ޞާދިރު ޢަލީދީދީ   13 ޖޫން 2021 - 12:27
ބޯގަންވިލާ
ބޯގަންވިލާ
ބޯގަންވިލާ - 01 ވަނަ ބައި

..................................

އެގޭގެ ކޮންމެ ދިމާއަކަށް ބަލައިލިޔަސް ފެންނަމުންދަނީ އުފާވެރި މޫނުތަކެވެ. ތަފާތު ކުލަ ކުލައިގެ މާގަސްތަކާއި ނިވިދިއްލޭ ބޮކިތަކުން ޒީނަތްތެރި ކުރެވިފައިވާ އެގޭގެ ގޯތިތެރެވަނީ އެޙަފުލާއަށް ޙާޟިރުވެފައިވާ ދެޖިންސުގެ ތަފާތު އުމުރުތަކުގެ މީހުންތަކުން ފުރިފައެވެ. ގޯތިތެރޭގެ އެއްފަރާތެއްގައި ތައްޔާރު ކޮށްފައިވާ ކުޑަވަރެއްގެ އިސްޓޭޖެއްގައި ރާއްޖޭގެ މަޝްހޫރު މިޔުޒިކް ބޭންޑެއް ޙަރަކާތްތެރިވަމުން ދެއެވެ. އެއްފަރާތެއްގައި އަށާރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖަކު ނިކަން ރީތިކޮށް ނަލަހެދިލައިގެން ހުއްޓެވެ. އަންނަމުންދިޔަ ކޮންމެ މެހްމާނަކުވެސް ވަނުމުގެ ކުރިން އެކުއްޖާއާއި ސަލާމް ކުރެއެވެ. އެއަށްފަހު މަޑުމަޑުން ކޮންމެވެސް ވާހަކަތަކެއްވެސް ދައްކައެވެ.

އެގެއަކީ ކޮންގެއެއްތޯއެވެ. އެގޭގައި ފާހަގަ އެކުރަނީ ކޮންކަހަލަ ޙަފްލާއެއްތޯއެވެ؟ އަންނަ މެހްމާނުން ސަލާމްކޮށް ވާހަކަ އެދައްކާ ކުއްޖަކީ ކާކުތޯއެވެ؟ އާއެކެވެ. އެއީ މާފަންނު ޕޫލްކިނާރާއެވެ. އެއްފަރާތެއްގައި މެހްމާންދާރީ އަދާކުރަން ހުއްޓި އެހުރީ އެގޭ ކުއްޖާ ސާރާއެވެ. އެޙަފްލާއަކީ ސާރާގެ އަށާރަވަނަ އުފަންދުވަހާއެކު ސާރާގެ ޙަޔާތުގައި ދިމާވި ބަލިމަޑުކަމަކުން ސަލާމަތްވުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން ސާރާގެ މަންމައާއި ބައްޕަ އިންތިޒާމުކުރި ޙަފްލާއެކެވެ.

"ހެޕީބާތުޑޭ ސާރާ..." އަންނަ މެހްމާނުންނާއި ސަލާމްކޮށް މެހްމާންދާރީ އަދާކުރަމުންދިޔަ ސާރާ ސިހުނީ ކުރިން އޭނާ ނުވެސް ދަންނަ އަޑަކުންނެވެ.

"ޝުކުރިއްޔާ...." ޝުކުރު އަދާކުރުމަށްފަހު ސާރާ ކުރިމަތީގައި ހުރި ޒުވާނާ ދިއްކުރި މާބޮނޑީގައި ހިފިއެވެ. އެޒުވާނާ ހުރީ ސީދާ ސާރާގެ މޫނަށް ބަލަހައްޓައިގެން ހިނި އައިސްފައެވެ. ސާރާވެސް ހީލިއެވެ.

"އަހަންނަށް ކިޔަނީ ތޮލާލު" އެޒުވާނާ އަމިއްލައަށް ތަޢާރަފުވިއެވެ. ތޮލާލުގެ އެހަރަކާތުން ސާރާ ތޮލާލާ ދޭތެރޭ ޝައުޤުވެރިވިއެވެ.

"ހިތަށްއެރިއެވެ. ތޮލާލު، މިއީ މީގެކުރިން ދުވަހަކުވެސް ދުށް މީހެއް ނޫނެވެ. އެކަމަކު ނުވެސް ދަންނަ މީހަކަށް މިޙަފްލާއަށް ދަޢުވަތު އެރުވުނީ ކިހިނެއްބާއެވެ. ޔަޤީނެވެ. އެވާނީ ކޮންމެވެސް ރައްޓެއްސެއްގެ ފަރާތުން ލިބުނު ދައުވަތެއްގެ އެހީގައި އައީ ކަމަށެވެ." މިޚިޔާލުގައި ހުރި ސާރާ މިއޮއް އުފާވެރި ވަގުތުވެސް ކޮންހާ ވިސްނުމެއް. ތިކުރާ ޚިޔާލުތަކާ ދުރުވެ މެހްމާނުންނަށް ސަމާލުވެ ހުރެބަލަ. ހެޕީބާރތްޑޭ ސާރާ...." އެއީ ސާރާގެ އެންމެ ގިނަދުވަސްވީ ރަޙްމަތްތެރިޔާ ނާޒިޔާއެވެ.

"ޒިޔާ..... ތަންކޮޅެއް ގާތަށް އައިސްބަލަ.... އެހުރީނުން ރަތްކުލައިގެ ޓީޝާޓަކާއި އައިސްބްލޫ ޖިންސެއް ލައިގެން .... ދަންނަންތަ އެއީ ކާކުކަން؟" ސާރާ އެމީހުނާ ވިއްސަކަށް ފޫޓް ދުރުގައި ހުއްޓި ކޮންމެވެސް ބަޔަކާ ވާހަކަ ދައްކަންހުރި ތޮލާލަށް އިޝާރާތް ކޮށްފައި އެއްސެވެ.

"ނޭނގެ. ނުދަންނަން ކާކުކަމެއް. ވަރަށް ސްމާޓްދޯ. ސާރާއާ ވަރަށްގުޅޭ." ނާޒިޔާ ހީގެންފައި ބުންޏެވެ.

"އަޅެ އެހެންވާނެ އެއްނު. އަހަރެން ނުވެސް ދަންނަ މީހެއް. އެކަމަކު އޭނަ އަހަންނަށް ތަޢާރަފުވީއިރު ހީވީ ވަރަށް ގާތް މީހެއްހެން.... އަހަންނަށްވެސް އޭނަ ވަރަށްރީތި..... އެކަމަކު ބުނެއުޅެއެއްނު ވިދާހާ އެއްޗިއްސަކީ ރަނެއް ނޫނޭ..... މިހާރު މިތާހުރެހުރެ ދެފައި ވާޅުވެއްޖެ.... ހިނގާބަލަ އިށީނދެލަން." ސާރާ ނާޒިޔާގެ އަތުގައި ހިފައިގެންގޮސް ކުރިމަތީގައި އަތުރާފައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި އިށީނެވެ.

އެވަގުތު އެޒުވާނާ އާދެ! ތޮލާލުގެ ނަޒަރު ސީދާ އޭނާއަށް ހުއްޓިފައިވާތަން ސާރާއަށް ފެނިއްޖެއެވެ. ތޮލާލުގެ އެނަޒަރުން ސާރާ ލަދުގަނެއްޖެއެވެ. އޭނާއަށް އިސްޖަހާލެވުމާއެކު ލޮލުގެ ކުޑަކޮޅުން ތޮލާލުގެ ހަރަކާތްތަކަށް ބެލެން ފެށުނެވެ.

ތޮލާލު ހީވަނީ ސާރާގެ މޫނުމަތީގައި ލިޔެފައިވާ ލިޔުމެއް ކިޔަން އުޅޭހެނެވެ. އެންމެފަހުން ތޮލާލުގެ އެތޫނު ނަޒަރުން ސާރާއަށް އުނދަގޫވާން ފަށައިފިއެވެ. ސާރާ ތޮލާލަށް ފުރަގަސްވާގޮތަށް އެނބުރިއްޖެއެވެ. ސާރާގެ އެހަރަކާތުން ތޮލާލުގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އެއިރުވެސް މެދުކެނޑުމެއްނެތި  މިޔުޒިކް ބޭންޑުން ލަވަތައް ހުށަހަޅަމުންދެއެވެ. ބައެއް މީހުން އެބޭންޑުގެ ލަވަކިޔުންތެރިޔާ އިލްހާމުގެ އަޑުން ހަދިޔާ ކުރަމުންދިޔަ ލަވަތަކުގެ ޖާދޫގައި ޖެހިފައި ތިއްބަސް ތޮލާލުގެ ސަމާލުކަމާއި ނަޒަރު ސާރާ ނޫން ދެވަނަ ދިމާއަކަށް ނުހުއްޓެއެވެ.

އެންމެފަހުން އޭނާގެ އެހަރަކާތްތައް ފާހަގަކުރެވުނީ އެހަފްލާއަށް އައިސްހުރި އޭނާގެ ރައްޓެއްސެއް ކަމުގައިވާ ޝަފީގަށެވެ. ޝަފީގު ފުރަތަމަ ދުރުގައި ހުރެގެން ތޮލާލުގެ ހަރަކާތްތަކަށް ބެއްޔެވެ. އޭނާ ތޮލާލާ ދިމާކުރަން ފެށީ އެއަށްފަހުގައެވެ.

"އޭތް. އެމަންޖެގެ ނިތްކުރީގައި އެއްޗެއް ލިޔެފައި އޮތީތަ؟..... ގައިމު ހީވަނީ ބުޅާ މަސްގަނޑަކަށް ބަލާހެންވިއްޔަ." ޝަފީގު އައިސް ތޮލާލުގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

"އަނހަ. ޝަފީގުވެސް އެބައުޅެންދޯ؟.... އެމަންޖެއަށް ނުބެލޭވަރެއް ނޫނެއްނު. އަސްލު ހާދަ ރިއްޗޭ. އޭނަ..... ހިތަށްއަރާ އަހަންނާ ހަމައަށް އަރާނެނަމައޭ." ތޮލާލު ޝަފީގުއާ ދިމާއަށް އެނބުރުނެވެ.

"މަސައްކަތް ކޮށްފިއްޔާ ލިބިވެސްދާނެ.... އޭނަވެސް ހާދަ ވަރަކަށް ތޮލާއާ ދިމާއަށް އެބަބަލައޭ." ޝަފީގު ސާރާއާ ދިމާއަށް ބަލައިލިއެވެ. އެއިރު ސާރާއަށްވެސް އިނދެވުނީ ތޮލާލާ ދިމާއަށް ބަލަހައްޓައިގެން ކަމުން އޭނާ ކުރިއަށް ވުރެންވެސް ބޮޑަށް ލަދުގެންފިއެވެ. އެހިނދު އޭނާގެ ހިތް ބުނަމުންދިޔަ ކަހަލައެވެ.

"އަހަންނާ ދިމާއަށް ތިވަރަށް ނުބަލަ ބަލާށެވެ. އަހަންނާ ދިމާއަށް ތިވަރަށްތިބަލަނީ ކީއްވެހެއްޔެވެ؟ އަހަރެން ލަދުގަންނަވަން ހެއްޔެވެ؟"

"ސާރާ.... އިރުއިރުކޮޅާ ސާރާއަށް ތިޔަވަނީ ކިހިނެއްތަ؟ ތޮލާލާ ދެމީހުން ހާދަ ވަރަކަށް އިޝާރާތް ކުރާތަން އެބަފެނެއޭ....." ނާޒިޔާ ސާރާގެ ގައިގައި ޖެހިގަތެވެ. ސާރާ ތެޅިގެންފައި ނާޒިޔާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

"މިތާ ހުންނަން އުނދަގޫވާ ވަރަށް އޭނަ އެބަބަލައޭ. ހިނގާ އެތެރެއަށް ވަންނަން....." ސާރާ ތެދުވެގެން ނާޒިޔާގެ އަތުގައި ހިފައިގެން މެދުގޭތެރެއާ ދިމާއަށް ހިނގައިގަތެވެ. އެމަންޒަރު ބަލަންހުރި ތޮލާލުގެ ތުންފަތުގައި ކުޅެލީ ލުއި އެހެނަސް މަޢުނަވީ ހިނިތުންވުމެކެވެ.

"އަހަރެން ދެން ދަނީ. ސާރާ ފެންނަން ނެތިއްޔާ ދެން ކޮންމެހެން މިތާކު ހުންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭރަށް ނުކުމެ މިގޭ ނަމްބަރު ހޯދައިގެން ގުޅާނަން." ޝަފީގު ގާތުގައި މިހެން ބުނެފައި ތޮލާލު އެގެއިން ނުކުމެއްޖެއެވެ.

އެރޭ ގެއަށް ގޮސް އޭނާ ސާރާއަށް ގުޅަން ނިކަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ އެތައް ފަހަރަކު ގުޅައިގެންވެސް އެގެއަކުން ފޯނެއް ނުނަގައެވެ. ވެދާނެއެވެ. ނޭނގުމެއްގެ ތެރޭގައި ފޯނުގެ ރިންގް އޮފްކުރެވިފައި ހުރީއެވެ. ނޫނީ މިޔުޒިކުގެ އަޑު ގަދަވުމުގެ ސަބަބުން ފޯނު ރިންގްވާ އަޑު ނީވެނީއެވެ.

އެދުވަސް ފާއިތުވެދިޔައީ މާފަންނު ޕޫލްކިނާރާގޭ މުޅި މާހައުލަށްވެސް އުފާވެރިކަން ގެނެސްދިނުމަށް ފަހުގައެވެ.

ދެވަނަ ފަހަރަށް ތޮލާލާއި ސާރާ އެއްހިޔާވައްސަކުން ދިމާވީ މަޖީދީމަގުގައި ހުރި ހެދުން ވިއްކާ ފިޔާރައެއްގެ ތެރެއިންނެވެ. އެފިހާރައަކީ ރާއްޖޭގެ މަޝްހޫރު ވަރަށްގިނަ ފަންނާނުންވެސް ވަދެއުޅޭ ފިހާރައެކެވެ. ފިހާރައިން ދިމާވިފަހަރުވެސް އިސްވެ ވާހަކަ ދެއްކީ ތޮލާލެވެ. ސާރާވެސް އެކަމަށް އެދިއެދި ހުއްޓައެވެ.

"ސާރާ.... ހަނދާން އެބަހުރިތަ އަހަރެން މިއީ ތޮލާލު.... ބެލިބެލީނުން ސާރާ އުފަންދުވަސް ފާހަގަކުރޭ. ސާރާ ލަދުގަންނަވާލީ ތޮލާލު...." ތޮލާލު ސާރާއާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.

"އާނ.... އެނގޭ ތޮލާލުކަން. އަންހެން ކުދިން ލަދުގެންނެވުން އެއީ ވަރަށްބޮޑު ފަޚުރެއް ކަމަށް ދެކޭކަންވެސް މިހާރު އެނގިއްޖެ...... ތިހެން އުޅެނިކޮށް އަދި ތޮލާލުއާ ދިމާވާނެ. ތޮލާލު ލަދުގަންނަވާ ފެންވަރުގެ ކުދިންނާވެސް ޒަމާނަށް ނުފެތޭ އަހަރެން ކަހަލަ ކުއްޖަކު ތޮލާލުގެ ނަޒަރުން އިސްޖެހިޔަސް އެންމެން (ހުރިހާ އަންހެންކުދިން) ނެއް ނުވާނެ އަހަރެންހެނެއް...." ލަދުވެތިކަން އެއްފަރާތް ކޮށްލުމަށްފަހު ސާރާ ސާބިތުކަމާއެކު ތޮލާލާ ކުރިމަތިލިއެވެ.

"ސާރާ ތިބުނީ ރަނގަޅަށް.... އެކަމަކު އަހަންނަކީ ފެންނަ ކޮންމެ ކުއްޖަކަށް ނަޒަރު ސީދާކުރާ މީހެއް ނޫން..... އަހަންނަށް ބެލޭނީވެސް އަހަރެންގެ ހިތް އެކަމަކަށް އެދެންޏާ." ތޮލާލު ހީލިއެވެ. ޖަވާބުގައި ހީލަމުން ސާރާ ޓޮޕެއްހިފައިގެން ގޮސް ޗޭންޖްރޫމަށް (ހެދުން ހެޔޮވަރުކުރާތަން) ވަދެއްޖެއެވެ. ތޮލާލު ނުކުތީ ބޭރަށެވެ. ފިހާރައިގެ ސޭޓް އޭނާއާ ދޭތެރޭ ހިތްހަމަނުޖެހިދާނެހެން ހީވެގެންނެވެ. އޭނާގެ މަދުރަސީ ދައުރުގެ ރައްޓެއްސެއް ކަމުގައިވާ ފިރާޒާރި އޭނާއާ ދިމާވީ އެފިހާރައިން ނުކުތްތަނާ ހެންނެވެ.

"ތޮލާ.... ފިހާރަކުރިމަތީ ކީއްތިކުރަނީ؟ ހާދަ ދުވަހެއް ވެއްޖޭދޯ ދިމާނުވާތާ." ތޮލާލާ އަރާ ހަމަކުރަމުން ފިރާޒު ވާހަކަ ދެއްކިއެވެ. ތެދެކެވެ. އެދެމީހުން އެންމެފަހުން ބައްދަލުވެފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

"އާނ... ފިރާ ..... މިއޮއްހާދުވަހު ކޮންތާކު އުޅެފަތަ ތިއައީ؟" ފިރާޒާއި ސަލާމްކުރަމުން ތޮލާލު އެއްސެވެ.

"މިހާރު ރަށު މަދުރަސާގެ މުދައްރިސަކަށް އުޅޭތާ ދުވަސްތަކެއް ވެއްޖެ.... ބައްދަލުނުވެ މިހާ ގިނަދުވަސް ވެފައި ބައްދަލުވި ފަހަރު އެކުގައި ސައިތައްޓެއްވެސް ބޮއިލަންވާނެއެއްނު. ހިނގާ ސައިބޯން...." ފިރާޒު ހިނގައިގަތެވެ. ތޮލާލު އެނބުރި ފިހާރައިގެ އެތެރެއަށް ކަޅި ހިންގާލިއެވެ. ފިރާޒާއެކު ދިއުމަށްވުރެން ސާރާގެ އިންތިޒާރުގައި އެތާނގައި މަޑުކުރުމަށް ކިތަންމެ ހިތް އެދެމުން ދިޔަނަމަވެސް އޭނާ ފިރާޒުގެ ފަހަތުން ހިނގައިގެންފިއެވެ.

"އަނެއްކާ ފިހާރަތެރޭ ތޮލާއާ އެކުގައި މީހަކު ހުރީތަ؟" އެހިސާބުގަނޑުހުރި ސައިހޮޓަލަކަށް ވަންނަމުން ފިރާޒު އެހިއެވެ.

"އަހަންނާއެކު އައި ކުއްޖެއް ނޫން... އެކަމަކު އަހަރެންގެ ހިތާއި ވަރަށްގާތް ..... ހިތް އެކުއްޖަކަށް އެދި ގޮވަމުން އަންނަ ކުއްޖާ އެފިހާރަތެރޭ އެބަހުރި." ތޮލާލު ބުންޏެވެ.

"ހިތާ ދެކޮޅަށްދޯ އަހަންނާއެކު ސައިބޯން ތިއައީ. އަހަންނަށް ކިރުކޮފީއެއް، ތޮލާއަށް ކޯއްޗެއް؟" ފިރާޒް ތޮލާލާ ވާހަކަ ދައްކަމުން އެތަނަށް އައިސް ހުއްޓުނު ވެއިޓަރަށް އޯޑަރުދިނެވެ.

"ޝޯޓްއީޓްސް ބޭނުންތޯ؟" ވެއިޓަރު އިތުރަށް އެއްސެވެ.

"އުހު އިތުރު އެއްޗެއް ބޭނުމެއް ނޫން. މިއީ ހަމައެކަނި ޓޮޕެއް ގަނެލަން އައިފަހަރެއް. ޖިންސެއް ގަންނަން ފަހުން އަންނާނަން." ސާރާ ވާހަކަދެއްކީ ފިހާރައިގެ ސޭޓް އަހްމަދާއެވެ. މިހެން ބުނެފައި ސާރާ ފިހާރައިން ނުކުތެވެ. ނުކުމެ އޭނާއަށް ވަށައިގެން ހޯދާލެވުނެވެ. ކޮންމެވެސް މީހަކު ނުފެނިގެން ހޯދާފަދަ ގޮތަކަށެވެ. ވެދާނެއެވެ. އޭނާ ހީކުރީއެވެ. އޭނާގެ އިންތިޒާރުގައި ތޮލާލު ބޭރުގައި ހުންނާނެއެވެ. އިރުކޮޅެއް ވަންދެން ފިހާރަ ކުރިމަތީ ހުއްޓި ހުރުމަށްފަހު އޭނާ ޓެކްސީއެއް މަޑުކުރުވުމަށްފަހު އެއަށް އަރައިފިއެވެ. އެއީ ފިރާޒާއެކު ސައި ބޮއިގެން އައިސް ތޮލާލު އެފިހާރަ ކުރިމައްޗަށް ހުއްޓުނު ވަގުތެވެ. ތޮލާލު ހުއްޓުނުތަން ސާރާ ދުއްޓެވެ. އެހެންކަމުން ތޮލާލު އޭނާއާ ދޭތެރޭ ވިސްނާކަން ސާރާއަށް ޔަގީން ކުރެވުނެވެ. ކާރު މަޑުކުރުވަންވެސް ސާރާ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ ވިސްނުމަށްފަހު ނިންމީ އިތުރަށް މަޑުނުކޮށް ދިއުމަށެވެ.

އެރޭ އޭނާ ގެއަށް އައިސް ވަންތަނާހެން އޭނާއަށް ފޯނެއް އައެވެ. އިއްތިފާގުން އެފޯނު ނެގުނީވެސް އޭނާއަށެވެ.

"އައްސަލާމް އަލައިކުމް.... މާފަންނު ޕޫލްކިނާރާ." ސާރާ ފޯނު ނެގުމަށްފަހު ގޭގެ ތަޢާރަފު ދިނެވެ.

"ސާރާއަށް ގޮވާލަދީފާނަންތޯ؟" އެކޮޅުން ވާހަކަދެއްކި މީހާ އެދުނެވެ.

"ވާހަކަ ދައްކަނީ ސާރާ. ކާކުތީ؟" ތަޢާރަފްވުމަށްފަހު ސާރާ އެއްސެވެ.

"ނޭނގުންދޯ؟ ތޮލާލޭ މިއީ." ތޮލާލު ބުންޏެވެ.

"އަޑުން ހީވި އަހަންނަށް ފުރަތަމަވެސް... ކޯއްޗެއް ގަންނަންތަ އެފިހާރަށް ދިޔައީ؟" ސާރާ އެއްސެވެ.

"އެފިހާރައަށް ދިޔައީކީ ނޫން. ސާރާއާ ދިމާވާން ތަޤުދީރުގައި ލިޔެވިފައިވާތީ ދެވުނީ... ހިތަށް ވަރަށްބޮޑު ހަމަޖެހުމެއް ލިބުނު ސާރާއާ ދިމާވުމުން..." ތޮލާލު އޭނާގެ އަސްލު މައުޟޫއަށް ދިއުމަށްޓަކައި މަގުކޮށަން ފެށިއެވެ. ތޮލާލުގެ އެޖުމްލައިން ސާރާއަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބުނެވެ. އެހެންކަމުން އަނގައިންވެސް ނުބުނެ އޭނާއަށް އިރުކޮޅެއް ވަންދެން ހުރެވުނެވެ.

"ސާރާ..... ނާހާނަންތަ؟ އަހަރެން މިގުޅި ސަބަބެއް. އެނގެންޏާ ވަރިހަމަ ނޭހިޔަސް...." ތޮލާލު އޭނާގެ ހިތުގެ ގޮވުމުގެ އަޑު ސާރާއަށް އިއްވަން މަސައްކަތް ކުރިއެވެ. ސާރާގެ ބައްޕަ އިސްމާޢީލް މަނިކު ގެއަށް އައިސް ވަނީ އެވަގުތުއެވެ. ސާރާ އަވަސް އަވަހަށް ފޯނު ބާއްވަނީއޭ ބުނެފައި ބޭއްވީއެވެ.

*****************

* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 01 އިން 04 ށެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން