02 ވަނަ އެޕިސޯޑް

==========

[ޝާޢިރާ...މިހާރު ނާޒިމާގެ ޙާލު ހިސާބަކަށް ރަނގަޅުހެންހީވޭ. ބައެއްފަހަރު ހީވޭ ވާހަކަ ދެއްކެން އުޅޭހެންވެސް. ވާހަކަ ދައްކަން މަސައްކަތް ކޮށްފައި ނުދެއްކުނީމާ ރޮއިގަނޭ. ނާޒިމާގެ ޙާލާމެދު ވިސްނޭ ކޮންމެފަހަރަކު އަހަންނަށް ވަރަށް އަސަރުކުރޭ. ﷲގެ ރަޙްމަތްފުޅުން ވަރަށް އަވަހަށް ނާޒިމާ ޢާންމު ޙާލަތަށް އަންނާނެ.] އިލްޔާސް ފެންކަޅިވިއެވެ.

[އިލްޔާސަށް އެކަނިތަ އަސަރު ކުރަނީ....އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ، އެޙާލަތުގައި އޮންނަން ޖެހުމަކީ އަހަންނަށްވެސް ވަރަށް އަސަރުކުރާ ކަމެއް......] ޝާޢިރާގެ ދެލޯވެސް ފެންކަޅިވިއެވެ. އެހެން ނަމަވެސް، އޭނާގެ ލޮލުގައިވާ ތެތްކަމަކީ އިލްޔާސަށް ފެންނަ ފެނުމުގައި ހިތާމައިން ފުރިފައިވާ ތެތްކަމަކަށް ވިޔަސް، އެކަރުނައިގެ ފަހަތުގައި ކިތަންމެ ކަންތައްތަކެއް ފޮރުވިފައިވެއެވެ.

[ދެރަނުވޭ ޝާޢިރާ. އަހަންނަށްވެސް އެނގޭ ޝާޢިރާ ނާޒިމާއަށް ހެޔޮއެދޭނޭ މިންވަރު. ދެން ނިދޭތޯ މަސައްކަތް ކުރަމާ. ނާއިލް އަންނަންވާއިރަށް ނާޒިމާވެސް މާލެ ގެންނަން ޖެހޭނެ. އެސޮރުވެސް މަންމަގެ ޙާލާމެދު ވިސްނާފައި ހާދަ ހިތާމަކުރެޔޭ. އެސޮރު ހިތްދަތިވާނެވަރު އަހަންނަށް އިޙްސާސް ކުރެވޭ.......] އިލްޔާސްގެ އަތުގެ ނުފުށުން އޭނާގެ ލޮލުގައި އުފެދުނު ކަރުނައިގެ ތެތްކަން ފޮހެލިއެވެ. ނާޒިމާއަކީ އަދިވެސް އޭނާގެ އެންމެ ލޯބިވާ އަނބިމީހާއެވެ.

[އިލްޔާސް، މިއުފާވެރި ދިރިއުޅުން އަހަންނަށް ދެއްކި މީހަކީ ނާޒިމާ. އަހަންނަކަށް އެހަނދާންތަކާ ދުރަކަށް ނުދެވޭނެ. ފާއިތުވެދިޔަ ސަތާރަ އަހަރު އަހަރެން ހޭދަކޮށްފައިވަނީ ނާޒިމާގެ ޙާލަތާމެދު ހިތާމަ ކުރުމުގައި.] ޝާޢިރާ މިހެން ބުނެފައި އަނެއް ފަރާތަށް އެނބުރި، ލޮލުގައި ހުރި ކަރުނަތައް ފޮހެލާފައި، ވިހަގޮތަކަށް ހިނިތުންވެލިއެވެ.

[މިހާރު އަހަރެން އެބަ ޤަޞްދު ކުރަން، ނާޒިމާ ރަނގަޅު ކުރެވޭތޯ ފަންޑިތަ ހަދަން. އެކަމަކު މައްސަލައަކީ ފަންޑިތަ ހެއްދުމަކީ ނާއިލް ޤަބޫލުކުރާ ކަމަކަށްނުވާތީ. މިހާރު އަހަރެންގެ ހިތް ބުނޭ، ފަންޑިތަ ހަދައިގެން ނާޒިމާ ރަނގަޅު ކުރެވިދާނެޔޭ.] އިލްޔާސް މިހެން ބުނުމުން، ޝާޢިރާއަށް ތެޅިގަނެވުމާއެކު އިލްޔާސްއާ ދިމާއަށް އެނބުރިލެވުނެވެ.

އޭނައަށް ހީވީ އިލްޔާސް ޤަޞްދުގައި އޭނާއަށް ބިރުވެރި އިންޒާރެއް ދިނީހެންނެވެ.

[ފަންޑިތަ ހައްދަންށޭ. މިހާރު ފަންޑިތަ ހަދާނެ މީހަކު ހޯދައިފިންތަ؟ ފަންޑިތައަކީ އަހަރެންވެސް އަހަރެންވެސް އިތުބާރު ކުރާ ކަމެއް ނޫން.] ޝާޢިރާ އޭނާގެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން ބުންޏެވެ.

[އަދި އެކަމަކާ ނޫޅެވޭ. މިހާރު މިއުޅެނީ ރަނގަޅު ފަންޑިތަ ހަދާ މީހަކު ހޯދަން. މިގެއަށް އަންނަ އެއްކަލަ އަޙްމަދު މަނިކު ގާތު ބުނަން ކަމަށް. ޝާޢިރާވެސް ބަލާތި، ރަނގަޅު މީހަކު ލިބޭތޯ.] އިލްޔާސް ބުންޏެވެ. ނުތަނަވަސްވެފައި އޮތް ޝާޢިރާ އާއެކޭ ބުނުމަށްފަހު، އަނެއް ފަރާތަށް އެނބުރި ނިދޭތޯ ލޯމަރާލިއެވެ. އެއާއެކު، އޭނާގެ ލޯމަތިން ސިފަވާންފެށީ އެތައް ޒަމާންތަކަކަށްފަހު، އޭނާގެ އުފާވެރި ދިރިއުޅުން ނިމިގެންދާ މަންޒަރުތަކެވެ.

[ނޫން....ނޫން...އެހެނެއް ނުވާނެ. އެހެނެއް ނުވާނެ.] ކުއްލިއަކަށް ޝާޢިރާއަށް ފުންމައިގެން ތެދުވެވުނެވެ.

[ޝާޢިރާ ކިހިނެއްވީ؟ ކޮންކަމެއް އެހެނެއް ނުވާނޭތަ ތިކިޔަނީ. ބުނެބަލަ....ކިހިނެއްތަވީ؟] ޝާޢިރާގެ އަޑަށް ތެދުވި އިލްޔާސް ކަންބޮޑުވެފައި ހުރެމެ އެއްސެވެ. އޭރު ޝާޢިރާ ހުރީ ދެލޯ މަރާލައިގެން އިސް ޖަހައިގެންނެވެ.

[ނިދިޖެހުނުތަނާ ބިރުވެރި ހުވަފެނެއް ފެނުނީ. ފެނުނީ އަހަންނާ އިލްޔާސް ވަކިވެގެން އުޅޭ މަންޒަރު. އެފަދަ ދުވަހެއް ދެކޭކަށް އަހަރެން ބޭނުމެއް ނޫން....] ޝާޢިރާ ކޮންމެ ނިޔަތެއްގައިވެސް ތެދު ހާމަކުރިއެވެ.

[ޝާޢިރާ ހާދަ މޮޔައޭދޯ؟ ހަމަގައިމުވެސް އަހަރެން، އަހަރެންގެ ދެކުދިންގެ މަންމަ ދޫކޮށެއް ނުލާނެއެއްނު. ދެން އަވަހަށް ނިދާލާ.] އިލްޔާސް މިހެން ބުނީމާ، ޝާޢިރާ އަނެއްކާވެސް އޮށޯވެއްޖެއެވެ.

އެހެން ނަމަވެސް، އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. ލޯމަރާލާއިރަށް ސިފަވަމުންދަނީ، އޭނާއާއި އިލްޔާސް ވަކިވާންޖެހޭ ހިތްދަތި މަންޒަރެވެ.

އިލްޔާސްގެ ފައިސާވެރިކަމަކީ، އެ އުފަލުން މަޙްރޫމްވާން ޖެހިއްޖެ ޙާލަތެއް އަތުވެއްޖެނަމަ، އޭނާ މޮޔަވެދާނޭފަދަ ކަމެކެވެ.

އެރޭ ޝާޢިރާއަށް ކުޑަ ހިނދުކޮޅަކަށްވެސް ނިދޭގޮތެއް ނުވިއެވެ. އަލިވިލުމާއެކު، ތެދުވެ އޭނާ އަވަސްވެގަތީ، އިލްޔާސް އެދުނު ފަދައިން، ފަންޑިތަ ހަދާނޭ މީހަކު ހޯދުމަށެވެ. އޭނާ ބޭނުންވަނީ އޭނާ އެދޭފަދަ ހެޔޮ ނަތީޖާއެއް ލިބޭނޭ ގޮތަކަށް ޢަމަލު ކުރާށެވެ. އޭނާގެ މުސްތަޤްބަލަށްޓަކައެވެ.

[އަހަރެން ވަރަށް ރަނގަޅު ފަންޑިތަވެރިޔަކު އެބަ ހޯދަން. އިލްޔާސް އިތުރަށް މަސައްކަތް ކުރާނެ ކަމެއް ނެތް. ނާޒިމާ މާލެ ގެނައިމާ އަހަރެން އެމީހަކު މިގެއަށް ގެންނާނަން.] ހެނދުނު ނާސްތާ ކުރަން އިނދެފައި ޝާޢިރާ އިލްޔާސް ގާތު ބުންޏެވެ.

އޭރު އެތަނުގައި ނާސްތާ ތައްޔާރު ކުރުމުގެ މަސައްކަތުގައި ޒޭނާވެސް ހުއްޓެވެ. ޒޭނާގެ ގާތުގައި މަރީނާވެސް ޙަރަކާތްތެރިވަމުން ދިޔައެވެ.

[މަރީނާ ދައްތާ، ކޮން ނާޒިމާއެއްގެ ވާހަކަތައް އެދައްކަނީ؟.....] ޒޭނާ ވައިއަޑުން ހަމައެކަނި މަރީނާއަށް އިވޭވަރަށް އެއްސެވެ.

[ނާޒިމާއަކީ މިގޭގެ ޙަޤީޤީ ބާނީ. މިގޭގެ ދިރުން. ނާޒިމާއަށްޓަކައި އިލްޔާސް ކޮންމެފަދަ ޤުރްބާނީއެއްވެސް ވެދާނެ. އެއީ ނާއިލްގެ މަންމަ. އިލްޔާސް އެންމެ ލޯބިވާ އަންހެނަކީ ނާޒިމާ.] މަރީނާ ޒޭނާ ދުރަށް ގެންގޮސް، އެގޭގެ ހުރިހާ ވާހަކައެއް ވަރަށް ސާފުކޮށް ކިޔައިދިނެވެ.

[ނާއިލް މަންމަ ޕެރެލައިޒްވެފައި އޮންނަތާ ސަތާރަ އަހަރު ވެއްޖެޔޭ! އަސްތާ ހާދަ ދެރައޭ....] ޒޭނާ ދެއަތަކަށް ބޯހޫރާލިއެވެ.

[އާނ...ސަތާރަ އަހަރު. ރާއްޖޭން ބޭރުގެ އެތައް ހޮސްޕިޓަލަކުން ފަރުވާ ހޯދައިފި. އެކަމަކު އެއްވެސް ލުޔެއް ނުލިބޭ. މިހާރުވެސް އޮތީ ބެންކޮކް ހޮސްޕިޓަލެއްގައި. ނާޒިމާ ރަނގަޅު ކުރެވޭތޯ އިލްޔާސް ނުކުރާ މަސައްކަތެއް ނެތް.] އެގޭގެ ގެންގުޅޭ މީހުންވެސް އެންމެ އިޙްތިރާމް ކުރާ މީހަކީ ނާޒިމާއެވެ. ނާޒިމާއަކީ އެހެން މީހުންގެ އިޙްސާސްތަކަށް ކަމޭހިތާ، އޯގާތެރި އަންހެނެކެވެ. ނާޒިމާ މިއަދު ތަޙައްމަލް ކުރަމުންދާ ނިކަމެތިކަމަކީ އޭނާގެ އޯގާތެރިކަމުގެ މޭވާއެކެވެ.

[މިހާރު ފަންޑިތަ ހަދާ ވާހަކަ އެދައްކަނީ. ކުރިންވެސް ފަންޑިތަ ހެއްދިނަމަ، ރަނގަޅުވީސްކަންނޭނގެ.] މަރީނާ އިލްޔާސްމެން ނާސްތާކުރި ތަށިތައް ނަގަމުން ޒޭނާއާ ވާހަކަ ދެއްކިއެވެ.

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުންގޮސް ނާއިލް މާލެ އަންނަން ހަމަޖެހިފައިވާ ދުވަސްވެސް ޖެހިއްޖެއެވެ.

[މިއަދު ނާއިލް އަންނާނެ. އަވަހަށް ގޮސް ކޮޓަރިއާއެކު ސާފުކުރޭ. އަހަރެން ބުނީމެއްނު، އޭނައަކީ ވަރަށް ޒާތް ބޮޑު ކުއްޖެކޭ. ވަރަށް ތަރުތީބު ބޮޑުވާނެ. އެކަން ދަނެގެން އުޅެންވާނީ.] މަރީނާ ހަނދާންކޮށްލަދިނެވެ.

މަރީނާ މިހެން ބުނީމާ، ޒޭނާ ގޮސް ނާއިލްގެ ކޮޓަރި ސާފުކުރަން ފެށިއެވެ. މިފަހަރު އެމަސައްކަތުގައި އުޅުނީ ޒޭނާ އެކަންޏެވެ. ވުމާއެކު، ވަރަށް މިނިވަންކަމާއެކު އޭނާ އެކޮޓަރިތެރެ ހޯދައި ބެލިއެވެ.

ނާއިލްއާބެހޭ އިތުރު އެއްޗެހިތަކެއް ފެނޭތޯއެވެ. ނަމަވެސް، ނާއިލްގެ ފޮޓޯއެއްހާ މިންވަރުވެސް އެތަނަކު ފެންނާކަށް ނެތެވެ. ނަމަވެސް ތަޅުލާފައި ހުރި ދެއަލަމާރި ކޮޓަރިތެރޭގައި ހުރުމުން، އެއީ ނާއިލް ގެންގުޅޭ އެފަދަ ސާމާނުތައް އަޅާފައިވާ ދެއަލަމާރިކަން ޒޭނާއަށް އެނގުނެވެ. އެހާ ހިސާބުން ތަޅުނުލާހުރި އަލަމާރިއަކަށް އެ އުޅާ ލާފައި އޮތުމުން، ނާއިލަށް އެމުހިންމުނުވީ ކަމަށް ޒޭނާއަށް ވިސްނުނެވެ. އެވިސްނުން ސިކުނޑިއަށް ވެރިވުމާއެކު، އޭނާގެ ހިތަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވިއެވެ.

[އެއީ އެހާ މުހިންމު އެއްޗެއްނަމަ، ތަޅުނުލާހުރި އަލަމާރިއަކަށް ލާފައި ނުބޭއްވީސް. އަޅެ އަހަންނަށް ކީއްވެބާ، އަހަންނަށްވުރެން މާމަތީ ދަރަޖައަކާމެދު ވިސްނުނީ.] ޒޭނާ ފުން ނޭވާއެއްލިއެވެ.

މިއަދަކީ ހަމައެކަނި ނާއިލް މާލެ އަންނަ ދުވަހެއް ނޫނެވެ. މިއަދު ނާއިލްގެ ބަލި މަންމަވެސް މާލެ ގެންނާނެއެވެ. ނާއިލް ރަށުގައި އުޅޭނަމަ މިހާރު އޭނާގެ މަންމަވެސް އުޅޭނީ އޭނާގެ ގާތުގައި އޭނާ އުޅޭ ބައިގައެވެ. އެއީ ނާއިލް އެދޭގޮތެވެ. އެހެންވެ ނާއިލްގެ ކޮޓަރިއާ ޖެހިގެންހުރި ކޮޓަރިވެސް ވަނީ ނާޒިމާއަށްޓަކައި ވަރަށް ރަނގަޅަށް ތައްޔާރު ކުރެވިފައެވެ.

[ޝާޢިރާ ނާޒިމާގެ ކަންތައްތައް ބެލެހެއްޓުމަށް ވަރަށް ހުޝިޔާރު އަންހެން ކުއްޖަކު ހަމަޖައްސާތި. އޯގާތެރިކަމާއެކު ވަރަށް ރަނގަޅަށް އެހީތެރިވެވޭނެ ކުއްޖަކު ބޭނުންވާނީ.] އެއަރޕޯޓަށް ދާން ތައްޔާރުވަމުން އިލްޔާސް ވާހަކަ ދެއްކިއެވެ.

[އެންމެފަހުން މިގެއަށް ގެނައި ކުއްޖާ މިހާރު އެބަޔަށް ހަމަޖައްސައިފިން. އެއީ ވަރަށް ހީވާގި އަންހެން ކުއްޖެއް. އަހަރެންވެސް އެއަރޕޯޓަށް ދާނަން.] ޝާޢިރާ ތުންފަތުގައި ލިޕްސްޓިކް ހާކާލަމުން ބުންޏެވެ.

[އަވަހަށް ތައްޔާރުވޭ. ޝާޢިރާ އެބަޔަށް އާ އެންމެ ކުއްޖަކު ހަމަޖެއްސީމާ ފުދޭނެބާއޭ އަހަރެން ހިތަށްއަރަނީ.] ތައްޔާރުވެ ނިމިގެން އިލްޔާސް ބުންޏެވެ.

[ފުދޭނެ، އޭނަޔަކަށް ނުޖެހޭނެ ކެއްކުމުގެ އެއްވެސް މަސައްކަތެއްގައި އުޅޭކަށް. އޭނަޔަށް ހަމައެކަނި އޮންނާނެ ކަމަކީ ނާޒިމާއަށް ޚިދްމަތް ކުރުން.] ޝާޢިރާ ބުންޏެވެ.

[އެންމެ ރަނގަޅު. އަހަންނަށް އެނގޭ، އަހަރެން ވިސްނާވަރަށް ޝާޢިރާވެސް ނާޒިމާއާމެދު ވިސްނާނެކަން. ޝާޢިރާ، ޙަޤީޤަތުގައިވެސް ނާޒިމާއަކީ މިޢާއިލާގެ ދިރުން. މިގޭގެ ޙަޤީޤީ ބާނީއަކީ ނާޒިމާ. އެކަމަކު ކުއްލިއަކަށް ނާޒިމާ ބަލިވުން އެއީ އަހަރެމެންގެ ޢާއިލާއަށް ލިބުނު ވަރަށްބޮޑު ހިތްދަތި ކަމަކަށްވީ.] އިލްޔާސް ނާޒިމާއަށް ތަޢުރީފު ކުރަމުން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ޝާޢިރާވެސް ނުކުމެއްޖެއެވެ.

މިއަދު ޝާޢިރާގެ މޫނުމަތިން އުފާވެރިކަން ދައްކަމުންދިޔަ ނަމަވެސް، ޙަޤީޤަތުގައި އޭނާ އިޙްސާސް ކުރަމުން ދަނީ އިންތިހާ ދަރަޖައިގެ ނުތަނަވަސްކަމެވެ. އޭނާގެ ހިތް އޭނާ ގާތު ބުނަނީއެވެ. ނާޒިމާއާއި ނާއިލް މާލެ އައުމާއެކު، އިލްޔާސް ގިނަ ވަގުތު ހޭދަކުރާނީ ނާޒިމާގެ ގާތުގައެވެ. އޭނާ ވިސްނާނީވެސް ހަމައެކަނި ނާޒިމާއާ މެދުގައެވެ.

[ޝާޢިރާ، ކޮން ވިސްނުމެއްތަ. އަނެއްކާ ހިތްހަމަނުޖެހޭ ކަމެއް ދިމާވީތަ؟] އެވިސްނުމުގައި ހުރި ޝާޢިރާ ސިއްސައިގެން ދިޔައީ އިލްޔާސްގެ އަޑުންނެވެ.

[ނުވިސްނަން، އެކަމަކު ހިތަށްއެރީ ނާޒިމާގެ ނިކަމެތި ޙާލު.] ޝާޢިރާ ލޮލަށް ކަރުނައިގެ އަސަރު ވެރިކުރުވިއެވެ.

[ދެރަނުވޭ ޝާޢިރާ. އިރާދަކުރެއްވިއްޔާ، ދެން މާގިނަ ދުވަސްތަކެއްނުވެ، ނާޒިމާ ޢާންމު ޙާލަތަށް އަންނާނެ.] އެއަރޕޯޓަށް ދާން ލޯންޗަށް އަރަމުން އިލްޔާސް ބުންޏެވެ.

ޙަޤީޤަތުގައި ޝާޢިރާއަކީ ވަރަށް ހުޝިޔާރު، ރޭވުންތެރި އަންހެނެކެވެ. އޭނާގެ ލޯތްބަކީ ފައިސާއާއި މުދަލެވެ. އެހެން ނަމަވެސް، ނާޒިމާއަކީ މުޅިން އެއާ ޚިލާފް އަންހެނެކެވެ.

ފައިސާއާއި މުދަލަކީ އޭނާއަށް މާ މުހިންމު އެއްޗެއް ނޫނެވެ. އޭނާއަކީ މާ ހައިބަތު ބޮޑު ދިރިއުޅުމަކަށް ލޯބިކުރިވެސް އަންހެނެއް ނޫނެވެ. ނަމަވެސް، އޭނައަކީ ގެވެހި ތަރުބިއްޔަތެއް ލިބިފައިވާ، ހެޔޮލަފާ އަންހެނެކެވެ. ބަލިޙާލުގައި އޮވެމެވެސް އޭނާ އެންމެބޮޑަށް ހިތާމަކުރާ މައްސަލައަކީ، އޭނާގެ ދެލޮލުގެ ނޫރު ކަމުގައި ދެކެމުން އަންނަ ލޯބިވާ ދަރިފުޅު، އޭނާގެ ލޯތްބާއި އޯގާތެރިކަމާނުލާ ސަތާރަ އަހަރު ދުވަސް ހޭދަކޮށްފައިވުމެވެ.

އޭނާވެސް ބޭނުމެވެ. އޭނާގެ ދަރިފުޅަށް ލޯތްބާއެކު މީރު ކާއެއްޗިއްސާއި މީރު ބުއިންތައް ތައްޔާރުކޮށްދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް، އޭނާއަކަށް އެފުރްޞަތެއް ނުލިބެއެވެ.

[ޝާޢިރާވާނެ ވީހާވެސް އަވަހަކަށް ފަންޑިތަ ހަދާ މީހާ ހަމަޖައްސަން.] އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން އިލްޔާސް ވާހަކަ ދެއްކިއެވެ.

މިހާރު އެއިވުނީ ނާޒިމާއާއި ނާއިލް ދަތުރުކުރަމުން އައި ފްލައިޓް، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ޖެއްސި އަޑެވެ. ޝާޢިރާއާއި އިލްޔާސް ޓަރމިނަލް ކުރިމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިއްބެވެ.

[އެއަންނަނީ އެދެމައިން.] ފުރޮޅުލީ ގޮނޑި ކޮއްޕަމުން އައިސް އައިސް ހުރި ނާއިލް، އިލްޔާސަށް ދައްކާލަމުން ޝާޢިރާ ބުންޏެވެ.

[ކުޑަމަންމާ....ބައްޕާ.....] ނާއިލް ބައްޕަ އިލްޔާސާއި ދޮންމަންމަ ޝާޢިރާއާ ސަލާމް ކުރިއެވެ.

[ނާޒިމާ......] ޝާޢިރާ، ނާޒިމާގެ ބޮލުގައި އަތް ކާއްތާލިއެވެ. ހމައެއާއެކު ދެލޯ މަރާލެވުމާއެކު، ނާޒިމާއަށް އިސްޖަހާލެވުނެވެ. އެއާއެކު ހިތަށްކުރި ފުން އަސަރާއެކު، އޭނާގެ ދެލޮލުން ކަރުނަ ފޭދިއްޖެއެވެ. ޙަޤީޤަތުގައި އެހެން މީހުންނަށް ޝާޢިރާގެ އެތެރެފުށް ނުފެނުނަސް، ނާޒިމާއަށް ވަރަށް ރަނގަޅަށް ޝާޢިރާގެ ބޭރުފުށާއެކު އެތެރެފުށްވެސް ފެނެއެވެ.

[އަވަހަށް ހިނގާ ލޯންޗަށް އަރަމާ....] މިފަހަރު ނާޒިމާ އިން ގޮނޑި ކޮއްޕަމުން ދިޔައީ ސީދާ އިލްޔާސެވެ. އެހާ ހިސާބުންވެސް ޝާޢިރާ ނުތަނަވަސްވިއެވެ. ގެއަށް ނުދެވެނީސްވެސް ނާޒިމާގެ ޚިދްމަތަށް ހުސްވީއޭ އޭނާއަށް ހީކުރެވެން ފެށިއެވެ.

އެވަގުތެވެ. ޒޭނާ ނާއިލާއި އޭނާގެ މަންމަގެ ކޮޓަރީގެ ބެޑްޝީޓް ބަދަލުކުރަމުން ދަނީއެވެ.

ސިޓިންގރޫމަށް ބަޔަކު ވަން އަޑު އިވުނީ، އޭނާ ނާޒިމާގެ ކޮޓަރި ސާފުކޮށް، ބެޑްޝީޓް ބަދަލުކުރަން ހުއްޓައެވެ. އޭނާ އަތްމަތި އަވަސްކޮށްލައިގެން ކޮޓަރިން ނުކުތެވެ. އެއީ އިލްޔާސް، ނާޒިމާ ގޮވައިގެން އައިސް ކޮޓަރިއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭރު އެނދުން ނެގި ބެޑްޝީޓްތައް ހުރީ ނާއިލްގެ ކޮޓަރީގައި ކަމުން، އޭނާ އަވަސް އަވަހަށް ދިޔައީ، އެކޮޓަރިއާ ދިމާއަށެވެ. އޭނާ އެކޮޓަރިއަށް ވަންއިރު ނާއިލްވީ ފާޚާނާގައެވެ. ނާއިލް ފާޚާނާއިން ނުކުތީ ކޮޓަރިތެރެއަށް މީހަކު ވަން އަޑަށެވެ. ވަގުތުން ޒޭނާ އަނެއް ފަރާތަށް އެނބުރިލުމާއެކު، ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޒޭނާގެ އަތުގައި އޮތް އުޅާ ނާއިލަށް ފެނުނީ، ޒޭނާ ކޮޓަރިން ނުކުތް ވަގުތުއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ، އޭގެ ހަތަރު ފަސް އަހަރެއްހާ ދުވަސް ކުރީގެ ހަނދާންތަކެކެވެ. އެހަނދާންތައް އާވުމާއެކު، ޒޭނާއަކީ ކާކުތޯ ބެލުމަށްޓަކައި އޭނާ ޒޭނާ ފަހަތުން ހިނގައިގަތެވެ. ނަމަވެސް، ޒޭނާއަށް އެކަން އެނގުނީކަންނޭނގެއެވެ. އޭނާ މާހުޝިޔާރެވެ.

އޭނާ ނިކަން ބާރަށް ހިނގާފައި ގޮސް އޭނާ ނިދާ ކޮޓަރިއަށް ވަނެވެ. އެހާ ހިސާބުން ނާއިލަށް އޭނާ ގެއްލުނެވެ.

[އެއީ ކާކުބާ!؟ އެކުއްޖާ ކީއްވެބާ މިގެއަށް އަންނަންވީ. އެއީ އޭނާއެއް ނޫން....އެކަމަކު އެ އުޅާ، އަނެއްކާ އެއީ އަހަރެންގެ އަލަމާރިތެރޭގައި އޮތް އުޅާބާ؟] އެކުއްޖާއާމެދު ވަރަށް ގިނައިރު ވިސްނުމަށްފަހު، ނާއިލް އެނބުރި ގޮސް ކޮޓަރިއަށް ވަނެވެ.

ފުރަތަމަވެސް އޭނާ ބެލީ އަލަމާރިތެރޭގައި އޭނާ ބޭއްވި އުޅާ އޮތްތޯއެވެ. ފުރަތަމަ އޭނާ ހޯދީ ތަޅުލާފައި ހުރި ދެއަލަމާރިއެވެ. ނަމަވެސް، އެއަކުން އުޅައެއް ނުފެނުނެވެ. އޭހާ ހިސާބުން އޭނާ ނިންމީ، އެގޭގައި ގެންގުޅޭ ކުއްޖަކު އުޅާ ނަގައިގެން ބޭނުންކުރަނީ ކަމަށެވެ. އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނުވެސްމެއެވެ. ތަޅުނުލާ ހުރި އަލަމާރި އޭނާ ބެލީ، އަނެއް ދެއަލަމާރި ރަނގަށް ބެލުމަށްފަހުގައެވެ.

އެއަލަމާރިތެރޭގައި އެއުޅާ އޮތެވެ. އެއާއެކު އޭނާއަށް އެކުއްޖެއްގެ ނަން ނޭނގުނަސް، އެކުއްޖާއާމެދު ވިސްނެން ފެށުނެވެ.

އޭނާ ކުޅުދުއްފުށްޓަށް ޗުއްޓީއެއްގައި ގޮސް އުޅެނިކޮށް، އެކުއްޖާ މަގުމަތިން ފެނިގެން ނަން އަހާލަން އުޅެއުޅެވެސް އޭނާއަށް ވަނީ އެކަން ކާމިޔާބުވާގޮތް ނުވެފައެވެ.

ތަކުރާރުކޮށް އެތައް ފަހަރަކު، އޭނާ ހަފްތާއެއްހާ ދުވަސް ވަންދެން ޒޭނާގެ ފަސް ބަލައިގެން ދަތުރުކޮށްފައިވެއެވެ.

ނަމަވެސް، ޒޭނާ ނާއިލަށް އެއްވެސް ޖަވާބެއް ނުދިނެވެ. ކިޔެވުމާމެދު ނޫން އެހެން އެއްވެސް ކަމަކާމެދު އޭރު އޭނާ ވިސްނާފައެއް ނުވެއެވެ.

[އަހަންނަކީ ކިޔަވާ ކުއްޖެއް.] އެއްދުވަހު ޒޭނާ ބުނެފައިވާ ވާހަކައެއް، ނާއިލްގެ ހަނދާނުން ސްކްރީނަށް އެރިއެވެ. ނާއިލަށް ބޭއިޚްތިޔާރުގައި ޒޭނާގެ އަތުގައި ހިފެހެއްޓުނީވެސް އެދުވަހުއެވެ. އެދުވަހު ކަންތައްވީގޮތް އޭނާ ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓެވެ.

ޒޭނާ، އޭނާގެ އަތުން ވީއްލުމަށްފަހު ދުއްވައިގަތީއެވެ. އުޅާ އޭނާގެ އަތަށް ލިބުނީ އެވަގުތުއެވެ.

އެރޭ އެ އަންހެން ކުއްޖަކު ފެނޭތޯ ނާއިލް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. ނަމަވެސް، އޭނާ އެހެން މީހުންނަށް އޭނާގެ ޙަރަކާތްތަކުން ކަމެއް މޭރުންވާ ގޮތަކަށް ނޫޅެއެވެ.

އެރޭ ކާން އިނދެފައިވެސް އޭނައަށް ވަށައިގެން ހޯދާލެވެނީ އެކުއްޖަކު ފެނޭތޯއެވެ.

[ދަރިފުޅާ، މާވަރަކަށް ތިހޯދަނީ ކޯއްޗެއް؟ މީހަކު ނުފެނިގެން ހޯދާހެން ހީވަނީ.] ނާއިލްގެ ޙަރަކާތް ހުރިގޮތުން، އޭނާގެ ބައްޕަ އިލްޔާސް އެއްސެވެ.

[ނޫނޭ، އެއްވެސް މީހަކު ހޯދަނީކީ ނޫން. ބައްޕާ، އަޅުގަނޑުގެ ހިތަށްއަރާ، މިތާނގައި މިރޭ އަހަރެންގެ މަންމަވެސް ހުންނާނެނަމައޭ. ބައްޕާ، މަންމައަށް ހަމަ އެއްވެސްވަރަކަށް ލުޔެއް ނުވެޔޭދޯ؟] ނާއިލް ކާން ފަށަމުން ބުންޏެވެ.

[ދަރިފުޅާ، ބައްޕަގެ ހިތަށްވެސް އަރަނީ ތިހެން. ޙަޤީޤަތުގައި ދަރިފުޅުގެ މަންމައާ ނުލައި، މި ކާމޭޒުގައިވެސް އެއްވެސް ދިރުމެއް ނެތް.] އިލްޔާސް ނިތްކުރީގައި އަތް ވިއްދައިގެން އިނދެ ބުންޏެވެ.

[ދަރިފުޅާ ނާއިލް، މިހާރު ކުޑަމަންމަމެން މިއުޅެނީ، ދަރިފުޅުގެ މަންމައަށް ލުޔެއް ލިބޭތޯ ފަންޑިތަ ހަދަން ކަމަށް.] ނާއިލް ދެކޮޅު ހަދާނެ ކަމަށް ޔަޤީންކޮށްފައި ޝާޢިރާ ބުނެލިއެވެ.

[ކުޑަ މަންމާ، މިހާރު ފަންޑިތަ ހަދައިގެންވެސް މަންމަގެ ބައްޔަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރަން ވެއްޖެ.] ޝާޢިރާ އުންމީދު ކުރިގޮތާ ޚިލާފަށް ނާއިލްގެ ވިސްނުން ބަދަލުވެފައިވުމުން، ޝާޢިރާއަށް ޙައިރާންކަން ލިބި، މާޔޫސްވެސްވިއެވެ.

[ތެދެއް ދަރިފުޅާ، މިހާރު ދެން ޑޮކްޓަރީ ބޭސް ކެނޑިނޭޅި ކުރާތާ ސަތާރަ އަހަރުވެގެން ދިޔައީ. މިހާރު މިއުޅެނީ ރަނގަޅު މޮޅު ފަންޑިތަވެރިޔަކު ލައްވައި ފަންޑިތަ ހައްދަން ކަމަށް.] ނާއިލް އެކަމަށް އެއްބަސްވުމުން، ހިތްހަމަޖެހިފައި ހުރެ އިލްޔާސް ބުންޏެވެ.

ނާއިލްގެ މޯބައިލް ފޯން ރިންގުވާން ފެށީ އެވަގުތުއެވެ. ގުޅީ އޭނާގެ ރަޙްމަތްތެރިޔާ ސިޔާދެވެ.

[ބަލަ މާލެ އައިސް ގުޅާވެސް ނުލަމެއްނު. ކޮންތާކު ތިހުރީ؟] ނާއިލް ފޯނު ނެގުމާއެކު ސިޔާދު ވާހަކަ ދެއްކިއެވެ.

[އެއަރޕޯޓަށް ފައިބަމުން ގުޅިން. ތިފޯނު އޮތީ އޮފްކޮށްފައި. އައިސްބަލަ މިގެއަށް. އަހަރެން މިހުރީ ގޭގަ.] ނާއިލް ކައި ނިންމާލިއެވެ.

[އޯކޭ އަހަރެން މިދަނީ.] ސިޔާދު ފޯނު ބޭއްވިއެވެ.

[ބައްޕާ، އަހަރެން މިދަނީ އެފަރާތަށް. ސިޔާދު އައީމަ ބުނޭ އެފަރާތަށްދާށޭ.] ނާއިލް ހިނގައިގަތެވެ. އޭރު ދުރުގައި ނާއިލަށް ނުފެންނާނޭހެން، އެދިމާއަށް ބަލަން ޒޭނާ ހުއްޓެވެ.

އެއްދުވަސް ދެދުވަސް ވަންދެން ނާއިލަށް ނުފެނި އުޅެވުނަސް، އެގޭގައި އުޅޭ ކަމަށްވަންޏާ ނުފެނި އުޅެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ޢަމުދުން ޒޭނާއަކީ ސީދާ ނާއިލްގެ ޚިދްމަތަށް ޚާއްޞަ ކުރެވިފައިވާ އަންހެން ކުއްޖެކެވެ.

ނާއިލްގެ މަންމަ ނާޒިމާއަށް ކާންދޭން ޖެހެނީވެސް ޒޭނާއަށެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން