03 ވަނަ އެޕިސޯޑް

==========

އަދިވެސް މުއީޒް އެއިނީ ޒައިހާ ދައްކާ ވާހަކަތައް ޤަބޫލު ނުކުރެވި އާގަމަވެފައެވެ. އެހާ ކުއްލިއަކަށް ޒައިހާ އެ ދައްކަނީ ކޮންވާހަކަތަކެއްބާއޭ ހިތަށްއަރައިދިޔަވެސްމެއެވެ. ޒައިހާ، އޭނާ އިމްތިޙާން ކުރަން މަސައްކަތް ކުރަނީއޭހިތާ، އޭނާ އަދިވެސް އެއިނީ ހިތްހަމަޖައްސާލައިގެންނެވެ.

[ޒައިހާ...ހަޝިޝްއަކީ މިރަށު މީހެއްތަ؟] އަދިވެސް މުއީޒް ހީކުރަމުންދަނީ ހަޝިޝްއަކީ ޒައިހާގެ ޚިޔާލީ ނަމެއް ކަމަށެވެ.

[އާނ މިރަށު މިތުނޑީގައި ދިރިއުޅެނީ....އެެކަމަކު ހަޝިޝްއަކީ....އިންސާނެއް ނޫން....] ޒައިހާ އުޑުމައްޗަށް ކަޅި ހުއްޓާލައިގެން ހުރެ ތެދުވެއްޖެއެވެ. ކުއްލިއަކަށެވެ. އޭނާއަށް ކޮންމެވެސް ކަމެއް ހަނދާންވީކަންނޭނގެއެވެ.

[އިންސާނެއް ނޫން...އަހަންނަށް ކުރިންވެސް އެނގުނޭ، ޒައިހާ ސަމާސާ ކުރަނީކަން. އަހަންނަށް މާރަނގަޅަށްވެސް އެނގޭ، ޒައިހާއަށް އަހަންނާނުލާ ނޫޅެވޭނެކަން.] މުއީޒް ހިތްހަމަޖައްސާލުމަށްފަހު، ޒައިހާގެ ފަހަތުން ޒައިހާގެ ކޮނޑަށް އަތް ވައްޓާލިއެވެ. ނަމަވެސް، ޒައިހާ އެ އަތް ފޮޅުވާލުމަށްފަހު، ކުރިއަށް ހިނގައިގެންފިއެވެ.

[ކަލެއަށް އެކައްޗެއްވެސް ނޭނގޭނެ. އަހަރެން ކަލޭ މިތަނަށް ގެނައީ ކަލޭގެ ކިބައިން ޒައިހާ މިންޖުކުރަން.] މި ޖުމްލަތަކާއެކު، އެރި ވަރުގަދަ ލޮޅުމަކަށްފަހު، މުއީޒްގެ ކުރިމަތީގައި ހުރި ޒައިހާގެ ސިފަ މުޅިން ބަދަލުވެއްޖެއެވެ. ފިސާރި ނާމާން ބިރުވެރި ސިފައަކަށެވެ. މުއީޒް ގަތީ އަމަށަކު ބިރެއް ނޫނެވެ.

[ކާކު....؟ ތީ ކާކު....] މުއީޒް ބިރުން ތުރުތުރުއަޅަން ފެށިއެވެ. ކުރިމަތީގައި ބިރުވެރި ސިފަގައި ހުރި އެތި، ނިކަން ބާރަށް ހޭން ފެށިއެވެ. ނާމާން އަޑަކުންނެވެ.

ހަޝިޝް.....ޒައިހާދެކެ އެންމެ ލޯބިވާ ހަޝިޝް.] ނާމާން ސިފައިގައި ހުރި ހަޝިޝް ފުރަތަމަފަހަރަށް މުއީޒާ ކުރިމަތިލިއެވެ. ބިރުން ހަޅޭއްލަވައިގަތުމަށްފަހު، ސަލާމަތަށް އެދި ގޮވަމުން މުއީޒް ދުއްވައިގަތެވެ.

[ނޫން...އަހަރެން ސަލާމަތް...ކުރޭ...] ބިރުގެންފައި ހުރިވަރުން މުއީޒަށް ދުވެފައި ދެވެނީ ހައްތަހާވެސް ގަސްތަކުގެ ތެރެއަށެވެ. ބިރުވެރި ޒާތަކަށް ޖިންނި އެދިމާއަށް ބަލަންހުރިއިރު، އޭތި އެހުރި ސިފައިން ކޮންމެފަދަ މީހަކުވެސް ބިރުން ފިތްކަނޑައިގެންދާނެއެވެ. އޭތި މިހާރު ހީވަނީ ޑްރެކިއުލައެއްހެންނެވެ. އަނގައިގެ ދެމިޔަދަށުން ތޫނު ދަތްތަކެއް ނުކުމެ، އަތުގެ އިނގިލިތައްވެސް ތޫނުވަކިތަކެއް ފަދައެވެ. ދެލޯވެސް ހީވަނީ އަލިފާން އަނގުރުކޮޅެއް ހެންނެވެ. ބައެއްފަހަރު އެ ދެލޯ ފުންމާލަފާނެހެންވެސް ހީވެއެވެ. ދޭތެރެ ދޭތެރެއިން، އޭތީގެ ބޮޑު ފައިތިލައަށްވެސް އަލްފާން ކުލަ އަރައެވެ. ދެކަންފަތުން އަރާހެންވެސް ހީވެއެވެ.

[ކިތަންމެ ބާރަށް ދުވިޔަސް، ކަލެއަށް އަހަރެންގެ ކިބައިން މިންޖެއް ނުވެވޭނެ....ހުއްޓޭ.....މަޑުކުރޭ....] ޖިންނީގެ އަޑު، ކުރިއަށްވުރެން ބާރުވިއެވެ. ނަމަވެސް، ފަސްއެނބުރި ބަލާވެސްލުމެއްނެތި، މުއީޒް ދުވަމުންދިޔައެވެ. އެގޮތަށް އޭނާ ދުވެދުވެ ހުއްޓާ، ކުއްލިއަކަށް އޭތި އެފާޅުވީ، އޭނާގެ ކުރިމަތިންނެވެ. އޭތީގެ ސިފަ މިހާރު ކުރިއަށްވުރެންވެސް ބިރުވެރިވެފައި ނާމާނެވެ.

އާދޭސް ކުރަން...އަހަރެން ސަލާމަތްކުރޭ....އަހަރެން ޒައިހާއާ އަނގައިންވެސް ނުބުނާނަން.....] މުއީޒް ފަހަތަށް ޖެހެން ފެށިއެވެ.....ނަމަވެސް، އޭނާއަކަށް އޭއްޗާ ތަންފުކަކަށްވެސް ފަހަތަށް (ދުރަކަށް) ނުދެވެއެވެ. ހީވަނީ އޭނާގެ ހަށިގަނޑާ ގުޅިފައިވާ އެއްޗެއް އޭނާއާއެކުވާހެންނެވެ.

[ކަލޭގެ ވަގުތު ޖެހިއްޖެ. އަހަރެން ޒައިހާއާ ބައްދަލުކުރަންދާ ވަގުތު ޖެހިއްޖެ. ....ޖިންނި ނިކަން ކުއްލި ޙަރަކާތަކާއެކު، އެ ހިފީ މުއީޒްގެ ކަރުގައެވެ. މުއީޒް ތެޅިގެންފިއެވެ. އޭތީގެ ކިބައިން މިންޖުވޭތޯއެވެ. ނަމަވެސް، އޭތީގެ ތޫނު ވަކިތައް ވަދެގެން އެދަނީ، މުއީޒްގެ ކަނދުރާއަށެވެ. އަޅަމުންދާ ވޭނަށް ކެތް ނުކުރެވިގެން، މުއީޒް ތެޅިފޮޅެނީއެވެ.

[ދަރިފުޅާ، ތެޅިފޮޅެމުން ކޮންތާކުން ތިއައީ؟ މިރޭވެސް ބޭރުން ކެއީތަ؟] ނިކަން ބާރަށް އައިސް ގެއަށް ވަން މުއީޒް ހުރިގޮތް ފެނުމުން، އޭނާގެ މަންމަ މުއުމިނާ އެއްސެވެ. މުއުމިނާއަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި ލާމަސީލު ނަމޫނާއެކެވެ. އޭނާ އަބަދުވެސް ދަރިފުޅު އުޅޭނޫޅޭ ގޮތް ބަލާނެއެވެ.

ރޭގަނޑު ގޭގައި ނެތިއްޔާ ގެއަށް އަންނަންދެން ހޭލާވެސް އިންނާނެއެވެ. އަދި ސުވާލުތައްވެސް ކުރާނެއެވެ.

[ހިނގާ ކާން....] މުއުމިނާ މުއީޒްގެ ޖަވާބަކަށް އިންތިިޒާރު ކުރުމެއްނެތި، ކާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

[ދަރިފުޅު ގާތު އަބަދުވެސް މަންމަ ބުނަމެއްނު، ރޭގަނޑު ދިހައެއް ޖެހުމުގެ ކުރިން ގެއަށް ވަންނަންވާނޭ....] ކާމޭޒުމަތީގައި އޮތް ގޮށި ހިއްލާލަމުން މަންމަ ބުނެލިއެވެ.

[ދެން ދުވަހަކުވެސް ލަހެއްނުވާނެ.] ކާން އިށީންނަމުން، މުއީޒް ބުންޏެވެ. އޭރު މުއީޒް އިނީ ކާން ހުރި ތަކެއްޗާ ދިމާއަށް ބަލަހައްޓައިގެންނެވެ. ހީވަނީ ނުކާ އެއްޗެއް، އަލަށް ކާން ޖެހުނީމާ އާވެފައި އިންހެންނެވެ.

[ކީއްވެތަ ބަލަހައްޓައިގެން ތިއިންނަނީ....މަސްކޮޅުވެސް މިރޭ ހަދާފައި ތިހުރީ ދަރިފުޅު ބުނިގޮތަށް. އަވަހަށް ކާން ފަށާބަލަ....މަންމަ ނިދަންވެސްވާނެއެއްނު.] މުއީޒް ވަރަށް ފާޑަކަށް އިނދެ ކާން ފެށިއެވެ. މުއުމިނާ މަސްކޮޅެއް މުއީޒްގެ ތަށްޓަށްލިއެވެ.

[ވަރަށް މީރު....] ކުޑަގޮތަކަށް ކައި ނިންމާލަމުން މުއީޒް ބުންޏެވެ.

[އަދި މަންމަ މިހިރީ ހަނދާންނެތިފައޭ....މިރޭވެސް ނިހާލް އައި. ވަރަށް ގިނައިރު އިނދެފައި އެސޮރު ދިޔައީވެސް.] ކުއްލިއަކަށް ހަނދާންވީމާ، މުއުމިނާ ބުންޏެވެ. މުއީޒް ކުޑަކޮށް ޙައިރާންވާގޮތްވިއެވެ.

[ކޮން ނިހާލެއް!؟] މުއީޒް ބޯކަހާލިއެވެ.

[ސާބަސް ދަރިފުޅަށް....މިރޭ އަނެއްކާ ކިހިނެއްވެފައިތަ ދަރިފުޅު ތިހުރީ. އެންމެ ގާތް ރަޙްމަތްތެރިޔާގެ ވާހަކަ ބުނީމާވެސް ތިހުރީ އާގަމަވެފައި.] މުއުމިނާ ގާތަށް ހިނިއައެވެ.

[އަހަރެން ހީކުރީ މަންމަ ނިމާލޭ ކީ ކަމަށް....ނިހާލް އައި ވާހަކަދޯ؟] މުއީޒް މަންމައަށް އޮޅުވާލިއެވެ.

[ދަރިފުޅު އަތަށް މޯބައިލް ފޯނެއް ދޭންވީއޭ ކިޔާ، ނިކަން ހަޖޫ ކިޔަމުން ނިހާލް ދިޔައީ. މާދަމާ އޮފީހަށްވެސް ދާންވާނެ. ދެން ދޭ ނިދަން.] ތަށިތައް ދޮންނަން ފަށަމުން، މަންމަ މިހެން ބުނީމާ، މުއީޒް ކާގެއިން ނުކުމެގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

އެވަގުތެވެ. އެނދުގައި ދެފަރާތަކަށް ކިރިލަ ކިރިލާ ޒައިހާ އޮތީ ވިސްނުމާއި ފިކުރުތަކުގެ ފުން ޚިޔާލެއްގައެވެ. މުއީޒް ބައްދަލުކުރަން އަންނާނޭ ވާހަކަ ބުނެފައި، ނައީ ކީއްވެބާވައޭ، އޭނާގެ ހިތަށް އަރައެވެ. މިއޮތްހާއިރުވަންދެން އޭނާ އިންތިޒާރު ކުރީ މުއީޒަށެވެ. މުއީޒް އަންނާނޭ ކަމުގެ ޔަޤީންކަމާއެކު ދޮރާށިދޮށުގައި އޭނާ ދިގު އިންތޒާރެއް ކޮށްފިއެވެ. އެކަނިފިލުވަން މިރުޒާ ހުއްޓަސް، އެއީ ހިތްހަމަޖެހުމެއް ނޫނެވެ. މިރުޒާ ގެއަށް ދިޔައީ ހަނދާން ނެތުމަކީވެސް ޢުޒުރެއް ކަމަށް ބުނެ، ޒައިހާ ހިތްހަމަޖައްސައިދިނުމަށްފަހުގައެވެ. އެރޭ އެއްވެސްވަރަކަށް ޒައިހާއަކަށް ނުނިދުނެވެ. އެހެންވުމާއެކު، ޖެހިގެން އައި ދުވަހު ޒައިހާ ހުންނަނީ ނިދިބަރުވެފައެވެ.

[ދަރިފުޅާ....ކިހިނެއްވެފައިތަ ތިހުންނަނީ....ހީވަނީ ނިދިބަރުވެފައި ހުންނަހެން...އަނެއްކާ ރޭގައިވެސް އެމީހަކު މިގެއަށް ވަނީތަ؟] ނިކަން ފަސޭހައިން ބަދުރިއްޔާ، ދަރިފުޅުގެ އިޙްސާސްތައް ދެނެގަތެވެ.

[ރެޔަކު....ނުވަދޭ....އެކަމަކު....އަހަރެން މަންމަ ގާތު ވާހަކައެއް ބުނަންވެފައި އެބައޮތޭ....އަޅެ އަހަރެން ބޮޑުވެއްޖެދޯ.....] ޒައިހާ އިސްޖަހާލިއެވެ. ބަދުރިއްޔާ ގާތަށް ހިނިއައެވެ.

[ނޫނޭ ތީ އަދި ކިރުބޯ ޅަކުއްޖެއް.] ބަދުރިއްޔާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ޒައިހާ ފުރަގަހުން މަންމަގެ ގައިގައި އޮޅުލައިގަތެވެ.

[ދެން ދިމާނުކޮށް ބުނެބަލަ. އަހަރެން ކުއްޖަކާ ރައްޓެހިވިޔަސް އެންމެ ރަނގަޅުތަ؟] މަންމަ ގައިގައި ހިފަހައްޓައިގެން ހުރެ ޒައިހާ އެއްސެވެ.

[ރައްޓެހިވުމުގެ ކުރިން ނާހާ، މިހާރު ކީއްވެތަ ތިހެން ތިއެހީ.....މަންމަ ގާތު މިރުޒާ ބުންޏޭ، ދަރިފުޅު ރޭގައި ކޮންމެވެސް ކުއްޖަކަށް އިންތިޒާރުކުރި ވާހަކަ...އެއަށްވުރެ ތަފްޞީލުކޮށެއް އޭނާވެސް ނުބުނި....ދަރިފުޅު ބުނެބަލަ...އެއީ ކޮން ކުއްޖެއްތަ؟] ބަދުރިއްޔާ ޒައިހާގެ އަތުގައި ހިފައިގެން ގޮސް، އެގޭ ނިވަތްދަށުގައި ޖޯލިފަށީގައި އިށީނދެއްޖެއެވެ.

[އެދުރުގޭ މުއީޒް....އަޅެ ރަނގަޅުތަ މަންމާ....] ޝަހާދަތް އިނގިލީގައި ދައިގަންނަމުން ޒައިހާ އޮޅުންފިލުވައިދިނެވެ.

[ހެޔޮހިތުން މަންމަ ޤަބޫލު. އެކަމަކު ބައްޕަގެ ޚިޔާލުވެސް ހޯދަންވާނެއެއްނު. ބައްޕަ މަހުން އައިމަ މަންމަ ތިވާހަކަ ދައްކާނަން....އަޞްލު މިހާރު އެންމެ ރަނގަޅުވާނީވެސް ދަރިފުޅު އަވަހަށް މީހަކާ އިނިއްޔާ.....] ބަދުރިއްޔާ އޭގެ ރޭތަކެއް ކުރިން، ޒައިހާ ކޮށްފައިވާ ހިތްދަތި ތަޖްރިބާއާ ދޭތެރޭވެސް ވިސްނާލިއެވެ.

[އަޅެ ބައްޕަ ގަބޫލުވާނެތަ؟] ބައްޕަގެ ޚިޔާލެއް ނޭނގޭތީ ޒައިހާ ނުތަނަވަސްވިއެވެ.

[ހިއެއްނުވޭ ދަރިފުޅުގެ އުފާތަކަށް ބައްޕަ ހުރަސްއަޅާނެހެނެއް.....އެ ބައްޕަވެސް ދަރިފުޅުދެކެ ނުލާހިކު ލޯބިވޭވިއްޔަ....] އެއީ ތެޅިފޮޅެމުން ނުހަނު ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި މިރުޒާ އެ ގެއަށް އައިސް ވަން ވަގުތެވެ.

[ދެކުނު ތުނޑީގައި ކާކުކަންނޭނގޭ މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ. ސިފަވެސް ނޭނގެޔޯ....ގައިގާ ފޭރާމެއްވެސް ނެތޯ...] މިރުޒާ ހުރީ މައިނޭވާލެވިފައެވެ. އޭނާ އެހާވަރަށް ހާސްވަނީ ޒައިހާއާ ބައްދަލުވާން އަންނާނަމޭ ބުނިގޮތަށް މުއީޒްގެ ޚަބަރެއް ނުވާތީއެވެ.

[އަންހެނެއްތަ....ފިރިހެނެއްތަ؟....] ޒައިހާވެސް ނިކަން ހާސްވެއްޖެއެވެ. ހިތްބިރުގެންފިއެވެ.

[ފިރިހެނެއް...އަހަންނެއްވެސް ނުދެކެން. މިހާރު އޭނާ ރަށްވެހިގޭގައި ބާއްވާފައި އެބައޮތޯ....އަޅެ ހިނގާބަލަ އަހަރުމެން ދަމާ....] މިރުޒާ ބުންޏެވެ.

[އަޅެ...މިރޫ.....މުއީޒްގޭގައި އުޅޭތޯ ބަލައިލަދީ....] މަރާލާފައިވާ މީހަކީ މުއީޒޭހިތާ ޒައިހާ ބިރުގަންނަނީއެވެ. އޭނާގެ ހިތްތެޅެނީއެވެ. ވިންދު އަވަސްވަނީއެވެ.

ޒައިހާއާއި މިރުޒާ ފުރަތަމަ ދިޔައީ މުއީޒްގެ ގެޔަށެވެ. އޭރު މުއީޒްގެ މަންމަ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅެއެވެ.

[އައްސަލާމް ޢަލައިކުމް.....] ގޭދޮރުމައްޗަށް އަރާފައި މިރުޒާ ސަލާމް ގޮވިއެވެ. ސަލާމް ބަލައިގަތުމަށްފަހު، މުއުމިނާ މިރުޒާމެނާ ދިމާއަށް އެނބުރުނެވެ. ވަގުތުން މިރުޒާ އެވެރިން އެގެއަށް އައި ސަބަބު ކިޔައިދިނުމަށްފަހު، މުއީޒް ކޮބައިހޭ އެއްސެވެ.

[މުއީޒް ރޭގައި ދިހައެއްޖަހާ އެހާކަންހާއިރު ބޭރުގައި އުޅެއުޅެފައި ގެއަށް އައިސް، ކައިގެން ނިދަން އޮށޯތީމަ މަވެސް ނިދަންވަނީ....އެކަމަކު އަހަރެން ހެނދުނު ތެދުވިއިރު އެސޮރެއް ގެޔަކު ނޫޅެ.....އަހަރެން ނިންމައިގެން މިހުންނަނީ އަމިއްލައަށް ސައިބޮއި ހަދައިގެން ވަޒީފާއަށް ދިޔައީ ކަމަށް...އަވަހަށް ހިނގާބަލަ އެސޮރު އޮފީހުގައި އުޅޭތޯ ބަލަން ދަމާ.....] ކުރަންހުރި މަސައްކަތްތައް ހުއްޓާލުމަށްފަހު، ޒައިހާމެންނާ އެއްކޮށް މުއުމިނާ ހިނގައިގެންފިއެވެ. ފުރަތަމަ އޭނާ ދާން ބޭނުންވަނީ ރަށްވެހިގޭގައި އޮތީ ކާކުތޯ ޔަޤީން ކުރުމަށެވެ. އެހެންކަމުން، އިސްކޮށް ހުރެމެ، އޭނާ ހިނގައިގަތީ ރަށްވެހިގެޔާ ދިމާއަށެވެ.

[މަންމާ...ޒައިހާ...މިރުޒާ....ކޮންތަނަކަށް. އެތަނަށް އަންހެނުން ދާކަށް ނުވާނެ.] އެންމެން ސިހުނީ ފަހަތުން އިވުނު މުއީޒްގެ އަޑުންނެވެ. ލިބުނު ހިތްހަމަޖެހުމާއެކު، ޒައިހާމެން ހުއްޓުނެވެ. އޭރު ހިނިއައިސްފައި މުއީޒް ހުއްޓެވެ.

[ދަރިފުޅާ...ހެނދުނު ސައިވެސް ނުބޮއި އޮފީހަށް ދިޔައީ!؟ މިހާރު ސައިބޮއިފިންތަ؟] ދަރިފުޅާއެކު، އައިކޮޅަށް ހިނގައިގަންނަމުން މުއުމިނާ ވާހަކަ ދެއްކިއެވެ. އޭނާ ބުނީ މަންމައަށް ނުގޮވަންވެގެން އޭނާ ދިޔައީ ކަމަށާއި، މިހާރު ނިހާލްމެންގެއިން ނާސްތާކޮށްފި ކަމަށެވެ. އެއަށްފަހު އޭނާ މަންމައަށް އޭނާގެ ލޯބިވެރިޔާ ތަޢާރުފްކޮށްދިނެވެ. މުއުމިނާ ބުނީ އޭނާ ނިކަން ހިތްހަމަޖެހޭ ކަމަށާއި، ޒައިހާ ރަނގަޅު ކަމަށެވެ.

މުއުމިނާ ޒައިހާއާމެދު ހިތްހަމަޖެހުނަސް، ބަދުރިއްޔާ މުއީޒަށް ހިތްހަމަޖެހުނަސް އަދި ހުރިހާ ކަމެއް ހަމަޖެހުނީ ނޫންކަން ނޭނގޭތީ އަދިވެސް ޒައިހާ ހުރީ ހިތްހަމަޖެހިފައެއް ނޫނެވެ. އަދި އެންމެ މުހިންމު މަރްޙަލާ އޮތީ ކަމަށް އޭނާ ދެކެއެވެ. އެއީ ބައްޕަގެ ޚިޔާލު ހޯދުމެވެ.

އެދުވަހު ޙުސްނީ މަހުން އައިސް ފެންވަރާ ސައިބޮއިގެން ހަމަޖެހިލުމާއެކު، ޒައިހާ ކުއްޖަކާ ރައްޓެހިވެއްޖެ ކަމަށާއި، އެއީ ރަނގަޅު ނަޞީބެއް ކަމުގައި ބަދުރިއްޔާ ބުންޏެވެ.

[ތިބުނާ ފިރިހެން ކުއްޖަކީ ކާކު؟] ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެ ޙުސްނީ އެއްސެވެ.

[އެދުރުގޭ މުއުމިނާގެ ދަރިފުޅު މުއީޒް....] ބަދުރިއްޔާ އޮޅުންފިލުވައިދިނެވެ.

[އޭނ....މުއުމިނާ ދަރިއޭ.....ނުވާނެ ތިކަމެއް. ދުވަހަކުވެސް ނުކުރެވޭނެ ތިކަމެއް...އެމަންޖެ ގާތު ހަމަ މިހާރު ބުނޭ، އެސޮރުގެ މަތިން ހަނދާން ނައްތާލާށޭ.] ކުއްލިއަކަށް ޙުސްނީއަށް އެވީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. އޭނާ ތުރުތުރުއަޅަން ފެށިއެވެ.

[ޙުސްނީ....ކިހިނެއްތަ ތިވީ...މުއީޒަކީ ނުލާހިކު ރަނގަޅު ކުއްޖެއްނު....] ބަދުރިއްޔާ ޙުސްނީގެ އަތުގައި ހިފެހެއްޓިއެވެ. ރުޅިއައިސް ރަތްވެފައި ހުރި ޙުސްނީ ބަދުރިއްޔާގެ އަތް ފޮޅުވާލިއެވެ.

[ވަރިހަމަ އެސޮރު ކިތަންމެ ރަނގަޅަސް. މިބުނަނީނު އެކަމެއް ނުކުރެވޭނޭ....އެސޮރު މިގޭ އިމުން އެތެރެއަށް ވަނަސް، ކުޅި ދައްކާލާނަން....] އެހިނދު މަންމައާއި ބައްޕަގެ ވާހަކަތައް އަޑުއަހަން ރޮވިފައި ހުރި ޒައިހާ، ބަދުރިއްޔާއަށް ފެނިއްޖެއެވެ.

[ބައްޕާ“...މުއީޒް...ދެކެ އަހަރެން ވަރަށް ލޯބިވޭ.....އަހަރުމެންގެ ލޯތްބަށް ހުރަސްނާޅާ ބައްޕަ.....] ޙުސްނީ އެ އަޑު އިވުނު ކަމަކަށްވެސް ނަހަދައެވެ. އޭނާ ނިކަން ބާރަށް ހިނގާފައި ގޮސް ގެއިން ނުކުތެވެ. އެއީ މުއީޒް އައިސް އެގެޔާ އަރާ ހަމަވި ވަގުތެވެ. މުއީޒް ޙުސްނީއަށް ހީލިއެވެ. ރުޅި އައިސްފައިވާ ޙުސްނީ އިސްޖަހާލިއެވެ. މުއީޒް ހިނގައިގަތީ އެގެއަށް ވަންނާށެވެ. ރުޅިއައިސްފައި ޙުސްނީ ހިނގައިގަތެވެ. މުއީޒްވެސް އެނބުރި ބަލައިލުމަށްފަހު އެގެއަށް ވަދެއްޖެއެވެ.

އޭރު ސިޓިންގރޫމްގައި ބަދުރިއްޔާާއާއި ޒައިހާއާ ދެވެރިން ތިއްބެވެ. މުއީޒް ކުއްލިއަކަށް އައިސް ވަނުމުން، ޒައިހާއަށް ނިކަން ބޮޑު ސިހުމެއް ލިބުނެވެ. އެފަދަ ގޮތަކަށް ބަދުރިއްޔާއަށްވެސްވިއެވެ.

[މުއީޒް....ކީއްކުރަން ތިއައީ!؟] ޙުސްނީ އެހާ ނުރުހިފައި ހުއްޓާ، ކުއްލިއަކަށް އަންގާވެސްނުލާ މުއީޒް އައިސް ވަނީމާ، ހިސާބަކަށް ބިރުގަނެ، ޖެހިލުންވެ، މޭތެޅޭގޮތްވެފައި އިން ޒައިހާއަށް އެހުނެވެ.

[ޒައިހާ! ކޮން ސުވާލެއް ތިކުރަނީ؟ ހަމަ ނޭނގޭތަ އަހަރެން މިގެއަށް އައި ސަބަބު.....] މުއީޒް ލޮލުގެ ކުޑަކޮޅުން ޒައިހާގެ މަންމައާ ދިމާއަށް ބަލައިލިއެވެ.

[ނޭނގިގެނެއް ނޫން....މުއީޒް...މިގެއަށް ނާންނާތީ.....އަހަރެން ބޭނުން އަހަރެންގެ ބައްޕައަށް އިޙްތިރާމް ކުރަން. ބައްޕަ ނުރުހޭ ކަމެއް ކުރާކަށް އަހަންނަށް ލާހިކެއް ނޫން.....] ޒައިހާގެ ލޮލުން ކަރުނައައެވެ.

[މާނައަކީ ޒައިހާ ބައްޕަ އަހަންނާ ދޭތެރޭ ހިތްހަމަނުޖެހެނީއޭދޯ.....ކީއްވެތަ ޒައިހާގެ ބައްޕަ އަހަންނާ ދޭތެރޭ ހިތްހަމަނުޖެހެނީ؟] މުއީޒް ޒައިހާއާ ގާތަށް ޖެހިލިއެވެ.

[ހިތްހަމަނުޖެހޭ ސަބަބު ވަރަށްގިނަ....އެ ސަބަބުތައް ކިޔައިދޭން ވެއްޖެއްޔާ ޖެހޭނީ މާޒީގެ ޞަފްޙާތަކުން ހިރަފުސް ފޮޅާ ސާފުކޮށްލަން....] ޙުސްނީ ވާހަކަ ދެއްކީ، އޭނާގެ ދުވަސްވީ ރަޙްމަތްތެރިޔާ ކަމަށްވާ ބަޝީރާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ބަޝީރުމެންގޭ އައްސެން ތެރޭގައެވެ.

[އެހާ ކުރީގެ ކަމެއް، މިހާރު ދެން ހަނދާން ކުރުމުގެ މާބޮޑު ބޭނުމެއް ނެތެއްނު.] ބަޝީރު ބުނެލިއެވެ. ޙުސްނީގެ ވާހަކައާ ދެކޮޅަށެވެ. ވުމާއެކު، ޙުސްނީއަށް މަޖުބޫރުވީ، އެ މާޒީއަށް އަލިއަޅުވާލާށެވެ.

އެއީ މީގެ ފަންސަވީސް އަހަރު ކުރީގެ ޙާދިޘާއެކެވެ. ޙުސްނީ ލޯބީގެ ގޮތުން އޭނާގެ ހިތް އެންމެ އެދޭ ބައިވެރިޔާ އަހުރަވެތި ޔާރާއާ، މުއުމިނާއާ ގުޅުނީ އޭނާގެވެސް މަދްރަސީ ދައުރު ނިންމުމަށްފަހުގައެވެ. އޭރު މުއުމިނާވެސް ހުރީ ރަށުގެ ފެންވަރުން އެންމެމަތީ ކްލާސް ނިންމުމަށްފަހު، ޒަވާޖީ ދިރިއުޅުމަކަށް ތަޞައްރަފް ފުދިފައެވެ. ވުމާއެކު، އޭރުވެސް ބޭރުދަތުރު ކުރަން ދިޔުމުގެ ޚިޔާލު ހުންނަ ޙުސްނީގެ އެދުމުގެ މަތިން ޙުސްނީ ދިއްކުރި ލޯބީގެ އަތުގައި މުއުމިނާ ހިފިއެވެ.

އެދުވަސްވަރު ލޯބީގެ ވަޢުދުތަކާއި ޢަހުދުތައް ވަނީކީ އެކަނި ޙުސްނީއެއް ނޫނެވެ. ޙުސްނީގެ އިޝާރާތްތަކަށް އާއެކޭ ބުނުމަށްފަހު، މުއުމިނާވެސް ބުނަމުން އައީ އޭނާ ޙުސްނީއަށްޓަކައި ފިދާވާނެ ކަމަށާއި، ލޯބީގައި ސާބިތުވެ ހުންނާނެ ކަމަށެވެ.

ނަމަވެސް، ބަހާއި ޢަމަލު ދިމާވީ ޙުސްނީ އެކަންޏެވެ. ކައިވެންޏަށް ފައިސާ އެއްކުރުމަށްޓަކައި ބޭރު ދަތުރުކުރަން ދިޔުމުގެ ޤަޞްދުގައި ޙުސްނީ މާލެ ދިޔައީ، އޭނާއަށް އިންތިޒާރު ކުރުމަށް ތަކުރާރުކޮށް، އެތައްފަހަރަކު މުއުމިނާ ގާތު އެދުމަށްފަހުގައެވެ. ނަމަވެސް، ބައެއް އަންހެނުންގެ ކެތްތެރިކަން ކުޑަކަމާއި، ތެދުވެރި ނޫން ކަމުގެ މިސާލަކަށް، މުއުމިނާވީ، ޙުސްނީ އަހަރުދުވަހަށް މާލޭގައި މަސައްކަތް ކުރުމަށްފަހު، ސީމަނެއްގެ ގޮތުގައި ދަތުރުކުރަން ދިޔަތާ ސަތާރަވަނައަށްވީ މަހުގައެވެ.

އެދުވަސްތަކަކީ މުވާޞަލާތީ ގޮތުން ރާއްޖޭގެ ރަށްތަކަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ދުވަސްވަރެއް ނޫންކަމުން، ކޮންމެ މަހަކު ސިޓީއެއްހެން ޙުސްނީ އައީ މުއުމިނާއަށް ފޮނުވަމުންނެވެ. ނަމަވެސް، ޙުސްނީ މުއުމިނާގެ ޙާލު ބަލާވަރާ ގާތަކަށްވެސް މުއުމިނާ ޙުސްނީގެ ޚަބަރު ބަލާކަމަށްނުވެއެވެ. ފަހުން ފަހުން އައިސް، އޭނާއަށް ހުސްނީ ފޮނުވާ ސިޓީތަކުގެ ޖަވާބު ދެވެނީވެސް، އޭރު ޙުސްނީގެ އެންމެ ގާތް އެކުވެރިޔާ މުއީދު ގޮސް ކިޔައިގެންނެވެ. މުއީދަކީ މިހާރު މާލޭގެ މީހަކާ އިނދެގެން، މާލޭ ރަށްވެހިވެފައިވާ މީހެކެވެ.

މުއުމިނާ ތެދުވެރި ނޫންކަން އެންމެ ފުރަތަމަ އެނގުނު މީހަކީވެސް މުއީދެވެ. މުއީދަށް ފެނުނީ މުއުމިނާގެ ގޯތިތެރޭ މުއުމިނާގެ މިހާރުގެ ފިރިމީހާ، އާދެ! މުއީޒްގެ ބައްޕަ ޖަލީލާ ދެމީހުން ނިކަން އުފާވެރި ގައިގޯޅި ބައްދަލުވުމެއްގައި ތިއްބައެވެ. އޭގެފަހުން މާގިނަ ދުވަސްތަކެއްނުވެ، އަޑުއިވުނީ ޖަލީލާއި މުއުމިނާގެ ކައިވެނީގެ ޚަބަރެވެ. އެޚަބަރު ޙުސްނީއަށް ދިނީ މުއީދެވެ. އެ ޚަބަރާއެކު މުއީދުގެ ސިޓީ ލިބުނުއިރު ޙުސްނީ ހުރީ ބްރެޒިލްގެ ރިއޯޑިޖެނިރޯގައެވެ.

ޙުސްނީގެ މިހާރުގެ އަނބިމީހާ، އާދެ! ބަދުރިއްޔާއާ ކައވެނިކުރީ އޭގެ ދެތިންއަހަރު ފަހުން، ޢާއިލާއާއި ރައްޓެހިންގެ ނުރުހުމުގައެވެ.

[އަހަރެން ނުރުހޭ ސަބަބު މިހާރު ސާފުވެއްޖެއެއްނު. އެފަދަ ކެހިވެރިއެއްގެ ދަރިޔަކާ އަހަރެންގެ ބާރުހިނގާ ކުއްޖަކާ އަހަންނެއް ނުދެވާނަން.....ހަމަހިލާ އަހަރެން އެކަންވިޔަކަ ނުދޭނަން.] ޙަޔާތުގެ މާޒީން ހިސާބެއްގެ ގަނޑުތަކެއް އުކާލުމަށްފަހު، ޙުސްނީ ފުން ނޭވާއެއްލިއެވެ.

[ޙުސްނީ...މުއުމިނާ ކުރި ކުށުގެ އަދަބު، އޭނާގެ ދަރިއަކަށް ލިބޭކަށް ނުޖެހޭ......އެދެކުދިންގެ ދެމެދަށް ވަންނަން އުޅެފިއްޔާ، އެމަންޖެވެސް ޙުސްނީ މަތިން ފޫހިވާނެ.....] ބަޝީރު ބުންޏެވެ. އޭނާގެ ތަޖްރިބާގެ އަލީގައެވެ. އެހެން ނަމަވެސް ޙުސްނީ ތަކުރާރުކޮށް ބުނީ، އެކަންވިޔަނުދޭނެ ކަމަށެވެ.

[ދުވަހަކުވެސް އެމަންޖެ އަހަރެން މަތިން ފޫއްސެއް ނުވާނެ. އެއަށްވުރެން ބޮޑަށް އޭނާ އަހަރެންދެކެ ލޯބިވާނެ....] ފިސާރި ޔަޤީންކަމާއެކު ޙުސްނީ ބުނެލިއެވެ.

[ހިނގާ މިބަޙުޘް ހުއްޓާލަމާ. އަދި މިހުރީ މަހުން އައިސް ނުވެސް ނިދާ....އަހަރެން ދެން ދަނީ.] ޙުސްނީ ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން