02 ވަނަ އެޕިސޯޑް

==========

ކޮޓަރިއަށް ވަދެވުމާއެކު، މުއީޒްގެ ލޯމަތިން އެ ނާމާން ހިޔަނި ސިފަވާން ފެށިކަހަލައެވެ. ނިދިޖެހިލުމާއެކު، އޭނާ ސިހިގެންދާފަދަ ގޮތަކަށް ލޯހުޅުވައި، ވަށައިގެން ހޯދާލިއެވެ. އެތާ ތެރެއަށް އޭތި ފާޅުވެދާނޭ އޭނާއަށް ހީވަނީކަންނޭނގެއެވެ. އޭނާ އެކަންޏެއް ނޫނެވެ.

ޒައިހާގެ ހާލު، އެއަށްވުރެން މާބޮޑެވެ. އޭނާ އޮތީ ލޯމަރާލަންވެސް ބޭނުން ނުވެފައެވެ. ލޯ މަރާލާއިރަށް އޭތި ކޮޓަރިތެރެއަށް ފާޅުވެދާނޭހެން އޭނާއަށް ހީވަނީކަންނޭނގެއެވެ.

ނިދީގެ އަސަރުން ޒައިހާ ވަރުބަލިކޮށްލީ، ނިދަން ބޭނުންނުވެ އޭނާ ނިކަން ގަދަހަދަމުން ދަނިކޮށެވެ.

ފުން ނިންޖަކާއެކު ޒައިހާ ހިމޭންވި ވަގުތު، ކޮޓަރީގެ މައިދޮރު ކުޑަކޮށް ހުޅުވެން ފަށައިފިއެވެ. އެއްވެސް އަޑެއްބަޑެއް ނީވިއެވެ. އިސާހިތަކު އެއްކޮށް ދޮރު ހުޅުވިއްޖެއެވެ. އެއާއެކު ޖާނުވަރުހުރި ފިރިހެނަކު ވައިސޫރިއެއްހެން އެތެރެއަށް ދެމިގެންފިއެވެ. އެހިނދު ކޮންމެވެސް އެއްޗެހިތަކެއް ލޫދިގެންދާފަދަ އަޑުފައްގަނޑެއް އިވުނެވެ. ނަމަވެސް، ޒައިހާ އޮތީ ވަރުގަދަ ނިންޖެއްގައެވެ.

ކޮޓަރިއަށް ވަން ޒުވާނާ މިހާރު (ފެންނަ ފެނުމަށް ޒުވާނެއް ކަމަށް ސިފަކުރެވޭ މީހާ)ގެ މިޞްރާބު އެހުރީ ޒައިހާ އޮތް އެނދާ ދިމާއަށެވެ. ނަމަވެސް، އޭނާގެ ފިޔަވަޅުގެ އަޑެއްވެސް އަދި ނޭވާލާ އަޑެއްވެސް ނީވެއެވެ. އޭނާ ފިޔަވަޅު އަޅަމުންދަނީ އެހާވެސް މަޑުން ބަލައިގެނެވެ.

ޒައިހާ ލައިގެން އޮތީ، އޭނާ އަބަދުވެސް ނިދަންލާ ސިލްކު ފޮތީގެ ދޫގަމީހާއި ދޫހަރުވާޅެވެ.

އެއާއެކު، ކާކުކަން ނޭނގޭ އެމީހާ ނިދާބޮކީގެ ފަނޑުއަލީގެތެރޭ ޒައިހާ އޮތް އެނދާ ދިމާއަށް ގުދުވެލިއެވެ. ދެން ކުރިމަތިވީ ކޮންމެ ރޭވިލޭރެޔަކުވެސް ޒައިހާ ކުރިމަތިލާންޖެހޭ ކަންތައްތަކާއެވެ. ނަމަވެސް ކުރިން އެއްވެސްރެޔަކު ނުކުރެވޭ އިޙްސާސްތަކެއް އޭނާއަށް މިރޭ އެބަކުރެވެއެވެ. އެ ބީހުންތަކާއި ފިރުމުންތަކުގެ ހޫނުން އޭނާއަށް ފުން އަރާމާއެކު ހިތްހަމަޖެހުމެއް ލިބެމުންދާ ކަހަލައެވެ. ބޭއިޚްތިޔާރުގައި ދެލޯ މެރިފައިވާ ހާލުގައި، އޭނާގެ ދެއަތްވެސް ވަށާލީ، ކޮންމެވެސް ހަށިގަނޑެއް އެދެއަތުގެ ތެރެއަށްލާ ފިތާލާ ފަދައިންނެވެ. ނިދީގައި އޮވެމެއެވެ.

އުފަލާއި އަރާމުގެ ލައްޒަތުގެ ވަގުތުކޮޅަށްފަހު، ޒައިހާއަށް ހޭލެވުނީ ކުއްލިއަކަށެވެ. އެއާއެކު، އޮވެވުނު ގޮތުން އޭނާ ނިކަން ލަދުގަނެ ފިސާރި ދެރަވެއްޖެއެވެ.

އޭނާއަށް ކޮޓަރިތެރެ ހޯދާލެވުނެވެ. ނަމަވެސް، ކޮޓަރިތެރެއަކު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާއަށް ގުޑާވެސް ނުލެވި ގަނޑުވެފައި އިރުކޮޅެއްވަންދެން އޮވެވުނީ، އޭނާގެ ޙާލަތާ ދޭތެރޭ ވިސްނައި ދެރަވެފައެވެ.

އަނެއްކާވެސް ކޮޓަރި ދޮރު ހުޅުވުނީ އޭނާ އެގޮތަށް ހުއްޓުން އަރާފައި އިންދައެވެ.

[ކާ....ކު...؟ މިތަނަށް ނުވަދޭ....ނުވަދޭ....] ޒައިހާއަށް ރޮއިގަނެވުނެވެ.

[ދަރިފުޅާ...ބައްޕަ....] އެތެރެއަށް ނުވަދެ ބޭރުގައި ހުރެ ޙުސްނީ ވާހަކަ ދެއްކިއަޑު އިވުނެވެ. ނަމަވެސް ޒައިހާ އިން ޙާލަތު ޙުސްނީއަށް ފެނުނެވެ.

[ބައްޕާ ނުވަދޭ...] ޒައިހާ ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ. ޙުސްނީ ދޮރު ލައްޕާފައި ހިނގައްޖެއެވެ. ފާޚާނާއަށްވަދެވެސް ޒައިހާ ރުއީއެވެ. ޒައިހާ އެކަންޏެއް ނޫނެވެ. އަމިއްލަ މިލްކުގައިވާ އެންމެ އަގުބޮޑު އެތި ގެއްލިގެން ދިޔުމުން، ރޮއި ހިތާމަ ނުކުރާނީ ކާކު ހެއްޔެވެ؟ ކޮންމެ މީހަކުވެސް ދެރަވާނެއެވެ.

އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ޚަޒާނާއަކީ ޢިއްފަތެވެ. މިއަދު ޒައިހާ އެވަނީ އެ އުފަލުން މަޙްރޫމްވެފައެވެ. ނަމަވެސް، ހެނދުނު މަންމަ ގާތު އެވާހަަކަ ދައްކާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އަދި ހިތަށް ކޮށްފައިވާ އަސަރުގެ ބޮޑުކަމުން، އޭނާގެ މޫނުމަތިން އެ އަސަރު ފާޅުވާން ހުއްޓެވެ.

[ދަރިފުޅާ ކިހިނެއްވެފައި ތިހުންނަނީ.....އަނެއްކާ ރޭގައިވެސް ކޮޓަރިއަށް މީހަކު ވަނީތަ؟] ޒައިހާ ހުރިގޮތުން ބަދުރިއްޔާ ޒައިހާގެ އިޙްސާސްތައް ދެނެގަތެވެ.

[މަންމާ...އެމީހަކު....] ޒައިހާގެ ބަޑި ފަޅައިގެން ދިޔުމާއެކު، މަންމަގެ ގައިގައި އޮޅުލައިގަތެވެ. ޒައިހާއަށް އިތުރަށް މަންމައަށް ކިޔައިދޭހާ ހިތްވަރެއް ނުލިބުނީކަންނޭނގެއެވެ. އޭނާ ގިސްލަގިސްލާ ރޮމުން، ބުނިހާވެސް އެއްޗަކީ މަންމާއޭ އަހަރެން ސަލާމަތް ކޮށްދޭށޭއެވެ. ބަދުރިއްޔާ އެތައްފަހަރެއްގެ މަތިން ވީ ކީއްތޯއާއި، ވެގެން އުޅޭގޮތެއް ބުނުމަށް އެދި އާދޭސްކުރީމާ، ޒައިހާ ރޮއިރޮއިފައި ބުނީ، އެމީހަކު އޭނާގެ ޢިއްފަތް ފޭރިގެންފި ކަމަށެވެ.

[ނުވާނެ....ނޫން...] ދަރިފުޅުގެ އެ ޖުމްލައިން ހީވީ ބަދުރިއްޔާގެ މެޔަށް ވިހަ ތީރެއް ހަރާލިހެންނެވެ. އޭނާއަށްވެސް އަޑުވީއްލާ ރޮއިގަނެވުނެވެ.

[ދަރިފުޅު...ކީއްވެތަ މަންމަމެނަށް ނުގޮވީ....އެއްވެސް ވަރަކަށް އެއީ ކާކުކަމެއް ނޭނގޭތަ؟] ބަދުރިއްޔާ އެހެން އެހި ވަގުތަކީ، ޙުސްނީ މަހުން އައިސް ގެއަށް ވަން ވަގުތެވެ. ބަދުރިއްޔާ ޙުސްނީއަށް އެވާހަކަ ވަގުތުން ކިޔައިދިނެވެ. ޙުސްނީވެސް އެކަމާ ވަރަށް ދެރަވިއެވެ.

އެވަގުތު ބަދުރިއްޔާ ޙުސްނީއާ މަޝްވަރާކުރީ، އެކަންކުރި މީހަކު ހޯދޭތޯ ރަށުއޮފީހަށް އެންގުމަށެވެ.

[ބަދުރިއްޔާ ތިޔަހުރީ ހަމަހޭގައިތަ....ތިޔަ އުޅެނީ މިމަންޖެ ރަށަށް ގިނަކޮށްގެން ބަދުނާމުކޮށްލަންތަ؟ މިގޭތެރެއިން ތި އަޑު ބޭރުކޮށްގެން ނުވާނެ. އަހަރެން ތިކަންތައްތައް ހޯދާނީ، އަހަރެން އަމިއްލައަށް.] ޙުސްނީ ބުނީވެސް ދޮގެއް ނޫނެވެ. އެކަން ބަދުރިއްޔާއަށް ވިސްނުނީ، ޙުސްނީ ވިސްނައިދިނީމައެވެ.

[އަހަރުމެންނަށް އެމީހަކު ހޯދޭނެތަ؟] ބަދުރިއްޔާގެ ސިކުނޑި ސުމަކަށް ގޮސްފައިވާ ކަހަލައެވެ.

[އަހަރެން ހުރީ ރޭގައިވެސް ހޭލާ ހުންނަން ކަމަށް...އަހަންނަށް ނިދުނީވިއްޔަ. އަހަރެން މަހަށްދާން ތެދުވެ އުޅެނިކޮށް، ޒައިހާގެ ކޮޓަރި ދިއްލާފައިވާތަން ފެނި، ދޮރު ހުޅުވީމާ، ޒައިހާ ނުވަންނާށޭ ބުނީމާ އަހަރެން ދިޔައީ....]

[ބައްޕާ އޭރު އެމީހަކު ހިނގައްޖެ....] ޒައިހާ އަދިވެސް ރޮނީއެވެ.

[ތިމީހަކު އަހަންނަށް ފެނިއްޖެއްޔާ ދުވަސް ދުއްވާލާނަން....] ބަދިގެފަރާތާ ދިމާއަށް ހިނގައިގަންނަމުން ޙުސްނީ ބުންޏެވެ.

އެރޭގެ އިރާކޮޅުގެ ވަގުތެވެ. މުއީޒް ތައްޔާރުވަމުން އެދަނީ، އޭނާގެ ލޯބިވެރިޔާއާ ބައްދަލުކުރަން ދިޔުމަށެވެ. އެމީހުންގެ ލޯބި ފެށުނުރޭ، ދެން ބައްދަލުވާނެ ތަން ހަމަޖެއްސީ މުއީޒެވެ. ނަމަވެސް، މިރޭ އޭނާ ތައްޔާރުވަމުން އެދަނީ ޒައިހާގެ އެދުމަށް ޒައިހާ ބޭނުންވާތާކަށް ދިޔުމަށެވެ.

ޒައިހާގެ ދަޢުވަތު އޭނާއަށް ދިނީ، ދާދި ކުޑަހިނދުކޮޅެއްގެ ކުރިން މިރުޒާއެވެ. އެހާ ކުއްލި ގޮތަކަށް ޒައިހާ ބައްދަލުވާން އެދުނީ ކީއްވެގެންބާއޭ ހިތަށްއެރި ނަމަވެސް، އޭނާ އެސުވާލެއް މިރުޒާއަކާ ނުކުރެއެވެ. އެއީ މުއީޒްގެ ނަޞީބު ނުވަތަ ބަދުނަޞީބު ކަމަށްވެސް ވެދާނެއެވެ.

މުއީޒް ގަޑިއަށް ބަލައިލުމަށްފަހު، ބޭރަށް ނުކުތްއިރު، ކާން ހަދައިގެން އޭނާގެ އިންތިޒާރުގައި މަންމަ މެދުގޭތެރޭގައި އިނެވެ. މުއީޒް އުޅުނީ މަންމައަށް ނުފެނި ނުކުންނާށެވެ. ނަމަވެސް، މުއުމިނާ އިނީ ސީދާ ކޮޓަރި ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ.

[ދަރިފުޅާ އާދޭ ކާން.....]

[މަންމާ އަހަރެން ކާނީ ތަންކޮޅެއްފަހުން..އެބަ އަންނަން.] މުއީޒް އަނެއްކާވެސް ގަޑިއަށް ބަލައިލުމަށްފަހު ގެއިން ނުކުތެވެ. އެއާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމަކާއި ޙައިރާން ކަމެކެވެ. ދޮރުމަތީގައި ހުރީ ޒައިހާއެވެ. ހިނިއައިސްފައެވެ.

[އަވަހަށް ހިނގާ....ހާދަ ޙައިރާންވެފައި ތިހުރީ.....މިރޭ ދާނީވެސް ދެކުނު ތުނޑިއަށް....] އާދަޔާ ޚިލާފު ނަޒަރަކުން މުއީޒަށް ބަލަންހުރެ ޒައިހާ ވާހަކަ ދެއްކިއެވެ.

[ތުނޑިޔަށޭ!؟ ބިރެއްނުގަނޭ!؟] މުއީޒް ހުއްޓުންއެރިއެވެ.

[ކޮންބިރެއް...މުއީޒް ހާދަ ފިނޑިއޭ. އަވަހަށް ހިނގާ....އަހަންނަށް ވަގުތެއް ނެތް...] މުއާޒް ފަހަތުން އާދޭތޯވެސް ބަލައިލުމެއްނެތި، ޒައިހާ ކުރިއަށް ހިނގައިގެންފިއެވެ. ހަމައެއާއެކު، ހީވީ ދަގަތްފާނަށް ދަގަނޑު ދެމިހެންނެވެ. މުއީޒަށް ޒައިހާގެ ފަހަތުން ހިނގައިގަނެވިއްޖެއެވެ. ޒައިހާ ފަސްއެނބުރިބަލައެއްވެސް ނުލައެވެ. އޭނާގެ މިޞްރާބު ހުރީ ހަމަ ދެކުނު ތުނޑިއާ ދިމާއަށެވެ.

މުއީޒްވެސް ޒައިހާގެ ފަހަތުން މަޑުމަޑުން ހިނގަމުންދިޔައެވެ. އަމިއްލަ ބާރެއްގައެއް ނޫނެވެ. ކޮންމެވެސް އެހެން ފަރާތެއްގެ ނުފޫޒުން ދާ ފަދައިންނެވެ. ހީވީ ޒައިހާ، އޭނާގެ ކުރީގައި ހުރެ ވަލެއް ޖަހައިގެން ދަމާފައި ގެންދާހެންނެވެ.

ހިނގަން ފެށިމާ މާގިނައިރުތަކެއްނުވެ، އެދެމީހުންނަށް ދެކުނު ތުނޑިއާ ހަމައަށް އާދެވިއްޖެއެވެ. އެއީ ކަޅުފޮއި މޫސުމެއްގެ ރޭތަކުގެ ތެރެއިން ރެޔަކަށްވުމުން، މުޅި ކާއިނާތަށްވެސް ވެރިވެފައިވަނީ ކަޅުފޮއި އަނދިރިކަމެވެ.

[ޒައިހާ، މިއީ އެއްކަލަ ހިޔަނި ފެނުނު ތަނެއްނު!.....ހަމަ ބިރެއްނުގަނޭ!....] ވަށައިގެން ކަޅި ހިންގާލަމުން މުއީޒް އެއްސެވެ.

[ކޮންބިރެއް؟ އެއީ އެރޭ އަހަރުމެންނަށް ހީވި ހީވުމެއް. އެއީ މިރުޒާ އަހަރުމެން ބިރުގަންނަވަން ކުރިކަމެއް....] ޒައިހާ ހިނގައިގަންނަމުން، ރާޅުޖަހާފަށުގައި ދޮންވެލިގަނޑުގައި އިށީނދެލައިފިއެވެ.

[އަހަރެންގެ މަންމަވެސް ބުނީ، މިއީ ވަރަށް ނާމާން ތަނެކޯ...މީގެ ފަންސަވީސް އަހަރު ކުރީގެ ރެޔަކު ނިކަން ވަރުގަދަ ޙާދިޘާއެއް މިތާނގައި ހިނގިޔޯ.....]

[ތިދައްކަނީ މުތީގޭ ޙުސްނާގެ ވާހަކަދޯ؟ އެއީ ދެން މާކުރީގެ ޙާދިޘާއެއްނު....] ޒައިހާ އިނީ ހަމަޖެހިފައެވެ. އެހެންކަމުން، މުއީޒްގެ ބިރުވެސް އެއްކޮށް ފިލިކަހަލައެވެ. ވުމާއެކު، އޭނާވެސް ޒައިހާގެ ގާތުގައި އިށީނދެއްޖެއެވެ.

[މުއީޒް....ޒައިހާދެކެ ވަރަށް ލޯބިވަންތަ؟] ޒައިހާ މުއީޒްގެ ލޮލަށް ބަލަން އިނދެ އެއްސެވެ. މުއީޒް ފުރަތަމަ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. ނަމަވެސް، އެވަރުން ޒައިހާއަށް މޭރުންނުވެދާނެތީވެ، ދުލުންވެސް ޖަވާބުދިނެވެ.

[އާނ....ވަރަށް ލޯބިވޭ. އެހެން އެއްވެސް ފަރުދަކަށް ޒައިހާދެކެ މިވަރަކަށް ލޯތްބެއް ނުވެވޭނެ.] މުއީޒް ޒައިހާގެ އަތުގައި ހިފަހައްޓާލިއެވެ.

[ތީ ދޮގެއް...ހަޝިޝް ޒައިހާދެކެ މާބޮޑަށް ލޯބިވޭ. ލޯބި ކާމިޔާބު ކުރުމަށްޓަކައި ހަޝިޝް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މިބުނީ މީހަކު މަރާލާކަށްވެސް އޭނާ ފަހެއްނުޖެހޭ ވާހަކަ....] މިފަހަރު ޒައިހާ ވާހަކަ ދެއްކީ، މުޅިން އެހެން ރާގެއްގައެވެ. މުއީޒަށް ލިބުނީ ކުއްލި ސިހުމަކާއި ޙައިރާން ކަމެކެވެ.

[ހަޝިޝްއޭ!؟ އެއީ ކާކު؟] ތެޅިގެންފައި މުއީޒަށް އަހާލެވުނެވެ.

[އެއީ ޒައިހާގެ ލޯތްބަށް ފެން ބޮވައިގެންފައިވާ މީހެއް. އޭނާ ބުނީ އޭނާއަށް ހުރަސްއަޅާ މީހެއްގެ ފުރާނަ ދުއްވާލުމަކީވެސް އޭނާ ކޮށްފާނެ ކަމެކޭ....] ޒައިހާ މުއީޒާ ދިމާއަށް ބަލައިލިއެވެ.

[ޒައިހާ...އެއީކީ ލޯތްބެއް ނޫން...އެއީ ދީވާނާ. އެކަހަލަ މީހަކު ޒައިހާއަށް ޝައްކު ކުރާނެ. ޒައި ފިރިހެނަކާ އަނގައިން ބުނެލިޔަސް، ކުޅިވަރު ދައްކާލާނެ. ޝައްކާއި ވަހުމަކީ މިހާރަކަށްއައިސް ދެމަފިރިންގެ ދޭތެރޭގައިވެސް އެންމެ ގަދައަށްޖެހޭ މައްސަލަ.] މުއީޒް ޒައިހާއާ ގާތަށް ޖެހިލިއެވެ. އޭރު ޒައިހާ އިނީ މޫދުގެ ލޮނުގަނޑާ ދިމާއަށް ކަޅި ހުއްޓާލައިގެންނެވެ. އެހެންކަމުން، އެހިނދު އޭނާގެ މޫނުމައްޗަށް އަރާފައިބަމުންދިޔަ ކުލަވަރު، މުއީޒަކަށް ނުފެންނާނެއެވެ.

[ހަޝިޝް ޒައިހާއަށް އެއްވެސް ގެއްލުމެއްނުދޭ. އެހެންވެ ޒައިހާވެސް މިހާރު ބޭނުންވަނީ ހަޝިޝްއާ ގުޅެން. އޭނާ އެހެން ހުރިހާ އިންސާނުންނަށްވުރެންވެސް ބާރުގަދަވާނެ.] ޒައިހާ އެއިންގޮތަށް އިނދެ ބުންޏެވެ. މުއީޒަށް ބަލައިލުމެއްވެސްނެތިއެވެ.

[ޒައިހާ؟ ކޮން ސަމާސާއެއް ތިކުރަނީ؟] ޒައިހާ ކުރަނީ ސަމާސާ ކަމަށް ހީކޮށް، މުއީޒް ޒައިހާގެ ކޮނޑުގައި ހިފައި، އޭނާއާ ދިމާއަށް އަނބުރާލިއެވެ. ހަމައެއާއެކު މުއީޒަށް ލިބުނީ ޙައިރާންކަމާއެކު، އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެކެވެ. އޭނާ ހީކުރިގޮތަކަށް ނޫނެވެ. ޒައިހާގެ މޫނުމަތީގައި ހިތާމައިގެ ކުޑަވެސް އަސަރެއް ނެތެވެ. ހިނދުކޮޅަކަށް މުއީޒާ ހަތަރުކަޅި ހަމަކޮށްލުމަށްފަހު، ނިކަން އަވަސް ޙަރަކާތަކާއެކު ޒައިހާ އިސްޖަހާލުމުން، މުއީޒް އިތުރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

ހަމަ އެވަގުތެވެ. ޒައިހާއާ ބައްދަލުކުރަން ދިޔުމަށްޓަކައި މިރުޒާ އެދަނީ ޒައިހާގެ ގެޔަށް ދިޔުމަށްޓަކައެވެ.

މެންދުރުގެ ވަގުތެއްގައި ދިމާވެގެން ޒައިހާ މުއީޒާ ބައްދަލުކުރަން ގެންގޮސްދިނުމަށް އެދިފައިވާތީއެވެ. އެގެއަށް ދިޔުމަށްޓަކައި ހިނގަމުންދާއިރު، ދޭތެރެ ދޭތެރެއިން އޭނާ ގަޑިއަށްވެސް ބަލައިލައެވެ. ޒައިހާ ބުނި ވަގުތު ފާއިތުވެ ގޮސްފައިވާތީއެވެ.

މިރުޒާ އެގެއަށް ވަންއިރު، ޒައިހާގެ މަންމަ ބަދުރިއްޔާއާއި ދޮންބައްޕަ ޙުސްނީ ބޮޑުކޮޓަރީގައި ތިއްބެވެ. އެދެމަފިރިން ވެގެން ކޮންމެވެސް ފޮތެއް މުޠާލިޢާ ކުރަނީކަންނޭނގެއެވެ. ބަދުރިއްޔާ އަތުގައި ކޮންމެވެސް ދީނީ ފޮތެއް އޮތްއިރު، އެފޮތާ ބެހޭގޮތުން ޙުސްނީ ބަޙުޘް ކުރަމުންދަނީ، އޭގައިވާ ބައެއް ކަންތައްތައް ރަނގަޅު ކަމަށާއި، އެހެން ނަމަވެސް، އެއީ އެންމެ ޞައްޙަ ފޮތެއް ނޫން ކަމަށް ބުނަމުންނެވެ. ޙުސްނީއަކީ އަބަދުވެސް ކުރީގެ ލިޔުންތެރިންގެ ފޮތްތަކަށް ތަރުޙީބުދޭ މީހެކެވެ. ވުމާއެކު، ފަހުގެ ފޮތްތަކަށް އޭނާ އަބަދުވެސް ފާޑުކިޔައެވެ.

[ބަދުރިއްޔާތަ ކޮބައިތަ ޒައިހާ؟] ގެއަށް ވަންނަމުން މިރުޒާ އެއްސެވެ.

[ދައްތައަށް ހީވަނީ ކައިގެން ނިދަން އޮށޯތީހެން. އެންމެން އެކުގައި ކައިގެން، އެ މަންޖެ ގޮސް ކޮޓަރިއަށް ވަނީ.] ފޮތް ލައްޕާލަމުން ބަދުރިއްޔާ ޖަވާބުދިނެވެ.

[އަހަރެން މިގެއަށް އަންނަ ކޮންމެ ވަގުތަކުވެސް ބަދުރިއްޔާތަ ފެންނަނީ އަބަދުވެސް ކޮންމެވެސް ފޮތަކާއިގެން އުޅޭތަން. މިހާރު މަޢްލޫމާތު މުއްސަނދިވާނެތާ.] މިރުޒާ ޒައިހާ ގާތަށް ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި، ބަދުރިއްޔާމެންގެ ގާތުގައި އިށީނދެއްޖެއެވެ. އެއަށްފަހު، އޭނާ ޒައިހާއަށް ގޮވިއެވެ. ނަމަވެސް، ޒައިހާއަށް އަޑު އިވުނުހެނެއް ހިއެއްނުވެއެވެ.

[ފޮތް ކިޔުމަކީ ކޮންމެހެން ވަކި ޢުމުރަކަށް އޮންނަ ކަމެއް ނޫން. ފޮތް އެކަންޏެއް ނޫނޭ ކިޔަންވީކީ. ނޫސް މަޖައްލާތަކަކީވެސް މަޢްލޫމާތުގެ ޚަޒާނާއެއް.] މިހާރުވެސް ރަމަޟާންމަހު ރޭޑިއޯއިން އެ ފޮނުވާ ދީނީ ސުވާލު މުބާރާތުގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމަކީ ދައްތަމެންނަށް މާބޮޑު ކަމަކަށް ނުވާނެ. ދައްތަމެންނަށް އުނދަގޫވަނީ ސުވާލުތައް އެއްކުރަން. މިރުޒާ، ދައްތައަށް އަންނަ ރަމަޟާން މަހު އެކަން ކޮށްލަދޭންވީނު.] ނަޞޭޙަތާ މަސްހުނިކޮށް ބަދުރިއްޔާ ބުންޏެވެ.

[އަހަރެންވެސް ފޮތްކިޔަން ޝައުޤުހުރޭ. އެކަމަކު އެއްވެސް ހިތްވަރެއް ނުހުރޭ....ޒައިހާ.....] ބަދުރިއްޔާއާ ވާހަކަ ދައްކަމުން މިރުޒާ ޒައިހާއަށް އަނެއްކާވެސް ގޮވާލިއެވެ.

[ފާޚާނާގައިކަންނޭނގެ....އިސްކުރު ދޫކުރާއަޑު އެބައިވޭ. އެ މަންޖެ ނުކުންނަންދެން އިހަށް މިތާ މަޑުކޮށްލާ....] ބަދުރިއްޔާ ބުންޏެވެ.

[އަންނަ އަހަރު ބަދުރިއްޔާއްތައަށް ހުރިހާ ސުވާލެއް އަހަރެން ނަގައިދޭނަން.] މިރުޒާ ބަދުރިއްޔާމެން ކުރިމައްޗަށްވާ ކަހަލަ ގޮތަކަށް ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

[ދައްތައަށް ތިކަން ކޮށްދީފިއްޔާ، ޙައްޖު ދަތުރެއް ދައްތައަށް ދިނުންކަހަލަ ކަމެއްތީ....ދޯ ޙުސްނީ....] ބަދުރިއްޔާ ޙުސްނީއަށް ދޯދިނެވެ. ޙުސްނީ ބޯޖަހާލިއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން