16 މާރިޗު 2020 - 12:18
(ކުރީގެ އަދަދާ ގުޅޭ)

[ތެދެއް...އެމަންޖެ އެބުނީ...މާ ލަދުރަކި ސޮރެއް...ވަރަށް އަޚްލާޤު ރަނގަޅު. ހަމަގައިމުވެސް އަހަރެން ވަރަށް ހިތްހަމަޖެހޭ.] ޙުސްނާ ހުޝާމަށް ތަޢުރީފް ކުރިއެވެ. ޙުސްނާ އަބަދުވެސް ޝަހްލާ ގާތު ހުޝާމަށް ތަޢުރީފް ކުރެއެވެ. ބައްޕަ ދިޔުމާއެކު ޝަހްލާ ހުޝާމަށް ގުޅާފައި އެރޭ އެގެޔަށް އައިސްދިނުމަށް އެދުނެވެ. ޝަހްލާގެ ބައްޕައަކީ ކުރިން ދުވަހަކުވެސް ހުޝާމް ދުށް މީހެއް ނޫނެވެ.

[އަނެއްކާ ވަރަށް ރުޅިގަދަ ބައްޕައެއްތަ؟ ކަމެއް ދިމާވެއްޖެއްޔާ އަހަރެން ވަރަށް ބިރުގަންނާނެ.] ސަމާސާ ރާގުގައި ހުޝާމް ބުންޏެވެ.

[އަހަރެންގެ ބައްޕަ ވަރަށް ކޫލްވާނެ....މިރޭ އަށެއްޖަހާއިރު އަންނައްޗޭ...ދެން ބާއްވަނީ.] ޝަހްލާ ފޯނު ބޭއްވިއެވެ.

މިހާރުވެސް އަރުފާން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިޔަށް އެބަދެއެވެ.

[އަޅެ....މަންމާ...އޭނާ ކޮންތާކަށްބާ ގޮސްގެން އެއުޅެނީ...އަރުފާން ދެން ހަމަ ނުފެންނާނެތަ؟] ތާރާ ރޮމުން ގިސްލަމުން މަންމަގެ ގައިގައި އޮޅުލައިގެންފިއެވެ.

މިހާރު އަރުފާންގެ އެއްވެސް ޚަބަރެއްނުވެ ދެވަނަ ދުވަސް ފާއިތުވެގެން ދަނީއެވެ. ވީނުވީއެއް ނޭނގި ލޯބިވާ ބައިވެރިޔާ ގެއްލުމުން، ކޮންމެ އަންހެނަކަށްވެސް އަސަރު ކުރާނެއެވެ.

[ހިތްވަރުކުރޭ ދަރިފުޅާ...އަދި އަރުފާން ފެންނާނެ. އޭނާ އަންނާނެ. އަބަދުވެސް އޭނާއަކީ މިކަހަލަ ސަމާސާކުރާ މީހެއްނު. ނުރޮއި ހުއްޓާލާ.] ޞަފޫރާ ތާރާއަށް ހިތްވަރުދިނެވެ. ނަމަވެސް އަދިވެސް ތާރާއަށް ރޮވެނީއެވެ. އަރުފާން ގެއްލުނުފަހުން ފުރަތަމަފަހަރަށް ތާރާ ގެއިން ބޭރަށް ނިކުތީ އެދުވަހުގެ އިރުއޮއްސެން ދަނިކޮށެވެ. އެކަނިމާއެކަނި އޭނާ ނިކުމެގެން ދިޔައީ އަރުފާން ހޯދާށެވެ. އޭނާ މިޞްރާބުޖެހީ އެރަށުގެ މީހުން ނޫޅޭ، އަލަށް އާބާދުވާ ސަރަޙައްދާ ދިމާއަށެވެ. އޭނާ ބޭނުންވަނީ ފިރިމީހާ ފެނޭތޯ އޭނާއަށްވެސް ކުރެވުނު މަސައްކަތެއް ކުރާށެވެ.

[ތާރާ....ކޮންތާކަށް؟] މީހުން ނޫޅޭ ސަރަޙައްދުން ދެނަމާދު ދޭތެރޭގައި ހިނގަމުންދިޔަ ތާރާ ސިހުނީ ދުރުން މާދުރުން މީހަކު އޭނާއަށް ގޮވާލި އަޑަށެވެ. އެޔާއެކު ފުރަތަމަ އޭނާ ހުއްޓުންއެރިއެވެ. ހިސާބަކަށް ހީކުރެވުނަސް އެއީ ސީދާ އަރުފާންގެ އަޑު ކަމެއް އޭނާއަކަށް ގައިމެއްނުވިއެވެ. ވުމާއެކު އޭނާ މަޑުޖެހިލިއެވެ.

[ކާކު؟ އަރުފާން....] ތާރާ އަނެއްކާވެސް ކުރިޔަށް ހިނގައިގެންފިއެވެ. ދެންވެސް ކުރީގައި އިވުނު އަޑު ތަކުރާރުވެއްޖެއެވެ.

[ކާކުތަ؟ އަހަރެން މިދަނީ އަރުފާން ހޯދަން.] ތާރާ އަނެއްކާވެސް ހުރި ފިޔަވަޅުމަތީ ހުރެ ވާހަކަ ދެއްކިއެވެ.

ހަމަ އެވަގުތެވެ. ހުޝާމް އޭނާގެ ލޯބިވެރިޔާގެ ބައްޕައާ ބައްދަލުކުރުމަށްޓަކައި ލޯބިވެރިޔާގެ ގެޔަށް ވަންނަނީއެވެ. އޭނާ ވަންއިރު ސިޓިންގރޫމްގައި އޭނާގެ އިންތިޒާރުގައި ޝަހްލާގެ ބައްޕައާއި މަންމަގެ އިތުރުން ޝަހްލާ އިނެވެ. ހުޝާމް އައިސް އިށީނުމާއެކު، އެންމެ ފުރަތަމަވެސް ފިރާޤު ސުވާލުކުރީ ހުޝާމްގެ ޢާއިލާއާ ބެހޭގޮތުންނެވެ. އެއަށް އޭނާ ދިން ޖަވާބަކީ އޭނާގެ މަންމަ ނިޔާވެފައިވާ ކަމަށާއި، ބައްޕައަކީ ކާކުކަން ބުނެދޭން އޭނާއަށް ނޭނގޭ ކަމަށެވެ. އެހާހިސާބުން ފިރާޤަށް ބޮޑު ޝޮކެއް ލިބުނު ކަހަލައެވެ.

[ހުޝާމްގެ މަންމައަކީ މިރަށު މީހެއްތަ!؟] ހިސާބަކަށް ޙައިރާންވެފައި ހުރެމެ ފިރާޤު ސުވާލުކުރިއެވެ. މިފަހަރު ހުޝާމް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. އޭނާކުރީ އާއެކޭ ބުނާފަދަ އިޝާރާތެކެވެ. ވުމާއެކު ފިރާޤު ދެން ބޭނުންވީ ހުޝާމްގެ މަންމަޔަކީ އެރަށުގެ ކާކުތޯ ދެނެގަންނާށެވެ.

[މިރަށު ކޮން ގެއެއްގެ ކާކުތަ؟] މިފަހަރު ފިރާޤު ވާހަކަ ދެއްކީ ކޮންމެވެސްވަރަކަށް ހާސްވެފައި ހުރެމެއެވެ. ހީވާކަހަލައެވެ. އޭނާޔަށް ހުޝާމާމެދު ޝައްކުވަނީއެވެ. ހުޝާމަކީ އޭނާ ދަންނަ ކުއްޖެއްހެން ހީވަނީއެވެ.

[ޙަސީނާ...ވަރަށް ގިނަދުވަހު ބަލިދާނުގައި އޮވެފައި މަންމަ މިދުނިޔެ ދޫކޮށްފައި ދިޔައީ. މަންމަ މަރުވުމުގެ ކުރިން އަހަންނަށް ވަޞިއްޔަތްކުރި....މިރަށަށް އަހަރެންގެ ދިރިއުޅުން ބަދަލުކުރަން. އެހެންވެ މަންމަ ނިޔާވިތާ މާގިނަ ދުވަސްތަކެއްނުވެ އަހަރެން މިރަށަށް ބަދަލުވީ...އެއީ ވަރަށް ބަދުނަޞީބު މަންމައެއް....މަންމަ ދުނިޔެ ދޫކޮށްފައި ދިޔައިރުވެސް، އަހަރެންގެ ބައްޕަޔާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކާ. މަންމަގެ ހަނދާންތައް އާވުމާއެކު، ހުޝާމްގެ ލޮލުން ކަރުނަ ހިލިގަތެވެ.

އޭގެއިތުރަށް އެމަޢުޟޫޢަށް ވާހަކަ ދައްކާނޭ ހިތްވަރެއް ހުޝާމަށް ނުވެސް ލިބުނުމެއެވެ.

[ޝަހްލާ...ދަރިފުޅު މިވަގުތުދޭ ކޮޓަރިއަށް. ބައްޕަ ބޭނުން ވަކިން ހުޝާމާ ވާހަކަ ދައްކާލަން.] ފިރާޤު މިހެން ބުނީމާ ޝަހްލާ ގޮސް އޭނާގެ ނިދާ ކޮޓަރިއަށް ވަދެއްޖެއެވެ. ހަމައެޔާއެކު ފިރާޤު ހުޝާމްގެ އަތުގައި ހިފައިގެން ނިކުމެއްޖެއެވެ.

އެވަގުތެވެ. ތާރާއަށް އަދިވެސް އިވެމުންދަނީ އަޑެކެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

[ކާކު؟ އަހަރެން ބޭނުންވަނީ އަހަރެންގެ ފިރިމީހާ ހޯދަން....އަޅެ އޭނާ ކޮބައިތަ؟] ތާރާ ވަލުތެރޭގައި ހުރެ ވަށައިގެން އެނބުރެމުން ވާހަކަ ދެއްކިއެވެ.

[އާދޭ....އަދިވެސް އެތެރެއަށް ވަދެގެން އާދޭ...އަހަރެން މިހުރީ މިތާ އެތެރޭގައި....] މިފަހަރު އިވުނީ ސީދާ އަރުފާންގެ އަޑެވެ. ލިބުނު އުފަލާއެކު ތާރާ އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އޭނާއަށް ވަކިހިސާބަކަށް ވަދެވުނުތަނާހެން އެފެނުނީ އަރުފާނެވެ. އޭނާހުރީ ތާރާއަށް ފުރަގަސްދީގެނެވެ.

[އަރުފާން އަޅެ އަހަންނަށް ފިލައިގެން މިތާ ވަލުތެރޭ ކީއްތިކުރަނީ؟ ހިނގާ ގެޔަށް ދާން.] ތާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފަހަތުން އަރުފާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އޭރުވެސް ތާރާއަކަށް އަދި އަރުފާނުގެ މޫނެއް ނުފެނެއެވެ.

[އަހަރެން ގެޔާ ދިމާއަށް ދަނިކޮށް ތާރާ މިދިމާއަށް ދާތީ ފެނިގެން ތާރާގެ ފަހަތުން އަހަރެން މިއައީ....އަހަރެން ގެއްލިގެން ވަރަށް ހޯދައިފިންދޯ؟] އަރުފާން ތާރާއާ ދިމާއަށް އެނބުރުނެވެ. އެއަށްފަހު އޭނާ ތާރާގެ މޫނަށް ބަލަން ހުރެފައި ވާހަކަ ދެއްކިއެވެ.

[އަހަރެން ފެނުނީމާ ވަރަށް އުފާވެއްޖެދޯ؟ ތާރާ ބޭނުންތަ އަބަދުވެސް އަހަންނާއެކު ދިރިއުޅެން. އެހެން ވެއްޖެއްޔާ ތާރާވެސް ޖެހޭނެ...އަހަރެން ބުނާގޮތަކަށް ޢަމަލުކުރަންވެސް.] އަރުފާން ހިނިތުންވެލިއެވެ. އޭރު ލިބިފައިވާ އުފަލާއި ހިތްހަމަޖެހުމާއެކު، ތާރާގެ ލޮލުން ވަނީ އުފާވެރިކަމުގެ ކަރުނަ ފާއްދާލާފައެވެ.

[އާނ...އަހަރެން ވަރަށް އުފާވެއްޖެ...ވަރަށް އުފާވެއްޖެ...އަބަދުވެސް އަހަރެން ބޭނުން އަރުފާނާއެކު ދިރިއުޅެން. އަހަންނަށް އަރުފާނާ ވަކިން ނޫޅެވޭނެ. އަރުފާން ބުނޭ، އަހަރެން ކިހިނެއްތަ ޢަމަލުކުރަންވީ؟] ތާރާ އަރުފާންގެ މޭގައި ބޯއަޅާލިއެވެ.

[ތާރާއަށް އެނގޭދޯ؟ ފަންޑިތަ ހެދުމަކީ އަހަރެން ރުހޭ ކަމެއް ނޫންކަން. އަޞްލު އަހަރެން ނުރުހޭ ކަމެއް ތިގޭ ގޯތިތެރޭގައި ކޮށްފައި ވަޅުލީމާ، އަހަރެން މިހުންނަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި. އަހަރެން މަންމަ ގާތަށް ރަށަށް ގޮސްލާފައި އަންނަންވާއިރަށް ތާރާ ހުސްނުހީނާ ގަސްދަށުގައި ވަޅުލާފައިވާ ލޯފޮތި ނަގާފައި އެއްލާލާތި.] މިހެން ބުނެފައި އަރުފާން ތާރާގެ އަތުގައި ހިފައިގެން ގެޔަށް ދިޔުމަށްޓަކައި ހިނގައިގެންފިއެވެ. ތާރާ ގެޔަށް ވެއްދުމަށްފަހު އަރުފާން ދިޔައީ އޭނާގެ މަންމައާ ބައްދަލުކުރުމަށްޓަކައި އޭނާގެ ރަށް މީދޫއަށެވެ.

ގޯތިތެރެއަށް ވަދެ ތާރާ ނާށިގަނޑަކުން ގަސްދަށުގައި ވަޅުލާފައިވާ ލޯފޮތި ފެނޭތޯ ހޯދަން ފެށިއެވެ. ތާރާގެ މަންމައާއި ބައްޕައަށް ބޭރަށް ނިކުމެވުނީ ހުސްނުހީނާ ގަސްދަށުން އަޑެއް އިވޭހެން ހީވެގެނެވެ.

[ދަރިފުޅާ!؟ ކީއްތިކުރަނީ....އާދޭ އެތެރެއަށް...ތިތަނުން ކޯއްޗެއްތަ ތިހޯދަނީ.] ޝަފީޤު ތާރާގެ ދެކޮނޑުގައި ހިފައި ތެދުކުރިއެވެ.

[ބައްޕާ...މަންމާ...ދެންމެ އަހަންނާ އަރުފާން ބައްދަލުކުރި...އޭނާ ބުނީ މިގޭ ގޯތިތެރޭ ވަޅުލާފައިވާ ލޯފޮތި ނަގާފައި އެއްލައިލާށޯ....މިހާރު އޭނާވީ އޭނާގެ މަންމައާ ބައްދަލުކުރަން އެގެޔަށް ގޮސް.] ތާރާ ކިޔައިދިނެވެ.

[ދަރިފުޅާ...މިތާނގައި ވަޅުލާފައި އޮތް އެއްޗަކުން އަރުފާނަށް ކޮން އުނދަގުލެއްތަ ވަނީ...ބައްޕައަކަށް ހިއެއްނުވޭ ދަރިފުޅު ރަނގަޅުހެނެއް. އަވަހަށް ހިނގާ އެތެރެއަށް.] ޝަފީޤު ތާރާގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

[ބައްޕާ އަހަރެން މިހުރީ ރަނގަޅަށޭ. އަރުފާން ބުންޏޭ އޭތި ނަގާށޭ. އަހަރެން މިއައީ ވަލުތެރޭގައި ވަރަށްގިނައިރު ވަންދެން އޭނާޔާ ވާހަކަ ދައްކަން ހުރެފައޭ. ޤަބޫލުކޮށްބަލަ ބައްޕާ....އޭނާ ބުނީ ފަންޑިތަ ހެދުމަކީ އޭނާ ރުހޭ ކަމެއް ނޫނޭ.] ތާރާ ބޭނުންވަނީ ގޮތްދޫނުކޮށް އެ ލޯފޮތި ނަގާށެވެ. ނަމަވެސް ޝަފީޤުމެން އެގޮތަށް އެކަން ކުރަން ބޭނުންނުވާތީ އެމީހުން ޙުސޭން ތައްޚާނަށް ގުޅައިގެން އެގެޔަށް ގެނައީއެވެ.

އޭނާއައީ މަސައްކަތަށް ބޭނުންވާނޭ ހުރިހާ ސާމާނުތަކެއްވެސް ހިފައިގެނެވެ. ލަފާކުރެވޭގޮތުން އަރުފާނޭ ކިޔައިގެން ތާރާޔާ ބައްދަލުކޮށް، ތާރާގެ ބޮލަށް ސަރުވާން މަސައްކަތްކުރީ އަރުފާން ނޫންކަން ޙުސޭން ތައްޚާނަށް އެނގުނީއެވެ.

އޭނާ ގެޔަށް އައިސް ތާރާގެ އުނަގަނޑުގައި ފުރަތަމަ ތަވީދު އަޅުވާލަދިނެވެ. އެއަށްފަހު އޭނާ މަސައްކަތް ފެށިއެވެ. ފުރަތަމަ އޭނާ ތާރާއަށް ވިސްނައިދިނީ އަރުފާނުގެ ސިފައިގައި ތާރާއާ ބައްދަލުކުރީ އިންސާނެއް ނޫން ކަމަށެވެ. ނަމަވެސް އޭނާގެ މައިގަނޑު މަސައްކަތް ކުރަން އޭނާ ނިންމީ ދެދުވަހުގެ ފަސް ތާރީޚެއް ބަލާފައެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ޝަހްލާ ހުޝާމަށް ގުޅިއެވެ. ނަމަވެސް ހުޝާމްގެ ފޯނު އޮތީ އޮފްކޮށްފައެވެ. އޭނާގެ ބައްޕަ ފިރާޤުވެސް ކޮޓަރިއަކުން ނުނިކުމެއެވެ. ވުމާއެކު ބައްޕަ ހުޝާމާ ދެއްކީ ކޮން ވާހަކަތަކެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ.

[މަންމާ...ފަހުން ބައްޕަ ހުޝާމާ ދެއްކީ ކޮން ވާހަކައެއްތަ؟ ކައިވެނި ކުރާނޭ ތާރީޚެއް ކަނޑައެޅިތަ؟] ޝަހްލާ އޭނާގެ މަންމަ ޙުސްނާ ގާތު އެއްސެވެ.

[ދަރިފުޅުގެ ބައްޕަ ވާހަކަ ދެއްކި އަޑެއް މަންމައެއްވެސް ނާހަން. ރޭގައި ހުޝާމާއެކު ބޭރަށް ނިކުމެގެން ދިޔަގޮތަށް އެގާރަވެސް ޖެހިފަހުން ބައްޕަ އޮށޯތީ. އެއްވެސް ވާހަކައެއް ނުދައްކާ....] ޙުސްނާ ބުންޏެވެ.

[މަންމާ...ބައްޕަ ހުޝާމް ގޮވައިގެން ބޭރަށް ދިޔައީ ކީއްވެގެންބާ؟ އަޅެ ހުޝާމްގެ ފޯނުވެސް އޮތީ އޮފްކޮށްފައި....] ޝަހްލާ ހުރީ ވަރަށް ކަންބޮޑުވެފައެވެ.

އޭނާގެ ހިތަށްއަރައެވެ. އަނެއްކާ ބައްޕަ ހުޝާމާމެދު ހިތްހަމަނުޖެހުނީބާއެވެ. ހުޝާމްގެ ޢާއިލާއެއް ނެތުމުން، އެކަމާ ނުރުހުނީބާއެވެ. ނޫނެކެވެ. ބައްޕަ އެހެނެއް ނަހަދާނެއެވެ. މިޚިޔާލުގައި ހުއްޓާ އޭނާއަށް ސިހުންގެނުވީ އޭނާގެ މަންމައެވެ.

[ދަރިފުޅާ...ތިހާވަރަށް ހިތްނުތަނަވަސްނުވެބަލަ. ނިކަން ވިސްނާލަބަލަ، ދަރިފުޅުގެ ބައްޕަ ދަރިފުޅަށް ދެރަގޮތެއް ނަހަދާނެޔޭ.] ޙުސްނާ ޝަހްލާއަށް ހިތްވަރުދިނެވެ. އޭރުވެސް ފިރާޤު ކޮޓަރިއަކުން ނުނިކުމެއެވެ.

ފިރާޤު ކޮޓަރިން ބޭރަށް ނިކުތީ ޝަހްލާމެން އެވާހަކައިގައި ތިބޭތާ ގަޑިއެއްހާއިރު ފަހުންނެވެ. ފިރާޤު ފުރަތަމަ ދިޔައީ ކާގެޔަށެވެ. އޭނާގެ ފަހަތުން ޙުސްނާވެސް ކާގެޔަށް ދިޔައެވެ.

[ފިރާޤު...ބަލަ ރޭގައި އެސޮރު ގޮވައިގެން ބޭރަށް ދިޔަގޮތަށް އެކަމާ ބެހޭގޮތުން ތިހުންނަނީ އެއްވެސް ވާހަކައެއް ނުދައްކާ....ޝަހްލާ އެހުންނަނީ ފިރާޤު ބުނާނޭ އެއްޗެއްގެ އިންތިޒާރުގައި.] ފިރާޤަށް ސައި ހަދައިދެމުން ޙުސްނާ ވާހަކަ ދެއްކިއެވެ.

[އަހަރެން ސައިބޮއި ނިމިގެން ތިވާހަކަ ދައްކާނަން. ޝަހްލާ ގާތުވެސް ބުނޭ...ބައްޕަ ސައިބޮއިގެން އަންނަންދެން ސިޓިންގރޫމްގައި މަޑުކުރާށޭ.] ފިރާޤު ބުންޏެވެ.

މަންމަ ގޮސް އެހެން ބުނީމާ ޝަހްލާއަށް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ބައްޕަގެ އިންތިޒާރުގައި އިންދާ ބައްޕައާއި މަންމަ އެކުގައި އައިސް އޭނާ އިން ސޯފާގައި އިށީނދެއްޖެއެވެ. އޭރުވެސް ޝަހްލާ ދިޔައީ ހުޝާމަށް ގުޅޭތޯ މަސައްކަތް ކުރަމުންނެވެ.

[ދަރިފުޅާ ހުޝާމަށް އަދިވެސް ނުގުޅޭތަ؟ އަނެއްކާ ފިރާޤު އެސޮރު ހިތްހަމަނުޖެހޭ ގޮތަކަށް ވާހަކަ ދެއްކީތަ؟] ޙުސްނާ ޝަހްލާގެ ބޮލުގައި އަތް ކާއްތާލިއެވެ.

[ނޫނޭ އަހަރެން ދެއްކި ވާހަކަތަކުން ހުޝާމް ހުރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެން ބުނެފިން، އެސޮރު ގާތު ތިދެކުދިންނަކަށް ކައިވެންޏެއް ނުކުރެވޭނޭ.] ފިރާޤު މިހެން ބުނުމާއެކު، ޝަހްލާގެ ދެލޯ ބޮޑުވިއެވެ.

[ކިހިނެއްވީ؟ ބައްޕާ....އަޅެ ކޮންކަހަލަ ސަމާސާއެއްތަ ތިކުރަނީ...ހުޝާމް ކޮބައިތަ؟] ޝަހްލާ ފެންކަޅިވިއެވެ.

[ދަރިފުޅާ...ބައްޕަ މިކުރަނީ ސަމާސާއެއް ނޫން. ދަރިފުޅަކަށް ހުޝާމަކާ ކައިވެންޏެއް ނުކުރެވޭނެ....] ފިރާޤު މިހެން ބުނެފައި ޙުސްނާގެ މޫނަށްވެސް ބަލައިލިއެވެ.

[އެއީ ކީއްވެތަ ބައްޕާ....އަހަރެން ހާސްކުރަން ކޮންކަހަލަ ވާހަކަތަކެއްތަ ތިދައްކަނީ....] ޝަހްލާއަށް ކުރިއަށްވުރެންވެސް ބޮޑަށް އަސަރުކޮށްފިއެވެ.

[ދަރިފުޅާ....ހުޝާމަކީ މިބައްޕަގެ ދަރިއެއް.....އެއީ ތި ދަރިފުޅުގެ އެއްބަފާ ބޭބެ.......] މިހެން ބުނެވުނުއިރު ފިރާޤުގެ ލޮލުންވެސް ކަރުނަ ހިލުނެވެ. ޙުސްނާވެސް ހުރީ ޙައިރާންކަމާއެކު ދެލޯ ބޮޑުކޮށްގެންނެވެ.

[ހުޝާމަކީ ފިރާޤުގެ ދަރިއެކޭ!؟] ފިރާޤު ކީއްވެތަ ކުރިން ފިރާޤުގެ އެހެން ކުއްޖަކު ހުންނަ ވާހަކަ އަހަރެން ގާތު ނުބުނީ؟] ޙުސްނާ ހުރީ ވަރަށް ބޮޑަށް ޙައިރާންވެފައެވެ. ނަމަވެސް އޭނާ އެކަމަކާ ރުޅިއެއް ނާދެއެވެ.

[ޙުސްނާ ޤަބޫލުކުރޭ....ޙަސީނާއަކީ އަހަރެން އެންމެ ފުރަތަމަ ލޯބީގެ ގޮތުން ގުޅުނު މީހާ. އޭރު އަހަންނަކީ އެއްވެސް މަސައްކަތެއް ކުރާ މީހެއް ނޫން. އެހެންވެ ޙަސީނާގެ މައިންބަފައިން އަހަރެމެންގެ ގުޅުމަށް ހުރަސްއަޅައި ދުރުކުރުވީ. އޭރު ދުނިޔޭގައި ހުރި ޙަސީނާގެ މަންމައާއި ބައްޕައަކީ ވަރަށް ޒީލަގަދަ ދެމަފިރިން. އެމީހުން އަހުރެމެންގެ ގުޅުމަށް ހުރަސްއެޅީމާ އަހަރެން ފުރައިގެން މާލެ ގޮސް ދަތުރުކުރަން ފެށީ. އޭގެ މާގިނަ ދުވަސްތަކެއްނުވެ ޙަސީނާވެސް މާލެއަށް ހިޖުރަކުރީ.] ފިރާޤު އޭނާގެ މާޟީ ހިސާބަކަށް ކިޔައިދިނެވެ.

މީގެކުރިން ދުވަހަކުވެސް ފިރާޤަށް ހުޝާމް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް، ހުޝާމަކީ ސީދާ އޭނާގެ ދަރިއެއްކަން އޭނާއަށް ޔަޤީންކުރެވެއެވެ. މިހާރު ޝަހްލާއަށް އެވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އޭނާޔާ އެއްބަފާ ބޭބެއަކާ ލޯބީގެ ގުޅުމެއް ބޭއްވުނީތީ އޭނާ އެވަނީ ވަރަށް ބޮޑަށް ލަދުގަނެ ދެރަވެފައެވެ. އެދެމެދުގައި ލޯބީގެ ވާހަކަތަކެއް ދެކެވުނަސް އެއްވެސް ގާތް ގުޅުމެއް ބޭއްވިފައި ނެތީ ނަޞީބެކޭވެސް މިހާރު ޝަހްލާގެ ހިތަށްއަރައެވެ.

އެކަން އެހެންވީވެސް ޝަހްލާ ގެންގުޅޭ ހަރުދަނާ އުޞޫލެއްގެ ސަބަބުންނެވެ. އަބަދުވެސް ޝަހްލާ ބަލަނީ އޭނާގެ ދިރިއުޅުމުގެ ސުލޫކީ މިންގަނޑު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ދެމެހެއްޓުމަށެވެ. ލޯބިވެރިން ކަމުގައިވިޔަސް ވާހަކަ ދައްކަންވެސް ތިބެނީ ވަކި އިމެއްގެ ތެރޭގައެވެ.

[ބައްޕާ....ކީއްވެތަ ކުރިން އަހަރެންގެ އެއްބަފާ ބޭބެއަކު ހުންނަ ވާހަކަ އަހަރެން ގާތު ނުބުނީ....އަހަރެން ކިހިނެއްތަ ބޭބެއާ ކުރިމަތިލާނީ.....] ޝަހްލާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ.

[ދެން ނުރޮއި ހުއްޓާލާ ދަރިފުޅާ....ދުވަސްކޮޅަކުން ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅިދާނެ. މިހާ ހިސާބުން ފެށިގެން ހުޝާމަކީ ދަރިފުޅުގެ ބޭބެގެ ގޮތުގައި ބަލައިގަނޭ. މީކީ ދަރިފުޅު ދެރަވެ ހިތާމަކުރަންޖެހޭ ވަގުތެއް ނޫން. އުފާކުރަންވީ ވަގުތު. ޢާއިލާއަށް މެމްބަރަކު އިތުރުވުމަކީ ކިހާބޮޑު އުފަލެއް.] ފިރާޤު ޝަހްލާއަށް ހިތްވަރުދިނެވެ. އޭރުވެސް ޝަހްލާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދަނީއެވެ.

[ތެދެއް ދަރިފުޅާ....ހިތްވަރުކުރޭ...އެއީ ހަމަ ދަރިފުޅަށް ލިބުނު އިތުރު ހިތްވަރެއް. ބޭބެއަކު ލިބުނީތީ އުފާކުރަންވީ.] ޙުސްނާވެސް ފިރާޤުގެ ވާހަކައަށް ތާއީދުކުރިއެވެ.

މާގިނައިރުތަކެއްނުވެ އެގެޔަށް ހުޝާމްވެސް އައިސް ވަދެއްޖެއެވެ. އޭނާވެސް އައިސް ޝަހްލާއަށް ނަޞޭޙަތްތެރިވަމުން، ދެން އެކަމާމެދު ނުވިސްނުމަށް އެދުނެވެ. އޭނާ އައިސް ޝަހްލާއާ މުޚާޠަބު ކުރީވެސް ކޮއްކޮގެ ނަމުންނެވެ.

[ޝަހްލާ ކޮއްކޯ....ޙަޤީޤަތުގައި މިއަދު ބޭބެ މިހުރީ ވަރަށް ބޮޑަށް އުފާވެފައި. ޙަޔާތުގެ ބައިވެރިޔަކަށްވުރެން ބޭބެއަށް އެންމެ ބޭނުންވެފައި ވަނީވެސް ކޮއްކޮއެއް. މިއަދު ބޭބެއަށް މިވަނީ އުފާވެރި ޢާއިލާއެއް ލިބިފައި. މިއީ ކިހާ ބޮޑު އުފަލެއް. ކޮއްކޮވެސް އުފާކުރޭ.....] ހުޝާމް ޝަހްލާގެ ބޮލުގައި ފިރުމާލިއެވެ.

[އަހަރެންވެސް ވަރަށް އުފާވެއްޖެ...ބޭބެއަކު ލިބުނީތީ...ބައްޕަ ކީއްވެތަ ކުރިން ބޭބެ ހޯދަން މަސައްކަތް ނުކުރީ. ބައްޕައަށް އެނގެއެއްނު، ކުރިންވެސް ބޭބެ މާލޭގައި އުޅޭކަން.] ޝަހްލާ ބައްޕަ ކުށްވެރި ކުރިއެވެ.

[ދަރިފުޅާ ޝަހްލާ؟....ބައްޕަ ދަތުރުކުރަން ގޮސްފައި އައީ ހަތަރު އަހަރު ފަހުން. އައިސް އެންމެ ފުރަތަމަވެސް ބައްޕަ ކުރި މަސައްކަތަކީ ހުޝާމާއި ހުޝާމްގެ މަންމަ ފެނޭތޯ ކުރެވުނު މަސައްކަތް. އެކަމަކު ބައްޕައަކަށް ޚަބަރެއްނުވި. އެނގުނީ މާލޭގައި އުޅޭކަން.] ފިރާޤު އިތުރަށް ކިޔައިދިނެވެ.

އެދުވަސްވަރު ޙުސްނާގެ މަޢުލޫމާތު ހޯދަން އޭނާކުރި މަސައްކަތުން އެނގުނީ ޙުސްނާގެ މަންމައާއި ބައްޕަވެސް ވަރަށް ކުއްލި ގޮތަކަށް ނިޔާވިކަމާއި، ޙުސްނާ އައްޑުއަތޮޅު ދޫކޮށް މާލެއަށް ހިޖުރަކޮށްފައިވާ ކަމެވެ. ނަމަވެސް އެރަށުގެ އެއްވެސް މީހަކަށްވެސް އޭނާގެ ކުއްޖަކު ހުންނަކަމެއް އެނގިފައިވާ ކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައިރު ޙުސްނާ އޭނާގެ ދަރިއަކަށް ބަލިވެއިންކަން އޭނާއަށް އެނގިފައިވެއެވެ. ހުޝާމަކީ ސީދާ އޭނާގެ ދަރިއެއްކަން އޭނާއަށް ޔަޤީން ކުރެވުނީ އެހެންވެގެންނެވެ.

އެދުވަހަށްފަހު ހުޝާމްވެސް އޭނާގެ ބައްޕައާއި ކޮއްކޮ ޝަހްލާގެ އެދުމުގެ މަތިން، އެގެޔަށް ބަދަލުވިއެވެ. ޝަހްލާގެ ޢާއިލާއަށް ލިބުނީ ބޮޑު އުފާވެރިކަމެކެވެ. ޝަހްލާގެ ޢާއިލާއަށް މިއުފާވެރިކަން ލިބުނުއިރު، އޭނާގެ ރަޙްމަތްތެރި މިތުރާ އާދެ، ތާރާގެ ޙާލަކީތޯއެވެ؟ މިހާރު ތާރާގެ އުފާވެރި ދިރިއުޅުންވަނީ ފުރޮޅިފައެވެ. އޭނާގެ ދިރިއުޅުން ބަދަލުވެގެން ގޮސްފައިވަނީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ.

[މަންމާ....ބައްޕާ....އެއީ ހަމަ އަރުފާން...އަރުފާން ބުނީ އެގަސްދަށުގައި ވަޅުލާފައިވާ ލޯފޮތި އެތަނުން ނަގާފައި އެއްލައިލުމަށް. އަޅެ މަންމާ...އޭތި އެތަނުން ނަގާފައި އެއްލާލަބަލަ.] ރޮއިރޮއިފައި ތާރާ ވާހަކަ ދެއްކިއެވެ. އޭރުވެސް ތާރާގެ ގާތުގައި އޭނާގެ މަންމައާއި ބައްޕައާ ދެމީހުން ތިއްބެވެ.

[ދަރިފުޅާ ނުރޮއި ހުއްޓާލާފައި ބައްޕަ މިދައްކާ ވާހަކަ އަޑުއަހާބަލަ.... ދަރިފުޅު ތިބުނަނީ ރޭގައި ދަރިފުޅާ ދިމާވީ އަރުފާނޭ....ތިހެންވީއިރު އަރުފާން ކީއްވެތަ މިގެޔަށް ނުވަނީ. މިގޭ ގޯތިތެރޭގައި ތަވީދެއް ނުވަތަ ލޯފޮއްޗެއް ވަޅުލާފައި އޮތެކޭ ކިޔާފައި ކީއްވެތަ އޭނާޔަށް ނުވަދެވެންވީ؟] ޝަފީޤު ތާރާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

[ދަރިފުޅާ މާދަމާ ޙުސޭން ތައްޚާނު ބުނީ ހުރިހާ ކަމެއް ޙައްލުކުރަން މަސައްކަތް ކުރާނަމޭ. ދަރިފުޅު ހިތްވަރުކުރޭ....ދަރިފުޅާއެކު އަބަދުވެސް މަންމައާއި ބައްޕަ ތިބޭނަން.] ތާރާގެ މަންމަ ޞަފޫރާވެސް ތާރާއަށް ހިތްވަރުދިނެވެ. ނަމަވެސް އެރޭ މަންމަމެން ނިދާހާއިރު ކޮށްފައި ތާރާ ގެއިން ނިކުތެވެ. ޙުސޭން ތައްޚާނު އޭނާގެ އުނަގަނޑުގައި އަޅުވައިދީފައިވާ ތަވީދުވެސް އެއްލައިލުމަށްފަހުގައެވެ. އޭނާ އެއްވެސް ބިރެއްނެތި ހިނގަމުންދިޔައީ ކުރީ ދުވަހުވެސް އޭނާޔަށް އަރުފާނާ ބައްދަލުވި ދިމާޔަށެވެ. އޭނާ ބޭނުންވަނީ އަރުފާނާ ބައްދަލުކޮށް، އޭނާގެ ޙަޤީޤަތް ދެނެގަންނާށެވެ. އޭނާގެ މަންމައާއި ބައްޕަ އަރުފާނުގެ ސިފައިގައި އޭނާއާ ބައްދަލުކުރަނީ އިންސާނެއް ނޫންކަމަށް ބުނާ ބުނުން ދޮގުކުރަން ކިތަންމެހާވެސް އޭނާ ބޭނުމެވެ.

އަރުފާނަކީ އޭނާ އެންމެ ލޯބިވާ މީހާއެވެ. ކުއްލިއަކަށް އަރުފާން ބަދަލުވެދާނޭ ކަމަށް ޤަބޫލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ.

ހުޅުދޫގެ މީހުން އާބާދުނުވާ ސަރަޙައްދާ ދިމާއަށް ތާރާ ހިނގަމުންދިޔައީ އެކި ދިމަދިމާއަށް ކަޅި އުކަމުންނެވެ. އޭނާ ޔަޤީންކުރެއެވެ. މިރޭވެސް އަރުފާން އޭނާއާ ބައްދަލުވާނެއެވެ. އަންހެނަކު އެކަނިމާއެކަނި ދަންވަރުގެ ވަގުތެއްގައި ހިނގަމުން ދިޔުމަކީވެސް ޙައިރާންވާންޖެހޭ ކަމެކެވެ. އޭނާއަށް އެހެން ކޮންމެވެސް ފަރާތެއްގެ ނުފޫޒު ފޯރަމުންދާކަމީ ޔަޤީން ކަމެކެވެ.

[ތާރާ...މިގަޑީގައި ކޮންތާކަށް....އަހަރެންގެ ބަސް ޤަބޫލުކޮށްގެން، ގަސްދޮށުގައި ވަޅުލާފައި އޮތް ލޯފޮތި އެއްލައިނުލީ ކީއްވެތަ....އޭތި އޮތްހާ ހިނދަކު އަހަރެން އެގެޔަކަށް ނުވަންނާނަން.] ފަހަތުން އިވުނު އަރުފާންގެ އަޑާއެކު ތާރާ ހުއްޓި އެނބުރުނެވެ. ކުރިމަތީގައި އެހުރީ އަރުފާނެއެވެ. އޭނާހުރީ ލުއި ހިނިތުންވުމަކާއެކު ތާރާގެ ލޮލަށް ބަލަހައްޓައިގެންނެވެ.

[އަރުފާން....އަޅެ ހިނގާ އަހަންނާއެކު ގެޔަށް ދާން....އަހަންނަކަށް އަރުފާނާ ވަކިން ނޫޅެވޭނެ. އާނ ނޫޅެވޭނެ....އަރުފާނާ ބެހޭގޮތުން މަންމައާއި ބައްޕަ ދައްކާ ވާހަކަ ޤަބޫލުކުރާކަށްވެސް އަހަރެން ބޭނުމެއް ނޫން....] ތާރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަރުފާނުގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[ތާރާ....ތާރާއެކޭ އެއްފަދައިން ތާރާއާ ވަކިން އުޅުމަކީ އަހަންނަށްވެސް ކުރަން ފަސޭހަ ކަމެއް ނޫން. އަހަންނަކަށް ތާރާއާ ވަކިން ނޫޅެވޭނެ. ތާރާގެ ބައްޕަމެން އަހަންނާ ބެހޭގޮތުން ދައްކަނީ ކޮންވާހަކައެއްތަ؟] އަރުފާންގެ ދެއަތްވެސް ތާރާ ވަށާލިއެވެ.

[ބައްޕަމެން ބުނަނީ އަރުފާނުގެ ސިފައިގައި އުޅުނަސް ތިޔައީ އިންސާނެއް ނޫންކަމަށް...އެކަމަކު އަހަރެން އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއް ނޫން.] އެއިންގޮތަށް އަރުފާންގެ މޭގައި ބޯއަޅާލައިގެން އިނދެ ތާރާ ވާހަކަ ދެއްކިއެވެ.

[ބައްޕަމެން އެދައްކާ ވާހަކަ ތެދުވެ، އަހަންނަކީ އިންސާނެއް ނޫންކަމަށް ވެއްޖެނަމަ ކިހިނެއްތަ ހަދާނީ.] އަރުފާން ކުޑަކޮށް ތާރާއާ ދުރަށް ޖެހިލިއެވެ.

[އެވާހަކަ އަހަރެން ޤަބޫލެއް ނުކުރާނަން. އަހަންނަކަށް އަރުފާނާ ވަކިން ނޫޅެވޭނެ.] އަނެއްކާވެސް ތާރާ އަރުފާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

[މަންމަމެން އެދައްކާ ވާހަކަ ޤަބޫލުކުރޭ ތާރާ....އަހަންނަކީ އިންސާނެއް ނޫން. އެކަމަކުވެސް އަހަންނަކީ ތާރާދެކެ ވަރަށް ލޯބިވާ ޖިންނިއެއް.....] އަރުފާން މިހެން ބުނުމާއެކު ތާރާ އޭނާއާ ދުރަށް ޖެހިލިއެވެ.

[ނުކުރާނަން ޤަބޫލެއް...ތިޔައީ ޖިންނިއެއް ނޫން.] އަރުފާން ބުނީމާވެސް ތާރާ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ހަމައެޔާއެކު އޭނާގެ ކުރިމަތީގައި ހުރި އަރުފާންގެ ސިފަ އެ ބަދަލުވީ ނުހަނު ބިރުވެރި ނާމާން ސިފަޔަކަށެވެ. ތާރާގަތީ އަމަށަކު ބިރެއް ނޫނެވެ. އޭނާ ނިކަން ބާރަށް ހަޅޭއްލަވަމުން ދުއްވައިގެންފިއެވެ.

[ސަލާމަތްކުރޭ...މަންމާ...ބައްޕާ....] ތާރާ ދުވަމުންދިޔައީ އަޑުގެކޮޅަށް ހަޅޭއްލަވަމުންނެވެ. ނަމަވެސް ތާރާގެ އަޑު އެއްވެސް މީހަކަށް އިވޭހެނެއް ހިއެއްނުވެއެވެ. އޭނާ ދުވަމުންދިޔައީ ފަސްއެނބުރި ބަލަމުންނެވެ. ޙަޤީޤަތުގައި މިހާރު އޭނާ އެވަނީ ކުރިން ދުވަހަކުވެސް ނުގަންނަވަރަށް ބިރުގެންފައެވެ. މުޅި މީހާ ތުރުތުރުއަޅަމުން ދަނީއެވެ.

[މަންމާ...ބައްޕާ އަހަރެން ސަލާމަތްކުރޭ...ސަލާމަތްކުރޭ....] ސަލާމަތަށް އެދި ގޮވަމުން ތާރާ ދުވަމުންދިޔައީ ވަލުތެރެއިން ނިކުންނާށެވެ. ނަމަވެސް އެތައްއިރެއް ވަންދެން ދުވިއިރުވެސް އޭނާޔަކަށް ވަލުތެރެއަކުން ނުނިކުމެވުނެވެ. ކުރިމަތިން ފެންނަނީ ބޯ ޖަންގައްޔެވެ. ބައެއްފަހަރު އުޑުމަތި ނުފެންނަވަރަށް މަތި ބެދިފައިވާހެންވެސް ހީވެއެވެ.

[ދެން ނުދުވޭ ތާރާ...އަހަރެން ތާރާއަށް އެއްވެސް ގެއްލުމެއް ނުދޭނަން. އަހަންނަކީ އިންސާނަކަށް ނުވިޔަސް، ތާރާއަށް އަހަރެންގެ ފަރާތުން ހުރިހާ އުފަލެއްވެސް ލިބޭނެ.] މިފަހަރު އަރުފާންގެ އަޑު އިވުނީ ތާރާގެ ކަންފަތްބުޑުންނެވެ. ތާރާ ދިޔައީ ސިއްސައިގެންނެވެ. އޭނާ އަޑުއައި ދިމާ ފާހަގަކޮށް ހޯދާލިއެވެ. ނަމަވެސް އަރުފާނެއް ފެންނާކަށް ނެތެވެ.

[ނޫން...ނޫން....އަހަރެން ސަލާމަތްކުރޭ....އަހަރެން ބިރުގަނޭ....އަހަރެން ބިރުގަނޭ...ސަލާމަތްކުރޭ.....] ރޮމުން ގިސްލަމުން އަނެއްކާވެސް ތާރާ އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް އެވަގުތު ކޮންމެވެސް މީހަކު ފަހަތުން އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ.

[ކާކު!؟ ދޫކުރޭ ދޫކުރޭ.....] ބިރުން ތުރުތުރުއަޅާ ހާލުގައި ހުރެމެ ތާރާ ކުއްލިއަކަށް އެނބުރުނެވެ. ކުރިމަތީގައި ހުރީ އަރުފާނެވެ. ހިނިއައިސްފައެވެ.

[ތީ އަރުފާނެއް ނޫން....ކަލޭ އަހަރެންގެ ކުރިމަތިންދޭ.] ތާރާ ފަހަތަށް ޖެހެން ފެށިއެވެ.

[ތާރާ....އަހަންނަކީ އަރުފާން ނޫން ކަމުގައިވިޔަސް ތާރާއަށް އޮތީ ކޮން ގެއްލުމެއްތަ؟ ތާރާ ބޭނުމިއްޔާ ކިތަންމެ ދުވަހެއް ވަންދެންވެސް އަހަންނަށް ތާރާއާއެކު އުޅެވިދާނެ. ހެޔޮނުވާނެ ތާރާ....އަހަންނަށް ފުރްޞަތުދީ....އަހަރެން ބޭނުން ތާރާއާއެކު އުޅެން.] އަރުފާނުގެ ސިފައިގައި ހުރި ޖިންނި ތާރާގެ އަތުގައި ހިފެހެއްޓިއެވެ. ނަމަވެސް ތާރާ އެވަގުތު އޭނާގެ އަތް ފޮޅުވާލިއެވެ.

[އަހަރެން ބޭނުމެއް ނޫން....ކަލެޔާއެކު އުޅޭކަށް. އަރުފާނަށް ވީގޮތެއް ކަލެއަށް އެނގޭނެ....އަޅެ އަރުފާން ކޮބައިތަ؟] ތާރާގެ އަޑު ކެނޑިކެނޑިގެން ދިޔައެވެ.

[އަހަންނަށް މަޢާފްކުރޭ ތާރާ....އަރުފާން މިހާރު ދުނިޔެއަކު ނެތް...ކައިވެނީގެ މާކުރިން އަރުފާން ވަނީ މިދުނިޔެ ދޫކޮށްފައި...އަހަރެން އަރުފާން މަރާލީކީ އެއްވެސް ޙާލެއްގައި އަނިޔާވެރިވުމުގެ މަޤްޞަދެއްގައެއް ނޫން. އެކަން އަހަރެން ކުރީ ތާރާގެ ލޯބި ޙާޞިލްކުރަން. އާނ...ތާރާ...ތާރާގެ ލޯބި ހޯދުމުގެ ބޭނުމުގައި އަހަރެން އޭނާ މަރާލީ....] އަރުފާން މަރާލުމަށްފަހު އަރުފާނުގެ ސިފައިގައި އުޅޭ ޖިންނި ކިޔާދިނެވެ.

[ނޫން...ނޫން...އަރްފާން މަރެއްނުވާނެ....މަރެއްނުވާނެ.] ނާމާން ހުވަފެނުގައި އޮތް ތާރާއަށް ހޭލެވުނީ އެހާ ހިސާބުންނެވެ. އޭރު އޭނާގެ ގާތުގައި އޭނާގެ މަންމައާއި ބައްޕަ ތިއްބެވެ. ފެނުނު ޤަބޫލުކުރަން ދަތި ނާމާން ހުވަފެނުގެ ސަބަބުން ތާރާ އެއިނީ ފިސާރި ބިރުގެންފައެވެ. މިހާރު މުޅި މީހާ އެވަނީ ދާހިއްލާ ފޯވެފައެވެ.

[ކިހނެއްވީ ދަރިފުޅާ؟ ހުވަފެނެއް ފެނުނީދޯ؟ އެކަމާ މާބޮޑަށް ފިކުރުނުކުރޭ. ދަރިފުޅަށް އެއްވެސް ނުރައްކަލަކާ ކުރިމައްޗެއް ނުވާނެ. އަވަހަށް އޮށޯވޭ...މަންމައާއި ބައްޕަ މިރޭ ދެން މިތަނަކުން ނުދާނަން.] ޞަފޫރާ ތާރާގެ ބޮލުގައި ފިރުމާލިއެވެ. ތާރާ ދެލޯ ފޮހެލަމުން އޮށޯވެއްޖެއެވެ. އޭނާގެ ގާތުގައި ޝަފީޤާއި ޞަފޫރާވެސް އޮށޯތެވެ. ތާރާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އެދަރިފުޅަށް ނިކަމެތިގޮތެއް މެދުވެރިވުމަކީ ފަހަރެއްގައިވެސް އެދެމަފިރިން ދެކެން ބޭނުންވާނޭ މަންޒަރެއް ނޫނެވެ. ތާރާގެ އުފަލަށްޓަކައި ކޮންމެފަދަ ޤުރްބާނީއެއްވާންވެސް އެމީހުން އެތިބީ ތައްޔާރަށެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން