ޞާދިރު ޢަލީދީދީ   9 މާރިޗު 2021 - 14:31
ވޭނީކަރުނަ
ވޭނީކަރުނަ
57 ވަނަ ބައި

...............

ރަމްލާ ރޭގަނޑަށް މުޢާޒުގެ ގެއަށް އަތުވެއްޖެއެވެ. އޭނާގެ މޫނުދެކެފައި މައިދައިތަ ބުންޏެވެ. ]ދަރިފުޅާއެވެ! ކިހިނެއްވީ ހެއްޔެވެ؟]

[ކަމެއްނުވެއެވެ.....] އޭނާ ވަރަށް މަޑުމަޑުން ބުންޏެވެ. ]މިއަދު ހަތަރުދަމު އަޅުގަނޑު އުޅުނީ ބޮލުގައި ރިއްސާތީއެވެ.] މިހެން ބުނެފައި އޭނާ ކޮޓަރިއަށް އަތުވެއްޖެއެވެ. އޭނާ ފަރުވާތެރި ކަމާއެކު އެރީތި ކޮޓަރިއަށް ބަލާލިއެވެ..... މައިދައިތަ އޭނާގެ ފަހަތުން އައެވެ.....

މިއަދު މެންދުރު މުޢާޒުގެ ފޯނެއް އައެވެ.........] މަންމަ ބުންޏެވެ.

ރަމްލާ ސިހިއްޖެއެވެ. މިކަހަލަ ކަންތައްގަނޑެއް ހިނގާ ކޮންމެދުވަހަކު މުޢާޒު ފޯނުކުރެއެވެ. މިއީ ކޮންފަދަ ތިމާގެކަމެއް ބާވައެވެ. އޭނާ ވިސްނާލިއެވެ. އެއްދޮރުހުރީ މުޅިން ބައްދުވެފައެވެ. އަދި ހުރިހާ އަލިކަމެއް އަންނަނީ އަނެއް ދޮރުންނެވެ.

]ބުނުއްވީ ކީކޭތޯއެވެ.....؟] ރަމްލާ ވިސްނުމުގެ ތެރޭގައި ހުރެފައި ކުއްލިއަކަށް މައިދައިތަ ކުރެން އަހާލިއެވެ.

[ވަރަށް އުފާވެރި ޚަބަރެކެވެ......... އަންނަ ހަފްތާގައި އަންނަނީއެވެ.........]

[އަންނަ ހަފުތާގައޭ ތޯއެވެ؟]

ރަމްލާ މިހެން ބުނެލިގޮތުން އޭނާ އެހެންބުނީ އުފަލުންކަމެއް ނުވަތަ ޙައިރާން ވެފައިކަމެއް މައިދައިތައަކަށް ނޭނގުނެވެ.

[އާނއެކެވެ. މަސައްކަތް ނިންމާފައި ކަނޑައެޅިފައިވާ ތާރީޚްގެ ކުރިން އަންނަނީއެވެ. އަދި ދަރިފުޅާއިި މަޢޫޒުގެ ވާހަކަވެސް އެހިއެވެ........]

މައިދައިތަ އިރުކޮޅެއް ވަންދެން ވާހަކަދައްކަން އިނދެފައި ބޭރަށް ނުކުމެއްޖެއެވެ. އެއާއިއެކު ރަމްލާ އެހުރިގޮތަށް ހުރެފައި އަމިއްލަ ހިތާ ސުވާލުކުރިއެވެ.

[ކަލޭ ނިންމާނީ ކޮންގޮތަކަށް ހެއްޔެވެ.]

ފޯނުގެ ރަނގަބީލުވާން ފެށުމާއިއެކު ރަމްލާ ދުވެފައިގޮސް ފޯނު ނަގައިފިއެވެ. އަނެއްކޮޅުން ޖައްޔިދާއެވެ. އޭނާ ވަރަށް ލޯތްބާއިއެކު ބުންޏެވެ.

[ރަމްލާއެވެ! އަހަރެން ދެކެ ރުޅިއައީ ހެއްޔެވެ؟]

ރަމްލާ އެންމެ ފުރަތަމަ އަޑަށް ހަރުކަށިކަން ގެނައެވެ. ދެން މަޑުމަޑުން ބުންޏެވެ.

[ނޫނެކެވެ.]

[އެހެންވީއިރު އެދުވަހުގެ ފަހުންމިކޮޅަށް ނާންނަނީ ކީއްވެގެން ހެއްޔެވެ. ފޯނެއްވެސް ނުކުރަމުއެވެ.]

[ޖައްޔިދާއެވެ. އިހަށްދުވަހު މުޢާޒު އަތުވެއްޖެއެވެ.]

[އެހެން ހެއްޔެވެ. އެކަމަކު އޭނާ އަންނާނީ އަންނަ މަހުންނޭ ބުނީމެއްނޫން ހެއްޔެވެ.]

[އާނއެކެވެ. އަހަރެން ބުނީ ރަނގަޅަށެވެ. އަހެންނަމަވެސް ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން މަސައްކަތް ނިމުމުން އަވަހަށް އައީއެވެ.]

[ރަމްލާ ނުފެންނަތާ ގިނަދުވަސްވުމުން އަވަހަށް އައީ ނޫންކަމެއްވެސް ނޭނގެއެވެ. ޙަޤީޤަތުގައިވެސް އޭނާ ރަމްލާދެކެ ވަރަށް ލޯބިއެވެ.]

ކުރީ ދުވަހުގެ ވާހަކަތައް ރަމްލާގެ ހަނދާނަށް އަންނަން ފަށައފިއެވެ. އޭނާ ލަދުގަތެވެ.

ޖައްޔިދާ ބުންޏެވެ.

[ރަމޫއެވެ. އަހަރެން މާފަށް އެދެންވެފާވެސް އެބައޮތެވެ.]

[ކޮންކަމަކާ ހެއްޔެވެ؟] ރަމްލާ ސުވާލުކުރިއެވެ.

[އެދުވަހު އަހަންނަށް ތެޅުނީ ކޮންކަހަލަ އަނގައެއް ކަމެއްވެސް ނޭނގެއެވެ. ރަމްލާ ފަދަ ވަފާތެރި އަންބެއްގެ ގާތުގައި އެކަހަލަ ވާހަކަތަކެއް ދެއްކުން އެއީ އަހަރެންގެ ކުށެވެ. އެކަމަކު އަހަރެންގެ ހިތުގައި ބައެއް ފަހަރު އުފެދެމުންދާ ޝުޢޫރަކީ އެކަކަށްވެސް އެނގޭނެ ޝުޢޫރުތަކެއް ނޫނެވެ. އެކަހަލަ ވިޔާނުދާ ވާހަކަތައް އަހަންނަށް ދެއްކެނީ އެކަހަލަ ވަގުތު ތަކުގައެވެ. އެދުވަހު އަހަރެން ދެއްކި ވާހަކަތަކުން ރަމްލާގެ ހިތަށް ދަތިކަން ލިބޭނެކަން ގައިމެވެ. އަހަރެން ގެއަށް އައިސް އިނދެގެންވެސް ވަރަށް ހިތާމަކުރީމެވެ. ރަމޫއެވެ. ކަލާނގެ ރަސްކަންފުޅަށްޓަކާ އަހަންނަށް މާފުކުރާށެވެ.]

ރަމްލާ ބުންޏެވެ.

[ޖައްޔިދާގެ ކުށް އިޙްސާސް ކުރެވުނުހިނދު އަހަރެންގެ ރުޅިގަނޑުވެސް މައިތިރިވެއްޖެ ކަމުގައި ހީކޮށްލާށެވެ.]

[ރަމޫއެވެ! މާތްރަސްކަލާނގެ ރަމޫ އަބަދުވެސް އުފަލުގައި ލަހައްޓަވާށިއެވެ. ރަމޫފަދަ ރަޙްމަތްތެރިއަކު ލިބުނީތީ އަހަރެން ފަޚުރުވެރިވަމެވެ. ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް އަހަރެން ނުދައްކާނަމެވެ.]

[ތިޔައީ ޖައްޔިދާގެ އޯގާވެރިކަމެވެ.] ރަމްލާ ބުންޏެވެ.

[ރަމޫއެވެ! އަދިވެސް އަހަރެންގެ ޙާލު ކިހިނެއްތޯ އަހައެއް ނުލަމުއެވެ.]

ޖައްޔިދާ ވަރަށް ޝައުޤުވެރިކަމާއިއެކު ބުންޏެވެ. އަހަންނަށް ހީވަނީ ރަމޫ އަދިވެސް ތިހިރީ އަހަރެންދެކެ ރުޅިން ހެންނެވެ.]

[އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟] ރަމްލާ ކުއްލިއަކަށް ސުވާލުކުރިއެވެ.

[އަހަރެން ބަލިވެއުޅޭތާ ދިހަދުވަސް ވެއްޖެއެވެ. ޑަކްޓަރު ބުނަނީ އެނދުގައި ނުތެދުވެ އޮތުމަށެވެ. އަރާމު ކުރުމަށެވެ.]

[ވީގޮތެއް ބުނެބަލާށެވެ؟]

[މިހާރު ދެން ހުރިހާ ވާހަކައެއް ފޯނުންބުނެވޭނީ ކިހިނެއް ހެއްޔެވެ؟ މިހެން އޮންނަތާ ބަރާބަރު ދިހަދުވަސް ވީއެވެ. ރަމްލާ ދެކޭހިތުންވެސް ކެތްކުރެވެނީއެއް ނޫނެވެ. ފޯނާ ހަމައަށް މިއައީވެސް ވަރަށް އުނދަގުލުންނެވެ. ނިކަން އައިސް އަހަންނާ ބައްދަލުކޮށްލަ ބަލާށެވެ.]

[މިހާރު.... މިވަގުތު ހެއްޔެވެ؟] ރަމްލާ ސިހިފައި ބުންޏެވެ.

[އާނއެކެވެ. އަންނާށެވެ!

[މިވަގުތު އަހަންނަކަށް ނުދެވޭނެއެވެ. މަންމަވީ އަވަށްޓެރި ގެއަކަށްގޮހެވެ. މެންދުރަށް މިއަދު ކައްކަނީ އަހަންނެވެ. މިވަގުތު ވަރަށް ދައްޗެވެ.]

[އެހެންހެއްޔެވެ.....؟ ޖައްޔިދާ ދެރަވެލާފައި ބުންޏެވެ.] އަހަންނަށް ހިނގާބިނގާ އުޅެވޭނެނަމަ ހިނގައްޖައިމުހެވެ. އެންމެ ރަނގަޅެވެ. ހަވީރު އާދެވިދާނެ ހެއްޔެވެ؟]

[ހަވީރު އަމުދުން ދެވޭކަށް ނޯންނާނެއެވެ. އެއީ މިދުވަސްކޮޅު މުޢާޒުއާ ބައްދަލުކުރަން އަންނަ މީހުން ގިނަ ކަމުންނެވެ. ގިނަމީހުން އަންނަނީ ހަވީރުގެ ވަގުތު ތަކުގައެވެ.]

[ރަމްލާއެވެ. ކަލާނގެ ރަސްކަންފުޅަށްޓަކާ އައިސްދޭށެވެ. އަހަރެންގެ ހިތުގައި ނޭނގޭ ބުރަދަނެއް ވާކަހަލައެވެ. ރަމްލާއާއި ބައްދަލުކޮށް މިބުރަ ލުއިކޮށްލުމަށް އަހަރެން ބޭނުމެވެ.]

ރަމްލާ ބުންޏެވެ.

[މަސައްކަތް ކުރާނަމެވެ.]

[ނޫނެކެވެ. ރަމޫއެވެ.] ޖައްޔިދާ ލޯތްބާއެކު ބުންޏެވެ. [އެހެންވިއްޔާ މާދަމާ މެންދުރު ކުރީގައި އަންނާށެވެ.]

[ކިހާއިރަކު ހެއްޔެވެ؟]

[ގާތްގަނޑަކަށް ދިހައަކާ އެގާރައާ ދެމެދުގެ ވަގުތެއް ރަނގަޅުވާނެއެވެ. އެވަގުތު ޔާދިރު އުޅޭނީ އޮފީހުގައެވެ. އަހަރެން މިއިންނަނީ ގޭގައި އެކަންޏެވެ.]

[އެންމެ ރަނގަޅެވެ.]

[ހިތާދެކޮޅަށް އެންމެ ރަނގަޅޭ ނުބުނާށެވެ..... ވަޢުދުވާށެވެ.]

[ދެވޭތޯ ބަލާނަމެވެ.]

[ކޮންއެއްޗެއް ބަލާކަށް ހެއްޔެވެ. މިރޭ މުޢާޒުގާތުން ހުއްދަ އަތުލާށެވެ. ހަމައެކަނި ދެގަނޑިއެއްހާ އިރަށެވެ. ރަމްލާ ބުނެފިއްޔާ މިއަދު ހަވީރު އަހަރެން މުޢާޒަށް ފޯނުކޮށް ހުއްދަ އަތުލަފާނަމެވެ.]

[ނޫނެކެވެ.....] ރަމްލާ ބުންޏެވެ. [އަހަރެން ވާހަކަ ދައްކަ ފާނަމެވެ.]

[ރަމޫއެވެ. އެންމެ ފަހަރަކު އަހަންނާ ބައްދަލު ކޮށްލާށެވެ. އޭގެ ފަހުގައި ފަހަރެއްގައިވެސް އުނދަގުލެއް ނުކުރާނަމެވެ.]

[އެންމެ ރަނގަޅެވެ.] ރަމްލާ ބުންޏެވެ.

[މާދަމާ އަހަރެން އިންތިޒާރު ކުރާނަމެވެ.]

[އާނއެކެވެ. އަހަރެން ދާނަމެވެ.]

ރަމްލާ މަޑުމަޑުން ފޯނުގެ އަތްގަނޑު ބާއްވައިފިއެވެ.

އޭނާގެ ހިތުގައި ޖައްޔިދާއާއިމެދު ރަޙުމް އުފެދިއްޖެއެވެ. ޖައްޔިދާ އެއުޅުނީ އަޖައިބެއްފަދަ ގޮތަކަށެވެ. އޭނާ ޔާދިރާއި ކައިވެނިކުރީ މައިންބަފައިންނާ ދެކޮޅަށެވެ. ބައެއްމީހުން ބުނާގޮތުގައި އޭނާ ޔާދިރާއި އެކުގައި ފިލީއެވެ. އެމީހުން ފިލައިގެން ބޭރު ޤައުމަކަށް ދިޔައީއެވެ. މިހާރު އެފަކީރު އެއުޅެނީ ކޮންފަދަ ޙާލެއްގައި ކަމެއްވެސް ނޭނގެއެވެ.

މުޢާޒު އައިދުވަހު ރަމްލާއާއި މަޢޫޒަށް ވަރަށްގިނަ ހަދިޔާ ގެނައެވެ. ގޭތެރޭގެ މާޙައުލުގައި އަނެއްކާވެސް ކައިވެންޏެއްގެ ކުލަވަރު ޖަހައިފިއެވެ. އެދުވަހު ރަމްލާ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ. މުޢާޒާއި ވާހަކަވެސް ދެއްކިއެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ފިރިމީހާ އެނބުރި އައުމުން އުފާވެރިކަމާއެކު ބައްދަލުކުރިއެވެ.

ފިރިމީހާ ބޭރުތަނެއްގައި ހުރެފައި އެނބުރި އަންނަހިނދު އަނބިމީހާގެ ނިދާފައިވާ ޖަޒުބާތުތައް ހޭލައިގަނެއެވެ. އޭނާގެ އުއްމީދުތައް އަލަތު އަންބަކަށް ވެދެއެވެ. ހިތުގެ ވަތްގަނޑު ތަކުގައި އުފާވެރިކަމުގެ ބައްތިތައް ދިއްލެއެވެ. އުފާވެރި ރޭގެ އަލިކަން އޭނާގެ ލޮލުން ފާޅުވާން ފަށައެވެ. ރެއަށް އިރުއޮއްސުމަށްފަހު ފިރިމީހާ ލަސްވި ވަރަކަށް ލޯބި އިތުރުވަމުން ދެއެވެ. ކެތްތެރިކަން ކުޑަވަމުން ދެއެވެ. އުއްމީދުތައް ދަގަނޑު ފަދައިން ހަރުވެގެންދެއެވެ. އަދި ނޭވާގެ މަޑު ދިލަފަށް ހުޅުފަޅާލައެވެ.

އެކަމަކު ރަމްލާއަށްވީ ކިހިނެއްކަމެއް ނޭނގެއެވެ.

ފުރަތަމަ އޭނާގެ ހިތް އެފަދަ ކަންތައްތަކަކަށް ނޭދެއެވެ. އެހެން ނަމަވެސް އެދުވަހު އޭނާ އިނީ ބިރުންނެވެ. އަމިއްލަ ކޮންމެ ޙަރަކާތެއްދެކެ ބިރުންނެވެ. ހިނިތުން ވެލާހިނދު ބިރުގަނެއެވެ. އެއީ ތުންފަތުގެ ޙަރަކާތްތަކުގެ ސަބަބުން ސިއްރު ފަޅާ އަރާފާނެތީއެވެ. ވާހަކަ ދައްކާއިރު ހުންނަނީ އިސްދަށަށް ޖަހައިގެންނެވެ. ގާތަށް އައިސް އިށީންނަހިނދު ހިތްހަމަ ނުޖެހުމުގެ ވަސްދުވާފާނެތީ ބިރުގަނެއެވެ..... ކައިރިއަށް ހިނގައި ގަންނަން ހީކޮށްލައިފިއްޔާ ފިޔަވަޅުތައް ހުއްޓެވެ.....

* މިއެޕިސޯޑްގައި ހިމަނާލެވިފައިވާނީ ވޭނީކަރުނަ ވާހަކައިގެ ސަފްހާ ނަމްބަރު 173 އިން 175 ހަމައަށެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


15

ޙައްވަ

19-Mar-2021

ޥާހަކަ ގެނެސްދޭމީހާ މަރުވީތަ


19

އާބި

15-Mar-2021

ކޮބާ ވާހަކަ ...ހާާދަ ލަހޭ


13

ޜިސާ

13-Mar-2021

ކޮބަ 58 ވަނަބައި



ޓްރެންޑިން