ޞާދިރު ޢަލީދީދީ   21 އޭޕްރީލު 2021 - 12:44
ވޭނީކަރުނަ
ވޭނީކަރުނަ
75 ވަނަ ބައި

.................

ފުރަތަމަ ކޮޅުގައި ރަމްލާއަށް ވަރަށްގިނަ ދަތިތަކާއި ކުރިމަތިވިއެވެ. ސިޓިންގރޫމަށް ސައިފޮނުވަން އޭނާ ޖެހިލުން ވިއެވެ. ތަކުރާރުކޮށް ތަށިދޮންނަށް ޖެހެއެވެ. އެތައް ފަހަރަކު ތަބައް ތައްޔާރުކުރަން ޖެހެއެވެ. އަދި އެދެމެދަށް މަޢޫޒު ވަދެ އުނދަގޫ ކުރެއެވެ.

ފުރަތަމަ ހަފްތާ ދިޔައީ ވަރަށް އުނދަގުލާއި އެކުގައެވެ. އޭނާއަށް ހިވީ މިއުޅެވެނީ އިމްތިޙާނެއްގެ ތެރޭގައި ކަމުގައެވެ. މަންމަ މިހުރިހާކަމެއްކޮށް މުޅި ގެ ސާފުތާހިރުކުރަނީ ކިހިނެއްކަމެއް ނޭނގެއެވެ. އެތައް ފަހަރެއްގެ މަތިން މަންމަ ބުނެފައިވެއެވެ.

[ދަރިފުޅާއެވެ! ފެންވަރާ ކޮޓަރީގައި ދާ އެއްޗެތި ފުނިޖަހާފައި ނުބަހައްޓާށެވެ. އެހުރިހާ ހެދުންތައް އެއްކޮށް ކޮތަޅަކަށް އަޅާފައި ބަހައްޓާށެވެ.]

އޭނާ ވަރަށް ޙައިރާންވެއެވެ. ދާއެއްޗެތި ފެންވަރާ ކޮޓަރީގައި ނުބަހައްޓާ ދެންބަހައްޓާނީ ވަކިކޮންތާކު ހެއްޔެވެ؟

އެކަމަކު މިހާރު އޭނާއަށް އެކަންއެނގި ވިސްނިއްޖެއެވެ. ގޭގައި ކޮންމެ އެއްޗަކަށްވެސް ޖާގައެއް ހުންނާނެއެވެ. އަދި މަންމަ ނެތުމަކުން މުޢާޒަށް އެއްވެސް ބަދަލެއް ނާންނަކަންވެސް އިޙްސާސް ކުރެވިއްޖެއެވެ. ފުރަތަމަ ހަފްތާގައި އޭނާ އުޅުނީ ވަރަށް ޙާލުގައެވެ. ކިތަންމެ ފަހަރަކު އޭނާ އެނދުމައްޗަށް ބަންޑުން ވެއްޓިއޮވެ ރުޔެވެ. މިހާރު ހުރިހާކަމެއް މަޑުމަޑުން ގޮސް ދަސްކޮށްފިއެވެ.

މިހާރު އޭނާ ކަންތައްތަކާއި މަޝްޣޫލުވެފައިވާ ވަރުން މުޢާޒުގެ އެއްވެސް ކަމަކާއި ނުރުހުމެއް ނުވެއެވެ. މުޢާޒު ގޭގައި އުޅުނަސް އޭނާގެ ސިފައާއި ބެހޭގޮތުން މިހާރު ރަމްލާ ވިސްނާހެނެއް ހިއެއްނުވެއެވެ.

އޭނާގެ ހިތް މިހާރު އެދެނީ އަވަހަށް މަންމަ އައުމަށެވެ. އަދި ގޭގެ ކަންތައްތަކާއި ޙަވާލުވުމަށެވެ. އަދި އޭނާ ކުރިއެކޭވެސް އެއްގޮތަށް ލުއިވެލުމަށެވެ. ގޭގައި ތިބޭ މުސްކުޅިންނަކީ ގޭގެ ބަރަކާތްތެރިކަމޭ މީހުން ބުނެއުޅެނީ ކީއްވެގެންކަން މިހާރު ރަމްލާއަށް އެނގިއްޖެއެވެ.

އެއްދުވަހަކު ވާހަކައެއްގެ ތެރޭގައި އޭނާ މުޢާޒު ގާތުގައި މަންމަ ގެނެސްދޭށޭވެސް ބުނެފިއެވެ..... މުޢާޒު ވަރަށް މަޑުމައިތިރި ކަމާއިއެކު ބުންޏެވެ.

[އަހަރެން ދުވަހަކުވެސް މަންމަގެ ރުހުމާއި ޚިލާފަށް މަންމަގެ ކުރިމަތީގައި ވާހަކައެއް ނުދައްކަމެވެ. މަންމަ ދާން ބޭނުމިއްޔާ ފޮނުވާދެނީއެވެ. އަދި އަމިއްލައަށް ފެނިގެން ނާންނަނީސް މަންމަ އަންނާކަށް ނާންގަމެވެ. އަދި އަންނަން ހިތަށް އެރުމާއިއެކު އަމިއްލައަށް ދަތުރު ހަދައިގެން އާދެއެވެ.]

ރަމްލާ އޭނާއަށް ކުރެވުނު ޚިޔާލާއިމެދު ލަދުގަތެވެ. އޭނާ އުޅުނީ ގޭތެރޭގެ ކަންތައްތަކަށް މަންމަ ގެނައުމަށެވެ. އޭނާއަށް މަންމަދީފައިވާ ފަސޭހަތަކާއި އަރާމުތައް ހަނދާން ނައްތާލާފައެވެ. މިކަހަލަ ނަސީބަކީ މާގިނަ ބަޔަކަށް ލިބޭނެ އެއްޗެއް ނޫނެވެ.

އޭނާގެ މާޟީއާއިމެދު ލަދުގަތެވެ. އޭނާއަށް މާތްރަސްކަލާނގެ އެތައް ނިޢުމަތެއް ދެއްވާފައިވެއެވެ. ފިރިމީހާގެ ގެއަށްގޮސް އެއްވެސް ކަހަލަ ދައްޗަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ހަމައެކަނި ފިރިމީހާގެ ސިފައާއިމެދު ހިތްހަމަ ނުޖެހުނީއެވެ. މިކަމުގެ ސަބަބުން ކިހާގިނަ ދަތިތަކަކާ ކުރިމަތިލާން އޭނާއަށް ޖެހުނު ހެއްޔެވެ.

މިދުނިޔޭގައި ހުރިހާ އުފަލެއް އިންސާނާއަށް ލިބިދާނެ ހެއްޔެވެ. ނުލިބޭނެއެވެ. އެގޮތަށް ހީކުރަނީ މޮޔައިންނެވެ. ދުނިޔޭގައި ހުރިހާ އުފަލަކާއި ހުރިހާ އެދުމެއް ފުރިހަމައެއް ނުވެއެވެ. އެކަމަކު ހިތާމަ ހުއްޓެވެ. އިންސާނާއަށް ފެންނަނީ އެހެން މީހުންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކެވެ. ތިމާއާއިމެދު ފެންނަނީ ނާއުއްމީދެވެ.

ހިތާމައިގެ ކޮޅިގަނޑު ރަމްލާއާއި ޙަމަލާދޭން ފެށުމާއެކު އޭނާ ގޭތެރޭގެ ކަންތައްތަކާއި މަޝްޣޫލު ވެއެވެ. ހުރިހާ ކަމެއް ހިތުން ފިލާދާ ވަރަށެވެ.

މިރޭ މުޢާޒުގެ ވަރަށްގިނަ ރައްޓެހިން ކާންއައިސް އެބަތިއްބެވެ. ރަމްލާ އަވަސް އަވަހަށް އިތުރު ދެތިން ހަތަރު ވައްތަރެއް ތައްޔާރު ކޮށްލިއެވެ. އެމީހުން ކައިގެން ދިއުމުން ރަމްލާ ތަށިތައް ނަގަންފަށައިފިއެވެ. އޭނާގެ މޫނުމަތީގައިވަނީ ވަރުބަލިކަމުގެ އަސަރެވެ. އެކަން މުޢާޒަށް އެނގިއްޖެއެވެ.

ރަމްލާގެ މޫނު ބަލާލާފައި އޭނާ ބުންޏެވެ.

[މަންމަ ނެތުމުން ރަމްލާއަށް މަސައްކަތް ބަރުވަނީތާއެވެ.]

[ނޫން...... ނޫނެކެވެ.] ރަމްލާ އަވަހަށް ބުންޏެވެ.] މިއީ މަސައްކަތެއްނޫނެވެ. އަމިއްލަ ގޭގެ ކަންތައްތަކެވެ.]

މުޢާޒު ފަރުވާތެރި ކަމާއިއެކު އޭނާގެ މޫނަށް ބަލާލިއެވެ.

[ރަމްލާ ވަރުބަލިވެފައިވާ ކަހަލައެވެ. އަރާމުނުކޮށް އަބަދު މަސައްކަތުގައި ނޫޅޭށެވެ.]

ރަމްލާ ކަންބޮޑުވުމާއިއެކު ހިނިތުން ވެލުމުން އޭނާ ބުންޏެވެ.

[މަދަމާރޭ ކާނީ ބޭރުންނެވެ. ފިލްމެއްވެސް ބަލާލަން ދާންވާނެއެވެ. މިކަމާ ރަމްލާ ބުނަނީ ކީކޭހެއްޔެވެ؟

ރަމްލާ ތަށިތައް އެއްކުރަން ފަށައިފިއެވެ.

ތަށިތަކާއެކު ލޮލަށް ޖަމާވަމުންދާ ކަރުނަތައްވެސް އެއްތަން ކުރަމުން ދިޔައެވެ. އަބަދުވެސް މުޢާޒު އޭނާއާއިމެދު ޢަމަލާ ބަސް ބަހައްޓަނީ ލޯބިވެތި ގޮތަށެވެ. އަބަދުމެ އޭނާއާއިމެދު ޚިޔާލު ބަހައްޓައެވެ. ވަރަށް ލޯތްބާއިއެކު ވާހަކަ ދައްކައެވެ. ވަރަށް މަޑުމައިތިރިކަމާއެކު ޙާލުއަހައެވެ. ޔާދިރުގެ ކަންތައްގަނޑު ހިނގިދުވަހުން ފެށިގެންވެސް ދުވަހަކުވެސް އޭނާ ރަމްލާއަށް ނުރުހުމެއް ނުދައްކައެވެ. އެއްފަހަރުވެސް ހަރުކަށިކޮށް އެއްޗެކޭ ނުބުނެއެވެ. އޭނާގެ އުޅުން ހުންނަގޮތާމެދު ފަހަރެއްގައިވެސް ވާހަކައެއް ނުދައްކައެވެ.

އޭނާ އެއްޗެތި ކިޔާނަމަ ކޮންފަދަ ހެއްޔެވެ. އޭނާ ރަމްލާއަށް އަނިޔާކުރާނަމަ ކޮންފަދަ ހެއްޔެވެ. އޭނާ އެގޮތަށް ޢަމަލުކުރާނަމަ ރަމްލާގެ ޟަމީރުގެ ބުރަ ތަންކޮޅެއް ލުއިވެއްޖައީސް ކަންނޭގެއެވެ.

އެކަމަކު ކިހާ ފަސޭހަކަމާއެކު ކަލޭގެ މޫނުގެ ކުލަވަރު ތިހިރީ ބަދަލުވެފައޭ ބުނެފި ހެއްޔެވެ.

އަހަރެންގެ މޫނުގައިވަނީ ކޮންތަފާތެއް ހެއްޔެވެ؟ ރޭގަނޑު ނިދަން އޮށޯވެފައި ރަމްލާ ވިސްނާލިއެވެ.

މޫނަކީ ބައްތިއެއްފަދަ އެއްޗެކެވެ. އެއަށް ތެޔޮ ނާޅައިފިނަމަ ނިވިދެއެވެ.

މަޢޫޒު ގޯތިތެރޭގައި ބައިސްކަލް ދުއްވަން އުޅެނިކޮށް ވެއްޓި މަތީ ދަތްޕިލައިން ދަތެއް ބިނދިއްޖެއެވެ. ރަމްލާ ދުވެފައިގޮސް މަޢޫޒު ނަގައިފިއެވެ. އޭނާގެ ލެއިން ތަތްތެޅިފައިވާ މޫނުފެނުމުން ރަމްލާ ރޮއި ހޭރިގަތެވެ. މުޢާޒު ކަންބޮޑުވެފައި ބޭރަށް ނުކުމެއްޖެއެވެ. އޭނާ މަޢޫޒު ނަގައިގަނެގެން ގެއަށް ވައްދައިފިއެވެ.

ރަމްލާގެ އަތްފައިވަނީ ފިނިވެފައެވެ. ހިތުގެ ވިއްދު އަވަސްވަނީއެވެ. މޫނު މައްޗަށް އަނދިރިވަނީއެވެ. ހަދަންވީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭގެއެވެ. އޭނާއަށް މަންމަގެމަތިން ހަނދާންކުރެވުނެވެ. މަޢޫޒަކީ ވަރަށް ސިޔާސަ ކުއްޖެކެވެ. އޭނާއަށް ހިނގެން ފެށިފަހުން މިކަހަލަ އަނިޔާތައް ލިބެމުން އާދެއެވެ. އެކަމަކު މަންމަގެ ހުޝިޔާރުކަމުން އެކަން މާބޮޑު ކަމަކަށް ނަހަދާ ހަމަޖައްސާލައެވެ. މަންމަ ކުދިކުދިބޭސް ތައްޔާރުކޮށްލަނީ ކިހިނެއްކަމެއް ނޭނގެއެވެ.

މީގެ ކުރިއަކުން އޭނާ ދަރިން ބެލުމުގެ ބުރައެއް ނުއުފުލައެވެ. އޭނާއަށް އެނގިފައިވާ ގޮތުގައި ދަރިއަކަށްޓަކާ އެންމެބޮޑު ބުރައެއް އުފުލަންޖެހެނީ އެދަރިފުޅު ދުނިޔެއަށް އަންނަ ވަގުތުގައެވެ. އެކަމަކު ދަރިއަކު ބަލާބޮޑުކުރުމަކީ އެއަށްވުރެ ބުރަ މަސައްކަތެކެވެ. ވަރުގަދަ މަސްއޫލިއްޔަތެވެ.

މިހާރު ގޭތެރޭގެ މަސައްކަތާއެކު މަޢޫޒުވެސް ބަލަހައްޓަން ޖެހެއެވެ. އޭނާ މަގުމައްޗަށް ނުކުމެދާނެތީ ފަހަތުން ދުވަން ޖެހެއެވެ. ކަރަންޓްގައި އަތްލަފާނެތީ އޭނާގެ މައްޗަށް ނަޒަރު ހިންގަން ޖެހެއެވެ. ވަޅިން ޒަޚަމްވެދާނެތީ އުޅެންޖެހެއެވެ. މިޢުމުރުގައި ކުދިން އުޅެނީ އެނބުރޭ ވައިރޯޅިއެއް ހެންނެވެ. މިވީ ދުވަސްކޮޅުގެ ތެރޭގައި ރަމްލާގެ ހޭބުއްދި ފިލައިފިއެވެ.

މަޢޫޒުގެ ޙާލުފެނިފައި ރަމްލާ ރޮމުން ގެންދިޔައެވެ. މުޢާޒު ބުންޏެވެ.

[ރަމްލާއެވެ. ހަމަޖެހޭށެވެ. އަހަރެން ލޮއްސަންވީ މަޢޫޒު ހެއްޔެވެ. ނުވަތަ ރަމްލާ ހެއްޔެވެ؟ ދާށެވެ. ހޫނު ފެންފޮދެއް ގެންނާށެވެ. އަދި ކަފަކޮޅެއް ހިފައިގެން އައިސް މިކުއްޖާގެ އަނގަމަތި ސާފުކުރާށެވެ. ހަލާކުވެފައިހުރީ ކިހާވަރަކަށް ކަން އޭރުން އެނގިދާނެއެވެ.]

ރަމްލާ ދުވެފައިގޮސް ހޫނު ފެންތަށްޓަކާއި ކަފަކޮޅެއް ހިފައިގެން އަތުވެއްޖެއެވެ. އޭނާގެ އަތް ތުރުތުރު އަޅަން ފަށައިފިއެވެ. އޭނާ ބުނަން ފެށިއެވެ.

[އަޅުގަނޑުގެ އަތުން އަމިއްލަ ދަރިފުޅުގެ ލޭސާފުކުރާކަށް ނުކެރޭނެއެވެ. ކަލާނގެ ރަސްކަންފުޅަށްޓަކާ މި ކުއްޖާފުޅު ގޮވައިގެން ޑަކްޓަރުގެއަށް ހިންގަވާށެވެ.]

[ދަމާ ހިނގާށެވެ.] މުޢާޒު ވަރަށް މަޑުމަޑުން ބުންޏެވެ. އަދި ކަފަކޮޅު ތެންމައިގެން އޭނާގެ މޫނު ސާފުކުރަން ފަށައިފިއެވެ.

ރަމްލާއަށް ހީވީ އޭނާގެ ހިތަށް ތީރުހެރެމުން ދިޔަ ހެންނެވެ. މުޢާޒު ކަފަކޮޅު އާކޮށްލާ ކޮންމެ ފަހަރަކު ރަމްލާގެ ހިތަށް ކަށިހެރެމުން ދިޔައެވެ.

ދަރިފުޅާ މަންމަގެ ގުޅުމަކީ މިކަހަލަ އެއްޗެކެވެ. ހުއްޓުމެއްނެތި ރަމްލާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

މަޢޫޒުގެ އަނގައިން ވަރަށްގިނަލޭ ބޭރުވެއްޖެއެވެ. މުޢާޒު ސާފުކޮށްބެލިއިރު މަޢޫޒުގެ އެއްދަތްވަނީ ބިނދިފައެވެ. މަޢޫޒުގެ މަތީ ދަތްޕިލާގެ ހުރިހާ ދަތެއްނިކުމެ ހަމަޖެހުނުތާ އަދި މިވީ ހަމަކުޑަ ދުވަސްކޮޅެކެވެ. އޭނާ ހީނލާއިރު ވަރަށް ލޯތްބެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 227 އިން 229 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން