ޞާދިރު ޢަލީދީދީ   1 މާރިޗު 2021 - 12:54
ވޭނީކަރުނަ
ވޭނީކަރުނަ
53 ވަނަ ބައި

..................

ރަމްލާ ހެދުން ބަދަލުކޮށްލައިގެން ނުކުތްއިރު މަންމަ ތެދުވެގެން ހިނގައްޖެއެވެ. އަދި މިހާރު ޠޫބާ ދައްތަގެ އަޑެއްވެސް ނީވެއެވެ. މަންމަ ބޭރަށް ނުކުމެފައި މަނާކުރީ ކަންނޭގެއެވެ.

[މަންމައާ އެއްބަނޑު އަންހެނުންނާ ކިހާ ފަރަގެއް އެބަހުރި ހެއްޔެވެ.] ރަމްލާ ވިސްނާލިއެވެ. ދެން އެނދުގައި އޮށޯވެއްޖެއެވެ. މިއަދު އެމީހުން ވަރަށް މަޖާކުރިއެވެ. އެހެންކަމުން މިހާރު އޭނާގެ ހިތަށް ފިނިކަން ލިބެމުން ދަނީއެވެ.

ޔާދިރާއި އެކުގައި ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކޮށްލުމުން އެހާބޮޑަށް އޭނާ އެއުފާވަނީ ކީއްވެގެންކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ. ޔާދިރުގެ ކިބައިގައި ކޮންމެވެސް ކަހަލަ ޖާދުވީ ސިފަތަކެއްހުރީއެވެ. އޭނާގެ ގާތުގައި އިށީނުމުން ހުރިހާ ޚިޔާލުތަކެއް ބުރައިގެން ދެއެވެ.

އެމީހުން ބުރުޖަހަން ދާއިރު ކާރުދުއްވަން އިންނަނީ އަބަދުވެސް ޖައްޔިދާއެވެ. އެހެންކަމުން ރަމްލާއަށް ޖެހެނީ ކުރީސީޓުގައި އޭނާގެ ގާތުގައި އިނުމަށެވެ. ޔާދިރު އިންނަނީ ފަހަތު ސީޓުގައެވެ.... އޭނާ ފަހަތުގައި އިނދެގެން މަޑުމަޑުން ވާހަކަ ދައްކަމުން ދެއެވެ. ހީވަނީ ރަމްލާއާ ދިމާއަށް މީރުވަސްދުވާ މާތަކެއް އުކާ ހެންނެވެ.

އެންމެ ފުރަތަމަ ދުވަހު ޔާދިރު ކާރުގެ ފަހަތު ސީޓުގައި އިށީނުމުން ރަމްލާ އެނބުރިލާފައި ބުންޏެވެ.

[ދުރުވާށެވެ. ކުރިއަށް ދުރުވެ ޖައްޔިދާގެ ގާތުގައި އިށީންނަވާށެވެ.]

[ނޫނެކެވެ. ރަމްލާ ކުރީ ސީޓްގައި އިންނާށެވެ. އަހަރެން ފަހަތުގައި އިނދެގެން އުފާ ލިބިގަންނާނަމެވެ.]

[ޔާދިރު އިންނަވަންވާނީ އަންހެނުންގެ ގާތުގައެވެ.] ރަމްލާ ބުންޏެވެ.

[ރީތި ދެއަންހެން ކުދިންގެ ފަހަތުގައި އިނުމުން އަހަންނަށް އުފާ ޙާޞިލުވެއެވެ. އޭރުން މީހުން ހީކުރާނީ ރީތި ދެއަންހެން ކުދިންވެގެން އަހަރެން އުފާކުރުވަނީ ކަމުގައެވެ.]

އެއާއެކު ޖައްޔިދާ ބާރަށް ހީގަތެވެ.

[ޔާދިރުއެވެ. ތިޔަ އިންނަވަނީ ފަސޭހައަކަށް ކާރު ނުދުއްވަން ވެގެންނެވެ.]

[އާއެކެވެ.....] ޔާދިރު އޭނާގެ މަސްތު އަޑުން ބުންޏެވެ.] އަހަރެންގެ ކައިރީގައި ރީތި އަންހެން ކުއްޖަކު އިށީދެއްޖިއްޔާ އަހަރެންގެ ހިތް ތުރުތުރު އަޅައެވެ. އެފަދަ ޙާލެއްގައި ކާރުދުއްވަން އަހަރެން ބިރުގަނެއެވެ. ފަހަރެއްގައި އެކްސިޑެންޓެއްވެސް ވެދާނެއެވެ.]

[އެއްކަމެއްވެސް ނުވާނެއެވެ.] ޖައްޔިދާ ހުންގާނު އަނބުލާމުން ބުންޏެވެ.

މިދެމަފިރިންގެ ވާހަކަ މިހުންނަނީ ކިހިނެތްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ..... ރަމްލާ ވަރަށްގިނަ ފަހަރަށް ވިސްނައެވެ. އެމީހުން ބައެއް ފަހަރަށް ދެލޯބިވެރިން ފަދައިން ވާހަކަ ދައްކައެވެ. އެކަމަކު ޔާދިރު އިޝާރަތްކުރަނީ އަދި އެހެން ދިމާއަކަށެވެ.

އެއްދުވަހަކު ރަމްލާ ތައްޔާރު ވެލައިގެން އެމީހުންގެ ގެއަށް ދިޔައެވެ.... ޔާދިރު ވަރަށް ނަލަވެލައިގެން އިނެވެ. އެކަމަކު ޖައްޔިދާ އުޅެނީ އަދި ފެންވެރުމުގައެވެ. ވާހަކައިގެ ތެރެއިން ހިތްވަރުކޮށްފައި ރަމްލާ ބުންޏެވެ.

[ޔާދިރު މިހާތަނަށް ކިތައް މީހުންނާ ލޯބީގެ ގޮތުން ގުޅިއްޖައިން ތޯއެވެ؟]

ޔާދިރު ބާރަށް ހީގަތެވެ. އަދި ބުނަންފެށިއެވެ.

[ރަމްލާއެވެ. އަހަންނާމެދު ތިޔަގޮތަށްވެސް މިސްނަމުދޯއެވެ. އެކަމަކު އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އިންސާނާއަކީ ކޮން އެއްޗެއް ހެއްޔެވެ. އިންސާނާއަކީ ޤުދުރަތުގެ އަޖާއިބު ފުރާނައެކެވެ. މުޅި ޙަޔާތުގައިވެސް ތިމާއަކީ ކޮން ފެންވަރެއްގެ މީހެއްކަމެއް ނުވިސްނެއެވެ. ނިކަން އަހަންނަށް ދެކެބަލާށެވެ. އަހަރެން ޖައްޔިދާއާއި ރައްޓެހިވީ ޢުމުރުން ބާވީހުގައެވެ. އެ ޢުމުރަކީ އަވަސް އަވަހަށް ކަންތައްތައް ތިމާއަށް ފެންނަގޮތަކަށް ނިންމާލާ ދުވަސްވަރެވެ. މިހާރު އަހަރެންގެ ޢުމުރަކީ ބައްތިރީސް އަހަރެވެ. ލޯތްބަކީ ކޮން އެއްޗެއްކަން މިހާރު އަހަންނަށް އެނގިއްޖެއެވެ. އަހަރެން މިބުނަނީ އެންމެ ފުރަތަމައަށް ޖައްޔިދާ ދެކެ ލޯބިވެވުނު ކަމަށްޓަކައި ހިތާމަކުރާ ވާހަކައެއްނޫނެވެ. އާއެކެވެ. މިލޯބި އަހަންނަށް ނާކާމިޔާބު ވިޔަސް މިއަދު އަހަރެންގެ މިޖަޒުބާތުތަކާމެދު މަލާމާތް ކުރީމުހެވެ. ފިރިހެނެއްގެ ޙަޔާތުގައި ވަރަށްގިނަ މަރްޙަލާތައް އާދެއެވެ. އެއީ ފަހަރެއްގައިވެސް ގާއިމުވެ ހުންނަފަދަ މަންޒިލަކަށް ނުވެއެވެ. ފިރިހެނަކަށް ތެދުވެރި ލޯތްބެއް ވެވޭނީ ކޮން ޢުމުރެއްގައި ކަމެއް ޚުދު އޭނާއަކަށް ނޭނގޭނެއެވެ. އެހެންކަމުން އެންމެ ކައިރިން ފެންނަ މޫނަކީ އެމީހެއްގެ ލޯބިވެރިޔާ ކަމުގައި ވެދެއެވެ. އަދި އެއްދުވަހަކު.........]

މިހެން ބުނެފައި އޭނާ ސުއްޓާ ދަމާލިއެވެ. އިރުކޮޅެއް ވަންދެން މަތި ބަލަހައްޓައިގެން އިނެވެ.... ދެން އަނެއްކާވެސް ރަމްލާގެ ލޮލަށް ބަލާލިއެވެ.

[ޖައްޔިދާ ހާދަބޮޑަކަށް ލަސްވެއްޖެއެވެ.] ރަމްލާ ބުންޏެވެ.

[ރަމްލާ ވަރަށް ރަނގަޅަށް ވާހަކައިގެ މިޞްރާބު ބަދަލުކޮށްލަން ދަންނަމުއެވެ.] ޔާދިރު ބުންޏެވެ.

[ޔާދިރު ވާހަކަ ތިޔަދައްކަވާ ގޮތުން އަޅުގަނޑަކަށް އެކައްޗެއްވެސް ނުވިސްނެއެވެ. ވީއިރު ދެވެނީ ކޮން ޖަވާބެއްތޯއެވެ.]

[ރަމްލާއެވެ.] ޔާދިރު ވަރަށް މަޑުމައިތިރި ކަމާއެކު ބުންޏެވެ.] ތިޔަގޮތަށް ގޮތްދައްކަނީ ކީއްވެގެން ހެއްޔެވެ؟ ރަމްލާއަކީ ދުނިޔޭގައިވާ އެންމެ ތެދުވެރި އިންސާނާ ކަމުގައި ދެކެނީ ހެއްޔެވެ؟]

ރަމްލާ ހޭން ފަށައިފިއެވެ.

[ޔާދިރުގެ ނަޒަރުގައި އަޅުގަނޑު ގޮތްދައްކާ ކަމުގައި ވަނީނަމަ އަޅުގަނޑުގެ ބަސް ޤަބޫލުނުކުރައްވާށެވެ. އަޅުގަނޑަކީ އިންތިހާ ދަރަޖައިގެ މައްކާރު އަންހެނެއް ކަމުގައި ހީކުރައްވާށެވެ.]

[ނޫނެކެވެ.....] ޔާދިރު ސުއްޓާގެ އަޅި ކަނޑާލަމުން ބުންޏެވެ.

[މަކަރުވެރި އަންހެނުންނަކީ ރަމްލާ ކަހަލަ އަންހެނުންނެއް ނޫނެވެ. ޙަޤީޤަތުގައިވެސް ރަމްލާއަކީ ކުށެއްނެތް މަޢުޞޫމު އަންހެން ކުއްޖެކެވެ. އެކަމަކު ބައެއް ފަހަރަށް ރަމްލާގެ މަޢުޞޫމުކަމާ ތެދުވެރި ކަމާމެދު އަހަރެން ރުޅި އާދެއެވެ.]

އަހަރެންގެ ތެދުވެރި ކަމާމެދު ކަލޭ ރުޅިއަންނަނީ ކީއްވެގެން ހެއްޔެވެ؟ އޭގައި އޮތީ ކޮންޙައްޤެއް ހެއްޔެވެ. ޔާދިރާއި ދިމާއަށް މިހެންބުނެފާނަމޭ ރަމްލާ ހިތަށް އެރިއެވެ.

އެކަމަކު ވާހަކަ ދިގުކުރާކަށް އޭނާ ޤަޞްދެއް ނުކުރިއެވެ.

[ރަމްލާއެވެ.] އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ޔާދިރު ބުންޏެވެ.

[ރަމްލާގެ ޚިޔާލު އަހަންނަށްނޭގޭތީ އަހަރެން ވަރަށްހިތާމަކުރަން ޖެހެއެވެ. އެކަމަކު ތިޔަ ވާހަކަ ދެއްކުންގަނޑު ފެންނަނީ ވަރަށް މަދުންނެވެ. ރަމްލާ އަހަންނަށް ސިޓީ ލިޔެފާނަން ހެއްޔެވެ؟]

ޔާދިރު މިހެންބުނުމުން މުޢާޒު މިމަހު ފޮނުވާފައިވާ ސިޓީއަށް ޖަވާބު ނުދެވޭ ހަނދާން ރަމްލާއަށް ކުރެވުނެވެ.... އޭނާ ހީނގަތެވެ. [ކޮންކަމަކާ ގުޅޭގޮތުން ތޯއެވެ؟]

[ގަލަމުގެ ރައްޓެހިންނަށް ސިޓީ ފޮނުވާ ފަދައިންނެވެ. ނުވަތަ ރައްޓެހި ރަޙްމަތްތެރިން އެކަކު އަނެކަކަށް ސިޓީ ފޮނުވާ ބީދައިންނެވެ.]

[އެހެންތޯއެވެ. ތިޔަ އުޅުއްވަނީ ތިޔަގޮތުން އަޅުގަނޑު ބަދުނާމުކުރަން ތޯއެވެ؟ ތިޔަގޮތަށް ސިޓީލިޔެގެން އުޅެނިކޮށް މީހަކަށް ފެނިއްޖިއްޔާ ބުނާނީ ކީކޭތޯއެވެ.]

[ފެންނާނީ ކާކަށް ހެއްޔެވެ. އަހަރެން ޖައްޔިދާ ގާތުގައި ބުނެފާނަމެވެ. ދެން އެކަމާދެކޮޅުހަދާނީ ކާކު ހެއްޔެވެ؟ އަހަރެންގެ އަތުން ސިޓީ ގެއްލި ނުވަތަ މީހެއްގެ އަތަށް އަރާފާނެ ކަމުގައި ހީވަންޏާ ރައްކައުތެރިކަމުގެ ފިޔަވަޅުވެސް އެޅިދާނެއެވެ.]

ރަމްލާ ހިމޭނުން ހުއްޓެވެ. ކުޑަ އިރުކޮޅަކަށްފަހު އަނެއްކާވެސް ޔާދިރު ބުންޏެވެ.

[ބޭންކް މެނޭޖަރަކީ އަހަރެންގެ ރައްޓެއްސެކެވެ. އޭނާގެ އެހީގައި ބޭންކުން ކުޑަވަރެއްގެ ތިޖޫރީއެއް ހޯދާނީއެވެ.]

ރަމްލާގެ ނަޒަރުގައި މިއީ ވަރަށް އަޖައިބު ކުރުވަނިވި ވާހަކައެކެވެ. އޭނާ ޙައިރާންވެފައި ޔާދިރުގެ މޫނަށް ބަލަން ފަށައިފިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނެއެވެ. މިސިޓީގެ ގުޅުމަކީ ކޮންބޭނުމެއްހުރި ކަމެއްހެއްޔެވެ.... މިއަށްވުރެ ގިނައިން އެމީހުންނާ ބައްދަލުކުރަން ބޭނުންވިޔަސް ބައްދަލު ކުރެވިދާނެއެވެ. އޭނާ މުޢާޒަށް ފޮނުވަން ސިޓީ ލިޔަނީވެސް ވަރަށް އުނދަގުލުންނެވެ. އޭނާއަށް ސިޓީލިޔަންވެސް ނޭގެނީ ކަންނޭގެއެވެ....

[ތިޔަ ވިސްނަނީ ކޮނއެއްޗެއް ހެއްޔެވެ؟]

[ޔާދިރު މަޑުމަޑުން ބުންޏެވެ.] އަހަރެން މިދެއްކީ ވަރަށްބޮޑު ވާހަކައެކެވެ. އަހަރެން ވިސްނީމެވެ.... ޙަޔާތް ވޭތުކޮށްލުމަށްޓަކާ ކޮންމެވެސް ކަހަލަ އުޖޫރަ އެއްވެސް އޮންނަން ވާނެއެވެ. ބައެއް ފަހަރަށް ޙަޔާތުގައި ދިމާވާ ކަންތައްތަކުން ވަރުބަލިކަމެއް ލިބޭ ހިނދު ރަމްލާގެ ސިޓީތަކުން އުފަލެއް ޙާޞިލު ކުރެވިދާނެއެވެ.....]

ރަމްލާއަށް އަދި ޖަވާބެއްނުދެވި އުޅެނިކޮށް ދޮރުހުޅުވިއްޖެއެވެ. އެއާއެކު ޖައްޔިދާ ނަލަހެދިގެން ނުކުމެއްޖެއެވެ.

[އަސްތާއެވެ! މިއޮށްއައީ ނީލަމްޕަރީއެވެ.] އޭނާ ލައިގެންހުރި ނޫކުލައިގެ ހެދުމަށް ބަލާލާފައި ރަމްލާ ބުންޏެވެ.

[ޖައްޔިދާއެވެ! ވަރަށްބޮޑަށް ލަސްވެއްޖެއެވެ. އަވަހަށް ހިނގާށެވެ. މިހާރު ފިލްމު ފެށެން އުޅެނީއެވެ.]

ޖައްޔިދާ ދަބަސް ނަގައިފިއެވެ. ދެން ތިންމީހުން އެކުގައި ބޭރަށް ނުކުމެއްޖެއެވެ.

އަނެއްކާވެސް އެހެން ދުވަހެކެވެ. ރަމްލާ އިނީ ކާރުގެ ކުރީ ސީޓްގައެވެ. އޭނާ ރަންކުލައިގެ ދިހުންއަރާ ދިގު އިސްތަށިގަނޑު އޮތީ ގޮނޑީގެ ފުރަގަހަށް ދޫކޮށްލާފައެވެ. ޔާދިރު ފަހަތު ސީޓުގައި އިނދެފައި ފިނި ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

[ޖައްޔިދާއެވެ. ރީތި ދިގު އިސްތަށިގަނޑު ލިބިފައިވާމީހުން އެމީހުންގެ އެ އިސްތަށިގަނޑު ވަޔަށް ދޫކޮށްލާފައި އެބާއްވަނީ ކީއްވެގެން ހެއްޔެވެ؟]

[އަޅުގަނޑަކަށް ނޭނގެއެވެ....] ޖައްޔިދާ ހީނލާފައި ބުންޏެވެ. [އެއްވެސްދުވަސް ވަރެއްގައި އަޅުގަނޑުގެ އިސްތަށިގަނޑަކީ ދިގު އިސްތަށިގަނޑެއް ނޫނެވެ. ވީއިރު އަޅުގަނޑަށް އެނގޭނީ ކިހިނެތްތޯއެވެ؟]

[އެއީ އެމީހުންގެ ފަހަތުން އެއިސްތަށިގަޑަށް ދަހިލަވައިގެންއުޅޭ މީހުންގެ ލޯތައް ހުޅުވުނު ނުދިނުމަށްޓަކައެވެ.]

ރަމްލާގެ ހިތް ތެޅިގަތެވެ. އޭނާގެ އިސްތަށިގަނޑު ވަރަށް ރީތި ކަމުގައި އޭނާއަށް އިޙްސާސް ކުރެވުނެވެ. އަދި އޭނާގެ ފުރަގަހުން އެ އިސްތަށިގަނޑު ދުށް ކޮންމެ މީހަކު ކުރިމައްޗަށް އަރާފައި މޫނަށް ބަލާނެކަން ގައިމެވެ.....

[އަދި އެހެން ޚާއްޞަކަމެއް އެމީހުންގެ ކިބައިގައިވެއެވެ.]

ޔާދިރު އަނެއްކާވެސް ބުންޏެވެ.

[ރަމްލާއެވެ. މިއަދު ޙަމަލާ އެއަންނަނީ ރަމްލާއާ ދިމާއަށެވެ.] ޖައްޔިދާ އެއްލޯ މަރާލަމުން ބުންޏެވެ.

ރަމްލާ ހަމައެކަނި ހިނިތުންވެލިއެވެ.

ދިވެހިބަހަށްގެނައީ: މުޙައްމަދު ރަޝީދު، ގައްދޫ *********************** ގައްދޫ މުޙައްމަދު ރަޝީދުގެ މިހިތްގައިމު ވާހަކަ "ވެނީކަރުނަ" އެއްފަހަރާ ވިދާޅުވާން ބޭނުންފުޅުނަމަ މާލޭގައި ހުންނަ އަސްރަފީ ބުކްޝޮޕުން މިފޮތް ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން