15 ވަނަ އެޕިސޯޑް

==========

[ތުއްތުމަނިކުބެ ރަށަށް އައިހާ އަވަހަކަށް، އެ ޝަބްނަމާއި އޭނާގެ ދަރިފުޅުގެ ވަސް މިދުނިޔެމަތިން ފޮހެލާނަން.] މާޔާގެ ރުހުން ރިޝްފާން ހޯދުމަށްޓަކައި އޭނާ ކަންކުރަން ރާވަމުންދާ ގޮތުގެ ތަފްޞީލުވެސް ދެމުންދިޔައެވެ.

[ތުއްތުމަނިކުބެ އަވަހަށް އަންނާނެތަ؟] މާޔާ ރިޝްފާނާއެކު އެނދުމައްޗަށް ތިރިވެލަމުން އެއްސެވެ.

[ނޭނގެ....އޭނަވެސް މާލެގޮސް ވަޒަންވެރިއެއް ނުވާނެއެއްނު. ދެން ތިވާހަކަ ހުއްޓާލާފައި، ހިނގާބަލަ ނިދާލަން.] ރިޝްފާން ޢިޝްޤީ ޒާތަކަށް މާޔާއާ ދިމާއަށް އެއްލޯ މަރާލީ މަސްތީ އިޙްސާސްގައެވެ.

[މި މެންދުރު ގަޑީގައި ނިދަން!؟] މާޔާވެސް ވާހަކަ ދެއްކީ ރިޝްފާން ވާހަކަ ދެއްކި އިޙްސާސްގައެވެ.

[ނިދާކަށް ނޫނޭ!؟] އަޅެ އަހަރެންގެ ލޯބިވެތި އަނބިމީހާތީ ކުޑަކުއްޖެއްތަ؟] ރިޝްފާން މާޔާގެ ނޭފަތުގައި ހިފާލިއެވެ.

[އަޅެ ރިޝްފާން ތިބުނާވަރަށް އަހަރެންދެކެ ލޯބިވަމުތަ؟] މާޔާ ދެލޯމަރާލިއެވެ.

[މިބުނާވަރަށް ވުރެންވެސް ބޮޑަށް. ފޫޓްފީތާއެއްގެ ކޮޅު ހުސްވަންދެން.]

އެދުވަސް ފާއިތުވެދިޔައީ ރިޝްފާނަށް އޭނާގެ ޙަޔާތުން ޝަބްނަމް ބޭރުކޮށްލެވިއްޖެ ކަމުގެ ފޮނި އިޙްސާސް ކުރެވުމަށްފަހުގައެވެ. އޭނާ ހީކުރިއެވެ. ދެން ޝަބްނަމާއި ޝަބްނަމްގެ ދަރިފުޅެއް އޭނާގެ ދިރިއުޅުމަކަށް ނާންނާނެއެވެ. އަންނަން ނުކެރޭވަރަށް އޭނާވަނީ ޝަބްނަމްގެ ހިތުގައި ޖައްސައި ދެރަކުރުވާފައެވެ. ޙަޤީޤަތުގައިވެސް އޭނާ ޝަބްނަމްގެ ހިތުގައި ވަރަށް ބޮޑަށް ޖެއްސިއެވެ. އޭނާގެ ދުލަށް އައިހާ އެއްޗެއް ލޯބީގެ ޙައްޤުގައި ޝަބްނަމާ ދިމާޔަށް ރިޝްފާން ކިޔެވެ. އެދުވަހު ޝަބްނަމް އޭނާގެ ކުރިމަތީގައި ވަރަކަށް ކަރުނައަޅާ ރޮއި އާދޭސް ކުރިއެވެ.

[އަޅެ ރިޝްފާން...ދެން ޝަބްނަމް ރިޝްގެ ޙަޔާތަށް ނާންނާނެތަ؟] ޖެހިގެން އައި ދުވަހު ހެނދުނު ނާސްތާ ކުރަން ތިބެމެ، ރިޝްފާން ގާތު މާޔާ އެއްސެވެ.

[އާނ...ނާންނާނެ ދެނެއް...އަންނަން ނުކެރޭވަރަށް އަހަރެން އޭނަ ދެރަކޮށްލައިފިން. އަޔަސް އަހަރެންގެ ލޯތްބެއް އޭނަޔަކަށް ނުލިބޭނެ....] މާޔާގެ ކުރިމަތީގައި އަދިވެސް ރިޝްފާން ޝަބްނަމް ނިކަމެތި ކުރަމުންދިޔައެވެ. ޝަބްނަމްގެ ބާރާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލުމަކާނުލައެވެ.

[ރިޝްފާނަށް ތިވަރުގެ ޔަޤީންކަމެއް އޮތިއްޔާ، މައްސަލައެއް ނެތް....އަވަހަށް ނާސްތާކޮށް ނިންމާލާފައިދޭ.....] މާޔާ އެއްމިޔަކަނުން ހީލަމުން ބުނެލިއެވެ.

ރިޝްފާން ފިސާރި ހިތްހަމަޖެހުމާއެކު، ނާސްތާކޮށް ނިންމާލިއެވެ. އެހިނދު މާޔާވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާއަށް ކާމިޔާބު ލިބުނީތީއެވެ.

ނާސްތާކޮށް ނިމުނުތަނާހެން، ކޮޓަރީގައި އޮތް އެދެމަފިރިންގެ ދަރިފުޅު ރޮއިގަތް އަޑު އިވުނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަތީ ރިޝްފާނެވެ. ނަމަވެސް މާޔާ ތަށިތައް ދޮންނަން ހުއްޓެވެ. ދަރިފުޅު ރޯއަޑު އިވުނީމާވެސް އޭނާގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރާ ކަހަލައެވެ.

ރޮމުންދިޔަ ކުޑަ ދަރިފުޅު ރިޝްފާން ނާނާ ކިޔާކިޔާވެސް މަސަލަސްނުވިއެވެ. އެކުއްޖާ ހަމަ ރޮނީއެވެ.

[މާޔާ....މާޔާ....މިސޮރު ލޮއްސަން އައިސްބަލަ.] ދަރިފުޅު ރާދިން މަސަލަސްނުވީމާ ރިޝްފާން ގޮވިއަޑު އިވުނެވެ. މާޔާ އަތްފޮޅާލަމުން ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ރާދިން ރޮނީއެވެ.

[ބަނޑުހައިވެގެންހެން ހީވަނީ...ބުއްދީބަލަ.] ރިޝްފާން މާޔާގެ އަތަށް ދަރިފުޅު ދީފިއެވެ. މާޔާ ބެލީ، ދަރިފުޅު ފުރަތަމަ މަސަލަސްވޭތޯއެވެ.

[ރޭގައިވެސް ގާތުން ޖައްސާ ޖައްސާ މީނަ ނުއެއްދެމި....އަހަންނަށް ހީވަނީ ފުޅިން ދޭން ފަށަންވީހެން.] މާޔާ ރާދިން ކޮނޑުގައި ބާއްވާލައިގެން ކުޑަކޮށް ހިނގާލަމުން ވާހަކަ ދެއްކިއެވެ. އޭރުވެސް އެކުއްޖާ ރުއިން ހުއްޓައެއްނުލައެވެ. ކިރުދަޅެއް ގަނެގެން އެބަ އަންނަމޭ ބުނެފައި ރިޝްފާން ގެއިން ނިކުމެއްޖެއެވެ.

އެދުވަހުގެ ފަހުން ގާތުން ކިރު ދިނުމުގެ ބަދަލުގައި، އެ ދަރިފުޅަށް ބުއްފުޅި ދޭން ފެށުނެވެ. ވުމާއެކު، އޭގެފަހުން މާބޮޑު މައްސަލަތަކެއް ނުނިކުމެއެވެ.

ނަމަވެސް، މާޔާގެ ފުށުން ތަފާތު ކަންތައްތަކެއް ފެންނަމުންދެއެވެ. ބައެއް ރޭރޭ ދަންވަރު ހޭލާ އުޅެނިކޮށްވެސް ރިޝްފާނަށް ހޭލެވެއެވެ. މާޔާ ނުނިދާ ކީއްކުރަނީހޭ ރިޝްފާން އަހައިފިނަމަ، އޭނާ ނުހަނު ރޭވުންތެރިކަމާއެކު ޖަވާބުދާރީވެ ސިއްރު ހާމަވިޔަކަ ނުދެއެވެ.

[ރޭގައިވެސް މާޔާ ހޭލާހުރެ ކީއްތަކުރީ....ތިންގަޑިބައިވީއިރުވެސް ކޮޓަރިން ނިކުންނަތަން ދުށިން....] މާޔާގެ ފަރާތުން ކުރިން ނުފެންނަ އާދަތަކެއް ފާހަގަކުރެވުމުން، ރިޝްފާން އެއްސެވެ.

[ނޭނގެ....މިހާރަކަށް އައިސް މާވަރަކަށް ކަރުހިއްކަނީ...ރިޝްފާނަށް ތިފެންނަނީ ފެންބޯން ނިކުންނަ ތަން....] މާޔާ ބުންޏެވެ. މާޔާގެ ކޮންމެ ވާހަކައެއްވެސް ރިޝްފާން ހިތުން ރުހުމުން ޤަބޫލު ކުރެއެވެ. މާޔާގެ އެންމެބޮޑު ހިތްހަމަޖެހުމަކީ އެއީއެވެ.

[އައްސަލާމް ޢަލައިކުމް....] ދޮރުމައްޗަށް އައިސް ހުއްޓުނީ ޒައިދެވެ. ޒައިދާއެކު މަލީހާވެސް ހުއްޓެވެ.

[ވަޢަލައިކުމުއް ސަލާމް...] ސަލާމް ބަލައިގަތީ ރިޝްފާނެވެ.

[ތުއްތުމަނިކުބޭ އަތުވެއްޖެ....އަހަރެން ބުނިން، މާދަމާގެ ވަގުތެއްގައި މިގެޔަށް ކޮންމެހެންވެސް އައިސްދޭށޭ....] ޒައިދު ދިނީ އުފާވެރި ޚަބަރެކެވެ. ނަމަވެސް، ޒައިދު ދިން އެ ޚަބަރާއެކު، މާޔާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ.

[ފިސާރި ތެދެއް؟ ހާދަ އުފާވެއްޖޭ...މިހާރު އޭއްޗަކު މިގޭތެރޭ އުޅޭކަމުގެ އިޙްސާސްވެސް އަހަންނަށް ކުރެވޭ....] ރިޝްފާން މާޔާގެ މޫނަށް ބަލައިލިއެވެ.

އޭރު މާޔާގެ މޫނުމަތީގެ ކުލަވަރު ވަނީ މުޅިން ބަދަލުވެފައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ޒައިދާއި ރިޝްފާންގެ އެ މަސައްކަތް ހުއްޓުވަން އޭނާ ބޭނުންވެއެވެ.

[ތިޔަބުނާ ޝަބްނަމެއް ދުވަހަކުވެސް އަހަންނަކަށް ނުފެނޭ. އަހަރެންވެސް ޝަބްނަމް ދެކެލަން ބޭނުން....] މާޔާ ރިޝްފާންގެ މޫނަށް ބަލައިލާ، މޫނުމަތީގައިވާ ހާސްކަމުގެ އަސަރުތައް ފިލުވާލިއެވެ.

[މާޔާ...ތިޔަކަހަލަ ވާހަކަ ދައްކާއިރު ބިރެއްވެސްނުގަނޭ!؟] އަހަރެންވެސް މިހާރު މިހުންނަނީ ބިރުން ހަލާކުވާ ޙާލުގައި.] ރިޝްފާން ޙައިރާންވިއެވެ.

[އާނ...އަހަރެން ބިރެއްނުގަނޭ. އަހަންނަށް ޔަޤީންވިއްޔަ، އޭތި އަހަންނަށް އެއްވެސް ގެއްލުމެއް ނުދޭނެކަން.] މާޔާ އެއްމިޔަކަނުން ހީލިއެވެ.

[އެއީ!؟] ޒައިދުވެސް ހިސާބަކަށް ޙައިރާން ވެއްޖެއެވެ.

[އެއީ އަހަރެން ޝަބްނަމާއި ރިޝްފާންގެ ލޯތްބަށް ހުރަސްއަޅަން މަސައްކަތް ނުކުރާތީ...އެންމެ ރަނގަޅު...ރިޝްފާން ބުނެބަލަ...އަހަރެން އެއްފަހަރުވެސް ބުނެފިންތަ، ޝަބްނަމާ ގުޅުން ބާއްވައިގެން ނުވާނޭ....] މާޔާ ސަބަބު ދެއްކިއެވެ. އެއީ ޙަޤީޤަތެކެވެ. އަދި މިހާތަނަށް ރިޝްފާނާއި ޝަބްނަމްގެ ދެމެދަށް ވަންނާކަށް މާޔާ މަސައްކަތެއް ނުކުރެއެވެ.

[މާޔާ ތިބުނީ ރިޝްފާނާ އެ ހަންޑިއާ ގުޅުން ބޭއްވިޔަސް ވަރިހަމައޭތަ!؟] ޒައިދު ޙައިރާންވެފައި ހުރެމެ އެއްސެވެ.

[އަހަންނާއި ރިޝްފާނަށް އެކަމުން ގެއްލުމެއް ނެތިއްޔާ، އަހަންނަށް ވަރިހަމަ....ހުރަސްއަޅާކަށް އަހަންނެއް ނެތިން....] މާޔާ ބުންޏެވެ.

[މާނަޔަކީ ބަތްތަށީގެ އެއްފަރާތުން ކާންވެސް ވަރިހަމައޭތަ؟] ޒައިދު މާޔާއާ ސަމާސާކޮށްލިއެވެ.

[ނޫނޭ...އެހެނެއް ނޫން...އަހަރެންގެ ވާހަކަޔަކީ، އެ ޝަބްނަމްގެ އުނދަގޫތައް ނުވަންޏާ، ކޮންމެހެން ފަންޑިތަވަރު ހެދުމުގެ މާނައެއް ނެތޭ.....ދޮގެއްތަމީ؟] މާޔާ ބުންޏެވެ.

[ރަނގަޅު ވާހަކައެއް ތިބުނީ...މިހާރު އޭތީގެ އުނދަގޫ ނުވަންޏާ، ތުއްތުމަނިކުބެ ގާތަށް ދިޔުމުގެ މާނައެއް ނެތް....ބޭކާރު ފައިސާތަކެއް ޚަރަދު ކުރަންވީ ކީއްކުރަން....؟] އެންމެފަހުން މާޔާގެ ވާހަކަޔަށް ޚުދު ރިޝްފާންވެސް ތާއީދުކޮށްފިއެވެ.

[އަހަރެން ގޮސް ބުނެލާނަން....މިހާރު އޭތީގެ ކިބައިން ސަލާމަތް ވެވިއްޖޭ....ތުއްތުމަނިކުބޭ ނަޔަސް އެންމެ ރަނގަޅޭ....] ޒައިދު ބުންޏެވެ.

[ތިޔަބުނީ ރަނގަޅަށް. މިއަދު ގޮސް ބުނާތި، އަންނާނެ ކަމެއްނެތޭ....އެބޭ އަތުވެއްޖެއްޔާ، އަނެއްކާވެސް ކޮންމެވެސް އެއްޗެއް ދޭންޖެހިދާނެ. ކުރިން މިގެޔަށް އައި ދުވަހުވެސް އެހެރަ ޓީ.ވީ ހޯދަން އުޅުނީ. ތި ފަންޑިތަ ހަދާ މީހުންނަކީވެސް އެއްޗިއްސަށް ލައްކަވަރު ހުންނަ ބަޔެކޭ.] މާޔާ ނިކަން މޮޅަށް ރާވާލައިގެން ވާހަކައެއް ހަދާލިއެވެ. މާޔާ އެހެން ބުނީމާ، ރިޝްފާންމެން ކޮންމެވެސް ވަރަކަށް ޙައިރާންވެސްވިއެވެ.

އެދުވަހު ޒައިދު ގެޔަށް ދިޔައީ، ގެޔަށްދިޔަ މަގުމަތީގައި ތުއްތުމަނިކުބެއާ ބައްދަލުކޮށްފައި، ނަޔަސް އެންމެ ރަނގަޅު ކަމަށް ބުނެލާފައެވެ.

މާޔާއަށް ހިތްހަމަޖެހުން ލިބުނީ އެއަށްފަހުގައެވެ. އެހިނދު އޭނާގެ ހިތްބުނާ ކަހަލައެވެ. އެއްވެސް މީހަކަށް އޭނާގެ ލޯތްބަށް ހުރަސްއެޅުމުގެ ބާރުލިބިގެނެއް ނުވެއެވެ. ހުރިހާ މީހުންގެ ފަރާތުންވެސް އެ ބާރު އޭނާ ކަނޑުވައިލާނެއެވެ. އޭނާއަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ފުރިހަމަ ބާރުގެ ބޭނުންކޮށްގެނެވެ.

ނަމަވެސް ތަޤްދީރު ރޭވެމުންދަނީ ކޮންގޮތަކަށްބާއެވެ؟ ތަޤްދީރުގެ ނިމުން އަންނާނޭ ގޮތެއް، ކުރިޔަށް އެނގޭނޭ އެއްވެސް ބާރެއް ނުވާނެއެވެ. މިއަދު މާޔާ ކިތަންމެ މޭ ފުއްޕާލާފައި އުޅުނަސް، އެފަދަ އިޙްސާސްތައް، ކުޑަހިނދުކޮޅެއްގެ ތެރޭގައި ބަދަލުވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޙަޤީޤަތުގައި އިންސާނުންނާއި ޖިންނީން ނުވަތަ ހަންޑި (ރޫޙާނީ ބާރުތައް) އަކީ ތަފާތު ދެނަސްލެކެވެ. އެއިން އެއްވެސް ނަސްލަކަށް އަނެއް ނަސްލާއެކު ދިރިއުޅުމަކީ (އެއްހިޔާދަށުގައި) މާފަސޭހަ ކަމެއް ނޫނެވެ. އެއީ ވެދާނޭ ކަމެއް ކަމަކަށް ބައެއް މީހުން ޤަބޫލެއްވެސް ނުކުރާނެއެވެ.

ގައިމެވެ. ދާއިމީ ދިރިއުޅުމަކަށް ނުވާނެއެވެ. ކޮންމެވެސް ދުވަހަކުން ލޯބި ގެއްލިގެންދާނެއެވެ.

[މާޔާ...ހިނގާ މިއަދު ދަރިފުޅު ގޮވައިގެން ހިނގާލަން ދަމާ....ޢާއިލާގެ ހުރިހާ ގެޔަކަށްވެސް ވަދެލާނީ....] ފާއިތުވެދިޔަ އުފާވެރި ދުވަސްތަކަށްފަހު، ހަވީރުގެ ވަގުތެއްގައި ހަވީރު ފިންޏަށް ދިޔުމަށް ރިޝްފާން އެދެފިއެވެ.

[އެންމެ ރަނގަޅު...ދަރިފުޅު ތައްޔާރު ކުރަންތަ؟] މާޔާ ކުޑަކޮށް ވިސްނާލުމަށްފަހު ބުނެލިއެވެ. އޭނާ ބޭރަށްދާން އެއްބަސްއެވީ ފަހަރެއްގައިވެސް ދާހިތަކުން ނޫނެވެ.

ޙަޤީޤަތުގައި އެއްވެސް ގޮތަކަށް ބޭރަށް ނިކުމެއުޅޭކަށް ފަހަކަށް އައިސް އޭނާ ބޭނުމެއް ނުވެއެވެ. އެކަމާ ބައެއްފަހަރު ރިޝްފާން ސުވާލުކުރީމާ، އޭނާ ބުނަނީ މިހާރު އޭނާ އެއްވެސްވަރަކަށް ބޭރަށް ނިކުމެ އުޅެން ބޭނުންނުވާ ކަމަށެވެ.

އެދުވަހުގެ ޢަޞްރުގެ ފަހުން މާޔާ ދަރިފުޅު ނަލަހައްދާ ތައްޔާރުކޮށްލިއެވެ. އޭގެ ކުރިން ރިޝްފާންވެސް ތައްޔާރުވިއެވެ.

[މިއަދުވާނެ، ރަށުތެރެ ރަނގަޅަށް ބަލައިލަން. މާޔާ މަންމަ ގާތަށްވެސް ދާންވާނެދޯ....އަވަހަށް ހިނގާ....] މާޔާ ދަރިފުޅު ނަލަހައްދާލައިގެން ނިކުތީމާ، ރިޝްފާން ތެދުވެއްޖެއެވެ.

[ހިނގާ...ތަންކޮޅެއް އަވަަށް އަންނަންވާނެ. އަދި މިރެޔަށް ކައްކަންވެސް ޖެހޭނެ....] ރިޝްފާންގެ އަތަށް ދަރިފުޅު ދިނުމަށްފަހު، މާޔާ ހިނގައިގެންފިއެވެ.

މަގު ދައްކަމުން ހިނގަމުން ދިޔައީ ރިޝްފާނެވެ. ރިޝްފާން ފުރަތަމަވެސް މިޞްރާބުޖެހީ، އެރަށުގެ އެންމެ މަޝްހޫރު މިސްކިތް މަގުންނެވެ. އެއީ ހަވީރު ގަޑީގެ އެންމެ ހިޔާބޮޑު މަގަށްވުމާއެކު، ގިނަމީހުން އެގަޑީގައި ހިނގާ އުޅެނީވެސް އެމަގުންނެވެ. ރަށުގެ އެންމެބޮޑު މިސްކިތްވެސް ހުންނަނީ އެމަގުގައެވެ. ވުމާއެކުވެސްމެއެވެ. ވަގުތަކީ ބައެއް މީސްމީހުން އަޞްރުން ފައިބައިގެން ގެޔަށްދާ ވަގުތަށްވުމުން، މަގުގެ ހަލަބޮލިކަންވަނީ އިތުރުވެފައެވެ. ކޮޅުކޮޅުމައްޗަށް ހިނގަމުންދަނީ ތަފާތު ޢުމުރުގެ މީހުންނެވެ. މުސްކުޅިންނާއި ޒުވާނުންނެވެ. ކުޑަކުދިންނާއި ތުއްތު ކުދިން ގޮވައިގެންދާ ބައެއް ޢާއިލާތަކެވެ.

ޤުދްރަތުގެ އިއްތިފާޤެކެވެ. ނަމާދުން ފައިބައިގެން ތުއްތުމަނިކުބޭ މިސްކިތުން ނިކުތީ، ރިޝްފާންމެން އެ މިސްކިތާ އަރާހަމަވި ތަނާހެނެވެ. ތުއްތުމަނިކުބޭ ފެނުމާއެކު، ރިޝްފާން ހުއްޓުނެވެ. މާޔާއަށް ތެޅިގަނެވުމާއެކު، ރިޝްފާންގެ ބިތްދޮށަށް ޖެހިލެވުނެވެ. ހީވީ ބިރެއް ފެނުނީހެންނެވެ.

[މަންޖެ ކީއްވެތަ ތިޔަ ފިލަނީ....] ތުއްތުމަނިކަށް ހިސާބެއްގެ ޝައްކެއްވިއެވެ. ވުމާއެކު، މާޔާއާ ހަތަރުކަޅި ހަމަކޮށްލަން އޭނާ ބޭނުންވިއެވެ. ނަމަވެސް، ތުއްތުމަނިކަށް އެ ފުރްޞަތުދޭކަށް މާޔާ ބޭނުމެއް ނުވިއެވެ. އޭނާ އަނެއް ފަރާތަށް އެނބުރިއްޖެއެވެ.

[އޭތް....މަންޖޭ އަހަންނާ ހަތަރުކަޅި ހަމަކޮށްލަން އައިސްބަލަ. އެއީ ރިޝްފާންގެ އަންހެނުންދޯ؟] މާޔާ ކުރިއަށް ހިނގައިގަތީމާ ތުއްތުމަނިކު ދެފަރާތަކަށް ބޯހޫރާލަމުން ވާހަކަ ދެއްކިއެވެ. ބޮލުގެ އިޝާރާތުން ރިޝްފާން އާއެކޭ ބުނެފައި، މިހާރަކު ޝަބްނަމްގެ އެއްވެސް ތުރާލެއް ނެތް ކަމުގައި ތުއްތުމަނިކުބޭ ގާތު ބުނެފިއެވެ.

[އެހެންދޯ؟ ކޮންމެ ދުވަހަކު މިސްކިތުން ޒައިދާ ދިމާވޭ. އަހަންނަށް ހީވަނީ، ރިޝްފާން އަންހެނުން ކޮންމެވެސް ކަމަކާ އަހަންނާމެދު ހިތްހަމަނުޖެހިފައި ހުރިހެން...] ތުއްތުމަނިކުބެ ހިނގައިގަތެވެ.

[އޭނަ ވަރަށް ހިތްހަމަނުޖެހޭ ކަމެއް...ފަންޑިތަ ހެދުމަކީ...ފަހުން ތުއްތުމަނިކުބެ ގާތަށް ތަވީދު ލިޔުއްވަން ނައީވެސް، އޭނަ އެކަމާ ދެކޮޅުހަދާތީ....ދެން ދަނީ...] ރިޝްފާން ހިނގައިގެންފިއެވެ. ތުއްތުމަނިކުބޭ އެދިޔަގޮތަށް ދިޔައީއެވެ.

އެދުވަހު ގެޔަށް ގޮސް މާޔާއާ ރިޝްފާން ސުވާލު ކުރިއެވެ.

[ކީއްވެތަ...ތުއްތުމަނިކުބެޔާ ވާހަކަ ނުދެއްކީ. އޭނަ ވަރަށް ޝަކުވާކުރި....] ރިޝްފާން ކުޑަ ދަރިފުޅު ނިދިފައި އޮތުމުން އެނދުގައި ބާއްވާލިއެވެ.

[އަބަދުވެސް ފަންޑިތަ ހަދާ މީހުންދެކެ އަހަރެން ރުޅިއާދޭ....އޭނަ ފެނުނީމާވެސް ފޫހިވީ....] މާޔާ ދޮގުހެދިއެވެ. ރިޝްފާނާ ކުރިމަތިލުމަށް، ކުރިން އޭނާ ހުރީ ތައްޔާރުވެގެނެވެ.

ތުއްތުމަނިކުބޭ ގެޔަށް ގޮސްވެސް ނިކަން ވިސްނިއެވެ. ރިޝްފާން އެއުޅެނީ ބޮޑު އޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނާއަށް ޔަޤީނެވެ. މާޔާ ރަނގަޅެއް ނޫނެވެ. ޒައިދާ ގުޅިގެން ރިޝްފާން މިހާރު އެއުޅޭ ދުނިޔެއިން މިދުނިޔެއަށް ގެންނަން އޭނާ ބޭނުމެވެ.

ތުއްތުމަނިކުބެޔަށް އެދުވަހު ޒައިދާ ދިމާވީ މަޣުރިބު ނަމާދަށްފަހު މިސްކިތުން ފޭބި ވަގުތެވެ. އެއީ ޒައިދުވެސް މިސްކިތުން ފޭބި ވަގުތެވެ. ވަގުތުން ޒައިދުގެ އަތުގައި ހިފައިގެން އެއްފަރާތަށް ގެންގޮސް އޭނަޔަށް ފެނުނު މަންޒަރާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ.

[ތުއްތުމަނިކުބޭ ތިޔަހެން ބުނީމާ، އަހަންނަށްވެސް ޝައްކުވެއްޖެ. ފަންޑިތަ ނަހައްދަން ހާދަވަރެކޭ އޭނާ އެކުރީ. އެންމެ ރަނގަޅު....ރިޝްފާނަށްވެސް އަންގާނެ ކަމެއްނެތް. ރިޝްފާން އެކަމުން ސަލާމަތްކުރަން އަހަރެމެން މަސައްކަތް ކުރާނީ....] ޒައިދު ލަފާދިނެވެ.

[އަހަންނަށް ޔަޤީން، މާޔާގެ ސިފައިގައި އެއުޅެނީ އިންސާނެއް ނޫން...އެއީ އެ ހަންޑި....އޭނަ އަހަންނަށް ހަތަރުކަޅި ހަމަނުކުރަން ހާދަވަރެކޭ ހުރީ.... އަހަރެން ބުނާ ތަކެތި މިރޭ ހޯދާތި....އަހަރެން ލިޔެދޭ ލޯފޮތި، އެގޭ އޮޅިގަނޑުދަށުގައި ފުރަތަމަ ވަޅުލާނީ....އެ ވަޅުލުމަށްފަހު، ރޫޙާނީ ބާރަކަށް އެގެޔަކަށް ނުވަދެވޭނެ....] ތުއްތުމަނިކުބޭ ބުންޏެވެ.

ތުއްތުމަނިކުބޭގެ މަސައްކަތަށް ބޭނުންވާނޭ ސާމާނުތައް ޒައިދު ހޯދައި، ތުއްތުމަނިކުބެޔާ ޙަވާލުކުރިއެވެ. ލޯފޮތި ލިޔެފައި ޒައިދާ ޙަވާލުކުރުމުގެ ކުރިން، ތުއްތުމަނިކުބެ، ޒައިދުގެ ހަށިރައްކަލަކަށް ތަވީދެއް ލިޔެދިނެވެ.

[މި ލޯފޮތި ގެންގޮސް އޮޅިގަނޑު ދަށުގައި ވަޅުލާ....ވަގުތުން އޭނަ ގެއިން ނިކުންނާނެ. ނިކުތުމަށްފަހު، އޭނާޔަކަށް އެގެޔަކަށް ނުވަދެވޭނެ....އަދި ގެއިން ނިކުތުމުގެ ކުރިން އޭތީގެ އަޞްލު ސިފަޔަށް ބަދަލުވާން މަޖުބޫރުވެސްވާނެ.] ތުއްތުމަނިކުބޭ ބުންޏެވެ. ލޯފޮތި ހިފައިގެން ޒައިދު ހިނގައިގަތެވެ. ތުއްތުމަނިކުބޭގެ ޚިޔާލު ފަހުން ބަދަލުވީކަންނޭނގެއެވެ. ޒައިދާއެކު ތިމަންނަވެސް ދާނަމޭ ބުނެފައި، ތުއްތުމަނިކުބޭވެސް ހިނގައިގެންފިއެވެ.

ލޯފޮތި ވަޅުލަން ޙަވާލުވީ ތުއްތުމަނިކުބޭ އަމިއްލައަށެވެ. ޒައިދު ވަނީ އެތެރެޔަށެވެ. އޭރު މެދުގޭތެރޭ އުނދޯލީގައި، ދަރިފުޅު ނިންދަވަން މާޔާއާއި ރިޝްފާން ތިއްބެވެ.

[އަނހަ ޒައިދު އާދޭ...!] ކުއްލިއަކަށް ޒައިދު އައިސް ވަނީމާ، ރިޝްފާންމެން ކުޑަކޮށް ޙައިރާންވިއެވެ.

އެހިނދު މާޔާއަށް ގޮތްތަކެއްވާން ފަށައިފިއެވެ. އިސާހިތު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ.

[މިގޭ ދޮރުމަތީގައި މީހަކު އެބަހުރި....ކާކު އެއީ....އޭނަ ފަންޑިތަ ހަދަނީ...] މާޔާ ތުރުތުރުއަޅަން ފަށައިފިއެވެ. މިހާރު ގެޔަށް އެވަނީ ތުއްތުމަނިކުބެއެވެ.

[ފަންޑިތަ ހަދަނީޔޭ...ކަލޭ ތީ ކާކު؟] ނިކަން ހަރުކަށިކޮށް ތުއްތުމަނިކުބެ މާޔާއާ ދިމާއަށް ބުންޏެވެ.

[އަހަންނަކީ ރިޝްފާންދެކެ ތެދުވެރި ލޯބިވާ ޝަބްނަމް....] އުނދޯލީގައި އިން މާޔާގެ ސިފަވެސް ކުއްލިއަކަށް ބަދަލުވެއްޖެއެވެ.

އާއެކެވެ. މިހާރު އެތާނގައި އެއިނީ މާޔާއެއް ނޫނެވެ. އެއީ ޝަބްނަމެވެ. ޝަބްނަމް ބިރުން ތުރުތުރުއަޅަމުން ދަނީއެވެ.

[މާޔާ ކޮބާ...!؟] ރިޝްފާން ފުންމައިގެން ތެދުވެއްޖެއެވެ.

[މާޔާ....މާޔާ ދައްކާނަން....އަހަންނާއެކު އާދޭ.] ޝަބްނަމްވެސް އުނދޯލިން ތެދުވެއްޖެއެވެ.

[ނުދެވޭނެ...މާޔާ ވީތަނެއް ހަމަ މިހާރު ކަލޭ ބުނޭ. ކަލޭ މާޔާގެ މަޤާމަށް އައިސް ތިއުޅެނީ، މާޔާއަށް ކިހިނެއް ހަދާފައި އައިސްތަ؟] ތުއްތުމަނިކުބޭގެ އަޑު ނިކަން ބާރެވެ. އޭރު ރިޝްފާންވެސް ހުރީ އިންތިހާއީ ރުޅިވެރި އަސަރުގައި، ޝަބްނަމާ ދިމާޔަށް ބަލަހައްޓައިގެނެވެ.

[އަހަންނަށް މަޢާފްކުރޭ ރިޝްފާން....] ޝަބްނަމް ރޮއިގަންނަމުން، ރިޝްފާންގެ ދެފައިމައްޗަށް ތިރިވިއެވެ.

[މަޢާފޭ....އަހަރެން ކަލެޔަށް މަޢާފް ކުރިޔަސް، މާޔާ ކަލެއަކަށް މަޢާފެއް ނުކުރާނެ. ހަމަ މިހާރު މާޔާވީ ތަނެއް ކަލޭ ބުނޭ!] ރުޅިއައިސްފައިވާ ރިޝްފާން އުޅުނީ ޝަބްނަމްގެ ކަރުގައި ހިފާށެވެ. ނަމަވެސް، އެވަގުތު ޒައިދު އޭނާ ހިފަހައްޓައިފިއެވެ.

[މާޔާ މިދުނިޔެއަކު ނެތް...އަހަރެންގެ ލޯބި ހޯދުމުގެ ބޭނުމުގައި، އަހަރެން އޭނަ މަރާލައިފިން...އޭނަގެ މަސްގަނޑު އަހަރެން ވަޅުލީ ޤަބުރުސްތާނުގައި.] ޝަބްނަމް ހުރިތަނުގައި ހުރެ ބުންޏެވެ.

[އާދޭސް ކުރަން ތުއްތުމަނިކުބޭ...މި އަނިޔާވެރި އެތީގެ ކިބައިން އަހަރެން ސަލާމަތްކޮށްދީ.....] ރިޝްފާންގެ ބޮލަށް އެނބުރުން އަރަންފެށީ އެހާ ހިސާބުންނެވެ.

[ހަމަޖެހޭ ރިޝްފާން....އޭތީގެ ކިބައިން ސަލާމަތް ވެވޭނީވެސް ހިތްވަރެއް ހުރެގެން....] އޭރުވެސް ތުއްތުމަނިކުބޭ ކިޔަވަމުން ދަނީއެވެ.

ޒައިދު ގުޅާފައި ބުނީމާ، މާޔާގެ ޢާއިލާގެ މީހުންނާއި، ރިޝްފާންގެ މަންމަ އިސާހިތު އެގެޔަށް އަތުވެއްޖެއެވެ.

މާޔާގެ މަންމަ ވަންގޮތަށް ފުރަތަމަވެސް އެހީ މާޔާ ކޮބައިތޯއެވެ. މިފަހަރުވެސް ޖަވާބުދިނީ އެތާނގައި ހުރި ރަން އިސްތަށިގަނޑުގެ ވެރި ޝަބްނަމެވެ. މިފަހަރުވެސް އޭނާ ދިނީ އެ ޖަވާބެވެ.

މާގިނައިރުތަކެއް ނުވެއެވެ. ޒަޙީރާ އަނބުރައިގެން ވެއްޓިއްޖެއެވެ. އޭރު ރިޝްފާންގެ މަންމަ ވަރުދާއަށްވެސް ރޮވެނީއެވެ.

[ކޮންތާކުން ދަރިފުޅާ އަވަލައިގެން އުޅޭ އެއްޗެއްތަ؟] ރޮއިރޮއިފައި ވަރުދާ ވާހަކަ ދައްކަމުން ދިޔައެވެ.

އޭރު މަޢާފަށް އެދެމުން ޝަބްނަމްވެސް ރޮނީއެވެ. އޭނާ ސަލާމަތުން ދޫކޮށްދިނުމަށް އެދި އާދޭސް ކުރަމުން ދަނީއެވެ.

[އަހަރެން ދޫކުރޭ....އަހަރެން ދެން ދުވަހަކުވެސް ރިޝްފާނަށް އުނދަގޫ ނުކުރާނަން....ރިޝްފާންގެ ދިރިއުޅުމަށް އަންނާކަށް މަސައްކަތެއްވެސް ނުކުރާނަން.] ޝަބްނަމް ރޮމުން އާދޭސް ކުރަމުންދިޔައެވެ.

[ކަލޭގެ ވާހަކަ މިތަނުން އެކަކުވެސް ދެން އަޑެއްނާހާނެ.] ތުއްތުމަނިކުގެ އަޑު ނިކަން ބާރެވެ.

[ރިޝްފާން...އަހަރެން ރިޝްފާންދެކެ މިވާ ތެދުވެރި ލޯބީގެ ޙައްޤުގައި ބުނޭ، އަހަރެން ސަލާމަތްކުރާށޭ...] ޝަބްނަމް ރިޝްފާނާ ހަތަރުކަޅި ހަމަކޮށްލިއެވެ.

[ތިކަހަލަ ލޯތްބެއް އަހަރެން ބޭނުމެއް ނޫން...] އޭރު ރިޝްފާންވެސް ރޮނީއެވެ.

މާގިނައިރުތަކެއްނުވެ، ތުއްތުމަނިކުބޭ ބޭނުންވާނޭ ސާމާނުތައް ޒައިދު އެއްކޮށްފިއެވެ. އެވަގުތު އެތާނގައި ތިބި އަވަށްޓެރިންގެ ތެރެއިން ހައެއްކަ މީހުންނާއެކު ތުއްތުމަނިކުބޭ އިސާހިތު މަސައްކަތް ފަށައިފިއެވެ. މާގިނައިރުތަކެއްނުވެ، ޝަބްނަމްގެ ބާރުދޫވާން ފަށައފިއެވެ. ނަމަވެސް، ތުއްތުމަނިކުބެޔާއި އޭނާގެ ބައވެރިން ކިޔެވެލި ހުއްޓައެއްނުލައެވެ. އިސާހިތު ޝަބްނަމް ބިންމައްޗަށް ތިރިވެއްޖެއެވެ. ދެން ފެނުނީ އާދަޔާ ޚިލާފު މަންޒަރެކެވެ.

ޝަބްނަމް ވަރު ހުސްވެގެން ވެއްޓުނު ތާނގައި އޮވެފައި، މައްޗަށް އަރަން ފަށައިފިއެވެ. ރަށުގެ ވެރިންވެސް އެތަނަށް އޭރު އައިސް ތިއްބެވެ.

މައްޗަށް އަރަމުން، އަރަމުން ގޮސް ދެން ފެނުނީ އޭތި (ޝަބްނަމް) އެންމެންގެ ލޯމަތިން ގެއްލުނު ތަނެވެ.

[ދެން ބިރުގަންނާކަށް ނުޖެހޭނެ. އޭއްޗަކަށް މިރަށަކަށް ނޭރޭނެ ދެނެއް....އިންސާނަކަށް އުނދަގޫކުރާކަށް ނުވެސް ކެރޭނެ. އަދި އަހަރެން ދޭނަން، ރިޝްފާންގެ އުނަގަނޑުގައި އަޅާނޭ ތަވީދެއް...] މަސައްކަތް ނިންމާލުމަށްފަހު، ހިންދެމިލަމުން، ތުއްތުމަނިކުބޭ ބުންޏެވެ.

އެރެޔަށްފަހު، ޝަބްނަމްގެ ސިފައިގައި (އިންސާނެއްގެ) އައިސް ރިޝްފާނާއެކު ދިރިއުޅުމުގައި ޙިއްޞާވި ހަންޑީގެ ކިބައިން ސަލާމަތްވެވުނަސް، އަނބިމީހާ މާޔާގެ ހަނދާންތަކެއް، ރިޝްފާންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ. އެފަދައިން ޝަބްނަމްގެ ހަނދާންތައްވެސް، އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. ޝަބްނަމަކީ އިންސާނަކަށް ނުވިޔަސް، އެއީ ތެދުވެރި ލޯބީގެ ނަމޫނާއެކެވެ. ހިތަށްއަރައެވެ. އިންސާނުންނަށް އެފަދައިން ލޯބިވާން ނޭނގެނީ ކީއްވެބާއެވެ؟ ލޯތްބަށްޓަކައި އަނެކާއަށް އަނިޔާވެރިވުމީ އިންސާނީ ޠަބީޢަތް ނޫނީ ކަމަށްވެސް ވެދާނެއެވެ.

ޔަޤީނެވެ. ކިތަންމެ ދުވަހެއްވެ، އަލުން އާ ޙަޔާތެއް ފެށި ނަމަވެސް، ޝަބްނަމްގެ ހަނދާންތަކެއް، ރިޝްފާންގެ ހިތަކުން ނުފިލާނެއެވެ. ނަމަވެސް، ޝަބްނަމް އެނބުރި ނާންނާނޭ ކަމުގެ ޔަޤީންކަން ތުއްތުމަނިކުބޭ ވަނީ ދީފައެވެ. އެހެން ނަމަވެސް، ރިޝްފާނަށް ޝަބްނަމްގެ ހަނދާންތަކުން މިންޖު ނުވެވެންޏާ، ޝަބްނަމް އެނބުރި ނައުމަކީ، މާބޮޑު ހިތްހަމަޖެހުމެއް ނޫނެވެ.

އަބަދުވެސް އޭނަޔާއެކު ޝަބްނަމްގެ ހަނދާންތައް ވާނޭތީއެވެ.

ނިމުނީ


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން