ޞާދިރު ޢަލީދީދީ   17 ޖޫން 2021 - 14:36
ބޯގަންވިލާ
ބޯގަންވިލާ
05 ވަނަ ބައި

................

"ސާރާ މަސައްކަތް ކުރަމުން ތިދަނީ ސާރާގެ ލޯބި ހޯދުމަށް. ސާރާ ފަދައިން އަހަރެންވެސް މަސައްކަތް ކުރަމުން މިދަނީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައިވާ ސާރާގެ ލޯބި ހޯދުމަށް މިއީ ކުށެއް ކަމަކަށް އަހަރެން ފަހަރެއްގައިވެސް ގަބޫލެއް ނުކުރާނަން." އަމީން ސާރާގެ އަތުގައި ހިފެހެއްޓިއެވެ.

"ދޫކުރޭ....އަހަރެންގެ އަތުން ދޫކުރޭ...." ސާރާ އުޅުނީ އަމީންގެ އަތް ފޮޅުވާލާށެވެ. ނަމަވެސް އެހެން ޖަހާލާ ކުއްލިއަކުން ފޮޅުވާލެވޭ ވަރަށްވުރެން އޭނާ ސާރާގެ އަތުގައި ހިފަހައްޓާފައިވާލެއް މާބާރެވެ.

"މަންމަމެންނަށް އަހަރެމެންގެ އަޑު އިވިއްޖެއްޔާ މާރީއްޗެއް ނުވާނެ. އާދޭ ކޮޓަރިއަށް...." އަމީން ސާރާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

"ސާރާ ހީނުކުރާތި ސާރާގެ ނުރުހުމުގައި އަހަރެން ސާރާގެ ގައިގައި ބީހިވެސްލާނެއޭ....އަހަންނަކީ ފިރިމީހާ ކަމުގައި ވިޔަސް އަހަރެން އެބާރެއް ނުފޯރުވާނަން." އަމީން ކޮޓަރިއަށް ވަދެ އެނދުގައި އިށީންނަމުން ބުންޏެވެ. އޭރުވެސް ސާރާއަށް ރޮވެނީއެވެ.

އެހެންވެ އަމީން އިތުރަށް ސާރާއަކާ ވާހަކައެއް ނުދައްކައެވެ. އޭނާ ނުކުމެގެން ދިޔައީއެވެ. ބޭރުތެރޭ އުޅުމަށްފަހު އަމީންގެ މަންމައާއި ބައްޕަ ޒުބައިރު ގެއަށް އައިސްވަނީ އެވަގުތުއެވެ.

"ދަރިފުޅާ ސާރާ....." އަމީންގެ މަންމަ ރަޒިއްޔާ އެތެރެއަށް ވަންނަމުން ސާރާއަށް ގޮވިއެވެ. ދެލޯ ފޮހެލަމުން ސާރާ ނިކަން އަވަހަށް ކޮޓަރިން ނުކުތެވެ. އެއިރު ސިޓިންގރޫމްގައި ހިނިއައިސްފައި ބަފައިބެއާއި މައިދައިތައާ ދެމީހުން ތިއްބެވެ.

ރަޒިއްޔާގެ އަތުގައި އެތެރެ ނުފެންނަ ކޮތަޅެއްވެސް އޮތެވެ. ހީވާގޮތުން ބާޒާރުން ސާރާއަށް ދޭން ކޮންމެވެސް އެއްޗެއް ގަނެގެން އައިސް އުޅެނީއެވެ.

"ދަރިފުޅާ ނިކަން މަންމަމެންގެ ގާތަށް އައިސްބަލަ. މިއޮތީ ދަރިފުޅަށް ގެނައި ވަރަށްރީތި ފައިވާނެއް." ރަޒިއްޔާ ކޮތަޅު ސާރާއާ ދިމާއަށް ދިއްކުރިއެވެ. ސާރާ ކޮތަޅުގައި ހިފަމުން މަންމައާ ދިމާއަށް ހީނލިއެވެ.

"ދަރިފުޅާ ފައިވާން ރީތިތޯއާއި ހެޔޮވަރުތޯވެސް ބަލަންވާނެއެއްނު." ސާރާ ކޮތަޅު ހިފައިގެން ހިނގައިގަތުމުން ޒުބައިރު ސާރާ ހުއްޓުވިއެވެ.

"ދަރިފުޅާ.....އަދިވެސް ހާދަ ބީރައްޓެހިވެގެނޭ ތިޔައުޅެނީ...މިހާރު މިގޭގެ ވެރިޔަކީވެސް މިގޭގެ ހުރިހާ އުފަލަކީވެސް ތިޔައީ." ރަޒިއްޔާ ސާރާގެ އަތުގައި ހިފައިގެން ގެނެސް ޒުބައިރު އިން ސޯފާގެ އެއްފަރާތެއްގައި ބޭންދިއެވެ.

"ޝުކުރިއްޔާ....މަންމާ.....ފައިވާން ވަރަށްރީތި." ސާރާ ފައިވާނަށް އެރިއެވެ.

"ޙަޤީޤަތުގައިވެސް ވަރަށް ރީތިދޯ؟" ތޮލާލު ވާހަކަ ދެއްކީ އޭނާގެ ރަޙްމަތްތެރިޔާ ނާޒިމްއާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ތޮލާލުގެ ކޮޓަރިތެރޭގައެވެ. މައުޟޫއަކީ ތޮލާލުގެ ކޮޓަރި ފާރުގައި ހަރުކޮށްފައި ހުރި ސާރާގެ ފޮޓޯގަނޑުގެ ރީތިކަމާއި ފުރިހަމަކަމުގެ ވާހަކައެވެ.

"އަސްލު ދޫކޮށްލާވަރުގެ ބިޓެއްނޫން...ވަރަށްރީތި ފޭސްއެއް....ހިތަށްއަރާ ތޮލާލަށްވުރެން ކުރިން ސާރާ އަހަންނަށް ފެނުނުނަމައޭ...." ނާޒިމް ތޮލާލާ ދިމާކުރާފަދަ ގޮތަކަށް ސަމާސާ ކުރިއެވެ.

"އެކަމަކު މިހާރު މީހެއްގެ އަތްބެއްދޯ؟" ތޮލާލު ބޯކަހާލިއެވެ. އެކަމަކުވެސް އޭނާ ސާރާއަށް އިންތިޒާރު ކުރާނެއެވެ. އޭނާ އުއްމީދު ކުރެއެވެ. ސާރާގެ ލޯބި އޭނާއަށް ކާމިޔާބު ކުރެވޭނެއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ސާރާ އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އޭނާވެސް ސާރާދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. އެކަން ތޮލާލު ދަންނަ ކޮންމެ މީހަކަށްވެސް ދޭހަވާނެއެވެ. ބައެއް ރައްޓެހިން އޭނާއަށް ވިސްނައިދީ ނަސޭހަތްތެރިވެސްވެއެވެ. މީހެއްގެ އަންބަކާ ދޭތެރޭ ލޯބީގެ ނަޒަރުން ނުވިސްނުމަށެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަމީންއާއި ސާރާގެ ކައިވެންޏަށް ހަތްމަސް ފުރިއްޖެއެވެ. އެހެން ނަމަވެސް އަދި އަދަށްދާންދެންވެސް ކެނޑިނޭޅި އަމީން ލޯބި ހޯދުމަށް ކުރަމުންއައި މަސައްކަތަށް ކާމިޔާބުގެ ކުޑަވެސް އަލިމަގެއް ނުފެނޭމެއެވެ. އެހެންކަމުން ކުރިން އެއްވެސް މާޔޫސްކަމެއް ނެތި ކުރިއަށް ފިޔަވަޅު އަޅަމުން އައި އަމީނަށް މާޔޫސީ ޙިއްޞާކުރަން މިހާރު މަޖުބޫރު ވެއްޖެއެވެ.

"ސާރާ ލައްކަ ދުވަސް ވަންދެން އަހަންނަށް ސާރާގެ ލޯތްބަށް ހުރަސް އެޅިއްޖެ. ވޭތުވި ދުވަސްތަކުގައި ސާރާ ތޮލާލުދެކެވަނީ ތެދުވެރި ލޯބިކަން ސާބިތުކޮށްދީފި....އަހަރެން މިހާރު ގަސްދުކޮށްފިން ސާރާގެ ލޯބި ހޯދައިދޭން....ސާރާ ބޭނުނެއްވެއްޖެއްޔާ ސާރާ މިނިވަންކޮށްދޭންވެސް އަހަރެން މިހިރީ ތައްޔާރަށް." ސާރާއަށް އުއްމީދީ އަލިކަމެއް ދެއްކުމަށްފަހު އަމީން ކޮޓަރިން ނުކުތެވެ. އުއްމީދީ އަލިން ސާރާގެ މޫނުމަތި އަލިވެ އުޖާލާވިއެވެ.

ޖެހިގެން އައި ދުވަހު ސާރާގެ ހިތް އެދޭގޮތަށް އަމީން ސާރާއަށް ފުރުސަތުދިނެވެ. ނަސީބު ދިމާކުރިގޮތުން ސާރާ މިނިވަންވީއިރު އޭނާގެ ލޯބިވެރިޔާ ތޮލާލުވީ ޗުއްޓީ ދަތުރެއްގައި ރާއްޖެތެރެއަށް ގޮހެވެ. އެކަހަލަ ޗުއްޓީ ދަތުރުތަކަކީ ވަރަށްގިނަ ފިރިހެނުންގެ މިޞްރާބު ބަދަލުކޮށްލާ ދަތުރުތަކަށްވެއެވެ. އެހެން ނަމަވެސް ސާރާ ތޮލާލަށް އިތުބާރު ކުރެއެވެ. އިންތިހާއަށެވެ. އޭނާ ޔަގީންކުރެއެވެ. ތޮލާލުގެ މިސްރާބު ބަދަލެއްނުވާނެއެވެ. ކިތަންމެ ދުވަހެއް ވިޔަސް ތޮލާލު އޭނާއަށް އިންތިޒާރު ކުރާނެއެވެ. ނަމަވެސް ތަޤްދީރު ރޭވެމުންދާގޮތް ކުރިން އެކަކަށްވެސް ނޭނގޭނެއެވެ. އެކަން ހަނދާންވުމުން ސާރާ ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ.

ސާރާ ގެއަށް އައުމުން އޭނާގެ ބައްޕައާއި މަންމަ ނިކަން ގިނަގޮތްގޮތަށް ސާރާއާ ސުވާލުކޮށް ހެދިއެވެ. ނަމަވެސް މަންމައާއި ބައްޕަގެ އެއްވެސް ސުވާލަކަށް އޭނާ ޖަވާބުދާރީއެއް ނުވެއެވެ. އޭނާ މަންމައާއި ބައްޕަ ގާތު ތަކުރާރުކޮށް އެދުނީ އޭނާއާ ސުވާލުތައް ނުކުރުމަށެވެ.

"އަހަރެމެންނަށް އެކުގައި އުޅެވެން ނެތީމަ ވަކިވީ. އަހަރެމެން ވާހަކަ ދައްކާފައި ގޮތެއް ނިންމީވެސް." މަންމަގެ ސުވާލުތައް ގިނަވާން ފެށުމުން އެންމެފަހުން ސާރާއަށް މަޖުބޫރުވީ ވަކިވުމުގެ ތަފްޞީލު މަންމައަށްދޭށެވެ.

"ދަރިފުޅަށް ހަމަ ސާބަސް. ނަސީބެއް ލިބުނީމާވެސް އެނަސީބު ބަލައިގަންނާކަށް ނޭނގުނު. އަމީން ކަހަލަ މީހަކު ދެން ދަރިފުޅުގެ ޙަޔާތަށް އަންނާނެތަ؟" މިފަހަރު ސާރާއާ ވާހަކަ ދެއްކީ ބައްޕަ އިސްމާއީލް މަނިކެވެ.

"ތިހެން ނުބެނޭ ބައްޕާ. އަހަންނަށް އަމީނަށް ވުރެން މާރަނގަޅު މީހަކުވެސް ލިބިދާނެ." ސާރާ އިސްޖަހާލިއެވެ. ހުސްނާ އައިސް ސާރާގެ ގާތުގައި އިނށީދެ ސާރާގެ ބޮލުގައި ފިރުމާލިއެވެ.

"ތެދެއް އިސްމާއީލް، މިމަންޖެއަށް އަދި މާރަނގަޅު ބައިވެރިޔަކުވެސް ލިބިދާނެ...." ހުސްނާ ސާރާ ދިފާއުކުރިއެވެ. އެއީ އޭނާގެ އަބަދުގެވެސް އާދައެކެވެ. އެހެންމީހުންގެ ބަހުގެ ހަމަލާތަކުން އޭނާ އަބަދުވެސް ސާރާ ދިފާޢު ކުރެއެވެ. އެހެންކަމުން މަންމައަކީ އޭނާގެ ދިފާޢީ އައްޑަނައެއް ކަމުގައި ސާރާ ދެކެއެވެ. އާއިލާއިން އެމީހަކަށްޓަކައި އޭނާ އެންމެ ފަޚްރުވެރިވާ މީހަކީވެސް މަންމައެވެ.

ތޮލާލު ދަތުރު ކުރަމުންދިޔަ ކާރު އޭގެ ބާރު ދުވެލީގައި ހިތަދޫން ގަމަށް ދުއްވަމުން ދެއެވެ. ތޮލާލު އިނީ ޑްރައިވަރާއެކު ކުރީ ސީޓްގައެވެ. އެދަތުރަކީ އޭނާ އައްޑުއަތޮޅަށް ކުރި ފުރަތަމަ ދަތުރަށްވުމުން އޭނާ އެއްވެސް ފޫހިކަމެއްނެތި އެކިފަރާތް ފަރާތަށް ކަޅި އުކަމުން ދެއެވެ. ފެންނަމުން ދަނީ މުޅިން އާމޫނުތަކާއި މަދުން ނަމަވެސް މާލޭ މަގުތަކުން ފެނި ލޮލާއި ރައްޓެހި ވެފައިވާ މޫނުތަކެވެ.

"އިނގިރޭސިންގެ ކުލަ ނިކަން ރަނގަޅަށް މިރަށުގައި އެބަހުރި. ގަމުގައި ދުއްވާލެވޭއިރު އިޙްސާސް ކުރެވެނީ ބޭރުތަނެއްގައި އުޅެވޭހެން." ކާރު ގަމާއި ފޭދޫއާއި ދޭތެރޭގައި އޮންނަ ފާލަމާ އަރާ ހަމަވުމުން ތޮލާލު ޑްރައިވަރާ މުޚާޠަބް ކުރިއެވެ.

"މީގެ އަހަރުތަކެއް ކުރިން ތޮލާލަށް މިރަށަށް އާދެވުނުނަމަ، މިރަށުގެ އަސްލު ރީތިކަން ފެނުނީސް. މިހާރު މިތަން މިއޮތީ ވަރަށް ބޮޑަށް ވީރާނާވެފައި....." ކާރު ދުއްވަން އިން ތޮލާލުގެ ރަޙްމަތްތެރިޔާ މަސީހު ބުންޏެވެ. މަސީހަކީ އައްޑުއަތޮޅުގައި ހުރި ތޮލާލުގެ އެންމެ ގާތް ރަޙްމަތްތެރިޔާއެވެ. ތޮލާލުގެ މިދަތުރަކީވެސް މަސީހުގެ ދަޢުވަތަކަށް ކުރި ދަތުރެކެވެ.

މަސީހަކީ ހިތަދޫ މާޖެހިގޭ ފަރީދާއާއި ރާޝިދާގެ ހަތަރު ކުދިންގެ ތެރެއިން ދެވަނަ ފިރިހެން ކުއްޖާއެވެ. އަމިއްލަ ކާރެއްގައި އޭނާ ޓެކްސީ ކުރާތާ މިހާރު އަހަރަކަށްވުރެން ގިނަދުވަސް ވެދާނެއެވެ.

"ހިތަށްއަރާ ވަޒީފާގެ ތަނަވަސްކަމެއް އޮންނަނަމަ ހާދަވަރަކަށް މިއަތޮޅު ތަރައްޤީވާނެއޭ.....އިރާދަކުރެއްވިއްޔާ ދެން މާގިނަ ދުވަހެއް ނުވެ ވިލިނގިލިވެސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ....އޭރުން ފަތުރުވެރިއަކަށް ގަލެއް އޮމާންކޮށްލާފައި ދިއްކުރިޔަސް ޑޮލަރެއް ލިބިދާނެ." މަސީހު އުއްމީދު ފާޅުކުރިއެވެ. އެއީ މަސީހު އެކަނިކުރާ އުއްމީދެއް، ދެކޭ ހުވަފެންތަކެއް ނޫނެވެ. އެއީ އައްޑުއަށް ނިސްބަތްވާ ނޫނީ މުޅި ދެކުނަށް ނިސްބަތްވާ ކޮންމެ މީހަކުވެސް ކުރާ އުއްމީދެކެވެ.

"އިންތިޒާރު ކޮށްލާ، ދެން މާގިނަދުވަހެއް ނުވާނެ." ތޮލާލު ހީލަމުން ބުނެލިއެވެ. އޭރު މަސީހު ކާރު ދުއްވަމުން ދިޔައީ ރަންވޭއާ ދިމާއަށެވެ. އެއީ ފްލައިޓްވެސް ޖައްސާ ގަޑިކަމަށް ވުމާއެކު ދަތުރެއްވެސް ނެގުމުގެ ގަސްދުގައެވެ.

"އޭތް....ކޮބާތަ ސާރާ މިހާރު......" ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް މަސީހު އެއްސެވެ.

"ކިހިނެއްވީ؟ ކުއްލިއަކަށް ސާރާގެމަތިން ހަނދާންވީ؟" ޖަވާބުދިނުމުގެ ބަދަލުގައި ތޮލާލުވެސް ކުރީ ސުވާލެކެވެ.

"އެދާ ރީތިކުދިން ފެނުނީމަ ކުއްލިއަކަށް ހަނދާންވީ؟" މަސީހު ޓާމިނަލް ކުރިމަތީގައި ކާރު ޕާކުކުރިއެވެ.

"އަމީން އާއި އިނދެގެން އެބައުޅޭ.....ހިއެއްނުވޭ މާރަނގަޅަކަށްހެން އުޅެނީކީ. ކޮންމެ ގޮތެއްވިޔަސް، އަހަންނަކަށްވެސް އަބަދަކު މިގޮތަކަށް ނުހުރެވޭނެދޯ؟....އެކަމަކު ސާރާދެކެ އަހަރެން ވަރަށް ލޯބިވޭ......" ތޮލާލު ކާރުން ފައިބަމުން ބުންޏެވެ. ފުރަތަމަ ތޮލާލު ގޮވައިގެން މަސީހު ގޮސް ވަނީ ކުރިމަތީގައި ހުރި ރެސްޓޯރެންޓަށެވެ. ސާރާ ފިޔަވައި އެހެން އަންހެން ކުއްޖެއްގެ ތަސްވީރު ތޮލާލުގެ ހިތުގައި ކުރެހުނީވެސް އެދުވަހުއެވެ.

ފަޒީލާއަށް ރީތި ހުރިހާ ސިފަތަކެއް ލިބިފައިވާ ކަހަލައެވެ. ތޮލާލަށް ފަޒީލާ ފުރަތަމަ ފެނުނީ މާލެއިން އައި މީހުންގަޑުގެ ތެރެއިންނެވެ. އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާގެ ނަޒަރު ފުރޭނިގެންގޮސް އަމާޒުވީ ސީދާ ފަޒީލާއަށެވެ. ފަޒީލާ ލައިގެންހުރި ހެދުމުން އޭނާއަކީ ޒަމާނީ ފެޝަނަށް ލޯބިކުރާ އަންހެން ކުއްޖެއްކަން ތޮލާލަށް އެނގުނެވެ.

"މީހުން ކިތަންމެ ބުންޏަސް ކުރިއަކުން އަހަރެން ގަބޫލެއް ނުކުރަން މިއަތޮޅުން މިހާ ރީތި ކުދިން ފެންނާނެ ކަމަކަށް....ހާދަ ރީއްޗޭ....ހާދަ ފުރިހަމައޭ....." ތޮލާލު ފަޒީލާގެ ރީތިކަމަށް ތަޢުރީފް ކުރިއެވެ. މަސީހު ގާތުގައެވެ.

"އަހަންނަށް މާރީތި ކުދިން ދިމާވޭ މާލެއިން." އެއީ ތެދެކެވެ. އޭނާއަށް އަބަދުވެސް ރީތިވަނީ އަތޮޅުން ބޭރު ރަށްރަށު ކުދިންނެވެ. އެކަމުގެ ފުރިހަމަ ހެއްކެކެވެ. އޭނާގެ ޙަޔާތުގެ ބައިވެރިޔާ، ޝަޒްނާއަކީ ރަށުން ބޭރު އަންހެނެކެވެ.

"އެހެންވެދޯ؟ ރަށުން ބޭރުން މީހަކާ އިނީ...." ވާހަކަ ދައްކަމުން ގޮސް ތޮލާލު ކާރަށް އެރިއެވެ. އެވަގުތު ތޮލާލުގެ އަތުގައި މަސީހު ކޮއްޓާލިއެވެ.

"ކިހިނެއްވީ؟" ތޮލާލު އަހާލިއެވެ. މަސީހު ދެއްކީ އެކާރާ ދިމާއަށް ހިނގާފައި އައިސް އައިސް ހުރި ފަޒީލާއެވެ.

"އެކްސްކިއުޒް....ދަތުރެއް ކުރެވިދާނެތަ؟" ކާރާ އަރާ ހަމަކޮށް ފަޒީލާ އައްޑޫ ބަހުރުވައިން ވާހަކަ ދެއްކިއެވެ. މަސީހު ބޮލުގެ އިޝާރާތުން އާއެކޭ ބުނީމާ ފަޒީލާ ދަބަސް ހިފައިގެން އައިސް ކާރަށް އަރައިފިއެވެ. ފަޒީލާއަކީ މަސީހުވެސް ކޮންމެވެސް ވަރަކަށް ދަންނަ އަންހެން ކުއްޖެކެވެ.

"ފަޒީލާ އަންނަކަން ތިގޭ މީހުންނަށް ނޭނގެނީތަ؟" ކާރު ދުއްވާލަމުން މަސީހު އެއްސެވެ. އައްޑޫ ބަހުރުވައިންނެވެ. މަސީހުގެ ގާތުގައި ކުރީ ސީޓުގައި އިން ތޮލާލަށް މަސީހު ދެއްކި ވާހަކަ ރޭކާވެސް ނުލިއެވެ. އެހެންވެ އޭނާ އިނީވެސް ނިކަން ކަނުލާ އަޑުއަހައިގެންނެވެ.

"އާނ. އެކަކަށްވެސް ނޭނގޭނެ.....މިއަދަކީ މަންމަގެ އުފަންދުވަސް. އެހެންވެ އެކަކަށްވެސް ނާންގާ މިއައީ." ފަޒީލާ އޮޅުންފިލުވައިދިނެވެ.

ތޮލާލު އިނީ ލޯގަނޑުން ސީދާ ފަޒީލާގެ މޫނަށް ކަޅި ހުއްޓައިގެންނެވެ. ވަކިހިސާބަކުން ފަޒީލާއަށް އެކަން އެގުނުވެސްމެއެވެ. އެހެންކަމުން ތޮލާލުގެ ނަޒަރުން ސަލާމަތްވުމަށްޓަކައި އޭނާ އެއްފަރާތަކަށް ޖެހުނެވެ.

"މަސީހު އަހަރެން ބޭނުން އައްޑޫ ބަހުރުވަ ރަނގަޅަށް ދަސްކުރަން....ވަރަށްރީތި....ޚާއްޞަކޮށް އަންހެން ކުދިން އަވަސްކޮށް ދައްކާއިރު ވަރަށް އަޑުއަހާހިތްވޭ." ފަޒީލާއާ ވާހަކަ ދެއްކުމުގެ ގަސްދުގައި ތޮލާލު ބުންޏެވެ. ފަޒީލާގެ ތުންފަތުގައި ކުޅެލީ ހިމޭން ހިނިތުންވުމެކެވެ.

"ތިހެންވީއިރު މިބަހުރުވަ ތޮލާއަށް ދަސްކޮށްދޭންޖެހޭނީވެސް އަންހެން ކުއްޖެއްތާދޯ؟" މަސީހު ދޯއެއްލީ ފަޒީލާއާ ދިމާއަށެވެ. ފަޒީލާ ދޯގައި ހިފީ ބޮލުގެ އިޝާރާތަކުންނެވެ.

"ފަޒީލާ ދަސްކޮށްދީފާނަންދޯ؟" ފުރަތަމަ ފަހަރަށް ތޮލާލު ސީދާ ފަޒީލާއާ ވާހަކަ ދެއްކިއެވެ. ފަޒީލާގެ ގާތަށް އައީ މިފަހަރުވެސް ހިންޏެވެ.

"އަހަންނަކީ ޓީޗަރެއް ނޫން...ޓީޗަރެއްނަމަ ތިޔައީ އެއްވެސް ކަމެއް ނޫން..." ފަޒީލާވެސް ތޮލާލާ ދިމާއަށް ބަލައިލިއެވެ.

********************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 17 އިން 20 ށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން