މިއަދު އެންމެ ބޮޑަށް އަޅާކިޔޭ އެއްކަމަކީ ކުރީ ސަރުކާރާއި މިހާރުގެ ސަރުކާރުގެ ފެންނަން ހުރި ތަރައްގީއެވެ. މިގައުމަށް މިކިޔާ ޒަމާނީ ޑިމޮކްރެސީއެއް ގެނައި ފަހުން ރައްޔިތުންނަށް ލިބުނު އިޚުތިޔާރުގެ ހައްގުގެ ބޭނުން ކޮށްގެން އެމީހަކަށް ފެންނަ މީހަކަށް ވޯޓުލައިގެން ވެރިން އައްޔަން ކުރި ތިންވަނަ ދައުރު މިހާރު ހިނގަމުންދާއިރު ދައުރު ފުރިހަމަކޮށް ވެރިކަން ނިމިގެންދިޔައީ ނިމިދިޔަ ސަރުކާރުގެ ވެރިކަމެވެ. އެހެންވީމާ މިހާރުގެ ވެރިކަމާއި އަޅާ ކިޔާން އޮތީ ނުވަތަ ކިޔޭނީ ވެސް ނިމިދިޔަ ވެރިކަމުގެ ފަސް އަހަރާއެވެ.

މީގެކުރީގެ ވެރިކަން ތަކުގެ ތެރެއިން ދިވެހީންނަށް އަޅާކިޔާނެ އެއްޗަކަށް އޮތީ ދިގު ތިރީސް އަހަރެއްގެ ވެރިކަމެވެ. އެތިރީސް އަހަރަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ރައްޔިތުން ވޯޓުލައިގެން ކުރި ވެރިކަމަކަށް ވިޔަސް އެ ހުރިހާ ފަހަރަކު ވެސް ރައްޔިތުން އަތަށް ލިބޭ ވޯޓު ކަރުދާސް ކޮޅުގައި ހަމަ އޮންނަނީ އެއް ނަމެކެވެ. ފެންނަންޏާ ބޮޑު ކާފު ލާފައި ނުފެންނަންޏާ، ނޫނީ ނުރުހޭ މީހުން ކުޑަކާފު ލާންވެސް އޮންނަނީ ހަމަ އެންމެ ގޮޅިއެކެވެ. ދެން ވޯޓުލާން ފުރުސަތު ލިބުނަސް އެގޮޅީގައި ދެކާފުން ކުރެކާފު ނޫން އެއްޗެއް ޖަހައިފިއްޔާ ކަރުދާސްކޮޅު ވައްޓާލާން ދާއިރު ވޯޓު ފޮށީގައި ބަނޑުއަޅައިގެން ނުވަތަ އަތް އަޅައިގެން ވިޔަސް އެފުރުސަތު ނޯންނަނީއެވެ. އެއީ އޭރުގެ ތާރީޚު ބުނާ ގޮތެވެ. އަޅުގަނޑު ދައްކާ ވާހަކައެއް ނޫނެވެ.

މިއަދު ރައްޔިތުންނަށް ފަސް އަހަރުން އެއްފަހަރު ލިބޭ ކަރުދާސް ކޮޅުގައި އެއްނަމަށްވުރެ ގިނަ ނަން އޮވެފައި އެމީހަކު ބޭނުން ފާހަގައެއްލާނެ ފުރުސަތު އޮވެއެވެ. ތިމާ ލީ ފާހަގަ ނުބުނާހާ ހިނދަކު ތިމާ ލީ ކާފު ކަމެއް ރަސްގެ ކަމެއް އެހެން މީހަކަށް ނޭނގޭނެއެވެ. ނަމަވެސް މިހާރު ލާ އެވޯޓަކީ ތިމާ ގަބޫލުކުރާ ކުލައަށް ނުވަތަ ފިކުރަށް ބަލައިގެން ކުރާ ކަމެކެވެ. އެހެންވީމާ ތިމާގެ ފިކުރު ނޫން ފިކުރެއް ނުވަތަ ތިމާގެ ކުލަ ނޫން ކުލައަކަށް ވެރިކަން ލިބިއްޖެ ނަމަ ތިމާއަށް އެލިބުނީ މާޔޫސް ކަމެވެ. ފެންނާން އޮތް ހަގީގަތަކީ ބައެއް ކަންކަމުގައި ބައިއެޅޭ މިންވަރުވެސް ތަފާތުވުމެވެ. މިހާރު މިއޮންނަ ގޮތުން އެއްބަޔަކު ވެރިކަން ކުރާއިރު އަނެއް ބަޔަކު ތިބޭނީ މަގުމަތީގައި އަޑު އުފުލާށެވެ. ދެން އެތެރޭގައި ތިބި މީހުންގެ މުއްދަތު ހަމަވެ ގިނަ ރައްޔިތުން ނޫނެކޭ ބުނީމާ ބޭރުގައި ތިބި މީހުން އެތެރެއަށް ވަންނާނީއެވެ. ބުނެއުޅޭ ގޮތުގައި ދެން މިއޮންނަ ގޮތަކީ މުއްދަތު ހަމަވާން ވާއިރަށް ލިބުނު ފައިދާއެއް ނެގުނު ގޮތަކަށް ނަގައިގެން އެބައެއްގެ އަތު ޖެހުނު އެއްޗެއް ކަމާލުކޮށްގެން މުއްދަތު ހަމަވާއިރަށް ތައްޔާރުވެ ތިބުމެވެ.

ދެން އޮތީ މިހާރު ވެރިކަން ލިބޭ ގޮތުގެ ވާހަކައެވެ. މިއީ މިހާރު އެންމެންނަށް ވެސް އެނގޭ ވާހަކައެކެވެ. ވަޒީރު އިމުރާނު ވިދާޅުވާހެން "އަދުރޭގެ މުޒާހަރާ ސްޓްރެޓެޖީ" އެބޭފުޅާއަށް އެނގިވަޑައިގަންނަވާ ބީދައިން ލީޑަރުން ވެރިކަން ހޯދަން، ގޮނޑި ހޯދަން، ވޯޓު ހޯދަން ވިއްކާ އެއްޗާއި ކިޔާ ލަވައާއި ހަދާ ޅެމާއި ކިޔާ ފަރިއްސާއި ޖަހާ ބެރު ނުދަންނަ ހަމަ އެންމެ ރައްޔިތަކުވެސް އުޅޭނެ ކަމަކަށް ނުބެލެވެއެވެ. އަޅުގަނޑުމެންގެ އަޚު ސައިރިކްސް ޝަރީފު ވިދާޅުވާހެން ވަޢުދުވަމުން ގޮސް ދަރާ ބޯހިކެން ނެތް މިންވަރަށް ލޯނު ނަގައިގެން ޚަރަދު ކުރިޔަސް ކަންކޮށް ނުނިމޭ ވަރަށް ވޯޓުގެ ވަޢުދުގެ ލިސްޓް ދިގުވެފައި ބޮޑެވެ. އެވަޢުދުފޮތުގައި ކުރާން ހުންނަ ކަންކަމުގެ ހިސާބު ޖެހީމާ ގައުމަށް ލިބޭ އާމްދަނީއަކުން އަންނާން އޮތް ފަންސާސް އަހަރުން ލިބޭން އޮތް އެއްޗަކުން ވެސް ފޫނުބެއްދޭހާ ހިސާބު ބޮޑެވެ. ލީޑަރުން ރައްޔިތުން ގާތަށްގޮސް ވަޢުދުވާއިރު ކަރުދާސްކޮޅުގައި އޮންނަނީ ހަމައެކަނި ކުރާނެ ކަންތައްތަކުގެ ވާހަކައެވެ. އެކަމަށް ޚަރަދު ހިނގާނެ ވަރާއި އެޚަރަދު ހޯދަން ހަދާނެ ގޮތާއި އެ ފައިސާ ލިބޭނެ ގޮތަކާއި އެކަން ކުރީމާ ރައްޔިތުންގެ ބޮލުގައި އެޅޭނެ ދަރަނީގެ ވާހަކައެއް އެ ވަޢުދު ނަމާއަކު ޖަހާފައެއް ނޯވެއެވެ. އެހެންވީމާ ލީޑަރުން އެވާހަކަ ދެއްކީމާ ރައްޔިތުން އެސުވާލު ތަކެއް ނުވެސް އުފައްދައެވެ.

ކޮންމެއަކަސް މިއަދު ރައްޔިތުން މިދެންނެވި ވަޢުދު ލިސްޓާއި ތަރައްގީ އަޅުވައި ކިޔަނީ އަދި ކިޔަން އޮތީވެސް ނިމިދިޔަ ފަސް އަހަރުގެ ވެރިކަމާއެވެ. އެވެރިކަމާއި މިހާރުގެ ވެރިކަމާއި އަޅާ ކިޔަނީ މުޅިން ވެސް ތަރައްގީންނެވެ. ލޯމައްޗަށް ފެންނާން ހުރި ތަރައްގީއެވެ. އަތްލެވޭން ހުރި ތަރައްގީއެވެ. މިވެރިކަމަށް ތިން އަހަރު ފުރިގެންދާއިރު އިދިކޮޅު ފަރާތްތަކުން ދައްކާ ފޮޓޯތަކާއި މަންޒަރު ތަކަކީ ބޮޑުކޮށް އުސްކޮށް ފެންނާން ހުރި ކޮންކްރީޓް ތަކެވެ. އެވެރީން ދައްކަނީ ކަނޑު ހުރަސްކޮށް އަޅާފައި އޮތް ބޮޑު ބުރިޖާއި އެބުރިޖާއި ގުޅިގެން ހަދާފައިވާ ބޮޑު ދިގު ބިޔަ މަގުތަކެވެ. މާލޭގައި އެހެރަ އުސް ފަންސަވީސް ބުރީގެ އިމާރާތެވެ. ހުޅުލެއާއި ޖެހިގެން އެއޮތް ބޮޑު ފަޅުން ބައެއް ހިއްކައިގެން ހުޅުމާލެއަށް އިތުރުކުރި ބިޔަ ބިމުގައި އަޅާފައިވާ އުސް އިމާރާތް ތަކެވެ. އެއިމާރާތް ތަކުގައި ހުރި ހަތް ހާސް ފްލެޓްގެ ވާހަކައެވެ. ހުޅުލޭގައި އޮތް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އިތުރުކޮށްފައި އޮތް ބޮޑު ރަންވޭއާއި އެތަނުގައި ކުރާން ފަށާފައި ހުރި މަސައްކަތް ތަކެވެ. ހަދާފައި ހުރި ޑޮމެސްޓިކް ވައިގެ ބަނދަރު ތަކުގެ ވާހަކައެވެ. އެވެރިކަމުގައި ވެސް ފެނާއި ނަރުދަމާއާއި ފާލަމާއި ބަނދަރާއި މަގުވެސް ހެދިއެވެ. އެކަމަކު އެވެރީންގެ ތަރައްގީގެ ލިސްޓުގައި އެތަކެތީގެ ވާހަކައެއް މާބޮޑަކަށް ނުކިޔައެވެ. އެހެންވީމާ އެވެރީންގެ ވެރިކަމުގައި ތަރައްގީއަކީ އުސް އިމާރާތްތަކާއި ބްރިޖާއި އެއަރޕޯރޓާއި ރަންވޭފަދަ ފެންނާން ހުރި ކޮންކްރީޓް ތަރައްގީއެވެ.

ދެން މިސަރުކާރުގެ ތަރައްގީގެ ވާހަކަ ދައްކާ މީހުން އަދި މުޅިން ވެސް ދައްކަނީ ފެނާ ނަރުދަމާގެ ވާހަކައާއި މަގުހެދުމުގެ ވާހަކައެވެ. ރަށްރަށުގެ ބަނދަރު ތަރައްގީކޮށް ރަށުގެ ތަރައްގީއާއި ރަށް ހިންގުމާއި ރައްޔިތުންގެ ކަންކަން ރަށު ކައުންސިލުން ކުރާ ވާހަކައެވެ. މިހާރުވެސް ނިމިދިޔަ ސަރުކާރުން އަޅާފައިވާ ވަރަށް ވުރެ ގިނަ ފެނާ ނަރުދަމާއާއި އަދި އެވެރިން ހަދާފައިވާ ވަރަށް ވުރެ ދިގު މަގު ހަދާފައިވާ ކަމަށާއި އަދި ހެދުމުގެ މަޝްރޫޢުތައް ކުރިއަށްދާ ވާހަކައެވެ. އަތޮޅުތެރޭގެ ސިއްހީ ނިޒާމު ވަރުގަދަކޮށް ތަރައްގީ ކުރުމަށް ޒަމާނީ ފެންވަރުގެ ހޮސްޕިޓާތައް ހަދާވާހަކައެވެ. ސްޕީޑް ފެރީއާއެކު ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާ ވާހަކައެވެ. ނޫ އިޤްތިޞާދު ތަރައްގީކޮށް ގޭދޮށު މަސްފެކްޓްރީތައް އަޅައިގެން ސީދާ ރަށަށް ތަރައްގީ ގެންދާ ވާހަކައެވެ. މަސްވެރީންނަށް ހަމައަގު ހޯދައިދީގެން މަސްވެރިން ބާނާ މަސްކޮޅު އުކާނުލާ ކިރުވޭނެ ގޮތް ހަދާ ވާހަކައެވެ.

މިސްރުކާރުން ވެސް ބްރިޖް އަޅާ ވާހަކަ އެބަދައްކައެވެ. އެކަމަށް ފައިސާ ހޯދާ ގޮތުގެ ވާހަކައާއި އެކަމުގެ އިންޖިނިއަރިންގ ވެސް އެނގޭ ވާހަކަ ދައްކައެވެ. ހަތަރު ފަސް ލޭނަށް ފަރުމާ ކުރާ މަގުތަކާއި މޮނަރޭލް ލޭން އަޅާ ވާހަކަވެސް އެބަ ދައްކައެވެ. އެއަރޕޯރޓްތައް ހަދަން ވެސް މަސައްކަތް ކުރެއެވެ. އެކަމަކު ބޮޑެތި ބިޔަ އުސް އިމާރާތްތައް އަޅާވާހަކަ ދައްކާ އަޑެއް ނީވެއެވެ. މިސަރުކާރުން ބްރިޖް އަޅާ ވާހަކަދައްކަނީ މާލެ ހިމެނޭ ސަރަހައްދަކު އެކަންޏެއް ނޫނެވެ. މާލެ ނޫން އެހެން ބޮޑެތި އާބާދީތައް ހިމެނޭ ހިސާބުތަކުގައި އެކަން ކުރާނެ ކުރެހުންތައް ވެސް އެބަ ގެންގުޅެއެވެ.

އެކަމަކު ދެ ސަރުކާރު އަޅާ ކިޔާ މީހުން ދެ ސަރުކާރުގެ ތަރައްގީ ވެސް އަޅާ ކިޔަނީ ވަރަށް ތަފާތުކޮށެވެ. އަޅާކިއުމުގައި ކުރެވޭނެ ކަންކަމައި ނުކުރެވޭނެ ކަންކަން ވެސް ވަރަށް ތަފާތެވެ. މިދެންނެވި އަޅާކިޔާ މީހުން ބުނާ ގޮތުގައި މިދެބައި މީހުންނަކީ ނިކަން ބޮޑަށް ޚިޔާލާތާއި ފިކުރުވެސް ތަފާތު ބަޔަކަށް ވާތީ މި ދެބައި މީހުންގެ ތަރައްގީގެ ފިކުރާއި ޚިޔާލާތުވެސް ވަރަށް ތަފާތުވާނެއެވެ. މި ދެފިކުރު އަޅާ ކިޔާ މީހުން ބުނަނީ އެއްބަޔަކީ ބްރިޖާއި އުސް އިމާރާތްތަކާއި ކޮންކްރީޓްގެ ތަރައްގީގެ ފިކުރު ކަމަށެވެ. އަނެއް ބަޔަކީ ފެނާ ނަރުދަމާއާއި މަގުހެދުމާއި ރަށު ތަރައްގީގެ ފިކުރުގެ ބައެއް ކަމަށެވެ.

އެހެންވީމާ މިސަރުކާރަކީ ބްރިޖާއި އުސް އިމާރާތްތަކާއި ކޮންކްރީޓް ތަރައްގީގެ ފިކުރާއި ޚިޔާލާތު ގެންގުޅޭ ބައެއް ނޫން ކަމަށާއި އެވާހަކަ ދެއްކިޔަސް އެކަން ކުރާން މާ ރައްޓެހިވެސް ބައެއް ނޫން ކަމަށެވެ. މިސަރުކާރުގެ ތަރައްގީ ފެންނާނީ ރަށްރަށުގެ ފެނާ ނަރުދަމާގެ ނިޒާމުންނާއި މަގުތައް ހެދުމުގެ ނިޒާމުންނާއި ދަތުރުފަތުރުގެ ނިޒާމުންނާއި ރަށު ތަރައްގީއާއި ލޯކަލް ކައިންސިލްގެ ތަރައްގީއިން ކަމުގައި ދެސަރުކާރު އަޅާކިޔާ މީހުން ބުނެއެވެ. އެހެންވީމާ މިސަރުކާރުގެ ތަރައްގީ ބޮޑަށް ފެންނާނީ އަތޮޅު ތެރޭގެ ރައްޔިތުންނަށް ކަމަށާއި މާލޭގެ ރައްޔިތުންނަށް ނުވަތަ މާލެ އަރާފައިބާ ރައްޔިތުންނަށް މިސަރުކާރުގެ ތަރައްގީ މާ އުސްކޮށް ބޮޑުކޮށް ކޮންކްކްރީޓްގެ ސިފައިގައި ނުފެންނާނެ ކަމަށް މިދެންނެވި ފަދަ ތަރައްގީ އަޅާކިޔާ ފަރާތްތަކުން ބުނެއެވެ. މި ދެބައި މީހުން އަޅާކިޔާފައި ބައެއް މީހުން ބުނަނީ މިދެބައި މީހުންގެ ތަފަތަކީ ލޮލަށް ފެންނަ ތަރައްގީއާއި ލޮލުން ބަލައިގެން ހޯދީމާ ފެންނާނެ ތަރައްގީގައި ހުރި ތަފާތު ކަމަށެވެ.

އެހެންވީމާ ކުރުކޮށް، ފޮނިކޮށް ދަންނަވާނަމަ، އެބައި މީހުން ތަރައްގީއަކީ ބްރިޖާ އުސް އިމާރާތްތަކާއި އެއަރޕޯޓް އެޅުމާއި ހުސް ކޮންކްރީޓާއެކު މަރުކަޒީކޮށް މައިސަރުކާރުން ގިނަ ކަންކަން ހިންގުމެވެ. މިބައި މީހުންގެ ތަރައްގީއަކީ ފެނާއި ނަރުދަމާއާއި މަގުހެދުމާއި ދަތުރުފަތުރުގެ ނިޒާމާއެކު ލާމަރުކަޒު ކުރުމެވެ. މިއިން ރައްޔިތުންނަށް ފައިދާ ބޮޑުވެފައި ރަނގަޅީ ކޮން ތަރައްގީއެއްކަން ނިންމާނީ ހަމަ ރައްޔިތުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން