ތައިލެންޑުގައި ކޮރޯނާވައިރަސް ދެނެގަތުމަށް ކުއްތާތަކެއް ތަމްރީނުކޮށްފިއެވެ.

ތައިލެންޑުގެ ޔުނިވަރސިޓީއަކުން އިސްނަގައިގެން މި ކުއްތާތައް ތަމްރީނު ކޮށްފައިވަނީ އިންސާނުންގެ ދަލުން ވަސްބަލައިގެން ވައިރަސް ދެނެގަތުމަށެވެ. މިތަމްރީނުތައް ފަށާފައިވަނީ މިދިޔަ މާރޗް މަހުއެވެ.

މިއީ ހަށިގަނޑުގެ ފިނިހޫނުމިން ބަލައި ކޮވިޑް ދެނެގަތުމަށް ކުރެވޭ މަސައްކަތާއި ތަފާތު މަސައްކަތެެއް ކަމަށްވެއެވެ. މިގޮތުން އެއްވެސް އަލާމާތެއްނެތިވެސް ކޮރޯނާވައިރަހުގެ އަސަރުހުރި ކަމުގައިވާނަމަވެސް މިކުއްތާތައް މެދުވެރިކޮށް ބަލި ހުރިކަން ދެނެގަނެވޭނެ ކަމަށްވެއެވެ. އަދި ކުއްތާތައް ކުރާ މަސައްކަތުން 94.8 އިންސައްތައާއި ހަމައަށް ކޮރޯނާވައިރަހުގެ އަސަރު ދެނެގަނެވޭނެކަމަށް ވެއެވެ.

ނަމަވެސް ވައިރަހުގެ އަސަރު ކުއްތާތަކަށް ކޮށްފާނެކަމަށްޓަކައި، ސީދާ އިންސާނުންގެގައިން ވަހެއްނުބަލާނެއެވެ. ކުއްތާތައް ވަސްބަލާނީ ރައްކާތެރިކަމާއެކު ބަންދުކޮށްފައިވާ އިންސާނުން ހިއްލާ ދަލުގެ ސާމްޕަލް ނަގައިގެންނެވެ. އަދި ތައިލެންޑަކީ ހޫނު ގައުމެއްކަމަށްވާތީ އިންސާނުންގެ ދަލުގެ ސާމްޕަލް ނެގުމަކީ މާއުނދަގޫ ކަމެއް ނޫންކަމަށްވެސް ވެއެވެ.

މިމަސައްކަތުގައި ހަރާކަތްތެރިވާ ކުންފުނި، ޗެވްރޮން ކުންފުނިން ބުނެފައިވަނީ، މިކުއްތާތައް އިތުރަށް ޓްރެއިން ކުރުމަށާއި މިކަން އިތުރަށް ދިރާސާކުރުމަށް، މިކުއްތާތައް ބޭނުންކޮށްގެން އެކުންފުނީގެ ހުރިހާ މުވައްޒަފުން ޓެސްޓު ކުރެވޭނެކަމަށެވެ. އަދި އެއަށްފަހު އެއަރޕޯޓު ފަދަ ކޮވިޑަށް ޓެސްޓުކުރެވޭ ސަރަހައްދުތަކުގައި މިކުއްތާތައް ހަރަކާތްތެރިވާނެކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން