ޞާދިރު ޢަލީދީދީ   26 އޭޕްރީލު 2021 - 14:23
ވޭނީކަރުނަ
ވޭނީކަރުނަ
78 ވަނަ ބައި

.................

[ރަމްލާއެވެ! އަހަރެން އޮތީ ބުނެފައިނޫން ހެއްޔެވެ.] މުޢާޒު ދާންއުޅެފައި މިކޮޅަށް އެނބުރިލިއެވެ. [މަންމަ ތަންތަނަށް އައިސްގޮސްވަނީ މީހެއްގެ ބުނުމަކަށް ނޫނެވެ. މަންމައަށް ދާން ފެނުމުން ދަނީއެވެ. އަންނަން ހިތަށް އެރުމުން އަންނަނީއެވެ.] ރަމްލާ އަވަހަށް ކަރުނަ ފޮހެލާފައި ބުންޏެވެ.

[އަދި އެއްފަހަރު އަޅުގަނޑު ދިއުމުގެ ހުއްދަ ދެއްވާށެވެ. އަޅުގަނޑު މަންމަ ގޮވައިގެން އަތުވެދާނަމެވެ.]

[އެހެން ހަދައިފިއްޔާ މަންމަ ހީކުރާނީ އަހަރެން ރަމްލާއާއިމެދު އިހާނެތިކޮށް ކަންތައްކުރަނީ ކަމުގައެވެ.]

[ނޫނެކެވެ.] ރަމްލާ އޭނާގެ ޒަޚަމްވެފައިވާ ލޮލާ މުޢާޒުގެ ލޮލާ ގުޅާލިއެވެ. [މުޢާޒަކީ އެކަހަލަ މީހަކު ނޫންކަން މަންމައަށް އެނގިލައްވާނެއެވެ. އަޅުގަނޑު މުޢާޒަށް ތާރީފުކޮށް ވާހަކަ ދައްކާފާނަމެވެ.]

މުޢާޒު ހިނިތުންވެލިއެވެ.....

[މާނައަކީ މަންމައަކީ ވަރަށް ނަސީބުގަދަ އަންހެނެކޭ ތާއެވެ. ތިޔަގޮތަށް މަންމަ ގާތުގައި ވާހަކަ ނުދައްކާށެވެ. ދުނިޔޭގައި އަހަރެންގެ ހުރިހާވެސްކަމަކީ އަހަރެންގެ މަންމައެވެ. ތިޔަކަހަލަ ވާހަކަދައްކައިގެން އެމަންމަވެސް އަހަރެންގެ އަތުން އަތުލަން އުޅެނީ ހެއްޔެވެ. އެމަންމަގެ ލޯބިން އަހަރެން މަޙްރޫމް ކޮށްލަން ބޭނުންވަނީ ހެއްޔެވެ.]

[މުޢާޒެވެ......] ރަމްލާގެ ތުންފަތް ހެލިލާފައި ހިމޭން ވެއްޖެއެވެ. އޭނާ ހިންދިރުވާލިއެވެ.

[އަޅުގަނޑު ވާހަކައެއް ނަންގަންނަން ތޯއެވެ؟]

[އާނއެކެވެ. ބުނާށެވެ.]

މުޢާޒު އައިސް ގޮނޑީގައި އިށީނދެއްޖެއެވެ.

[އެއްކަލަ ދުވަހު، އަޅުގަނޑަށް ކޮންމެފަދަ ސަޒާއެއް ދެއްވިއަސް ވަރިނުކުރައްވާށޭ ނަންގަތީމެއް ނޫންތޯއެވެ. އެއީ މުޅިން ދޮގެވެ.]

[އޭއީ ދޮގެކޭ ހެއްޔެވެ؟] މުޢާޒުގެ މޫނުމަތީގެ ކުލަ ކުއްލިއަކަށް ފަނޑުވެގެން ހިނގައްޖެއެވެ.

[އަޅުގަނޑު ވަރަށް ބާރުލާފައި ބޭނުން އަނިޔާއެއް ދެއްވިއަސް އެންމެ ރަނގަޅޭ ނަންގަތީމެއް ނޫންތޯއެވެ.]

[އާނއެކެވެ......]

[އެކަމަކު އެއީ ކުށެކެވެ. މުޢާޒުގެ ފާރަތުން ލިބޭއެއްވެސް އަނިޔާއަކަށް ކެތްކުރުމަކީ އަޅުގަނޑަށް ވެވޭނެކަމެއް ނޫނެވެ. މިހާރު ތިޔަދެއްވަވާ އަނިޔާއަކީ ކެތްކުރެވޭ ވަރަށްވުރެ މާވަރުގަދަ އަނިޔާއެކެވެ. މުޢާޒު އަޅުގަނޑަށް މާފެއް ނުކުރައްވާ ނަންތޯއެވެ؟]

[ރަމްލާއެވެ....] މުޢާޒު މަޑުމަޑުން ރަމްލާގެ ބޯމަތީގައި އަތްބާއްވާލިއެވެ. [މާފުކުރުމާ ހަނދާން ނައްތާލުމުގައި ވަރަށްބޮޑު ފަރަގު އެބަހުއްޓެވެ. ރަމްލާގެ ނުވިސްނޭ ކަމަށްޓަކާ ދޯޕައްޓާ ގެނައި ދުވަހު އަހަރެން ރަމްލާއަށް މާފުކޮށްފީމެވެ.]

[އެކަމަކު އެކަމެއް ނުބުނުއްވަމެއް ނޫންތޯއެވެ.....] އޭނާ ކަރުތެރެ ފުރިފައިވާ ކަހަލަ އަޑަކުން ބުންޏެވެ.

[ބުނާނީ ކީކޭހެއްޔެވެ. ސީދާބަހުން ރަމްލާއަށް މާފުކޮށްފީމޭ ހެއްޔެވެ. އޭގެ ބަދަލުގައި މުޅި ޢުމުރަށް އަހަރެންގެ އިޙްސާންތެރި ކަމުގައި ރަމްލާ އިންނާށޭ ހެއްޔެވެ. ނޫނެކެވެ...... ރަމްލާއެވެ. އިޙްސާންތެރިކަމުގެ ޖަޒްބާތަކީ އަހަންނަށް މާކަ ކަމުދާ އެއްޗެއް ނޫނެވެ. ރަމްލާއަކީ އަހަންނަށް ޝުކުރުވެރިވާ އަޅަކަށް ހަދާކަށް އަހަރެން ނޭދެމެވެ. ރަމްލާއެވެ..... އިޙްސާންތެރިކަމާ ލޯބީގައި ވަރަށްބޮޑު ތަފާތެއް އެބަހުރިކަން ރަމްލާއަށް މާރަނގަޅަށް އެނގޭނެއެވެ. އަދި ރަމްލާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު އަންހެން ކުއްޖަކުކަން އަހަންނަށް އެނގެއެވެ. ރަމްލާ ކުރިކަމެއްކުރީ މޮޔަކަމުންނެވެ. ޒުވާންކަމަކީ ކުށުވެރިކަމެކޭ މީހުން ބުނަނީ އެހެންވެގެންނެވެ..... އަހަރެން އޮތީ ރަމްލާއަށް މާފުކޮށްފައެވެ. މީހުން އެބުނާ ކަހަލަ ފިރިއަކަށް ވެގެން ދުނިޔެއަށް ދެއްކޭކަށް އަހަރެން ބޭނުމެއްނޫނެވެ. މިހުރިހާ ކަމެއްގެ ތެރެއަށް ވަދެވި، ކަންތައްތައް ކުރަންވާގޮތް އަހަންނަށް އެނގުނީ މަންމަގެ ފުށުންނޫން ކަމެއްވެސް ނޭނގެއެވެ. މިހުރިހާކަމެއް އަހަރެން ކުރިއިރު އޭގައި މަންމަގެ އަތެއްވެސް ވެއެވެ.]

[ކީކޭތޯއެވެ.........؟]

ރަމްލާ ކުއްލިއަކަށް ސިހިއްޖެއެވެ. ހީވީ ކޮންމެވެސް ކަހަލަ ދެޔޯއެއް ފެނުނު ހެންނެވެ.

[ތިޔަ ކިއުއްވަނީ ކީކޭތޯއެވެ؟]

[މިއީ އަހަރެން ނުދައްކަންވީ ވާހަކައެކެވެ. އެކަމަކު މިހާރު އަނގައިން ބޭރުވެއްޖެއެވެ. ސާފުކޮށް މިބުނަނީއެވެ. އަހަރެން ހުރިހާކަމެއްވެސް ކުރީ މަންމަގެ އަމުރަށެވެ.]

ރަމްލާގެ މުޅިހަށިގަނޑު ތުރުތުރު އަޅައިގަތެވެ.

[އެހެންވިއްޔާ މިހުރިހާކަމެއް މަންމައަށް އެނގޭނެތާއެވެ.]

[އާނއެކެވެ. އެނގޭނެއެވެ.]

[އޭނާއަށް އެނގުނީ ކިހިނެއްތޯއެވެ؟]

[އޭގެ ތަފްޞީލު އަހަރެން ކިޔާދޭކަށް ބޭނުމެއްނޫނެވެ. އެކަމަކު ސަލާމަތުގެ މަގު އަހަންނަށް ވިސްނާދިނީ މަންމައެވެ. އޭނާއަކީވެސް އެއްޒަމާނެއްގައި ރަމްލާ ކަހަލަ އަންހެނެކެވެ. ރަމްލާގެ ކުއްލިބަލިވުމާ އިރުއިރުކޮޅާ ހޭނެތުމާ މި ހުރިހާކަމެއް މަންމައަށް އޮޅިފައެއްނެތެވެ. ރަމްލާގެ ހުރިހާކަމެއް މަންމައަށް އެނގެއެވެ. ރަމްލާއަށް މިކަން އެނގޭނެކަމެއް ނޭނގެއެވެ. މަންމަ ބުނީ ރަނގަޅު ވާހަކައެކެވެ. އެންމެ އިންސާނެއްގެ މާފުދިނުމުން ފުރިހަމަ ޢާއިލާއެއް ސަލާމަތް ކުރެވިދެއެވެ. އަދި އެންމެ ފަރުދެއްގެ ބުއްދިވެރިކަމުން ހުރިހާ ކުށެއް ރަނގަޅު ކުރެވިދެއެވެ. މަންމަގެ ކޮންމެ ޖުމްލައަކީ އަހަރެންގެ ކުރިމަތީގައި ކިހާ މާތް އެއްޗެއްކަން ރަމްލާއަށް އެނގޭނެއެވެ. އެހެންނޫންނަމަ އަހަންނަކީވެސް އެހެނިހެން ފިރިހެނުންނާ އެއްވެސް ތަފާތެއްހުރި މީހެއްނޫނެވެ.

ރަމްލާގެ ހަށިގަނޑުން ފިނިދަލެއް ނުކުންނަން ފަށައިފިއެވެ. އަޖައިބެއްފަދަ ބިރުވެރި ރާޅުބާންޏެއް އޭނާގެ މުޅި ހަށިގަނޑުގައި ދުވަންފެށިއެވެ. އޭނާ ބިރާއި ސިހުމާއެކު މުޢާޒުއާ ދިމާއަށް ބަލާލިއެވެ.

ރަމްލާގެ މޫނުން ބަދަލުވަމުންދާ ކުލަތައް މުޢާޒު ރަނގަޅަށް ދެނެގެންފިއެވެ. ދެން ކުޑަކުއްޖަކު ހެއްވަންއުޅޭ ކަހަލަ ގޮތަކަށް ހިނިތުން ވެލިއެވެ.

[ރަމްލާއެވެ. އަހަންނަކަށް ރަމްލާދެކެ ރުޅިއެއް ނާދެވޭނެއެވެ. ނަފްރަތުގެ ޖަރާސީމެއް އަހަރެންގެ ހަށިގަނޑަކު ނުވެއެވެ. އަހަންނަށް ބަދަލެއް ނުހިފޭނެއެވެ. އެއީ އަހަންނަކީ މަންމަގެ ދަރިއަކަށް ވީތީއެވެ. އެކަމަކު...... އެކަމަކު..... މި ހުރިހާކަމެއް މިހެން ހުރުމާއިއެކުވެސް އަހްނަނަކީ މަލާއިކަތެއް ނޫން ކަމުގައި ބުނަމެވެ. އަހަންނަކީ އިންސާނަކީމެވެ. އަދި އަހަރެން ބޭނުންވަނީ އިންސާނެއްގެ ގޮތުގައި ހުރުމަށެވެ. އިންސާނަކަށް ވުމާއިއެކު އަހަންނަކީ ފިރިއެއްވެސް މެއެވެ. އެހެނިހެން ފިރިންނާ އަހަންނާ ވަރަށް ތަފާތެވެ. އަހަރެންގެ ނިކަމެތިކަމާ އުނިކަން އަހަންނަށް އިޙްސާސް ކުރެވެއެވެ. އަހަރެން އެކަމަށް އިޢްތިރާފުވަމެވެ. އެކަމަށް އިޢްތިރާފުވުމަކުން އަހަރެންގެ ޟަމީރަށް ލިބޭނެ ގެއްލުމެއްނެތެވެ...... އަހަރެންގެ އެތެރެހަށީގައި ކޮންމެވެސް ވަރަކަށް ރުޅި ނުވަތަ ޙަސަދަވެރިކަމެއް ވާކަމެއް ނޭނގެއެވެ. ނުވަތަ މޮޅިވެރިކަމެއް އެބަވެއެވެ. ރަމްލާއެވެ! މި ހުރިހާކަމެއް އަހަރެންގެ ހަށިގަނޑުން ނެރެލުމަށް ވަގުތުދޭށެވެ.

ފިރިހެނަކާމެދު ޖަނަވާރެކޭ ހީކޮށްގެން ނުވާނެއެވެ. ނުވަތަ އަހަންނަކީ ޖަނަވާރަކީމެއް ނޫނީމެވެ. އަދި އަހަރެން ހިތްހެޔޮ ކަމާއިއެކު ރަމްލާގެ ކައިރިއަށްް އަންނަން ބޭނުމެވެ.

އަހަންނަކީ ރަމްލާގެ ހުވަފެންތަކުގެ ޝަހެޒާދާ ނޫންކަން އަހަންނަށް އެނގުނު ފަހުން އަހަރެން ގަސްތުކުރީ ރަމްލާއަށް ދަނޑިވަޅު ދިނުމަށެވެ. ކޮންމެވެސް އާ ނިންމުމެއްގެ ފުރުޞަތު ދިނުމަށެވެ. ކޮންމެވެސް އާޖަޒުބާތެއްގެ ވަގުތު ދިނުމަށެވެ.]

ރަމްލާ އިސްޖަހާލިއެވެ. ފިނި ނޭވާއެއް ދޫކޮށްލިއެވެ. އަދި ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. މިހާރު އޭނާއަށް ވިސްނުމުގެ ކުޅަދާނަކަން ލިބުނީ ހެއްޔެވެ. އެކަމަކު އެއްޗެކޭ ބުނުމުގެ ހިތްވަރެއް ނުލިބެއެވެ. އެއްޗެކޭ ބުނާނީވެސް ކޮން އަނގައަކުން ހެއްޔެވެ.

މުޢާޒު ކޮޅަށް ތެދުވެއްޖެއެވެ... ދެން އޭނާގެ ކައިރިއަށް އައިސް އިށީނދެއްޖެއެވެ. އަދި އޭނާގެ ފިނިއަތުގައި މުޢާޒުގެ ދެއަތުން ހިފައިފިއެވެ.

އެވަގުތު ރަމްލާއަށް ހީވީ ކަރަންޓްގައި ޖެހުނު ހެންނެވެ. ކުރީގައިވެސް ރަމްލާގެ އަތުގައި މުޢާޒު ހަމައެގޮތަށް ހިފިއެވެ. އެކަމަކު މިއަދު މިވާކަހަލަ ގޮތެއް އޭނާގެ ހަށިގަނޑަކަށް ނުވެއެވެ.

[ރަމޫއެވެ! ރަމޫ އުފަލުގައި ހުންނަތަން ދެކެން އަހަރެން ބޭނުމެވެ.] އޭނާ ލޯތްބާއިއެކު ބުންޏެވެ. [މިއީ ހަމައެކަނި ވަގުތީ ހުވަފެނެކެވެ. މިދުވަސްވެސް ހިނގައި ދާނެއެވެ. ރަމްލާ އުފަލުގައި އުޅޭށެވެ.......]

މުޢާޒު ހަމައެގޮތަށް ރަމްލާގެ އަތުގައި ހިފަހައްޓައިގެން އިނދެ ބުންޏެވެ.] ބައްޕަގެ ޙާލުބަލާލަން ރަމްލާ ނުދާތާ މިހާރު ކިހާ ދުވަހެއްވެއްޖެ ހެއްޔެވެ؟]

[އެއްހަފްތާ ވެއްޖެއެވެ.] ރަމްލާ ބުންޏެވެ.

[ނޫނެކެވެ. ކޮންމެ ތިންދުވަހަކުން އެއްދުވަހު އަހަރެމެން ދާންވާނެއެވެ. އަހަރެއްހާ ދުވަސް ވަންދެން ބައްޕަ އެކަނި ވިޔަނުދިނުން ކޮންމެހެން ބޭނުމެވެ. ރަމްލާ އަހަންނަށް ހަނދާން ކޮށްދޭށެވެ. ބައެއް ފަހަރު މަސައްކަތް ބުރަވެގެން ދާއިރު ހަނދާންނެތުން އެކަށީގެންވެއެވެ. މާދަމާ ހަވީރު ދާންވާނެއެވެ......]

ރަމްލާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

މުޢާޒު ރަމްލާގެ އަތުން ދޫކޮށްލާފައި ތެދުވެއްޖެއެވެ.

[ރަމޫއެވެ...... ދެން ނިދާލާށެވެ.....] އޭނާ އާފުރިލާފައި އެތަނުން ހިނގައްޖެއެވެ.

އޭނާ ރަމްލާގެ އަތުން ދޫކޮށްލާފައި ހިނގައްޖެއެވެ. އެކަމަކު ރަމްލާގެ އަތުގައި އަދިވެސް އޭނާގެ ހިފެހެއްޓުން އެބަހުއްޓެވެ.

އަމިއްލަ ބަދަލުވުމާއިމެދު ރަމްލާ އަޖައިބު ވެއްޖެއެވެ.

މުޢާޒު ދިއުމުން އޭނާގެ ހިތް އުދާސް ވެއްޖެއެވެ.

މިއަދު ބޭއިޚްތިޔާރުގައި މުޢާޒު ހުއްޓުވުމަށް އޭނާގެ ހިތްއެދުނެވެ. އެކަމަކު މުޢާޒު ދެއްކިވާހަކަތައް އަޑުއަހާފައި އޭނާ ގާވެފައި އިނީއެވެ. އިންތަނުން ގުޑާވެސް ނުލެވުނެވެ. އޭނާ އެނބުރިލާފައި ކަނާތް ފަރާތަށް ބަލާލިއެވެ. ޑްރެސިންގ ޓޭބަލްގެ ލޯގަނޑުން އަމިއްލަ ހިޔަނި ފެނިއްޖެއެވެ. އޭނާ އެހިޔަންޏަށް ބަލަންފެށިގޮތުން ހީވީ ފުރަތަމަ ފަހަރަށް އަމިއްލަ ހިޔަނި ފެނުނު ހެންނެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 235 އިން 237 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން