06 ވަނަ އެޕިސޯޑް

==========

އޭރުން މިހާރު އެމީހުން ދިރިއުޅެމުންދާ ގޭގައި އުޅޭނީ ހަމައެކަނި އެދެމީހުންގެ ދެކުދިންނެވެ. އޭނާ ކުރިން އޭނާއަށް ރަނގަޅު މޮޅުގޮތް ހޯދުމަށް މަސައްކަތް ކުރިޔަސް، މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އޭނާގެ ދެކުދިންނަށް މޮޅުގޮތް ހޯދުމަށެވެ.

[ތީ ރަނގަޅު ވާހަކައެއް. މިރޭ ނާއިލް ގެއަށް އައިމާ ކައިވެންޏާ ބެހޭގޮތުން މަޝްވަރާ ކުރާނަން.] އިލްޔާސް ގޮތެއް ނިންމިއެވެ.

އެދުވަހު ނާއިލް ބައްޕަމެންގެ ވިސްނުމާއި ރާވަމުންދާ ރޭވުންތަކުގެ ވާހަކަ، ލޯބިވެރިޔާއަށް ވަރަށް ސާފުކޮށް ކިޔައިދިނެވެ.

[ނާއިލް މާލެ އައުމުގެ މާކުރިންވެސް ތިކަމެއް ވަނީ ރާވާފައި. ޢައިޝާއާއި ނާއިލް ބައްޕަމެން މާލެ އައި ދުވަހުގެރޭ ޢައިޝާއާއި ނާއިލްގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދެއްކި އަޑު އަހަރެން އެހިން.] ބައްޕަގެ ވިސްނުން، ނާއިލް ޒޭނާ ގާތު ބުނީމާ ޒޭނާ ބުންޏެވެ.

[އަހަރެން ހިއެއް ނުކުރަން. އަހަރެންގެ ބައްޕައަކީ އަޞްލު އެހާ ބޯދާ ޚިޔާލުގެ މީހެއް ކަމަކަށް. އެކަމަކު ބައްޕަ އެގޮތަށް އެނިންމީ އަހަންނަށް ވަރަށް އިތުބާރުކޮށްފަ.....] ނާއިލް ދެއަތަކަށް ބޯހޫރާލިއެވެ. ޙަޤީޤަތުގައި އެއީ ނާއިލް ވަރަށް ބޮޑަށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ.

[ނާއިލް ބައްޕަގެ ބަސް ޤަބޫލުކޮށްގެން ޢައިޝާއާ އިންނާނީދޯ؟ އަހަންނަކީ ރާއްޖެތެރޭގެ ނިކަމެތި ޢާއިލާގެ ނިކަމެތި އަންހެން ކުއްޖެއް. އަހަރެންގެ ބައްޕަ.......] ޒޭނާގެ ދެލޯ ފެންކަޅިވިއެވެ.

[ޒޭނާ...ދެރަނުވޭ ޒޭނާ އަހަރެންގެ ޒޭނާ ދުރަކަށްނުލެވޭނެ. ޒޭނާތީ އަހަރެންގެ ހިތް. ހިތާ ވަކިން އެއްވެސް އިންސާނަކަށް އުޅެވޭނެތަ؟] ނާއިލް ޒޭނާ އޭނަޔާ ގާތަށް ލަފާލިއެވެ. އޭރު ޒޭނާގެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ހިލެން ފަށައިފިއެވެ.

[ނާއިލް، އެކަމަކުވެސް އަހަރެންގެ ހިތަށް އަރަނީ އަހަންނަކީ ނާއިލާ އެކަށީގެންވާ މީހެއް ނޫނޭ. އަހަރެމެންގެ ގުޅުން މިގޭ މީހުންނަށް އެނގޭ ހިސާބުން މައްސަލަތައް ވަރަށް ގޯސްވާނެ.] ޒޭނާ ދެރަވަނީ އެހެންވެގެންނެވެ.

[ޒޭނާ އަހަރެން ނުބުނަންތަ؟ ދެމީހުންގެ ތަފާތުތަކާ ބެހޭގޮތުން ވާހަކަ ނުދައްކާށޭ.] ނާއިލް ޒޭނާ ކުރިއަށްވުރެންވެސް ގާތަށް ލަފާލުމަށްފަހު މެޔާލާ ބޮނޑިކޮށްލިއެވެ.

[މިފަދަ އިއްތިފާޤެއް މެދުވެރިވެ، ދެމީހުން ބައްދަލުވެ، ގުޅުން އުފެއްދުމުން، ވަކިވާން ޖެހުމަކީ ހަމަގައިމުވެސް އަހަންނަކަށް ކުޅަދާނަވާނޭ ކަމެއް ނޫން. އެކަމަކުވެސް އަހަރެން ކެތްތެރިވާނަން.] ޒޭނާ ބުންޏެވެ.

[ޒޭނާ...ޒޭނާގެ ބައްޕަ ކޮބައިތަ؟ ޒޭނާ މަންމަ ގާތު ބުނޭ، ބައްޕަ ހުރި ތަނެއް ބުނެދޭށޭ. އޭރުން އަހަރެން ޒޭނާގެ ޙައްޤު ހޯދަން މަސައްކަތް ކޮށްދޭނަން.] ނާއިލް ބުންޏެވެ.

[ބައްޕަ މަންމަ ވަރިކޮށްފި. މަންމަގެ ބަނޑަށް ތިންމަހުގައި. ބައްޕައާ ބެހޭގޮތުން މަންމަ އަހަރެން ގާތު ބުނިހާވެސް ވާހަކައަކީ ބައްޕައަކީ މާލޭ މީހެއް ކަމަށް. އިތުރަކަށް އެއްވެސް މަޢްލޫމާތެއް ނުދޭ.] ޒޭނާ ނާއިލްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ، އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ދެއްކިއެވެ.

[ބައްޕަގެ ސިފަވެސް ދުވަހަކުވެސް ނުދެކެންތަ؟] ނާއިލް އެއްސެވެ. ޒޭނާ ބޯޖަހާލިއެވެ.

އެދުވަހު ޒޭނާއާއި ނާއިލް އެދެލޯބިވެރިންގެ ކުރިމަގާ ބެހޭގޮތުން ވާހަކަ ދައްކަން އެތައްއިރެއް ވަންދެން ތިއްބެވެ.

އެރެއެވެ. ނާއިލްގެ ކައިވެންޏާ ބެހޭގޮތުން ނާއިލާ ވާހަކަ ދެއްކުމަށްޓަކައި އިލްޔާސާއި ޝާޢިރާގެ ދެމަފިރިން ތިބީ ނާއިލް ކާން އަންނާނޭ ވަގުތެއްގެ އިންތިޒާރުގައެވެ. ނަމަވެސް، ބައްޕަގެ ވިސްނުން، ކުރިން ނާއިލަށް އެނގިފައިވުމުން، އޭނާ އެރޭ ކެއީ ސިޔާދާއެކު ބޭރުންނެވެ.

[ކީއްވެ މިރޭ ބޭރުން ކާން ނިންމީ؟] ސިޔާދު ކައި ނިމިގެން ރެސްޓޯރެންޓުން ނުކުންނަމުން އެއްސެވެ.

[އެއީ އަހަރެންގެ ކައިވެންޏާ ބެހޭގޮތުން ބައްޕައާއި ކުޑަމަންމަ ވާހަކަ ދައްކަން ތައްޔާރުވެގެން ތިބިކަން އެނގޭތީ. ފޯނު އޮފް ކޮށްގެން މިއުޅެނީވެސް އެހެންވެގެން.] ނާއިލް ބޯކަހާލިއެވެ.

[ތިހެނޭ ކިޔާފައި ގެއަށް ނުވަދެ ހުރެވޭނެތަ؟ ދެންވެސް ތިކަމުން ސަލާމަތްވާން މޮޅު ގޮތެއް ރާވަބަލަ.] ސިޔާދުގެ ގާތަށް ހިނިއައެވެ.

[އަހަންނަށް ހަދާނޭ ގޮތެއް ނުވިސްނިގެނޭ މިއުޅެނީ. ސިޔާ ބުނެބަލަ ސަލާމަތްވާނެ މޮޅުގޮތެއް.] ނާއިލް ސިޔާދުގެ ލަފައަށް އެދުނެވެ. ސިޔާދު ވިސްނާލިއެވެ.

[ބައްޕަމެން ތިވާހަކަ ދައްކައިފިއްޔާ ބުނޭ، ނާއިލް މަންމަގެ ޞިއްޙީ ޙާލަތު ރަނގަޅުވީމައޭ ކައިވެންޏެއް ކުރާނީ. މަންމަ ރަނގަޅު ވަންދެން މަޑުކުރާނީއޭ ބުނޭ.] ސިޔާދު ލަފާދިނެވެ.

[ތިބުނީ ވަރަށް ރަނގަޅަށް ތިކަމުން ސަލާމަތްވެވިދާނޭ ގޮތެއް.] ނާއިލް ތެދުވިއެވެ. ނާއިލް ވަރަށް ދަންކޮށްފައި ގެއަށް ދިޔައިރުވެސް އިލްޔާސް، އޭނާގެ އިންތިޒާރުގައި ސިޓިންގރޫމްގައި އިނެވެ.

[ދަރިފުޅާ ބައްޕަ އިންތިޒާރު ކުރާތާ ކޮންއިރެއް. މިއޮއްހާއިރު ވަންދެން ފޯނު އޮފްކޮށްގެން ކޮންތާކު އުޅެފަ ތިއައީ...އަވަހަށް އައިސް ބައްޕަގެ ގާތު އިށީނދެބަލަ...] އިލްޔާސް ބުންޏެވެ.

[ފޯނުގެ ބެޓެރީ ދިޔައީ. ރައްޓެހި ކުދިބަޔަކާ ދިމާވެގެން ކޮފީއެއްގައި މާގިނައިރުވަންދެން ތިބެވުނީ. ކިހިނެއްވީ؟] ނާއިލް ބައްޕައިން ސޯފާގެ ކުރިމަތީގައި އިށީނެވެ.

[ދަރިފުޅާ، ބައްޕައާއި ޢައިޝާގެ ބައްޕަ މިހާރު ނިންމައިފިން، ދެން މާލަސްތަކެއް ނުކޮށް، ތިޔަ ދެކުދިންގެ ކައިވެނީގެ ކަންތައް ހަމަޖައްސަން.] އިލްޔާސް މިހެން ބުނީމާ، ނާއިލް ހިސާބަކަށް ހުއްޓުންއެރިއެވެ.

[ބައްޕާ....އަދި ކައިވެންޏެއް ކުރާކަށް އަހަރެން ނުވިސްނަން.] ނާއިލް މިހެން އިސްޖަހާލައިގެން ހުރެއެވެ.

ނާއިލް މިހެން ބުނީމާ އިލްޔާސަށް ލިބުނީ ވަރަށްބޮޑު ސިހުމަކާއި ޙައިރާން ކަމެކެވެ. ޙަޤީޤަތުގައި އިވުނީ ނާއިލްގެ ފަރާތުން އިވޭނޭ ކަމަށް އޭނާ ހިތަށްވެސްއެރި ޖަވާބެއް ނޫނެވެ. އޭނާ ޔަޤީން ކުރިއެވެ. ނާއިލް، އޭނާގެ ކޮންމެފަދަ ނިންމުމަކަށްވެސް މަރްޙަބާ ކިޔާނެއެވެ.

[ދަރިފުޅާ، ކީއްވެތަ ތިހެން ތިބުނީ. ދެޢާއިލާ މިހާވަރަށް ކައިވެންޏަށް ތައްޔާރުވެފައިވަނިކޮށް ތިގޮތަށް ނިންމުމަކީ، މިޢާއިލާގެ ޤަދަރާއި އިޙްތިރާމް، އެހެން މީހުންގެ ކުރިމަތީގައި ފަނޑުވެގެންދާނެ ކަމެއް. ކައިވެނި ފަސްކުރާކަށް ބައްޕައަކަށް ނުފެނޭ.] އިލްޔާސް އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނޫނެވެ.

[ބައްޕާ....އަހަރެން ކައިވެނި ކުރަން ބޭނުންވަނީ މަންމަވެސް ޢާންމު ޙާލަތަށް އައިމާ. މަންމަ އެގޮތަށް ނިކަމެތި ހާލުގައި ވަނިކޮށް، އެވަރުގެ އުފާވެރި ޙަފްލާއެއް އިންތިޒާމް ކުރާކަށް އަހަރެން ބޭނުމެއް ނޫން.] ނާއިލް މިފަހަރު ދެއްކި ވާހަކައިން އިލްޔާސަށްވެސް ވިސްނަން ޖެހުނެވެ.

[ބައްޕަވެސް އެދެނީ ތިގޮތް. އެކަމަކު ދަރިފުޅާ މިހާރު ދަރިފުޅުގެ މަންމަ އެނިކަމެތި ހާލުގައި އުޅޭތާ ސަތާރަ އަހަރުވެގެން ދިޔައީ. އެއްވެސް ލުޔެއް އެކަމަކަށް ނުލިބުނު. މިހާރު ޝާޢިރާ އެދަނީ ފަންޑިތަ ހަދާ މީހަކު ގެނެސް ފަންޑިތަ ހައްދަމުން. އެކަމަކުވެސް އެއްވެސްވަރަކަށް ލުޔެއް ލިބޭ ތަނެއް ނުފެނޭ.] އިލްޔާސަށް މިހެން ބުނެވުނު ވަގުތު ޝާޢިރާވެސް އެތަނަށް އައިސް ހުއްޓިއްޖެއެވެ.

[ކުޑަމަންމަ ގެނެސްގެން އުޅޭ މީހާގެ މަސައްކަތަށް ބަލާފައި، އަހަރެން އެހެން މީހަކު ހޯދާނަން. އެކަން ކުރިއަށް ދާނީ ސިޔާދުގެ ފުރިހަމަ ބެލުމުގެ ދަށުން.] ނާއިލް ބުންޏެވެ. ނާއިލްގެ އެވާހަކައިން ޝާޢިރާއަށް ހީވީ ބިރުވެރި ސިގްނަލެއް އޭނާއަށް ދިނީހެންނެވެ. ޙަޤީޤަތުގައިވެސް އެއީ ބިރުވެރި ސިގްނަލެކެވެ.

[މިހާރު މީހަކު ހޯދައިފިންތަ؟] ހިސާބަކަށް ހާސްވެފައި ހުރި ޝާޢިރާ، އޭނާގެ މޫނުމަތީގައިވާ ހާސްކަމާއި ނުތަނަވަސްކަން ފޮރުވަމުން އެއްސެވެ.

[އާނ މިހާރު ވަރަށް މޮޅު މީހަކު ސިޔާދު ހޯދައިފި. އުންމީދު ކުރަނީ ވަރަށް އަވަހަށް މަންމަގެ ބައްޔަށް ލުޔެއް ލިބޭނޭ ކަމަށް.] ނާއިލް ބުންޏެވެ. ނާއިލްގެ އެޖުމްލައިން ޝާޢިރާއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ބާރު ބޮނޑިއެއް އަޅާލީހެންނެވެ.

[މިހާރު މީހަކު ލިބުނީދޯ؟ އަހަރެން އެމަސައްކަތް ކުރުވާ މީހާވެސް އެބަ ބުނޭ ރަނގަޅު ކުރެވޭނެޔޭ. ކުޑަމަންމައަށް ހީވަނީ އެހެން މީހަކު ލައްވާ މަސައްކަތް ކުރުވަންވާނީ މީނާގެ މަސައްކަތަށް ދުވަސްކޮޅަކު ބަލާފަހެން. އެއްވެސް ކަމަކީ ކުއްލިއަކަށް ޙައްލު ކުރެވޭނޭ ކަމެއް ނޫން.] ޝާޢިރާ ބުންޏެވެ. އަދިވެސް އޭނާ މަސައްކަތް ކުރަމުންދަނީ ނާއިލްގެ މަސައްކަތް ހުއްޓުވާށެވެ.

[އެންމެ ރަނގަޅު. އެކަމަކު އަހަރެން ތިމީހާއަށް ބަލާނީ، ދެން މަހެއްހާ ދުވަހަށް. މަންމައަށް ލުޔެއް ނުލިބޭ ކަމަށް ވަންޏާ ޖެހޭނީ މަސައްކަތް ހުއްޓުވާލަން.] ނާއިލް ބުނެލިއެވެ.

ޝާޢިރާ ވަގުތުން އެބަ އަންނަމޭ ބުނެފައި އެތަނުން ނުކުމެގެން ގޮސް ބަދިގެފަރާތަށް ވަނެވެ. ބަދިގެފަރާތަށް ގޮސް އޭނާ ގުޅީ މުޙްސިނަށެވެ.

[މުޙްސިން އަވަހަށް ތަންކޮޅެއް ބާރުގަދަ އެއްޗެއް ހަދާފައި، މިކަން އެކީ ނިންމާލަން އުޅެބަލަ. އެހެން ނޫނީ އަހަރެމެންގެ ޕްލޭން ފެއިލްވެދާނެ.] ޝާޢިރާ މުޙްސިނާ ވާހަކަ ދައްކަމުން، ކާގެތެރޭ ހުރި ސޯފާގައި އިށީނެވެ. އެއީ ގޭގެ ނޯކަރުންތައްވެސް ނިދާފައިވާ ވަގުތު ކަމުން، އެއްވެސް އިތުރު މީހަކު އެތާކު ނެތެވެ.

[އެހާ ކުއްލިއަކަށް އޭނާ މަރުވެއްޖެއްޔާ ޝައްކެއްވެސް ވެދާނެ. އެކަމަކު ދެން އަހަރެން ހަދާނީ ވަރަށް ބާރުގަދަ އެތިފަހަރެއް.] މުޙްސިން ބުންޏެވެ.

[ނުވާނެ ޝައްކެއް. މިހާރު އޭނާ އެގޮތަށް އެހާލުގައި އޮންނަތާ ސަތާރަ އަހަރުވީ. އެހާދުވަހު އެހެން އޮވެފައި ކުއްލިއަކަށް ދިޔަޔަކަސް އެއްވެސް މީހަކަށް ޝައްކެއް ނުކުރެވޭނެ. އަހަރެން މުޙްސިން ބުނާވަރަކަށް ފައިސާދޭނަމޭ.] އެވަގުތު އެތަނަށް އައިސް ހުއްޓުނު އިލްޔާސަށް އިވުނީ ޝާޢިރާ މުޙްސިން ބުނިވަރަކަށް ފައިސާ ދޭނަމޭ ބުނި އަޑެވެ.

[ކޮންކަމަކަށް ބޭނުންވަރަކަށް ފައިސާދޭނޭ ވާހަކަތަ ތިކިޔަނީ. ކާކާތަ ތިވާހަކަ ދައްކަނީ؟] ޝާޢިރާއަށް ވަރަށްބޮޑު ޝޮކެއް ލިބުނެވެ. އޭނާއަށް ތެޅިގަނެވުނުވެސްމެއެވެ.

[މިވާހަކަ ދައްކަނީ ފަންޑިތަ ހަދަން އަންނަ މުޙްސިނާ. އޭނާ ކައިރީ މިބުނަނީ ވީހާވެސް ރަނގަޅަށް މަސައްކަތްކޮށް ނާޒިމާ ރަނގަޅުކޮށްދޭށޭ. އޭރުން ބޭނުންވަރަކަށް ފައިސާ ދޭނަމޭ.] ޝާޢިރާ އޮޅުވާލިއެވެ.

[ނާޒިމާއަށް ރަނގަޅުކޮށްފައި، މިލިޔަން ރުފިޔާގެ އަގު ކިޔަސް އަހަރެން މިހުރީ ދޭން ތައްޔާރަށް.] އޭރުވެސް ޝާޢިރާ ހުރީ ފޯނުގައި ކަމުން، އިލްޔާސް ދެއްކި ވާހަކަ މުޙްސިނަށް އިވުނެވެ.

[އެއް މިލިޔަން ރުފިޔާއޭ! ޝާޢިރާ....އެއީ ހާދަ ގިނަ ފައިސާއެކޭ. އަހަންނަށް ފައިދާ ބޮޑު ގޮތަކީ އެއްފަހަރާ އެއްމިލިޔަން ރުފިޔާ ލިބުން.] އިލްޔާސްގެ އަޑާއެކު މުޙްސިންގެ ޚިޔާލު ބަދަލުވިއެވެ. ވަގުތުން ޝާޢިރާ ދާހިއްލާ ފޯވިއެވެ. އެވަގުތު ފޯނުވެސް އޭނާ ކަނޑާލިއެވެ.

ޙަޤީޤަތުގައި ފަންޑިތަ ހަދައިގެން ނާޒިމާ ޢާންމު ޙާލަތަށް ގެންނަން އެންމެ ފަސޭހަވާނީވެސް ސީދާ މުޙްސިނަށެވެ.

[ޝާޢިރާ ކުއްލިއަކަށް ހާދަ ހާސްވެއްޖެހެން ހީވެޔޭ. އަނެއްކާ އަހަންނަށް ގޯސް އެއްޗެކޭ ބުނެވުނީތަ؟] އިލްޔާސް އެއްސެވެ.

[ހާހެއްނުވޭ. އެކަމަކު އޭނާގެ ފޯން ކޯލްގައި ހުއްޓާ އެއްމިލިއަން ރުފިޔާ ދޭނޭ ވާހަކަ ބުނީ، އެވަރުގެ ކަމަކަށް ހާދަ ބޮޑު އުޖޫރައެކޭ އެއީ....] ޝާޢިރާ މޫނުމަތީގައި ހުރި ހާސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.

[އެއީ ބޮޑު ޢަދަދެއް ނޫން. އެވަރުވެސް މަދީ އެކަމަށް. ފަސް މިލިޔަން ރުފިޔާވެސް ބޮޑެއް ނޫން. ޝާޢިރާއަށްވެސް ރަނގަޅަށް އެނގެއެއްނު، އަހަރެންގެ މިފައިސާވެރިކަމަކީ ސީދާ ނާޒިމާގެ މަސައްކަތްކަން.] އިލްޔާސް ކާގެއިން ނުކުމެގެން އޭނާ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ބުންޏެވެ.

[އަހަންނަށްވެސް އެނގޭ، އެކަމަކު މުޙްސިން އޮތީ ނާޒިމާ ރަނގަޅު ކުރާނޭ ކަމުގެ ޔަޤީންކަން އަހަންނަށްދީފައި. އޭނާ ބުނި ރަނގަޅުވާނެޔޭ.] ޝާޢިރާވެސް ފަހަތުން ހިނގައިގެންފިއެވެ.

އެވަގުތެވެ. ނާއިލް، ގޭގެ ސިޓިންގރޫމްގައި އޭނާގެ ލޯބިވެރިޔާ ޒޭނާއާއެކު ވަގުތު ހޭދަކުރަނީއެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާ އެކީގައެވެ.

[އަހަރެން މިހާރު ބައްޕަމެން ކުރަން އުޅުނު ކަންތައްވެސް ހުއްޓުވައިފިން. އަހަރެން ބުނިން، މަންމަ ރަނގަޅުވީމާ ނޫނީ އަހަރެން ކައިވެނި ކުރަން ބޭނުން ނޫން ވާހަކަ. އެކަމަކު ބައްޕަ އަދި ގޮތެއް ނުނިންމާ.] ނާއިލް ޒޭނާ ގެނެސް، އޭނާއާ ކައިރިކޮށްލިއެވެ.

[ނާއިލް....އަހަރެމެންގެ މިގުޅުން ނާއިލްގެ ބައްޕައަށް އެނގިއްޖެއްޔާ އަހަރެން މިގެއިން ނެރެލާނެކަންނޭނގެ.] ޒޭނާ ވަށައިގެން ހޯދަމުން ވާހަކަ ދެއްކިއެވެ.

[ޒޭނާ ނެރެފިއްޔާ އަހަރެންވެސް މިގެއިން ނުކުމެގެން ދާނަން. އަހަންނަކަށް ޒޭނާއާ ވަކިން ނޫޅެވޭނެ. އަދިވެސް އަހަރެން ޒޭނާދެކެ ތެދުވެރި ޙަޤީޤީ ލޯބިވާކަން ޔަޤީން ނުކުރެވޭދޯ؟] ނާއިލް ފިސާރި ލޯތްބާއެކު ޒޭނާގެ ކޯތާފަތުގައި ފިރުމާލިއެވެ. ނާއިލް ބިރުގަނެ ޖެހިން ނުވިޔަސް، ޒޭނާ ހުންނަނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

އެމީހުންގެ އެގުޅުން އެގޭ އެހެން މީހަކަށް ފެންނާކަށް ނޫނީ އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އަބަދުވެސް ވިސްނަނީ އޭނާއާއި ނާއިލާ ހުރި ތަފާތާ މެދުގައެވެ.

[ޒޭން...ހާދަ ހާސްވެގެން ތިބަލަނީ...މިގެޔަކުން ޒޭންއަށް އެއްވެސް ހުރަސްތަކެއް ނޯންނާނެ. ކިތައްފަހަރުތަ އަހަރެން ބުނަންވީ ޒޭންއާއި އަހަންނާ ދެލޯބިވެރިންގެ ގުޅުމަށް ހުރަސް އެޅޭނޭ އެއްވެސް ބާރެއް ނެތޭ.] ނާއިލް ކުރިއަށްވުރެންވެސް ޒޭނާއާ ގާތްވެލިއެވެ.

[ނާއިލް....ތިވަރަށް ކައިރިނުވެބަލަ....އަޅެ އަހަރެން ލަދުގަނޭ....] ޒޭނާ ލަދުން ނާއިލްގެ މޭގެތެރޭގައި ބޮނޑިވެލިއެވެ. އެއީ މުޙްސިން ކުރިން ޙަވާލުކޮށްފައިވާ ތަވީދެއް ނާޒިމާގެ ކޮޓަރިއަށް ލުމަށްޓަކައި ޝާޢިރާ އައިސް ވަން ވަގުތެވެ. ނަމަވެސް، ޝާޢިރާ ވަން ކަމެއް ނާއިލްމެނަކަށް ނޭނގުނެވެ. އެދެލޯބިވެރިން ހިބީ އޭރު އެކަކު އަނެކެއްގެ ޖަޒުބާތުގައި ޖެހިފައެވެ.

[ޒޭން..ބައްޕަމެން ކިތަންމެ މަޖުބޫރު ކުރިޔަސް، އަހަރެން ޢައިޝާއާ އިންނާނެ އެއްވެސް ގޮތެއް ނޯންނާނެ. ޒޭނާތީ އަހަރެންގެ ދެލޮލުގެ ނޫރު. ތިޔައީ އަހަރެންގެ ހިތުގެ ވިންދު...] އެދެލޯބިވެރިންނަށް ނުފެންނާނެހެން ޝާޢިރާ ދުރުގައި ހުރެ ރަނގަޅަށް ބަލައިލިއެވެ.

ނާއިލްގެ ގާތުގައި އިނީ އެގެއަށް އެންމެފަހުން ގެނައި ގެންގުޅޭ ކުއްޖާކަން އެނގުމުން އޭނާގެ ތުންފަތުގައި މަލާމާތުގެ ހިނިތުންވުމެއް ކުޅެލިއެވެ.

ވަގުތުން އޭނާ ފޯނުން އެމަންޒަރު ވީޑިއޯ ކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން ހިނގާފައި ގޮސް އޭނާ އެތަނުން ނުކުމެއްޖެއެވެ. އެވަގުތު ނާއިލާއި ޒޭނާ ސިހުނީ ޝާޢިރާ އެތަނުން ނުކުތް ވަގުތު، ދޮރުމަތީގައި ހުރި މާވަށިގަނޑެއް ވެއްޓުނު އަޑަށެވެ.

[ކާކު މިގަޑީގަ....؟] ނާއިލް ތެދުވެގެން ނިކަން ބާރަށް އެދިމާއަށް ހިނގައިގެންފިއެވެ.

[ވަގެއްކަންނޭނގެ.] ނާއިލް ސީދާ ދިޔައީ ޝާޢިރާގެ ފަހަތުންނެވެ. ނަމަވެސް ޝާޢިރާއަކީ ވަރަށް ހުޝިޔާރު އަންހެނެކެވެ. އޭނާ ހުރީ ކަޅު ކުލައިގެ ފޮތިގަނޑަކުން މުޅި ހަށިގަނޑު ނިވާކޮށްގެނެވެ. ނާއިލް ދިޔައީ ސިޑިއާ ދިމާއަށެވެ. ނަމަވެސް ޝާޢިރާ ބޭނުންކުރީ ލިފްޓްކަމުން ނިކަން ފަސޭހައިން ނާއިލަށް ޝާޢިރާ ގެއްލިއްޖެއެވެ.

ނާއިލް ސިޑިން ތިރިޔަށް ފައިބައިގެން ގޮސް މަގަށްވެސް ނުކުތެވެ. ނަމަވެސް، އޭނާއަކަށް ވަގުކަލޭގެ ފަހެއްވެސް ނުފެނުނެވެ.

[އަހަންނަށް އޭނާގެ ފަސްވެސް ފެނުނު. ވަގުކަލޭގެ ފިލައިގެން ހިނގައްޖެ.] ނާއިލް އެނބުރި އައިސް ލޯބިވެރިޔާ ޒޭނާގެ ގާތުގައި އިށީންނަމުން ބުންޏެވެ.

[އަދި އެވަގުކަލޭގެ ބޭރަށް ނުނިކުންނަނީކަންނޭނގެ. ހުރިހާ ކުޑަދޮރުތައް ލައްޕާ ތަންޑު އެޅުވިފައި ހުރިތޯ ބަލަމާ.....] ޒޭނާވެސް ތެދުވެއްޖެއެވެ. އޭނާގެ ފަހަތުން ނާއިލް ހިނގައިގެންފިއެވެ.

[އޭނާ ނުކުތް ތަން އަހަރެން ދުށީމޭ. އޭނާ ހިނގާފައި ދިޔަގޮތުން އަންހެނެއްގެ ޙަރަކާތްހެންވެސް ހީވޭ.] ނާއިލް ކުޑަދޮރުތައް ތަޅުލެވިފައި ހުރިތޯ ބަލައި ފާސް ކުރުމަށްފަހު ބުންޏެވެ. ޙަޤީޤަތުގައި އެރޭ ޝާޢިރާއަށް ލިބިގެންދިޔައީ ވަރަށް މުހިންމު މަޢްލޫމާތުތަކެކެވެ. އެ ވީޑިއޯ ކްލިޕް ބޭނުންކޮށްގެން ނާޒިމާގެ ޢާއިލާތެރޭގައި އޭނާއަށް ހުޅު ރޯކުރެވިދާނެއެވެ.

އޭނާގެ މިހާރުގެ މަޤްޞަދަކީވެސް އެއީއެވެ. އޭނާ ބޭނުންވަނީ ނާއިލާއި އޭނާގެ ބައްޕަ އިލްޔާސާ ދެމެދު ނަފްރަތުގެ ޠޫފާނެއް ގެންނާށެވެ. އެހެން ނަމަވެސް ފިޔަވަޅު އެޅުމުގެ ކުރިން އޭނާ ފާރަވެރިވެ ބަލަމުންދާނީ ނާއިލް އެނޯކަރު އަންހެން ކުއްޖާ ދެކެ ލޯބިވަނީ ކިހާ މިންވަރަކަށްތޯ ބެލުމަށެވެ. އޭނާ މައްސަލަ އުފައްދަން މަސައްކަތް ކުރާނީ އެދެމުގައިވާ ލޯބީގެ ބަދަހި މިންވަރަށް ބަލާފައެވެ.

ޖެހިގެން އައި ދުވަހު ޝާޢިރާ ޤަޞްދުކުރީ އެގޭގައި ގެންގުޅޭ މީހުންގެ ތެރެއިން އޭނައަށް އެންމެ ވަފާތެރި ކަމަށް ގަބޫލުކުރެވޭ އިދުރީސްއާ އެމަސައްކަތް ޙަވާލުކުރާށެވެ.

[އިދުރީސް މިއަދު އަހަރެން ކަލެޔާ މި ޙަވާލުކުރާ މަސައްކަތް ކުރިއަށް ގެންދަންވާނީ ވަރަށް ސިއްރިއްޔާތުގައި. އިތުރު އެއްވެސް މީހަކަށް މިކަން އެނގިގެން ނުވާނެ.] ޝާޢިރާ އިދުރީސްއާ މަސައްކަތް ޙަވާލުކުރިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


11

ހަސަން

06-May-2020

ކިޔާހިތްވާ ޝައުގުވެރި ރީތި ވާހަކަ އެއް



ޓްރެންޑިން