[ހަމަ ތެދެއް! ކިހާ ދުވަހެއް ވެދާނެ. ތި އަޑުތަކެއް އިވޭތާ؟] ވަރުދާ ނިކަން ހާސްވެއްޖެއެވެ. އެކަހަލަ ކަންތަކަކީ، އެ ޢުމުރުގެ މީހުން ވަރަށް ހާސްވެ ކަންބޮޑުވާނޭ މައްސަލައެކެވެ. ވުމާއެކުވެސްމެއެވެ. ފަންޑިތަވެރިޔަކު ހޯދުމަށް، ވަރުދާ އަވަސް އަރައިގަތީ، ފަރީދާ ގާތުވެސް އެވާހަކަ ކިޔައިދީފައެވެ.

ފަރީދާއަކީވެސް ވަރުދާއާ އެއް ޚިޔާލެއްގެ އަންހެނަކަށްވުމުން، އޭނާވެސް ލަފާދިނީ އަވަހަށް އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމަށެވެ.

[ވަރުދާ...ތިކަހަލަ ކަންތަކުގައި އަޅާނުލާ ތިބެގެން ފަރުޖައްސައިގެން ނުވާނެ. ފިކުރީއާއި ޙަސަން އެބަ ދައްކާ، މާދަމާ ފުރާ ވާހަކަ... އޮފީސް ބައްދަލުވުމެއް ކުއްލިއަކަށް ބޯމަތިވިއްޔޯ....އެކަމަކު އަހަރެން ދާނީ ދުވަސްކޮޅަކު މިރަށުގައި މަޑުކޮށްލާފަ....] ފަރީދާ ބުންޏެވެ.

[ދެން މައްސަލައެއް ނެތް...ފަރީދާ ބުނަންތަ، އަހަރެން ވަރަށް އެބަ ހާސްވޭ...ތުއްތުމަނިކު ގާތަށް ގޮސްލަން ދަމާ...އެކަހަލަ ފަންޑިތަވެރި ކަމަށް އެންމެ މޮޅުވާނީ ތުއްތުމަނިކު.] ވަރުދާ ހިނގައިގަތެވެ. ފަހަތުން ފަރީދާވެސް ހިނގައިގެންފިއެވެ.

[އެގެ ފަޅަށްހުރެ ގިނަ ދުވަސްވީމާވެސް އެހެންވެދާނެ. އެސޮރުމެން އެގެޔަށް ބަދަލުވީ ދުވަހުވެސް ޒައިދުމެން ޖިންނި އުޅޭނޭ ކިޔާފައި ނިކަން ދިމާވެސްކުރިއޭ.] ވަރުދާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

[ހިނގާލާފައި ތިޔަދަނީ....ކިހާ ހިސާބެއްގައި ހުންނަ ގެއެއްތަ އެއީ؟] ފަހަތުން ދަމުން ފަރީދާ އެއްސެވެ.

[މިރަށުގެ ކޮންމެ ހިސާބެއްގައި ހުއްޓަސް ދުރެއް ނުވާނެއެއްނު. ހިނގައިގަތީމާ އިސާހިތު ދެވިދާނެ.]

[ކޮންތާކަށް؟] މަލީޙާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ޒައިދާއެވެ. އޭރު މޯބައިލް ފޯނުން ޒައިދު ރިޝްފާނާ ވާހަކަ ދައްކަނީއެވެ.

[އައިސްބަލާށޭ ރިޝްފާން ބުނެގެން، އެގޭދޮށަށް މިދަނީ....މާލަހެއްނުވެ އެބަ އަންނަން...] ފޯނު ޖީބަށްލުމަށްފަހު ޒައިދު ހިނގައިގެންފިއެވެ.

[ސައިބޮއިގެނެއް ނޫންތަ ދާނީ....] ޒައިދު ހިނގައިގަތީމާ މަލީޙާ ގޮވާލިއެވެ. ރިޝްފާން ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައިވާހެން ހީވެޔޭ ބުނެފައި، ޒައިދު ސައިބޯން މަޑުނުކޮށް ހިނގައިގެންފިއެވެ.

[އަހަރެންވެސް ދަންތަ؟] ޒައިދު މަޑުނުކޮށް ހިނގައިގަތީމާ، އަނެއްކާވެސް މަލީޙާ ވާހަކަ ދެއްކިއެވެ.

[ނޫން، މަލީޙާ މަޑުކުރޭ. މާލަހެއްނުވާނޭ.] ފަސްއެނބުރި ބަލައިލުމަށްފަހު، މިހެން ބުނެފައި ޒައިދު ގެއިން ނިކުމެއްޖެއެވެ.

ވަރުދާއާއި ފަރީދާ ތުއްތުމަނިކުގެ ގެޔަށް ދިޔައިރު އޭނާ ކޮންމެވެސް މަސައްކަތެއްގައި އަވަދިނެތި އުޅެއެވެ.

[އައްސަލާމް ޢަލައިކުމް....] ދޮރުމައްޗަށް ހުއްޓި ވަރުދާ ސަލާމް ގޮވާލިއެވެ. ތުއްތުމަނިކު ސަލާމް ބަލައިގަތުމަށްފަހު، އެތެރެޔަށް ވަނުމަށް އިޝާރާތްކުރިއެވެ.

[ވަރުދާ ކޮންކަމަކު...؟] ވަރުދާމެން އިށީނދެ ހަމަޖެހިލީމާ، ތުއްތުމަނިކު އެއްސެވެ. ވަރުދާ އަވަހަށް އޭނަ އައި ބޭނުން ތުއްތުމަނިކު ގާތު ބުނެފިއެވެ.

[ތިޔައީ އެއްވެސް ކަމެއް ނޫން...ބޭނުމަކީ ގޭތެރެ އަމާންކޮށްލުމެއްނު...ދޯ؟] ވަރުދާގެ ވާހަކަތައް ކަނުލާ އަޑުއެހުމަށްފަހު، ތުއްތުމަނިކު ބުންޏެވެ.

[އާނ، މައްސަލައަކީ ގޭތެރެއިން އެއިވޭ ނާމާން ޒާތްޒާތުގެ އަޑުތައް...] ވަރުދާ ބޯޖަހާލިއެވެ. ތުއްތުމަނިކު ބުނީ، ހަތަރު ލޯފޮތި އޭނާ ލިޔެދޭނޭ ކަމަށާއި، އޭނާ ބުނާ ވަގުތާއި ސާޢަތު ބަލާފައި، ގޭގެ ހަތަރުކަނުގައި އެ ވަޅުލުމަށެވެ. އޭގެފަހުން އެގޭތެރޭގައި އެއްވެސް ނާމާންކަމެއް ނުހިނގާނޭ ކަމުގެ ޔަޤީންކަންވެސް ތުއްތުމަނިކު ދިނެވެ.

[ތިއުޅެނީ އަހަންނަށް މިގެއަށް ނުވަދެވޭގޮތް ހަދަންތަ؟ އަހަންނަށް ގޮތް ހުސްނުވާނެކަން ހަނދާންކުރާތި....] ޒައިދާ ވާހަކަ ދައްކަންހުރި ރިޝްފާންގެ ކަންފަތްބުޑުން ޝަބްނަމްގެ އަޑުއިވި އޭނާ ސިހުނެވެ. އޭރު ރިޝްފާން ވަނީ ޒައިދަށް ޝަބްނަމްގެ ހުރިހާ ވާހަކައެއްވެސް ކިޔައިދީފައެވެ. ޒައިދު އިނީ ހިސާބަކަށް ބިރުވެސްގެންފައެވެ.

[މިހުރިހާ ދުވަހު ކީއްވެތަ، ތިކަންތައް އަހަންނަށް ސިއްރުކުރީ....ރިޝްފާން ތިކިޔާދިން ގޮތުން ރިޝްފާޔަކީ ރިޝްފާނާ އޭތީގެ ދަރިއެއްދޯ؟] ޤަބޫލުކުރަން ދަތިވެފައި ހުރެމެ ޒައިދު އެއްސެވެ.

[އާނ، އޭނަ ބުނަނީ އެހެން. އެކަމަކު އިންސާނަކާ ރޫޙާނީ ބާރެއްގެ ގުޅުމަށް ދަރިޔަކު އުފަންވާނެއެކޭ، އަހަރެންގެ ހިތެއް ނުބުނޭ. ޒައިދު....މިހާރުވެސް އޭނަ މިތަނުގައި އަހަރެމެންގެ ވާހަކަ އަޑުއަހަން އެބައިން.] ރިޝްފާނު ބުންޏެވެ.

ޒައިދުގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ރިޝްފާން ބިރުނުގަތަސް، ޒައިދު އެހުރީ ފިސާރި ބިރުގެންފައެވެ.

[ރިޝްފާން...އަވަހަށް ވަރުދާއްތަޔާ ގުޅައިގެން ތިޔަކަމުން މިންޖުވޭތޯ އުޅޭ...ތިޔައީ ނިކަން ނުރައްކާތެރި މައްސަލައެއް. ޚާއްޞަކޮށް، ރިޝްފާނަށް އޭއްޗާއެކު ގުޅުން ހިނިގިފައިވުން އެއީ ބޮޑު ނުރައްކަލެއް. މުސްކުޅިން ބުނާތީ އަހަމު...ރޫޙާނީ އެއްޗަކު އިންސާނަކާ ގުޅުން ހިންގައިފިއްޔާ، އެމީހެއްގެ ފަހަތުން އޭއްޗެއް ނުފިލާނެޔޭ.] ޒައިދު ވަށައިގެން ހޯދަން ފަށައިފިއެވެ.

[ގުޅުން ހިންގިފައިވަނީ، އެއްފަހަރު ދެފަހަރެއް ނޫން....އެތައް ބައިވަރު ފަހަރު... މާޔާ މަރާލާނޭ ކަމަށް ބުނެވެސް އަހަންނަށް އޭތި އެބަ ބިރުދައްކާ. މަންމަމެނަށް މިވާހަކަ ފަށައިގެން ކިޔައިދޭންވީބާއޭވެސް ހިތަށްއަރާ...] ރިޝްފާން ބޯކަހާލިއެވެ.

[މަންމައަށް ކީއްކުރަން، ބައްޕައަށާއި ރަށުގެ ރައްޔިތުންނަށް ކިޔާދިނަސް، އަހަރެން ކިބައިން ސަލާމަތެއް ނުވެވޭނެ....އަހަންނަށް ބޭވަފާތެރިވެގެން އުފަލުގައި އުޅުނަކަނުދޭނަން...އަހަންނަކީވެސް މިހާރު ނުބައި ނުލަފާ މީހަކަށް ރިޝްފާން ހަދާލައިފި....ދެން އަހަރެން ހުންނާނީ އެގޮތުގައި....]

ކުއްލިއަކަށް ޝަބްނަމްގެ އަޑުއިވުނެވެ. މިފަހަރުވެސް އަޑުއިވުނީ، އެކަނި ރިޝްފާނަށެވެ. އެ އަޑު އައިހެން ހީވީ އޭނަގެ ކުރިމަތީގައި ހުރި ޒައިދުގެ ގައިތެރޭންނެވެ. ވުމާއެކު، މިފަހަރު ރިޝްފާނަށް ބަލައިލެވުނީ ޒައިދުގެ ލޮލަށެވެ. ޒައިދުގެ ސިފައިގައި ޝަބްނަމް އޭނާގެ ކުރިމަތީގައި ހުރީބާއޭ ހިތަށްއަރާފައެވެ.

[ކިހިނެއްވީ؟ އަހަންނާ ދިމާޔަށް ހާދަހާ ފާޑަކަށް ތިބަލަނީ.....] ރިޝްފާންގެ ކޮނޑުގައި ޒައިދު އަތުން ޖަހާލިއެވެ.

[ތީ އަނެއްކާ ޒައިދުތަ؟] ރިޝްފާން އެހުރި ގޮތަށް ޒައިދުގެ މޫނަށް ބަލަން ހުރެމެ އެއްސެވެ.

[ޒައިދެއް ނޫން...ޝަބްނަމް...ދުއްވައިގަނޭ. އަވަހަށް މިހާރު ގެޔަށް ވަންނައިރު، މާޔާ ދުނިޔެއަކު ނުހުންނާނެ...އޭނަގެ މަޤާމުގައިވެސް ހުންނާނީ ޝަބްނަމް.] މިފަހަރުވެސް އަޑުއައީ ޒައިދުގެ ގައިތެރެއިން ކަހަލައެވެ. ރިޝްފާން ހިސާބަކަށް ބިރުގަތެވެ. ނަމަވެސް، އޭނާ ދުއްވައެއްނުގަނެއެވެ.

[ރިޝްފާން....މިތާނގައި ޝަބްނަމް ހުރީތަ....ކިހިނެއްތަ މީހާޔަށް ތިޔަވަނީ....އަހަރެން މިދަނީ....ވަރުދާއްތަ ގާތު ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދެން....] ރިޝްފާންގެ ދެކޮނޑުގައި ހިފާ ޒައިދު އަނެއްކާވެސް ތަޅުވައިގަތެވެ.

[ނޫނޭ...ޒައިދު...އަދި މަންމައަށް އެވާހަކަ ކިޔައިދޭނޭ ކަމެއްނެތް. މަންމަ މޮޔަވެދާނެ.] ޒައިދު ހިނގައިގަންނަން އުޅުމުން، ޒައިދުގެ އަތުގައި ރިޝްފާން ހިފިއެވެ.

[ޒައިދު....މިހާރުވެސް އެ ޝަބްނަމް މިތާހުރެ އަހަންނާ އެބަ ވާހަކަ ދައްކާ. ބިރުވެރި އިންޒާރުތައް އެބަދޭ....އޭނަގެ އަޑު އަންނަހެން ހީވަނީ ޒައިދުގެ ހަށިގަނޑު ތެރެއިން....] ރިޝްފާން ބުންޏެވެ.

ޒައިދުގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ގަތް ބިރެއްގެ ސަބަބުން މީހާ އެކަށް ރޫރޫއަޅަން ފަށައިފިއެވެ.

[ތިޔަވަރުވާއިރުވެސް ރިޝްފާން ތިއުޅެނީ ތިކަން ވަންހަނާ ކުރަން. ތިޔައީ ރަނގަޅު ގޮތެއް ނޫން.....] ނިކަން ބިރުގެންފައި ހުރެ ޒައިދު ބުންޏެވެ. ރިޝްފާން ހިނގައިގަތީ އަވަހަށް ގެޔަށް ވަންނާށެވެ. މާޔާ މަރާލާނޭ ކަމުގެ އިންޒާރު ޝަބްނަމް ދިނީމައެވެ.

[މިހާރުވެސް އޭނަ އެނބުނީ މާޔާ މަރާލާނޭ ކަމަށް....] ރިޝްފާން ހިނގައިގަތެވެ. ފަހަތުން ޒައިދުވެސް ހިނގައިގެންފިއެވެ.

[ކިތަންމެ ބާރަށް ދިޔަޔަސް މާޔާ ސަލާމަތެއް ނުކުރެވޭނެ...މަރާލާނީވެސް ހިތްދަތިވާ ގޮތަށް ދަންޖައްސާފައި....އެތެރެއަށް ނުވަދެ ފުރަތަމަ ހިނަވާނޭ މީހުނާއި ސަންދޯއް ޖައްސަންދޭ....] މިފަހަރު އަޑުއައީ ރިޝްފާނާ ދާދި ގާތުންނެވެ. މަޑުމަޑުން ޝަބްނަމް އޭނާގެ ކޮނޑުގައި ހިފެހެއްޓިހެންވެސް ހީވިއެވެ. ރިޝްފާން ހުއްޓުނެވެ. ކުރިން ޝަބްނަމްގެ އަޑުތަކަށް އޭނާ ބިރުނުގަތަސް، މިހާރު އޭނާ އެހުރީ ފިސާރި ބިރުގަނެ، ނިކަން ހާސްވެ ކަންބޮޑުވެފައެވެ.

[މަޑުނުކޮށް އަވަހަށް ގޮސް ހިނަވާނޭ މީހުން ހޯދައިގެން އާދޭ....ކިތަންމެ އަވަހަށް ކޮޓަރިއަށް ވަނަސް، ފުރާނަ ހުއްޓަކާ މާޔާ ނުފެންނާނެ.] ދެން އިވެން ފެށީ އިންތިހާއަށް ނާމާން ހުނުމެއްގެ އަޑެވެ. މިފަހަރު ޚުދު ޒައިދަށްވެސް އެ އަޑު އިވެން ފެށިއެވެ. ޒައިދުގަތީ އަމަށަކު ބިރެއް ނޫނެވެ. ރިޝްފާންގެ އަތުގައި ހިފައިގެން އޭނާ ގެޔަށް ވަންނަން ހިނގައިގަތީ ނިކަން ބާރަށެވެ.

މާޔާއަށް ގޮވަމުންނެވެ.

[އޯއި....ކިހިނެއްވީ މާވަރަކަށް ތި ގޮވަނީ؟ އަނެއްކާ ކޮންފަދަ ކަމެއް ލައިގަތީތަ!؟] ކޮޓަރިން ނުކުންނަމުން މާޔާ ވާހަކަ ދެއްކިއެވެ. ރިޝްފާނަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ.

[މާޔާ...ކޮބައިތަ ދަރިފުޅު؟] ރިޝްފާން ވިސްނީ ޝަބްނަމް އޭނާގެ ދަރިފުޅަށް ގެއްލުމެއް ދީފާނޭ ކަމަށެވެ.

[އެސޮރު އެބައޮތް ނިދާފަ....ކިހިނެއްވީ!؟] ހާސްވެ ކަންބޮޑުވެފައިވާ ރިޝްފާނަށާއި ޒައިދުގެ މޫނަށް ބަލައިލަމުން، މާޔާ ޙައިރާންވެފައިވާފަދަ ގޮތަކަށް އެއްސެވެ.

ރިޝްފާން މާޔާއަށް ޖަވާބުދިނުމަކާ ނުލާ އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަނެވެ. ދަރިފުޅާ ދިމާއަށް ބަލައިލުމަށްފަހު ހިތްހަމަޖެހުމުގެ ނޭވާއެއްލީ ވަގުތަކީ، ވަރުދާއާއި ފަރީދާ ތުއްތުމަނިކާއެކު އެގެޔަށް އައިސް ވަން ވަގުތެވެ.

ތުއްތުމަނިކު އެގެޔަށް ވަނުމާއެކު، ރިޝްފާނަށް ހަމަޖެހުން ލިބުނެވެ.

ނަމަވެސް މަންމަ ރިޝްފާ ކޮބައިހޭ އަހައިފިނަމަ، ދޭނޭ ޖަވާބަކާމެދު އޭނާ ވިސްނަން ޖެހުނެވެ. ވުމާއެކު، ތުއްތުމަނިކުބޭގެ (ތުއްތުމަނިކުތަ ބޭތަ؟) މަސައްކަތަށް ތަންދީފައި ޒައިދު ގޮވައިގެން ރިޝްފާން އެއްފަރާތަށް ޖެހިލިއެވެ.

[މަންމަ ރިޝްފާ ކޮބައިހޭ އަހައިފިނަމަ، ކޮން ޖަވާބެއްތަ އަހަރެން ދޭނީ؟] ރިޝްފާން ޒައިދުގެ ލަފަޔަށް އެދުނެވެ.

[ބުނޭ....އޭނަވީ މަލީޙާ ގާތުގައޭ....އޭރުން މިވަގުތަށް ފުއްދާލެވިދާނެ....ފަހުން ހުރިހާ ޙަޤީޤަތެއްވެސް ވަރުދާއްތަމެނަށް ކިޔައިދޭންވާނެ.] ޒައިދު ޚިޔާލުދިނެވެ.

[އޭރުންނޯ!؟ މާޔާ އަހަންނާމެދު ދެކޭނީ ކިހިނެއް؟ އަހަރެން ބޭނުމެއް ނޫން، އެއްވެސް މީހަކަށް އެވާހަކަ ކިޔައިދޭކަށް....] ރިޝްފާންގެ ބޯހާސްވާން ފެށިއެވެ.

[މާޔާ ކޮންމެ ގޮތަކަށް ދުށްޓަސް، ޙަޤީޤަތާ ކުރިމަތިލާ ތިކަމުން މިންޖުވުމަކީ ވާނޭ ކަމެއް ނޫން.] ޒައިދު ބުންޏެވެ. ނަމަވެސް ޙަޤީޤަތާ ކުރިމަތިލުމަކީ ރިޝްފާނަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވާނެއެވެ.

ޙަޤީޤަތާއެކު ދައްކަންޖެހެނީ ލަދުވެތި ވާހަކަތަކެކެވެ.

[ޒައިދު....މިރަށު މީހުން އަހަންނާ ދިމާއަށް ޖިންނި އަވަލާފައިވާ މީހެކޭ ކިޔަން ފަށާފާނެއެއްނު....އަހަރެން ބޭނުންވަނީ، އެއްވެސް މީހަކަށް މިކަން ނާންގާ އޭތީގެ ދުވަސް ދުއްވާލަން. ރިޝްފާއަކީ އަހަރެންގެ ދަރިއެކޭ އޭނަ ބުންޏަސް، ކިހިނެއް އެކަން އަހަރެން ޤަބޫލުކުރާނީ....އިންސާނެއްގެ ދަރިޔަކު ރޫޙާނީ އެއްޗެއްގެ ބަނޑުން އުފަންވެދާނޭ ކަމަށް ޒައިދު ޤަބޫލުކުރަންތަ؟ ހަމަގައިމުވެސް އަހަންނަކަށް ޤަބޫލެއް ނުކުރެވޭ....އެވާނީ އަހަރެން ބަނދެލަން ޝަބްނަމް ބޭނުންކުރާ ހަތިޔާރަކަށް....] ޝަބްނަމަކަށް ރިޝްފާން އިތުބާރެއް ނުކުރެއެވެ.

[ރިޝްފާން ތިބުނީވެސް ރަނގަޅު ވާހަކައެއް....އިންސާނަކާ ހަންޑިއެއްގެ ގުޅުމަކުން ދަރިޔަކު އުފަންވެދާނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ.] ޒައިދުވެސް ރިޝްފާންގެ ބަހާ ދޭތެރޭ ވިސްނާލުމަށްފަހު ބުންޏެވެ.

ބައެއް ލިޔުންތެރިންގެ ޚިޔާލީ ވާހަކަތަކުގައި އެގޮތަށް ސިފަކުރި ކަމުގައިވިޔަސް، އެއީ ވާނޭ ކަމެއް ކަމަށް ޤަބޫލުކުރާނީ މަދު ބަޔެކެވެ.

[މާނަޔަކީ އެއީ އަހަރެންގެ ދަރިއެއް ނޫނޭދޯ..... މަންމަމެން ގާތު އަހަރެން ބުނާނަން، އެކުއްޖާގެ މާމަ އެކުއްޖާ ގެންގޮސްފިޔޭ.] ހިސާބެއްގެ ހިތްހަމަޖެހުމެއް އިޙްސާސް ކޮށްލަމުން ރިޝްފާން ބުނެލިއެވެ.

[އާނ، އެނުވާނެ ރިޝްފާނާ ބެހޭވެސް ކަމަކަށް. އޭނަ އެހުންނަނީ ޅަ ހަންޑިޔަކު މިގެޔަށް ރިޝްފާން ގާތަށް ފޮނުވައިގެން، ރިޝްފާން މޮޔަހައްދާފައި....ރިޝްފާން ތިހުންނަނީވެސް ހެދިފައިވިއްޔަ....] ޒައިދު ވަށައިގެން ހޯދާލަމުން ވާހަކަ ދެއްކިއެވެ.

[މިހެން ވާހަކަ ދައްކަން އަހަރެމެން މިތާ ތިއްބަކަސް ނުވާނެ. ތުއްތުމަނިކުގެ މަސައްކަތަށް ސަޕޯޓެއް ލިބޭނީވެސް އަހަރެމެން އެތާނގައި ތިބެގެން.] ޒައިދު ތުއްތުމަނިކުމެން ތިބި ދިމާއަށް ހިނގައިގެންފިއެވެ. އެމީހުން ދިޔައިރު ތުއްތުމަނިކު ފޮތެއް ހުޅުވާލުމަށްފަހު، އޭނާގެ މަސައްކަތުގެ މަގު ހުޅުވަން މަސައްކަތް ކުރަނީއެވެ. އެގޭތެރެއިން އިވޭ އަޑުތަކުގެ ޙަޤީޤަތް ހޯދަން މަސައްކަތް ކުރަނީއެވެ.

[ޒައިދު...ތުއްތުމަނިކަށް ކިޔާދެމާ ހުރިހާ ޙަޤީޤަތެއް. އޭރުން އޭނަގެ މަސައްކަތަށް ފަސޭހަވެސް ވާނެއެއްނު. އެކަމަކު މަންމަމެނަށް ސިއްރު ކުރަންވާނެ.] ރިޝްފާންގެ ޚިޔާލު ބަދަލުވިއެވެ. ރިޝްފާން މިހާރު ބޭނުންވަނީ ހުރިހާ ޙަޤީޤަތެއް ހާމަކޮށްގެންވެސް ހަންޑީގެ ކިބައިން މުޅިން އޭނާގެ ދިރިއުޅުން ސަލާމަތް ކުރާށެވެ. އެހެން ނަމަވެސް، މާޔާއާއި މަންމަމެނަށް ސިއްރުންނެވެ.

[މަންމަމެން އިހަށް ބޭރުގައި މަޑުކޮށްލަބަލަ. އަހަރެމެން ތުއްތުމަނިކާ ވާހަކައެއް ދައްކާލަން.] ރިޝްފާން އޭނާގެ މަންމަ ގާތު އެދުނެވެ. ވަރުދާއާއި ފަރީދާ މާޔާވެސް ގޮވައިގެން ބޭރަށް ނިކުތެވެ.

ރިޝްފާން، އޭނައަށް ޝަބްނަމާ ދިމާވިގޮތާއި، އޭގެފަހުން އޭނަގެ ފަހަތުން ޝަބްނަމް ނުނެއްޓިގެން އުޅޭ ވާހަކަ ތުއްތުމަނިކަށް ކިޔާދިނެވެ.

ތުއްތުމަނިކު ހުރީ ބުނާނޭ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ.

[ރިޝްފާން މަންމަމެނަކަށް ތިޔަކަމެއް ނޭނގޭ!؟] ރިޝްފާން ހުރިހާ ވާހަކައެއް ކިޔާދިނީމާ، ތުއްތުމަނިކު އެއްސެވެ. ޙައިރާންވެފައި ހުރެމެއެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން