ޞާދިރު ޢަލީދީދީ   20 އޭޕްރީލު 2021 - 13:48
ވޭނީކަރުނަ
ވޭނީކަރުނަ
74 ވަނަ ބައި

.................

ހަނދު އައިސް ވިލާގަނޑެއްގެ ތެރެއަށް ވަދެއްޖެއެވެ. ނޫނެކެވެ. އެއީ ކުށް ފެނުމެކެވެ. ހަނދު އެހުރިތަނުގައި ހުރީއެވެ. ކަޅު ވިލާކޮޅުކޮޅު ފަރާތްފަރާތަށް ދަނީއެވެ. އާނއެކެވެ. ހަނދާއި ސަމާސާ ކުރަނީއެވެ. އޭގެތެރެއިން ވިލާގަނޑެއް އައިސް މަސްތުން ފުރިފައިވާ އަދާއަކާއިއެކު ހަނދުގެ މައްޗަށް ވެރިވެގަތީއެވެ. ކަޅު ވިލާގަނޑެއްގެ ތެރޭގައިވާ ހަނދު ފިސާރި ރީތިގޮތަކަށް ފެނެއެވެ. ކޮންމެވެސް ރީތި އަންހެން ކުއްޖަކު އޭނާގެ ރީތި މޫނުމައްޗަށް ކަޅު ދޯޕައްޓާއެއް ވައްޓާލާފައިވާ ފަދައިންނެވެ.

މުޢާޒާއި ތޮޅެލުމަށް ރަމްލާގެ ހިތަށްއެރިއެވެ. އޭނާ ހޭލައްވާލަން އުޅުނެވެ. ދެން އަނެއްކާވެސް ހިތް ފުރެންދެން ހަނދަށް ބަލާލިއެވެ. އޭގައިވެސް ލައްގަނޑެއް އެބަހުއްޓެވެ. އެއީ ކޮން އެއްޗެއްކަން ދެނެގަންނަން މީސްތަކުން މަރުދެނީއެވެ. އަދި އެއީ ހަނދުގައިވާ ލައްގަނޑެއް ކަމުގައި އެމީހުންނަކަށް ނުފެނެއެވެ.

އަހަރެން ކަލޭގެ މޫނުގައިވާ ލައްގަނޑަށްވެސް ބަލައިފީމެވެ. އޭގެ ތެރޭގައިވާ އަލިކަންވެސް އަހަންނަށް ފެނިއްޖެއެވެ. ވީއިރު އަހަންނަށް ފުރަގަސް ދީގެން ނިދާފައި ތިޔައޮތީ ކީއްވެގެން ހެއްޔެވެ.

މިހެން ހިތަށްއަރާފައި ރަމްލާގެ ހިތަށް ތަދުވެއްޖެއެވެ. އޭނާ ރޯންފަށައިފިއެވެ. އޭނާއަށް މިއޮވެވުނު ގޮތެއްވެސް ހަނދާނެއް ނުވިއެވެ.....

ރަމްލާގެ ގިސްލުމުގެ އަޑުއަހާފައި މުޢާޒު ކުއްލިއަކަށް ހޭލައިފިއެވެ. ދެން ކަންބޮޑުވެފައި ތެދުވެގެން ރަމްލާގެ ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ބުންޏެވެ.

[ރަމޫއެވެ. ކިހިނެއްވީ ހެއްޔެވެ؟]

ރަމްލާ ވަރަށްގިނަ ވާހަކަދައްކަން ގަސްތުކުރިއެވެ. އެކަމަކު އޭނާގެ އަޑެއް ނުނިކުތެވެ.

[ކޮންމެވެސް އެއްޗެކޭ ބުނެބަލާށެވެ. ރަމޫއެވެ! މަންމައަށް ގޮވަން ހެއްޔެވެ؟]

މުޢާޒު އިހުނަށްވުރެ ކަންބޮޑުވެއްޖެއެވެ.

[ނޫނެކެވެ. އަޅުގަނޑަށް އެއްކަމެއްވެސް ނުވެއެވެ.] ރަމްލާ ގިސްލުމުގެ ތެރޭން ބުންޏެވެ. [ކުއްލިއަކަށް.....] އޭނާ ވާހަކަ ހަދާލިއެވެ.] މަންމަ ހަނދާންވީއެވެ.....]

މުޢާޒު ފެންތަށްޓެއް ގެނެސް ރަމްލާއަށް ބޯންދީފިއެވެ. އަދި ކެތްތެރިވުމަށް އޭނާ ގާތުގައި ބުންޏެވެ. ދެން އަނެއްކާވެސް އައިސް އެނދުގައި އޮށޯވެއްޖެއެވެ.

އޮށޯވެ އޮވެގެންވެސް އޭނާ ވަރަށްގިނަ ވާހަކަދެއްކިއެވެ. ދެން އިރުކޮޅަކުން ނިދައިފިއެވެ. ރަމްލާ ބޯއުފުލާފައި ބަލާލިއެވެ.

ރަމްލާ ލޯފޮހެލާފައި މުޢާޒުގެ އެނދަށް ބަލާލިއިރު އޭނާގެ ދިގުނޭވާގެ އަޑުސާފުކޮށްއިވެއެވެ. އޭނާ ހަމަނިދީއެވެ. މިފަހަރު އޭނާގެ މޫނު އޮތީ ރަމްލާއާ ދިމާއަށެވެ. އަދި ހަނދުވަރުގެ ރީތި އަލިން އޭނާގެ މޫނު ސާފުކޮށް ފެނެއެވެ.

މުޢާޒުގެ ގަމީހު ގިރުވާނުގައި ހިފާފައި ބުނުމަށް އޭނާގެ ހިތަށް އެރިއެވެ.

[އެދި އެއްފަހަރު އޯގާވެރިކަމާއިއެކު އަހަންނަށް ލޯބިދޭށެވެ.

އަހަރެން ގަތުލު ކޮށްލާށެވެ.

އަހަރެން މަރާލާށެވެ.

އެކަމަކު ފަރުވާކުޑަކަމުގެ ވަޅިން އަހަރެން ޛަބަޙަ ނުކުރާށެވެ. ފިރިންގެ އަޅާނުލުން އަންހެނުން ސުންނާފަތި ކޮށްލައެވެ.....]

އޭނާ ކައިވެނީގެ ފުރަތަމައަހަރުގެ ރޭތައް ވަކިވަކިން ކައިރިއަށް ގެނައެވެ. އަދި ހަނދާނުގެ ދުރުމިން އެރޭތަކުގެ އެކި ހިނދުކޮޅުތަކަށް ވަކިވަކިން ބެލިއެވެ. އޭނާއަށް ފިރިހެނެއްގެ ލޯބީގެ އަދާ ވިސްނިއްޖެއެވެ. ދެން އަނެއްކާވެސް އޭނާގެ ލޮލަށް ކަރުނަ ފައިބައިގަތެވެ. އެކަމަކު މިފަހަރު އަޑު ބޭރުވެދާނެތީ އޭނާ ދޯޕައްޓާގެ ކޮޅު އަނގައަށްލިއެވެ.

އޭނާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ބުނާ ކަހަލައެވެ.

ސިފަހުތުރު ކަޅު މީހާއެވެ..... ކަލޭ އަހަރެންގެ ތަބީޢަތް ދެނެގެން ފީމުއެވެ.... އަހަރެންގެ ފުރާނަ ކަމުގައި ވެއްޖެއީމުއެވެ.... އެކަމަކުވެސް ތިޔައުޅެނީ ނުދެނެހުރި ކަމުގައި ހެދިގެންނެވެ. ކަލޭގެ އެތެރެހަށީގައިވާ ރީތިކަން އަހަންނަށް ފެނުނު ހިނދުން ފެށިގެން އަހަރެންގެ ނަފްސުގައިވާ ނުތާހިރުކަން ކަލެއަށް ފެންނަން ފަށައިފިއެވެ.... އެއްފަހަރު އަންނާށެވެ... އަހަރެން ނޮޅާލާށެވެ....އަދި އަހަރެން..... އަހަރެންގެ ރޭތައް އަނބުރާ އަހަންނަށް ދޭށެވެ. އަހަރެންގެ ވާހަކަތައް އަހަންނާ ޙަވާލުކުރާށެވެ. އަހަރެންގެ އުފާވެރި ވަގުތުތަކާއި އަރާމު ހިނދުކޮޅުތައް އަހަންނަށްދޭށެވެ. އެހިނދުކޮޅުތައް ނުލިބުމުން އަހަރެން މިއޮންނަނީ މޮޔަވެފެވެ. އަހަންނަށް އެކައްޗެކެވޭސް ނުބުނެވޭނެއެވެ. ލޯބި ފާޅުކުރުމަށްޓަކާ ބޭނުންވަނީ ވާހަކައެއް ނޫނެވެ. ޢަމަލެވެ. ލޯބިވެރިޔާގެ ރީތިކަން އިޙްސާސްކުރަންވީ ލޯމަރައިގެންކަން މިހާރު އަހަންނަށް އެނގިއްޖެއެވެ. ލޯބީގެ އޮއިވަރުގައި ޖެހޭ ހިނދު ރޯންވާނީ އަބަދުވެސް ލޯމަރައިގެންނެވެ. ލޯ ހުޅުވައިގެން ރުއިމުން ކެހި ލިބިދެއެވެ. ލޯބީގެ މޫނަކީ ހުރިހާ އެއްޗަކަށްވުރެ ރީތި މޫނެއްކަން އަހަންނަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ލޯބި ހޯދަމުން އައީ މޫނުތަކުންނެވެ. އެކަމަކު ލޯބީގެ މޫނެއް ވަތްކެއް ނުކުރެވުނެވެ.

ލޯބީގެ ހަމައެންމެ ލަފްޒެއް ބުނެލުމަކީ ކިހާއުނދަގޫކަމެއް ހެއްޔެވެ؟ އޭނާ މިހުރިހާދުވަހު އުޅުނީ ފޫނެއްފަޔަކަށް ފެން ފުރާށެވެ.

މުޢާޒުއައީ އެންމެ ތިންދުވަހުގެ ޗުއްޓީ ނަގައިގެންނެވެ. މިތިންދުވަހުގެ ތެރޭގައި އޭނާ ވަރަށްގިނަ ކަންތައް ކޮށްފިއެވެ. ހެނދުނު އެމީހުން ފުރާނެއެވެ. އެކަމަކު މަންމަ ބުންޏެވެ.

[މިފަހަރު ތިޔަކުދިންނާއިއެކު މަންމައަކަށް ނުދެވޭނެއެވެ......]

[ކީއްވެގެންތޯއެވެ؟] ރަމްލާ ކަންބޮޑުވާގޮތް ވެއްޖެއެވެ.....]

[ދަރިފުޅާއެވެ. މިކޮޅުގައި މަންމަ ކުރަންވެފައިހުރި ވަރަށްގިނަ ކަންތައް އެބަހުއްޓެވެ. މީގެކުރީގައި ކޮންމެ ހަމަހަކުން އެއްފަހަރު އަހަރެން މިތަނަށް އައިސް ދުވަސްކޮޅަކު މަޑުކުރަމެވެ. އެކަމަކު ވޭތުވެދިޔަ ތިންއަހަރުގެ ތެރޭގައި އުޅެން ޖެހުނީ ޝަހަރުގައެވެ..... މަންމަ ގަސްތުކުރަނީ ދުވަސްކޮޅަކު މިކޮޅުގައި އިނދެލުމަށެވެ.]

[މަންމަ ދުރުވާނީ ކިހާ ދުވަހަކުންތޯއެވެ؟]

[މިކޮޅުގައި ކުރަންހުރި ކަންތައްތައް ނިމުނުހާ އަވަހަކަށް ދާނަމެވެ. ދަރިފުޅު މުޢާޒާއެކު ޝަހަރަށްދާށެވެ.]

[އެކަމަކު އަޅުގަނޑުމެން އެކަނި އުޅޭނީ ކިހިނެއްތޯއެވެ؟]

މަންމަ ހޭން ފަށައިފިއެވެ.

[ތިޔަތިބީ ތިންމީހުން ނޫން ހެއްޔެވެ؟]

[މަންމާއެވެ...... މަންމައާނުލާ އުޅެންޖެހިދާނެ ކަމަކަށް އަޅުގަނޑު ހިއެއް ނުކުރަމެވެ.]

[ދަރިފުޅާއެވެ.] މަންމަ ރަމްލާގެނެސް މޭގައި ލައްކޮށްލިއެވެ. މުސްކުޅިންނާއިމެދު ތިޔަހާވަރަށް އުޅޭކަށްނުވާނެއެވެ. އެއީ ދަރިފުޅުގެ ގެއެވެ. މަންމަވެސް ދާނަމެވެ.]

[އެކަމަކު މަޢޫޒު މަތަކުރާނީ ކިހިނެއްތޯއެވެ.] ރަމްލާ އެންމެފަހުގެ ދުނި ދޫކޮށްލިއެވެ.

[އަހަރެން އޭނާ ގެންގުޅެފާނަމެވެ. އެކަމަކު ފަހަރެއްގައި ދުވަސްތައް ދިގުލާން ވެއްޖެއްޔާ އެސޮރު ބައްޕަގެ މަތިން ހަނދާންވާން ފަށާފާނެއެވެ. މަންމައަށް ފެންނަނީ ގޮވައިގެން ދިއުމެވެ.]

ރަމްލާ ވަރަށް ގަދައެޅިއެވެ. އެކަމަކު މަންމަ މަޑުކުރީއެވެ. އަވަށުގައި މުހިންމު ކަންތައްތަކެއް ކުރަންވެފައި ހުރިކަން ރަމްލާއަށް އެނގެއެވެ. އެހެންނަމަވެސް މަންމައާއިނުލާ ގޭގައި އިންނަން ޖެހުމުން ބޮޑާހޭކީއެވެ. މަންމަގެ ފިރުމުންތައް އޭނާއަށް ލިބުނުވަރުން ފަހަރެއްގައިވެސް މަންމައާނުލާ އުޅެންޖެހިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އެކަމަކު ގެއަސް އައިސް ގޭގެ ކަންތައްތަކާއި ޙަވާލުވުމުން ހުރިހާ ޙަޤީޤަތެއް އޮޅުން ފިލައިފިއެވެ.

ފުރިހަމަ އެއްމަސްދުވަސް ވެއްޖެއެވެ. ގޭގެ ޒިންމާއަކީ ކޮންފަދަ އެއްޗެއްކަން އެއްމަސްދުވަހުގެ ތެރޭގައި ރަމްލާއަށް އެނގިއްޖެއެވެ. ފަތިހު ތެދުވެފައި އެންމެފުރަތަމަ މުޢާޒަށް ނާސްތާ ތައްޔާރުކުރެއެވެ. އެއަށްފަހު އޭނާ އޮފީހަށް ފޮނުވުމުގެ ކަންތައްތައް ކުރެއެވެ. މިކަންތައްތަކުން ނިމެންވާއިރަށް މަޢޫޒު ހޭލައިގެން އާދެއެވެ. އޭނާގެ ކަންތައް ތަކުގައި އުޅޭއިރު މެންދުރަށް ކައްކާނީ ކޮންއެއްޗެއްތޯ ރަމްލާގެ ހިތަށް އަރައެވެ. ރޭގަނޑަށް ތައްޔާރުކުރާނެ އެއްޗަކާއިމެދު ވިސްނައެވެ.

މިކަހަލަ ކަންތައްތައް މަންމަކުރަމުން ގެންދާތަން އޭނާ ބަލަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެކަމަކު މިހުރިހާކަމެއް އަމިއްލައަށް ކުރަންޖެހުމުން އޭނާއަށް ވަރަށް ގިނަދަތިތަކާ ކުރިމަތިވެއްޖެއެވެ.

ކޮންމެ ދުވަހަކު ކައްކަންވާ އެއްޗަކާއިމެދު ރަމްލާއަށް ވިސްނަން ޖެހެއެވެ. މިގޭގައި ޚާދިމާއެއްވެސް އުޅެއެވެ. އޭނާ އަންނަނީ ހެނދުނާ ހަވީރުއެވެ. އޭނާއައިސް ހަނޑޫހޮވާ، ފުށްމޮޑެ ހަނޑޫދޮވެ ހަދައެވެ. ދެންހުރި ހުރިހާކަމެއް ކުރަމުން އައީ މަންމައެވެ. މިކަންތައްތައް ރަމްލާއަށް ކުރަން ޖެހުމުން މަންމަގެ މުސްކުޅި ޢުމުރުގައި މިހުރިހާ ކަންތައްތަކެއް ކުރަމުން އަންނަގޮތަކާއިމެދު ވިސްނައެވެ. ފަތިހުތެދުވެ ކިރުފެލުމަކީވެސް މަންމަކުރަމުން އަންނަ ކަމެކެވެ. ރަމްލާ މިކަންކުރަން އުޅުނެވެ. އެކަމަކު މިއީ އޭނާއަށް ކުރެވޭވަރުގެ ކަމަކަށްނުވިއެވެ. މިކަމަށް ހަމަޖެއްސީ ޚާދިމާއެވެ. މެންދުރުގެ ކޮއްތު މުޢާޒު ގެންދަނީ އޮފީހަށެވެ. އެހެންކަމުން އެކަމަށް ޚާއްޞަ ފަރުވާތެރިކަމެއް ބަހައްޓަން ޖެހެއެވެ.

މިހާރު ރަމްލާއަށްވެސް ވިސްނެން ފަށައިފިއެވެ. ހަމަޖެހޭ ރަނގަޅު ދިރިއުޅުމެއް އުޅޭ ކޮންމެގެއެއްގައި ފުރިހަމަ އަންހެނަކު އުޅެއެވެ. ފިރިހެނުންނަކީ ޚާއްޞަ މެހްމާނުން ތަކެއްހެން އުޅޭ ބައެކެވެ.

ގޭތެރެ ސާފުތާހިރުކޮށް ބެހެއްޓުމާއި އެނދުފޮތިތަކާއި ބާލީހު އުރަތައް ބަދަލުކޮށް ގަވައިދުން ކޮންމެ ހަފްތާއަކު އެއްފަހަރު ދޮންނަމީހާއާއި ހެދުންތައް ޙަވާލުކުރަން ޖެހޭނެއެވެ. ކޮންމެދުވަހަކު ބާޒާރުން ގަންނަންޖެހޭ އެތިކޮޅުގަތުމާއި އައިސްގޮސްވާ މީހުންނަށް ކަމޭހިތުމާއި އަވަށްޓެރިންނާއި ގުޅުންބަދަހިކުރުމަކީވެސް ކުރަންޖެހޭނެ ކަމެކެވެ. ރޭގަނޑު ކުދިންނާއިއެކު ހޭލާ އުޅެ ދުވާލު އެކުދިން ގޮވައިގެން މަދަރުސާއަށް ދާންޖެހެއެވެ. އަބަދުވެސް ގެއާއިމެދު ފަރުވާ ބެހެއްޓުމާއި ގެއިން އެއްޗެއް ހުސްވެދާނެ ކަމުގައި ވިސްނުމަކީވެސް އަންހެނުންގެ ކަމެކެވެ. މުޢާޒަކީ ވަރަށް ރައްޓެހިން ގިނަ މީހެކެވެ. ގެއަށް ވަރަށްގިނަ މީހުން އައިސްގޮސް އުޅެއެވެ. މަންމަ ދުވާލު ހަތަރުދަމު އެމީހުންނާއި އިސްތިޤްބާލު ކުރެއެވެ. މެހްމާނުން އައިވަރަކަށް ޒާތްޒާތުގެ ކާއެއްޗެތި ތައްޔާރުކޮށް ސައިދީ ހަދައެވެ.

ފުރަތަމަ ކޮޅުގައި ރަމްލާއަށް ވަރަށްގިނަ ދަތިތަކާއި ކުރިމަތިވިއެވެ. ސިޓިންގރޫމަށް ސައިފޮނުވަން އޭނާ ޖެހިލުން ވިއެވެ. ތަކުރާރުކޮށް ތަށިދޮންނަށް ޖެހެއެވެ. އެތައް ފަހަރަކު ތަބައް ތައްޔާރުކުރަން ޖެހެއެވެ. އަދި އެދެމެދަށް މަޢޫޒު ވަދެ އުނދަގޫ ކުރެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 223 އިން 225 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން