށް އާދެވިއްޖެއެވެ.

އެއީ ފަޒީލާގެ ގެއެވެ. އެގޭގައި އުޅޭނީ ފަޒީލާގެ އިތުރުން އޭނާގެ މަންމަ ފާތުމައާއި ބައްޕަ އިބްރާހީމް އާއި އިތުރުން އޭނާގެ ކޮއްކޮ ޒަހީނެވެ.

"ކިހާވަރެއްދޭންވީ؟" ސޯސަންގޭ ކުރިމައްޗަށް ކާރު މަޑުކުރުމާއެކު ފަޒީލާ އެހިއެވެ.

"އުނހު އެއްޗެއް ދޭނެކަމެއް ނެތް." ޖަވާބު ދިނީ މަސީހުގެ ބަދަލުގައި ތޮލާލެވެ. ޝުކުރިއްޔާއޭ ބުނެފައި ފަޒީލާ ދަބަސް ހިފައިގެން ހިނގައިގަތެވެ. ނަމަވެސް ދޮރާއްޓާ އަރާ ހަމަކޮށް އަނެއްކާވެސް އޭނާ ހުއްޓިއްޖެއެވެ. އަނެއްކާވެސް ކާރު ކައިރިއަށް އައެވެ.

"ވަރަށް.....ވަރަށް ތޭންކްސް.....ފުރުމުގެ ކުރިން މިގެއަށް އަންނަންވާނެ... މަނާކުރާކަށް އެކަކުވެސް ނުހުންނާނެ. ވަންނަންވީ....." ފަޒީލާ އަނެއްކާވެސް ހިނގައިގަތެވެ. ތޮލާލަށް ބަލައިލަމުން ހީނލަމުންނެވެ. ފަޒީލާގެ އެހިނިތުންވުމުން ތޮލާލަށް ބޮޑު ހިތްހަމަޖެހުމެއްވެސް ލިބުނު ކަހަލައެވެ.

ފަޒީލާ ގެއަށް ވަނުމާއެކު މަސީހު ކާރު ދުއްވާލިއެވެ.

ކާރު ހެންވޭރު ޕޫލްކިނާރާ ދޮރުމައްޗަށް މަޑުކުރުމާއެކު، އަމީން ކާރުން ފޭބިއެވެ. އޭނާއާއެކު އެކީގައި ކާރުގެ ޑްރައިވަރުވެސް ފޭބިއެވެ. އޭރު އަމީންގެ އަތުގައި ނިކަން ރީތި މާބޮނޑިއެއް އޮތެވެ.

"މިއީ އެގެއަކީ.... މިހިފައިގެން ގޮސް ސާރާއާ ހަވާލުކޮށްފައި އާދޭ....ހަވާލުކުރުމަށްފަހު ވީހާވެސް އަވަހަކަށް ނުކުންނާތި....." އަމީން މާބޮނޑި ޑްރައިވަރާ ހަވާލުކުރިއެވެ. ޑްރައިވަރު މާބޮނޑި ހިފައިގެން ގޮސް އެގެއަށް ވަނެވެ. އަމީން އެރީ ކާރަށެވެ.

މާބޮނޑި ސާރާއާ ހަވާލުކުރުމަށްފަހު ދެތިންމިނެޓް ފަހުން ޑްރައިވަރުވެސް ނުކުތެވެ. އޭނާ އައިގޮތަށް އައިސް ކާރަށް އަރާ ކާރު ދުއްވާލިއެވެ.

"ސީދާ ސާރާއާތަ ހަވާލުކުރީ؟" ކާރު ދުއްވާލަމުން އަމީން އެއްސެވެ.

"ސާރާ ނޫން މީހަކު އެގެއަކު ނޫޅޭ....ކޮންތާކަށް ދާންވީ؟" އަމީންގެ ސުވާލަށް ޖަވާބުދިނުމަށްފަހު ޑްރައިވަރު އެހިއެވެ.

"އެމް.ޓީ.ސީ.ސީ ކައިރިއަށް......އަހަރެންގެ ސައިކަލް ހުރީ އެތާނގައި." އަމީން ބުންޏެވެ. ޑްރައިވަރު އެމް.ޓީ.ސީ.ސީ ޢިމާރާތާ ދިމާއަށް ކާރުގެ މިސްރާބު ބަދަލުކުރިއެވެ.

އޭރު ސާރާ އެކަނިމާއެކަނި ކޮޓަރިތެރޭ ހުރެ ނަށަނީއެވެ. މާބޮނޑި ލިބުނީމައެވެ. ތޮލާލު އަދިވެސް އޭނާގެ ހަނދާންތަކުގައި ދެމިހުރިކަން ޔަގީންވީމައެވެ. ގައިމެވެ. އެމާބޮނޑިއަކީ އަމީނު ފޮނުވި އެއްޗެއްކަން އޭނާއަށް އެގުނުނަމަ އޭނާ އެހާ ފުރިހަމަ ރައްކަލެއްގައި ރައްކާ ނުކުރީހެވެ. އޭނާ ޔަގީންކުރެއެވެ. ކޮންމެ ދުވަހަކު އޭނާއަށް މާލެއިން ވެދުން ކުރަނީ އޭނާ އެމީހަކަށްޓަކައި އޭނާގެ ހިތް މިލްކުކޮށްދީފައިވާ ލޯބިވެރިޔާ ތޮލާލެވެ.

"ތޮލާ އަހަރެންދެކެ ކިހާ ލޯބިވޭ....އެކަމަކު ދެރަކަމަކީ ތޮލާއާ ގުޅަން އުޅެ އުޅެ ނުގުޅޭތީ. މޮބައިލް އަބަދު އޮފްކޮށްފައި އޮންނަނީ.....އޭނަގެގޭ ނަމްބަރު އަހަންނަކަށް ނުވެސް އެނގޭ...." ސާރާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނާޒިޔާއާއެވެ.

"ވެދާނެއެއްނު ރަށުގައި ނޫޅެނީކަމަށްވެސް." ރަނގަޅަށް ވިސްނުނީ ނާޒިޔާއަށެވެ.

"އޭނަ މާލޭގައި ނެތި ކިހިނެއް ކޮންމެ ދުވަހަކު މާ ފޮނުވަނީ؟" ސާރާއަށް ސުވާލު ކުރެވުނީ އޭނާގެ އަމިއްލަ ހިތާއެވެ.

"ލޯބިވަންޏާ ފޮނުވިދާނެ...." ޖަވާބު ލިބުނީވެސް ހިތުންނެވެ.

"ސާރާ.....ގަނޑުވީތަ؟" ބުދެއްހެން އިން ސާރާ ސިއްސުވާލީ ގާތުގައި އިން ނާޒިޔާއެވެ. ސާރާއަށް ތެޅިގަނެވުމާއެކު ފުންކޮށް ނޭވާލެވުނެވެ.

"އާނ...ނޫން....ތޮލާއާ ދޭތެރޭ ވިސްނައިލެވުނީ....އަޅެ ޒިޔާ އަހަރެން ތޮލާދެކެ ހާދަ ލޯބިވެޔޭ...." ސާރާއަށް ވައިއަޑުން ބުނެލެވުނެވެ.

"ހިތަށްއަރާ އަހަންނަށް ކީއްވެބާއޭ އެއްވެސް މީހަކު ދެކެ ތިބުނާ ވަރަށް ލޯބިނުވެވުނީ...." ސާރާގެ ވާހަކައާއި ގުޅުވައިގެން ނާޒިޔާ ބުންޏެވެ.

"ތިބުނީ؟ ޝިފާނުދެކެ ޒިޔާ ލޯބިނުވާ ވާހަކަތަ؟" ސާރާ އެހިއެވެ.

"ލޯބިވޭ....އެކަމަކު ސާރާ ތިވާވަރެއް ނޫން....ތީދެން ލޯތްބޭ ކިޔާފަ ބޮޑުވަރު." ނާޒިޔާ ސާރާއާ ދިމާކުރިއެވެ.

"އަހަރެން ތޮލާލުދެކެވަނީ ޙަޤީޤީ ތެދުވެރިލޯބި." ސާރާ އިތުރަށް ތަފްސީލުދިނެވެ. ނާޒިޔާ ހީގަތެވެ.

"ތިބުނާ ތެދުވެރި ޙަޤީޤީލޯބި މިދުޔެއިންވެސް ދަންނަ މީހަކީ ސާރާ...." ނާޒިޔާ އަނެއްކާވެސް ސާރާއާ ދިމާކުރިއެވެ.

"އާނ....މިދުނިޔެއިންވެސް އަހަރެން އެންމެލޯބިވި މީހަކީ ސާރާ....ސާރާއަށް އަދި ވިސްނޭނެ......އަހަރެން އޭނަދެކެ ވަނީ ތެދުވެރި ލޯބިކަން އިޙްސާސްވީ ދުވަހަކުން އޭނާ އަހަރެންގެ ޙިމާޔަތަށް އެދޭނެ." އަމީންއާއި ތޮއްޔިބު ވާހަކަ ދައްކަން ތިބީ ސޯސަންމަގުގައި ހުރި ރެސްޓޯރެންޓެއްގެ ތެރޭގައެވެ.

"އަހަރެން އަބަދުވެސް ބުނަމެއްނު. ތިޔައީ ބޭކާރު ޚިޔާލުތަކެކޭ. ތިކުރަނީ އިސްރާފު ހޭދައެކޭ...." ތޮއްޔިބު ވާހަކަދެއްކީ އަމީންއާ ދެކޮޅަށެވެ. މިމޭރުމުން އޭނާ އަމީންއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރާތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް އަމީންގެ ޚިޔާލާއި ވިސްނުމެއް އޭނާއަށް ބަދަލެއް ނުކުރެވުނެވެ.

"ތޮއްޔިބު ތިގޮތަށް އުއްމީދު ގެއްލިފައި ހުއްޓަސް އަހަރެން އުއްމީދު ގެއްލުވައެއް ނުލާނަން....ސާރާދެކެ ޙަޤީޤީ ލޯބިވަނީ އަހަރެންކަން އަދި ފަހުން ސާރާއަށް ވިސްނޭނެ....އެދުވަހަކީ ސާރާގެ ލޯބި އަހަންނަށް މިލްކުވާ ދުވަސް....." ދެންވެސް އަމީން ފާޅުކުރީ އޭނާކުރާ ފޮނި އުއްމީދެވެ.

މިއާދައިގައި ދުވަސްތައް ކެނޑިނޭޅި ވެއަތުވަމުން ގޮސް ސާރާގެ އިންތިޒާރުގެ ވަގުތުވެސް ދިގުލަމުން ދިޔައެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މާބޮނޑީގެ ހަދިޔާ ލިބުނު ކަމުގައިވިޔަސް، އޭނާއަށް ތޮލާލުގެ އިތުރު ޚަބަރެއް ނުވޭމެއެވެ. އެހެންކަމުން އޭނާއަށް ހާލަތު މަޖުބޫރުކުރީ ތޮލާލުގެ ގެ ހޯދައިގެން އެގެއަށް ދިއުމަށެވެ. އެކަމަށް އޭނާއަށް ކިރިޔާ ވިސްނުނީއެވެ. ނަސީބު ދިމާކުރި ގޮތުން ތޮލާލުގެ ރައްޓެއްސެއް ކަމުގައިވާ ޝަފީޤުއާ ސާރާ ބައްދަލުވީ ތޮލާލުގެ ގެއަށް ދިއުމަށްޓަކައި ސާރާއާއި ނާޒިޔާ ގެއިން ނިކުތްތަނާއެވެ. ޝަފީޤަށް ގޮވާ އޭނާ ހުއްޓުވީ ސާރާގެ އެދުމުގެ މަތިން ނާޒިޔާއެވެ. އެކަހަލަ ކުދިކުދި ކަންތަކުގައި އޭނާ އަބަދުވެސް ރަޙްމަތްތެރިޔާއަށް އެހީތެރިވެއެވެ.

"ސާރާ....." ސާރާއަށް ގޮވާލަމުން ޝަފީޤު އައިސް ސާރާއާއި ދާދިގާތަށް ހުއްޓުނެވެ.

އެދުވަހު ޝަފީޤުގެ ފަރާތުން ތޮލާލުވީ އައްޑުއަށް ގޮސް ކަމާއި، އަންނާނެ ވަކިދުވަހެއް ނޭނގޭކަން އެނގުނެވެ. ވަގުތުން ސާރާ މާޔޫސްވެއްޖެއެވެ. އެންމެބޮޑަށް އޭނާ ދެރަވީ ޝަފީޤު އަތުންވެސް ތޮލާލާ ގުޅޭނެ ނަމްބަރެއްހާ މިންވަރުވެސް ނުލިބުނީމައެވެ.

"އަޅެ.....އަހަންނަށް ގުޅާވެސްނުލިޔޭ ތޮލާ......އަހަރެން ތޮލާއަށްޓަކައި މިފަދަ ބޮޑު ގުރުބާނީއެއް ވީއިރު ތޮލާ އަހަރެންގެ މަތިން ހަނދާން ނައްތާލީކީ ނޫންބާ......؟" ސާރާއަށް ރޮވުނީ ކޮޓަރީގައި އެކަނިވީމައެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް ފައިދާވާން ފެށުމާއެކު އޭނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.

ކޮޓަރިދޮރުގައި މީހަކު ޓަކިޖަހާލުމާއެކު ނަލަހެދެން ހުރި ފަޒީލާ ގޮސް ދޮރު ހުޅުވިއެވެ. ދޮރުމަތީގައި ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުވައިގެން ހުރި އެމީހަކަށް އޭނާއަށް އިންތިޒާރު ކުރެވެމުން އަންނަ މީހާ ތޮލާލެވެ.

"އަހަރެން.......އެތެރެއަށް ވަނުމުގެ ހުއްދައެއް ނުދޭނަންތަ؟" ތޮލާލު ދެދޮރު ކަނީގައި ދެއަތް ވިއްދައިގެންހުރެ ވާހަކަ ދެއްކިއެވެ.

'އުނހު....ވަދޭ އެތެރެއަށް...." ތޮލާލު ދޮރުލައްޕަމުން އެތެރެއަށް ވަނެވެ. އެއިރު ފަޒީލާ ހުރީ ކޮންމެވެސް ވަރަކަށް ލަދުވެސް ގެންފައެވެ.

"ހާދަ ލަދުގެންފަ ތިހުންނަނީ.....ފަޒީއަށް އަދިވެސް އިހްސާސް ކުރެވެނީތަ އަހަންނަކީ ފަޒީއާ ދުރު މީހެކޭ...." އެނދުގައި އިށީންނަމުން ތޮލާލު ބުންޏެވެ. ފަޒީލާ ބޯހޫރާލިއެވެ. ތޮލާލު އެނދުގައި އިށީނެވެ.

އެއީ ތޮލާލު ފަޒީލާގެ ގެއަށް ގޮސް ފަޒީލާއާ ބައްދަލުކުރި ފުރަތަމަ ދުވަހެއް ނޫނެވެ. އެކަހަލަ ކިތަންމެ ދުވަހެއް. ކިތަންމެ ރެއެއް ގޮއްސިއެވެ. އުފަލާއި ހިތްހަމަޖެހުމުގައެވެ. ފަޒީލާގެ ބޭރު ފުށުން އެފެންނަ ލަދުވެތިކަމަކީ ވެއަތުވެދިޔަ ރޭތަކުގައި އެދެލޯބިވެރިންގެ ދެމެދު ހިނގައިދިޔަ ޢަމަލުތަކާއި ޙަރަކާތްތަކުގެ ހަނދާންތައް އާވާތީ ވެރިވެފައިވާ ލަދުވެތިކަމެކެވެ.

"ފަޒީ އަހަރެން ބޭނުން....ވަރަށް އަވަހަށް ފަޒީއާ މެރީކުރަން." ތޮލާލު ތެދުވެގެން ގޮސް ފަޒީލާގެ ގާތަށް ހުއްޓި އިސްޖަހައިގެން އިން ފަޒީލާގެ ދަތްދޮޅީގައި ހިފައި އިސް އުފުލާލިއެވެ. ފަޒީލާގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އޭނާގެ މޫނުމަތިން މޭރުންވަނީ ނުތަނަވަސްކަމެވެ. ހާސްވުމާއި ކަންބޮޑުވުމެވެ.

"ފަޒީ އުފަލެއް ނުވޭތަ؟" ފަޒީލާގެ މޫނުމަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަމުން ތޮލާލަށް ކޮންމެވެސް އެއްޗެއް ވިސްނުނުކަހަލައެވެ.

"ވަރަށް.....ވަރަށް އުފާވޭ....އެކަމަކު....." ފަޒީލާ ކޮންމެވެސް ވާހަކައެއް ބުނަން އުޅެފައި ހުއްޓާލިއެވެ. އެކަމަކު ކީކޭތަ؟....." ފަޒީލާގެ މޫމުނަތިން ފާޅުވަމުންދިޔަ ނުތަނަވަސްކަމުން ތޮލާލުގެ ހިތުގައި ސުވާލު އުފެދުނެވެ.

"އަހަންނަށް....މަޢާފުކުރޭ ތޮލާލު........އަހަރެން ތޮލާލުދެކެ ވަރަށް ލޯބިވަން......އެކަމަކު އަހަންނަށް ތޮލާލާ އިނދެވޭނީ ތިންމަސްފަހުން......" ފަޒީލާގެ ދެލޯ ފެންކަޅިވެއްޖެއެވެ. އެއީ ތެދެކެވެ. އޭނާ އަދި އެހުރީ އެހެން މީހެއްގެ އިއްދައިގައެވެ. އޭނާ މާލެ ދޫކޮށް ރަށަށް އައީ އޭނާގެ ކުރީގެ ފިރިމީހާ ޝިޔާމް އޭނާ ވަރިކުރީމައެވެ. ޝިޔާމްގެ ވިޔާނުދާ އުޅުމުގެ ސަބަބުން ޝިޔާމްއާ ވަކިވީ އޭނާ އަމިއްލައަށް އެދިގެންނެވެ. ކޮންމެ ގޮތެއްވިޔަސް، ޝިޔާމް ނޫން މީހަކާ ދެން އޭނާއަށް އިނދެވޭނީ ތިންމަސް ފަހުންނެވެ.

"އަޅެ....ތިންމަސްފަސް ހާދަ ދުވަހެކޭ. ކިހިނެއް އަހަރެން އެހާ ދުވަހު މިރަށުގައި ހުންނާނީވެސް...." ތޮލާލު ބޯހޫރާލިއެވެ.

"އެކަމަކު ކީއްކުރާނީ؟ އަހަރެންވެސް ބޭނުމޭ ވާނެނަމަ ވީހާވެސް އަވަހަކަށް ތޮލާލާ މެރީކުރަން." މާޔޫސީ ރާގަކަށް ފަޒީލާ ބުންޏެވެ.

"މައްސަލައެއް ނެތް. ތިންމަސް ހަމަވާންވާއިރަށް އަހަރެން މާލެއަށް ގޮއްސަ އަންނާނަން.....އައިސް ކައިވެނި ކުރާނީ....." ތޮލާލު ބުންޏެވެ. ފަޒީލާ ބޯޖަހާލިއެވެ.

"އަހަރެން އިންތިޒާރު ކުރާނަން....." ފަޒީލާ ތޮލާލާ ގާތްވެ ތޮލާލުގެ މޭގައި ބޯއަޅާލިއެވެ.

އޭގެ ދެދުވަސް ފަހުން ތޮލާލު މާލެ ދިޔައެވެ. ތޮލާލު ދިއުމުން އޭނާގެ މަތިން ހަނދާން ކޮށްކޮށްފައި ފަޒީލާ ވަރަށް ރޮއި ހިތާމަކުރިއެވެ. އޭނާ ބޮޑަށް ދެރަވީ ތޮލާލާއެކު އުޅެވުނު ގާތްކަން ހިތަށް އެރީމައެވެ. އޭނާއަށް ތޮލާލާއެކު އުޅެވުނީ ހީކުރި ވަރަށްވުރެވެސް މާ ގާތްކޮށެވެ.

"ހީވޭތަ ފަޒީއާއި އިންނަންށޭ ކިޔާފަ އޭނަ މިރަށަށް އަންނާނެހެން....އަހަރެން ފިރިހެނުން ދައްކާ އެކަހަލަ ދަޅަތަކަކަށް ނުހެއްލޭނަން......" ފަޒީލާގެ ރަޙްމަތްތެރިޔާ ޒުހުދާ ވާހަކަ ދެއްކީ ފަޒީލާއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ފަޒީލާމެންގޭ ގޯތިތެރޭހުރި ޖޯލިފައްޗެއްގައެވެ.

"އަހަރެން ތޮލާއަށް އިތުބާރު ކުރަން. ތޮލާ ނުވާނެ ޝިޔާމް ހެނެއް......އަންނާނެ." ފަޒީލާ ތޮލާލަށް ކުރާ އިތުބާރު ބޮޑެވެ. އޭނާގެ ވާހަކައާއި ރާގުން އެކަން ދޭހަވެއެވެ.

"އަހަރެން ތިމީސްމީހުންނަށް އިތުބާރެއް ނުކުރާނަން. ތީ ހަމަ އެއްބަރަންޏެއް...." ޒުހުދާ ވާހަކަ ދެއްކީ ފިރިހެނުންނާ ދެކޮޅަށެވެ.

"ތޮލާއަކީ ޒުހޫ ތިހީކުރާ ކަހަލަ މީހެއް ނޫން." ތޮލާލުގެ ދިފާއުގައި ފަޒީލާ ބުންޏެވެ.

"ފިރިހެނުންނަށް ތިވަރަށް އިތުބާރު ކުރާކަށް ނުވާނެ." ދެންވެސް ޒުހުދާ ވާހަކަ ދެއްކީ ފަޒީލާއާ ދެކޮޅަށެވެ.

"އަހަރެން އަބަދުވެސް އޭނާއަށް އިތުބާރު ކުރާނަން." ސާރާ ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނާޒިޔާއާއެވެ.

"އޭނާއަކީ ސާރާ ތިބުނާ ވަރަށް ސާރާގެ މަތިން ހަނދާންކުރާ މީހެއްނަމަ، އައްޑުއަށް ގޮސް މިވީހާ ދުވަހު ސާރާއަށް އެންމެފަހަރަކު ނަމަވެސް ގުޅީހެއްނު." ނާޒިޔާ ސާރާ ގާތުގައި އިށީންނަމުން ބުންޏެވެ. އެއީ ފަހަކަށް އައިސް ނާޒިޔާގެ އާދައެކެވެ. ކޮންމެ ދުވަހަކުވެސް އޭނާ ސާރާއަށް ނަސޭހަތްދީ އޭނާގެ ވިސްނުން ބަދަލުކުރެވޭތޯ އިންތިހާއަށް މަސައްކަތް ކުރެއެވެ. އޭނާގެ ނަސޭހަތަކީ އަލުން އަމީނާ ގުޅުން ރަނގަޅު ކުރުމަށެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 21 އިން 24 ށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން