ޚިޔާލަކީ ތަފާތު އެއްޗެކެވެ. އެކަމަކު ޚިޔާލެއް ފާޅުކޮށް ދޫކޮށްލާން ވާނީ އެކޮޅު މިކޮޅަށް ރަނގަޅަށް ވިސްނާ ފިކުރު ހިންގާފައެވެ. އެއީ ނޫސްވެރިއަކަށްވިޔަސް ވެރިއަކަށް ވިޔަސް މޮޅު ޑޮކްޓަރަކަށް ވިޔަސް މެއެވެ. އަދި މިޤައުމުގައި އެންމެ އަޑުގަދަ މީސްމީޑިޔާގެ ވެރިން ކަމުގައި ވިޔަސް މެއެވެ.

ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ފިޔަވަޅު ތަކަކީ ތަޢުރީފު ހައްޤު ފިޔަވަޅު ތަކެކެވެ. މިސަރަހައްދުގެ ގިނަ ޤައުމުތައް ކުރިން ލޯމަރާލައިގެން ތިބި ނަމަވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން ޞިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެންމެ އާދައިގެ މީހާއާއި ހަމައަށް އެންމެ ފުތަމަ ދުވަހުން ފެށިގެން ވެސް އެދަނީ ވަރަށް ފުރިހަމައަށް ޒިންމާ އަދާކުރަމުންނެވެ. ކަމާގުޅޭ މައުލޫމާތު ހާމަކުރާލެއް ފުރިހަމަ ކަމުން، ގިނަ ކަމުން ނުވަތަ މައުލޫމާތު ހުޅުވާލެފައިވާ ވަރުން ބައެއް ފަހަރު ރައްޔިތުން ހާސްވެ ކަންބޮޑުވާ ވަރަށް ވެސް ދާތަން އެބައާދެއެވެ.

ކޮރޯނާ ވައިރަސް ފެތުރެން ފެށީއްސރެ ވަގުތާއި ހާލަތާއި ގުޅޭ ގޮތަށް އެންމެ ރަނގަޅަށް ފިޔަވަޅު އަޅާފައިވާ އަދިވެސް އަޅަމުންދާ މިސަރަހައްދުގެ އެއްޤައުމަކީ ދިވެހި ރާއްޖެއެވެ. ހަމައެކަނި ތަފާތަކީ ސިންގަޕޫރު ފަދަ ޤައުމަކަށް ނުވުމެވެ. އެވަރުގެ ވަސީލަތްތަކާއި ތަރައްގީ އޮތް ޤައުމަކަށް ނުވުމެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ހުރި ފަރަގެވެ.

ކޮރޯނާ ވައިރަސް ފެތުރުމުގެ ބިރު ނުވަތަ ފެތުރެމުންދާ ޤައުމު ތަކުގެ ތެރެއިން ޤުދުރަތީ ގޮތުން އެންމެ ތަފާތު ގޮތަކަށް އުފެދިފައިވާ އެއް ޤައުމަކީ ދިވެހި ރާއްޖެއެވެ. ރާއްޖެއަށް ކިތަންމެ ގިނަ ފަތުރުވެރިންނެއް ޒިޔާރަތް ކުރިނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ވަރަށް ތަފާތު ވެއްޓެއްގައި ތަރައްޤީ ކުރެވިފައިވާ ސިނާއަތެއް އޮތް ޤައުމެކެވެ. އެހެންކަމުން ކޮރޯނާ ވައިރަހާއި ގުޅިގެން އަޅަމުންދިޔަ ފިޔަވަޅުތައް އެޅުމުގައިވެސް ރާއްޖެއިން ގެންގުޅެމުން އައި އުސޫލާއި ގޮތްތައް ވަރަށް ތަފާތެވެ.

ރިޒޯޓަކުން ނުވަތަ ރަށަކުން ކޮރޯނާ ވައިރަސްގެ އަސަރު ހަމަ ފެންނަ ހިސާބުން އެރިޒޯޓެއް ނުވަތަ އެރަށެއް ލޮކްޑައުން ކޮށްލައެވެ. ނުވަތަ ރަށަށް އަރާފޭބުން ބަންދު ކޮށްލައެވެ. ދަތުރުކުރާ ސަފާރީއަކުން އެފަދަ އަލާމާތެއް ފެނިއްޖެ ނަމަ އެސަފާރީއެއް ކަނޑުމަތީގައި ލޮކްޑައުން ކުރެއެވެ. ރާއްޖެ ޤުދުރަތީ ގޮތުން އުފެދިފައި މިއޮތީ ހުރިހާ ރަށެއް ވަކިވަކީން ލޮކްޑައުން ކުރެވޭ ގޮތަށެވެ. އެހެންވީމާ އެހާލަތަށް ދިއުމުން މާލެވެސް ލޮކްޑައުން ކުރަންވީއެވެ. ކާށިދޫވެސް ލޮކްޑައުން ކުރަންވީއެވެ. އައްޑޫ ވެސް ލޮކްޑައުން ކުރަންވީއެވެ.

އެހެންވީމާ ކޮންމެހެން މުޅި ރާއްޖެ މިއޮތީ ލޮކްޑައުން ކޮށްފައޭ ބުނާކަށް ކޮންމެހެން ނުޖެހެއެވެ. ރާއްޖެ އުފެދިފައި މިއޮތީ ރަށްރަށް ވަކި ވަކިން ލޮކްޑައުން ކުރެވޭ ގޮތަށެވެ. ބޭނުމިއްޔާ އެއްރަށުން އަނެއް ރަށަށް އަރާފޭބުން ބަންދުކޮށް ނުލެވޭނެ ހަމަ އެއް ރަށެއްވެސް ނެތެވެ.

ދެން މިކަމާ ދެކޮޅަށް ބަހުސް ކުރާ މީހުން ބުނާނީ މިރާއްޖެއަށް މީހުން އެތެރެވާ ބަނދަރުތައް ލޮކްޑައުން ނުކުރަނީސް ނުވަތަ މުޅި ޤައުމު ލޮކްޑައުން އޭ ބުނެ އިޢުލާން ނުކުރަނީސް އެއީ ލޮކްޑައުން އަކަށް ނުވާނެ ކަމަށެވެ. ދަންވަންތޯއެވެ؟ އެފަރާތްތަކުން އެބުނާ ލޮކްޑައުން އަކީ ދުނިޔޭގައި އެއްބައްރަކަށް އުފެދިފައި އެހެރަ ޤައުމުތައް ލޮކްޑައުން ކުރާގޮތަށް މިޤައުމުވެސް ލޮކްޑައުން ނުކޮށްގެން ދައްކާ ވާހަކައެއް ކަމަށްވާނަމަ ދެން ދަންނަވާނެ އެއްޗެއް ނެތެވެ.

އެކަމަކު ނިކަން ވިސްނާލަމާ ހިނގާށެވެ. ސިންގަޕޫރާއި އެމެރިކާއާއި އިޓަލީ ވިލާތް ފަދަ ޤައުމު ތަކަކީ ދުނިޔޭގައި ކުރިއަރާފައިވާ މުއްސަނދި ވަސީލަތްތައް ހުރި ޤައުމުތަކެވެ. އެޤައުތަކުގެ ތަޖުރިބާއިން އަޅުގަނޑުމެން ފިލާވަޅު ދަސްކުރަން ވެސް ޖެހެއެވެ. އެކަމަކު އެޤައުމުތަކުގައި ކަންކަން ކުރާ ހުރިހާ ގޮތެއް މި ރާއްޖެއަށް ފިޓް ނުވެދާނެކަން ގަބޫލުކޮށް ބަލައިގަންނަން ޖެހެއެވެ. ޗައިނާގައި ކަންކުރި ގޮތަށް މި ޤައުމުގައި އެހާލަތުގައި ކަންކޮށްގެން ނަތީޖާ ރަނގަޅު ނުވެދާނެ ކަމަށް ވިސްނަމާ ހިނގާށެވެ. އެކަމަކު ޗައިނާގެ ތަޖުރިބާއިން އަޅުގަނޑުމެން ތަޖުރިބާ ހޯދުން އެއީ އެންމެ ރަނގަޅު ގޮތެވެ.

ރާއްޖޭގެ އެއަރޕޯޓްތައް ލޮކްޑައުން ކުރެވިދާނެއެވެ. ރާއްޖެއަށް ބޭރުން އެއްވެސް މީހަކު އެރުންވެސް މަނާކުރެވިދާނެއެވެ. ރާއްޖެއަށް އެއްވެސް އެއްޗެއް އެތެރެކުރުންވެސް ހުއްޓުވިދާނެއެވެ. އެހެން އެގޮތަށް އިޢުލާންވެސް ކުރެވިދާނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ވެސް ބުނަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ގާއިމު ކުރެވިފައި ހުރިއްޔާ ދަތުރު ފަތުރު ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި ދަތުރު ފަތުރު ހުއްޓުވުމަކީ މިކަމަށް އޮތް ހައްލެއްވެސް ނޫން ކަމުގައެވެ.

އަޅުގަނޑަށް ހަމަ ފެންނަނީ މި ޤައުމު ލޮކްޑައުންގައި އޮތް ތަނެވެ. ރާއްޖެއަށް މިހާރު ފަތުރުވެރިންނަށް އެތެރެވެވެނީ ކޮރޯނާ ވައިރަސްގެ ހާލަތު ރަނގަޅު ޤައުމުތަކުންނެވެ. އޭނާ ރާއްޖެ އެތެރެވަނީ ދަތުރުފަތުރުގެ ތާރީޚުތަކަށް ބަލާފައެވެ. އޭނާ އެއަރޕޯރޓަށް އަންނަ އިރު ހަތަރު ފަރާތުން ކަށިގަނޑާއި ކެމެރާތައް ޖައްސައިގެން ދުޅަހެއުކަން ދެނެގަނެއެވެ. ކިރިޔާ ޝައްކު ކުރެވެންޏާވެސް އެކަހެރިކޮށް ކަރަންޓީން ކުރެއެވެ. މިގޮތަށް އެކަހެރިކޮށް ކަރަންޓީނު ކުރަނީވެސް އެހެން މީހުން ލަފާފުރާ ނޫޅޭ ވަކި ރަށްރަށުގައެވެ. ނޫނީ ރާއްޖެއަންނަ މީހާ މިހާރު މިދަނީ ސީދާ އޭނާ ދާން ޚާއްޞަ ކޮށްފައިވާ ލޮކްޑައުން ކުރެވިފައިވާ ރަށަކަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ރިޒޯޓުތަކެއް އޮތީ ލޮކްޑައުން ކުރެވިފައެވެ. އަރާ ފޭބުން މަނާ ކުރެވިފައެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ހާލަތާއި އެއްގޮތަށް މި ލޮކްޑައުންގެ މުއްދަތު އިތުރުކުރުމެވެ.

މުޅި ރާއްޖެ ލޮކްޑައުން ކުރުމަކީ މިރާއްޖެއަށް ބޭރުގެ އެއްވެސް ޤައުމަކުން ލަފާފުރުން ހުއްޓުވުން ކަމަށްވާނަމަ އެކަން ކުރެވޭނީ ކިހާ ދުވަހަކަށް ހެއްޔެވެ؟ މި ޤައުމަކީ އެއްވެސް އެއްޗެއް އުފައްދާ ޤައުމެއް ނޫނެވެ. ކާނާގެ އެއްވެސް ބާވަތެއް އަދި ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް ބޭނުންވާ އެއްވެސް ޒަރޫރީ ބާވަތެއްވެސް މި ރާއްޖެއަކު ނުއުފައްދައެވެ. މިހާލަތުގައި އިންޑިޔާއިން ދޭ ބޭސްކޮޅަކުން ހަމައެކަނި ފުދޭނެ ހެއްޔެވެ؟ އެޤައުމުގެ އަސްކަރީ ސިފައިންގެ ޞިއްޙީ އެހީތެރިން ކޮޅެއް މިޤައުމަށް ގެނަސްގެން ހަމައެކަނި ފަރުޖެއްސޭނެ ހެއްޔެވެ؟

ތިން މަހުގެ ހަނޑޫކޮޅާ ފުށްކޮޅާ ހަކުރު ކޮޅު އެކަނި ހުރެގެން ވާން އެބައޮތް ހެއްޔެވެ؟ ކުޑަ ދަރިފުޅަށް ކޮންމެ ދުވަހަކު ދޭ ކިރުކޮޅު ވެސް ހޯދަން ޖެހެނީ ބޭރު ޤައުމަކުންނެވެ. ކޮންމެ ދުވަހަކު ބޭނުން ކުރާ ލުބޯކޮޅާ މިރުން ކޮޅާއި ބިސްކޮޅުވެސް ގެންނަން ޖެހެނީ ބޭރު ޤައުމަކުންނެވެ. މިތަކެތި މަސްދުވަހަށް ވާވަރަށް ގަނޑުކޮށް ގަނެފައި ބެހެއްޓޭނީ ފައިސާ ހުރި، ތަންއޮތް، ވަސީލަތްތައް ހުރި މުއްސަނދިންނަށެވެ. ޤައުމު ލޮކްޑައުން ކޮށްގެން އެމީހުންނަށް މަސްދުވަހު ހެވިފައި އުޅެވިދާނެއެވެ. އެކަމަކު މިތަކެތި ދުވަހުން ދުވަހަށް ލިބެން ނެތިއްޔާ އާދައިގެ ނިކަމެތި މީހާ ހަދާނީ ކިހިނަކުން ހެއްޔެވެ؟ މި ސުވާލުތަކަށް އަޅުގަނޑު ޖަވާބުދޭކަށް ނެތީމެވެ. ލޮކްޑައުން ކުރަން ތިޔަ ގޮވާ ތަޖުރިބާކާރު ވިސްނޭ މޮޅެތި ބޭފުޅުން މިއަށް ޖަވާބެއް ދެއްވާށެވެ.


ކިޔުންތެރިންގެ ހިޔާލު


7

އަބޫމުޙައްމަދު

06-May-2020

ތިޔައި ކަނޑައެޅިގެން ދޮގެއް. ފިރަތަމަ ދުވަހުން ފެށިގެން ފިޔަވަޅު އެޅިނަމަ, ފެބްރުއަރީ މަގު ދިން ރިޔާސީ ބަޔާނުގައި އެ ވާހަކަ ދެއްކީހެވެ. އަދި ކޮރޯނާއަކީ އެއްވެސް ނުރައްކަލެއް އޮތް ބައްޔެއް ނޫންކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސާއި މެންބަރުން އޭޕްރީލު އަންނަންދެން ވާހަކައެއް ނުދެއްކީހެވެ. ސަރުކާރެއް ގައުމެއް ބަންދެއް ނުކުރެވޭނެޔޭ ކިޔައި ބަހުސެއް ނުކުރީހެވެ. މިއަދު ވެސް ކޮވިޑްގެ އަސަރު ނުކުރާ 15 ގައުމަކީ ޑިސެންބަރުން ފެށިގެން ފިޔަވަޅުއެޅި ގައުމެވެ. މި ސަރުކާރުން "އޭރު, މިތިބީ ފުރިހަމައަށް ތައްރުވެގެންނޭ" ބުނެ ފޮނި ކެނދުން ފިޔަވައި ކުރި އިތުރު ކަމެއް ނެތެވެ. ސަރުކާރު ޕްރޮމޯޓުކުރާން ވެސް ހަގީގަތާ ޚިލާފަށް ޚުޝާމަދުކުރުމަކީ ކުރެވޭ މަލާމާތެކެވެ.



ޓްރެންޑިން