ޞާދިރު ޢަލީދީދީ   17 މާރިޗު 2021 - 18:3
ވޭނީކަރުނަ
ވޭނީކަރުނަ
59 ވަނަ ބައި

.................

މާގިނައިރު ވިސްނާކަށް ނީދެވުނެވެ. ފެންވަރާކޮޓަރީގެ ދޮރުހުޅުވާލާފައި ކޮންމެވެސްމީހަކު ބޭރަށް ނުކުމެއްޖެއެވެ. ރަމްލާ އެނބުރިލާފައި ބަލާލިއެވެ. އެކަމަކު ޖައްޔިދާގެ ބަދަލުގައި ބޭރަށް ނުކުތީ ޔާދިރެވެ.

[ޔާދިރުތޯއެވެ.....؟]

ރަމްލާ ޙައިރާން ކަމާއިއެކު ތެދުވެފައި ބުންޏެވެ.

ޔާދިރުހުރީ ތުވާލު އޮޅާލައިގެންނެވެ. ބޮލުން ފެންތިކި ތަޅަތަޅާ ހުއްޓެވެ. އޭނާ ބޮލުން ފެން ފޮޅާލާފައި ރަމްލާއާ ދިމާއަށް ބަލާލިއެވެ. ރަމްލާއަށް ފެނުނީ ބަދަލުވެފައިހުރި ފިރިހެނެކެވެ. ބިރުވެރިކަމުގެ ރާޅެއް ރަމްލާގެ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއާ ހަމައަށް ދުވެލިއެވެ.

އެކަމަކު ރަމްލާއަކަށް ވިސްނާނެ ވަގުތެއް ނުލިބުނެވެ.

މިނިކާވަގެއް ފަދައިން ޔާދިރު ރަމްލާގެ ގައިގައި ހިފައިގަތެވެ.

[އަޅުގަނޑުގެ ގައިން ދޫކޮށްލައްވާށެވެ.] ރަމްލާ ފުރަތަމަ ފަހަރަށް ސަލާމަތަށް އެދުނެވެ.

އޭނާ މަކްރޫހަ ގޮތަކަށް ހީނލާފައި ބުންޏެވެ.

[ވަރަށް ގިނަދުވެސް ވަންދެން ރަމްލާ އަހަންނަށް އެކިފާޑުގެ އެކި އަދާ ދައްކައިފީމުއެވެ. މިހާދުވަސް ވަންދެން ރަމްލާއާއިމެދު އަހަރެންގެ ހިތްކުރާ ޝަކްވާއަކީ އެހެން އެއްވެސް އަންހެން ކުއްޖަކާއިމެދު އަހަރެންގެ ހިތްކުރި ޝަކްވާތަކެއް ނޫނެވެ. އަހަރެން ހަމަ ވަރަށް އަވަހަށް އަހަރެންގެ ހިސާބު ނިންމާލަނަމެވެ.]

ރަމްލާ ފުންނަޒަރަކުން އެތީރި ޝަހެޒާދާއަށް ބަލާލިއެވެ. އެއީ އޭނާގެ ހުވަފެން ތަކުގައި އަލިފާންޖެހި މީހާއެވެ. މިވަގުތު އޭނާ ފެންނަނީ ދުނިޔޭގައިވާ އެންމެ ސިފަހުތުރު އިންސާނާގެ ގޮތުގައެވެ. އޭނާގެ ޙަޔާތުގައިވާ ހުރިހާ ނުބައިކަމެއް އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ. އޭނާގެ ލޯ އެންމެ ވައްތަރީ އޫރެއްގެ ލޮލާއެވެ.

[ބިރުނުގަންނާށެވެ...] އޭނާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ. [އަހަރެން ރަމްލާގެ ގާތުގައި ބުނަން މިއުޅެނީ ހަމައެކަނި ލޯބިވެރިންނަށްޓަކާ މަގެއްހުޅުވިފައިވާ ވާހަކެއެވެ... އޭގެ ފަހުގައި ކައިވެންޏެވެ... ވަރިއެވެ... ރަނގަޅު ދިރިއުޅުމެއް އުޅެން ގަސްތުކުރަނީނަމަ އަހަރެންގެ އިޝާރާތުގެ މައްޗަށް ހިނގާށެވެ.]

ރަމްލާ ނަފްރަތުން ފުރިފައިވާ ގޮތަކަށް މޫނު އަބުރާލިއެވެ. އެއާއިއެކު ކުއްލިއަކަށް ދޮރާދިމާއަށް ބަލާލާފައި ހަޅޭލައިގަތެވެ.

[ޖައްޔިދާއެވެ. އަހަރެން ސަލާމަތް ކުރާށެވެ.]

ނަސީބު ދިމާކުރި ވަގުތެއް ނޫންކަމެއްވެސް ނޭގެއެވެ. ޔާދިރު ތެޅިގެންފައި އޭނާގެ ގައިން ދޫކޮށްލައިފިއެވެ. މީގެ ކުޑައިރުކޮޅެއްގެ ކުރިން ކޮންމެވެސް ކަމަކު ޖައްޔިދާ ފޮނުވީވެސް އޭނާއެވެ. އެހެން ނަމަވެސް އޭނާ ސިހުނެވެ. ރަމްލާ ދޮރާދިމާއަށް ދުއްވައިގަތެވެ. ޔާދިރަށް ރަމްލާގެ މަކަރު ވިސްނިއްޖެއެވެ. އެހެންކަމުން ފުންމައިގެންގޮސް ރަމްލާގެ ދޯޕައްޓާގައި ހިފަހައްޓައިފިއެވެ. އެވަގުތު ދޯޕައްޓާގެ މައްޗަކުން ޚިޔާލެއް ނުކުރެވުނެވެ. ދޯޕައްޓާއަށްވުރެ އޭނާގެ ޢިއްޒަތް މާއަގުބޮޑެވެ..... ދުވެފައި ކޮރިޑޯއަށް އައިއިރު ބޭރު ދޮރާށިވެސް ހުޅުވާފައި ހުއްޓެވެ.

ގައިގައިހުރި ބާރުލާފައި ރަމްލާ ދުވަމުން އައިސް ދޮރުގައި އަޅައިގެންފައި ބޭރަށް ނުކުމެއްޖެއެވެ... އަދިވެސް ބޭރަށެވެ.... މަންމަގެ ގެއާއި ހަމައަށްގޮސްފައި އޭނާ އެނބުރި ބަލާލިއެވެ. ޔާދިރު ރުޅިއައިސް ރަތްވެފައި ދޮރުމަތީގައި ހުއްޓެވެ. އޭނާގެ އަތުގައި ރަމްލާގެ ދޯޕައްޓާ އޮތެވެ. އޭނާ ރަމްލާއާއި ދިމާއަށް ދޯޕައްޓާ ހޫރުވާލަމުން ހަރުއަޑުން ބުންޏެވެ.

[ދޯޕައްޓާ ބޭނުމިއްޔާ ހަމަ މިވަގުތު އަންނާށެވެ......... އެހެންނޫނީ މީގެ ސަބަބުން ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިދާނެއެވެ.

[ފަރުވާލެއްނެތެވެ....] ރަމްލާ ތެޅިތެޅިއޮތް މޭގައި އަތްއަޅައިގެން އެދެމެދުގައި ދެންއޮތް ތަންކޮޅުވެސް ދުވެފައި ކަޑައްތު ކޮށްފިއެވެ. އޭނާ އިސްތަށިގަނޑު އޮތީ ހާވާލެވިފައެވެ. އެހެންކަމުން އޭނާ ނޭވާ ހަމަޖައްސާލާފައި ބޮލުގައި އަތްފުނާ އަޅާލިއެވެ. ހަމަ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ޤިޔާމަތެއް ވެރިވީއެވެ. ޔާދިރުގެ ސިފަ އޭނާއަށް އިޙްސާސް ކުރެވެއެވެ. ސިފަގަނޑުގެ އިތުރުން އޭނާގެ ސިކުނޑިއޮތީ ވަރަށް ޙާލު ދެރަވަފެއެވެ. އޭނާ ރޮއިރޮއިފައި ހަޅޭލައި ގަންނަން އެދުމެވެ. އާދޭސްކުރަން އެދުނެވެ.

އެކަމަކު އެއްކަމެއްވެސް ނުވެވުނެވެ.

އޭނާ އެތެރެއަށް ވަންނަންވާނީ ވަރަށްބޮޑަށް ހަމަޖެހިގެންނެވެ. އެތެރެއަށް ވަދެފައި މޫނު މައްޗަށް އުފާވެރިކަން ގެންނަން ޖެހޭނެއެވެ. ހުރިހާ ސުވާލެއްގެ ޖަވާބު ވަރަށް ހަމަޖެހިގެން ދޭންވާނެއެވެ. އަދި މިއީ ކިހާ އުނދަގޫ ކަމަކަށްވާނޭ ކަމެއް ހެއްޔެވެ. އިންސާނެއްގެ ގައިމަތިންލާފައި މީހުން އަރާފުރިފައިވާ ދަގަނޑު ރޭލެއް ހުރަސްކޮށްދާއިރު އެމީހާ ސަލާމަތުން އޮތުން އެއީ ކޮންގޮތަކުން އެކަށީގެންވާ ކަމެއް ހެއްޔެވެ.

ރަމްލާ އޭނާގެ ކުދިކުދިވެފައިވާ ވުޖޫދާއިގެން އެތެރެއަށް އަތުވެއްޖެއެވެ. މަންމަ ނޫސްކިޔަން އިނެވެ. ރަމްލާ ހަމަ އެހުރިގޮތަށްހުރެ މޭމަތީގައި އަތްއަޅައިގެން އެތެރެއަށް ވަދެގެން ދާން ފެށުމުން މަންމަ އިސްއުފުލާ ބަލާލާފައި ބުންޏެވެ.

[މިއަދު ތިޔައައީ ހާދަ އަވަހަށެވެ.]

ރަމްލާ އަވަސް ފިޔަވަޅުތަކެއް އަޅަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. މަންމަ ފަރުވާތެރި ކަމާއިއެކު ބަލާލާފައި ބުންޏެވެ.

[ދަރިފުޅުގެ ދޯޕައްޓާ ކޮބައި ހެއްޔެވެ؟]

....... ދޯޕައްޓާ ކޮބައި ހެއްޔެވެ......؟ ދޯޕައްޓާ ކޮބައި ހެއްޔެވެ.

ފަރާތް ފަރާތުން މިއަޑު އަންނަން ފަށައިފިއެވެ. އޭނާ ދުވެފައިގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެއާއިއެކު އެނދު މައްޗަށް ވެއްޓިގަތެވެ.

އޭނާގެ ކޮންމެ ނާރެއް ތުރުތުރު އަޅަމުން ދެއެވެ. އަމިއްލައަށް ކުދިކުދި ވެގެންނަން އޭނާގެ ހިތަށް އެރިއެވެ.

އަދި އެއްކަމެއްވެސް ނުވެއެވެ. އެއްވެސް ކަމެއް ގޯހެއް ނުވެއެވެ.

މުޞީބާތުގެ ވަގުތުގައި މައިންބަފައިންގެ ދުޢާތައް ހިޔަންޏަކަށް ވެގެން އައީ ނޫންކަމެއްވެސް ނޭނގެއެވެ. އެއްދުވަހަކު ކޮންމެވެސް މާތް މީހެއްގެ ދުޢާގެ ސަބަބުން އޭނާ މަރުން ސަލާމަތް ވެފައިވެއެވެ.

އެކަމަކު.... އެކަމަކު.......

ދެންއަނެއްކާވެސް ހޯސްލާފައި އޭނާގެ ލޮލުން ކަރުނަ ފައިބަންފެށިއެވެ. އޭނާ ދެއަތުން ބޮލުގައި ހިފެހެއްޓިއެވެ. އޭނާގެ ލޮލުން ފައިބަންފެށި ކަރުނަތައް ސައިލާބަކަށް ވެގެން ކޯތާފަތްމަތިން އޮހެން ފަށައިފިއެވެ.

މިތަނުންވެސް ނުކުމެގެން ދާންވީއެވެ. މިހެން އޮއްވާ މަންމަ އެތެރެއަށްވަދެ ސުވާލު ކޮށްފިއްޔާ ބުނާނީ ކީކޭ ހެއްޔެވެ......؟

ފުދޭވަރަކަށް ރުއިމަށްފަހު ރަމްލާ ތެދުވެއްޖެއެވެ. އަދި ފެންވަރާ ކޮޓަރިއަށްވަދެ ރަނގަޅަށް މޫނު ދޮވެލިއެވެ.

ފައިބަ ފައިބާ ހުންނަ ކަރުނައިގެ ސައިލާބު މަތަކޮށްލެވޭ ފަދަ އެއްވެސް ބާރެއް ދުނިޔެއަކު ނުވެއެވެ.

އޭނާ އެހުރިގޮތަށްހުރެ ބޭރަށް ނުކުމެއްޖެއެވެ. އަދި ތުވާލުން ރަނގަޅަށް މޫނު ސާފުކޮށްލިއެވެ. ދެން ލޯގަނޑުން ބަލާލިއެވެ.... ރޮއިފައި ހުރިކަން ރަނގަޅަށް އެނގެއެވެ. އެކަމަކު ގެއަށްވެސް ދާން ވެއްޖެއެވެ. އެހެންކަމުން އަލަމާރި ހުޅުވާލިއެވެ. އޭނާ ބައެއް ފަހަރަށް ފަސޭހައަށްޓަކާ މިގޭގައިވެސް އަންނައުނު ބަހައްޓައެވެ..... އަލަމާރި ތެރޭން ދޯޕައްޓާއެއް ފެނޭތޯ ހާވަން ހުއްޓާ މަންމަ އެތެރެއަށް ވަދެއްޖެއެވެ.

[ރަމޫއެވެ! އެތެރޭގައި ކުރަނީ ކޮންކަމެއް ހެއްޔެވެ؟] މަންމަ ލޯތްބާއެކު ބުނެލިގޮތުން ހުރިހާކަމެއް ސާފުކޮށް ކިޔާދީފާނަމެ އޭނާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް އެކައްޗެކޭވެސް ނުބުނެ އޭނާ އެނބުރިލިއެވެ.

[މަންމާއެވެ. އެންމެފަހުން އަޅުގަނޑު އައިދުވަހު ގެނައި ހެދުން ނުފެނިގެން ހޯދަނީއެވެ.]

[ދަރިފުޅުގެ ދޯޕައްޓާ ކޮބައި ހެއްޔެވެ؟]

މަންމަ އަނެއްކާވެސް ސުވާލުކުރިއެވެ.

[މަންމާއެވެ.......] ރަމްލާ ބުންޏެވެ. [ހަމަ އެވައްތަރުގެ ދޯޕައްޓާއެއް ފަހަންވެގެން ނަމޫނާއަކަށް ޖައްޔިދާ ބޭއްވީއެވެ. އޭނާ ބޭނުންވަނީ ހަމަ އެވައްތަރުގެ ދޯޕައްޓާ އެކެވެ.]

[އެހެންވީއިރު އޭނާގެ ދޯޕައްޓާ އަޅައިގެން އައިނަމަ އެވީނޫން ހެއްޔެވެ؟]

[އޭނާ އުޅުނީ ދޯޕައްޓާއެއް ދޭންވެގެންނެވެ. އެކަމަކު ގޭގައިހެދުން ހުންނާނެ ވާހަކަ ބުނެފައި އަޅުގަނޑު އައީއެވެ.]

[ދަރިފުޅު އަރިދަފުސް އެޅީ ހެއްޔެވެ؟] މަންމަ ބުންޏެވެ.

[ލައްބައެވެ....] ރަމްލާ އަލަމާރި ތެރެއަށް ބޯ ކޮށްޕާލިއެވެ.

[އަހަރެން މިދަނީ ޑޮކްޓަރ އަމްޖަދަށް ދައްކަން ވެގެންނެވެ. ދަރިފުޅުވެސް ހިނގާށެވެ.]

[ނޫނެކެވެ. މަންމާއެވެ.] ރަމްލާ ހަމަގަސްތުގައި އޭނާގެ ކުރީގެ ހެދުންތައް ނަގާއެއްކުރިއެވެ. މިއަދު ހަމަ ކޮންމެހެން ގެންދަންވެގެން އުޅޭ ކަހަލައެވެ. އޭނާ އެއްޗެތިތައް ނަގާ އެނދުމައްޗަށް އަޅާލަމުން އޭގެތެރެއިން ކަޅު ދޯޕައްޓާއެއް ނަގާ އަޅާލިއެވެ. ދެން ބުންޏެވެ.

[މަންމާއެވެ. ދެން މިދަނީ ގެއަށެވެ. މިއައީ މަޢޫޒު ނިންދަވާފައެވެ. މިހާރު މައިދައިތަ އިންނަވާނީ އަޅުގަނޑުގެ އިންތިޒާރުގައެވެ.]

[މާގޯސްވަންޏާ ލަސްނުކޮށް ޑޮކްޓަރަށް ދައްކާށެވެ.] މަންމަ ރަމްލާގެ މޫނަށް ބަލާލަމުން ބުންޏެވެ. އެއާއެކު ރަމްލާވެސް ފަރުވާތެރި ކަމާއިއެކު މަންމަގެ މޫނަށް ބަލާލިއެވެ. ދެން ބުންޏެވެ.

[މަންމާއެވެ. މަންމަގެ ޙާލު ކިހިނެއް ތޯއެވެ؟]

[މަންމަގެ ޙާލު ރަނގަޅެވެ.] މަންމަ ހިތާދެކޮޅަށް ބުންޏެވެ.

[ގަވައިދުން ބޭސް ކޭންބައްލަވަމުތޯއެވެ؟]

[އާނއެކެވެ....] އޭނާގެ އަޑުގައިވަނީ ބަލިކަށިކަމެވެ. [ބޭސްވެސް ކަމެވެ. ޑަކްޓަރަށްވެސް ދައްކަމެވެ. އެކަމަކު މިހުރިހާ ކަމަކީވެސް ހަމައެކަނި ކަލޭމެންގެ ހިތްހަމަޖައްސާ ދިނުމަށްޓަކާ ކުރާ ކަންތަކެވެ. ޙަޤީޤަތުގައި.....]

މަންމަ ހިމޭން ވެއްޖެއެވެ.

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 179 އިން 181 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން