-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) -

މި ޖީލުގެ ދިވެހީންނަކީ ހާދަހާ ނަސީބު ގަދަ ބަޔެކެވެ. ބޮޑު ތަދާއި ބޮޑު ރޯގާއަކީ މާޒީއެވެ. ދިވެހީން މަގޫފަތް ކައި، ފަން ޖިފުޓިތަކުގައި އުޅުނު ވާހަކައަކީ މިއަދުގެ ތާރީޚެވެ. ހަމަގައިމު ވެސް 1960 ގެ ފަހުން ދިވެހި ރާއްޖޭގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަކީ ނަސީބު ގަދަ ބަޔެކެވެ. 1970 ގެ އަހަރުތަކުގައި ކުރިމަތިވި ކޮލެރާ އާއި ޝިގިއްލާގެ ބަލިމަޑުކަމާއި 1988ގައި ކުރިމަތިވި ޢުދުވާނީ ޙަމަލާއާއި 2004 ގައި ރާއްޖެ ތަޖުރިބާކުރި ސުނާމީ ކާރިސާއާއި 2015 ގައި މާލޭ ސަރަހައްދަށް ކުރިމަތިވި ފެނުގެ ކާރިސާ ފަދަ ތަޖުރިބާތަކެއް ފިޔަވައި މި ފަދަ ހިތްދަތި ތަޖުރިބާއެއް ޖުމުލަ ގޮތެއްގައި ޢާއްމުކޮށް މުޅި މުޖުތަމަޢު ތަޙައްމަލުކުރާކަށް ނުޖެހެއެވެ. ގެދޮރުވެރިކަމަށް ބޭނުންވެފައިވާ އެތައް ހާސް ބަޔަކު ތިއްބަސް އަދި ފަގީރުންގެ ދަފުތަރުގައި ހިމެނިފައިވާ ލިސްޓު ކިތަންމެ ދިގަސް އެއްވެސް ސަބަބަކާ ހުރެ މަގުމަތީގައި ނިދާން ޖެހޭނެ މީހެއް، ބަނޑުފުރާނަ މުއްތިކުރާން ނުލިބޭ މީހެއް ރާއްޖެއަކު ނުހުންނާނެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގޭސް އުނދުނާއި އައިސްއަލަމާރިއާއި ދޮންނަމެސެނާއި ޓީވީއަކީ ބައެއް ގައުމުތަކުގައި މުއްސަނދީން ގެންގުޅޭ އެއްޗިއްސެވެ. ދިވެހިރާއްޖޭގައި މި އާލާތްތަކާއި މިފަދަ ސާމާނުތައް ނެތް ގެޔެއް ހަމަ ނުހުންނާނެއެވެ. އިސްމާޓު އަތުފޯނެއް ނުގެންގުޅޭ މީހަކު މާގިނައެއް ނުވާނެއެވެ. މޮޓަރުސައިކަލެއް ނެތް ޒުވާނެއް މަދުވާނެއެވެ. މި މިންގަނޑުން ބަލާނަމަ، ދިވެހިރާއްޖޭގައި ފަގީރަކު ނެތޭ ވެސް ދެންނެވިދާނެއެވެ. ނަމަވެސް މިއީ ފަގީރުކަން ވަޒަންކުރާ މިންގަނޑު ކަމަށް ނުވާތީ ފަގީރުންގެ ލިސްޓު ވެސް ކުރެއް ނުމެ ނޫންމެއެވެ.

އަނެއްކޮޅުން ބަލާއިރު ފިނި މޫސުމެއް، ހޫނު މޫސުމެއް ދިވެހީން ތަޖުރިބާކުރާކަށް ނުޖެހެއެވެ. ގޭގެޔަށް އަތްފަޔަށް ނުކުޅަދާނަ ޠޫފާނުތަކެއް މިތާކަށް ނާދެއެވެ. ބޮޑުވިއްސާރައާއި ބޮޑުރާޅުއެރުމާއި ސުނާމީ ފަދަ މަދު ހާދިސާތަކަކީ ވެސް .....

ހަމަ މިފަދައިން، މާ ދުރަށް ނުގޮސް އަވަށްޓެރި ކަރަކަރައަށް ނަޒަރެއް ދިނަސް، ހިކި އަނަރޫފަވެފައި ތިބި އެތައް ބަޔަކު، ވަށިވަށިގަނޑާއި ބޯކަރުދާސްތަކުގައި މަގުމެދުގައި ނިދާން ތިބޭތަން ފެންނާނެއެވެ. ކާނޭ ބޯނޭ އެއްޗެއް ނުލިބިގެން ޕާނުން ކަފައިފައި ހުންނަ އެތިއެތިކޮޅާއި ނާރިނގު ތޮށިކޮޅެއް ވެސް ލިބޭތޯ މުއްސަނދީންގެ ގޭދޮށުގައި ހުންނަ ކުނިވަށިގަނޑަށް ބޯކޮށްޕާ ވެސް އެތައް ބަޔެކެވެ.

ހަމަ މިފަދައިން އަހަރަކު އެތައް ޠޫފާނެއް އައިސް އެތައްހާސް ބަޔަކު ގެއްލި ގެތައް ބުރަބުރައިގެންދަނީއެވެ. ވާރޭ ވެހި ފަރުބަދަތައް ކަނޑައިގެން ފައިބާ ކިސަޑުންނާއި ކޯރުތައް ފުރި ބަންޑުންވެ ފެންބޮޑުވުމާއި، އަލިފާންފަރުބަދަ ގޮވުމާއި ބިންހެލުންތަކުގެ ސަބަބުން ޢާއްމުވެގެންދާ އެތައް ހަލާކުތަކެއް ޢާއްމުން ތަޖުރިބާކުރާން ޖެހެއެވެ.

މާތް ﷲއަށް ކޮޅުނެތްކޮޅަށް ޙަމްދާއި ޝުކުރުހުއްޓެވެ! މިހުރިހާ ކަމެއް މިހެން ހުރިއިރު ވެސް ﷲ ދިވެހީންނަށް ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޙަމްދުކުރަނީ ކިތައް ދުލުން ބާވައެވެ. ޝުކުރުކުރަނީ ކިތައް ހިތުން ވާބައެވެ. މިންވަރަށް އީމާންވާން އެނގެނީ ކިތައް މީހުންނަށްބާވައެވެ.

މިއަދު އަޅުގަނޑުމެން މި ތިބީ އިސްވެ ދެންނެވުނު ހުރިހާ ނިޢުމަތްތަކެއްގައެއް ނޫނެވެ. އިންސާނުންނަކީ ނިކަމެތި ބަލިކަށި ބައެއްކަން ވިސްނައި ދެނިވި ޙާލަތެއް ދިވެހީން ފިޔަވައި މުޅި ދުނިޔެއާ ވެސް މިވަނީ ކުރިމަތިވެފައެވެ. އިންސާނުންނަކީ އާރެއްބާރެއް ނެތް ބަޔެއްކަން ދޭހަކޮށްދެނިވި މުޞީބާތަކާ ދުނިޔެ މިވަނީ ބައްދަލުކުރާންޖެހިފައެވެ. އިންސާނުންނަކީ ބޮޑާވުމާއި އަނިޔާވެރިވުމުގެ ޙައްގެއް އެބައި މީހުންނަށް ނޯންނަ ނިކަމެތި ބައެއްކަން ތަޖުރިބާ ކޮށްދެނިވި ޢާލަމީ ވަބާއެއް މި ވަނީ މުޅި ދުނިޔެ ފަދައިން ދިވެހީން ވެސް ތަޖުރިބާ ކުރާންޖެހިފައެވެ. އާމުދަނީ ލިބޭނެ ވަސީލަތްތައް ވަނީ ހުއްޓިފައެވެ. ކާބޯތަކެތި ލިބޭނެ ދޮރުތައް ވަނީ ހަނިވެފައެވެ.

އާދޭހެވެ! ކަންހުރި މަގުމަގީ މިހިރީއެވެ. ނަމަވެސް މިއީ ޝަކުވާކުރުމުގެ ޙާލަތެއް ނޫނެވެ. މިއީ ﷲ މެދުވެރިކުރެއްވި އިމްތިޙާނުގެ ޙާލަތެކެވެ. މި އިމްތިޙާނުން ފާސްވުމަށްޓަކައި ބޭނުންވާ އެންމެ މުހިއްމު ހުނަރަކީ ކެތްތެރިކަމެވެ. ޢިބްރަތް ލިބޭނީ ވިސްނައި ފިކުރުކުރާ ބަޔަކަށެވެ. ދުނިޔޭގައި ބޮޑާކަމާއި ކިބުރުވެރިކަމުގައި އުޅޭ ބޮޑުންގެ އޮތީ ކޮން ބާރެއްތޯއެވެ! ލޮލަށް ނުފެންނަ ކުދިކުދި ވައިރަހުގެ ލަޝްކަރަކުން މުޅި ދުނިޔެ މިވަނީ ކުޑަކަކޫ ޖައްސައިފައެވެ. ކުދިކުދި މަޚުލޫޤުންތަކެއްގެ ސަބަބުން މުޅި ދުނިޔޭގެ ނިޒާމް މިވަނީ އެފުށްމިފުށަށް ޖަހައިފައެވެ. ޞިނާޢަތްތައް ހުއްޓިއްޖެއެވެ. މަސައްކަތްތެރީން އިނދަޖެހިއްޖެއެވެ. އުފެއްދުންތެރިކަން ނެތިއްޖެއެވެ. އާމްދަނީގެ ދޮރުތައް ބަންދުވެއްޖެއެވެ. ގެއިން ނުކުތުންވަނީ މަނާކުރެވިފައެވެ. ރަށްތައްވަނީ ފުރަބަންދުކުރެވިފައެވެ. އެކި މީސްމީހުންނާއި އެކި ރަށްރަށް ވަނީ ކަރަންޓީނުކުރެވިފައެވެ. ވަކިވަކި ފަރުދުން އެކަހެރިކުރެވިފައެވެ. ގައިދުރުކަން ވަނީ އިސްކުރާންޖެހިފައެވެ. އިޖުތިމާޢީ ހުރިހާ ކަމެއްހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ނޮވެލް ކޮރޯނާ ވައިރަހުގެ ނުރައްކަލާ ހުރެއެވެ. އެ ބަލި ފެތުރުނަ ނުދިނުމަށްޓަކައެވެ. ލޮލަށް ފެންނާން ކައިރިވެސް ނުވާ ކަވި މަޚުލޫޤެއްގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން ހުއްޓުވުމަށްޓަކައެވެ. ބަލިފެތުރުން އަދި މައިތިރިއެއް ނުވެއެވެ.

މި ދަނޑިވަޅުގައި ދިވެހީން މި އުޅެނީ ޢާއްމު ޙާލަތެއްގައި ނޫންކަން ދަތުމަކީ ސިކުންޑިއަށް އެންމެ ފަސޭހަވާނޭ ގޮތެވެ. ބައްޔައް ޝައްކުކުރެވޭ މީހުން އެކަހެރިކޮށްގެން ގެންގުޅޭ މަރުކަޒުތަކުގައި އަޅުގަނޑުމެންގެ އަމިއްލަ ގޯތިގެދޮރުން ލިބޭފަދަ ޚިދުމަތްތައް ލިބޭނެ ކަމަށް އުއްމީދުކުރުމަކީ ގޯހެކެވެ. އަދި ގޯތީގައި ނުވަތަ ގޭގައި ފުރަބަންދުވެގެން ތިބޭއިރު، ކުރީން ލިބޭ ހުރިހާ އެއްޗެއް ލިބޭނެ ކަމަށް ހީކުރުމަކީ ވެސް ވިސްނުމުގެ އުނިކަމެކެވެ. ސަރުކާރުގެ އިސްވެރީންގެ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ހުރި މިންވަރަކުން ކަންކަން ފަހިކޮށްދެއްވޭތޯ މަސައްކަތްޕުޅު އެބަކުރައްވައެވެ. މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވެ ﷲއަށް ޙަމްދުކޮށް ޝުކުރުކުރުމެވެ. މިންވަރަށް އީމާންވުމެވެ.

އަޅުގަނޑުމެން ކަރަންޓީނު މަރުކަޒުތަކަށް ދާން، ކަމާބެހޭ ފަރާތުން އެންގެވީމާ ދަނީ، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ލޭފަވެރީންނާއި އެންމެންގެ ސަލާމަތަށްޓަކައެވެ. ގޭގައި އެކަހެރިވެގެން ފުރަބަންދުވެގެން ތިބެނީ، އަދި އިރުއިރުކޮޅާ އަތް ދޮންނަނީ، ބައްޔައް ފައްސިވާ މީހުންގެ ޢަދަދު އިތުރުވިޔަ ނުދޭށެވެ. އެއީ ވަކި މީހަކު ބުނީތީ ކުރާވަރަށްވުރެ މާ ސީރިއަސްކަމެކެވެ. ވަކި ވައްތަރެއްގެ ފެނެއް ނޫނީ ނުބޯން، ވަކި ވައްތަރެއްގެ ހަނޑުލެއްގެ ބަތް ނޫނީ ނުކާން، ވަކިވައްތެރެއްގެ ކާބޯތަކެތި ނޫނީ ރަހަނުބަލާން ބޮޑާ ހޭކުމަކީ މި ޙާލަތުގައި އަޅުގަނޑުމެންގެ ފުށުން ފެނިގެންވާނޭ ކަންކަމެއް ނޫނެވެ. އެއީ ﷲއަށް ޝުކުރު ނުކުރާތީ ދިމާވާ ގޮތެކެވެ. މިންވަރަށް އީމާންވުން ބަލިކަށިވީމާ މެދުވެރިވާ ޙާލަތެކެވެ.

ދުނިޔޭގެ އެތައް މިލިޔަން ބަޔަކު އަތްވާއި ވާރެޔާއި ފިނީން ހިޔާވެލާނެ ގޮތެއް ނެތިފައި ތިއްބައި ބޯހިޔާކޮށްލާނެ ފަދައެއް ލިބުމަކީ ކިހާބޮޑު ނިޢުމަތެއްތޯއެވެ. ބަނޑުފުރާނަ މުއްތިކުރާނޭފަދައެއް ނެތިގެން ދުވާލަކު ފަންސަވީހަކަށް ހާސް މީހުން އަދި އަހަރަކު ނުވަ މިލިއަނަށްވުރެ ގިނަ މީހުން ބަނޑަށް މަރުވާއިރު، އަޅުގަނޑުމެންނަށް ދުވާލަކު އެތައް ފަހަރަކު ކާއެތިކޮޅެއް ލިބޭ ކަމީ ވެސް ކިހާ ބޮޑު ރަޙުމަތެއްތޯއެވެ! އަނެއްކޮޅުން ކޮރޯނާ ވައިރަހުގެ ސަބަބުން މިހާރު ދުވާލަކަށް މަރުވާ މީހުންގެ އަދަދު ހަތަރުވަރަކަށް ހާހަށް ދަށްވެއްޖެއެވެ. އެކަމަކު ކާންނުލިބިގެން ކޮންމެ ދުވަހަކު ބަނޑަށް މަރުވާ މީހުންގެ ޢަދަދު އަދި ވެސް އުޅެނީ ފަންސަވީހަކަށް ހާހުގައެވެ. ވިސްނައި ފިކުރުކުރާކަށް ނުވޭތޯއެވެ!

ޝުކުރުކުރާން ދަސްވާނީ ތިމާއަށްވުރެ ދަށުދަރަޖައިގައި އުޅޭ މީހުންނާ ތިމާގެ ޙާލަތާ އަޅައިކިޔައިގެންނެވެ. ތިމާއަށްވުރެ މަތީ ދަރަޖައިގައިވާ މީހުންނާ ތިމާގެ ޙާލަތު އަޅައިކިޔާނަމަ އަބަދުވެސް އެނގޭނީ ޝަކުވާކުރާށެވެ. އަޅުގަނޑުމެން މިއަދު ހަނދާންކުރާންވީ އަޅުގަނޑުމެން މި އުޅެނީ ބަހާރު މޫސުމެއްގައި ނޫންކަމެވެ. ޢާލަމީ ވަބާއެއްގެ ސަބަބުން ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައިކަމެވެ. މިއީ މާތް ﷲ އަޅުގަނޑުމެންނާ ކުރިމަތިކުރެއްވި އިމްތިޙާނެއްކަމެވެ. އެތައް އަހަރެއްގައި އުފަލާއި ނިޢުމަތުގައި އުޅުނު ހަނދާން ކުޑަ ދުވަސްކޮޅަކުން ނެތުނަ ދީގެން ނުވާނެއެވެ. މި ޙާލަތުން އަރައިގަތުމުގައި އަޅުގަނޑުމެންނަށް އޮތީ ކެތްތެރިވުމެވެ. ޝުކުރުކުރުމެވެ. ޞިއްޙީ ޚިދުމަތްތެރީންގެ އިރުޝާދުތަކަށް ބޯލެނބުމެވެ. ސަބަބުތަކުގައި ހިފައިގެން ތިބެ މާތް ﷲ އަށް ވަކީލުކުރުމެވެ. މިސްކިތްތައް ބަންދުވެފައި ވިޔަސް، ގޭގައި ޢާއިލާއާއެކު ރޭއަޅުކަންކޮށް މާތް ﷲއަށް ދުޢާކުރުމެވެ. ބިރާސްވެވަޑައިނުގަންނަވާށެވެ! ﷲ ވޮޑިގެންވަނީ އަޅުގަނޑުމެންނާއެކީގައެވެ. ރަޙުމާނުވަންތަ މާތް ﷲ އިރާދަކުރެއްވިއްޔާ މި ޙާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ފާތުން

03-Jun-2020

ޥަށައިޖެހޭ މޮޅު ލިޔުމެއް. އުސްތާޒު ޢަބްދުލްޢަޒީޒަށް ތަހުނިޔާ ދަންނަވަން.


14

މުޙައްމަދު ޞަލާޙް

29-Apr-2020

ފުރިހަމަލިއުމެއް, ރަނގަޅުނަސޭހަތެއް, ހެޔޮބަސްތަކެއް ތިޔަދެއްވާ ހިތްވަރަށް ހަމަސާބަސް ދިވެހިންނަކީ ކެތްތެރިކަމާއި,އޯގާތެރިކަން އިސްކޮށް ކިޔަމަންވާބަޔަކަށް ވާންއެބަޖެހޭ


6

ާާަަައައިމިނަ

29-Apr-2020

ވަރަށްވެސް ފުރިހަމަ . ޢިބުރަތުން ފުރިގެންވާ ލިއުމެއް.



ޓްރެންޑިން